ކޯޕަންހޭގަންގައި ކުރިއަށްދާ މޫސުމާބެހޭ ވާހަކަތަކަށް މިވަގުތު އެޅިފައިވާ ހުރަސްތައް ނައްތާލައި، ވާހަކަތައް ހުއްޓުމަކަށް އަޔަނުދީ ކުރިއަށް ގެންދިޔުމުގައި، ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މި ޤައުމުތަކުގެ ވެރިންނަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިހާރު ކޯޕަންހޭގަންގައި ހިނގަމުންދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިންގެ ސެގްމެންޓްގައި މިރޭ ތަޤްރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ކިޔޯޓޯ ޕްރޮޓޮކޯލްގެ ސަބަބުން ދުނިޔޭގެ ޤައުމުތައް ދެބަޔަކަށް ބެހިގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ކުރަންޖެހިފައިވާ މަސައްކަތަކީ، ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާމެދު އުފެދިފައިވާ ދެކޮޅުވެރިކަން ޙައްލުކޮށް، ޖައްވަށް ދޫކުރެވޭ ކަރބަންގެ މިންވަރު ދަށް ކުރުމާއެކު، ތަރައްޤީވުމުގެ ތަޞައްވުރާ ދިމާއަށް ޤައުމުތައް އެކުގައި މިޞްރާބު ޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖައްވަށް ދޫކުރާ ކަރބަންގެ މިންވަރު ދަށްކުރުމަށް ތަރައްޤީ ވެފައިވާ ޤައުމުތަކުން ހުށަހަޅާފައިވާ ނިސްބަތް މަތިކޮށް، އެ ހުރިހާ ޤައުމުތައް ގުޅިގެން، 2020 ވަނަ އަހަރުގެ ކުރިން މި ނިސްބަތް 20 އިން ސައްތައަށް މަތި ކުރުމަށާއި، އަދި 2050 ވަނަ އަހަރު އަންނަންވާއިރަށް މި ޤައުމުތަކުން ބޭރުކުރާ ކަރބަންގެ މިންވަރު 95 އިން ސައްތައަށް ތިރިކުރުމަށް ލަނޑުދަނޑިއެއް ކަނޑަ އެޅުމަށްވެސް އެ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ނާޒުކު ޤައުމުތަކުގެ ސަލާމަތާއި ދެމިއޮތުމަށްޓަކައި، ޖައްވު ހޫނުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށާއި، ޖައްވުގައި ކަރބަން އެކުލެވޭ މިންވަރު 350 ޕާޓްސް ޕަރ މިލިއަނަށް ދަށްކުރުމަށް ދުނިޔޭގެ ޤައުމުތަކުން އެއްބަސްވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، މިކަންތައްތައް ޙާޞިލު ކުރުމުގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް އަދާކުރަންޖެހޭ ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ބައްލަވާލެއްވިއެވެ. ތަރައްޤީވެފައިވާ ޤައުމުތަކުން މާޒީގައި ޖައްވަށް ދޫކުރި ވިހަ ގޭސްތަކުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ކުރިމަތިވެފައިވާތީ، އެކަމުގެ ބަދަލުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް ހަމަ އެގޮތަށް ޢަމަލުކުރުމުން މި މައްސަލަ ޙައްލުނުވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރު ކުރިއަށް ގެންދަވަމުން، ޚާއްޞަ ގޮތެއްގައި، ޗައިނާއިން މިކަމުގައި ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ގޮވާލެއްވިއެވެ. ޗައިނާއިން، އެޤައުމުގެ ސިޔާސަތު ބަދަލުކުރުމަކީ، އެހެން ޤައުމުތަކުންވެސް ތަބާވާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޗައިނާ އާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ދޫކުރާ ޤައުމުތަކުން، އެ ޤައުމުތަކުން މިހާރު ބޭރުކުރާ މިންވަރަށްވުރެ 30 ޕަރސެންޓް، 2020 ވަނަ އަހަރުގެ ކުރިން ދަށް ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މިންގަނޑަކުން މިނޭނެ އެކަށީގެންވާ ފިޔަވަޅުތަކެއް އެކުލަވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި އެޤައުމުތަކަށް ބާރު އެޅުއްވިއެވެ.