ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމަކީ، އެ މަނިކުފާނުގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެއަށް ލިބުނު ނުހަނު ބޮޑު ދެރައެއްކަމުގައި ފާހަގަކުރައްވާފައެވެ.

ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ސަމަރުބްލޫ އިބްރާހީމް މަނިކު ޚިދުމަތްކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ ވަރަށް ރިވެތި ނަމޫނާއެއް ދައްކަވައިފައިކަމަށާއި، އެމަނިކުފާނު ވަނީ އަމިއްލަ ޝައުޤުވެރިކަމާއެކު ޚިދުމަތުގައި ދެމިހުރެއްޖެނަމަ އެކަމެއްގެ ފޮނި ނަތީޖާ ނެރެވޭނެކަން ސާބިތުކޮށްދެެއްވައިފަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާއިން ދިވެހި ފަންނާނުން އުފެއްދުމުގައި ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޙިއްޞާ ވަރަށް ބޮޑުކަމަށާއި، އެމަނިކުފާނު ވަނީ ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.