بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ކެމްބޯޑިއާގެ ޢިއްޒަތްތެރި ބޮޑުވަޒީރަށް އަދި އެމަނިކުފާނުގެ ވަފުދަށް ރާއްޖެއިން ހޫނު މަރުޙަބާއެއް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމުން، މި ދަތުރުފުޅު ވެގެން މިދަނީ ވަރަށް ތާރީޚީ އަދި އެހާމެ އުފާވެރި ދަތުރުފުޅަކަށް. އަޅުގަނޑުގެ އުއްމީދަކީ، ރާއްޖޭގެ ރަށްތަކާއި ކަނޑުތަކުގެ ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލާނެ ވަގުތުކޮޅެއް، މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ލިބިގެންދިޔުން.

ކެމްބޯޑިއާގެ ބޮޑުވަޒީރަކީ، ތަޖުރިބާކާރު ސިޔާސީ ވެރިއެއްގެ އިތުރުން، ރާއްޖޭގެ ނުހަނު ގާތް އެކުވެރިއެއް. އެމަނިކުފާނުގެ ޤާބިލް ޒަޢާމަތުގައި ކެމްބޯޑިއާ ވަނީ، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ނުތަނަވަސްކަމުން އަރައިގެންފައި. އެ ޤައުމުގައި ކޯވިޑް ވެކްސިން ޖަހާފައިވާ އާބާދީގެ ނިސްބަތް އިތުރުކުރުމާއި، އަދި ހަރުދަނާ އިޤްތިޞާދީ ސިޔާސަތާއެކު، ކެމްބޯޑިއާ މިވަނީ ކޯވިޑްގެ ޢާލަމީ ވަބާއިން އަރައިގަނެ، އަލުން ޤައުމު ހުޅުވައިލުމަކީ ކުރެވިދާނެ ކަމެއް ކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައި. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ރާއްޖެއިން ވެސް ބޯޑަރުތައް ހުޅުވާލައި، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައިގަތުމުގެ އިތުރުން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ބޭނުންކުރި ސިޔާސަތުތަކަކީ، ކެމްބޯޑިއާއިން ވެސް ބޭނުންކުރި ސިޔާސަތުތަކާ ދާދި އެއްގޮތް ސިޔާސަތުތަކެއް.

އިޤްތިޞާދީ އަދި މާލީ ހަރުދަނާ ސިޔާސަތުތަކާއި، ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވާ ފަދަ މާޙައުލަކާއެކު، މިއަދު ކެމްބޯޑިއާގެ އިޤްތިޞާދަކީ، އެ ސަރަޙައްދުގައި ވެސް އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދު.

ދިވެހިރާއްޖެއެކޭ އެއްފަދައިން، ކެމްބޯޑިއާއަކީ ވެސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް. ތަޖުރިބާ ޙިއްސާކުރުމާއި ފަންނީ ޤާބިލްކަން ކުރިއެރުވުމާއި، ތަމްރީނު ފޯރުކޮށްދިނުން ފަދަ، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ފައިދާ ކުރުވަނިވި ކިތަންމެ ކަމަކުން، އަޅުގަނޑުމެން ދެޤައުމަށް ވެސް އެއް ބަޔަކު އަނެއް ބައެއްގެ ކިބައިން ދަސްކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި.

އަޅުގަނޑުމެންގެ ދެޤައުމަކީ ވެސް އޭޝިއާ ބައްރަށް ނިސްބަތްވާ، ތަރައްޤީވަމުން އަންނަ ދެ ޤައުމު. ތަރައްޤީވުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކާއި، އެކަންކަމުން އަރައިގަތުމަށް ބޭނުންކުރާ ސިޔާސަތުތަކާއި ވިސްނުންތަކުގައި ވެސް އެއްގޮތްކަމެއް އެބަހުރި. އަޅުގަނޑުމެން ދެޤައުމުން ވެސް އިސްކަން ދީފައި މިވަނީ، ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކުރުމަށާއި އަޅުގަނޑުމެންގެ އަވަށްޓެރިންނާ އެކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް. އަދި ދޭދޭ ޤައުމުތަކާއެކު ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ފައިދާ އަޅުގަނޑުމެން ދެޤައުމަށް ވެސް މިދަނީ ފެންނަމުން.

