بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގައި މާމެންދޫ ތަމްސީލު ކުރައްވާ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޔަޢުޤޫބް ޢަބްދުﷲ، ވިލިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު، މާމެންދޫ ކައުންސިލްގެ ރައީސް، ކައުންސިލަރުން، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ހީވާގި ބޭފުޅުން، ކުންފުނިތަކުގެ ސީ.އޯ.އިން، އަދި ޚާއްޞަކޮށް، މިއަދު މި އިންޖީނުގެ ހުޅުވުމުގައި ޢަމަލީ މަސައްކަތް ކޮށްދެއްވި ފެނަކައިގެ އެމް.ޑީ. އަދި ފެނަކައިގެ ޓީމު، ހާޒިރުވެވަޑައިގެން ތިއްބެވި މާމެންދޫގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއަދުގެ ހެނދުނު އަޅުގަނޑުމެން ނިލަންދުއަށް ދިޔައިން. ނިލަންދޫގައިވެސް ޒަމާންތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފެއް، ކަރަންޓުގެ ޚިދުމަތް ލިބުމުގައި އޮތް ދަތި އުނދަގޫ. އެހެން ނަމަވެސް، ފެނަކައިން ކުރަމުން އެ އަންނަ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޚިދުމަތް ކަށަވަރު ކުރުމަށްޓަކައި ކުރަމުން އެ އަންނަ މަސައްކަތުގެ ތެރެއިން ނިލަންދޫގެ އިންޖީނުގެވެސް 22 އަހަރަށްފަހު މިވަނީ މުޅިން އާ އިންޖީނުގެއަކަށް ބަދަލުކޮށްލާފައި.
މިހާރު އަނެއްކާވެސް އަޅުގަނޑުމެން ހުއްޓި މިތިބީ މާމެންދޫގައި ހުރި އިންޖީނުގެ، ކަރަންޓުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ފެނަކައިން ކުރި މަސައްކަތް އިފްތިތާޙް ކުރުމަށް. އަޅުގަނޑުގެ ވާތްފަރާތުން މިއަދު ފެންނަން އެހުރީ، 23 އަހަރުވީ މި ރަށުގެ އިންޖީނުގެ. މިއޮތް ކަނާތްފަރާތުން ފެންނަން މިހުރީ މި އަންނަ ބޮޑު ބަދަލު.
މާމެންދޫގެވެސް ކަރަންޓް ތަޢާރުފްވެގެން އައީ، ރާއްޖޭގެ ގިނަ ރަށްރަށުގައި މިކަން ތަޢާރުފްވެގެން އައިގޮތަށް. ރަށުގައި ހުރި ކޮންމެވެސް ފުދުންތެރި ވިޔަފާރިވެރިޔަކު، އޭނާގެ މަސައްކަތް ކުރުމަށާއި، ރައްޔިތުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި، އަމިއްލަ ކަމެއްގެ ގޮތުގައި، ރަށްރަށުގައި ފެށިގެން އައިގޮތަށް މި ރަށުގައިވެސް މިކަން ފެށިގެން އައީ، 5 ކިލޯ ވޮޓުގެ ޖަނަރޭޓަރަކުން. އެހެން ނަމަވެސް، މިއަދު މި ހުޅުވޭ ފެނަކައިގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ، ދެންމެ ތަޢާރުފްގައި އެ ވިދާޅުވި ފަދައިން، 1.4، 1400 ކިލޯ ވޮޓުގެ ކެޕޭސިޓީ ހުރި އިންޖީނުގެއެއް.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ނުފުދިހުރި އަސާސީ އެތައް ބޭނުންތަކެއް ހުރި. އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށްވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. ހިފެހެއްޓިފައި ހުރި ބަސް ބުނުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤު ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު، އެ ކިޔާ ފާޑުކިޔުންތައް އަޑުއަހައި، ރައްޔިތުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. މިކަމުގައި އެއްވެސް ރައްޔިތަކު ބާކީނުކޮށް ކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް، ޤާނޫނުއަސާސީގައި ލިޔެފައި އެބައޮތް. އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، އެމީހަކު ދިރިއުޅޭ ރަށެއް، ކުޑައެއް، ބޮޑެއް އަޅުގަނޑުމެން ބެލުމެއްނެތި، ރައްޔިތުންނަށް އެ ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެށި ދަތުރު އިރާދަކުރެއްވިއްޔާ މިއަދު މިދަނީ ކާމިޔާބުވަމުން.
