އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކޯޕަންހޭގަންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޑެންމާކުގެ ތިމާވެށްޓާބެހޭ ވަޒީރު އަދި ކޮޕް15ގެ ރައީސާ ކޮނީ ހެޑިގާޑާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ ދިވެހިރާއްޖެފަދަ ކުދި ޤައުމުތަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ޙައްލެއް ހޯދަންޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

ޔޫ.އެން.އެފް.ސީ.ސީ ކޮޕް15ގެ ހަވާސާގައި، އ.ދ.ގެ ޖަމްޢިއްޔާތައްް ގުޅިގެން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން މިއަދު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. މިބައްދަލުކުރެއްވުމުގައި އ.ދ.ގެ ޖަމްޢިއްޔާތައް ކަމުގައިވާ ޔޫ.އެން.ޑީ.ޕީ، ޔުނެޕް، ޑަބްލިޔު.އެފް.ޕީ.، ޑަބްލިޔު.އެމް.އޯ. އަދި ޔުނިސެފްގެ އިސްބޭފުޅުން ބައިވެރިވަވަޑައިގެންނެވިއެވެ.