بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

މިއަދަކީ، ދިވެހި ތާރީޚުގައި ވަރަށްވެސް ޚާއްޞަގޮތެއްގައި، ފާހަގަކުރެވޭ ދުވަހެއް. މިއަދަކީ، ދިވެހިރާއްޖެ މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާފަދަ ނުރައްކާތެރި ޢުދުވާނީ ޙަމަލާއެއް ރާއްޖެއަށް ކުރިމަތިވިހިނދު، އެ ޙަމަލާއިން ދިވެހި ރައްޔިތުން، މާތްﷲ ސަލާމަތްކުރައްވައި، ދިވެހިންނަށް މަތިވެރި ނަޞްރެއް ދެއްވި ދުވަހެއް.

އާދެ، މިއަދަކީ ނަޞްރުގެ ދުވަސް. ކާމިޔާބީގެ ދުވަސް. ފަތަޙައިގެ ދުވަސް. މިއަދަކީ، ރާއްޖޭގެ ތާރީޚުގައި ނަޞްރުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެވޭ އެންމެ ފުރަތަމަ ދުވަސް. މި ދުވަސް މިގޮތަށް ފާހަގަކުރުމަށް ސަރުކާރުން ކަނޑައެޅީ، މިދިޔަ އަހަރުގެ މިދުވަހު. އާދެ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖޭގެ ޚާއިނުންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު، ހަނގުރާމައިގެ އެތައް ބައިވަރު ހަތިޔާރަކާއެކު މާލެއަށް އަރައި، ދިވެހި ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތަށް އުނިކަން އަތުވެދާފަދަ ގޮތަކަށް ދިން އަނިޔާވެރި ޙަމަލާއިން ރާއްޖެ ސަލާމަތްވުމާ ގުޅިގެން، ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރުމަކީ، ޤައުމީގޮތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ފެންނާތީ. އެދުވަހުގެ ތަޖްރިބާތަކަކީ، ދިވެހި ޤައުމު ދެމިއޮތްހާ ހިނދަކު ހަނދާންކުރަންޖެހޭފަދަ ތަފަތު ޢިބްރަތްތަކެއް ލިއްބައިދިން ތަޖްރިބާތަކަކަށްވާތީ. އެދުވަހު ދިވެހި ޤައުމަށް މާތްﷲ ދެއްވި ނަޞްރަކީ، އަބަދުގެ އަބަދަށް ދިވެހިން އެކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެންޖެހޭނެފަދަ މަތިވެރި ނަޞްރެއް ކަމުގައިވާތީ.

ޢިއްޒަތްތެރި މުވާޠިނުންނޭވެ؛

މިމުނާސަބަތުގައި އަޅުގަނޑު ވާހަކަދައްކަން ޤަޞްދުކުރާ ދެތިން ރޮނގެއް އެބައޮތް. އޭގެތެރެއިން އެއް ރޮނގަކީ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދެމުންދާ ސުވާލެއްގެ ޖަވާބު ކަމުގައިވެސް ވެދާނެ. އާދެ، އަޅުގަނޑު ވާހަކަ ދައްކަން ޤަޞްދުކުރާ އެއް ރޮނގަކީ، މިއަދަކީ ނަޞްރުގެ ދުވަހަކަށްވީ ކީއްވެގެންތޯ ބަލައިލުން.

އާދެ، މިއަދަކީ ނަޞްރުގެ ދުވަސް. މިއަދު ނަޞްރުގެ ދުވަހަކަށްވީ ކީއްވެތޯ؟ މިއަދަކީ ކުރިންވެސް ދަންނަވާފައިވާނޭ ފަދައިން، ރާއްޖެއަށް މީގެކުރިން ދުވަހަކުވެސް ދިމާވެފައިނެތްފަދަ ނުރައްކާތެރި ޙަމަލާއަކާ ކުރިމަތިލާންޖެހުނު ދުވަހެއް. ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ، އެރަށުގައި ހުރި ސަރުކާރުގެ އޮފީސްތައް ނުހުޅުވިދިޔަ ދުވަހެއް. ފިހާރަތަކުގައި ވިޔަފާރި ނުކުރެވިދިޔަ ދުވަހެއް. މާލޭގެ ބައެއް ހިސާބުގައި ގޭގެއިން މީހުން ނުކުމެއުޅެންވެސް ދަތިވެފައި އޮތް ދުވަހެއް. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެ، އަދި އެތައް ބަޔަކު ރަހީނުންގެ ގޮތުގައި ހިފެހެއްޓުނު ދުވަހެއް. ރާއްޖެތެރޭގެ ރަށްރަށުގައި ދިރިއުޅޭ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންވެސް، މާލޭގެ ސާފު ޚަބަރުތައް ނުލިބިގެން ކަންބޮޑުވެ، ހަދާނެގޮތެއް ނޭނގިފައި ތިބެންޖެހުނު ދުވަހެއް. މިފަދަ ދުވަހެއް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަންޖެހުނީ ކީއްވެތޯ؟ މިއީ ކުރުން އެކަށީގެންވާ ސުވާލެއް.

އަޅުގަނޑު ދަންނަވާނީ، އެދުވަހު އެ ދިމާވި ބިރުވެރި އަދި ނުރައްކާތެރި ޙާދިޘާ، އެ ޙާދިޘާގެ ތެރެއިން اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ދިވެހި އުންމަތަށް އިރާދަކުރެއްވީ އެންމެ ފުރިހަމަ ނަޞްރޭ. ޙައްޤުގެ މަގުގައި ތިބި ބަޔަކަށް އިރާދަކުރައްވާނެ ކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންފައިވާ އެންމެ މަތިވެރި ނަޞްރޭ. އަދި އޭގެ ސަބަބުން، ރާއްޖޭގެ ޤަދަރާއި ހައިބަތު އިތުރުވެގެންދިޔަ ނަޞްރެއްވެސްމެއޭ.

ނަޞްރަކީ ކޮބައިތޯ؟ އެއީ މާއްދީ އެއްޗެއްތޯ؟ ނުވަތަ އެއީ މަޢްނަވީ އެއްޗެއްތޯ؟ ނޫންނަމަ އެއީ ރޫޙާނީ އެއްޗެއްތޯ؟ އަޅުގަނޑު ދަންނަވާނީ، ނަޞްރަކީ މިދެންނެވި ކޮންމެ ރޮނގަކުންވެސް ލިބިދާނެ އެއްޗެކޭ. މިހެން ކަމަށްވާނަމަ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދްވާނީ ޙަމަލާއާ ގުޅިގެން، އަދި އޭގެފަހުން އަޅުގަނޑުމެންނަށް މިދެންނެވި ހުރިހާ ރޮނގަކުންވެސް ނަޞްރު ލިބިފައިވޭ. މާއްދީގޮތުންވެސް، މަޢްނަވީގޮތުންވެސް އަދި ރޫޙާނީގޮތުންވެސް ނަޞްރު ލިބިފައިވޭ.

އެދުވަހު މާއްދީގޮތުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ނަޞްރަކީ، އަޅުގަނޑުމެންގެ ސިފައިން ނުވެސްދެނެތިއްބާ، އަދި އެފަދަ ކަމެއް ވެދާނޭކަމަށް ހީވެސްނުކޮށް ތިއްބާ، ކުއްލިއަކަށް ސިފައިންގެ މައި މަރްކަޒަށް ބޭރުގެ ހަނގުރާމަވެރި ބަޔަކު ދިން ޙަމަލާ ދިފާޢުކޮށް، އެތަން ބާޣީންގެ އަތްދަށަށްދިޔަނުދީ ހިފެހެއްޓުމުގެ ބާރާއި ހިތްވަރު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ސިފައިންނަށް އިރާދަކުރެއްވިކަން. އެއަނިޔާވެރި ޓެރަރިސްޓުންގެ އެންމެ އިސްމީހުންގެ ގޮތުގައި ތިބި މީހުން އެންމެ ފުރަތަމަ ޙަމަލައާއެކު، މަރުވެގެންދިޔަކަން. އެހަނގުރާމައިގެ ތެރޭގައި ހިނގި މިބާވަތުގެ އެތައް ކަންތައްތަކެއްގެ އިތުރަށް، އެކަމާ ގުޅިގެން އެކުވެރި ޤައުމުތަކުން ލިބުނު ޢަސްކަރީ އެހީއާއި، އެނޫންވެސް އެހީތައް އެއީ، މާއްދީގޮތުން ލިބިފައިވާ ނަޞްރުގެ އިތުރު ވަސީލަތްތަކެއް. މަޢްނަވީގޮތުން އެދުވަހު އަޅުގަނޑުމެންނަށް ލިބިފައިވަނީވެސް ވަރަށް އާދަޔާޚިލާފު ނަޞްރެއް. މިފަދަ ޙާދިޘާތައް ދިމާވާ، އަޅުގަނޑުމެންފަދަ ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކާމެދު ދުނިޔޭގެ އެހެން ޤައުމުތައް ޢަމަލުކުރާގޮތާ ޚިލާފަށް، މިކަމާ ގުޅިގެން ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ ހަމްދަރުދީއާއި ހެޔޮއެދުންތައް އެދުވަހު އަޅުގަނޑުމެންނަށް ލިބިގެންދިޔަ. މިއާއެކު، އެދުވަހުގެ ނުރައްކާތެރި ޙަމަލައިގެ ސަބަބުން، އޭގެކުރިން ދުވަހަކުވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ރާއްޖެ ތަޢާރުފުވެފައި ނުވާފަދަ މަތިވެރި ދަރަޖައަކަށް، އެދުވަހު ރާއްޖެ ތަޢާރުފުވެގެންދިޔަ. އަދި އެވެސް ކިހިނެއްތޯ؟ ރާއްޖެއާ ބެހޭގޮތުން އެއްވެސްކަހަލަ ނޭދެވޭ ވާހަކައެއްނެތި. ރާއްޖެއަކީ، ޞުލްޙައަށް ލޯބިކުރާ، ޞުލްޙަވެރި ބަޔަކު އުޅޭ ތަނެއްގެ ގޮތުގައި. އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ، ދީމިޤްރާޠީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ ޤައުމެއްގެ ގޮތުގައި.