ރާއްޖޭގެ ވެރިކަމާ އަޅުގަނޑު ހަވާލުވެ، އެއް ހަފްތާ ނުވަނީވެސް، އެންމެ ފުރަތަމަވެސް އަޅުގަނޑަށް ޙައްލުކުރަންޖެހުނު އެއްކަމަކީ، ކަރަންޓުގެ މައްސަލަ. ނ. އަތޮޅު ހެނބަދޫގެ ރައްޔިތުން އިންޖީނުގެދޮށަށް ނުކުމެ މުޒާހަރާކުރި. ކަރަންޓުގެ ޝަކުވާއަކާ އެކީގައި. އަޅުގަނޑަށް އެ ދުވަހު އިޙްސާސް ކުރެވުނު، މިއީ ހަމަގައިމުވެސް ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި އެތައް ރަށަކުން އަންނާނެ ޝަކުވާއެއް ކަމުގައި. ސަޢީދަށް އަޅުގަނޑު އެ ދުވަހުވެސް ގުޅިން. އަޅުގަނޑު އެންމެ ފުރަތަމަ ޢައްޔަންކުރި އެއް އެމް.ޑީ. ސަޢީދަކީ. މިކަމަށް ޙައްލު ހޯދަން އެބަޖެހެއޭ. އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރުގައި، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ނުލިބޭ އެއްވެސް ރަށެއް އޮވެގެން ނުވާނެއޭ. އަޅުގަނޑުމެންނަށް މިކަން ކޮށްދޭންވާނެއޭ. އިރާދަކުރެއްވިއްޔާ، ފެނަކައިގެ އެމް.ޑީ.އާއި ޓީމާއެކު އަޅުގަނޑުމެން މިގެންދަނީ މިކަން ފުރިހަމަކުރަމުން.
ރާއްޖޭގެ ރަށްތަކުގައި މި ޤާއިމްކުރާ އިންޖީނުގެތަކުގެ ކެޕޭސިޓީއާ އެކުގައި، ކުރިއަށް މިއޮތް 50 އަހަރަށް އިރާދަކުރެއްވިއްޔާ، ދަތިކަމެއްނެތި އިންޖީނުގެތަކުން ކަރަންޓް ދިނުމުގެ ކެޕޭސިޓީ ހުންނާނެ. ރައްޔިތުން ނުޖެހޭނެ، މާބޮޑު ޝަކުވާތަކެއް މިކަމުގައި ކުރާކަށެއް. އެހެނެއް ނޫން، ފަހަރެއްގައި ދޭތެރެއަކުން ކަރަންޓް ކެނޑިދާނެ. އެއީ، މިކަހަލަ ޓެކްނޯލޮޖީގައި، އިންޖީނުތަކުގައި ދިމާވާ ކަމެއް. އެހެން ނަމަވެސް، ބޮޑު ބަދަލެއް ގެނެސް، މުޅި އިންޖީނުގެ ބަދަލުކުރަން ނުޖެހި، 50 އަހަރަށް އިރާދަކުރެއްވިއްޔާ މިކަން ދެމެހެއްޓޭނެ.
ހަމަގައިމުވެސް އަޅުގަނޑުމެންގެ ފަހުން، މީގެފަހުން ވެރިކަމަށް އަންނަން ތިބި ބަޔަކު، އެއީ، 2028 ކަމަށްވިޔަސް، އަދި 2032 ކަމަށްވިޔަސް، އެހިސާބުން ފެށިގެން އަންނަ ބަޔަކަށްވެސް މިކަމަކާ ދޭތެރޭގައި ދެން ވިސްނާކަށް ނުޖެހޭނެ. މުޅިން އެހެން ކަމެއް އެބޭފުޅުން ވިސްނަންޖެހޭނީ. އަޅުގަނޑުމެންގެ ޕްލޭންތައް ރާވައިގެން މިގެންދަނީ ވަރަށްދުރަށް ވިސްނައިގެން.
