بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑުގެ ޗެއަރ ޢަބްދުﷲ ޢަފީފް، އާރު.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަލްއުސްތާޛު މޫސާ ޢަލީ މަނިކު، ބޯޑު މެންބަރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން، އަމިއްލަ ކުންފުނިތަކުން ބައިވެރިވެވަޑައިގަންނަވާ އެންމެހައި އިސްބޭފުޅުން، ދައުލަތުގެ އިސްވެރިންނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް އެންމެހައި ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، ކުންފުނީގެ ހީވާގި އެންމެހައި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

އާދެ، އެންމެ ފުރަތަމަވެސް ކުންފުނީގެ ތިންވަނަ އަހަރީ ދުވަހުގެ މި ޙަފްލާގެ ހެޔޮއެދުމާއި ތަހުނިޔާ، ކުންފުނީގެ މެނޭޖްމަންޓަށާއި، އަދި އެންމެހައި ހީވާގި މުވައްޒަފުންނަށް އަޅުގަނޑު އަރިސްކުރަން.

އާދެ، އެއްވެސް ޝައްކެއްނެތް، ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކާއި، ކާމިޔާބީ، ހާސިލުކުރެވުނު ކަންތައްތައް ފާހަގަކުރުމަށްޓަކައި މިގޮތަށް އަހަރީ ދުވަހުގެ ޙަފްލާއެއް ބޭއްވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ހަމައެއާއެކު، ގަދައަޅައި މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކުގެ އަގު ވަޒަންކޮށް، އެކަންކަން ފާހަގަކުރުމަކީ އެއީ، ކުރިއަށް އޮތް އަހަރު މަސައްކަތްތައް ބާރަށް ގެންދިޔުމަށްޓަކައި ކުރެވޭ، ވަރަށް މުހިންމު މަސައްކަތެއް. އެހެންކަމުން، ޚާއްޞަކޮށް، މިފަދަ ޙަފްލާއެއް ބޭއްވީތީވެ، ކުންފުނީގެ ހީވާގި މެނޭޖިންގ ޑައިރެކްޓަރަށާއި، އަދި އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑަށް މެނޭޖިންގ ޑައިރެކްޓަރ އަލްއުސްތާޛު މޫސާ ޢަލީ މަނިކު ފެންނަނީ، ވަރަށް ޕޮޒިޓިވް ބޭފުޅެއްގެ ގޮތުގައި. ވޭތުވެދިޔަ ތިން ހަތަރު އަހަރު، އަޅުގަނޑުމެންނަށް އެކީގައި މަސައްކަތް ކުރެވިއްޖެ. އަދި މިވީހާތަނަށް ކަމެއްގައި ދެފަހަރު ދަންނަވާލާކަށް ނުޖެހޭ. ހަމަ އެންމެ ފަހަރަކު، ކަމަކާ ގުޅޭގޮތުން އަޅުގަނޑުމެން ދަންނަވާލީމާ، ކަމެއްގެ ވާހަކަ ދަންނަވާލީމާ، ވަރަށް ރަނގަޅަށް، އެކަމެއް ވަރަށް ކުރައްވާހިތްޕުޅުން އެކަމެއް ވަނީ ކޮށްދެއްވާފައި. އެކަމަށްޓަކައި މޫސާ ޢަލީ މަނިކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ތިން އަހަރަކީ ވަރަށް ކުރު މުއްދަތެއް. އެހެންނަމަވެސް، ކުރެވުނު ކަންތައްތައް، ކުރަމުންދާ ކަންތައްތައް މަދެއްނޫން. އަޅުގަނޑު ދަންނަވާނީ ގިނަ ގޮންޖެހުންތަކަކާއެކުވެސް، ވޭތުވެދިޔަ އަހަރުތަކުގައި ކުންފުނިން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައޭ. އަޅުގަނޑުމެން މާލޭގެ މަގުތަކަށް ބަލައިފި ކަމަށްވަންޏާ، ޚާއްޞަކޮށް، މާލޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދިމާވާ އެންމެބޮޑު އެއް ދަތިކަމަކަށް ވެފައި އޮންނަނީ، ޢާންމުކޮށް ވިއްސާރަ ދުވަސްވަރުގައި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ކަންތައްތައް. ހަމައެއާއެކު، މަގުތަކުގެ އަޑިގުޑަން، މި ހުރިހާ ކަމެއްގެ އުނދަގޫ ހަމަ ކޮންމެ ރައްޔިތަކަށްވެސް ކުރިމަތިވަމުންދޭ.

