بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަން ޔޫޝަޢު ސަޢީދު، ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ކާރލް ސްޓުމްކަ، ދައުލަތުގެ ވަޒީރުން، ބީ.އެމް.އެލް.ގެ ބޯޑު މެންބަރުން، ބީ.އެމް.އެލް.ގެ އެންމެހައި މުވައްޒަފުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ބޭންކް އޮފް މޯލްޑިވްސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި، އެންމެ ފުރަތަމަވެސް އަޅުގަނޑު ތަހުނިޔާ ދަންނަވާނީ، މި ބޭންކުގެ ޙަޤީޤީ ޙިއްޞާދާރުން ކަމަށްވާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް. އެއަށްފަހު ބޭންކުގެ އިސް ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.

މީގެ 40 އަހަރު ކުރިން، 1982 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހު ހުޅުވި، މި ބޭންކަކީ ދިވެހިރާއްޖޭގެ ނަމުގައި ހުޅުވި ފުރަތަމަ ބޭންކު. ދިވެހި ދައުލަތުގެ ފަރާތުން މި ބޭންކު އުފެއްދީ، ބަންގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއެކު. އެހެންކަމުން، މި ބޭންކު އުފެއްދުމުގައި އޭރު އެންމެ އިސް ދައުރެއް އަދާކުރެއްވި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށާއި، އޭރުގެ ޑިރެކްޓަރ އޮފް ފައިނޭންސް އަލްމަރްޙޫމް އިސްމާޢީލް ފަތުޙީއަށް އަޅުގަނޑުވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އަދި ބަންގްލަދޭޝް ސަރުކާރަށާއި، މި ބޭންކް އުފެއްދުމުގައި ދިވެހި ދައުލަތަށް އެހީތެރިކަން ފޯރުކޮށްދިން، ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ބީ.އެމް.އެލް.ގެ ޢުމުރުން މި ހޭދަވި 40 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފި. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އިޤްތިޞާދަށް މި ބޭންކުން ވަރަށް ބޮޑު ދިރުމެއް ގެނެސްދީފި. ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބަކީ، ފަތުރުވެރިކަމާއި މަސްވެރިކަން. އެ ދެ ތަނބުގެ މަތީގައި ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓި މި އޮންނަނީ، މި ބޭންކުގެ ހަކަތައާއި ފަންވަރުގެ ސަބަބުން.

ދިވެހިންގެ އަމިއްލަ ބޭންކެއް އުފެދި، ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް މި ބޭންކުން ފަހިކޮށްދިނުމާއެކު، ދިވެހި މަސްވެރިކަމުގެ ޞިނާޢަތު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ. މަސްވެރިކަމަށް ޚާއްޞަކޮށްގެން ދޫކުރި ލޯނުތަކުގެ ސަބަބުން، މަސްއޮޑިފަހަރުގެ ފަށަންތައް 20 ން 25 ރިޔަނުން، 30 ން 40 ރިޔަނަށް ބަދަލުވެގެންދިޔަ. ނިރޮޅު ލަކުޑީގެ ދޯނިފަހަރު ދޫކޮށް، ފައިބަރު އޮޑިފަހަރުގައި ރާއްޖެ އޮބާ ހިސާބަށް ބޮޑު ކަންނެއްޔަށް ނުކުންނަން ފެށި.

ފަތުރުވެރިކަމަށްވެސް ހަމަ އެފަދަ އިންޤިލާބީ ބަދަލުތަކެއް މި ބޭންކުން ގެނެސްދީފައިވާކަމީ ފެންނަން އޮތް ޙަޤީޤަތެއް. މި ބޭންކު އުފެދުނުއިރު، ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ ވީ އެންމެ 10 އަހަރު. މާގިނަ އަތޮޅުތަކަކަށް އޭރު ޓޫރިޒަމް ތަޢާރުފެއް ނުވޭ. މިދިޔަ 40 އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ރިޒޯޓްތައް ތަރައްޤީކޮށް، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގައި، މި ބޭންކުގެ މާލީ ދައުރުގެ ހިއްސާ ވަރަށް ބޮޑު.

ޢުމްރާނީ ތަރައްޤީވެސް ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން ދިޔައީ، މި ބޭންކުގެ ވަރަށް ބޮޑު ހިއްސާއަކާ އެކުގައި. މީގެ 40 އަހަރު ކުރިން ރާއްޖޭގައި މި ބޭންކު ހުޅުވިއިރު، މި މާލޭގައިވެސް، ބުރިބުރިއަށް ނަގާފައި ހުރި ގެތައް ވަރަށް މަދު. އެއީވެސް ދެ ބުރި ނުވަތަ އެންމެ އުސްވެގެންވެސް ތިނެއް ނޫނީ ހަތަރުބުރިއަށް ރާނާފައި ހުރި ޢިމާރާތްތައް.

ނަމަވެސް، މި ބޭންކުގެ ޚިދުމަތްތައް ފުޅާވެ، ޢުމްރާނީ ތަރައްޤީގައި ވިޔަފާރީގެ ލޯނުތައް ތަޢާރުފް ކުރުމާއެކު، ޢުމްރާނީ ތަރައްޤީގެ ރޮނގުން ކުއްލި ބަދަލުތަކެއް ރާއްޖެއަށް އަންނަން ފެށި. މާލޭގެ ވަރަށް ގިނަ ގޯތިތަކުގައި، ޒަމާނީ ފަރުމާތަކަށް ދިހަ ބާރަ ބުރީގެ ޢިމާރާތްތައް މައްޗަށް އަރަން ފެށި. އެ ޢިމާރާތްތަކާއެކު، ވިޔަފާރި ހިންގާނެ ޖާގަތައް އިތުރުވެ، ވިޔަފާރީގެ ފުރުޞަތުތައް އެތައް ގުނައަކަށް ތަނަވަސްގެން ދިޔަ.

މި ބޭންކު ހުޅުވުމުގެ ކުރިންވެސް މާލޭގައި ބައިނަލްއަޤުވާމީ ތިން ބޭންކެއް ހިނގަމުން އައި. އެއީ 1974 ވަނަ އަހަރު ހުޅުވި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، 1976 ވަނަ އަހަރު ހުޅުވި ޙަބީބް ބޭންކާއި އަދި 1981 ވަނަ އަހަރު ހުޅުވި ބޭންކް އޮފް ސިލޯން. ނަމަވެސް، ރާއްޖޭގެ ޢާންމު ރައްޔިތުންނަށް ބޭންކެއްގެ ބޭނުންތެރިކަން ޤަބޫލުކުރެވި، ބޭންކަކުން މުޖުތަމަޢަށް ލިބެންޖެހޭ ޙަޤީޤީ މަންފާ ފެންނަން ފެށީ، މި ބޭންކު ހުޅުވުމަށްފަހު.

ބީ.އެމް.އެލް. އަށް 40 އަހަރު ފުރުނުއިރު، މި ބޭންކުގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާވެއްޖެ. ދެންމެގައި ވީޑިއޯއިން ފެނުނު ފަދައިން، ރާއްޖޭގެ 20 އަތޮޅުގައި މި ބޭންކުގެ 35 ގޮފި މިހާރު ހިނގަމުން އެބަދޭ. ބޭންކުގެ ހެޑް އޮފީހާއި، އަތޮޅުތަކާއި، މާލޭގައި ހުރި އެހެން ގޮފިތަކުގައި 1000 އަށްވުރެ ގިނަ މުވައްޒަފުން މިހާރުވެސް ވަޒީފާ އަދާކުރަމުން އެބަގެންދޭ.

ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކުގައި އެކަންޏެއް ނޫން، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ އެކިއެކި ފުރުޞަތުތަކުގައި ވެސް މި ބޭންކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރުން ހިންގާ ހިލޭ އެހީގެ ސްކީމްތަކާއި، ލޯނު ސްކީމްތަކުގެ ހުރިހާ ކަންކަމެއް ބަލަހައްޓައިދީ ހިންގަނީ މި ބޭންކުން. ޚާއްޞަކޮށް އަޅުގަނޑުމެންނަށް ދާދިފަހުން ކުރިމަތިވި ޢާލަމީ ވަބާގެ ތެރޭގައި، މި ބޭންކް އަދާކުރަމުންދިޔަ ދައުރު އަޅުގަނޑު ފާހަގަކޮށް، ބޭންކުގެ ހިންގުންތެރިންނަށް ޝުކުރުވެސް އަދާކުރަން.