މާމެންދޫގެ އިންޖީނުގެ ބަދަލުކުރުމަށް ސަޢީދުމެން ކުރަމުންގެންދިޔަ މަސައްކަތުގެ ވީޑިއޯއެއް ފެނިގެން އެދިޔައީ. އޭރު ރައްޔިތުންނަކަށް ގަބޫލެއްނުކުރެވޭ، ސަރުކާރަށް މިހެން މިކަން ކުރެވިދާނެ ކަމަކަށް. އެހެން ނަމަވެސް، ދުރާލާ ޕްލޭން ކުރެވިގެން ކަންތައް ކުރީމާ، މަންޒަރު ބަދަލުވެގެންދާތަން މިއަދު ފެނިގެން މިދަނީ.
މިގޮތުން، ރާއްޖޭގެ 144 ރަށަކަށް އަޅުގަނޑުމެންނަށް މިހާރުވަނީ އިންޖީނު ފޯރުކޮށްދެވިފައި. މުޅިއެކު އެކި ރަށްރަށަށް 313 އިންޖީނު ފޯރުކޮށްދެވިއްޖެ. ކޭބަލް ނެޓްވަރކް، 137 ރަށުގައި އަލަށް ޤާއިމްކޮށްދެވިއްޖެ. 46 ރަށުގެ ފެނަކަ އޮފީސް މުޅިން ނިމިއްޖެ. 64 ރަށުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އިތުރު 36 ރަށުގެ މަސައްކަތް، ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މުޅިއެކު ޖުމްލަ 146 ރަށުގެ އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ތަރައްޤީކޮށް އިރާދަކުރެއްވިއްޔާ، މި ފަސް އަހަރު ނިމޭއިރު އޮންނާނީ މުޅިން ނިމިފައި.
ރާއްޖެއަކީ މީގެ ފަނަރަވަރަކަށް އަހަރު ކުރިއަށް ބަލާއިރުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމު. އެހެން ނަމަވެސް، މީގެ 14 އަހަރު ކުރިން، ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމުގެ ތެރެއިން މިޑްލް އިންކަމް ޤައުމަކަށް ބަދަލުވެއްޖެ. ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން ރާއްޖެ މިވަނީ ލީސްޓް ޑިވެލޮޕް ކަންޓްރީއަކުން މިޑްލް އިންކަމް ކަންޓްރީއަކަށް ބަދަލުވެފައި. އެހެން ނަމަވެސް، އެއައި ބަދަލާއެކު، ދައުލަތަށް އެ ލިބެމުންދިޔަ އާމްދަނީއާއެކުގައި، އޭގެ ނަފައެއް ރައްޔިތުންނަކަށް ނުލިބޭ. އޭރު އެ ސަރުކާރުތަކުން ރައްޔިތުންނާ ދޭތެރެއަކު، މި ޚިދުމަތްތައް ދިނުމާ ދޭތެރެއަކު ވިސްނާފައެއް ނެތް. އެހެންނަމަ، 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައިސް، ރަށްރަށުގައި ފެނާއި ނަރުދަމާ އަޅާކަށްނުޖެހުނީސް. ކަރަންޓް ކެނޑިގެން އިންޖީނު ފޮނުވާކަށް ނުޖެހުނީސް. ރަށްރަށުގެ ބަނދަރުތައް ހަދާކަށް ނުޖެހުނީސް. މިކަންތައްތައް ހުންނާނީ ވެ ނިމިފައި.
އެހެން ނަމަވެސް، 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައިސް ކުރަން މިޖެހުނީ، އެހެން ޤައުމުތަކުގައި މީގެ 100 އަހަރު ކުރިން ކުރަން ފަށާފައި ހުރި ކަންތައްތައް. މަގުތައް ހެދުން، ފެނާއި، ސާފު ބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުން. ދަތުރުފަތުރު ރަނގަޅަށް ކުރެވޭނެ ގޮތެއް ހެދުން. މިއީކީއެއް އަޅުގަނޑު މި ދެންނެވިހެން ދައުލަތަށް އޭރު ލިބެމުންދިޔަ އާމްދަނީއާ ބަލާއިރުގައި ނުކުރެވޭނެ ކަންތައްތަކެއް ނޫން. ރަނގަޅު ޕްލޭނެއް ނެތި، އެކަމާ ދޭތެރޭގައި، ރައްޔިތުންނާ ދޭތެރޭގައި ވިސްނުމެއް ނުގެންގުޅުނީމަ ވެފައި އޮތް ގޮތެއް މިއީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑު މި ދެންނެވި ގޮތަށް ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޙައްޤުތައް ކަށަވަރުކޮށްދިނުން އެއީ، އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ފެށި މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ފުރިހަމަކުރަމުން.
ދެންމެ އަޅުގަނޑުމެން މި ތަޢާރުފްކުރީ ސްމާޓް މީޓަރު. އޭގެ ބޭނުމަކީ، މި ޚިދުމަތް ލިބޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އަނެއްކާވެސް ހޯދައިދިނުން. ފެނަކައަކުން ދެނެއް މީޓަރުގެ ރީޑިންގ ނަގާކަށް ގޭގެޔަކަށް ދާކަށް ނުޖެހޭނެ. އަދި ގޭގެ ވެރިމީހާއަށް، އެ ފޯނަށް އެޕްލިކޭޝަން އެޅުމުން، ބޭނުންކުރެވިފައި ހުރި ރީޑިންގ، ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ބަރާބަރަށް ފެންނާނެ. ބިލްތައް އަޕްޑޭޓްވަމުންދާނެ. ޚަރަދު މާބޮޑުވާ ކަމަށްވަންޏާ، ކަރަންޓް ބޭނުންކުރުން ކޮންޓްރޯލް ކުރެވޭނެ. ތިމާ ކަނޑައަޅާފައި އޮތް ބަޖެޓުގެ ތެރޭގައި، ތިމާއަށް ހިފަހައްޓައިގެން މަސްދުވަސް ނިންމާލެވޭނެ. ޒަމާނީ ޓެކްނޯލޮޖީއާއި، އާ އީޖާދުތަކާއި ވިސްނުން، ފެނަކައިގެ މަސައްކަތްތަކުގެ ތެރެއަށް ގެނެސްދިނުމުގައި، ސަޢީދާއި ޓީމު އެ ކުރައްވާ މަސައްކަތަށް އަޅުގަނޑު ސާބަސް ރައްދުކުރަން.
މާމެންދޫގައި އެބަހުރި އަދިވެސް އަޅުގަނޑުމެން ކުރަންޖެހޭ ބައިވަރު ކަންތައްތައް. ކައުންސިލާ އެކުގައި އަޅުގަނޑުމެން މީގެކުރިން ބައްދަލުކޮށްފިން، ޑަބްލިޔޫ.ޑީ.ސީ.ވެސް ހިމެނޭގޮތަށް. އަޅުގަނޑުމެންނަށް ހުށަހަޅާފައި ހުރި ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހުށަހެޅީ، ރަށް ގިރުމުގެ މައްސަލަ. ރަށް ގިރަމުން ގޮސް، އެހިސާބުގައި ދިރިއުޅޭ މީހުންނަށް، ގެދޮރުތަކަށް އޭގެ ގެއްލުންވާ ހިސާބަށް ގޮސްފައި އޮތް ވާހަކަ ވިދާޅުވީ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ފެށޭއިރުގައި، މި ރަށުގެ ރަށްގިރުން ޙައްލުކުރުމަށްޓަކައި ބަޖެޓުގެ ތެރެއިން އެ މަސައްކަތް ފަށައިދޭނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.