އެހެންނަމަވެސް، 2020 ވަނަ އަހަރު އެ ފެށުނު މަސައްކަތާއެކު، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ، އެ ކަންތައްތަކަށް ރަނގަޅު ޙައްލުތަކެއް ލިބެމުން އެބައާދޭ. އެނގިވަޑައިގަންނަވާނެ، އުނދަގޫ ކަންތައްތަކެއް ދިމާވި. އެއްބަސްވާންޖެހޭ އެއްބަސްވުންތައް ފަދަ ކަންތައްތަކަށްވެސް، ކަންދިމާވިގޮތުން ވަރަށް ގިނަ ވަގުތުތަކެއް ނަގާފައި އެބަހުރި. ޢާންމުކޮށް ވަގުތު ނަގަނީ ޢަމަލީ މަސައްކަތްތައް ކުރުމަށް. އެހެންނަމަވެސް، ވަކިގޮތަކަށް އެއްބަސްނުވެވިގެން، އުޞޫލާ އެއްގޮތަށް، ވީހާވެސް ރަނގަޅަށް ކަންތައްތައް ގެންދިޔުމަށް ކުރާ މަސައްކަތުގެ ތެރެއިން، ބައެއްފަހަރު ކޮންމެވެސްވަރަކަށް، އެކަމަށް ވަގުތު ހޭދަވާތަން އެބަ އާދޭ.

އާދެ، އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ، މާލޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް ނިމޭވަރަކުން، ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ވަރަށްބޮޑަށް ލިބެމުންދާނެއޭ. އާދެ، އެނގިވަޑައިގަންނަވާނެ، މިހާރު އަމީނީ މަގުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. އަޅުގަނޑު މި ފުރުޞަތުގައިވެސް ހުރިހާ މުވައްޒަފުންނަށް ދަންނަވާލަން ބޭނުންވަނީ، ވީހާވެސް ހަލުވިކަމާއެކު ވީހާވެސް ބާރަކަށް، މި މަސައްކަތްތައް ކުރިއަށް ގެންދެވުމަށް. އެނގިވަޑައިގަންނަވާނެ، މާލެއަކީ ވަރަށްބޮޑަށް ތޮއްޖެހިފައި އޮންނަ ރަށެއް. ދުއްވާ އުޅަނދުތައް ވަރަށް ގިނަ. މީހުންވެސް އެހާމެ ގިނަ. އެއްވެސް މަގެއް ބަންދުކޮށްފައި ގިނަދުވަހު އޮންނަންވެއްޖެ ކަމަށްވަންޏާ، އޭގެ ދަތި އުނދަގޫ ކުރިމަތިނުވާ ހަމަ އެއްވެސް ރައްޔިތެއް މާލޭގައި ދިރިނޫޅޭނެ.

އެހެންވީމާ، މާލޭގެ މަގުތައް ހަދާއިރު، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މާލޭގެ މަގުތައް ހެދުމުގައި، އަދި ރަށެއްގައި އެއްވެސް އެއްޗެއް ވަޅުލާފައި ނެތް މަގެއް ހެދުމަށް އަޅައިބަލާއިރު، ހާސްތަނުން އުނދަގޫވާނެކަން. އާދެ، ނުފެންނަ އެތައް ގިނަ މަސައްކަތްތަކެއް އަޑީގައި އެބަހުރޭ. ހަލާކުނުކޮށް އެ އެއްޗެތިތައް ބަހައްޓައިގެން މި ހުރިހާ ކަމެއް ކުރަންޖެހެނީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ތިޔަބޭފުޅުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އަދިވެސް، ހަލުވިކަމާއެކު ބާރަށް މި މަސައްކަތް ގެންދެވޭތޯ ބައްލަވާށޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި، ޕްރޮޖެކްޓްތައް ކުރިއަށް އެބަދޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، ރާއްޖޭގައި މާލެ ފިޔަވައިވެސް، ގާތްގަނޑަކަށް 17 ވަރަކަށް ރަށުގެ މަގުހެދުމުގެ ޕްރޮޖެކްޓްތައް އެކި ފިޔަވަހީގައި، އެކި މަރުޙަލާތަކުގައި، މިހާރުވެސް އެބަ ކުރިއަށް ގެންދޭ. މި ހުރިހާ މަސައްކަތްތަކެއް މި ކުރަނީ ގާތްގަނޑަކަށް ތޭރަސަތޭކައެއްހާ މުވައްޒަފުން.