މީގެއިތުރުން، ބޭންކުގެ އިޖުތިމާޢީ ޒިންމާގެ ދަށުންވެސް ވަރަށް ގިނަ އެހީތަކެއް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުން އެބަދޭ. އެފަދަ އެއް ކަމަކީ، ސްކޫލްތަކުގައި ހިންގާ ސެން ކްލާސްތަކުގެ ދަރިވަރުން އުނގެނުމަށް ބޭނުންކުރާނެ ތަކެތި ހަދިޔާކުރުން. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ސްކޫލަކަށް މި ބޭންކުން ވަނީ ތަކެތި ހަދިޔާކޮށްފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ހިނގާބިނގާވެ އުޅުމަށް ދަތިވާ 200 އަށްވުރެ ގިނަ މީހުންނަށް، ބީ.އެމް.އެލް.އިން މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްދީފި.

އެނގިވަޑައިގަންނަވާނެ، ދިވެހި ޒުވާނުންނަކީ ހަށިހެޔޮ އަދި ދުޅަހެޔޮ ބަޔަކަށް ހެދުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް. އެ ސިޔާސަތު ތަންފީޒު ކުރުމުގައިވެސް، މި ބޭންކުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އެ ސިޔާސަތާ ގުޅޭ ޕްރޮގްރާމްތައް ހިންގުމަށް، ފުޓްބޯލް އެސޯސިއޭޝަނާއި ސްވިމިންގ އެސޯސިއޭޝަން އަދި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަނާއި، ޓެނިސް އެސޯސިއޭޝަނަށްވެސް ބީ.އެމް.އެލް. އިން އަންނަނީ ވަރަށް ފުރިހަމަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުން.

ކުރިއަށް އޮތް އަހަރުތަކުގައި ވެސް، ދިވެހި ބޭންކުގެ ޚިދުމަތްތައް ދިވެހިންނަށް މިހާރަށްވުރެވެސް ފުޅާގޮތެއްގައި ލިބެމުންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރަން. އަޅުގަނޑު ކުރިން މި ދެންނެވި ޚިދުމަތްތައް، ބޭންކެއްގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، އެންމެ ބުރަ މަސްއޫލިއްޔަތެއް އަދާކުރެއްވީ، މި ބޭންކުގެ ހީވާގި މުވައްޒަފުން. އެކަމަށްޓަކައި، މިދިޔަ 40 އަހަރުގެ ތެރޭގައި، ބޭންކުގެ އިސްވެރިން ހިމެނޭގޮތުން، މި ބޭންކުގައި ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބޭންކް އޮފް މޯލްޑިވްސްއަކީ، މި ބޭންކުގެ ނަމަށް ބަލާއިރުވެސް، ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ ގުޅިފައިވާ ބޭންކެކޭ. މިއީ ދިވެހިންގެ ބޭންކް. އެހެންވީމާ، މި ބޭންކުގެ އެންމެ އިސް ޒިންމާއަކަށްވާންޖެހޭނީ، ރައްޔިތުންގެ ހިތުގައި ބޭންކާމެދު އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓުން.

ވިޔަފާރިވެރިންނާއި އަދި ޢާންމު ރައްޔިތުންވެސް، އެމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ޙަވާލުކުރަނީ، ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ބޭންކުގެ އެންމެ އިސް ޒިންމާ. އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، މިހާރަށްވުރެވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑު މިތަނަށް ވަދެގެން އައިއިރުގައި، އެ ފެނުނު މަގުގައި މި ބޭންކް މިހާހިސާބަށް ކުރި ދަތުރު ވަރަށް ސާފުކޮށް ފެންނަން އެބަހުރި. 40 އަހަރުގެ ދަތުރުގައި، ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކާ ފައިހަމަކުރަމުންދިޔަގޮތް ވަރަށް ސާފުކޮށް ފެންނަން އެބަހުރި. އެހެންކަމުން، އަދިވެސް އެއްފަހަރު، މި ބޭންކް ހިންގުމުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި މީގެއިތުރުން، އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުންވަނީ، 40 އަހަރު ފުރިގެންދާއިރުގައި، ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ ލުއި ގޮތްތައް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކޮށްދެއްވާށޭ. ދާދިފަހުން ތިޔަބޭފުޅުން އިޢުލާނު ކުރެއްވި، ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީ.ޓީ. ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެންކަމުން، ސެންޓްރަލް ބޭންކް، އެމް.އެމް.އޭ.އާއި، އަދި ބޭންކް އޮފް މޯލްޑިވްސް މިކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަކީ، ބޭންކުގެ ޙިއްޞާދާރުންނާއި، ބޭންކުން ޚިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑުގެ ދުޢާއަކީ، ކުރިމަގުގައިވެސް ދިވެހިންގެ މި ބޭންކަށް އިތުރު ފާގަތިކަމާއި ކުރިއެރުން މާތް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.