بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މީލާދީ އައު އަހަރަކާ ބައްދަލުވުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއެކު، ހެޔޮ އެދުމާއި ތަހުނިޔާތައް އަރިސްކުރަމެވެ. އަދި ނިމިގެން ދިޔަ 2022 ވަނަ އަހަރަށް ވުރެ، މިއަދު މި ފެށުނު 2023 ވަނަ އަހަރަކީ، ހުރިހާ ގޮތަކުން ވެސް ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން ޙާޞިލުކުރެވޭނެ އަހަރެއް ކަމުގައި ލެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ނިމިގެން ދިޔަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުމެވެ. އިންސާނީ ޙައްޤުތައް ކުރިއަރުވައި، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވި، ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވުނެވެ. ހަމައެފަދައިން މިޖަޒީރާތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ އަންނަނީ ލިބެމުންނެވެ.

ކޯވިޑް-19ގެ ދަތިތަކުން އަރައިގަނެ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު އަޅުގަނޑުމެން ކަމަރު ބަންނަންވީ، ކޯވިޑްގެ ކުރިން އޮތް އިޤްތިޞާދީ ޙާލަތަށް ވުރެ ވެސް މާ ރަނގަޅު ޙާލަތަކަށް ރާއްޖޭގެ އިޤްތިޞާދު ގެންދިއުމަށެވެ. ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ކަމެކެވެ. ޤައުމީ ތަރައްޤީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް، އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެވެ.

ޤައުމީ ތަރައްޤީގެ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްދޭ މައިގަނޑު ބަހާއަކީ، ތަރައްޤީގެ މަސައްކަތްތަކަށް ފަހި މާޙައުލެއް މުޖްތަމަޢުގައި ޤާއިމުވެފައި އޮތުމެވެ. އެފަދަ މާޙައުލެއް ޤާއިމުވަނީ، މުޖްތަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުވެފައި އޮވެގެންނެވެ. އެހެންކަމުން، މި ފެށުނު އައު އަހަރުގެ ޢަޒުމެއްކަމުގައި އަޅުގަނޑުމެން ކޮންމެ މީހަކުމެ ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކުރުމެވެ. ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނުމެވެ. ޚިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ޤައުމީ މަޞްލަޙަތަށް ބުރޫ އެރިޔަނުދީ، ޞުލްޙައިގެ މަގު އިޚްތިޔާރު ކުރުމެވެ.

މިއަދު މި ފެށުނު އަހަރަކީ، ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ޙަޔާތުގައިވެސް މުހިންމު ޙަރަކާތްތަކަކަށް އަލިވިލުނު އަހަރެކެވެ. މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައިކަމުން، ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ޙަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާއެވެ. ހަމައެފަދައިން ޤައުމުގެ ސިޔާސީ އަދި އިޖްތިމާޢީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމެވެ.

ކުރިއަށް އޮތް އަހަރުދުވަހަކީ ވެސް، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމުގެ ހެޔޮ ނަސީބާއި ތައުފީޤު ލިބެނިވި ދުވަސްތަކެއްކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އެންމެހައި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި، މުޅި ރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށިއެވެ. މި ފެށުނު އަހަރުގެ ތެރޭގައި ވެސް، އެންމެހައި ދިވެހިންނަށް ފުރިހަމަ ޞިއްހަތާއި ޢާފިޔަތުގެ މަތިވެރި ނިޢުމަތް ދެއްވައި، ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރައްވައި، އުފާފާގަތިކަމުގައި ދިރިއުޅުން ވެއަތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން