بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام عَلٰـى خاتم الأنبياء والمرسلين، سَيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މި އަހަރުގެ މަސްވެރިންގެ ދުވަހު، ރާއްޖެތެރޭގައި ދިވެހި ސަރުކާރުން ހަދާ ފުރަތަމަ ވައިގެ ބަނދަރު ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނުކަމަށްޓަކައި الله تبـارك وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން.

މިއަދު މި ހުޅުވުނު ވައިގެ ބަނދަރަކީ، ރާއްޖޭގެ ތަރައްޤީގައި އަދި ޚާއްޞަކޮށް، ރާއްޖެތެރޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ވަރަށް މަތިވެރި ދައުރެއް އަދާކުރާނެ ތަނެއްކަން ޔަޤީންކުރެވޭ.

އާދެ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ދަތުރުފަތުރުގެ ދަތިކަން ފާހަގަކުރެވޭ. ޝައްކެއްނެތްގޮތުގައި، ޤައުމެއްގެ ތަރައްޤީގައި އެތަނެއްގެ މުވާޞަލާތު ކުރިއެރުން، ތަނެއްގެ މުވާޞަލާތު ކުރިއެރުމުން ލިބޭ ފައިދާތައް އެއީ ވަރަށްވެސް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ ޖުޣްރާފީ ގޮތުން އޮތްގޮތުން މިދަތިކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރަން ޖެހިފައި ވަނީ އަޅުގަނޑު ދަންނަވާނީ، ގިނަ ޤައުމުތަކުން އެދަތިކަން އިޙްސާސް ކުރަން ޖެހިފައިވާ ވަރަށްވުރެ މާބޮޑަށޭ.

އާދެ، ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމެއް. ރާއްޖޭގެ ސަރަޙައްދަކީ މާކުޑަ ތަނެކޭ ދެންނެވޭކަށް ނެތް. އެހެން ނަމަވެސް، ރާއްޖޭގެ ހިކިފަސް ބިން އެއީ ވަރަށް ކުޑަކުޑަ ތަންކޮޅެއް. އެ ބިންކޮޅުވެސް ބެހިފައިވަނީ 1200 ވަރަކަށް ރަށުގެ މައްޗަށް. މި ޖަޒީރާތައް ޖުޣުރާފީ ގޮތުން ހަމަޖެހިފައިވާ ގޮތުން، އެ ޖަޒީރާތަކުގެ ދޭތެރޭގައި އެއްރަށުން އަނެއް ރަށަށް، އެއްއަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރުން ވަނީ ވަރަށްވެސް ދަތިކަމަކަށްވެފައި. މި ވާހަކަ އަޅުގަނޑު ދަންނަވާއިރު، އަޅުގަނޑުމެންގެ ކާބަފައިން ދަތުރުފަތުރުގެ ރޮނގުގައިވެސް ކޮށްފައިވާ ތަރައްޤީއާއި ކާމިޔާބީ އަޅުގަނޑު ހަނދާންކުރަން. މިފަދަ ރާއްޖެއެއްގައި މިހާ ދަތިކޮށް މުވާޞަލާތުގެ ކަންތައްތައް ހަމަޖެހިފައިވާ ތަނެއްގައި، މީގެ ތިންހާހަކަށް އަހަރު ކުރިއްސުރެން ފެށިގެން މިހާތަނާ ޖެހެންދެން އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅެމުން އައިސްފައި ވަނީ ޝައްކެއްނެތްގޮތުގައި، އެމީހުންގައިވާ ހިންމަތްތެރިކަމާއި އަދި އެމީހުންގެ ހިތްވަރުގަދަކަމާއި، އެމީހުންގެ ހުރި ކުޅަދާނަ ކަމެއްގެ ސަބަބުން.

ދުނިޔޭގެ އެހެން ތަންތާނގައި މުވާޞަލާތުގެ ގޮތުން މިހާ ބޮޑެތި ދަތިތަކަކާ ކުރިމަތިލާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކަށް ވިސްނާލިޔަސް، އެގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭނެ. އެންމެ ކައިރީގައިވާ އޮޅުދޫކަރަ، އެތަނަކީވެސް އެއްފަސްގަނޑަކަށް އޮންނަ ތަނެއް. އެތާނގައި ހުންނަ އެކިއެކި ކުދިކުދި އަވަށްތަކާއި، ބޮޑެތި އަވަށްތަކާ ގުޅިފައި ވަނީ އެއްގަމުގެ މަގުތަކުން. އާދެ، އެއްގަމުގައި ދުއްވާ އެއްޗެތިން އެއްހިސާބުގަނޑުން އަނެއް ހިސާބުގަނޑަކަށް ވަރަށް ފަސޭހަކަމާއެކު ދެވޭ. އޭގެއިތުރުން، އެއްފަސްގަނޑަކަށް އޮންނަ ތަނަކަށްވާތީ، ރޭލުގެ ޛަރީޢާއިންވެސް އެމީހުންގެ ފަސިންޖަރުން، އެއްތަނުން އަނެއްތަނަށް ދަތުރުކޮށް، އަދި އެމީހުން އުފައްދާ އެކިއެކި ތަކެތި ބާޒާރު ކުރުމަށްޓަކައި ނުވަތަ ބާޒާރަށް ވިއްކާލުމަށްޓަކައި، އެއްތަނަކުން އަނެއް ތަނަކަށް ގެންދިޔުން އޮންނަނީ ވަރަށް ކުރިއްސުރެ ފަސޭހަ ކަމެއްގެ ގޮތުގައި. އޭގެއިތުރުން، ލޮރީ، ބަސް، ކާރު އަދި އެނޫންވެސް އެއްގަމުގައި ދުއްވާ އެފަދަ ތަކެތީގެ ބޭނުންކުރުމުން، އެމީހުންނަށް މުވާޞަލާތުގެ ދަތިކަން އެއީ އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭފަދަ ގޮތަކަށް އިޙްސާސް ކުރަން ޖެހިފައިވާ ކަމެއް ނޫން.

އަޅުގަނޑުމެންނަށްވުރެ މާބޮޑެތި ޤައުމުތަކުގައިވެސް އެކަން އޮތީ އެހެން. އަޅުގަނޑުމެންގެ ސަރަޙައްދުގެ ތެރެއިން ވިސްނާ ކަމަށްވަންޏާ އުތުރުކަރައިގައި. އަދި އެނޫން ޤައުމުތަކުގައިވެސް މިދެންނެވި އުޞޫލުގެ މަތިން، އެތަންތާނގެ ދަތުރުފަތުރުގެ ކަންތައް، ޒަމާނުއްސުރެ ހަމަޖެހިފައި އޮތީ މާފަސޭހަގޮތަކަށް. އަޅުގަނޑުމެންގެ ރާއްޖޭގައި އެއާ ވަރަށް ތަފާތު ގޮތަކަށް، ވަރަށްދަތި ގޮތަކަށް އޮތްއިރުވެސް، އަޅުގަނޑުމެން އެތައް ޤަރުނުތަކެއް ގިރާކޮށް، މިއަދާ ހަމަޔަށް ތަރައްޤީގެ މަގުގައި ސާބިތުކަމާއެކު ކުރިއަރަމުން އައިސްފައިވަނީ، އަޅުގަނޑު ދަންނަވާނީ ދިވެހިންގައި ހުރި މޮޅުކަމަކާއި ކުޅަދާނަ ކަމެއްގެ ސަބަބުންނޭ. އެހެންކަމާއެކު، މިއަދު މިހުޅުވޭ ކައްދޫ ވައިގެ ބަނދަރުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑު ފަހިކަމެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.

މިއަދަކީ މި އަހަރުގެ މަސްވެރިންގެ ދުވަސް. "ކައްދޫގެ ވައިގެ ބަނދަރު" ހުޅުވުމަށް މިއަދު ހަމަޖެހިފައިވަނީ މި މަޝްރޫޢާއި، ރާއްޖޭގެ މަސްވެރިކަމާ ދޭތެރޭގައި އޮތް ގުޅުމުގެ ބޮޑުކަމުން. އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ ވާހަކަފުޅު ދެއްކެވިއިރު، އެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވައިފި. އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެބޮޑު ޤުދުރަތީ ވަސީލަތަކީ އަދި އަޅުގަނޑުމެންނަށް ޤުދުރަތީ ގޮތުން ލިބިފައިވާ އެންމެ މުހިންމު މުއްސަނދި ކަމަކީ، އަޅުގަނޑުމެންގެ ކަނޑުތަކުގައިވާ މަހުގެ މުއްސަނދިކަން. އެ މުއްސަނދިކަން އަޅުގަނޑުމެންނަށް އެދެވޭގޮތެއްގައި ލިބެން އޮވެގެން ނޫނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތައް، އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެން އެދޭ ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ.

އެހެންކަމާއެކު، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުގައިވާ މަހުގެ ޚަޒާނާ ނުވަތަ މަހުގެ މުއްސަނދިކަން ރައްކާތެރިކުރުން ހިމެނިފައިވަނީ، ސަރުކާރުން ވަރަށް އިސްކަންދޭންޖެހޭ ކަމަކަށް. ކައްދޫގެ ވައިގެ ބަނދަރު އުފެދުމުން އަދި އޭގެފަހުން އިރާދަކުރެއްވިއްޔާ، ހަނިމާދޫގައި މިހާރު ފެށިފައިވާ ވައިގެ ބަނދަރު ހަދާ ނިމުމުން، ރާއްޖޭގެ މަސްވެރިކަން ރައްކާތެރި ކުރުމަށް ވަރަށްބޮޑު ބާރެއް ލިބޭނެ. ރާއްޖޭގެ މަސްވެރިކަމަކީ އަބަދުވެސް ރާއްޖޭގެ ހީވާގި އަދި މުރާލި މަސްވެރިންގެ އަތްމަތީގައި އޮންނަ އެއްޗެއް ކަމުގައި ވުމަށް، މިކަންކަމުން މި ލިބޭނެ ބާރަކީ އަޅުގަނޑު ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ ކަމެއް.

އާދެ، ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، މި މަޝްރޫޢަކީ ސަތޭކައިންސަތޭކަ ދިވެހި މަޝްރޫޢެއް. މި މަޝްރޫޢުގެ ޚިޔާލު އައީވެސް ހަމަ ދިވެހިންނަށް. މަޝްރޫޢުގެ ހުރިހާ މަރްޙަލާއެއްގައި، އެކަން ރާވައި ހިންގީވެސް ހަމަ ދިވެހިން. ބޭރުގެ އެއްވެސް މާހިރެއް ނުވަތަ ތަޖުރިބާކާރެއްގެ އެހީއެއް ނެތި. އަދި މަސައްކަތުގައި އުޅުނީވެސް ހަމަ މުޅިން ދިވެހިން. ޚަރަދުކުރީވެސް މުޅިން ހަމަ ދިވެހި ފައިސާ. ދިވެހި ސަރުކާރުގެ ބަޖެޓުން. މިހެން ދެންނެވި ކަމުގައިވިޔަސް، މަޝްރޫޢުގެ ވަރަށްފަހުކޮޅުގައި، ބޭރުގެ ބައެއް ފަރާތްތަކުގެ އެހީ ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. އާދެ، އެފަރާތްތަކުގެ ތެރޭގައި، ޔޫ.އެން.ޑީ.ޕީ.، އިކާއޯ އަދި އޯޕެކް ފަންޑު ހިމެނޭ. އެފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެހެން ނަމަވެސް، އެއާއެކުގައި މިދަންނަވަނީ މިކަމަކީ، އެފަރާތްތަކުގެ އެހީ ނުލިބުނު ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން، އަޅުގަނޑުމެންގެ އަމިއްލަ ފައިސާއިން ކުރަން ސަރުކާރުން ނިންމާފައިވާ މަސައްކަތެކޭ. އަދި އިރާދަކުރެއްވީތީ ﷲގެ ވާގިފުޅާއެކު، މި މަސައްކަތް ނިމިގެން މިދިޔައީވެސް ހަމަ ސަތޭކައިންސަތޭކަ ދިވެހި މަސައްކަތެއްގެ ގޮތުގައޭ.

އާދެ، މި ބުރަ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ޝުކުރު އަދާކުރައްވައިފި. ހުރހާ ފަރާތްތަކުގެ ނަން ފާހަގަކުރައްވައި ވިދާޅުވެއްޖެ. އެހެން ނަމަވެސް، އަބަދުވެސް ދިމާވާގޮތަށް، އެ ލިސްޓް މުޅިން ފުރިހަމަ ލިސްޓެކޭ ދެންނެވޭކަށް ނެތް. އާދެ، އެއީ މި މަސައްކަތް ފެށުނީއްސުރެން ފެށިގެން ނިމެންދެން ހިންގެވުން ސަރުކާރުން ޙަވާލުކުރައްވާފައިވާ ފަރާތުގެ ނަން، އޭނާއަށް ވިދާޅުވުން ދަތިފުޅުކަމަށްވާތީ، އެވާހަކަ ވިދާޅެއްނުވޭ. އެހެންވީމާ، މި މަޝްރޫޢު ފެށުނީއްސުރެން ފެށިގެން ނިމެންދެން، އާދެ، މިވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި، ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު، އަދި އެހާމެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، މި މަސައްކަތް ހިންގެވުމުގައި، އެންމެ އިސް ބައެއް އަދާކުރެއްވި ބޭފުޅަކު ކަމުގައިވާ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމަށް އަޅުގަނޑުގެ އަމިއްލަ ނަމުގައްޔާއި، ސަރުކާރުގެ ނަމުގައި ޝުކުރު ދަންނަވަން.

އާދެ، މިއަދު މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި ތިންވަނަ ވައިގެ ބަނދަރެއް ހުޅުވުނު ދުވަސް. ކުރީގެ ވައިގެ ބަނދަރުތަކާ ތަފާތުގޮތަކަށް. ކުރިންވެސް އިޝާރާތްކުރި ފަދައިން، މިތަނަކީ އަޅުގަނޑުމެންގެ އަމިއްލަ ޚިޔާލަށް އައި ކަމެއް. އަޅުގަނޑުމެން އަމިއްލައަށް މިތާނގެ މަސައްކަތް ފަށައިގެން ނިންމި ކަމެއް. އަޅުގަނޑުމެންގެ ދިވެހިންގެ ޚާއްޞަ ބޭނުންތަކެއް ފުއްދުމަށްޓަކައި ރާވައި ހިންގި މަޝްރޫޢެއް. ހުޅުލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގައި އޮތް އެންމެމަތީ ފެންވަރުގެ ވައިގެ ބަނދަރު. އަދި ރާއްޖޭގައި އޮތް ހަމައެކަނި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު. އެކަން އޮންނާނީވެސް އެހެން. އޮންނަންޖެހޭނީވެސް އެހެން. އެހެން ނަމަވެސް، އެތަނަކީ ބޭރުގެ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ލިބިގެން، ބޭރުގެ ތަޖުރިބާކާރުންގެ ޚިދުމަތްތަކެއް ލިބިގެން، އަދި ބޭރުގެ މަސައްކަތްކުރާ ކުންފުނިތަކެއްގެ މަސައްކަތުގެ އެހީވެސް ލިބިގެން ސަރުކާރުން ނިންމާފައިވާ ވަރަށް މުހިންމު، ވަރަށްބޮޑު ޕްރޮޖެކްޓެއް. މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ގަމުގައިވާ ވައިގެ ބަނދަރަކީވެސް ބޭރުގެ ފަރާތަކުން، އެމީހުންގެ ބޭނުންތަކެއް ފުއްދުމަށްޓަކައި ހަދާފައިވާ ތަނެއް. އެހެން ނަމަވެސް، މިއަދު މިހުޅުވުނު ތަނަކީ، މި ދެންނެވި ދެ ވައިގެ ބަނދަރާ މުޅިން ތަފާތުގޮތަކަށް ހުޅުވިގެންދިޔަ ވައިގެ ބަނދަރެއް.

އާދެ، ގަމުގެ ވައިގެ ބަނދަރާ ބެހޭގޮތުން ދަންނަވާލަން ޖެހެނީ، ގަމުގެ ވައިގެ ބަނދަރަކީ، ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ކަމުގައިނުވިޔަސް، އެތަނުގެ އަހަންމިއްޔަތު އެއީ ވަރަށްވެސް ބޮޑު ތަނެކޭ. ސަރުކާރުން އެކަން އަބަދުވެސް ފާހަގަކުރެޔޭ. އަދި އެތަން ދިރުވައި ކުރިއަށް ގެންދިޔުމަށްޓަކައި މިހާރުވެސް މަސައްކަތް ކުރަމުން ގެންދެވޭ. އަދި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރަމުން ގެންދާނެއޭ. އެއީ، ކަންދިމާކުރި ގޮތުން ބޭރު ބަޔަކު، އެބައެއްގެ ބޭނުންތަކެއް ފުއްދުމަށްޓަކައި ހެދި ތަނެއް ކަމުގައިވިޔަސް، މިއަދު އައްޑުއަތޮޅު ގަމުގައިވާ ވައިގެ ބަނދަރަކީ ސަތޭކައިންސަތޭކަ ދިވެހި ވައިގެ ބަނދަރެއް. އެއީ ސަތޭކައިންސަތޭކަ ދިވެހިރާއްޖޭގެ ބޭނުންތައް ފުއްދުމަށްޓަކައި އޮތް ވައިގެ ބަނދަރެއް. އެހެންވީމާ، ތަނުގެ ފެށުން އޮތީ އެހެން ގޮތަކަށް ކަމުގައިވިޔަސް، މިހާރު އެކަން މުޅިން ބަދަލުވެގެން އައިސް މިއޮތީ ދިވެހި ތަނަކަށްވެފައި. އެހެންވުމާއެކު، ދިވެހި ސަރުކާރުން އެތަން ތަރައްޤީކޮށް، އެތަން ބަލަހައްޓައި، އެތާނގެ ޚިދުމަތްތައް އައްޑުއަތޮޅުގެ ރައްޔިތުންނަށާއި އަދި މުޅި ދިވެހިރާއްޖެއަށް ލިބޭގޮތަށް ދަނީ މަސައްކަތް ކުރަމުން. މިހާރުވެސް އެތާނގެ ޚިދުމަތްތައް ތަރައްޤީ ކުރުމަށް މަޝްރޫޢެއް ރޭވިގެން، އެ މަޝްރޫޢު ހިނގަމުންދާކަން އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އާދެ، މިއަދު މި ހުޅުވުނު ވައިގެ ބަނދަރަކީ ވަސީލަތެއް. އެއީ، އަމާޒުފަތްގަނޑެއް ނޫން. އާދެ، މަސައްކަތް ފެށިގެން އައިއިރު، އަޅުގަނޑުމެންގެ އަމާޒުފަތްގަނޑަކަށް ވެފައި އޮންނާނީ އެމަސައްކަތެއް ނިންމުން. އެމަސައްކަތެއް ނިންމައިގެން، އެކަމުގެ ޚިދުމަތްތައް ފެށުން. އެހެން ނަމަވެސް، އެމަސައްކަތެއް ނިމުމާއެކު، އަޅުގަނޑުމެން އިތުރަށް ޚިޔާލުކޮށްލަންޖެހޭ. މިހިސާބުން އަޅުގަނޑުމެންގެ މަޤްޞަދު ޙާޞިލްވެ ނިމުނީބާވައޭ؟ އެ ސުވާލު އަޅުގަނޑުމެން ކުރަންޖެހޭ. ޝައްކެއްނެތް، ކައްދޫގައި ވައިގެ ބަނދަރެއް ހެދުމުން ނުވަތަ 1986 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު، އެ ވައިގެ ބަނދަރު ހުޅުވުމުން، އަޅުގަނޑުމެންގެ އެ މަޝްރޫޢު ނިމުނީކީ ނޫން. މިހިސާބުން އަޅުގަނޑުމެންގެ އަތް ދޫކޮށްލާފައި، އަޅުގަނޑުމެންނަށް ކުރެވުނު މަތިވެރި ކާމިޔާބީގެ އުފަލުގައި، އަތް އުރާލައިގެން ތިބެންވީކީ ނޫން.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، މިއަދު މިކޮށް ނިމުނު މަސައްކަތަކީ، އަޅުގަނޑުމެންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ނިންމި ވަސީލަތެކޭ. އެއީ ފަހަރެއްގައިވެސް އަމާޒުފަތްގަނޑެއް ނޫނޭ. މި ވަސީލަތް ބޭނުންކުރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. މިއަދު އަޅުގަނޑުމެންގެ ވާޖިބަކީ، މި ވައިގެ ބަނދަރު އެދެވޭގޮތެއްގައި ބޭނުންކުރުން. އެންމެ ފުރަތަމަ ތަން ބެލެހެއްޓުން. ތަނަކީ މާލެއާ 145 މޭލު ދުރުގައި ހެދިފައިވާ ތަނެއް. މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ސަރުކާރުގެ މުހިންމު ދާއިރާތައް މާލޭގައި ހުރުމާއި، އެކިއެކި ފަސޭހަތައް މާލޭގައި ޤާއިމުވެފައި ހުރުމުގެ ސަބަބުން މާލޭގައި ހުންނަ ސަރުކާރުގެ ތަންތަން ބެލެހެއްޓުމަކީ މާދަތިކަމަކަށްނުވޭ. އެއާ ޚިލާފަށް، ރާއްޖެތެރޭގައި ހުންނަ ތަންތަން، ޚާއްޞަކޮށް، މިފަދަ މުހިންމު ތަންތަން ބެލެހެއްޓުން އޮންނާނީ ދަތިކަމަކަށްވެފައި. އެކަމުގައި މުޅި އަތޮޅުގެ ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުންވޭ. އަތޮޅުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންނާއި، އަތޮޅު ކުރިއަރުވާ ކޮމިޓީއާއި، ރަށްރަށް ކުރިއަރުވާ ކޮމިޓީއާ، މި ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންވޭ. އެންމެ ފުރަތަމަ އަޅުގަނޑު މިދަންނަވަނީ މިފަދަ ތަނެއް ހެދުމުން، އަޅުގަނޑުމެން ވިސްނަންޖެހޭނީ އެތަނެއް ބެލެހެއްޓުމާ ދޭތެރޭގައޭ. ވަރަށް ފުރިހަމަކޮށް މިއަދު މިތަން ވަނީ ހެދިފައި. އަދި ބައެއް ތަންތަން މުޅިން ފުރިހަމަނުވާތީ، މިކަމާ ގުޅޭ ބައެއް ޚިދުމަތްތައް ނިމުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އެތަންތަން އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފުރިހަމަކުރެވޭނެ. ފުރިހަމަކުރުމަށްފަހުގައި، އެތަންތަން ރަނގަޅަށް ބަލަހައްޓައި މަރާމާތުކޮށް، އެތަނުން ލިބެންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ލިބޭގޮތަށް މަސައްކަތް ކުރުން އެއީ، އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް. އެހެންވީމާ، އެއީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ހަނދާންކުރަންޖެހޭނެ ކަމެއް.

ދެވަނަ ކަމަކީ، މިތަން އުފެއްދުނު ބޭނުން ހެޔޮގޮތުގައި ކުރުން. އާދެ، އެއީ މުވާޞަލާތުގެ ގޮތުން، މިހިސާބުގަނޑާއި މާލެއާ އަދި މިހިސާބުގަނޑާއި އައްޑުއަތޮޅާ ގުޅާލުން. ދަތުރުފަތުރުގެ ގޮތުން މި ތިން މަރުކަޒު ގުޅާލުން. ފަސިންޖަރުން އުފުލުމާއި، މުދާ އެއްތަނުން އަނެއްތަނަށް ގެންދެވުމުގެ ގޮތުންވެސް މި ތިން ސަރަޙައްދު ގުޅާލުން. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންޖެހެނީ، މި ތިން ސަރަޙައްދު ގުޅައިލެވޭގޮތަށް ހަމަޖެހުނީމާ، މިތަންތަނުގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަމިއްލަ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކަންތައް ކުރާނީ ކިހިނެއްތޯ؟ އާދެ، ކައްދޫގައި ވައިގެ ބަނދަރެއް ހެދިފައި އޮތަކަސް އަދި އެތަނުން ހަފްތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު ހުޅުލެއަށް މަތިންދާބޯޓު ދަތުރުކުރި ކަމުގައިވިޔަސް، މަތިންދާބޯޓުން ދާނެ މީހުން ނުވަތަ ގެންދާނެ ތަކެތި ނެތް ކަމުގައިވަންޏާ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް މި ކުރެވުނީ މުޅިން ބޭކާރު މަސައްކަތަކަށްވާނެކަން ކަށަވަރު. އެހެންވީމާ، އެންމެ ފުރަތަމަ އަޅުގަނޑުމެން ވިސްނަންވީ މި ވައިގެ ބަނދަރު ބޭނުންކޮށްގެން، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ ކިހިނެއްތޯ؟ އާދެ، މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވާހަކަވެސް ދެއްކެވި. މިހިސާބުގަނޑުގެ ރަށްތަކަކީ ވަރަށްވެސް ބޮޑެތި ރަށްތަކެއް. މިހިސާބުގަނޑުގައި ކުރިއަށްދާނެ ވަސީލަތްތައް ބައިވަރު އެބައޮތް. ބޭނުންވަނީ ހިންމަތާއެކު މަސައްކަތް ކުރުން.

އަޅުގަނޑު މިއަދު މަތިންދާބޯޓުން މިހިސާބަށް އުދުހިފައި އައި އައުމުގައި އަދި އޭގެކުރިންވެސް މާލެއިން ގަމަށް ދަތުރުކުރި ފަހަރުތަކުގައި އަޅުގަނޑަށް ފެނިފައިވާ ގޮތުގައި، މިހިސާބުގަނޑުގެ ރަށްތަކުގައި ދަނޑުވެރިކަމުގެ މަސައްކަތް، ގަސް އިންދުމުގެ މަސައްކަތް ކުރެވިފައިވަނީ ވަރަށްވެސް ކުޑަކޮށް. ވަރަށް ބޮޑެތި ރަށްތަކެއް ފެންނަމުންދަނީ. އެކަމަކު އެ ރަށްތަކުގައި އިންދިފައިވާ ރުށްތަކަށް ބަލާއިރުވެސް އެއީ ވަރަށް މަދު ޢަދަދެއްގެ ރުއްތައްކަން ފާހަގަކުރެވޭ. ބިމުގެ ބޮޑުބައި އޮންނަނީ އެއްވެސް ބޭނުމެއް ނުކުރެވި ބޭކާރުގޮތުގައި ދޫކޮށްލެވިފައި. އެހެންވީމާ، އެކަން އެހެން އޮވެގެން އަދި ކައްދޫގައި ވައިގެ ބަނދަރެއް ހުޅުވުނުކަމުގައިވިޔަސް، ހައްދުންމައްޗަށްވެސް އަދި މިހިސާބުގަނޑުގެ އެހެން އަތޮޅުތަކަށްވެސް މިކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ.

މިހާރުގެ އެންމެބޮޑު މައްސަލައަކަށް ވަނީ، މި ދެންނެވީ ދަނޑުވެރިކަމުގެ ގޮތުން ބަލާއިރު، އެންމެބޮޑު މައްސަލައަކަށް ވެފައި އޮންނަނީ ދަނޑުވެރިކަން ކުރާ މީހުން އުފައްދާ ތަކެތި، އެމީހުން އެ ވިއްކަން ބޭނުންވާ ބާޒާރަށް، އާދެ، މާލޭގެ ބާޒާރަށް ނުވަތަ މާލެއާ ކައިރީގައިވާ ރިޒޯޓުތަކުގެ ބާޒާރަށް ގެންދެވޭނެގޮތް ނެތުން. މިހިސާބުގަނޑުގެ ނިސްބަތުގައި، އެކަން މިއަދު މި ޙައްލުވީ. ހައްދުންމަތީ ރަށްރަށުގައި އުފެއްދޭ ތަކެތި، ދުވަހުން ދުވަހަށް މާލެއަށް ގެންދެވޭނެ އިންތިޒާމު މި ހަމަޖެހުނީ. އެހެންވީމާ، ދެން ބާޒާރު ނެތުމުގެ ސަބަބުން ނުވަތަ ތަކެތި އުފައްދާފައި، އެ ތަކެތި ވިއްކަން ބޭނުންވާ ބާޒާރަށް ގެންދިޔުމުގެ ދަތިކަން ހުންނަގޮތުން އެއީ، އެތަކެތި އުފެއްދުމަށް އެޅިފައިވާ ހުރަހެއް ކަމުގައިވަނީނަމަ، އެހުރަސް އިރާދަކުރެއްވިއްޔާ މިއަދު މި ފިލައިގެންދަނީ. ކުރިއަށް އޮތް ތާނގައި އޮތީ ރައްޔިތުންގެ ހިންމަތާއި މަސައްކަތް. އަދި އެފަދަ ބޮޑެތި މަސައްކަތް ކުރެއްވުމަށް، މާލީގޮތުން އެހީ ބޭނުންވާ ކަމުގައިވަނީނަމަ، ސަރުކާރުން އެކަންވެސް ކޮށްދޭން އޮތީ ތައްޔާރަށް.