ދެންއޮތީ، ރޫޙާނީގޮތުން ލިބުނު ނަޞްރު. އަޅުގަނޑު ދަންނަވާނީ، އެދުވަހު އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ނަޞްރެއް ލިބިފައިވަނީ، ރޫޙާނީގޮތުންނޭ. އަޅުގަނޑުމެންގެ ހިތްތަކުގައި އެދުވަހު އީމާންކަމުގެ ނޫރު އިތުރުވެގެންދިޔަ. އަޅުގަނޑުމެންގެ ޢަޤީދާ އެދުވަހު އެތައް ތަނެއް ހަރުދަނާވެގެންދިޔަ. ކީރިތިވަންތަ ﷲގެ ޙަޟްރަތަށް އިލްތިޖާއުވުމުގައި، އެދުވަހު އަޅުގަނޑުމެން އެންމެންގެ ހިތްތައް މަޑުމޮޅިވެ ޠާހިރުވެގެންދިޔަ. މާތްވެގެންވާ އިސްލާމްދީނާއި އަޅުގަނޑުމެންގެ ޤައުމިއްޔަތާ ގުޅިފައިވާ ގުޅުމުގެ މުހިންމުކަން ވަކިން ބޮޑަށް އެދުވަހު އަޅުގަނޑުމެންނަށް އިޙްސާސް ކުރެވިގެންދިޔަ. އެދުވަހު އަޅުގަނޑުމެންގެ ޤައުމަށްޓަކައި އަދި އަޅުގަނޑުމެންގެ ދީނަށްޓަކައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވީމު. މިހެންގޮސް، ރޫޙާނީގޮތުން އެދުވަހު އަޅުގަނޑުމެންނަށް ލިބިފައިވާ ނަޞްރަކީވެސް، ހިމަނާ ކޮޅުންނުލާފަދަ ގިނަ ކަންތައްތަކެއްގެ މައްޗަށް އެކުލެވިފައިވާ ނަޞްރެއް.

މިއަދު ނަޞްރުގެ ދުވަހުގެ ގޮތުގައި މި ފާހަގަކުރެވެނީ، މި ދެންނެވިފަދަ މަތިވެރި ނަޞްރުތަކެއް އެދުވަހު އަޅުގަނޑުމެންނަށް ލިބިފައިވާތީ. އެކަން ހަނދާންކުރުމުގެ ގޮތުން، އަންނަނިވި ޖީލުތަކަށް އެނަޞްރުގެ ޛިކްރާ ދެމެހެއްޓުމަށްޓަކައި. އޭގެ ސަބަބުން ޤައުމީ ވަޙްދަތާއި، ދީނީ އިއްތިޤާދު ވަރުގަދަކުރުމަށްޓަކައި.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ؛

އަޅުގަނޑު މިއަދު ވާހަކަ ދައްކަން ޤަޞްދުކޮށްފައިވާ ދެވަނަ ރޮނގަކީ، އިސްވެ ދެންނެވިފަދަ މަތިވެރި ނަޞްރުތައް އަޅުގަނޑުމެންނަށް ދެއްވުމުގައި اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކުރެއްވި ފަރާތްތަކަށް ޙައްޤުވެގެންވާ ތަޢުރީފާއި ޝުކުރު އަދާކުރުން. މި ފުރުޞަތުގައި އަޅުގަނޑު އެންމެ ފުރަތަމަ ފާހަގަކޮށްލަންޖެހެނީ، އެދުވަހު އަޅުގަނޑުމެން އެދުނު އެދުމަށް، އެންމެ އަވަހަށް އިޖާބަދީ، އަޅުގަނޑުމެންނަށް ޢަސްކަރީގޮތުން އެހީ ފޯރުވި، އަޅުގަނޑުމެންގެ އަވަށްޓެރި، ރަޙްމަތްތެރި، އިންޑިޔާގެ ނަން. އެތާނގެ ބޮޑުވަޒީރު މިސްޓަރ ރަޖީވް ގާނދީއާއި، އެމަނިކުފާނުގެ ސަރުކާރާއި، އިންޑިޔާގެ ރައްޔިތުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި ވަރަށްވެސް ބޮޑު. އެދުވަހު އެހާ އަވަސްގޮތެއްގައި އެޤައުމުން އަޅުގަނޑުމެންނަށް އެހީ ނުލިބުނުނަމަ، އެދުވަހު އަޅުގަނޑުމެންނާ ދިމާވެފައި އޮތް ނުރައްކާތެރި ޙަމަލާއިން ސަލާމަތްވުމުގައި، އިތުރު ނުރައްކާތަކަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހުނީސްކަން ކަށަވަރު. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން އެތިބަ އިންޑިޔާ ސިފައިންނަކީ، އެދުވަހު އަޅުގަނޑުމެންނަށް އެހީވެދިނުމަށް ރާއްޖެއައި ހިތްވަރުގަދަ ސިފައިންގެ ތެރެއިން ބައެއް. މިއަދު އެމީހުން އަޅުގަނޑުމެންނާ ވަކިވެގެންދާނެ. އާދެ، އެމީހުން ކުރަން އައި ކަންތައްތައް ނިންމާފައި، އަދި އެމީހުންގެ ކިބައިން އަޅުގަނޑުމެން ކޮށްދޭން އެދުނު ކަންތައްތައް ކޮށްދީފައި އެނބުރި އެމީހުންގެ ރަށަށް ދަނީ.

