• މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ސުވާލުތައް ދެންނެވީ "ހޭޔަންބޯ" ޕްރޮގްރާމް ހުށަހެޅުއްވި އަލްއުސްތާޛު މުޙައްމަދު ޒަޔާން ޢަބްދުﷲ.

ޕްރެޒެންޓަރ:

ދެންމެ ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަތީ، 3 ޖަނަވަރީ 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހޭޔަންބޯއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވި މެސެޖް. އާދެ، ވަރަށް ފުރިހަމަ މެސެޖެއް. ވަކިން ޚާއްޞަކޮށް، އަދުގެ ޒުވާނުންނަށް. އަދި ހަމައެހެންމެ އަންހެނުންނަށް، އެމަނިކުފާނު ދެއްވި އިރުޝާދަކީ، ވަރަށް މުހިންމު އިރުޝާދެއް.

އަޅުގަނޑުމެންގެ ޤައުމުގައި ހުރި އެކިކަހަލަ މައްސަލަތަކާ ކުރިމަތިލާއިރު، ޒުވާނުންނާއި ވަކިން ޚާއްޞަކޮށް، އަންހެނުން މިކަމުގައި ބައިވެރިވުމަކީ، ކިހާ މުހިންމު ކަމެއްކަން ވަނީ ފާހަގަކުރައްވާފައި. އަދި ހަމައެހެންމެ، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި، ތަފާތު އެކިކަހަލަ ފުރުޞަތުތައް ހޯއްދަވައި ދެއްވުމުގައި، އެމަނިކުފާނަކީ ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެއް. އެކަމުގެ މިސާލު އަޅުގަނޑުމެންނަށް ހަމަ ވަރަށްފަހުން، ވާރލްޑް ކަޕްގެ ތެރެއިންވެސް ވަނީ ފެނިފައި. އާދެ، ޢަމަލީގޮތުން މިފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ، ވަރަށް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފާހަގަކުރެވިފައިވަނީ. އާދެ، ވާރލްޑް ކަޕްގައި ހަމަ ވަރަށް ފޯރިއާ އެކީގައި، އަދި ވަރަށް ޖޯޝާ އެކީގައި، ޒުވާނުން މިކަމުގައި ބައިވެރިކުރައްވައިގެން އުޅުއްވި މަންޒަރު އަޅުގަނޑުމެންނަށް ފެނުނު. އާދެ، މި ސަބަބަށްޓަކައި މި ހަފްތާގެ ހޭޔަންބޯ ޕްރޮގްރާމަށް އަޅުގަނޑުމެން ވަނީ ދަޢުވަތެއް އަރުވާފައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް.

އާދެ، މި ހަފްތާގެ ހޭޔަންބޯ ޕްރޮގްރާމްގެ މެހްމާނުގެ ގޮނޑިން ތިޔަބޭފުޅުންނާ ބައްދަލުކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް. ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން ޕްރޮގްރާމަށް ވަޑައިގަތުމުން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޝުކުރިއްޔާ.

ޕްރެޒެންޓަރ:

ކިހިނެއްތޯ ހާލު؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

اَلحَمْـدُ لِلّـهِ. ވަރަށް ރަނގަޅު.

ޕްރެޒެންޓަރ:

އެންމެ ފުރަތަމަވެސް، މަނިކުފާނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން އިނގޭތޯ. އާޖެންޓީނާ މިފަހަރު ވާރލްޑް ކަޕް ކާމިޔާބުކުރި ކަމަށްޓަކައި. ދެން އާޖެންޓީނާއަކީ، މަނިކުފާނުގެ އެންމެ ފޭވަރިޓް ޓީމް. ވަރަށް ކުރިއްސުރެން އާޖެންޓީނާއަށް ސަޕޯޓް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ. ދެން އެހެންވީމާ، އެކަމުގެވެސް އުފަލާ އެކީގައި، އަޅުގަނޑުމެން މި ހަފްތާގެ ހޭޔަންބޯ ޕްރޮގްރާމް މި ކުރިއަށްގެންދަނީ.

ދެން މިހާރު މި ފެންނަ މަންޒަރަކީ، ހަމަ ވާރލްޑް ކަޕްގެ ފައިނަލްގެ އެ އުފާވެރި ވަގުތުކޮޅު. މިއީ ހަމަ ޕެނަލްޓީ ޝޫޓްއައުޓަކުން މޮޅުވެ، ތަށި އުފުލާލާފައި މިވަނީ 36 އަހަރު ފަހުން. އެހެންވީމާ، ކުރީގެ ހަނދާންތަކެއްވެސް އާވާނެ. އަދި ހަމައެހެންމެ، ވަރަށް ގިނަ ބަޔަކު ދެކެން ބޭނުންވި މަންޒަރެއް މި މަންޒަރަކީ. ވަކިން ޚާއްޞަކޮށް، ރާއްޖޭގައިވެސް ހަމަ އާޖެންޓީނާއަށް ސަޕޯޓް ކުރައްވާ ބޭފުޅުންނަށް މިއީ ހަމަ ވަރަށް ތާރީޚީ ދުވަހަކަށް ވެފައި މިވަނީ. މި ވަގުތުކޮޅު ކިހިނެއްތޯ މަނިކުފާނު ސިފަކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ފައިނަލް މެޗް ބެލިން އިނގޭތޯ. ދެން އަޅުގަނޑުވެސް ވަރަށްބޮޑަށް އުފާވި، ޚާއްޞަކޮށް، އާޖެންޓީނާއަށް 36 އަހަރު ފަހުން މި ތަށި މި އުފުލާލެވުނީ. ދެން 1986 އެއީ، އަޅުގަނޑުމެންނަށް ވާރލްޑް ކަޕް މަޝްހޫރުވެގެން އައި އަހަރަކީ. އަދި އެއާއެކީގައި މަރަޑޯނާ ފެނިގެންދިޔައީ. އަޅުގަނޑުމެންގެ މުޅި ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލް ކުޅުންތެރިއެއްހެން އަޅުގަނޑަށް ހީވަނީ. އެއީ މުޅި ދުނިޔޭގައި އުފެދުނު، އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެންމެ ގިނަބަޔަކު ގަބޫލުކުރާ މަރަޑޯނާ. އެހެންވީމާ، އަޅުގަނޑުވެސް ވަރަށް އުފާވެ، ވަރަށް ހިތްހަމަޖެހުނު. ދެން މުބާރާތް އެންމެ ފުރަތަމަ ފެށުނު ދުވަހުވެސް އަޅުގަނޑު އުންމީދުކުރީ އާޖެންޓީނާ އެއްކޮޅުން ފައިނަލްގައި ކުޅޭނެ ކަމަށް. އަދި ހަމަ ކާމިޔާބު ލިބޭނޭކަމުގެ އެ އުންމީދު އަޅުގަނޑުމެންގެވެސް އޮތް.

ޕްރެޒެންޓަރ:

ވާރލްޑް ކަޕްގައި ދެން މިފަހަރު އެންމެ ވިދާލި ކުޅުންތެރިޔަކީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީ. ދެން މެސީގެ އެންމެފަހު ވާރލްޑް ކަޕް. އަޅުގަނޑުމެންނަށް ދެން އަބަދުވެސް މި ފެންނަނީ، ކުޅިވަރުގެ ތެރެއިން، ފުޓްބޯޅައިގެ ތެރެއިން، މެސީ އެ ދައްކާ ޖާދޫ. އެހެންނަމަވެސް، ހަމަ ރޯލް މޮޑެލްއެއްގެ ގޮތަށް ބަލާއިރު، މެސީއަކީ މިއީ ކިހާވަރެއްގެ ކުޅުންތެރިއެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން ދޮގެއްތޯ، މެސީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. ވަރަށް ގިނަ ބަޔަކު އެކަން ގަބޫލުކުރޭ. ޚާއްޞަކޮށް މަރަޑޯނާއަށްފަހު، މެސީކަމަށް. ދެން މެސީ މިވަނީ ވަރަށް ފޭވަރިޓް ކުޅުންތެރިޔަކަށްވެފައި. އަޅުގަނޑަށް ހީވަނީ، އެއީކީ ހަމައެކަނި ކުޅުމަށް މޮޅުވެގެންނެއްވެސް ނޫންހެން. އެއަށްވުރެ ބޮޑަށް ވަރަށް ޑިސިޕްލިން ދޮގެއްތޯ. ރުޅި އައިސްފައި ހުންނައިރެއް ނުފެނޭ. ކޮންމެފަދަ ކަމެއް ހިނގާ ވަގުތެއްގައިވެސް ދަނޑުމަތިން، އެއްގޮތަކަށްވެސް ރުޅިވެރިކަމެއް ނުފެނޭ. ވަރަށް ކޮންސެންޓްރޭޓް ކުރޭ އިނގޭތޯ. ވަރަށް ޝާޕް ދޮގެއްތޯ؟ ޕާސްވެސް ހަމަ ބަރާބަރަށް ދޭ. މިސްއެއްނުވާނެ. ބޯޅަ މިސްއެއް ނުވާނެ. އެހެންވެ، އަޅުގަނޑަށް ހީވަނީ، އެއީ އަޞްލު ޢިބްރަތެއްހެން އަޅުގަނޑުމެންނަށްވެސް. އަޅުގަނޑުމެން މަސައްކަތްކުރާއިރުވެސް އަޅުގަނޑުމެން ކޮންސެންޓްރޭޓް ކުރުން ދޮގެއްތޯ. އެ އަޚްލާޤް އަބަދުވެސް އަޅުގަނޑުމެންގެ ގައިގައި ހަރުލެއްވުން. ހަމަގައިމުވެސް އަޅުގަނޑަށް އެންމެ ބޮޑަށް މެސީ ކަމުދަނީ، ސަޕޯޓް ކުރެވެނީ، މެސީގެ ހަމަ ޑިސިޕްލިންގެ ސަބަބުން އިނގޭތޯ. މެސީގެ އަޚްލާޤް. އަޚްލާޤް ރަނގަޅު މީހެއްގެ ގޮތުގައި. ކުޅުމަށްވުރެ ކުރިއަށް އަޚްލާޤު އަޅުގަނޑު ނެރެނީ. ދެން އެއަށްފަހު، މޮޅު ކުޅުންތެރިޔަކަށް ވެގެން މި ކަމުދަނީ.