ހުޅިމެންދޫ، މި ރަށުގެ އިޚްތިޞާޞަށް، ނޫނީވިއްޔާ ބޭނުންކުރެވޭގޮތަށް ހަދައިދިނުން އެއީ މިއަދުގެ ކައުންސިލްގެ ބައްދަލުވުމުގައ ދެކެވުނު ވާހަކައެއް. އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، އެ ރަށް އޮތީ ރިޒޯޓެއް ހަދަން ބަޔަކަށް ދީފައި. އެހެންވީމާ، އަޅުގަނޑުމެންނަށް އޭރު ޖެހުނު، އެ އިންވެސްޓަރަށް އެކަން ކުރެވޭގޮތް ހަދައިދޭން. އެހެން ނަމަވެސް، މިރަށާ އެހާ ކައިރީގައި، ޖެހިގެން އޮތް އަނެއް ރިޒޯޓާ ހަމަ، ޖެހި ފިތިފައި އޮތުމުން، އެ ރަށުގައި އިންވެސްޓް ކުރަން ތިބި ފަރާތްތަކަށް އެކަން ކުރުމަށް ދަތިވެ ހުށަހެޅުމުން، އަޅުގަނޑުމެން މިހާރު ވާނީ އެ ރަށް ނަގާފައި. މިއަދުގެ ވާހަކައިގައި، ކައުންސިލާ އެކީގައި ވާހަކަ ދެއްކުނުގޮތަށް، އެ ރަށް ބެލެހެއްޓުމަށް އަޅުގަނޑުމެން ފުރަތަމަ ކައުންސިލާ ހަވާލުކުރާނަން. އަދި އެއަށްފަހުގައި، ގަވާއިދުގެ ތެރެއިން، ޤާނޫނުގެ ތެރެއިން އިޚްތިޞާޞްގެ ތެރެއަށް އެކަން ލެވެންއޮތް ކަމަށްވަންޏާ، އަޅުގަނޑުމެން އެކަން ކުރިއަށް ގެންގޮސްދޭނަން.
ކުނީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނު. 2023 ވަނަ އަހަރުގެ ބަޖެޓުގައި، މި ރަށުގެ ކުނީގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް ހިމެނިފައި އޮންނާނެ. އިރާދަކުރެއްވިއްޔާ، އެ މަސައްކަތްވެސް މި ރަށުގައި މި އަންނަ އަހަރު ފެށިގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.
މި ރަށަކީ، އެކިއެކި ސަބަބުތަކާހުރެ ފުލުހުންގެ ޕްރެސެންސް، ޚިދުމަތް ފުޅާކުރަން ޖެހިފައި އޮތް ރަށެއް ކަމަށް ކައުންސިލްގެ ފަރާތުން އަޅުގަނޑަށް ހުށަހެޅި. ކައުންސިލުން އެ އެދިވަޑައިގަންނަވާ ގޮތަށް، އެ ޢަދަދަށް އިރާދަކުރެއްވިއްޔާ މި ރަށުގައި އަބަދުވެސް ފުލުހުން ތިބޭގޮތް އަޅުގަނޑުމެން ހަދައިދޭނެ ވާހަކަވެސް ދަންނަވަން.
އޭގެ އިތުރުންވެސް، ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލަކާއި، ހަތަރު ކްލާސްރޫމް އިތުރުކޮށްދިނުމަށް އެދި ހުށަހެޅިފައި އޮތް.
އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތް، 24 ގަޑިއިރަށް ބަދަލުކޮށްދިނުމަށް އެބައޮތް ހުށަހަޅާފައި. އަޅުގަނޑު ހެލްތު މިނިސްޓްރީއާ އެކުގައި މަޝްވަރާ ކުރުމަށްފަހު، އެކަމުގެ މަޢުލޫމާތު ތިޔަބޭފުޅުންނާ ވަރަށް އަވަހަށް ޙިއްޞާކުރާނަން. މާބޮޑު ޚަރަދެއް މިވަގުތު ނުކޮށް، ކިރިޔާވެސް އެކަން ކުރެވެން އޮތް ކަމަށްވަންޏާ، އަޅުގަނޑުމެން އެކަން ކޮށްދޭނަން.
މި ރަށުގައި ސްޕޯޓްސް ފިޝިންގ އާލާވެ ތަރައްޤީވަމުންދާ ވާހަކަ ކައުންސިލުން އަޅުގަނޑަށް ހުށަހެޅި. ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ކަނދުފައްޗެއް، މި ރަށު ކައިރީގައި އަޅައިދިނުމަށް އެދިވަޑައިގެންނެވި. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަން އަޅުގަނޑުމެން ކޮށްދޭނެ ވާހަކަވެސް ދަންނަވަން.
