بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލްޢަލީމް، ކައުންސިލްގެ ހުރިހާ މެންބަރުން، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސާއި، ހުރިހާ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން.

މިއަދުގެ މި ޙަފްލާގެ ހަނދާންތައް ގުޅިފައިވަނީ، މީގެ 18 އަހަރު ކުރިން، އާދެ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު، މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ.

އެއީ، ދުނިޔޭގެ ބައެއް ޤައުމުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި، ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ޙާލުގައި ޖެހުނު ހިތާމަވެރި ކާރިސާއެއް. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރެއިންވެސް 82 މީހަކު މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. މި ރަށުން އެކަނިވެސް، ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިން ހިމެނޭހެން، 16 މީހަކު މި ދުނިޔެ ދޫކުރި.

އެ ހިތާމަވެރި ކާރިސާގައި މި ދުނިޔެ ދޫކޮށް، މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅަށް ދަތުރުކުރި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހަނދާން އައުކޮށް، އެ އެންމެންގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރަން. އަދި އެ ބޭފުޅުންގެ ޢާއިލާތަކަށް މިއަދުވެސް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަޢުޒިޔާ ދަންނަވަން. އަދި އެ ޢާއިލާތަކަށް އެ ލިބުނު ފުން ހިތާމައިގައި ބައިވެރިވެ، އެ ހުރިހާ އެންމެންނަށް ސާބިތުކަމާއި، ކެތްތެރިކަން ދެއްވުން އެދި މާތް ﷲގެ ޙަޟްރަތަށް އަޅުގަނޑު ދުޢާކުރަން.

ސުނާމީގެ ލޮނުގަނޑު ރަށުތެރެއަށް ބަންޑުންކޮށްލި އެ ވަގުތަކީ، ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތުކޮޅެއް. އެއީ، ހިތާމައާއި ކަރުނައިގެ ދުވަހެއް. ރުއިމާއި ކެކުޅުމުގެ އަޑު ކެނޑިގެން ނުދިޔަ ދުވަހެއް.

މި ރަށުގައި ހުރެ މ ވާހަކަ ދައްކާއިރު، މި ރަށުގެ ރައްޔިތުންނަށް ކުރާނެ އަސަރާއި، ލިބޭނެ ހިތްދަތިކަން އަޅުގަނޑަށް އިޙްސާސް ކުރެވޭ. މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ސްކޫލްގެ ޕްރިންސިޕަލް ޙަސަން މާހިރު، އެ ދުވަހުގެ އިޙްސާސްތައް ކޮންމެވެސްވަރަކަށް އެ ހާމަކޮށްދެއްވީ.

އެ ދުވަހުގެ އެ އިޙްސާސްތަކަކީ، މިއަދު މިތާ ތިބެ އެހާ ފަސޭހައިން އަޅުގަނޑުމެން އެކަކަށްވެސް ހިތަށްގެނެވޭވަރަށްވުރެ ހިތާމަވެރި، ދަތި ކަންތައްތަކެއް. އެހެން އަޅުގަނޑު މި ދެންނެވީ، އެ ދުވަހުގެ އެ އިޙްސާސްތަކަކީ، ސީދާ އަޅުގަނޑުވެސް ލޮލުން ދެކިފައިވާ ކަމަކަށްވާތީ. ކަން ދިމާކުރި ގޮތުން، އަޅުގަނޑަށްވެސް އެ ދުވަހު ހުރެވުނީ ޢާއިލާއާ އެކުގައި އަޅުގަނޑުގެ އުފަން ރަށުގައި. ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފައިބައިގެން ދިޔައިރުގައި، މުޅި ރަށް އޮޔައިގެން އެދިޔަގޮތް އެއީ، އެ ދުވަހު އެތާހުރި މީހަކަށް ނޫނީވިއްޔާ އިޙްސާސް ކުރެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި، މުޅި ޢާއިލާ އެ ދުވަހު ތިބީ ރަށުގައި. އަޅުގަނޑުގެ ދޮށީ ދަރިފުޅު 9 އަހަރުގެ ސާރާ އިނީ ގޭ ކުރިމަތީގައި ހުރި ގަހެއްގައި. 7 އަހަރުގެ ފިރިހެން ދަރިފުޅު ހުރީ ފާރެއްގެ މަތީގައި. މަންމައާއި ހުރިހާ ކޮއްކޮއިން ރަށުގައި ތިބީ. މުޅި ޢާއިލާ އެކީގައި އޮތް. އަޅުގަނޑު ހިތުން ކޮޅުފުށްޓަށް އެދުވަހު އެ ވެގެންދިޔަގޮތް އެއީ، އަދި އަޅުގަނޑުމި ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި، މާބިރުވެރި، މާ ދަތި ދުވަހެއް.