ޕްރެޒެންޓަރ:

އާދެ، ވަރަށް މުހިންމު ނުކުތާއެއް ތި ފާހަގަކުރެއްވީ. ވަކިން ޚާއްޞަކޮށް، ފައިނަލް މެޗުގައިވެސް އަޅުގަނޑުމެންނަށް ފެނުނު، ފްރާންސުން އެއްވަރުކުރި ވަގުތުގައި، ހަމަ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ލީޑަރޝިޕް ފެނުނު، އެހެންނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ލީޑަރޝިޕް ދައްކައިދިނީ ހިތްވަރު ދޮގެއްތޯ. ޑިޓަރމިނޭޝަން ދައްކައިދިނީ. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑަށް ހީވަނީ، ކާމިޔާބީއާ ހަމަޔަށް ދެވޭއިރު، ނާކާމިޔާބީއާ ކުރިމަތިވޭ. އެކަމަކު އެ ވަގުތު ހިތްވަރުގަދަކުރަންވީ. އެ ޓީމްވާރކް ވަރުގަދަކުރަންވީ. އަޅުގަނޑުމެން އޮފީސްތަކުގައިވެސް މަސައްކަތްކުރާއިރުވެސް ބަލަންވީ، އިންޑިވިޖުއަލީ ނުވާނެ ކަމެއް، އޭޒް އަ ޓީމް ވީ ކޭން އޯލްވޭސް ޑޫ ދަ ބެސްޓްއޭ. އިންޑިވިޖުއަލީ ދެން ނޭނގެ ދޮގެއްތޯ، ކިހާވަރެއްކަމެއް މި ކުރެވެނީ.

ޕްރެޒެންޓަރ:

މަނިކުފާނު އަބަދުވެސް މިގޮތަށް ވާރލްޑް ކަޕާއި އަދި ހަމަ އެހެންމެ، ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި، ފޯރި ނަންގަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ. އެއީ ފުވައްމުލަކުގައިވެސް މިފަހަރު ހަމަ ޙަރަކާތެއް ބާއްވާފައިވަނީ. އެކަމުގައި ހަމަ ވަރަށް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރެވޭ. ފުވައްމުލަކުގައި ބޭއްވުނު ޙަރަކާތާމެދު ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، މިފަހަރު މި ފައިނަލް މެޗް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި އަދި އެއަށްވުރެ މާ ފުޅާކޮށް އަޅުގަނޑުމެން އެކަންތައް ކުރިން. ދެން އެއީ، 24 އަހަރު ކުރިން އަޅުގަނޑުމެންނަށް ފެށުނީ، ފްރާންސް 1988ގައި. އެނގިވަޑައިގަންނަވާނެ، އޭރު ޓީ.ވީ.މޯލްޑިވްސް، ޓީ.ވީ.އެއް ރާއްޖޭގެ ސަރަޙައްދުތަކަކަށް ނުފެންނާނެ. ހަމައެކަނި ޑިޝް އެންޓަނާ މެދުވެރިކޮށް އަޅުގަނޑުމެންނަށް މި ފެންނަނީ. އޭރު ފޯރި އަދި މާގަދަ. އެއީ ބެލޭނެ އެހެން އެއްވެސް ތަނެއް ނެތް. ހަމައެކަނި އެއީ ދަނޑުގައި، އެކި ޢުމުރުފުރައިގެ ބޭފުޅުން ތިއްބެވީ. އެހެންވީމާ، އެދުވަހުގެ ފޯރި އަދި މާގަދަކޮށްދިޔައީ.

ދެން މިފަހަރުވެސް ހަމަ ވަރަށް ރަނގަޅަށް، ވަރަށް ގިނަ ބަޔަކު މެޗް ބަލަންދިޔަ. ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބިގެންދާގޮތަށް، ދެން އަޅުގަނޑުމެން އެކަން މި އިންތިޒާމު ކުރީ. ދެން އެކަމެއް ކުރާ ކަމަށްވަންޏާ ގިނަ ބަޔަކަށް، މީހުން ހިތްހަމަޖެހޭގޮތަށް ކުރުމަކީ އެއީ، ދެން އަޅުގަނޑަށް ލިބޭ އުފަލެއް. ދެން އެހެންވީމާ، ވީ އެންމެ ރަނގަޅަކަށް ކުރީ.

އަޅުގަނޑު އުންމީދު ކުރަނީ މިފަހަރުގެ އިންތިޒާމުތައްވެސް އަދި 1998ގެ އިންތިޒާމުތަކާއި، އަދި މި ދެމެދުގައި އެހެން އަހަރުތަކުގައިވެސް ހަމަ ރައްޔިތުން ވަރަށް ހިތްހަމަޖެހޭ، ގަޔާވާގޮތަށް ކަމަށް އެ ކަންތައް ކުރެވުނީ.

ޕްރެޒެންޓަރ:

އާދެ، މަނިކުފާނު ތި އިޝާރާތް ކުރެއްވި ގޮތަށް، މިއީ ހަމަ މީގެ ކުރިން އެގޮތަށް އިންތިޒާމު ކުރެވުނު ޙަރަކާތެއްގެ މަންޒަރުތައް އަޅުގަނޑުމެންނަށް މި ފެންނަނީ. ދެން އޭރު، ހަމައެކަނި މި އޮންނަނީ މެޗް ބަލައިލުމެއް ނޫން. އޭގެ އިތުރަށްވެސް ހަމަ ތަފާތު އެކިކަހަލަ ޙަރަކާތްތައް އޭގައި އެބަ ހިމެނޭ މި ފޯރިގަދަކުރުމަށްޓަކައި، އެހެންނޫންތޯ؟ ކިހިނެއްތޯ މަނިކުފާނު ވަކިން ޚާއްޞަކޮށް، މި ފުޓްބޯޅައަށް ޝައުޤުވެރިވެވަޑައިގަތީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ކުޑައިރު ރަށުގައި ދެން ނޯންނާނެ ދޮގެއްތޯ އެހެން ކަމެއް. އޮންނާނީ ކިޔެވުން. ގޭގައި ކިޔެވުން އޮންނާނެ. ދެން އަޅުގަނޑު މިއީ ކުޑައިރު ޢުމުރުން 11 އަހަރު ވަންދެން ހޯމް ސްކޫލިންގގައި އުޅުނީ. ދެން އޭރު ފުޓްބޯޅައެއްވެސް ނުލިބޭނެ. ޢާންމުކޮށެއް ނުހުންނާނެ ފުޓްބޯޅައެއް. ދެން ފުއްޕާ ހަމެއްގައި ފޮތި އޮޅައިގެން ޢާންމުކޮށް އުޅޭނީ. ދެން އެހެންނަމަވެސް، އަޅުގަނޑަށް އިރާދަކުރެއްވީތީ، އޭރުގެ މިކާސާ ފުޓްބޯޅައެއް އަޅުގަނޑަށް ބައްޕަ ގެނެސްދެއްވި. ހަމަ އެންމެ ކުޑައިރުއްސުރެ ފެށިގެންވެސް، ފުޓްބޯޅައަކީ އަޅުގަނޑުވެސް ހަމަ ވަރަށް ލޯބިކުރާ، މާލެ އައުމުގެ ކުރިންވެސް، ކުޅޭހިތްވާ ކުޅިވަރެއް. ދެން މާގިނަ ކުޅިވަރުތަކެއް ތަޢާރުފްވެފައެއްވެސް އޭރަކު ނޯންނާނެ. އެގޮތުން ފުޓްބޯޅައަށް ޝައުޤުވެރިކަން އުފެދުނީ.

ދެން އަޅުގަނޑުމެން ކިޔަވަން 1985 ގައި މާލެ އައި އަހަރު، އިއްތިފާޤުން ވެގެންދިޔައީ، ދިވެހިރާއްޖޭގައިވެސް އަދި މާލޭގައިވެސް ފުޓްބޯޅައިގައި އެންމެ ފޯރިގަދަ އަހަރަށް. 1985 އެއީ ވިކްޓްރީ ސްޕޯޓްސް ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިޔާ، ކްލަބް ލެގޫންސް، މި އެންމެ ކުރީގައި މި އުޅެނީ. ވިކްޓްރީގެ ތަށި މިލްކުކުރަން އޮތް އަހަރު އެއީ، ތިންވަނަފަހަރަށް. އެހެންވީމާ، ވަރަށް ފޯރިގަދަ އޭރު. މާލެ ތެރޭގައި، ކޮންމެ ގެއެއްގައިވެސް ދިދަ ހުންނާނެ. ކޮންމެވެސް ޓީމެއްގެ ދިދައެއް ހުންނާނެ. ކޮންމެ މީހަކުވެސް ނިސްބަތް ވާނީ ހަމަ ސަޕޯޓަރެއްގެ ގޮތުގައި. އަޅުގަނޑު މިއީ ވިކްޓްރީ ސްޕޯޓްސް ކްލަބް. އަޅުގަނޑުމެން ވަރަށް ކުޑަ. އަޅުގަނޑަކަށް ނޭނގޭނެ، އަބްޖީއެއްވެސް. އަޅުގަނޑަކަށް މާއްޓޭއެއްވެސް ނޭނގޭނެ. އަދި ވިކްޓްރީގެ އެހެން އެއްވެސް ކުޅުންތެރިއެއްވެސް ނޭނގޭނެ. އެހެންނަމަވެސް، ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ސަޕޯޓް ކުރެވުނީ.

އޭގެތެރެއިން ފުޓްބޯޅައިގައި، ދެން އަޅުގަނޑުމެންނަށް އައީ ޢީދެއް. އެއީ، ފުރަތަމަ އަޅުގަނޑުމެންނަށް ވާރލްޑް ކަޕް ފެނުނުއިރު، މަރަޑޯނާއަށް ދެން ޚާއްޞަކަމެއް ދެވުނީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރެވުނީ. ހިތް ދެވުނީ ހަމަ އާޖެންޓީނާ ޓީމަށް. ދެން އެއިން އެ ޝައުޤުވެރިކަން އުފެދުނީ. ދެން އަޅުގަނޑުވެސް އެހިސާބުން، އިތުރަށް ބޭނުންވީ ފުޓްބޯޅަ ކުޅުމަށާއި، ކުޅުވުމަށް. ދެން ކުޅުމަށްވުރެ ބޮޑަށް ކުޅުވުމުގެ ކަންތައްތަކުގައި އަޅުގަނޑަށް އުޅެވުނީ. ކޮންމެވެސްވަރަކަށް ކުޅެވުނު ހަމަ. ސްކޫލްގައިވެސް ހަމަ ކެޕްޓަންކަން ކުރެވުނު. ހައުސް ކެޕްޓަންކަމާއި އަދި ފުވައްމުލަކުގައިވެސް ހަމަ ރަނގަޅު ފެންވަރަކަށް، ދެން އަޅުގަނޑަށް ހީވަނީ މިހާރު ދެން އެހެން ކުދިންނަކަށް ނޭނގޭނެ. އޭރުގެ މީހުންނަށް އެނގޭނެ، ހަމަ ރަނގަޅަށް ކުޅެލައި، ލަނޑުޖަހާލައި، އެހާކަންހާވަރުވެސް ކޮށްލެވުނު.

ދެން، އަޅުގަނޑުމެންނަށް މުބާރާތް ބާއްވަން ފެށުނީ ހަމަ ސީދާ މަރަޑޯނާގެ އެ ފޯރީގައި. ފުވައްމުލަކުގައި 1986ން ފެށިގެން އަޅުގަނޑު ފުޓްބޯޅަ މުބާރާތް ބާއްވަން ފެށްޓީ. ދެން އެދިޔަގޮތަށް ގޮސް ހުއްޓުމެއްނެތި، އަޅުގަނޑު 1994އާ ހަމަޔަށް ގެންގޮސްފައި، އަދި އޭގެފަހުންވެސް އަޅުގަނޑު ކުރިއަށް ގެންދިޔައިން. ދެން އަޅުގަނޑު ފުޓްބޯޅައިން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ޒުވާނުންނާ މި ގުޅުން އުފެދުނީ. އަދި މީހުންގެ ތެރެއަށް އަޅުގަނޑަށް ނުކުމެވުނީ. ކުޅިވަރުގެ މައިދާނަށް ނުކުމެވުނީ. އަޅުގަނޑަށް މިގޮތަށް ކުރިއަށް މި އާދެވުމުގެ އަޞްލަކީ އަޅުގަނޑު ގަބޫލުކުރަނީ ހަމަ ފުޓްބޯޅައޭ. އެ އެކުވެރިކަމާއި، އެމީހުންގެ އެހީތެރިކަން ލިބުނު. ވަރަށްބޮޑު އެއްބާރުލުމެއް ލިބުނު. ޓީމެއް އަޅުގަނޑުމެންގެ އޮތީ. މުޅި ފުވައްމުލަކަށް ޢީދެއް އަންނާނީ. ޖަނަވަރީ މަހަކީ ޢީދެއް. އެހެންވެ އެ ޢީދުގައި ހުރިހާ ޒުވާނުންނާއި، ހުރިހާ އެންމެން އެކީގައި، އަބަދު ކުޅިވަރުގެ ކަންތައްތައް އޮންނާނީ. އެއްވެސްކަހަލަ އެހެން ވިސްނުމެއް ނުހުންނާނެ. ފުޓްބޯޅަ، ނޫނީ މެޗާ ގުޅޭގޮތުން، އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަވެސް ދައްކާނީ. ވަރަށްބޮޑު އިޖުތިމާޢީ ރޫޙެއް އުފެދުނީ. އޭގެ ސަބަބުން ރަނގަޅު ކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް ދަސްވެގެންދިޔައީ. އޭގެތެރެއިންވެސް މީހުންނާއެކީ އުޅުމަށާއި، ރެސްޕެކްޓް ކުރުމަށާއި، އަނެއް މީހާއަށް ނަމުން ގޮވާލުމަށާއި، އެ މީހެއްގެ ނަމުން ގޮވާލުމަށާއި، އެކަހަލަ ކަންތައްތައް ދެން ދަސްވި ފުޓްބޯޅައިން.

ޕްރެޒެންޓަރ:

އިޖުތިމާޢީ ގުޅުން ވަރަށްބޮޑަށް ބަދަހިވާ ކަމެއްގެ ގޮތުގައި، އެހެންނޫންތޯ ފާހަގަވެފައިވަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ.

ޕްރެޒެންޓަރ:

ދެންމެ ތިޔަ ވިދާޅުވީ، ކުރިން ފުޓްބޯޅަ ކުޅުއްވި ކަމަށް. ދެން މިހާރު، ވަރަށް ވަގުތުނުވާނެ. އެހެންނަމަވެސް، ކިހިނެއްތޯ ލިބިވަޑައިގަންނަވާ ހުސްވަގުތުގައި އެއްވެސްވަރަކަށް ފުޓްބޯޅަ ކުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު އަޞްލު ފުޓްބޯޅަ ކުޅުނަސް، އަޅުގަނޑުގެ ފޭވަރިޓް ސްޕޯޓްސްއެއްގެ ގޮތުގައި ވީ ކްރިކެޓް އިނގޭތޯ. ދެން އަޅުގަނޑު ސްކޫލްގައި ކްރިކެޓް ކުޅެފައި، ކެޕްޓަންކަމާއެކީ. އަޅުގަނޑަށް ކުރިއަށް ދެވުނީ، އެންމެ ކުރިއަށް އަޅުގަނޑަށް ސްޕޯޓްސްއެއްގައި ދެވުނީ ކްރިކެޓްގައި. ދެން މިހާރުވެސް އަޅުގަނޑު ލިބޭ ވަގުތުތަކުގައި ފުޓްބޯޅަވެސް ހަމަ ކުޅެން. ކްރިކެޓް ކުޅެން، ޓީ.ޓީ. ކުޅެން، ޓެނިސް ކުޅެން. ކުޅިވަރުތައް ކުޅެން. ދެން ފުޓްބޯޅަވެސް ހަމަ އަދިވެސް ކުޅެވޭނެ. ޖަހާލެވޭނެ ހަމަ ވައްޓާނުލާ ސަތޭކައެއްހާ ފަހަރުވެސް އަދިވެސް ބޯޅަ ގެންގުޅެވޭނެ. ސަތޭކައެއްހާ ފަހަރުވީމާ ރަނގަޅުތާ މި ޢުމުރަށް ބަލާއިރު. ސަތޭކަ ފަހަރު ޖަހާލެވެންޏާ ދެން ސެންޗަރީއެއްތާ ދޮގެއްތޯ. އެވަރުވީމާ ރަނގަޅުވާނެތާ. އެވަރުވާނެ އަދިވެސް.

ޕްރެޒެންޓަރ:

އާދެ، ފުޓްބޯޅައިގެ ވާހަކަ ދައްކާއިރު، މިފަހަރުގެ ވާރލްޑް ކަޕް ގެނެސްދޭން ރާއްޖޭގެ މީޑިއާތަކުން، ހަމަ ވަރަށް ބޮޑު ކަވަރޭޖެއް ގެނެސްދިނީ. ވަރަށްބުރަ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ. މި ކަވަރޭޖާ މެދު މަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ވަރަށްބޮޑު ޝައުޤުވެރިކަން އުފެދުނު އިނގޭތޯ. އަޅުގަނޑުމެން ކުރީގައިވެސް ކަވަރޭޖް ބަލަމުންދިޔައިން އިނގޭތޯ. ދެން ކަންދިމާކުރި ގޮތުން، ކޮންމެ ފަހަރަކުވެސް ޕްރީ ޝޯގައި އަޅުގަނޑަށް ޝާހިދު، ޢިމާދު، މި ބޭފުޅުންނާއެކު އަޅުގަނޑަށް މާ ކުރީގައިވެސް، ހަމަ އެ ފުރުޞަތު ލިބިފައިވޭ. ދެން މިއީ ވަރަށްބޮޑު މަޢުލޫމާތުތަކެއް ދޮގެއްތޯ. ޙަޤީޤަތުގައި ވަރަށް ބުރަ މަސައްކަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އެބޭފުޅުން އެ ކުރެއްވީ. މިފަހަރު ތިން ޓީ.ވީ.އަކުން، ވަރަށް ފޯރިއާއެކު އަޅުގަނޑުމެންނަށް ފެނުނީ ކޮމްޕެޓިޝަނެއްގެ ގޮތުގައި ޙަޤީޤަތުގައިވެސް އިނގޭތޯ. އެއްބަޔަކު އަނެއްބަޔަކަށްވުރެ މޮޅަށް، ރަނގަޅަށް، އަޕްޑޭޓް އިންފޮމޭޝަންތައް ޓީމުތަކާ ގުޅޭގޮތުން، ކުޅުންތެރިންނާ ގުޅޭގޮތުން، ފުޓްބޯޅައިގެ ހިސްޓްރީ، ވާރލްޑް ކަޕް، މިކަންތައް އުފެދިގެން އައިގޮތް، މިހުރިހާ މަޢުލޫމާތެއް ލިބުނު.

އެހެންވީމާ، 90 މިނިޓުގެ މެޗް، ހަމައެކަނި ބަލާލުމަށްވުރެ ބޮޑަށް ކޮމެންޓްރީ ދޮގެއްތޯ. މެޗެއްގައިވިއްޔާ އެއާނުލައި ނުބެލޭނެ އަޅުގަނޑުމެންނަކަށް. އަޑެއް ނެތް ކަމަށްވަންޏާ، ހަމައެކަނި ކުޅޭ މަންޒަރެއް ނުބެލޭނެ.

ހަމަ އެގޮތަށް، މެޗް ފެށުމުގެ ކުރިންނާއި، ދެ ހާފް ދޭތެރެއިންނާއި، އަދި މެޗް ނިންމާލާފައިވެސް، މި ބޭފުޅުން މި ދައްކަވާ ވާހަކަތަކުގެ އަޑުއަހާލުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެއީ ހަމަ ކުރަންޖެހޭ ކަމެއް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ވަރަށް ރަނގަޅު މަޢުލޫމާތުތަކެއް ދެއްވިކަމަށް އެބޭފުޅުން. ވަރަށްގިނަ ދިރާސާތައް ކުރައްވައި، ބުރަ މަސައްކަތްތަކެއް އެބޭފުޅުން ކުރެއްވި.

އެހެންވީމާ، ޕްރެޒެންޓް ކޮށްދެއްވި ބޭފުޅުންނަށާއި، އަދި ޚާއްޞަކޮށް، އެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށާއި، އަދި މީގެ ފަހަތުގައި ތިއްބެވި އިނގޭތޯ، އަޅުގަނޑުމެންނަށް ނުފެންނަ ފަށުގައި ތިއްބެވި، ޓެކްނީޝަނުން، ކެމެރާމަނުންނާއި ކެމެރާ ފަހަތުގައި، ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި، އަދި ޕްރޮވައިޑަރސްގެ ގޮތުގައިވެސް މިކަން އަޅުގަނޑުމެންނާ ހަމައަށް ގެނައުމަށްޓަކައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ހުރިހާ ދިވެހީން، ނުވަތަ އަޅުގަނޑުމެން ވާރލްޑް ކަޕް ބެލި ހުރިހާ އެންމެންގެ ނަމުގައި، އެ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑަށް ވަރަށް ގިނަ މަޢުލޫމާތުތައް ލިބުނު އިނގޭތޯ އެބޭފުޅުންގެ ފަރާތުން.

