ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ކެމްބޯޑިއާ އާއި ދިވެހިރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުމުގެ މުޅިން އައު ޞަފްހާއެއް ފެށިފައިވާކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުން އިތުރަށް ކުރިއަރައިދިއުމަށް މަގުފަހިވެގެންދާނެކަމުގައި ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެޤައުމުން އިސްކަންދޭ މުހިންމު އެކި ދާއިރާތަކުން ކުރިމަގުގައި ގުޅުންބަދަހި ކުރެއްވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މިގޮތުން ދެޤައުމުން އިސްކަންދޭ ކަންކަމުގައާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ތަޢުލީމާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމައެހެންމެ، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުންނާއި އަދި ސަލާމަތީ ދާއިރާތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދެޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމާއި އަދި ސަރަޙައްދީ، ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. ތަޢުލީމާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ވައިގެ ދަތުރުފަތުރު އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމައެހެންމެ، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުންނާއި އަދި ސަލާމަތީ ދާއިރާތަކާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކޮށް ސްޕެޝަލައިޒްކުރުމާއި، ބިދޭސީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ހޯދުމާއި، ޖެނެރިކް އެންޑް ކޮންޓްރޯލްޑް ފާމަސޫޓިކަލްސް ހޯދުމަށް އަމާޒުކޮށް ރާއްޖެއިން ވަރަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކެމްބޯޑިއާއިން ދިވެހި ޒުވާނުންނަށް ތަޢުލީމުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މިގޮތުން، އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން ދިވެހި ދަރިވަރުންނަށް ކެމްބޯޑިއާއިން ފުރުޞަތު ހޯދައިދެއްވުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވައި އެއީ ޢިލްމީ ރޮނގުން އިތުރު ކުރިއެރުންތަކަށް މަގުފަހިވެގެންދާނެކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރާއްޖޭގެ ދަރިވަރުންނަށް ކެމްބޯޑިއާއިން ސްކޯލަރޝިޕްގެ 10 ފުރުޞަތު ދެއްވާނެކަން ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކެމްބޯޑިއާގެ ދަރިވަރުންނަށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔެވުމަށް ސްކޯލަރޝިޕްގެ ދެ ފުރުޞަތެއް ހަމަޖައްސަވައިދެއްވާނެކަން ހާމަކުރައްވާފައެވެ.
އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އެކި ސިނާޢަތްތަކަށް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅުއްވާކަން ފާހަގަކުރައްވައި ދެފަރާތަށްވެސް ފަހިވާގޮތަށް މާނަހުރި ގޮތެއްގައި މި ފުރުޞަތުގެ ބޭނުން ބޭނުން ހިފައިގެން ދިވެހި ވިޔަފާރިތަކާއެކު އެއްބަސްވުންތައް އެކުލަވާލެއްވުމަށް ކެމްބޯޑިއާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު އެރުވިއެވެ. އަދި ދެ ގައުމުގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރުންގެ މެދުގައި މިހާރު ކުރިއަށްދާ ބިޒްނަސް ފޯރަމުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރޮއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤައިމުކުރުމާއި ކެމްބޯޑިއާގެ ދަނޑުވެރިކަމާގުޅޭ މުއައްސަސާތަކުން ދިވެހިންނަށް ހުނަރާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވާދަވެރި ރޭޓެއްގައި ކެމްބޯޑިއާއިން ރާއްޖެއަށް ހަނޑޫ އެތެރެކުރުމުގެ ފުރުސަތު ހޯއްދެވުމަށާއި ދަނޑުވެރިކަމުގެ އެހެނިހެން ބާވަތްތަކާއި ކާބޯތަކެތި ނޫން ބާވަތްތައް ވެސް ކެމްބޯޑިއާއިން ރާއްޖެއަށް އެތެރެކުރުމަށް ރާއްޖެއިން ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ.
ދެޤައުމުގެ ދެމެދު ބަދަލުކުރެވޭ އެއްބަސްވުންތަކަށް އަލިއަޅުވާލައްވަމުން، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިއަދު ބަދަލުކުރެވޭ އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުން ޙިއްޞާކުރާ އަމާޒުތަކަށް ވާޞިލުވުމަށްޓަކައި ޖޮއިންޓް ވޯކިންގ ގްރޫޕެއް އެކުލަވާލައި، ޖޮއިންޓް މާކެޓިންގ އެންޑް ޕްރޮމޯޝަންއާއި، އެއަރ ލިންކް ޤާއިމުކުރުމާއި، މިދާއިރާގެ އެކްސްޗޭންޖް އިނީޝިއޭޓިވްސް އެއް ޤާއިމުކޮށް ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި ވައިގެ ޙިދުމަތާގުޅޭ ދާއިރާއިން އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތަކަށް އަލި އަޅުވާލައްވައި އެކަން ކައިރި މުސްތަޤުބަލެއްގައި ފުރިހަމަވެގެން ދިއުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ކުރިޔަށް އޮތް ތަނުގައި އިތުރު އެހެން ދާއިރާއަކުން ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމުގެ މައިގަނޑު ބާރަކަށް ވެގެންދާނެކަމެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅު ނިންމަވައިލައްވާފައި ވަނީ ކުރިމަގުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މިއަދު ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.