އާދެ، އަޅުގަނޑު ހަމަ އެއްޗެއް ދަންނަވާލަން ބޭނުން. އަޅުގަނޑަށް ފެނިގެންދިޔަ ވީޑިއޯ ރިޕޯޓާއި، އަދި ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި ޝިފްޒާން އިސްމާޢީލް ފާހަގަކުރެއްވި ގޮތަށް، މުވައްޒަފުންނާ ދޭތެރޭގައި ކުންފުނިން ވަރަށް ރަނގަޅަށް ކަންތައްތައް ކުރައްވާ. ޚާއްޞަކޮށް، އަންހެން ބޭފުޅުންނަށް އެ ހުޅުވާލެވިފައިވާ ފުރުޞަތުތައް، މީގައި ހަމަ އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކުރަން ބޭނުން. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯއެއްގައި، އަންހެން ބޭފުޅަކުވެސް އެ ވާހަކަތައް ކިޔައިދެއްވި. އެއީ، މިއަދު ޚާއްޞަކޮށް، ކުންފުނިތަކުގައްޔާއި، އަދި އެނޫން ތަންތަނުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ކުރަންވީ ގޮތަކީ. އަޅުގަނޑުމެންނަށް ކާމިޔާބުކަމާއެކު ކުރިއަށް މި ދެވެނީ އެންމެން އެކުގައި މަސައްކަތް ކުރީމާ. އަދި ވީހާވެސް ބޮޑަކަށް ފުރުޞަތުތައް ހުޅުވައިލެވިގެން. އަންހެން ބޭފުޅުންގެ ބައިވެރިވުން ވީހާވެސް ބޮޑަކަށް އިތުރުކޮށްގެން.

އާދެ، ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް، ހުނަރު ދަސްކޮށްދިނުމުގެ އެކި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާކަމީ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަކީ މީހުން ބިނާކުރެއްވުން. ޒުވާނުންނަކީ، ހުނަރުވެރި ބައެއްގެ ގޮތުގައި ތައްޔާރުކުރެއްވުން. އެ މަސައްކަތަކަށް އަހުލުވެރިވެފައިވާ، މަސައްކަތްތެރި ޖީލެއް އުފެއްދެވުން. ޚާއްޞަކޮށް، ހުރިހާ ކުންފުނިތަކަކުން، ސަރުކާރުގެ ހުރިހާ ކުންފުނިތަކާއި، އަދި އަމިއްލަ ކުންފުނިތަކުންވެސް މީހުން ބިނާކުރުމަށްޓަކައި އެ ރޫޙުގައި އެ ކުރާ މަސައްކަތްތައް އަޅުގަނޑުމެންނަށް ވަރަށް ގާތުން އެބަ ފެނޭ. އެކަމަށްޓަކައި ސަރުކާރުގެ އެންމެހައި ކުންފުނިތަކަށާއި އަދި އަމިއްލަ ހުރިހާ ކުންފުނިތަކުގެ ވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، ކުންފުނިން ހަމައެކަނި ޕްރޮޖެކްޓްތައް ހިންގަނީކީއެއް ނޫން. އިޖުތިމާޢީ ޒިންމާގެ ދަށުން ވަރަށް ގިނަ މަސައްކަތްތައް އެކި ތަންތަނަށް، އެކި ފަރާތްތަކަށް ކޮށްދެއްވާފައި އެބަހުރި. އަޅުގަނޑަށް އެ ހުރިހާ ކަމެއް ވަރަށް ސާފުކޮށް އެނގޭ. އަޅުގަނޑަށް ހީވަނީ މިއީ އަނެއްކާވެސް އަޅުގަނޑުމެން ހަމަ ޚާއްޞަކޮށް، އިޖުތިމާޢީ ޒިންމާ، ކޮންމެ ކުންފުންޏަކަށްވެސް، ކޮންމެ ބަޔަކަށްވެސް ކޮށްދެވެން އޮންނަ ކޮންމެ ކަމެއް އެބަޖެހޭ، އެ ކަމެއް ބޭނުންވާ، އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް ފަރާތްތަކަށް ކޮށްދޭން.