މިއަދު އަޅުގަނޑާއި ކެމްބޯޑިއާގެ ބޮޑުވަޒީރު، ދެ ޤައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައިފިން. އެ މަޝްވަރާތަކުގައި އަޅުގަނޑުމެންނަށް ހޯދުނު ކުރިއެރުންތަކާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އަދި މިއަދު އަޅުގަނޑުމެންނަށް އެއްބަސްވެވުނު ލަނޑުދަނޑިތައް ޙާޞިލުކުރާނެ ގޮތްތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް، ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި ވަރަށް އަވަހަށް ބައްދަލުވުންތައް ބާއްވަން ފެށޭނެ.

ދެ ޤައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު ބަޔަކީ، އެ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައި އޮންނަ ބަދަހި ގުޅުން. އެހެންކަމުން، އަޅުގަނޑުމެން ދެޤައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލައި، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމީ އަޅުގަނޑު އެކަމާމެދު ނުހަނު އުފާކުރާ ކަމެއް. މިހާރު، ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް، ވިސާ ނެގުމަކާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރެވޭނެ.

އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތެރެއިން، ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން، މިއަދުގެ މަޝްވަރާތަކުގައި އަޅުގަނޑު ފާޅުކުރިން. ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއް. އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. ހަމައެފަދައިން، ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރިން. ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން ވެސް އެ މަނިކުފާނާއެކު މަޝްވަރާ ކުރިން.

ތަފާތު ބާޒާރުތަކަށް އަޅުގަނޑުމެންގެ އިމްޕޯޓް ސިންދަފާތު ކުރުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ، ރާއްޖޭގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި، ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިޔުމެއް ނޫން. އޭގެ އިތުރުން، އަޅުގަނޑުމެންގެ ކާނާގެ ރައްކާތެރިކަން އިތުރުވެ، ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު އިޚްތިޔާރުތައް ލިބިގެންދާނެ. ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމުގެ ގޮތުން، މި ދަތުރުފުޅުގެ ހަވާސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ރާއްޖެއާއި ކެމްބޯޑިއާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ މެދުގައި ބާއްވާ ބިޒްނަސް ފޯރަމެއް މިއަދު އޮންނާނެ. މި ބިޒްނަސް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި، ކެމްބޯޑިއާގެ ރައްޔިތުން ވަޒީފާ އަދާކުރުމުގެ ޝައުޤުވެރިކަމާ ބެހޭގޮތުން ވެސް އަޅުގަނޑުމެން މިއަދު މަޝްވަރާ ކުރިން. އެ މަޝްވަރާގެ ތެރެއިން އަޅުގަނޑު ވާނީ، ތަޖުރިބާ ޙިއްޞާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ ތަފާތު ރިޒޯޓްތަކުގައި، އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުޞަތު ދިނުމަށް ހުށަހަޅާފައި. ހަމައެފަދައިން، ރާއްޖޭގެ ކޯސްޓް ގާޑުން މި އަހަރު ހިންގާ ބޭސިކް ޑައިވް ކޯހުގައި، ކެމްބޯޑިއާގެ ސިފައިންގެ އޮފިސަރުން ބައިވެރިވުމުގެ ފުރުޞަތު ދީފައިވާނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އޭގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމް ހާސިލުކުރުމުގެ ދެ ސްކޮލަރޝިޕް ފުރުޞަތު ކެމްބޯޑިއާއަށް ދިނުމަށްވެސް އަޅުގަނޑުމެން ނިންމައިފިން.

މިއަދު ކެމްބޯޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ އިތުރުން، ކެމްބޯޑިއާއާއި ރާއްޖެއާ ދެމެދު މަޝްވަރާ ކުރުމާއި، ވިސާ މަޢާފްކޮށްދިނުމާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ވަނީ ޖުމްލަ 6 އެއްބަސްވުމެއްގައި ސޮއިކޮށްފައި. އޭގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ މެދުގައިވެސް ވަނީ އެމް.އޯޔޫ.އެއްގައި މިއަދު ސޮއިކޮށްފައި.

ޖުމްލަ ގޮތެއްގައި މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން، އަޅުގަނޑުމެން ދެ ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ގެނުވައިދޭނެ. ކުރިމަގުގައި މި ގުޅުން އިތުރަށް ދިރުވައި އާލާކޮށް ހަރުދަނާ ކުރުމަކީ އަޅުގަނޑު ނުހަނު އިސްކަން ދޭ ކަމެއް.

