މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިން ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއްސަވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު، ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައެވެ.

މިބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ދަތިކަންކަމުގެ ތެރޭގައި، މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުންލަސްވުމާއި، އައިސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގައި މަސްވެރިން ފާހަގަކުރިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްޤީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ. މިގޮތުން ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެމަސައްކަތްކުރެވިފައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމާއި، މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި، ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ މުހިއްމު ސަރަހައްދެއް ކަމަށާއި، އަދި ހުވަދު އަތޮޅަކީ ވަކި މޫސުމެއް ނެތި އަބަދުވެސް މަސްބާނާ ސަރަހައްދެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ފިޝަރީޒް މިނިސްޓްރީއާ ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން، މަސްވެރިންގެ ފޯރަމަކާއި، ސްކޫލުކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމަކާއި، ފަރުމަސްވެރިކަމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން ފިޝަރީޒް އެކްސްޕޯއެއް ކުރިޔަށް ގެންދިޔުން ހިމެނެއެވެ.