މިގޮތުން، އާރު.ޑީ.ސީ.އިން ކޮށްދޭ ހުރިހާ މަސައްކަތެއްވެސް އަޅުގަނޑު ފާހަގަކޮށް، ޚާއްޞަކޮށް ކުންފުނީގެ އެންމެހައި ހީވާގި މުވައްޒަފުންނާއި އަދި މެނޭޖްމެންޓަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ތަރައްޤީގެ މަޝްރޫޢުތަކަކީ، އެއީ، މި ސަރުކާރުގެ ސިޔާސަތު. ހަމަހަމަކަމާއެކު، ރާއްޖޭގެ ކުދި، ބޮޑު ރަށެއް ބެލުމެއްނެތި، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަކީ އެއީ، ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އަމާޒަކަށް މިއަދު ވެފައިވާ ކަމަކީ. އެނގިވަޑައިގަންނަވާނެ، އެތާވެސް އުޅޭނީ ރައްޔިތުން. މިތާވެސް އުޅެނީ ރައްޔިތުން. ކުދި ރަށްތަކުގައިވެސް ރައްޔިތުން. ބޮޑެތި ރަށްތަކުގައިވެސް ރައްޔިތުން. ރައްޔިތުން ވެރިޔަކު ހޮވަނީ. އެއީ، އުންމީދުތަކެއް، ބޭނުންތަކެއް، ހުވަފެންތަކެއް ޙަޤީޤަތަކަށް ހެދުމުގެ ބޭނުމުގައި.

އާދެ، އަޅުގަނޑު ދަންނަވާލާނީ، މިއަދު ދިވެހިރާއްޖޭގެ ހުރިހާ ދިމާއަކަށް ބަލައިލިނަމަވެސް، މާލެއަށް، ރާއްޖޭގެ އުތުރާއި، ދެކުނުގެ ރަށްތަކަށް ބަލައިލި ނަމަވެސް، ޢުމްރާނީ ގޮތުން އިންޤިލާބީ ބަދަލުތަކެއް އަންނަވަރުގެ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ އެބަ ކުރައްވާ.

އާދެ، މިއަދުވެސް އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، ހުވަދުއަތޮޅުގައި އިއްޔެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަވެގެންދިޔަތަން. ބަނދަރު ހުޅުވިގެންދިޔައީ. މިއަދު އަނެއްކާވެސް މި ފެނިގެންދިޔައީ، އިންޖީނުގެތަކެއް ހުޅުވި، އާ އޮފީސް ޢިމާރާތް ޤާއިމުކުރެވި، ކުރިއަށް އޮތް ފަންސަވީހަކަށް އަހަރަށް ފިޓްވާގޮތަށް، އެ ކަންތައްތައް ކުރެވިގެންދިޔަ ތަން.

އަޅުގަނޑަށް ކުރީ ރެޔަކު ދަންނަވާލެވުނީ ގޯސްކޮށް. އަޅުގަނޑަށް ދަންނަވާލެވުނީ، ފެނަކަ އަދި ސްޓެލްކޯއާ އެކީގައި ގާތްގަނޑަކަށް ސަތޭކަ އިންޖީނު ގެއެއްގެ ވާހަކަ. އަޅުގަނޑަށް ކުޑަކޮށް އޮޅުމެއްއެރީ. ފެނަކަ އެކަނިވެސް ސަތޭކައަށްވުރެ މާގިނަ ޢަދަދަކަށް އިންޖީނުގެ އެޅުމުގެ ކަންތައްތައް ކުރިއަށް އެބަގެންދޭ. އަޅުގަނޑަށް ދަންނަވާލެވުނީ، ތިންސަތޭކަ އިންޖީނުގެ ވާހަކަ. އެވެސް ސްޓެލްކޯ އަދި ފެނަކައާ އެކީގައި. އެވެސް އަޅުގަނޑަށް އޮޅުމެއް. ފެނަކަ އެކަނި 313 އިންޖީނު އެކި ރަށްރަށަށް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފޮނުވައިލައިފައިވީ.

އާދެ، ފެނާއި ނަރުދަމާ، ބަނދަރު، މަގު ހެދުން، ގޮނޑުދޮށް ޙިމާޔަތްކުރުން، ސްކޫލް ކްލާސްރޫމްތައް އެޅުން، ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުން، ހޮސްޕިޓަލްތަކުގެ އެކިއެކި މަސައްކަތްތައް އަޕްގްރޭޑް ކުރުމާއެކު، ކުރިއަށް ގެންދިޔުން ފަދަ ގިނަ މަސައްކަތްތަކެއް މިއަދު މިދަނީ ކުރެވެމުން. އެއީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެން ވަޢުދު. އެއީ، ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިހިރީ. ސަރުކާރަކުން ކުރަންޖެހޭ ކަންތައްތައް ކޮށްދޭތަން މި ދައްކައިދެވެނީ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ހަނދާނުން އަދި ފިލައިގެންނެއް ނުދެއޭ، ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައި އަޅުގަނޑުމެން އުޅުނުގޮތް. އޭރު އެންމެ މުހިންމުވީ ތެލާއި، ފެނާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި، އެ ބަލިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އިރާދަކުރެއްވީތީ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދެވުނު ތަން. މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް މަސައްކަތްތައް ކުރިއަށް ގެންދެވުނު ތަން. އާދެ، އެ ކަންތައް އެންމެ ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު މިއަދު ހަމަ ރައީސުލްޖުމްހޫރިއްޔާގެ ޙިކްމަތްތެރިކަމާއި، ރައީސުލްޖުމްހޫރިއްޔާ، އެ ކަންތައްތައް ކުރިއަށް ގެންދެވިގޮތް ރަނގަޅުކަމުން އަޅުގަނޑަށް ހީވަނީ އެއީ، މިއަދު އަޅުގަނޑުމެން ފާހަގަކުރަން ޖެހޭނެ ކަމެއްހެން.

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގައި ކަންދިމާކުރިގޮތުން އަޅުގަނޑު އެއަރޕޯޓަށް ދާންޖެހުނީ. ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވި ޖަލްސާގައި ވިދާޅުވި، މި އަހަރުގެ ޓާގެޓް ކަމަށް ކަނޑައެޅުއްވި 1.6 މިލިއަން ޓުއަރިސްޓް އަންނާނެ ކަމަށް. އެކަމަށް އަޅުގަނޑު ދިޔައީ. 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަން. އާދެ، ދުވަސްކޮޅެއް ބާކީއޮއްވައި، އެ ޖެއްސެވި ހިސާބު، ރައީސުލްޖުމްހޫރިއްޔާ އެ ވިސްނަވާފައި އެ ޖެއްސެވި ހިސާބު ހަމަ ދިމާވެއްޖެ.

އާދެ، އަޅުގަނޑު ދަންނަވާލަން މިއުޅެނީ، ކިތަންމެހާވެސް ރަނގަޅޭ، ރައްޔިތުންގެ ނިންމުން. 2018 ވަނަ އަހަރު ހަމަ ރަނގަޅު ނިންމުމެއް ނިންމަވާފައި މިވަނީ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ.

މިއަދު އެތައް ސަތޭކަ ރުފިޔާއަކަށް ކުރެވުނު ދަތުރު، ވަރަށް ކުޑަ ޢަދަދަކަށް ބަދަލުވެއްޖެ. ރަށުން ފުރައިގެން ގޮސްފައި، ޑޮކްޓަރަށް ދައްކާލާފައި، ޓެސްޓުތައް ހަދާފައި ނަތީޖާ ހޯދައިގެންވެސް އެނބުރި ރަށަށް ދެވޭގޮތަށް، މިއަދު މިވަނީ ދަތުރުފަތުރުގެ ނިޒާމު ވަރަށް ރަނގަޅަށް ހަމަޖެހިފައި. ވަރަށް ސްމޫތުކޮށް، ފޯނުވެސް ޗާޖްކޮށްލެވޭ ގޮތަށް، އަރާމުކަމާއި ފަސޭހަކަމާއެކު ގޮނޑީގައި އިށީނދެ ތިބެގެން ދަތުރުކޮށްލެވޭގޮތަށް މިއަދު މިވަނީ އިންތިޒާމު ކުރެވިފައި. އާދެ، މިއީވެސް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވި ކަމެއް. އާދެ، ރާއްޖޭގެ އުތުރުގައި، ރަށްތަކުގައި، އަތޮޅުތަކުގައި އާރު.ޓީ.އެލް. މިހާރު ފެށިގެން ކުރިއަށް އެދަނީ. ހުއްޓުމެއްނެތި މުޅި ރާއްޖެއަށް އެކީގައި މި ކަންތައްތައް ފުޅާކޮށްލުމަށްޓަކައި، ފަތުރާލުމަށްޓަކައި އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. ﷲ އިރާދަކުރެއްވިއްޔާ، އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ މިކަމުގައި ޖެއްސެވި ހިސާބުވެސް، އެ ނިންމަވަން އޮތް ދުވަހަށް ނިންމައި، އޭގެ ފަސޭހަކަން ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެ.