އާދެ، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި، އެކަން ފަށްޓަން ނުވަތަ ހިންގަން ބޭނުންވާ ފައިސާ، އެއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްމަދު މީހެއްގެ އަތުގައި ނޫނީ ނުހުންނަ އެއްޗެއް. އެކަން ކުރަންޖެހެނީ، ދުނިޔޭގެ އެހެން ކަންތައްތައްވެސް ހަމަޖެހިފައިވާ ގޮތުގެ މަތިން ކޮންމެވެސް ފަރާތަކުން ލޯނެއް ނަގައިގެން. ދަނޑުވެރިކަމުގެ ކަންތަކަށް، މީގެކުރިން ލޯނު ލިބުމަކީ މާފަސޭހަ ކަމަކަށް ވެފައެއް ނެތް. އެހެން ނަމަވެސް، މިހާރު ސަރުކާރުން ޤަޞްދުކޮށްފައި އޮތީ، އަދި އެމް.އެމް.އޭ.ގެ ބޯޑް އޮފް ޑިރެކްޓަރުން ނިންމަވާފައި އޮތީ ދަނޑުވެރިކަމަށްވެސް ބޭންކްތަކުން ލޯނު ލިބޭގޮތަށް. އެހެންވީމާ، ބޭންކްތަކުންވެސް ވަކި ނިސްބަތަކަށް، ދަނޑުވެރިކަމުގެ އެކަށީގެންވާ މަސައްކަތްތައް، މަޝްރޫޢުތައް ހުށަހަޅާ ފަރާތްތަކަށް ލޯނު ލިބުމުގެ މަގުއޮތީ މިހާރު ތަނަވަސްވެފައި. އޭގެއިތުރުން، ސަރުކާރުން ދޭ ލޯނުވެސް އެބަހުރި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށް ޚާއްޞަ ބައެއް މަސައްކަތްތަކަށް ލޯނު ދޫކުރޭ. އޭގެތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތްވެސް ހިމެނޭ. އެހެންވީމާ، ދަނޑުވެރިކަމުގެ ރޮނގުންވެސް ގަސްއިންދާ، އަދި ދަނޑުވެރިކަމުގެ އެހެން ބާވަތްތައްވެސް ހައްދާ، އެ އެކަށީގެންވާ އިޤްތިޞާދީ ފައިދާއެއް އެކަމުން ނެރެވޭގޮތަށް، ރަނގަޅު ގޮތަކަށް ރޭވިގެން ހުންނަ މަޝްރޫޢުތަކަށް، ނުވަތަ ރޭވިފައި ހުންނަ މަޝްރޫޢުތަކަށް، ސަރުކާރުގެ ކަމާބެހޭ ފަރާތުން އެ މަޝްރޫޢުތައް ބަލާފައި، އެއީ އެކަށީގެންވާ ރަނގަޅު ފައިދާއެއް ލިބިދާނެ ކަމެއް ކަމުގައިވަނީނަމަ، ސަރުކާރުން ލޯނުދޭގޮތަށް ވަނީ މިހާރު ހަމަޖެހިފައި. އެހެންވީމާ، އެގޮތުން މި އަތޮޅުގެ ރައްޔިތުން، ދެން ފަސްޖެހިވަޑައިގަންނަވަންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ.

އާދެ، މިއަދުގެ ވާހަކައިގައި، ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، މިއަދު މި ހުޅުވުނު ވައިގެ ބަނދަރަކީ، ރާއްޖެތެރެއަށް އަންނަމުންމިދާ ކުރިއެރުމާއި ދިރުމުގެ ވަރަށްބޮޑު ނިޝާނެއް. އާދެ، ރާއްޖެތެރެ ކުރިން އޮތްގޮތާ މިހާރާ ވަރަށް ތަފާތު. މިހާރު ރާއްޖެތެރޭގައި ވަރަށްގިނަ ކަންތައްތައް ފެށިގެން ހިނގަމުން އެބަދޭ. އެންމެ ފުރަތަމަ އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވީ ފަހުން، ރާއްޖެތެރޭގައި ހިންގި މަޝްރޫޢަކީ، އަދި މިހާތަނާ ޖެހެންދެންވެސް ހިނގަމުންދާ މަޝްރޫޢަކީ، "ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢު"ގެ ނަމުން ނަން ދެވިފައިވާ މަޝްރޫޢު. އޭގެދަށުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، އެކި މިސްކިތް، އަތޮޅުއޮފީސް، ރަށުއޮފީސް، ރަށުކޯޓު، މިފަދަ ތަންތަން ޢިމާރާތްކޮށް ހަދާ، މަރާމާތުކޮށް އެބަ ހެދޭ. އަދި މީގެއިތުރުންވެސް، ވަރަށްގިނަ ކަންތައްތައް ކުރަމުން ގެންދެވޭ.

މީގެއިތުރުން، ތަޢުލީމީ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، ރާއްޖެތެރޭގައި ސަރުކާރުގެ ޚަރަދުގައި މަދަރުސާތަކެއް ބިނާކުރުމުގެ މަޝްރޫޢެއްވެސް ހިންގިފައިވޭ. އެ މަޝްރޫޢުގެ އިތުރުން، ބޭރުގެ އެހީ ލިބިގެން ރާއްޖެތެރޭގައި މަދަރުސާތަކެއް ބިނާކުރުމުގެ މަޝްރޫޢެއްވެސް ސަރުކާރުން ހިންގާފައިވޭ. ހަމައެފަދައިން، ރާއްޖެތެރޭގައި ސަރަޙައްދީ ހަސްފަތާލުތަކެއް ޤާއިމުކުރުމުގެ މަޝްރޫޢު މިހާރުވެސް ހިނގަމުން އެބަދޭ. މިފަދަ ކަންތައްތައް ރާއްޖެތެރެއަށް ކުރެވެމުންދިޔުމުން، ރާއްޖެތެރެއަށް އަންނަ ދިރުމާއި ކުރިއެރުން އެއީ އަޅުގަނޑުމެންނަށް މިއަދު ފެންނަން އޮތް ކަމެއް. މިއަދު މި ހުޅުވޭ ވައިގެ ބަނދަރަކީ، މި ދެންނެވި ދިރުމާއި ކުރިއެރުމުގެ ވަރަށްބޮޑު ނިޝާނެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ސަރުކާރުން ރާއްޖެތެރެއަށް ދޭ އަހަންމިއްޔަތު އެއީ އަދި މި ދެންނެވި މަޝްރޫޢުތަކުން އެކަނި ފާހަގަވާން އޮންނާނެ ކަމެއް ނޫނޭ. މިދެންނެވި މަޝްރޫޢުތަކުގެ އިތުރުން، މަސްވެރިކަމާބެހޭ ތަފާތު ބޮޑެތި މަޝްރޫޢުތައްވެސް ސަރުކާރުން ހިންގަމުން އެބަ ގެންދޭ. މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢު. އެއީ ދެކުނުގެ ފަސްއަތޮޅަށް ކަނޑައެޅިފައިވާ މަޝްރޫޢެއް. އަދި ދުނިޔޭގެ ބޭންކުގެ ރާއްޖެއާބެހޭ ދެވަނަ މަޝްރޫޢު. އެ ބޮޑު ދެ މަޝްރޫޢު ނިމުމުން، އޭގެ ސަބަބުން ރާއްޖެތެރެއަށް ވަރަށްބޮޑު ދިރުމެއް ލިބިގެންދާނެކަން ކަށަވަރު. އެގޮތަކީ އެ ދެ މަޝްރޫޢަކީވެސް ރާއްޖެތެރޭގައި ކުރެވޭ އެންމެބޮޑު މަސައްކަތް. އާދެ، މަސްވެރިކަމުގެ މަސައްކަތަށް ފަހިވާގޮތަށް، އެ މަސައްކަތް ކުރިއަށް ގެންދެވޭގޮތަށް ރޭވިފައިވާ ދެ މަޝްރޫޢު ކަމަށްވާތީ.

އަދި މީގެއިތުރުން، މުވާޞަލާތުގެ ކަންތައްތައް. އާދެ، މާލެއާއި ރާއްޖެތެރެއާ ގުޅުން. ރާއްޖެތެރެއާއި މާލެއާ ގުޅުން. ރާއްޖޭގެ އެއްއަތޮޅާއި އަނެއް އަތޮޅާ ގުޅުން. އެއްރަށާ އަނެއް ރަށާ ގުޅުން. ތަފާތު ގޮތްގޮތަށް ކުރެވޭ ކަމެއް އެއީ. އެކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން މަޝްރޫޢުތަކެއް ވަނީ ރާވާފައި. އޭގެތެރެއިން އެއް މަޝްރޫޢަކީ، ޓެލެކޮމިއުނިކޭޝަން މާސްޓަރ ޕްލޭންގައިވާ މަސައްކަތްތައް. އާދެ، އެ މަސައްކަތްތައް މިހާރު ފެށިގެން ހިނގަމުން އެބަދޭ. އޭގެތެރެއިން އެއް މަސައްކަތެއް، މާލޭގައި ހަދަމުންދާ މުވާޞަލާތާބެހޭ އާ މަރްކަޒު. އެތަން ނިމުމުން، ރާއްޖެތެރޭގެ އެހެން ތަންތާނގައިވެސް، މާލެއާއި ރާއްޖެތެރެއާ ޓެލެފޯނުގެ ޛަރީޢާއިން ގުޅާލުމުގެ މަސައްކަތްތަކެއް ފެށިގެންދާނެ. އަދި އޭގެ އިތުރުންވެސް، ސަރުކާރުން ޚިޔާލުކުރާ ބައެއް ކަންތައްތައް އެބަހުރި. މިއަދު އޭގެ ވާހަކައެއް އަޅުގަނޑު ދަންނަވާލަން ޤަޞްދުކުރަން.

އާދެ، އެއީ ތަރައްޤީގެ މަގުގައި އެންމެ ބޮޑަށް އެހީވެދޭ ކަމަކީ މަޢުލޫމާތުގެ ރޮނގުން. އާދެ، މަޢުލޫމާތުގެ ރޮނގުން އަޅުގަނޑުމެންނަށް އިތުރު ކަންތައްތައް އެނގި، އިތުރު ކަންތައްތައް ދަސްވެ، ދުނިޔޭގެ އެހެން ތަންތާނގައި މީހުން އުޅޭގޮތް ފެނި، އެމީހުންވެސް އެމީހުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތް ކުރަނީ ކިހިނެއްތޯ، މިކަންކަން އެނގުން. އެއީ ޝައްކެއްނެތްގޮތުގައި، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި ވަރަށް މުހިންމު ބައެއް ކުޅޭ ކަމެކޭ. އެ އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިހާރު މާލޭގައި މި އޮންނަނީ، އަޅުގަނޑުމެންގެ ރާއްޖެއަށް ފުދޭވަރަކަށް އެކަންތައް ފަހިވެފައި. އެއީ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ޛަރީޢާއިން މާލެއާއި މާލެ ކައިރީގައިވާ ރަށްތަކުގެ މީހުންނަށް، މި ދެންނެވި ފަދަ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ދަނީ ލިބެމުން.

އާދެ، ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ދަނީ ލިބެމުން. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް ވަރަށް ސާފުކޮށް ލިބޭ. އެ ޕްރޮގްރާމްތަކުގައި އެ ދެވޭ ބޭނުންތެރި މަޢުލޫމާތާއި، ނަޞޭޙަތާއި އިރުޝާދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރު ވަރަށް ފުރިހަމަގޮތެއްގައި ލިބެމުން އެބަދޭ. މަޢުލޫމާތުގެ ދާއިރާގައި އެންމެބޮޑު ބައެއް ކުޅޭ އަނެކައްޗަކީ ޓެލެވިޜަން. ޓެލެވިޜަންގެ ޚިދުމަތްތައް އަދި މިހާތަނަށް ލިބެމުން އައިސްފައިވަނީ ހަމައެކަނި މާލެއަށް. ދެން މާލޭގެ ކައިރީގައިވާ ރަށްތަކަށް. ޓެލެވިޜަންގެ ޚިދުމަތް ރާއްޖެތެރެއަށް އަދި ސީދާ ފޮނުވޭގޮތަކަށް ހަމަޖެހިފައެއް ނެތް. އެހެން ނަމަވެސް، މިހާރު ސަރުކާރުން ޚިޔާލުކުރަނީ، މާދުރު ނޫން މުސްތަޤްބަލެއްގައި، ރާއްޖެތެރޭގެ ހުރިހާ ރަށަކަށްވެސް ޓެލެވިޜަންގެ ޚިދުމަތް ފޯރުވައިދެވޭފަދަ މަޝްރޫޢެއް ރާވައި ހިންގޭތޯ. އާދެ، އެމަޝްރޫޢު ވާނީ ރާއްޖެތެރެއަށް ޓެލެކޮމިއުނިކޭޝަންސްގެ ޛަރީޢާއިން ލިބޭ ފައިދާއަކަށް. މި ދެންނެވީ، މިދެންނެވި މަޝްރޫޢުގެ އެންމެބޮޑު ބަޔަކީ، މާލެއާއި ރާއްޖެތެރެއާ ޓެލެފޯނުގެ ޛަރީޢާއިން ގުޅައިލުން. އަދި ޓެލެފޯނުގެ އިތުރަށް، ޓެލެކްސްގެ ޛަރީޢާއިންވެސް ގުޅައިލުން. މި މަޝްރޫޢު ކާމިޔާބުވުމުން، އޭގެއިތުރުން ވަރަށްކުޑަ ޚަރަދެއް ކޮށްގެން، ރާއްޖެތެރެއަށް ޓެލެވިޜަންގެ ޚިދުމަތްތައްވެސް ފޮނުވޭގޮތަށް ރޭވިދާނެ ކަމަށް، ބޭރުގެ މާހިރުން ލަފާދެމުން އެބަގެންދޭ. އެކަމާބެހޭ ރިޕޯޓެއް ދާދިފަހުން އައި.ޓީ.ޔޫ.ގެ ފަރާތުން ތައްޔާރުކޮށް، ދިވެހި ސަރުކާރަށް މިހާރުވަނީ ހުށަހަޅާފައި. އެ ރިޕޯޓް މިހާރުދަނީ ސަރުކާރުން ބަލަމުން. އެހެންވީމާ، އޭގައިވާ ކަންތައްތަކަށް ޢަމަލީ ސިފައެއް އަތުވެއްޖެނަމަ، އާދެ، މާދުރު ނޫން މުސްތަޤްބަލެއްގައި، ރާއްޖެތެރޭގެ ރައްޔިތުންނަށްވެސް ޓެލެވިޜަންގެ ޚިދުމަތް ލިބޭނެކަމީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެންވެސް ވަރަށް ޚާއްޞަ އުފަލަކާއެކު ފާހަގަކުރާނެ ކަމެއް.

އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، މިފަދަ މަޝްރޫޢުތައް ނިމުމުން، އެހިސާބުން އަޅުގަނޑުމެން އެރޮނގުން ކުރަމުންގެންދާ މަސައްކަތްތައް ނިމުނީ ކަމަށް ބަލައިގެން ނުވާނެ. އެމަސައްކަތް އިތުރަށް ތަރައްޤީކޮށް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަންވާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ކުރިންވެސް ދެންނެވި ފަދައިން، މިއަތޮޅުގެ ހީވާގި، މުރާލި ރައްޔިތުންނާއި، އަތޮޅުގެ އެކިއެކި ކަންކަމާ ޙަވާލުވެ ތިއްބެވި ވެރިންނާއި އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އާދެ، މިކަމުގައިވިއްޔާ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި، ސިވިލްއޭވިއޭޝަން އޮތޯރިޓީއާއި އަދި އެސް.ޓީ.އޯ.އާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން، މި ވައިގެ ބަނދަރުގެ ޚިދުމަތްތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ގެންދެވުން. އަދި މި ވައިގެ ބަނދަރަކީ، ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް ހެދޭ މަރްކަޒަކަށް ވުމާއެކު، އަޅުގަނޑުމެންގެ ވައިގެ ދަތުރުފަތުރުގެ ކަންތައް ކުރަމުން ގެންދާ ފަރާތް ކަމަށްވާ، އެއަރ މޯލްޑިވްސްވެސް ވަރަށްބޮޑު ބައެއް މިކަމުގައި ކުޅުއްވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިގެން، މިތަން ރަނގަޅަށް ބެލެހެއްޓި، މިފަދަ ތަނެއް ޤާއިމުވުމުން، ރާއްޖެތެރެއަށާއި އަދި މުޅި ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް ލިބެން އުންމީދު ކުރެވޭ ފައިދާތައް އެންމެ ހެޔޮގޮތުގައި ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް ފާގަތިކަން ދެއްވުން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމުގެ ޚިޔާލު ދެއްވުން. ކުރިއެރުމުގެ ޚިޔާލު ދެއްވުމާއެކު، ކުރިއަރަމުން ދިޔުމަށް މަސައްކަތް ކުރުމުގެ ތައުފީޤު ދެއްވުން. އަދި އެމީހުން ކުރާ މަސައްކަތުގައި އެކަށީގެންވާ ފައިދާ ލެއްވުން. ކޮންމެ މަސައްކަތެއްވެސް ނިމުމާއެކު، އެ މަސައްކަތެއް ދަމަހައްޓައި ބެލެހެއްޓުމުގެ ތައުފީޤުވެސް އެމީހުންނަށް ދެއްވުން. އަދި މާތްވެގެންވާ އިސްލާމްދީނުގައި، ރާއްޖޭގެ ރައްޔިތުން ހަރުދަނާކަމާއެކު، ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ލެއްވުން. އެހެނީ ޝައްކެއްނެތްގޮތުގައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން އޮތީ މާތްވެގެންވާ އިސްލާމްދީނުގައި. އެ ދީނުގައި ހިފެހެއްޓި މިންވަރަކުން އަޅުގަނޑުމެންނަށް މި ދުނިޔޭގެ ބާއްޖަވެރިކަން ލިބެނީވެސް، އަދި އާޚިރަތުގެ ބާއްޖަވެރިކަން ލިބެނީވެސް. ޒަމާނުއްސުރެ ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. އެހެންވުމާއެކު، އިސްލާމްދީނުގައި ހަރުދަނާކަމާއި ސާބިތުކަމާއެކު ފައިތިލަ ސާބިތުކޮށްގެން ތިބެގެން، އެ ދީނާ ޚިލާފުނުވާ ގޮތުގެ މަތިން، ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގައި، އެ މަޝްރޫޢުތަކުން ދިވެހި ރައްޔިތުންނަށް ލިބެން އުންމީދު ކުރެވޭ ފުރިހަމަ ފައިދާތަކާއި ލާބަ ލިބުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟްރަތަށް އަޅުގަނޑު ދުޢާކުރަން.

والسّــلام عليكم ورحمـة اللّـه وبركاته.