މި ރަށަކީ މަސްވެރިން ގިނަ ރަށެއް. މަސްވެރިން އުފުލަންޖެހޭ ތަކުލީފުތައް ވަރަށްގިނަ. ބާނާ މަސް އެކީގައި ނުކިރުމާއި، އަވަހަށް ފައިސާ ނުލިބުމާއި، އައިސް ނުލިބުމާއި، ތެޔޮ ބޭނުންވާވަރަށް ނުލިބުމަކީ، މި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ، މަސްވެރިންގެ ޝަކުވާއެއް، ކަންބޮޑުވުމެއް. ޒަމާންވީ މި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ޕްލޭން ކުރެވިގެން ކަންތައްތަކެއް އަޅުގަނޑުމެން އެބަ ކުރަން. ވަގުތީގޮތުން ފުރަތަމަ ހަތަރު ބޯޓު އެބަ ގެންނަން. 700 އަށްވުރެ ގިނަ ޓަނު. ދުވާލަކު 280، 300 ފްރީޒިންގ ކެޕޭސިޓީއާ އެކުގައި، މިހިސާބުގައި މަސްގަނެވޭގޮތް އަޅުގަނޑުމެން ލަސްތަކެއްނުވެ ހަދައިދޭނަން. އަދިވެސް އެންމެ ލަސްވެގެން ތިންމަސް ދުވަހުގެ ތެރޭގައި، މީގެ ބޮޑުބައި، ކޫއްޑޫއަށް އެ ގެންނަ ބަދަލާއި، މި ބޯޓުތައް ގެނެސް، މި ކަންބޮޑުވުމަށް ޙައްލުތަކެއް ގެނެސްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދު އެބައޮތް މިފްކޯގެ ފަރާތުން.
މި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑު، ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދިނުން. މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި އޭގެއިތުރުން، ވޮލީ ކުޅެވޭނެ ރަނގަޅު ކޯޓެއް ބޮޑުކުރުމުގެ ވާހަކަ މިއަދު ހުށަހެޅިގެންދިޔައީ. އެއީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ، ކޮށްދޭނެ ކަންތައްތައް ކަމުގައިވެސް ދަންނަވަން.
ދެން އޮތް އަނެއް ކަމަކީ ބަނދަރުގެ މަސައްކަތް. އަޅުގަނޑު މިއަދު ޕްލޭނިންގ މިނިސްޓަރާ އެ ވާހަކަ ދައްކައިފިން. އެބޭފުޅުން އޭގައި މިތަން ސަރވޭކޮށް، އެކަން ކުރެވެން އޮތްގޮތެއް ބަލައި، އިރާދަކުރެއްވިއްޔާ ކައުންސިލާ އެކީގައި އެ މަޝްވަރާތައް ކުރިއަށް ގެންދާނެ ވާހަކަވެސް އަޅުގަނޑު މި ފުރުޞަތުގައި ދަންނަވަން.
އާދެ، މިއީ އަޅުގަނޑަށް މިހާތަނަށް މާމެންދޫ ކައުންސިލާ އެކުގައި، މީގެ ކުޑައިރުކޮޅެއް ކުރިން ދެކެވުނު ވާހަކައިގައި މިވަގުތަށް އަޅުގަނޑަށް ދެންނެވެން ހުރި ވާހަކައަކީ. ކުރިއަށް ހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ މަޝްވަރާތަކަށްފަހުގައި ކައުންސިލަށް އޭގެ މަޢުލޫމާތު އަޅުގަނޑުމެން ދޭނެ ވާހަކަ ދަންނަވަން.
އަޅުގަނޑުގެ ވާހަކަ ނިންމާލަމުން އަދިވެސް އެއްފަހަރު، ފެނަކައިން ރާއްޖޭގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި އެކުރާ ބުރަ މަސައްކަތަށް ފެނަކަ އެމް.ޑީ.އަށާއި ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
މި ރަށަށާއި މި އަތޮޅަށް މިއަށްވުރެ އުފާވެރި ފަހި މާދަމާއަކަށް އެދެމުން އަދި އަޅުގަނޑުމެން މިއަދު މި ރަށަށް އައުމުން ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.