އާދެ، އެނގިވަޑައިގަންނަވާނެ، މާލެއަކީ ވަރަށް ތޮއްޖެހި އަދި އުނޅަދުފަހަރު ވަރަށް ގިނަ ތަނެއް. އެ ވާހަކަ އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން. އެކަމަށްވެސް ޙައްލު ހޯދުމަށްޓަކައި، ފަސޭހަކުރުމަށްޓަކައި، ރައްޔިތުންނަށް ފަސޭހަވާނެ ކޮންމެ ކަމެއް، އެއީ މި ސަރުކާރުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާނެ ކަންކަން. ކޮންކަމެއް ކުރީމަތޯ ރައްޔިތުމީހާއަށް ފަސޭހަ މިވަނީ. ރައްޔިތުމީހާ ބޭނުންވަނީ ކޮންކަމެއްތޯ، ރައްޔިތުމީހާ ރަށަށް ބޭނުންވަނީ ކޮން ކަމެއްތޯ، އެކަމެއް ކޮންގޮތަކަށް ކުރީމަތޯ އެންމެ ރަނގަޅުވާނީ، އެއީ ޖައްސަވާ ހިސާބަކީ، އެއީ ބައްލަވާގޮތަކީ.

އެނގިވަޑައިގަންނަވާނެ، މާލޭގައި މިނީބަހުގެ ޚިދުމަތް ދުވާލަކު އެތައް ހާސް މީހުންނަށް އެބަ ދެވޭ. އަޅުގަނޑު އެމް.ޓީ.ސީ.ސީ.އާ ގުޅައިގެން، ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މީހުންގެ ޢަދަދު ބަލަމުންދިޔައީ. އެހެންވީމާ، މިހިރީ ފަސޭހަކަން. މިއަދު މިކަން މި ކުރެވެނީ، މިއަދު މި ކަންތައް މި ކުރެވެނީ ވިސްނުންތެރި، ރައްޔިތުންނަށް ފަސޭހަ ކަންތައްތައް ހޯއްދަވައިދެއްވުމުގެ ވިސްނުން ހުރި، ވިސްނުން ގެންގުޅުއްވާ ރައީސެއް މިއަދު ދިވެހިރާއްޖޭގައި ހުންނެވީތީ. އެފަދަ މީހަކަށް ނުވިނަމަ، އެފަދަ މީހެއް ނެތްނަމަ، އަޅުގަނޑަކަށް ނޭނގެ ދެން މިނީބަސް، ނޫނީ އާރު.ޓީ.އެލް. ލޯންޗުތައް ހުންނާނެ ކަމެއްވެސް. އެހެން ދަންނަވާކަށް ނޭނގެ. އެކަމަކު މި އެނގޭ ކަމަކީ، އެތައް ދުވަހެއް ވެގެންދިޔައިރުވެސް، ނުވެއޮތް ކަމެއް މިއަދު، ކޯވިޑުގެ ދަތި އުނދަގޫ ދުވަސްވަރުވެސް، އެ ހުރިހާ ކަންތައްތަކެއް ކުރަމުން، އިތުރު ކަންތައްތަކެއް ކޮށްފިކަން. އެއީ ފެންނަން އޮތް ޙަޤީޤަތަކީ.

އެހެންވީމާ، ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ވާހަކަ ހަމަ ދެއްކިދާނެ. އެއީ ނަންބަރު ޖަހައިގެން ދެއްކިޔަސް، ހައެއްކަ ގަޑިއިރުންވެސް ނިންމާނުލެވޭނެހާ ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ކައިރިން ބައްލަވަމުން، ރަނގަޅަށް ބައްލަވަމުން ކުރައްވައިފި.

އާދެ، އެނގިވަޑައިގަންނަވާނެ، އިރާދަކުރެއްވިއްޔާ މާލޭ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއެކު، ޢާއިލާއާ އެކީގައި ވަގުތު ހޭދަކޮށްލުމަށްޓަކައި، ހަފްތާ ބަންދުގައިވިޔަސް ވަގުތު ހޭދަކޮށްލުމަށްޓަކައި، ވަރަށް ހިތްގައިމު ރަށެއް މިތާ ކައިރީގައި ހަދައި މިހާރު އޮތީ ނިމިފައި. ދެން އަޅުގަނޑު ނިމިފައޭ މި ދަންނަވަނީ، އެތަނަށް އަޅުގަނޑު ކޮންމެ ހަފްތާއަކު ދާތީވެ. ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާ އެކީގައި. އެތަނަކީ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި ތައްޔާރުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވީ. ޚާއްޞަކޮށް ތުއްތުކުދިންނަށް، އަންހެން ބޭފުޅުންނަށް ފަސޭހަވާނޭގޮތަށް، އުމުރުން ދުވަސްވީ ބޭފުޅުންނަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެ ރަށުން ފަސޭހަކަން ލިބި، ހިތްހަމަޖެހޭ ވަގުތުކޮޅެއް ޢާއިލާއަށް ކޮންމެ ދިމާއަކުންވެސް ހޯދައިދިނުމަކީ އެއީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު. އެއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަންތައްތައް.