ޕްރެޒެންޓަރ:

އާދެ، މި މަސައްކަތުގައި ހަމަގައިމުވެސް ސްޓޫޑިއޯ ތެރެއިންނާއި، އަދި ހަމަ ޖޯލިފަތިތަކުގައި ތިބެގެންވެސް އަޅުގަނޑުމެންނަށް ފެނުނު، މި މަޢުލޫމާތުތައް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭ ތަން. އެއީ، ޓީ.ވީ.އެމް. އަށް ބަލައިލި ކަމުގައިވިޔަސް، ހަމަ އެބޭފުޅުން ސްޓޫޑިއޯއިން ބޭރުގައި ހަމަ ވަކިން ޚާއްޞަކޮށް، މިތަނުގެ މުވައްޒަފުން ޖޯލިފަތިތަކާއި، އަދި އެނޫންވެސް އެކިއެކި މައިޒާންތަކަށް ވަޑައިގެން، ބޮޑު ސްކްރީންގައި، މި ފޯރީގައި ބައިވެރިވެވަޑައިގެން ތަން އަޅުގަނޑުމެންނަށް ފެނުނު. އެހެންވީމާ، މިއީ ހަމަ ފާހަގަކޮށްލަންޖެހޭ ކަމެއް.

އަދިވެސް އިތުރު ސުވާލުތަކެއް އެބަހުރި އިނގޭތޯ. އެހެންނަމަވެސް ހަމަ ކުޑަކުޑަ ވަގުތުކޮޅަކަށްފަހު.

ޕްރެޒެންޓަރ:

ޓީ.ވީ. ބައްލަވަން ތިއްބެވި ހުރިހާ ބޭފުޅުންނަށް އަނެއްކާވެސް މަރުޙަބާ ދަންނަވަން. އާދެ، މި ހަފްތާގެ ހޭޔަންބޯ މެހްމާނުންގެ ގޮނޑިން ތިޔަބޭފުޅުންނާ ބައްދަލުކުރައްވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް.

އާދެ، އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަން އިނގޭތޯ.

އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިލާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ އެހާރާއި މިހާރުގެ ވަރަށް މޮޅު ކުޅުންތެރިން އުފެދިފައި އެބަވޭ. ސަރަޙައްދީ ފެންވަރުގައި ހޯދިފައިވާ ކާމިޔާބީތަކަށް ބަލައިލާއިރުވެސް އަޅުގަނޑުމެންގެ މި ރާއްޖެއަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިންތަކެއް އުފެދިފައިވާ ޤައުމެއްކަން ވަނީ ސާބިތުކޮށްދީފައި. ކޮބައިތޯ މަނިކުފާނަށް އެންމެ ކަމުދާ ދިވެހި ފުޓްބޯޅަ ކުޅުންތެރިޔަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުގެ ވަރަށް މަޤްބޫލު ކުޅުންތެރިއެއް ކުޑަމޫސަ. އެއީ، އަޅުގަނޑު އޭރުވެސް ސަޕޯޓް ކުރަނީ މި އަޅުގަނޑުގެ ޓީމެއް ގޮތުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް. ކުޑަމޫސައަށް ވަރަށް ވަރަށް ސަޕޯޓްކުރަން. ވަރަށް ގިނަ ހަމަ ރަނގަޅު މޮޅު ކުޅުންތެރިންތަކެއް އޭރުވެސް ތިއްބެވި. ދެން ވައި، ކުޑަމޫސަ ދޮގެއްތޯ. ހަމަ ޑިސިޕްލިން. ވަރަށް ޑިސިޕްލިން ރަނގަޅު ކުޅުންތެރިއެއްގެ ގޮތަށް އަޅުގަނޑަށް ފެނުނީ. އޭރު އެހާބޮޑަކަށް އެއްޗެއް ނޭނގޭނެ ދޮގެއްތޯ. އަޅުގަނޑު ވަރަށް ކުޑައިރު، އެގާރަ، ބާރަ އަހަރުގައި. ދެން މިހާރުވެސް ހަމަ ވަރަށް މޮޅު ހުނަރުވެރި ކުޅުންތެރިން އެބަތިބި. އިންޑިވިޖުއަލް ކުޅުންތެރިން އެބަތިބި އަޅުގަނޑުމެންގެ ތެރޭގައި. ދަނގަޑޭއަކީ ހަމަ ޚާއްޞަކޮށް ފާހަކޮށްލަންޖެހޭ، ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެންނަށް ފެނުނު ވަރަށް މޮޅު ކުޅުންތެރިއެއް. އެއީ، އިންޑިވިޖުއަލީ ދެން. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި ފުޓްބޯޅަ އަޅުގަނޑުމެންގެ ތެރޭގައި ކުރިއަރައިގެން އައި މިންވަރަށް ބަލާއިރު ޚާއްޞަކޮށް، 1980، 1990ގެ ތެރޭގައި، އޭރު އަޅުގަނޑުމެން ސަރަޙައްދީ ޤައުމުތަކާ ބައްދަލުވެ، ނެރުނު ނަތީޖާތަކަށް ބަލާއިރު، އަޅުގަނޑުމެންނަށް މިއަށްވުރެ ކުރީގައި ތިބެވެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ފުޓްބޯޅައިގައި.

ޕްރެޒެންޓަރ:

އާދެ، އެކިއެކި މުނާސަބަތުތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ވަރަށް ގިނަ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމުގެ ފުރުޞަތު މަނިކުފާނަށް ވާނީ ލިބިވަޑައިގެންފައި. ދެން އެގޮތުން، އެންމެފަހުން މި ބޭއްވުނު ކޮޕް ސަމިޓްގެ ތެރެއިން ހަމަ ފުޓްބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ޤައުމުތަކުގެ ވެރިންނާ ބައްދަލުކޮށްލުމުގެ ފުރުޞަތުވެސް މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައި. އެގޮތުން، ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޮންއާ ބައްދަލުކޮށްލުމުގެ ފުރުޞަތުވެސް ވަނީ ހަމަ ލިބިވަޑައިގެންފައި. އަދި އޭގެ އިތުރުން، ޖަރުމަނުވިލާތަކީވެސް ހަމަ ދުނިޔޭގެ ފުޓްބޯޅައިގައި ވަރަށް ފާހަގަކޮށްލެވޭ ޤައުމެއް. އެ ޤައުމުގެ ޗާންސެލަރ އޯލާފް ޝޯލްޒާވެސް ހަމަ ބައްދަލުވެވަޑައިގަތުމުގެ ފުރުޞަތުވެސް ވަނީ ލިބިވަޑައިގެންފައި. ދެން މީގެ އިތުރުން، މިހާރު އަޅުގަނޑުމެންނަށް މި ސްކްރީނުން މި ފެންނަނީ، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޖޭޒް. އަދި މީގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކާއާ ބައްދަލުވުމުގެ ފުރުޞަތުވެސް ވަނީ ލިބިވަޑައިގެންފައި. ހަމަގައިމުވެސް ދެން، ފުޓްބޯޅައިގެ ބޮޑު ޢީދެއް ކައިރިވަމުން އައި ދުވަސްވަރުގައި، މި ބޭފުޅުންނާ ބައްދަލުވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީމާ، އެއްވެސްވަރަކަށް ފުޓްބޯޅައިގެ ވާހަކަތަކެއް ދެކެވުނުތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، މި ހުރިހާ ބޭފުޅުންނަކާ ނޫން. އެކަމަކު ސްޕެނިޝް އާ ޕްރައިމް މިނިސްޓަރާ ބައްދަލުވީމާ އަޅުގަނޑު ފުޓްބޯޅައިގެ ވާހަކަ ދެއްކިން. އެއީ، 1986ވަނަ އަހަރުގެ ސްޕެނިޝް ކެޕްޓަން. މެކްސިކޯ 86ގެ ކެޕްޓަން ހޫލިއޯ އަލްބައިތޯ، އޭނާ ރާއްޖެ އައި. ދެން ރިޒޯޓަށް އައިސް އަޅުގަނޑާ ބައްދަލުވެގެން، ފަހުންވެސް އަނެއްކާ އޭނާ އައީ. އައިސް ދެން ކޮންމެވެސްވަރަކަށް ފުޓްބޯޅަވެސް އޭނާ ކުޅުނު. ދެން އަޅުގަނޑު އަހާލިން އޭނާގެ ވާހަކަ. ކޮބައިތޯ އޭނާ މިހާރު. އޭނާއާ ކޮންޓެކްޓް ގެއްލުނީމަ އަޅުގަނޑު އަހާލިން. ދެން ފުޓްބޯޅައިގެ ވާހަކަ ދެކެވުނު ހަމަ. އެއީ ސްޕެއިނަކީ ދެން ފުޓްބޯޅައިގެ ޤައުމެއް. އަޅުގަނޑުމެންގެ ގިނަ ދިވެހިންނަށް ސްޕެނިޝް ލީގް، އެއީ ފޭވަރިޓް މުބާރާތެއް. އެހެންވީމާ، ފުޓްބޯޅައިގެ ވާހަކަ ދެއްކިން. ދެން، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވަރަށް ގިނަބަޔަކު ސްޕެނިޝް ލީގް ބަލާ ކަމަށާއި އަދި ސްޕެއިން ޓީމަށް ސަޕޯޓް ކުރާ ވަރަށް ގިނަ ބަޔަކު ރާއްޖޭގައި ތިބިކަމަށް އަޅުގަނޑު، ޕްރައިމް މިނިސްޓަރަށް ދެންނެވިން.

ދެން ރާއްޖޭގެ ރީތިކަމުގެ ވާހަކަ، ސްޕެނިޝް ޕްރައިމް މިނިސްޓަރވެސް ވަރަށް ބޮޑަށް ދެއްކެވި. ދެން ޚާއްޞަކޮށް، ފްރެންޗް ޕްރެޒިޑެންޓް މެކްރޮން، ހަމަ ފްރާންސްގެ ވަރަށް ގިނަ ސަޕޯޓަރުން ރާއްޖޭގައި ތިބި ވާހަކަ. އަދި ރާއްޖޭގެ ރީތިކަމާއި، ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ވާހަކައާއި، ދެން އެކަހަލަ ވާހަކަތަކެއް ދެއްކެވި. ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތަށް ބަލާއިރު، ބޮޑަށް މި ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ޓުއަރިސްޓުން އަންނަ އެއް ޤައުމު ފެށުނީއްސުރެ. އަދި އިނގިރޭސިވިލާތަކީވެސް އެހާގިނައިން ޓޫރިސްޓުން އަންނަ ޤައުމެއް. އަޅުގަނޑުމެންގެ އިކޮނޮމީއާ ގުޅޭގޮތުންނާއި، ކްލައިމެޓް ޗޭންޖާ ގުޅުންހުރި ވާހަކަތަކެއް އަޅުގަނޑު ބޮޑަށް ދެއްކީ.

