މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މި ރިޕޯޓް އެރުވުމަށްފަހު ކޮމިޝަނުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ވަނީ އަޙްމަދު ރިޟްވާން ޢަބްދުاللهގެ ޢާއިލާ މެންބަރުންނާއި ބައްދަލުކޮށް ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްޞީލުކޮށް އާއިލާއާ ޙިއްޞާކުރައްވައިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އެ މަޢުލޫމާތުތައް ޙިއްޞާކުރައްވަންޖެހޭ ފަރާތްތަކާ ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް އެމަނިކުފާނު ކޮމިޝަނުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙަފްތާ ތެރޭގައި އަޙްމަދު ރިޟްވާން ޢަބްދުاللهގެ ޢާއިލާ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.