އެހެންވީމާ، މާގިނަ ދުވަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެ ރަށަށް ވަޑައިގެންނެވޭނެ. މިހާރު އޮތީ ނިމިފައި. ޝަރީފް ވިދާޅުވާނެ، އެހެންނޫންތޯ މިހާރު ނިމިފައޭ. ޝާހަކީވެސް ކޮންމެ ދުވަހަކު ވަޑައިގަންނަވާ ބޭފުޅެއް. މިހާރު އޮތީ ނިމިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އެތަން ފެނި އެތަނުގެ ފަސޭހަކަން، މާލޭ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ލިބިގެންދާނެ. ހަމަ ގާތްގަނޑަކަށް ރިޒޯޓެއްގައި ލިބޭކަހަލަ ޚިދުމަތްތަކެއް އެހެރީ ލިބެން ވަރަށް ނަލަކޮށް.

އަޅުގަނޑު ހަމަ އެ ވާހަކަ މި ދަންނަވާލީ އެއީ، އަޅުގަނޑުމެން މިހާރު މި ފާހަގަކުރަނީ ކުންފުންޏެއްގެ މުވައްޒަފުން، ވޭތުވެދިޔަ އަހަރު ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމަށްވާތީ. އެހެންވީމާ، ހީވާގި ރައީސެއް، ޙިކްމަތްތެރި ރައީސެއް، ރައްޔިތުންނަށް ހެޔޮއެދޭ، ރައްޔިތުންނަށްޓަކައި ހުރިހާ ކަމެއް، ހުރިހާ ވަގުތެއްގައި ކުރުމުގެ ޢަޒްމުގައި ހުންނެވި ރައީސެއް ކަންތައްތައް ކުރައްވަމުން ގެންދަވާ ވާހަކަ، އަޅުގަނޑަށް ހީވަނީ އަޅުގަނޑު ކަންނޭގެ އެންމެ ރަނގަޅު ވާނީ އެ ވާހަކަ ދައްކަން. އެންމެ ކައިރީ ހަމަގައިމުވެސް ހުރެވޭ މީހަކަށް އަޅުގަނޑު ވާނެ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިރޭ ތަންކޮޅެއް ދިގުވިނަމަވެސް އަޅުގަނޑު ޖެހޭނެއޭ މި ވާހަކަ ދަންނަވާލަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޚާއްޞަކޮށް ރާއްޖޭގެ ތަރައްޤީގައި މަސައްކަތްތައް ކުރައްވާ ފަރާތްތައް އަޅުގަނޑު ހަމަ ފާހަގަކޮށްލަން. ސަރުކާރު ޙިއްޞާވާ ކުންފުނިތައް، ސަރުކާރު ކުންފުނިތައް، ނަމޫނާ ކުންފުނިތަކެއްގެ ގޮތުގައި މިއަދު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބާރަށް، ވަރަށް ފޯރީގައި ކުރިއަށްދާއިރު، އާރު.ޑީ.ސީ.އިންވެސް އެ ކުރައްވާ މަސައްކަތްތައް ކުރައްވަމުން ހަމަ އެބަ ގެންދަވާ. އަޅުގަނޑުގެ ކުރިމަތިން ބައެއް މެނޭޖިންގ ޑައިރެކްޓަރުން، އަދި އިސްވެރިން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަމިއްލަ ފަރާތްތަކުން، އަމިއްލަ ކުންފުނިތަކުންވެސް ޤައުމުގެ ތަރައްޤީއަށާއި، ރައްޔިތުންނަށް ފަސޭހައާއި ލާބަ ހޯއްދަވައިދެއްވުމަށްޓަކައި އެ ކުރައްވާ އެންމެހައި މަސައްކަތްތައް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މި ސަރުކާރުން ގަބޫލުކުރަނީ ޤައުމެއް ކުރިއަރައިދަނީ، ޤައުމަކަށް ތަރައްޤީ ހާސިލު ކުރެވޭނީ، މީހުން ހިތްހަމަޖެހޭގޮތަކަށް ޤައުމެއްގެ ކަންތައްތައް ގެންދެވޭނީ އެކުގައި މަސައްކަތް ކުރެވިގެންކަން. އަޅުގަނޑުމެން މިއަދު އެބަޖެހޭ ވިޔާނުދާ ކަންތައްތަކުން، ވިޔާނުދާ ވާހަކަތައް ދެއްކުމުން ދުރަށްދާން.