ބައިނަލްއަޤުވާމީ މަސްރަޙުގައި، ދެ ޤައުމުން އެއްބާރުލުންދޭ ކަންކަމާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މިއަދު މަޝްވަރާ ކުރިން. ޚާއްޞަކޮށް، އ.ދ. އާއި އެހެނިހެން ބައިނަލްއަޤުވާމީ ފޯރަމްތަކުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ދެ ޤައުމު އެކުގައި މަސައްކަތް ކުރުމަށާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެ ޤައުމުން ގެންގުޅޭ އެއްގޮތް ސިޔާސަތުތަކާއި، ބައިނަލްއަޤުވާމީ ޞުލްޙަ މަސަލަސްކަމާއި ސަލާމަތާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށް ވެސް މަޝްވަރާ ކުރިން.

ސަރަޙައްދީ ފެންވަރުގައި، 2022 ވަނަ އަހަރު ކެމްބޯޑިއާއިން ވަނީ، އެސޯސިއޭޝަން ފޮރ ސައުތު އީސްޓް އޭޝިއަން ނޭޝަންސްގެ ރިޔާސަތު ފުރިހަމަކޮށްފައި. މިގޮތުން، އާސިއާންގެ ރިޔާސަތު ފުރިހަމަކުރެއްވުމުގައި، ބޮޑުވަޒީރުގެ ޒަޢާމަތުގައި އަދާކުރެއްވި ދައުރަށް އަޅުގަނޑު ތަޢުރީފް ކުރަން. އަދި އާސިއާންގެ އޮބްޒަރވަރ ޤައުމަކަށް ވުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑުވަޒީރު ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް، އެކަމަށްޓަކައި އެ މަނިކުފާނަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން. ރާއްޖެއިން ކުރަމުން އަންނަ މި މަސައްކަތް މި އަހަރު ތެރޭގައި ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

ކެމްބޯޑިއާއަކީ ގާތްގަނޑަކަށް ތިން ޕަސެންޓް މުސްލިމުން އުޅޭ ޤައުމަކަށްވާއިރު، އޮގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަންގެ އޮބްޒަރވަރ ޤައުމެއްގެ ގޮތުގައި ބައިވެރިވުމަށް ކެމްބޯޑިއާ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފި. އެކަމަށްޓަކައި ކެމްބޯޑިއާއިން އެ ކުރާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑު ވާނީ ކެމްބޯޑިއާގެ ބޮޑުވަޒީރަށް ދަންނަވާފައި.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަދި އެއްފަހަރު ފާހަގަކޮށްލަން ބޭނުންވަނީ، މަނިކުފާނު ރާއްޖެއަށް ތިޔަ ކުރެއްވި ދަތުރުފުޅަކީ، ވަރަށް ތާރީޚީ އަދި ވަރަށް ކާމިޔާބު ދަތުރުފުޅެއްކަން. ކުރިއަށް އޮތް އަހަރުތަކަށް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއަށް ދިޔުމަށް މަގުފަހިކުރުމުގެ ބިންގާ، ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އެޅިއްޖެ. އަޅުގަނޑުގެ އުއްމީދަކީ، މި ދަތުރުފުޅަށް ފަހު ވެސް ދެ ޤައުމުން މަސައްކަތްތައް ކުރިއަށް ގެންގޮސް، މިއަދު އަޅުގަނޑުމެން ކުރުމަށް ނިންމާފައިވާ ކަންކަން ހާސިލުކުރުމަށް ދެ ޤައުމުންވެސް މަސައްކަތް ކުރަމުން ގެންދިޔުން.

މަނިކުފާނާއި މަނިކުފާނުގެ ވަފުދު ރާއްޖޭގައި ހޭދަކުރައްވާ ވަގުތުތަކަކީ، ވަރަށް އުފާވެރި، ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ވަގުތުތަކަކަށްވުމަށް އަޅުގަނޑު އެދެން. އަދި ކެމްބޯޑިއާގެ ރައްޔިތުންނަށް ކާމިޔާބާއި ފާގަތިކަމާއި ދުޅަހެޔޮ ޞިއްޙަތަކަށް އެދެން. ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.