ޕްރެޒެންޓަރ:

އާދެ، ސިޔާސީ ދާއިރާއަށް ވަޑައިގަތުމުގެ ކުރިން، މަނިކުފާނަކީ ހަމަ އިޖުތިމާޢީ ޙަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެއް. ދެން މިހާރުވެސް ހަމަ އެ މަސައްކަތް ކުރައްވަމުން ތިޔަ ގެންދަވަނީ ސިޔާސީ މަސައްކަތްޕުޅުގެ ތެރެއިން. އަދި ހަމަ އެހެންމެ، ކުޅިވަރު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާގައިވެސް ވަރަށް މުހިންމު މަގާމުތަކެއް ފުރުއްވާފައި އެބަވޭ. އެހެންވީމާ، ކުރިން އަދާކުރެއްވި މަގާމުތަކާއި އަދި ހަމަ އެހެންމެ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، މިހާރުވެސް އެންމެ ކުރައްވަން ބޭނުންފުޅުވާ މަސައްކަތްޕުޅަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ވަރަށް ކުރަހާހިތްވޭ. ދެން އަޅުގަނޑު ކުރީގައިވެސް ދަންނަވަން، ޑިޒައިން ކުރުން. އެއީ، ދެން އަޅުގަނޑު ހަމަ އެންމެ ކުރާހިތްވާ ކަންތައްތައް. އަދި ޚާއްޞަކޮށް، ކުޅިވަރުގެ މިކަހަލަ ކަންތައްތައް އޯގަނައިޒްކޮށް، ކުޅިވަރު މުބާރާތްތަކާއި، މިކަހަލަ ކަންތައްތައް ރޭވުން، އެއީވެސް އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް. މުބާރާތްތައް އޯގަނައިޒްކޮށް، ޓީމުތައް ތައްޔާރުކޮށް، އެއީ، ކުރާހިތްވާ ކަންކަން. އެކަމަކު އެންމެ ކުރާހިތްވަނީ ހަމަ ޑިޒައިނިންގ. އިންޓީރިއަރ ޑިޒައިނިންގ. އަދި ރިޒޯޓްތަކުގެ ޑިޒައިނިންގ މަސައްކަތްތަކާއި އަދި އެއާ ގުޅުންހުރި އެކަހަލަ މަސައްކަތްތައް. ދެން އެއީ، އަޅުގަނޑު އެންމެ ކުރާހިތްވާ ކަންތައްތައް. ދެން އިޖުތިމާޢީ ކަންތައްތައް. އިޖުތިމާޢީ އެކިއެކި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން އެއީ، ދެން ހަމަ އަބަދުވެސް އަޅުގަނޑު ވަރަށް ކުރާހިތްވާ ކަންތައްތައް.

ޕްރެޒެންޓަރ:

އާދެ، ޑިޒައިނިންގގެ ވާހަކަ ފާހަގަކުރެއްވީމަ، ރަށުގައި ހުންނަ މަނިކުފާނުގެ އަމިއްލަ ގެކޮޅު ޑިޒައިން ކުރެއްވީ އަމިއްލަފުޅަށް ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި މިވަނީ. މިއީ ހަމަގައިމުވެސް ވަރަށް ބުރަ މަސައްކަތަކަށް ވާނެ. އެ މަސައްކަތްޕުޅު ފެށްޓެވީ ކިހިނެއްތޯ. ކިހިނެއްތޯ މި ޑިޒައިނިންގގެ މަސައްކަތްޕުޅަށް މި ޝައުޤުވެރިވެވަޑައިގަތީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން ހޮބީއެއްގެ ގޮތުގައި މިކަމުގައި އުޅޭތާ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވެދާނެ. ދެން މިއީ ވަރަށްފަހުގެ ކަމެއް. މިއަށްވުރެ މާކުރިން އަޅުގަނޑު މަސައްކަތްތައް ކޮށްފިން. ރިޒޯޓްތަކުގައާއި، ރާއްޖެއިން ބޭރުގައިވެސް ހުންނާނެ. ދެން އަޅުގަނޑުގެ މިކަހަލަ ހުރިހާ ކަމެއް މީހުންނަކަށް ނުފެންނާނެ. ދެން އެއީ، އަޅުގަނޑުގެ ސީދާ ޕްރޮފެޝަންގެ ގޮތުގައި ކުރާ ކަމެއް ނޫން. މިއީ ދެން ހަމަ ހޮބީއެއްގެ ގޮތުގައި އިތުރު ވަގުތު އެހެން ކޮށްލާ ކަންތައްތައް މި ހުންނަނީ. އެހެންނަމަވެސް، ދެން މިކަމުގެ ތެރެއަށް ވަދެވުނު އަޅުގަނޑަށްވެސް. ވަރަށްކުރާހިތްވޭ، ވަޑާމުގެ މަސައްކަތާއި އަދި އެނޫންވެސް ކަންތައްތައް ކުރަން. ހަމަ ބައިވެރިވާން ވަރަށް ބޮޑަށް ބޭނުންވޭ.

ދެން ވަރަށް ކުރިއްސުރެ އަޅުގަނޑުގެ ވަޒީފާ ފެށިގެން އައީ ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއިން، ރިޒޯޓެއްގެ ކޮންސްޓްރަކްޝަން. އެހެންވީމާ، އެ ރިޒޯޓުގައި ހުންނާނެ، ހުރިހާ ވައްތަރެއްގެ މަސައްކަތްތަކެއް ކޮންސްޓްރަކްޝަނާ ގުޅިފައި ހުންނަ. އޭގެތެރެއިން ގޮސް އަޅުގަނޑުގެ ޝައުޤުވެރިކަން އުފެދުނީ ހަމަ، ޑިޒައިން ކުރުމާއި، އެ ކަންތައްތަކަށް. ދެން ކަން ދިމާކުރިގޮތުން އަޅުގަނޑަށް އެ ފުރުޞަތު ލިބުނީ. ވަރަށް ބޮޑަށް އެ ފުރުޞަތު ލިބުނީ. އޭރުގައި އަޅުގަނޑުގެ ވެރިޔަކަށް ހުންނެވި ބޭފުޅާ އަޅުގަނޑަށް ވަރަށް ބޮޑަށް ދޫކޮށްލެއްވި ހަމަ އަޅުގަނޑަށް ފެންނަ ގޮތަކަށް ޑިޒައިން ކަންތައްތައް، ބައެއް މަސައްކަތްތައް ކުރުމަށް. އެހެންވީމާ، އެ ފުރުޞަތު އަޅުގަނޑަށް ލިބުނު. ރާއްޖެއިން ބޭރުގެ ވަރަށް ގިނަ ޤައުމުތަކަށް ދަތުރުކޮށް، އެތަނުގެ ކަންތައްތައް ހޮޓެލް، ރިޒޯޓްތައް ހުންނަ ގޮތްތައްވެސް ބަލައި، އެ ހުރިހާ ފުރުޞަތުތަކެއް އަޅުގަނޑަށް ލިބުނީ.

އެހެންވީމާ، އޭގެ ތެރެއިން ގޮސް އުފެދުނު ޝައުޤުވެރިކަމެއްގައި އަޅުގަނޑުގެ ގެ، ދެން އަޅުގަނޑުގެ އެންމެފަހުގެ މަސައްކަތެއްގެ ގޮތުން، އަޅުގަނޑަށް ދެން ކިރިޔާ ނިންމާލެވުނީ. އެއީ، އަޅުގަނޑަށް ރަނިންގމޭޓްކަން އެ ލިބުނު ވަގުތު، ދެން ގާތްގަނޑަކަށް މި ތަޅުދަނޑި ހަމަ ޖަހާފައި ހުޅުވާލާ ހިސާބުގައި. އެހާކަންހާވަރު އަޅުގަނޑަށް ކޮށްލެވުނީ.

ޕްރެޒެންޓަރ:

އާދެ، ވަރަށް ޝައުޤުވެރި ވާހަކަފުޅެއް. ދެން ހަމަގައިމުވެސް ގޭގެ މަސައްކަތަށް ބަލައިލާއިރު، އެއީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ވަރަށް ގިނަ ދުވަހުގެ މަސައްކަތް. ޑިޒައިނިންގގެ މި އައިޑިއާ، ކުރެއްސެވުމާއި، މި ހުރިހާ ކަންތައްތަކަށްވެސް ވަގުތު ހުސްކުރައްވާނެ. ގާތްގަނޑަކަށް ކިހާ ދުވަހެއްގެ ތެރޭގައިތޯ އެކީގައި މި މަސައްކަތް ނިންމަވައިލެއްވޭވަރުވީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ފަސް އަހަރު. ގާތްގަނޑަކަށް ފަސް އަހަރު. ހަތަރު އަހަރާ ދެން ކޮންމެވެސްވަރެއް. އެއީ، ދެންއެ ކުރަންޖެހުނު މަސައްކަތުގެ ގޮތުން. ކައިރީގައި ހުރެގެން ހުރިހާ ކަމެއްވެސް ކޮށްފައި ހުންނާނީ. އަޅުގަނޑު ދުރުގައި ހުރެގެން އާ ކަމެއް ކޮށްފައެއް ނޯންނާނެ. ކޮންމެ އާ މަސައްކަތެއް ފަށާނީ އަޅުގަނޑު ހަމަ ކައިރީގައި ހުރެގެން. ހެނދުނު އަށަކުން ފެށިގެން ގޮސް ރޭގަނޑު ނުވަޔަކަށް އަޅުގަނޑު ހަމަ އަބަދުވެސް ހުންނާނެ. ދެން ނަމާދު ގަޑި، ކާ ގަޑިތައް ފިޔަވައި. އެހެންވީމާ، ދެން ވަރަށް ޓައިމްވެސް ނެގި. އެކަމަކުވެސް ދެން އެއީވެސް ލިބުނު ހިތްހަމަޖެހުމެއް. ކޮންމެވެސް ކަމެއް އޮންނަންވާނެތާ އަބަދުވެސް. އެއީ، އަޅުގަނޑު ވިސްނާ ކަމަކީ. ދެން ކޮން ކަމެއްގައިހޭ މަސްއޫލުވެގެން އަޅުގަނޑު އުޅެން އޮންނާނީ. ޝައުޤުވެރިކަން އޮންނަ ކޮންމެ ކަމެއްވެސް ކުރަން އޯކޭ. އެހެންވީމާ، ދެން އަނެއް ފަސް އަހަރުވެސް އަޅުގަނޑު ކުރާ ކޮންމެވެސް ކަމެއްގައި މަސްއޫލުވެ އުޅުން. އެހެންނޫނީ ދެން އަޅުގަނޑު ވަރަށް ފޫހިވާނެ.