އެނގިވަޑައިގަންނަވާނެ، ވަރަށް ނުދައްކަންޖެހޭ، ނުކުރަންޖެހޭ ކަހަލަ ކަންތައްތަކެއްވެސް ހުންނާނެ. އިއްޔެއާއި މިއަދުގެ ނޫސްތަކުންވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ކަނޑައެޅިގެން އަޅުގަނޑު އެގޮތަށް އެ ވާހަކަ ދަންނަވާކަށް ބޭނުމެއްވެސްނުވޭ. މިވެނި ކަމެއް ކުރަން، ކޮންމެވެސް އެއް ނަމެއްގައި، އެކަހަލަ ކަންތައް އަޞްލު ކޮށްގެނެއް ނުވާނެ. އެއީ، އަޅުގަނޑުމެންނަށް އެކުގައި މި އުޅެވެނީ ހަމަޖެހުން އަޅުގަނޑުމެންގެ ތެރޭގައި އޮވެގެން. ގެއްލުމެއް ދިނުމުގެ، މީހަކަށް އަނިޔާއެއް ދިނުމުގެ، އެއީކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ވިސްނޭ މީހުން، ވިސްނޭ އެއްވެސް މީހަކު ދައްކާނޭ ވާހަކައެއް ނޫން. ޤައުމަށް ލިބޭ ކޮންމެ ގެއްލުމަކީ، ރަށަކަށް ލިބޭ ކޮންމެ ގެއްލުމަކީ އެއީ، ދިވެހިންނަށް ލިބޭ ގެއްލުން. ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުން.

އެހެންވީމާ، އަބަދުވެސް ހެޔޮ ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ގޮވާލަންވާނެ. އެއީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަންގަވާފައިވާ ގޮތް. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަންގަވަނީ ހެޔޮ ކަންތައްތައް ކުރުމުގައި އެކަކު އަނެކަކަށް މަދަދުވެރިވާން، އެހީތެރިވާން، އެއްބާރުލުންދޭން. އެއްގޮތަކަށްވެސް ތަންތަން ހަލާކުކުރުމަށް، ތަންތަން ފަނާކުރުމާއި، މީހުންގެ ދުވަސް ދުއްވާލުމަކީ، އެއްވެސް ބަޔަކު، އެއްވެސް މުޖުތަމަޢެއްގައި، އެއްވެސް ޤައުމެއްގައި ކުރާނެ ކަންތައްތަކެއް ނޫން.

އެހެންވީމާ، އަޅުގަނޑު މިއަދު ޚާއްޞަކޮށް މިތަނުގައި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށް ދަންނަވާލަން، އިލްތިމާސް ކުރަން ބޭނުންވަނީ، އަދި ދިވެހި އެންމެހައި ރައްޔިތުންނަށް. އަޅުގަނޑުމެންގެ ޤައުމު ކުރިއަރައި ދިޔުމަށްޓަކައި، ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އެންމެން އަތުގުޅާލާފައި މަސައްކަތް ކުރަން އެބަޖެހެއޭ. އެއީ އަޅުގަނޑުމެންނަށްޓަކައި އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެންގެ ގާތް ތިމާގެ މީހުން، އަޅުގަނޑުމެންގެ ރައްޓެހިން، އަޅުގަނޑުމެންގެ އަވަށްޓެރިންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭ ކަމެއް. އާދެ، އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، ހުރިހާވެސް އުންމީދަކީ، މިގޮތަށް ކުރެވޭ މަސައްކަތްތަކުން އަޅުގަނޑުމެންނަށް އޭގެ ފައިދާތަކެއް ލިބި ކުރިއަރައިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ރާއްޖެއަށް ފަހި ދުވަސްތަކެއް، އުފާވެރި އުޖާލާ މުސްތަޤްބަލެއް ރާއްޖެއަށް މެދުވެރިކުރެއްވުން. އަޅުގަނޑުމެން އެންމެހައި ދިވެހިންނާއި، އެންމެހައި ރައްޔިތުންނަށް، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް އުފާފާގަތި ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.