މިއަދު އިންޑިޔާ ސިފައިން އަޅުގަނޑުމެންނާ ވަކިވެގެންދާއިރު، އެމީހުންގެ މައްޗަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައިވާ ތަޢުރީފާއި ޝުކުރު އެފަރާތަށް ރައްދުކުރުމަކީ، އަޅުގަނޑު އަދާކުރަންޖެހޭ ވަރަށް މަތިވެރި ވާޖިބެއް. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި، އިންޑިޔާ ސިފައިން ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، މިއަދުގެ މި އިޙްތިފާލުގައި ދިވެހި ސަރުކާރުގެ ނަމުގައްޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެމީހުންނަށް ޝުކުރު އަދާކުރަން. އަދި އެމީހުންގެ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން، އިންޑިޔާ ސިފައިންގެ ފިފްޓިއަތު އިންޑިޕެންޑެންޓް ޕެރަޝޫޓް ބްރިގޭޑަށާއި، އިންޑިއަން ނޭވީއަށާއި، އިންޑިއަން އެއަރފޯސްއަށް، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ހަނދާނީ ޕްލާކް ދިނުމަށްވަނީ ހަމަޖެހިފައި.

މިއަދު އިންޑިޔާ ސިފައިން ރާއްޖެއިން ވަކިވެގެންދާއިރު، އެމީހުން އެ ސާބިތުކޮށްދެނީ، ވަރަށްވެސް ފުރިހަމަ ނަމޫނާއެއް. އެކުވެރި ރަޙްމަތްތެރި ދެ ޤައުމެއްގެ ދެމެދުގައި އޮންނަންވީ އެކުވެރިކަމުގެ ރީތި މިސާލެއް. އާދެ، އެއްބަޔަކަށް ކުރިމަތިވާ ދަތިތަކެއް ޙައްލުކޮށްދިނުމަށްޓަކައި އަނެއްބަޔަކަށް ވެވެންއޮތް އެހީއެއް އިޚްލާޞްތެރިކަމާއެކު ވެދިނުމުގެ ފުރިހަމަ އުޞޫލު. މިކަމަށްޓަކައިވެސް، އަޅުގަނޑުމެން އިންޑިޔާ ސަރުކާރަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރަންޖެހޭ.

އާދެ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޙާދިޘާގައި، އަޅުގަނޑުމެންނަށް އެހީވާން ތިބީ ހަމައެކަނި އިންޑިޔާއެއް ނޫން. އެނޫންވެސް ވަރަށް ގިނަ ޤައުމުތަކުން، ހަމަ އެވަގުތު އަޅުގަނޑުމެންނަށް އެހީވެދޭން ތައްޔާރަށް ތިބި. އަދި އެކަން އަޅުގަނޑުމެންނަށް އަންގާވެސްހެދި. އޭގެތެރޭގައި، އަޅުގަނޑުމެންނާ ކައިރީގައި މިހިސާބުގެ ހުރި ބައެއް ޤައުމުތަކާއި، ދުރުގައި ހުރި ބައެއް ޤައުމުތައްވެސް ހިމެނޭ. މިހުރިހާ ޤައުމަކުންވެސް، އެދުވަހު އަޅުގަނޑުމެންނާއެކު ބަހައްޓަމުން ގެންދިޔައީ ވަރަށް ވަރުގަދަ އެއްބައިވަންތަ ކަމެއް. ބޭރުގެ ޓެރަރިސްޓް ބައެއްގެ އަތްދަށަށް އަޅުގަނޑުމެންގެ ރާއްޖެ ދާތަން ބަލަން، އެއިން އެއްވެސް ޤައުމަކުން ހިމޭނުން ނޯންނާނެކަން އަޅުގަނޑުމެންނަށް އަންގަމުން ގެންދިޔަ. އެއީ އެފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު ހިތްވަރެއް.

ނޮވެމްބަރު 3ގެ ޙާދިޘާ، އެ ޙާދިޘާއަށްފަހު އަޅުގަނޑުމެންގެ ދިފާޢީ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައިވެސް، ބޭރުގެ ވަރަށް ގިނަ ފަރާތްތަކަކުން ދީލަތި އެހީ ލިބެމުންދިޔަ. އަދި މިހާރުވެސް ލިބެމުންދޭ. އެފަރާތްތަކުގެ ނަންތައް މިތާނގައި ހާމަކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި އެކަށީގެންވާ ކަމެއްނޫން. އެހެންނަމަވެސް، އެފަދަ އެހީތައް ވެދިން، އަދި ވެދެމުންދާ ޤައުމުތަކަށް މި ފުރުޞަތުގައިވެސް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާކުރަން.

އަޅުގަނޑު ހަމަ ޤަޞްދުގައި ފަސްކޮށްލީ. އާދެ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި، ދިވެހި ޤައުމަށްޓަކައި، ޤައުމުގެ މިނިވަންކަމަށްޓަކައި، އަދި މާތްވެގެންވާ އިސްލާމްދީނަށްޓަކައި، އެންމެ ވަރުގަދަ ޖިހާދެއް ކުރީ، އަޅުގަނޑުމެން އެބަޔަކަށްޓަކައި ފަޚްރުވެރިވުން ޙައްޤުވާ، އަޅުގަނޑުމެންގެ ސިފައިން. އެދުވަހު އެމީހުން ސާބިތުކޮށްދީފައިވަނީ، ދިވެހި ތާރީޚުގައި މަދުން ނޫނީ ފެންނަން ނެތްފަދަ ހިތްވަރުގަދަކަމުގެ ފުރިހަމަ ނަމޫނާއެއް. ޤައުމަށްޓަކައި، އަދި ދީނަށްޓަކައި ޤުރްބާންވުމުގެ މަތިވެރި ނަމޫނާއެއް. އެދުވަހު އެމީހުން ހިތްވަރު ލިބިގެންފައިވަނީ، އުތީމު ބަންޑާރައިންނާއި، ދޮންބަންޑާރައިންގެ ހިތްވަރުފުޅުން. އެދުވަހު އެމީހުންގެ ނާރުތަކުގައި ހިނގަމުންދިޔަ ލޭގައިވަނީ، ހަވަނަ ޢަލީ ރަސްގެފާނު ފަދަ، މި ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ލޭފޮދުގައި ހުރި ހޫނުކަން. އެދުވަހު އަޅުގަނޑުމެންގެ ސިފައިން މުޅި ދިވެހި އުންމަތަށް ޔަޤީންކޮށްދިނީ، އެމީހުންނަކީ ޤައުމުގެ ސަލާމަތަށްޓަކައި، ދީނުގެ ޙިމާޔަތަށްޓަކައި، ފުރާނަ ހޭދަކޮށްލުމަށް ތައްޔާރަށްތިބި ބައެއްކަން. އަދި އެދުވަހު އަޅުގަނޑުމެންގެ ސިފައިން މުޅި ދުނިޔެއަށް ހާމަކޮށްދިނީ، ދިވެހި ސިފައިންނަކީ ހުޝިޔާރު، ލޯހުޅުވޭ، ހިތްވަރުގަދަ ބައެއްކަން. އެމީހުންގެ ވެރީންނަށް އިޚްލާޞްތެރި، އެމީހުންގެ ރައްޔިތުން ދެކެ ލޯބިވާ، އެމީހުންގެ ވަޠަނަށްޓަކައި ޖިހާދުކުރަން ކެރިގެން ތިބި ބައެއްކަން. މިއަދުގެ މި އިޙްތިފާލުގައި އަޅުގަނޑު ދިވެހި ޤައުމުގެ ނަމުގައި، ދިވެހި އެންމެހައި ރައްޔިތުންގެ ފަރާތުން، އަޅުގަނޑުމެންގެ ސިފައިންނަށް ސާބަހާއި ތަޢުރީފުގެ ޖިޒީތައް ރައްދުކުރަން.

މި މުހިންމު މުނާސަބަތުގައި، ސިފައިންގެ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމީހުންގެ ތެރެއިން އެދުވަހު ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވުނު މީހުންނަށް މެޑެއްޔާއި ކުލަ ދިނުމަށްވެސް ވަނީ ހަމަޖެހިފައި.

އެދުވަހުގެ ޙަމަލައިގެ ތެރޭގައި މަތިވެރި ޚިދުމަތްތަކެއް އަދާކުރި ސިފައިންގެ މީހުންނަށް މިއަދު މެޑެއްޔާއި ކުލަދޭއިރު، އެދުވަހު ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރި ޢާންމުންގެ އެތައް ބަޔަކު ތިބިކަންވެސް ސަރުކާރުން ހަނދާންކުރޭ. އެމީހުން ކުރި ޚިދުމަތްތަކަކީ ޤައުމަށްޓަކައި ކޮށްދިން ޚިދުމަތްތަކެއް. އެމީހުންގެ ހިތުގައި ދިވެހި ޤައުމަށާއި، ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރަށާއި، ރާއްޖޭގެ ރައްޔިތުންނަށްޓަކައި އުފެދިފައިވާ ލޯތްބެއްގެ ސަބަބުން ކޮށްދިން ޚިދުމަތްތަކެއް. އެހެންކަމުން، ޢާންމުންގެ މީހުން އެދުވަހު އެކުރި ޤައުމީ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެމީހުންނަށް ސަރުކާރުގެ ފަރާތުން ޝަރަފެއް ދިނުމަށް މިހާރުވަނީ ޤަޞްދުކުރެވިފައި.

ރާއްޖޭގެ ލޮބުވެތި މުވާޠިނުންނޭވެ؛

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޙާދިޘާގައި، ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން، އަދި ވަކީން ޚާއްޞަކޮށް، މާލޭގައި އުޅޭ މީހުން ސާބިތުކޮށްދިން އެއްބައިވަންތަކަމާއި ކިޔަމަންތެރިކަން. ރާއްޖޭގެ ރައްޔިތުން އެމީހުންގެ ވެރިންނަށާއި، ސަރުކާރަށް ބެހެއްޓެވި އިޚްލާޞްތެރިކަމާއި ވަފާތެރިކަން. މިކަންކަމަކީ، ދިވެހި ތާރީޚުގެ އަންނަން އޮތް ޒަމާން، ރީތި ނަމޫނާތަކެއް ކަމުގައި ބަލަންޖެހޭނޭ ކަންތައްތަކެއް. ދިވެހި ޤައުމު ސަލާމަތުން ދެމެހެއްޓުމަށްޓަކައި، އެޤައުމުގެ ރައްޔިތުން އަބަދުވެސް އެފިޔަވަޅުތަކުގެ މަތީގައި ހިނގަން މަސައްކަތް ކުރަންޖެހޭނެ ފިޔަވަޅުތަކެއް.

އާދެ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުންދިޔައީ ވަރަށްވެސް މަތިވެރި ތާއީދަކާއި އެހީތަކެއް. އެދުވަހު ދިވެހި ރައްޔިތުން، އެފަދަ ހަރުދަނާ ގޮތެއްގައި ސާބިތުވެ ނުތިބިނަމަ، މިއަދު އަޅުގަނޑުމެން މިފާހަގަކުރާފަދަ ނަޞްރުގެ ދުވަހަކަށް، އެދުވަހެއް ނުވީސްކަން ކަށަވަރު. އެހެންކަމުން، މި އުފާވެރި ނަޞްރުގެ ދުވަހު، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަނީ ހިތުގެ އެންމެ އަޑީން، އެންމެ އިޚްލާޞްތެރިކަމާއެކު.

އަޅުގަނޑުގެ ވާހަކަ ތިންވަނަ ރޮނގަކަށް ބަދަލުކޮށްލުމުގެ ކުރިން ދަންނަވާލަންޖެހޭ ވާހަކައެއް އެބައޮތް. އާދެ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާޣީންގެ މީހުން މާލެއައިސް ދިން ޙަމަލައިގައި ޝަހީދުވި މީހުންގެ ޢާއިލާތަކަށް ސަރުކާރުން މިހާރު ގެންދަނީ އެހީވެދެމުން. މިކަމަށްޓަކައި ސަރުކާރުން ހުޅުވާލި ފަންޑަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ވަރަށްގިނަ ފަރާތްފަރާތުން ނުހަނު ދީލަތިގޮތެއްގައި އެހީވެދެއްވިކަން، އަޅުގަނޑު މި ފުރުޞަތުގައި ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން.

އާދެ، ޝަހީދުވި މީހުންގެ ޢާއިލާތަކަށް ސަރުކާރުން އެހީވެދެމުން ގެންދާއިރު، އެދުވަހުގެ ޙަމަލައިގައި ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އޭގެ ސަބަބުން ދިރިއުޅުމަށް މަސައްކަތްކޮށް ނޫޅެވޭވަރުވެފައިވާ ބައެއް މީހުންވެސް ތިބިކަން ސަރުކާރަށް ވަނީ އެނގިފައި. އެމީހުންގެ މަތީން ސަރުކާރުން ފަހަރެއްގައިވެސް ހަނދާންނައްތައެއްނުލާ. އަދި މިހާރު ސަރުކާރުން ޤަޞްދުކޮށްފައިވަނީ، ނޮވެމްބަރު 3ގެ ޙަމަލައިގައި ބޮޑެތި ހާނީއްކަ ލިބިފައިވާ މީހުންގެ ތެރެއިން، ސަރުކާރުގެ އެހީއަށް އެދޭ މީހުންނަށް، އެމީހުންގެ ޙާލަތު ހުރިގޮތް ބަލައި، ދާއިމީ އެހީއެއް ދޭގޮތަށް ހަމަޖެއްސުމަށް.

މިއަދު ދެން އަޅުގަނޑު އެނބުރިލާނީ، މިފަދަ މުނާސަބަތުތަކުގައި އަޅުގަނޑުމެންގެ ހިތުގައި އުފެދޭ، އަދި އުފައްދަންޖެހޭ ޝުޢޫރުތަކާމެދު އެއްޗެއް ދަންނަވާލުމަށް. މިފަދަ ކޮންމެ ޤައުމީ މުނާސަބަތެއްގައި އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް މަތިވެރި ޤައުމީ ޝުޢޫރުތަކެއް އުފެދޭ. ޚާއްޞަކޮށް، މިއަދު އަޅުގަނޑުމެންގެ އާދެ، ހަމަ އަޅުގަނޑުމެންގެ ޙަޔާތުގައި ތަޖްރިބާކޮށްފައިވާ ވަރަށްވެސް އާދަޔާ ޚިލާފު ޙާދިޘާއަކާ ގުޅިގެން ފާހަގަކުރާ ދުވަހަކަށްވުމުން، މިއަދު އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދޭ ޝުޢޫރުތައް ވަކިން މަތިވެރި.

ޝައްކެއްނެތް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހަނދާންތައް މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ އާރޯކޮށް. އެދުވަހު ލިބުނު އަނިޔާތަކުން ޒަޚަމްވި ހިތްތައް އަދިވެސް ވަނީ ފަސޭހަނުވެ. އެދުވަހު އިވުނު ބަޑީގެ އަޑުތައް އަދިވެސް އަޅުގަނޑުމެންގެ ކަންފަތްތަކަށް އިވިއިވި ހުންނަ ކަހަލަ.

ރާއްޖޭގެ ތާރީޚުގައި ބޭރުގެ އެކިއެކި ނުފޫޒުތައް ރާއްޖޭގެ ވެރިކަމާ ތޮޅެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރުވަން މަސައްކަތްކޮށްފައިވާ ވަރަށްގިނަ ފަހަރުތައް ފެންނަން އެބަހުރި. އޭގެތެރޭގައި، ޕޯޗުގީޒުންނާއި ހޮޅީންގެ ޙަމަލާތަކަކީ ވަރަށްގިނަފަހަރު ރާއްޖެއާ ކުރިމަތިވެފައިވާ ޙަމަލާތަކެއް. މިފަދަ ހުރިހާ ޙަމަލާތަކެއްވެސް އައިސްފައިވަނީ، އެކަމުގެ އަޑީގައި ރާއްޖޭގެ ޚާއިނުންގެ ބަޔަކު ތިބެގެން. އެމީހުންގެ އަމިއްލަ އެދުންތަކެއް ޙާޞިލްކުރުމުގެ ބޭނުމުގައި. މިއީ ތާރީޚު ސާބިތުކޮށްދޭ ކަމެއް.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާއަކީވެސް، ހަމަ މިފަދަ ގޮތަކަށް ކުރިމަތިވި ޙަމަލާއެއް. އެދުވަހުގެ ޙަމަލާއަކީ، އޭގެކުރީގެ ޙަމަލާތަކާ އެއްގޮތަށް ދެވުނު ޙަމަލާއެއް ކަމުގައިވިޔަސް، އަޅުގަނޑު ދަންނަވާނީ، ކުރީން ދިމާވި ޙަމަލާތަކަށްވުރެ މިޙަމަލާގެ ނުރައްކާތެރިކަން މާބޮޑޭ. އަދި އެޙަމަލާ ކާމިޔާބުވިނަމަ، ރާއްޖެއަށް ލިބުނު ގެއްލުން މާބޮޑުވީހޭ. އަދި އެކަމުގެ އަސަރުތައް މާދުރު ހިސާބުތަކަށް ފޯރީހޭ.

ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ، މިއަދުގެ ދުނިޔެއަކީ 15 ވަނަ ޤަރުނުގެ ނުވަތަ 16 ވަނަ ޤަރުނުގެ ދުނިޔެ ނޫންކަން. މިއަދުގެ ދިވެހިރާއްޖެއަކީވެސް، އޭރުގެ ދިވެހިރާއްޖެއަށް ނުވާކަން. މިއަދުގެ ދުނިޔެއަކީ، އެދުނިޔޭގައި ހިނގަމުންދާ ކަންތައްތައް ހަމަ އެހިނދުން އެހިނދަށް ދުނިޔޭގެ ހުރިހާ ތަނަކަށް އެނގޭގޮތަށް، ޚަބަރުތައް ފެތުރުމުގެ ވަސީލަތްތައް ލިބިފައިވާ ދުނިޔެއެއް. ހަމައެކަނި އަޑެއް ނޫން. މަންޒަރުވެސް ލޮލަށް ފެންނަގޮތަށް. މިއަދުގެ ދުނިޔެއަކީ، ދުނިޔޭގެ އެއްތަނުން އަނެއްތަނަށް، ދާދިފަސޭހައިން، އެހާމެ އަވަހަށް ދަތުރުކޮށް އުޅުމުގެ ތަނަވަސް މަގުތައް ފަހިވެފައިވާ ދުނިޔެއެއް.

މިފަދަ ދުނިޔެއެއްގައި މިއަދު އޮތް ދިވެހިރާއްޖެއަކީ، އެދުނިޔެއާ ވަކިން އޭގެ އަމިއްލަ މާޙައުލެއްގައި އޮތް ރާއްޖެއެއް ނޫން. ނުވަތަ އެގޮތަށް އޮންނަން މަސައްކަތްކުރާ ރާއްޖެއެއްވެސް ނޫން. މިއަދުގެ ދިވެހިރާއްޖެއަކީ، ދުނިޔެއަށް ތަޢާރުފް ވެފައިވާ އަދި އިތުރަށް ތަޢާރުފް ވަމުންދާ ޤައުމެއް. ދުނިޔޭގެ ގިނަ ޤައުމުތަކުގެ ލޯ، އެ ރާއްޖެއާ ދިމާއަށް ހުޅުވިފައިވާ ޤައުމެއް. އާދެ، މިއަދުގެ ދިވެހިރާއްޖެއަކީ ދުނިޔޭގެ ޤައުމުތައް ދެކޭގޮތުގައި، ޞުލްޙައާއި އަމްނު ދެމިއޮންނަ ރާއްޖެއެއް. އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ރާއްޖެއެއް. ދީމުޤްރާޠީ ނިޒާމެއް ޤާއިމުވެފައިވާ ރާއްޖެއެއް. ބައިނަލްއަޤްވާމީ މައިދާނުގައި، ޞުލްޙަ ދެމެހެއްޓުމަށާއި، ޢަދްލު އިންޞާފު ޤާއިމުކުރުމަށް އަޑުއުފުލާ ޤައުމެއް.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ޢުދުވާނީ ޙަމަލާ އައީ މި ދެންނެވިފަދަ ތަޞައްވުރެއް ރާއްޖެއާމެދު ދުނިޔޭގައި ކުރެވެމުން ދަނިކޮށް. އެ ޙަމަލާ ކާމިޔާބުވިނަމަ، އެ މަތިވެރި ތަޞައްވުރަށް ވަރަށްބޮޑު އުނިކަމެއް އައީސްކަން ކަށަވަރު. އެހެންނަމަވެސް، اللهُ سُبْحَانَهُ وَتَعَالَى ގެ މަތިވެރި ރަޙްމަތްފުޅުން އެދުވަހު އަޅުގަނޑުމެންނަށް ދެއްވި ނަޞްރުގެ ސަބަބުން، އެކަން އެހެންވާކަށް ނުޖެހުނު. އަދި އެއާ ޚިލާފަށް، އެދުވަހު ދިމާވި ކަންތައްތަކުން ދުނިޔޭގެ ކުރިމަތީގައި އަނެއްކާވެސް ރާއްޖޭގެ ޤަދަރު އުފުލުނީ. ރާއްޖޭގެ ތަޞައްވުރަށް އިތުރު އުޖާލާކަމެއް ލިބިގެންދިޔައީ.

މިހެންކަމުން، މިއަދު އަޅުގަނޑުމެންގެ ވާޖިބަކަށް ވާންވާނީ، ރާއްޖެއަށް ލިބިފައިވާ، އަދި ލިބެމުންދާ ޤަދަރާއި ރީތި ނަން ދެމެހެއްޓުންކަން ކަށަވަރު. އެކަން އެގޮތަށް ކުރެވޭނީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ ޤައުމީ ލޯބި މިހާރަށްވުރެ ހަރުދަނާކޮށްގެން. އަޅުގަނޑުމެންގެ އަމިއްލަ އެދުންތަކަށްވުރެ، ޤައުމުގެ ކަންތައްތައް ކުރިއަށްނެރެގެން. މިއީ މިފަދަ ކޮންމެ ޤައުމީ މުނާސަބަތެއްގައި، އަޅުގަނޑުމެން އެންމެބޮޑަށް ހަނދާންބަހައްޓަންވީ ކަންތައް.

އާދެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް، ފަނާވެ ނިމިދާނެ މީހެއް. އެމީހަކު ވަކިވެގެންދާއިރު، ފެންނަން އޮންނާނެ އެއްޗަކީ، އެމީހަކު ޤަބޫލުކުރި އުޞޫލުތަކާއި، ޢަމަލުކުރި ގޮތްތައް. އެބަޔަކު ޤަބޫލުކުރި އުޞޫލުތަކުގެ މައްޗަށް ބިނާކުރެވުނު މުޖުތަމަޢު ނުވަތަ ޤައުމު. ވީމާ، އެނގޭ އެއްޗަކީ، ޤައުމެއް ހެޔޮގޮތުގައި ދެމިއޮންނާނީ، އެޤައުމެއްގެ އަހުލުވެރިން ތަބަޢަވާ އުޞޫލެއްގެ ހަރުދަނާކަމުގެ މައްޗަށްކަން. އަދި ޤައުމެއް ދިރެމުން އާލާވަމުން ދާނީ، އެޤައުމެއްގެ އަހުލުވެރިން އެ އުޞޫލުތަކަށްޓަކައި ޤުރުބާންވަމުންދާ މިންވަރެއްގެ މައްޗަށްކަން. އަޅުގަނޑު ކުރިންވެސް އެއްފަހަރެއްގައި ދެންނެވިފަދައިން ދަންނަވަން. އަޅުގަނޑުމެން ނެތިހިނގައިދާނެ. ނެތިދާނެކަން ކަށަވަރު. ދެމިއޮންނާނީ، އަޅުގަނޑުމެންގެ ޤައުމު. އެހެން ނަމަވެސް، އެއީ އަޅުގަނޑުމެން ޤައުމު ދެމެހެއްޓުމަށްޓަކައި ކުރާ އިޚްލާޞްތެރި މަސައްކަތްތަކަކުން. އަޅުގަނޑުމެން އެގޮތަށް މަސައްކަތް ނުކުރާނަމަ، އަޅުގަނޑު ދަންނަވާނީ، ޤައުމުވެސް ނެތިގެން ހިނގައިދާނެއޭ.

މާތްﷲ އަޅުގަނޑުމެންގެ ދިވެހި ޤައުމު، ޓެރަރިސްޓުންގެ ނުރައްކާތަކުންނާއި، ޚާއިނުންގެ މަކަރުވެރި ރޭވުންތަކުން ރައްކައުތެރި ކުރައްވައި ސަލާމަތް ކުރައްވާށި! މާތްވެގެންވާ އިސްލާމްދީނުގެ އަލީގައި، އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ޤައުމު، ފުރިހަމަ މިނިވަންކަމާއި ސިޔާދަތާއެކު ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ބާރާއި ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.