އާދެ، އެ ދުވަހަކީ އެތައް ބައެއްގެ ދިރިއުޅުން ބިމާ ހަމަކޮށްލި ހިތާމަވެރިވެސް ދުވަހެއް. އެހެން ނަމަވެސް، އެ ހިތާމައާއި އެ ހިތްދަތިކަމުގެ މައްޗަށް ހިތްވަރާއި ސާބިތުކަން އަޅުގަނޑުމެންނަށް އެ ދުވަހު ލިބުނީ، މާތް ﷲގެ ދީލަތިވަންކަމާއި އޯގާވަންތަކަމާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް، ވަރުގަދަ އީމާންތެރިކަމުން. އެ ވަރުގަދަ އީމާންތެރިކަމާއެކު، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަން.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އެދުވަހުގެ ހިތާމައާއި ކެކުޅުންތަކުން އަރައިގަތުމުގައި، އެންމެހައި ދިވެހިން ސާބިތުކޮށްދިން އެއްބައިވަންތަކަން. ސުނާމީގައި އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމުގައި ވެސް، އަދި ވީރާނާވެގެންދިޔަ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި ވެސް، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ވަސީލަތަކަށްވީ، ދިވެހިންގެ އެއްބައިވަންތަކަން. އެ ދުވަހު އަޅުގަނޑުމެން ސާބިތުކޮށްދިނީ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން، ކިތަންމެ ބޮޑު ގޮންޖެހުމެއް ވެސް ހުރަސްކުރެވިދާނެކަން.

މީހުން ދިރިނުއުޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވެގެންދިޔަ. އަދި ވަރަށް ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނު. އެހެން ނަމަވެސް، އެ ހިތާމަތައް ތަޙައްމަލުކުރުމުގަޔާއި،އެ ދަތިތައް ފޫބެއްދުމަށް ކުރި މަސައްކަތުގައި، ގެއްލުން ލިބުނު ރަށަކާއި ގެއްލުން ނުލިބޭ ރަށަކާ ދެމެދު ތަފާތެއް ނެތް. ކޮންމެ ބަޔަކުވެސް އެ ބަޔަކަށް ވީވަރަކުން، އެ ބައެއްގެ ކެރިފޯރުންތެރިކަން ހުރިވަރަކުން، އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ. ސުނާމީގެ ފުރަތަމަ ވަގުތުން ފެށިގެން ޢާންމު ރައްޔިތުންނަށް އެހީތެރިވުމުގައި، ސަލާމަތީ ޚިދުމަތްތަކާއި ދިފާޢީ ބާރުގެ ފަރާތުން އެ ދެއްކެވި ހިތްވަރާއި، ކުރި ބުރަ މަސައްކަތް، ދިވެހި ތާރީޚުގައި ތާއަބަދަށް ފެވިގެންދާނެ. ރާއްޖޭގެ ވިޔަފާރިވެރިންނާއި ފުދުންތެރިން އަދި ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލުންވެސް އަޅުގަނޑު މިއަދުވެސް ފާހަގަކުރަން.

ސުނާމީއާ ގުޅިގެން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި، ޙާލުގައި ޖެހުނު މީހުންގެ މެދުގައި ހިނގައިދިޔަ ފަދަ ހަމަނުޖެހުންތަކެއް، އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ތެރެއަކު ނުހިނގާ. އެއީ، ހަމަ އެންމެ ސަބަބަކާ ހެދި. އެއީ، ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، އަޅުގަނޑުމެން ދެއްކި އެއްބައިވަންތަކަން.

ސުނާމީ ފަދަ ކާރިސާތަކަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކާ މެދު އަޅުގަނޑުމެން އިތުރަށް ސަމާލުވުމަށް ހަނދާންކޮށްދޭ ކަމެއް. ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެސް ތިމާވެށީގެ ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަ ކުރިމަތިވޭ. އެ ގޮންޖެހުންތައް ހުރަސްކުރުމަށްޓަކައި، ރާއްޖޭގެ މާޙައުލީ ނިޒާމު ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް މިއަދު މިވަނީ ދޭން ޖެހިފައި.

ދިވެހިންގެ އެއްބައިވަންކަމުގެ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ، ކުރިންވެސް ދެންނެވި ފަދައިން، ސުނާމީ ކާރިސާގެ ދުވަހާ ގުޅުވައިގެން. ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖެއަށް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހެއް. އެއްބައިވަންތަކަމަށް ބޭނުންވާ ދުވަހެއް. އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަންޖެހޭވެސް ދުވަހެއް.

އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މި މަޤާމުގައި މިހާތަނަށް މި ހޭދަކުރި 1501 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރި ދުވަހެއް. ރައްޔިތުންނަށް ޚިދުމަތް ކުރަން ނުކުތްއިރު، އަޅުގަނޑުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއް ކަމަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަޖެހުމާއި ޞުލްޙަޔާއި އެއްބައިވަންތަކަން ގެއްލި، ބައިބައިވެފައި އޮތް އޮތުން. ސިޔާސީ ބޭނުންތަކަށްޓަކައި ވަކި ބަޔަކު ގަސްދުގައި ދިޔައީ ހަމަޖެހުން ނަގައިލަމުން.

އަޅުގަނޑަށް ވިސްނުނީ، އެންމެ ފުރަތަމަ އަޅުގަނޑު ކުރަންޖެހޭނެ ކަމަކީ، މުޖްތަމަޢުގައި ޞުލްޙަވެރިކަން ޤާއިމުކުރުމޭ. އަދި ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު، ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުމޭ. އެއްބައިވަންތަކުރެވޭނީ، ޚިދުމަތް ދިނުމުގައި، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަކަން ޤާއިމުކޮށްގެން. އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތުނުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން.

ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު އަޅުގަނޑުމެން ފެށީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ޚިދުމަތް ޤާއިމުކޮށްދޭން. ލަފާފުރުމުގެ މައްސަލަ ޙައްލުކުރުމަށް ބަނދަރުތައް މި ހަދަނީވެސް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން. އަތޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ފުރިހަމަކުރަމުން މި އަންނަނީވެސް މުޅި ރާއްޖޭގައި އެ ޚިދުމަތް ދޭން.

މި ރަށުގައިވެސް އަދި މި އަތޮޅުގެ ހުރިހާ ރަށެއްގައިވެސް، މި ދެންނެވި ޚިދުމަތްތައް ފުރިހަމަކުރުމުގެ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މިހާރު ކުރިއަށް އެބަދޭ. މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް ޢިމްރާން ޢަބްދުﷲ، މި ރަށުގެ ދަރިއެއްގެ ހައިސިއްޔަތުން ދެންމެ އެ ކުރެއްވި އިލްތިމާސް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. ސުނާމީގެ ކުރިން މިރަށް އޮތްގޮތާއި، އެއަށްފަހު، މި ރަށަށް އައި ބަދަލުތަކުގެ ވާހަކަ އެ ވިދާޅުވެދެއްވީ، ހަމަ ކަން އޮތްގޮތަށް.

އަޅުގަނޑު މިނިސްޓަރ ޢިމްރާނަށާއި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން މިއަދު ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިނިސްޓަރ އެ ވިދާޅުވިގޮތަށް، މި ރަށަކީ ކުރީގައި އޮތް ކޮޅުފުށްޓަށް ބަދަލުކުރުމަށްޓަކައި އަދި އެއަށްވުރެ ރަނގަޅަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް މި ރަށަށް ކޮށްދޭނެ ކަމުގެ ޔަޤީންކަން.

އެގޮތުން، މި ރަށުގެ ބޯފެނުގެ ނިޒާމު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް އެދަނީ ކުރިއަށް. އިންޖީނުގޭގެ މަސައްކަތްވެސް ފެނަކައިން ކުރިއަށް އެބަގެންދޭ. މި ރަށު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ، މި ފެށޭ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން ފަށައިގަންނާނަން. މި ސްކޫލްގެ މި ހޯލަކީވެސް މިއަދު މި އަލަށް ބޭނުންކުރެވޭއިރުގައި، މިއީވެސް މި ރަށަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއްކަން އަޅުގަނޑު ފާހަގަކުރަން.

މި ރަށުގައި ޤާއިމުކުރާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް، މިދިޔަ މަހު މެދުކަނޑާލަން އަޅުގަނޑުމެންނަށް ޖެހުނީ، މަސައްކަތް ހަވާލުކުރި ފަރާތުން އެކަމުގައި ކުރިއަށް ނުދެވިގެން، ކޮންޓްރެކްޓް ބާޠިލްކުރަން ޖެހުމުން. އެހެން ނަމަވެސް، އެ މަސައްކަތް އަޅުގަނޑުމެން ހުއްޓައެއްނުލާނަން. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެހެން ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. ލަސްތަކެއްނުވެ އެ މަސައްކަތް ފަށައި، މި ރަށަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަޅުގަނޑުމެން ވަރަށް އަވަހަށް ޙައްލެއް ގެނެސްދޭނަން.

މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ، މި ދެންނެވި އަސާސީ ހުރިހާ ޚިދުމަތެއް، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހި ރައްޔިތުންނަކީ ޞުލްޙަޔާއި ހަމަޖެހުމަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވައި، ދިވެހިންނަށް ކުރިއެރުމާއި، ތަނަވަސްކަމާއި ނަޞްރާއި ނަޞީބު މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.