ޕްރެޒެންޓަރ:

އެހެންވީމާ، ކުރައްވާ ކޮންމެ ކަމެއްވެސް، ވީ އެންމެ ފުރިހަމަޔަކަށް ކުރެއްވޭތޯ، އެހެންނޫންތޯ މަސައްކަތް ކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ހުރިހާ އެންމެންވެސް މަސައްކަތް ކުރާނީ އެގޮތަށް.

ޕްރެޒެންޓަރ:

އާދެ، ދެން މަސައްކަތްޕުޅު ކުރައްވާއިރު، ވަކި ޚާއްޞަ އަގުތަކެއް ނުވަތަ ވެލިއުސްތަކެއްގެ ގޮތުގައި ކަންތައްތަކެއް ކޮންމެ ބޭފުޅަކުވެސް ގެންގުޅުއްވާނެ. ކޮބައިތޯ މަނިކުފާނުގެ މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ގެންގުޅުއްވާ ވެލިއުސްތަކަކީ ނުވަތަ ކޮންކަހަލަ އަގުތަކެއްތޯ ގެންގުޅުއްވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އަޅުގަނޑު ކަމެއް ކުރަންޏާ، އަޅުގަނޑު ބަލަން އިނގޭތޯ، މީހުންނަށް، އެހެން މީހުންނަށްވެސް ފެންނާނެ ދޮގެއްތޯ، އަޅުގަނޑު އެކަންޏެއްނޫންތާ ހުންނާނީ. އެހެންވީމާ، މީހުންނަށް ކަމުދާގޮތަށް، އެ ސްޓޭންޑަޑްގައި ކުރާ ކަމެއް ވީހާވެސް ރަނގަޅަކަށް ފައިންކޮށް، އެއީ ކޮންމެ ކަމެއް ކުރިޔަސް، އެއީ ފްލޯރގައި މުށިޖަހާ ކަމަށްވަންޏާވެސް، އެ ރީތިކޮށް ރަނގަޅަށް ހުންނަންޖެހޭނީ. އަދި ދޮރެއް ހަރުކުރާ ކަމަށްވަންޏާވެސް، ތެދަށް އެ ހުންނަންޖެހޭނީ. އެކަހަލަ ކަންތައްތައް އަޅުގަނޑު ވަރަށް ބޮޑަށް ބަލަން. އެ ސްޓޭންޑަޑަށް، ކޮންމެ ކަމެއް ކުރިޔަސް. އެއީވެސް ދެން ހަމަ އަޅުގަނޑުމެން އުޅުނު ދާއިރާއެއްގެ ގޮތުން، ހަމަ އެ ރިޒޯޓުގެ މަސައްކަތްތަކުގެ ތެރެއިންވެސް ދަސްވި ކަންތައްތައް އިނގޭތޯ. ވަކި ސްޓޭންޑަޑަކަށް ކަންތައްތައް ކުރުމަށާއި، ވަކި ގޮތަކަށް ކަންތައްތައް ކުރުމަށް. އެހެންވީމާ، ދެން ލެސަންސް ދޮގެއްތޯ. ކޮންމެ ދުވަހަކުވެސް ކަންކަން ދަސްވާނެ. މިހާރުވެސް ދަސްވަނީ ނޫންތޯ. މިހާރު މި ޢުމުރުގައިވެސް އަދިވެސް އާ ކަންތައްތައްވެސް ދަސްވޭ އިނގޭތޯ. ހަމަ ރަނގަޅު ކަންތައްތައްވެސް ދަސްވޭ އަދިވެސް ހަމަ.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުންނަމަ، މަނިކުފާނަކީ ޢާއިލާއަށްވެސް ހަމަ ވަރަށް ބޮޑަށް ވަގުތު ހުސްކުރައްވާ ބޭފުޅެއް. އެ ލިބިވަޑައިގަންނަވާ ވަގުތުކޮޅުގެ ތެރޭގައި، ޢާއިލާއަށް ވަގުތު ދެއްވުމާއި، މިކަހަލަ ކަންކަމުގައި ހަމަ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި ވަނީ. މިހާރު ދެން މި ބިޒީ ޝެޑިއުލްގެ ތެރެއިން ކިހިނެއްތޯ ދެން އެ ވަގުތު ހުސްކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، މި ހަތަރު އަހަރު އެކަމެއް ނުވޭ. އެ ބޭނުންވާވަރަކަށް، އެ ވަގުތު ދެން ނުދެވޭ. ވަގުތު ދިނުމަކީ ސްކޫލްދޮށަށް ދިޔުމާއި، ކުދިން ގެންދަންޖެހޭ ތަންތަނަށް ގެންދިޔުމާއި، ކުދިންނާއެކީ ވަގުތު ހޭދަކުރުމާ، ދެން އެހާވަރަކަށް އެ ވަގުތެއް ނުދެވޭ. އެއީ އެކަން ކުރަން ވެއްޖިއްޔާ، އެހެން މީހުންނަށް އުނދަގޫވާނެ. އަޅުގަނޑު ސްކޫލްދޮށަށާއި ތަންތަނަށް ދާންވެއްޖިއްޔާ މީހުންނަށް އުނދަގޫވާނެ. މަގުމަތީގައިވެސް އުނދަގޫވާނެ. އެހެންނަމަވެސް، ރަނގަޅު ދެން. ހިތްހަމަޖެހޭވަރެއްވޭ. މިވަގުތުވެސް ހިތްހަމަޖެހޭވަރު. ކުރީގައި ދެވޭވަރަށް، އޭގެ ތިންބައިކުޅަ އެއްބައިވެސް ނުދެވޭ.

ޕްރެޒެންޓަރ:

އާދެ، ދެން މަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް ހަމަ ދެންނެވޭނީ، ސިޔާސީ މަސައްކަތްޕުޅު ގޮތަށް، އިތުރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވާފައި އެބަވޭ. އަދި އޭގެ އިތުރުން، އިޖުތިމާޢީ ގޮތުން ކުރައްވާފައިވާ ޚިދުމަތްތައް، ރައްޔިތުން ހަމަ ވަރަށް ޝުކުރުވެރިކަމާއެކީ ބަލައިގަނޭ. އެހެންވީމާ، މި ހުރިހާ ދާއިރާއެއްގެ ތެރެއިން ކޮބައިތޯ މަނިކުފާނު އެންމެ ބޮޑަށް ޝައުޤުވެރިވާ މަސައްކަތްޕުޅަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ހަމަ އިޖުތިމާޢީ ކަންތައްތައް އެއީ، އަޅުގަނޑު ހަމަ ވަރަށް ކުރާހިތްވާ ކަންތައްތައް. މަގުމަތީގެ އެކްސިޑެންޓްތަކާއި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށާއި، އެކި ކަންތައްތައް ކުރުވުމަށާއި، މަސައްކަތްތެރިކަން ދަސްކުރުވުމަށާއި، އެކަހަލަ ކަންތައްތައް އަޅުގަނޑު ހަމަ ވަރަށްކުރާހިތްވާ ކަންތައްތައް އެއީ، މާ ކުރިއްސުރެ ފެށިގެންވެސް. މި ހަތަރު އަހަރަކު ނޫން ކޮންމެހެން. އެ ހަމަ ކުރާހިތްވަނީ ދެން. އަޅުގަނޑަކަށްވެސް ނޭނގެ، ދެން ކީއްވެގެން ކަމެއް އެ ކުރާހިތްވަނީކީ.

ޕްރެޒެންޓަރ:

އާދެ، ދެންމެ އަޅުގަނޑުމެންނަށް މި ފެނުނީ "ވިޒިޓް ފުވައްމުލައް" ޙަރަކާތް. ދެން މިއީ ހަމަގައިމުވެސް މަންޒިލެއްގެ ގޮތުގައި ފުވައްމުލަކު ޕްރޮމޯޓް ކުރުމަށްޓަކައި އިސްނަންގަވައިގެން ކުރިއަށް ގެންދެވި ޙަރަކާތެއް ކަމަށް އަޅުގަނޑަށް މި ގަބޫލުކުރެވެނީ. ކިހިނެއްތޯ މި ޙަރަކާތް އިންތިޒާމު ކުރެއްވީ، ކޮން ގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، ފުވައްމުލަކަކީ މިއީ ވަރަށް އެކަނި އޮންނަ ރަށެއް. މާގިނަ ކަންތައްތަކެއް، އިޤްތިޞާދީ މާގިނަ ކަންތައްތަކެއްވެސް ހިންގޭކަހަލަ ގޮތަކަށް ނޫން. ކައިރީގައި ރަށްތަކެއް ނޯންނާނެ. ފަޅުރަށްތަކެއް. މަސްވެރިކަމެއް އެހާ ނެތް. އެހެންވީމާ، އޭރު އަޅުގަނޑު ވިސްނީ ހަމަ ރަށުގައި ލޯކަލް ޓުއަރިޒަމް ޤާއިމުކުރަން. ޚާއްޞަކޮށް، މި ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ހަމަ ދާން ބޭނުންވާ ތަނެއްގެ ގޮތުގައި އޮންނަނީ. އެގޮތުން އެ ވެސް އެއް ބޭނުން. ދެން އަޅުގަނޑު ނިންމީ ހަމަ ޓުއަރތަކެއް ހަދަން. އެގޮތުން ފުޓްބޯޅަ، ކްރިކެޓް ޓުއަރއެއް ފުރަތަމަ އަޅުގަނޑުމެން ހެދީ. އެއީވެސް ކްރިކެޓްގެ ރާއްޖޭގައި އެންމެ މަޝްހޫރު އަޙްމަދު ކަލީމުން ފެށިގެން ގޮސް އެންމެ މަޝްހޫރު ކުޅުންތެރިން، އެންމެ މަޤްބޫލު ކުޅުންތެރިން. ދެން އެއާއެކީ، އަޅުގަނޑުމެން ފުޓްބޯޅައިގެ ޓުއަރއެއް އޮގަނައިޒް ކުރިން. ވަރަށް ބޮޑުކޮށް އެ ކަންތައް އަޅުގަނޑުމެން ކުރީ. 1984ގެ ޤައުމީ ޓީމުގައި ހިމެނިވަޑައިގަންނަވާ އޭރުގެ ކުޅުންތެރިންނާއެކީ. އިބްރާހީމް ނޫރައްދީނާއި، ސައްޔިދު ޢަލީއާއި އަދި ފަހުން ކުޑަމޫސަ، މާއްޓޭ، އެހެން ގޮސް، ވަރަށް ގިނަ ބޭފުޅުން ހިމަނައިގެން.

ދެން އަޞްލު އަޅުގަނޑުމެންގެ ބޭނުމަކަށްވީ ހަމައެކަނި އެ ރަށް ކޮންމެހެން އިޝްތިހާރު ކުރުމެއް ނޫން. މުޙައްމަދު ކަލީމް، ވަރަށް ކާމިޔާބު ބޭފުޅުން މިތިބީ އިނގޭތޯ. އެ ބޭފުޅުންނަކީވެސް އެކިއެކި ރޮނގުރޮނގުން ވަރަށް ޑިސިޕްލިން ބޭފުޅުން. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވީ ހުރިހާ ސްކޫލަކަށްވެސް މި ބޭފުޅުން ވަޑައިގެން، ސްކޫލް ކުދިންނާވެސް ބައްދަލުކުރެއްވުން. ނަމޫނާ ބައެއްގެ ގޮތުގައި ކިޔަވަމުންދާ ކުދިންތަކަކަށް ފެނުނީމާ އެބަ އެނގޭ، ކުޅިވަރު ކުޅޭ މީހާއަށްވެސް އެބަ ކުރިއަށްދެވޭކަން. ރީތި އަޚްލާޤުގައި ހަމަ ކާމިޔާބީ ހޯދޭކަން. އަދި އެހެނިހެން ޓެކްނިކަލް މަސައްކަތެއް ކުރިޔަސް، އަދި ވިޔަފާރި ކުރިޔަސް ހަމަ ކުރިއަށް އެބަ ދެވޭކަން.

އެހެންވީމާ، އަޅުގަނޑުމެންގެ ބޭނުމަކަށްވީ، އެބޭފުޅުން ފުވައްމުލަކަށް ގެންގޮސްފައި، މީހުންނާ ބައްދަލުވެ، ސްކޫލްތަކަށް ޒިޔާރަތްކޮށް ކުދިންނަށް ފިލާވަޅެއް ގޮތަށް މަޢުލޫމާތު ދޭން. އެ ކަންތައްވެސް އަޅުގަނޑުމެން ކުރީ. އެ ދެން ކުރިއަށްދިޔަ ކޮންމެވެސްވަރަކަށް. ދެން އެހެންނަމަވެސް، ދެ ޓުއަރއަށްފަހު، ވަކި ހިސާބަކުން ދެން އަޅުގަނޑު ޖެހުނީ އެ ކަންތައް ހުއްޓަން. ވަރަށް ކާމިޔާބު. ވަރަށް ވަރަށް ޝައުޤުވެރިކަމާއެކު ހުރިހާ ބޭފުޅުންވެސް ބަލައިގެންނެވި. ވަރަށް ކުރައްވާހިތުން ހަމަ އެ ބޭފުޅުންވެސް އެ ޓުއަރގެ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ.

ޕްރެޒެންޓަރ:

އެހެންވީމާ، މަސައްކަތްޕުޅުގެ ނަތީޖާ ހަމަ ވަރަށް ފޮންޏޭ ދަންނަވަން ޖެހެނީ. ކްރިކެޓްގައި ފާހަގަކޮށްލެވޭ ރަށަކަށް ފުވައްމުލައް ވަމުން މި އަންނަނީ ހަމަ. އޭގެ އިތުރަށް، ފުޓްބޯޅައަށް ލޯބިކުރާ ބަޔަކުވެސް ތިބި ރަށަކަށްވީމާ، އެ ފުރުޞަތުތައްވެސް މިހާރު ފަހިވެގެން އެބަދޭ. އަދި އޭގެ އިތުރަށް، ހަމަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ވުމަށްޓަކައި ލިބުނު ރަނުގެ ފުރުޞަތެއްގެ ގޮތުގައި ފާހަގަކުރެވޭ. މަނިކުފާނުގެ ހިތްޕުޅުގައި ކުޅިވަރަށް އޮންނަ ލޯބި، ވަކިން ޚާއްޞަކޮށް، ފުޓްބޯޅައަށް އޮންނަ ލޯބީގެ ސަބަބުން ފަހަރުގައި ހަމަ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދިދާނެ ސުވާލެއް، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި، އެފް.އޭ.އެމް. ހިންގެވުމުގެ މަގާމަކާ ހަވާލުވެވަޑައިގެންފާނެތޯ ނުވަތަ އެފް.އޭ.އެމް. ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ހިތަށްއެރި އެއްޗެއް އެއީ ކުރީގައި. ދެން އަޅުގަނޑު މި ފުޓްބޯޅައިގައި އުޅުނުއިރު، ފުޓްބޯޅަ މުޅި ކޮމިއުނިޓީ އެކީގައި ކުރިޔަށްދިޔައީ މާއްޓޭމެން، މުޙައްމަދު ކަލީމްމެން، ކުޑަމޫސަމެން، ބިންމާ ޢަބްދުﷲމެން، ސައްޔިދު ޢަލީމެން ބޭފުޅުންނާ އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮވޭ. އެއީ، ވަރަށް ގިނަ ކަންތައްތަކުގައި، ޚާއްޞަކޮށް، ފުޓްބޯޅައިގައި، ކުޅިވަރުގެ ކަންތައްތަކުގައި އަޅުގަނޑު އަބަދުވެސް މާއްޓޭއާ މަޝްވަރާ ކުރާނެ. ދެން އަޅުގަނޑު ހަނދާންވޭ، މީގެ ދިހަ ބާރަވަރަކަށް އަހަރު ކުރިންވެސް އަޅުގަނޑުމެން، އެ ވާހަކަ ކުޑަކޮށް ދެކެވުނު. ދެން އެހެންނަމަވެސް، އެއީކީ އެގޮތަކަށް އެހާ ފަސޭހަ ކަމެއްވެސް ނޫން ދޮގެއްތޯ. އަޅުގަނޑު ހިތަށްއަރާ އަބަދުވެސް. ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގުން. ނުވަތަ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި މަސައްކަތް ކޮށްލާނެ ކަހަލަ ފުރުޞަތެއް ޤައުމީ ލެވެލްއެއްގައި އަޅުގަނޑަށް ލިބުނުނަމައޭ، ނުވަތަ ލިބޭނެނަމައޭ. ދެން އެހެން ހިތަށްއެރި ކުރީގައި. އެއީ، ދެން އޭގެ ޝައުޤުވެރިކަން އޮތީ. ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފުޓްބޯޅަ މިއަށްވުރެ މާކުރީގައި ރާއްޖޭގައި އޮންނަންޖެހޭނެ. މިހާ ހިސާބެއްގައި ނޫން އޮންނާނީކީ. އެއީ، ދެން އަޅުގަނޑު ގަބޫލުކުރާ ގޮތް އިނގޭތޯ. މިއަށްވުރެ ކުރިއަށް ދެވިފައި އަޅުގަނޑުމެންނަށް އޮންނަންޖެހޭނީ.

ޕްރެޒެންޓަރ:

އެހެންވީމާ، މުސްތަޤްބަލުގައި އެފަދަ މަގާމަކުން މަނިކުފާނު ފެނިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން މި ހަމަ ޝައުޤުވެރިކަން ހުންނަ ކަންތައްތައް ކަމަށްވަންޏާ އަޅުގަނޑަކަށް މައްސަލައަކަށް ނުވާނެ. ފަހުން ހަމަ ރިޒޯޓެއްގެ ޖެނެރަލް މެނޭޖަރުކަން ކުރުން. އަނެއްކާވެސް މި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުން. އިޖުތިމާޢީ މަސައްކަތްތަކުގައި އުޅުން. ކުޅިވަރުގެ ދާއިރާގެ ކަންތައްތަކެއްގައި އުޅުން. އަޅުގަނޑަކަށް އެއްގޮތަކަށްވެސް އެއީކީ ކުރަންނުވާވަރުގެ ކަމެއް ކަމަކަށް ނުވާނެ. އެހެންވީމާ، އެވެސް ނުވާނެ ކަމެކޭ، އެހެން ނޭނގޭނެ ބުނާކަށް އިނގޭތޯ. އެހެން ނުވާނެއޭ ބުނެފައި އޮއްވައި، ވެދާނެ ނޫންތޯ. އެހެން ވެއްޖިއްޔާ ކަމަކުނުދާނެ. އެހެންވީމާ، މިފަދަ ކަންތައްތަކަކީ ހަމަ މެދުވެރިވެދާނެ ކަންކަން. އެކަހަލަ ކަމެއްވެސް ވުމަކީ އެކަށީގެންވާ ކަމެއް.

ޕްރެޒެންޓަރ:

އިޖުތިމާޢީ މަސައްކަތްޕުޅުތަކުގެ އިތުރަށް، ހަމަ ކުޅިވަރުގެ ޢާއިލާއާވެސް ވަރަށް ގާތް ކަމެއް ބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ. އެގޮތުން، މިފަހަރު މި ވާރލްޑް ކަޕް ކަވަރޭޖްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ ޝަރަފުގައި މަނިކުފާނު ވަނީ މިދިޔަ ބުދަ ދުވަހުގެރޭ ޖާފަތެއް ދެއްވާފައި. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ހަމަ ފާހަގަކުރަން. މިގޮތަށް ހަމަ އެކިއެކި މުނާސަބަތުތަކާ ގުޅިގެން، އިޖުތިމާޢީ ގުޅުން ބަދަހިވާނެފަދަ ގޮތަކަށް މަނިކުފާނު އެކަހަލަ ޙަރަކާތްތައް ކުރިއަށް ގެންދަވާކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ. ދެން މި ފުރުޞަތުގައި އެބައޮތްތޯ ބެލުންތެރިންނަށް ދެއްވަން ބޭނުންފުޅުވާ ޚާއްޞަ މެސެޖެއް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އަޅުގަނޑަށް ހީވަނީ މި ނިމިގެންދިޔަ އެއްމަސްދުވަސް، އަޅުގަނޑުމެން ވަރަށް ބޮޑަށް ޔުނައިޓް ކޮށްފިހެން. މި ފުޓްބޯޅައިގެ ޢީދުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އެކުވެރި ރޫޙެއް އުފައްދައިދީފި. އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން އަބަދުވެސް ބަލަންވާނެހެން، ކަންކަން އެޕްރިޝިއޭޓް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. އަޅުގަނޑު އެ ހުރިހާ އެނަލިސްޓުންނާއި، ޕްރެޒެންޓަރުންނާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވީ، ހަމަ އެބޭފުޅުން ކުރެއްވި މަސައްކަތްތައް ރަނގަޅުކަމުން، އެކަން އެޕްރިޝިއޭޓްކޮށް، ހަމަ ޕަރސަނަލީވެސް އެކަން އަޅުގަނޑު ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރާކަން ދަންނަވަން ބޭނުންވީ ހަމަ ސީދާސީދާ. މީހެއް ކައިރީގައި ބުނެގެން، އެމީހުން ކައިރީގައި ބުނާށޭ، ފައިޞަލް ބުންޏޭ، ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ތެންކިޔޫއޭ. އެހެނެއްނޫން އެއްގޮތަކަށްވެސް. އަޅުގަނޑަށް ހީވަނީ އެގޮތަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް، ޤައުމަށްޓަކައި ޤައުމުގެ ތަރައްޤީގައި އަޅުގަނޑުމެންގެ ރައްޔިތުން އެކުވެރި ކުރުވުމަށްޓަކައި އެންމެންގެ ފައިދާއަށް ކުރެވޭ ކޮންމެ ކަމެއްގައި، ކޮންމެ މީހަކު ކަމެއް ކުރިޔަސް، އެކަމެއް އެޕްރިޝިއޭޓްކޮށް، އަބަދުވެސް އަޅުގަނޑުމެން އެކަމެއް ބަލައިގަތުމަކީ އެއީ، ކުރަންވާނެ ކަމެއް. އެއީ، ފަހަރެއްގައި ވެދާނެ ތިމާ ހިތްހަމަނުޖެހޭ ކަމަކަށް. މިސާލަކަށް، އަޅުގަނޑު ދެކެ ފަހަރެއްގައި ހިތްހަމަނުޖެހޭ މީހެއްވެސް ހުރެދާނެ. އެކަމަކު ކުރާ ކަމަކީ ރަނގަޅު ކަމެއް ކަމަށްވަންޏާ އެއީ، ކޮންމެ މީހަކު ކުރިޔަސް، އަޅުގަނޑަށް ހީވަނީ ބަލައިގަންނަންވާނެހެން އެކަމެއް ރަނގަޅު ކަމެއް ކަމަށްވަންޏާ، އޭގެ ފައިދާއެއްވާ ކަމަށްވަންޏާ. ފަހަރެއްގައި އެއްކަލަ ހިތްހަމަނުޖެހި ހުންނަ މީހާގެ ޢާއިލާއަށްވެސް އޭގެ ހަމަ ފައިދާ ކޮށްފާނެ. މުޅި ޤައުމަށްވެސް ފައިދާ ކޮށްފާނެ. އެހެންވީމާ، އެ މަޤްޞަދުގައި އަޅުގަނޑު އެ ކަންތައް ކުރީ.

ދެން، އަޅުގަނޑުގެ ހަމަ މެސެޖަކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެކުވެރި ބައެއްގެ ގޮތުގައި އަބަދުވެސް އުޅެން އެބަޖެހެއޭ. ޤައުމުގެ ކަންތައްތަކުގައްޔާއި، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައިވެސް، އެކަކު އަނެކަކަށް އަބަދުވެސް އެހީތެރިވާ، ޕޮޒިޓިވް ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. ކޮމިޔުނިޓީ ކުޑަވީމަ ކަމަށްވެސް ވެދާނެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނޭ ހަމަ މަދުން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ހިތްހަމަނުޖެހުން ތަންކޮޅެއް ބޮޑަށް އޮންނަތަން އަބަދުވެސް. ބުނަންނުވާ ބަސް، އެކަކު އަނެކަކަށް ބުނުން. އެހެން އެއްގޮތަކަށްވެސް ކަމަކުނުދާނެ. އެއަށްވުރެ މާކުޑަ ކޮމިޔުނިޓީއެއް މިއީ. ވަރަށް ބޮޑަށް އެކުވެރި އެއްބައިވަންތަ ގޮތަކަށް، މި ރަށްތަކަށާއި އަދި މާލެއަށް ބަލައިލިޔަސް އަޅުގަނޑުމެން މިއުޅެނީ.

އެހެންވީމާ، އަޅުގަނޑު ހަމަގައިމުވެސް އަބަދުވެސް އެދޭނެ ކަމެއް އެއީ، ދިވެހިން އެކަތިގަނޑަކަށްވެ ތިބެ، ކުރާ ކޮންމެ ކަމެއްގައި، އެއްބަހެއް ކިޔާފައި، އެއް ރާގަކަށް މި މަސައްކަތްކޮށް، ކާމިޔާބު ހޯދުމަށްޓަކައި މަސައްކަތް ކުރުން. ޚާއްޞަކޮށް، ޒުވާން ޖީލު ހަރުދަނާ ކުރުމަށްޓަކައި، ރަނގަޅު ބައެއްގެ ގޮތުގައި ތައްޔާރުކުރުމަށްޓަކައި ހުރިހާ ގޮތަކުންވެސް ނަމޫނާ ބަޔަކަށްވެ، އަޅުގަނޑުމެންގެ ބަހުރުވައާއި، އަޅުގަނޑުމެން ކަންތައްތައް ކުރާގޮތުން ކުދިންނަށް އެހީތެރިވެދީ، އެކަހަލަ ވަރުގަދަ ޖީލެއް އުފެއްދުމަށްވެސް އެންމެން އެކީގައި މަސައްކަތް ކުރުން އެއީ، އަޅުގަނޑު ހަމަގައިމުވެސް، އަޅުގަނޑު ކޮންމެތާކު ހުއްޓަސް، ކޮންމެ ކަމެއް ކުރިޔަސް، އަޅުގަނޑު ހިތުން ބަދަލެއްނުވާނެ ކަންތައް. ޤައުމާ ދޭތެރޭގައި އަޅުގަނޑު ދެކޭގޮތް، އަޅުގަނޑު އެދޭ އެދުންތައް، އަޅުގަނޑުގެ ޑްރީމްސް، މި ޤައުމާ ދޭތެރޭގައި އަބަދުވެސް އޮންނާނީ މިގޮތަށް. އަޅުގަނޑު ބަދަލެއްނުވާނަން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް.

ޕްރެޒެންޓަރ:

އާދެ، ހަމަ ވަރަށް ފުރިހަމަ މެސެޖެއް. އެހެންވީމާ، މަނިކުފާނު ޚިދުމަތް ކުރައްވާފައި ހުރި ދާއިރާތަކަށް ބަލައިލާއިރު، އިޖުތިމާޢީ ދާއިރާ ކަމުގައިވިޔަސް، ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ސިޔާސީ ދާއިރާ ކަމުގައިވިޔަސް، އަދި ފަތުރުވެރިކަމުގެ ދާއިރާ ކަމުގައިވިޔަސް، މިއިން ކޮންމެ ދާއިރާއެއްގައި ކުރައްވާފައިވާ މަސައްކަތް އަޅުގަނޑުމެންގެ ރައްޔިތުން ބަލައިގަންނާނެކަމީ އާދެ، އަޅުގަނޑުމެންނަށް ޝައްކެއްއޮތްކަމެއް ނޫން. އެއީ، ހަމަ މަނިކުފާނު މި ދާއިރާތަކުގައި ކުރައްވާފައިވާ މަސައްކަތުގެ އެ އިޚްލާޞްތެރިކަމާވެސް އެކީގައި. އެކަން ރައްޔިތުން ހަމަ ބަލައިގަންނަކަމާމެދަކު ޝައްކެއްނުކުރަން.

ދެން ހަމަ މި ފުރުޞަތުގައި، މަނިކުފާނަށް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންގެ ހޭޔަންބޯ ޕްރޮގްރާމަށް ވަޑައިގެން ދެއްވި ކަމަށްޓަކައި. އަދުގެ ޒުވާނުންނަށް ހަމަ ނަމޫނާ ބޭފުޅެކޭ އަޅުގަނޑަށް ދެންނެވޭނީ. ވަކިން ޚާއްޞަކޮށް، މީގެ ކުރިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ބަލައިލާއިރުވެސް ހަމަ ފާހަގަކޮށްލެވޭ، ނަމޫނާ މަސައްކަތްޕުޅުތަކެއް ކުރައްވާފައި އެބަވޭ. ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހާއި، އަދި ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރައްވާފައިވާ މަގާމުތަކަށް ބަލައިލާއިރުވެސް، ހަމަ އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވަމުން ގެންދެވީ. އެހެންވީމާ، މި ފުރުޞަތުގައި މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަދިވެސް އެއްފަހަރު.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށް ވަރަށް ބޮޑު، ވަރަށް ބޮޑު އުފަލެއް މި ލިބުނީ އިނގޭތޯ. ތިޔަބޭފުޅުން ތިގޮތަށް އަޅުގަނޑާ ދޭތެރޭގައި އެހެން ވިދާޅުވުމުން، އަޅުގަނޑު ދެން އުފާވޭ. އަދި އަޅުގަނޑު ގަބޫލުކުރަނީ އަދިވެސް އިތުރަށް މަސައްކަތްތައް ކުރަންޖެހޭކަމަށް. އެއީ، އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ގޮތަކީ.

ޕްރެޒެންޓަރ:

އާދެ، ދެން ޓީ.ވީ. ބައްލަވަން ތިއްބެވި ބޭފުޅުންގެ ހިތްޕުޅުގައި، ފަހަރުގައި އުފެދިދާނެ ސުވާލެއް، އަޅުގަނޑުމެންގެ ސެޓުން މި ފެންނަނީ ކޮން ކޭކެއްތޯ؟ އާދެ، އާޖެންޓީނާގެ ކޭކު އިނގޭތޯ މިއީ. އަޅުގަނޑުމެންގެ ނައިބު ރައީސް ހަމަ ހަދިޔާކުރެއްވި ކޭކެއް. އާދެ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ.

ދެން އަޅުގަނޑަކީވެސް ހަމަ ހިތާއި ރޫޙުން އާޖެންޓީނާއަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހެއްވީމާ، ދެން ހަމަ އަޅުގަނޑަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ހަމަ އަޅުގަނޑުމެންގެ ކްރޫގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެއް. ވަރަށް ގިނަ ބޭފުޅުން އާޖެންޓީނާއަށް ސަޕޯޓް ކުރައްވާ ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި މިވަނީ. އެހެންވީމާ، އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މަނިކުފާނަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޝުކުރިއްޔާ!