ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ތަޙްނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ވަނީ އަރިސްކުރައްވާފައެވެ. "ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލުޙަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް ޢަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށާއި، ސާކް ޗާޓަރގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި ވަނީ، ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ޘަޤާފީ ގުުޅުންތަކާ، ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ސާކު ސަރަަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމުގައި މެމްބަރު ޤައުމުތަކުގެ އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.