بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّد الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވެރިޔާގެ ޙައިޘިއްޔަތުން، ކުރިއަށް އޮތް 1987 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އައުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. މި ހިނގި 8 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކާމިޔާބުވަމުންދާކަން އެއީ، އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ކަމެއް. މި ބުރަ މަސައްކަތުގައި، އަޅުގަނޑަށް އެހީވެދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަށް، މި ފުރުޞަތުގެ ބޭނުންކުރަން.

މިދިޔަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން، ދިވެހިރާއްޖެއަށްވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކުރި. ނަމަވެސް، އެއާއެކުވެސް ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ބަދަލުތަކެއް ގެނެވުނު. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ، ރާއްޖޭގައި ހަރުދަނާ ސިޔާސީ ހަމަޖެހުމެއް ޤާއިމުވެފައިވާކަން.

މިދިޔަ އަށެއްކަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދު ކުރިއަށްޖެހިފައި ވަނީ ވަރަށް ބާރަށޭ ދެންނެވިދާނެ. ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުމުގެ މިންވަރު އެވްރެޖް ގޮތެއްގައި ޖެހިފައިވަނީ، ސަތޭކައަކުން 10 އާ 12 އާ ދޭތެރޭގައި. ވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީގެ ލަނޑުދަނޑިއާ ދިމާއަށް ދަތުރުކުރެވެމުންދަނީ، ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ ބާރަށް ކަމުގައިވެސް ދެންނެވިދާނެ. ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ކުރިއެރުމަށް އެންމެބޮޑު ޙިއްޞާއެއް އައިސްފައިވަނީ، އަޅުގަނޑުމެންގެ ދިރިއުޅުން، އޭގެ މައްޗަށް ބިނާކޮށްފައިވާ މަސްވެރިކަމުން. ދެން ޓޫރިޒަމުން.

ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދަނީ، ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ފެންވަރު، އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް ގެންދެވޭތޯ. އަދި ރާއްޖެތެރޭގެ ޙާލަތު ރަނގަޅުކޮށް، ވެއްޓިފައިވާ ވަޅުގަނޑުން ނެގޭތޯ ބެލުމަށް. އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ، އަޅުގަނޑުމެންގައި މިކަން ކުރުމުގެ ހުނަރުވެރިކަން އުފައްދައިގެން. އަޅުގަނޑުމެން ބޭރުކުރާ މުދާ އިތުރުކޮށް، އަދި ބޭރުކުރާ އިތުރު ޚިދުމަތުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ބޭރުފައިސާ އިތުރުކޮށްގެން. އަދި އަޅުގަނޑުމެންގެ ރާއްޖެއިން، ބޭނުންވާ މާލިއްޔަތު ނެރެވިގެން.

އިޤްތިޞާދީ ކުރިއެރުން ބާރަށް ގެންދިޔުމުގެ ސަބަބުން ނުކުންނާނެ ބައެއް މައްސަލަތަކާ، އެހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެންވެސް ކުރިމަތިލާންޖެހޭ. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކީ، ބޭނުން ވަގުތަކު ބޭނުންވަރަކަށް ލިބޭ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަމަކީވެސް ތަފާތު ގިނަ ވައްތަރުގެ ޤުދުރަތީ މުއްސަނދި ކަމެއްނޫން. އެހެންކަމުން، ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ގެންދަން ޖެހިފައިވަނީ، ލިބޭ އެއްޗަކަށްވުރެ ޚަރަދު އިތުރުވާގޮތަށް.

އާދެ، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހާރު ލިބިވަޑައިގެންފައިވާ ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސްތަކުން، މި ދެންނެވި ނުކުތާ ފިލާވަޑައިގަންނަވާނެ. ބަޖެޓް މަޢުލޫމާތު ނަންބަރު 8 ބައްލަވައިލައްވައިފިއްޔާ، އެ ކަރުދާހުން ފެނިވަޑައިގަންނަވާނެ، ދައުލަތުގެ އާމްދަނީއާއި ޚަރަދު ދައްކާ ކުރެހުމެއް. މިއީ 1979 ވަނަ އަހަރުން ފެށިގެން 1987 އާ ދޭތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއާއި، ޚަރަދު ކުރެވުނު މިންވަރު ދައްކައިދޭ ކުރެހުމެއް. ފެނިވަޑައިގަންނަވާނޭ ފަދައިން، 1979 ވަނަ އަހަރުގެ ބަޖެޓް ޚަރަދު، އާދެ، އެ ބަޖެޓަކީ، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވިފަހުން އެންމެ ފުރަތަމަ ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބަޖެޓް. އެ އަހަރަށް ބައްލަވައިލައްވާއިރު، އެ އަހަރުގެ ޚަރަދު އޮތީ 49.4 މިލިޔަން ރުފިޔާ. ބަޖެޓް ޚަރަދު، 1979 ވަނަ އަހަރު. ދެން މި 8 އަހަރު ގިރާކުރައްވައި، އެންމެފަހު ކޮލަމަށް ވަޑައިގެންފިއްޔާ އެއީ، 1987 ވަނަ އަހަރުގެ ހިސާބުތައް ލަފާކުރުން ދައްކާ ކޮލަމް. އެއިން ފެނިވަޑައިގަންނަވާނެ، ބަޖެޓް ޚަރަދު 408 މިލިޔަނަށް ގޮސްފައިވާކަން. ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި، ގާތްގަނޑަކަށް 9 ގުނަ، ބަޖެޓް ޚަރަދު ވަނީ އިތުރުވެފައި. ލިބޭ އާމްދަނީވެސް ހަމަ އެވަރަށް ކުރިއަށް ގޮސްފައިވޭ. 1979 ވަނަ އަހަރު ސަރުކާރަށް ލިބިފައިވަނީ 35.3 މިލިޔަން ރުފިޔާ. 1987 ވަނަ އަހަރު، އާދެ، އަންނަ އަހަރު ސަރުކާރަށް ލިބޭނޭކަމަށް ލަފާކުރެވިފައިވަނީ 369.2 މިލިޔަން ރުފިޔާ. އެހެންވީމާ، ލިބޭ އެއްޗެއް 10 ގުނައަށްވުރެވެސް ބޮޑަށް ވަނީ އިތުރުވެފައި.

އެހެންވުމާއެކު، ރާއްޖޭގައި މިހާރު ހިންގަމުންގެންދާ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކަކީ، އެއަށް ހުއްޓުމެއް ގެނެސްފިނަމަ، ރާއްޖޭގެ ކުރިއެރުމަށް ވަރަށްބޮޑު ހުރަސްތަކެއް އަޅާނެ ކަމަކަށްވާތީ، އެ ކަންތައްތައް ހުއްޓުވެން ނެތުމާއެކު، މިވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ ބަޖެޓަކީ ޑެފިސިޓް ބަޖެޓެއް ކަމުގައި އޮތީ ވެފައި. އަދި 1987 އަށް ލަފާކޮށްފައިވާ ބަޖެޓް އެއީވެސް ޑެފިސިޓް ބަޖެޓެއް ކަމުގައި ވާން ޖެހިފައިވަނީ. އާދެ، މި ދެތިން އަހަރު ބައިނަލްއަޤްވާމީ ވިޔަފާރިއާއި ބެލެންސް އޮފް ޕޭމަންޓްސްގެ ބާކީ ދައްކަނީވެސް ރާއްޖެއަށް މާ ފަހިވާގޮތަކަށް ނޫން.

މި ދެންނެވި އިޤްތިޞާދީ މައްސަލަތަކުގެ ތެރެއިން ބައެއް ކަންތައްތައް އެއީ އަޅުގަނޑުމެންނަށް ބާރު ފޯރުވޭނޭ ކަންތައްތަކެއް ނޫން. އެހެން ނަމަވެސް، އެ ކަންތައްތަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަންޖެހޭ. މި ދެންނެވި މައްސަލަތަކުގެ ތެރެއިން އެއްބައި ކަންތައް މަސައްކަތް ކޮށްގެން ޙައްލުކުރެވިދާނެ. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދިއްޔަތު ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، އަޅުގަނޑުމެން މިގެންދަނީ ވަގުތުން އަޅަމުން. 1983 ވަނަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ މައިގަނޑު ތިން ދާއިރާގައިވެސް އެކުއެކީގައި އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހުނީ ވަރަށް ބޮޑެތި ހުރަސްތަކަކާ. އޭގެތެރެއިން މަސްވެރިކަމަށް އައި ހީނަރުކަމަކީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެގެންދިޔުން. ހަމަ އެފަދައިން، ޝްރީލަންކާގައި ހިނގި ނަސްލީ ދެކޮޅުވެރިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޓޫރިޒަމް ދަށަށްދިޔަ. އަދި ބޯޓުފަހަރުގެ ނާލުގެ އަގު ދަށަށްދިޔުމާއި، އީރާން-ޢިރާޤު ހަނގުރާމައިގެ ސަބަބުންނާއި، ވިޔަފާރިއަށް މުދާ އުފުލާ ބޯޓުފަހަރުގެ ޖާގަ ކަނޑައެޅުމުގައި، ބައިނަލްއަޤްވާމީ ވިޔަފާރިއާއި ތަރައްޤީގެ ޖަމާޢަތުގެ ފަރާތުން ހަމަޖެއްސި ޤަވާޢިދެއްގެ ސަބަބުން، ރާއްޖޭގެ ބޯޓުދުއްވާ ކުންފުނިން ކުރީގައި ލިބެމުން އައި ފައިދާ، ގެއްލުމަކަށް ބަދަލުވެގެންދިޔަ.

އާދެ، އެހެން ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި، އެ ގެއްލުން ވަނީ ހަމަޔަކަށް އެޅުވިފައި. މިހާރު ބޯޓުފަހަރު ދުއްވައިގެން ގެއްލުމެއްނުވޭ. ޚަރަދު ދެކޮޅުޖެހޭ. އެހެން ނަމަވެސް، ކުރިން ލިބެމުން އައި ފައިދާ އަދިވެސް ލިބެމުންނެއް ނާދޭ.

މި ދެންނެވި ތިން ދާއިރާ، އާދެ، އެއީ މަސްވެރިކަމާއި، ޓޫރިޒަމާއި، ބޯޓުފަހަރު ދުއްވުން. އެއީ، އަޅުގަނޑުމެންނަށް އެންމެ ފައިދާހުރި ތިން ދާއިރާ ކަމަށްވާތީ، އެ ތިން ދާއިރާއަށް ކުރިމަތިވި މައްސަލަތަކަކީ، އަޅުގަނޑުމެންނަށް ސީދާ ބާރުފޯރުވޭނޭ ކަންތައްތަކެއް ކަމުގައިނުވިޔަސް، ސަރުކާރުން މިގެންދަނީ، އެންމެ ރަނގަޅު ގޮތަކަށް އެ ކަންތައްތައް ހަމަޖެއްސޭތޯ ބަލަމުން.

ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 1987 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިހާރު އޮންނާނީ، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގެންފައި. ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ޚަރަދާއި، ލިބުނު އާމްދަނީއާއި، އަންނަން އޮތް އަހަރަށް ލަފާކުރި ސަރުކާރުގެ ޚަރަދާއި، މި ހިނގާ އަހަރުގެ އަންދާޒާ ޚަރަދު، މަޢުލޫމާތަށްޓަކައި އޭގައި ހިމެނިފައިވާނެ.

މީގެއިތުރަށް، ބަޖެޓާ ބެހިގެން ތައްޔާރުކުރެވިފައިވާ އެހެން މަޢުލޫމާތު ކަރުދާސްތައްވެސް ވާނީ، ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅަށް އަރާފައި. އެ މަޢުލޫމާތުގެ މައްޗަށް އިތުރަށް އަލިއަޅުވާލުމުގެ ގޮތުން، އަޅުގަނޑުގެ މި ބަޔާނުގައި ރާއްޖޭގެ އިޤްތިޞާދިއްޔަތަށް، ކުރުގޮތަކަށް ބަލައިލަން ޤަޞްދުކުރަން.

1985 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދިއްޔަތު ހިނގިގޮތް:

1985 ވަނަ އަހަރަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތު ވަރަށް ބޮޑު ތަން ކުރިއަށް ޖެހިލި އަހަރެއް. ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ މިންވަރު، ސަތޭކައަކުން 15 އިތުރުވި އަހަރެއް. މީގެތެރެއިން އެންމެބޮޑު ބައެއް އިތުރުކޮށްދިނީ، މަސްވެރިކަމާއި ޓޫރިޒަމުން. މަސް ބޭނުނު މިންވަރު، ސަތޭކައަކުން 12 ކުރީ އަހަރަށްވުރެ މައްޗަށް ޖެހިފައިވޭ. އަދި ބޭރުކުރެވުނު މަހާއި ކަނޑުގެ ބާވަތްތަކުން، 1984 ވަނަ އަހަރާ އަޅާބަލާއިރު، ސަތޭކައަކުން 54 އިތުރުވި. ސަރުކާރުން މިހާރު ހިންގަމުންގެންދާ އެންމެބޮޑު މަޝްރޫޢު ހިންގަމުން ގެންދަނީ، މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން.

ޓޫރިޒަމްގެ ދާއިރާއަށް ބަލާއިރު، 1985 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، އޭގެ ކުރީ އަހަރަށްވުރެ ސަތޭކައަކުން 37 އިތުރުވެފައިވޭ. މީގެ ސަބަބުން ރާއްޖެއަށް ލިބުނު ބޭރުފައިސާ، ސަތޭކައަކުން 26 އިތުރުވި.

ޒިރާޢަތުގެ ރޮނގުން ލިބެންޖެހޭ ބައި، އެންމެ އެދެވޭގޮތެއްގައި ލިބެމުންދެޔެކޭ ނުދެންނެވޭނެ. އޭގެ އެންމެބޮޑު ސަބަބަކީ، ރާއްޖޭގައި އެ މަސައްކަތް ކޮށްއުޅޭ މީހުންގެ ޢަދަދު މަދުކަމާއި، ރާއްޖޭގެ ރަށްތަކުގެ ބިންގަނޑު ދެރަކަމާއި، ދަތުރުފަތުރުގެ އުނދަގޫކަން.

ޢިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގެންފައިވާ ލިޔުންތަކުން އެނގިވަޑައިގަންނަވާނޭ ފަދައިން، 1985 ވަނަ އަހަރު، ސަރުކާރުގެ ބަޖެޓުން ހިނގާފައިވާ ޖުމްލަ ޚަރަދަކީ 219.6 މިލިޔަން ރުފިޔާ. މިއީ، 1984 ވަނަ އަހަރު ހިނގި ޖުމްލަ ޚަރަދު 207.3 މިލިޔަން ރުފިޔާއަށްވުރެ ސަތޭކައަކުން 6 ގިނަ ޢަދަދެއް. 1985 ވަނަ އަހަރު ސަރުކާރަށް އެކިގޮތްގޮތުން ލިބިފައި ވަނީ 198.8 މިލިޔަން ރުފިޔާ. މިއީ، ކުރީ އަހަރު ލިބުނު 195.7 މިލިޔަން ރުފިޔާއަށްވުރެ، ސަތޭކައަކުން 1.5 އިތުރު ޢަދަދެއް. ލިބުނު އެއްޗަކަށްވުރެ ހިނިގ ޚަރަދު 20.8 މިލިޔަން ރުފިޔާ އިތުރުވެފައިވޭ. ޕްރޮޖެކްޓް ލޯނަށް ބަލާއިރު، 1985 ވަނަ އަހަރު 21.5 މިލިޔަން ރުފިޔާ ލިބިފައިވޭ. އަދި ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއިން ޚަރަދު ކުރެވިފައިވަނީ 13.2 މިލިޔަން ރުފިޔާ.

1985 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރޭގައި، އެއްތަނަކުން އެންމެ ގިނައިން ލިބިފައި ވަނީ، އޭގެ ކުރީ އަހަރެކޭވެސް އެއްފަދައިން، ކަސްޓަމުން 53.1 މިލިޔަން ރުފިޔާ. ދެން އެންމެ ގިނަ ޢަދަދަކަށް އާމްދަނީ ލިބިފައިވަނީ، ޓޫރިޒަމްގެ ދާއިރާއިން. އެއީ 38.3 މިލިޔަން ރުފިޔާ. ތިންވަނައަށް އެންމެ ގިނައިން ލިބިފައި ވަނީ، މަތިންދާބޯޓު ދަތުރުފަތުރާބެހޭ ދާއިރާއިން. އެއީ 16.8 މިލިޔަން ރުފިޔާ. ސަރުކާރުގެ ވިޔަފާރި ތަންތަނުން އެންމެބޮޑު ފައިދާއެއް ދައްކާފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް، އެސް.ޓީ.އޯ. އިން. އެއީ 15.2 މިލިޔަން ރުފިޔާ. ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 9.7 މިލިޔަން ރުފިޔާ.

1985 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، އެންމެބޮޑު ޚަރަދެއް ހިނގާފައި ވަނީ، އިޖުތިމާޢީ ތަރައްޤީއަށްޓަކައި. އެއީ 76.7 މިލިޔަން ރުފިޔާ. ދެން އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ، ހިންގުމާބެހޭ ބަޔަށް. އެއީ 46.2 މިލިޔަން ރުފިޔާ. އިޤްތިޞާދީ ތަރައްޤީއަށްޓަކައި ޚަރަދު ކުރެވިފައިވަނީ 40.1 މިލިޔަން ރުފިޔާ.

ބަޖެޓުގެ ސަތޭކައަކުން 15 ހިނގާފައިވަނީ، ބޭރުގެ ދަރަނީގެ ޚިދުމަތުގެ އަގު ދެއްކުމަށާއި، ދަރަނި އަދާކުރުމަށް. އެއީ ލޯނު އަދާކުރުމަށް 24.3 މިލިޔަން ރުފިޔާއާއި، ޚިދުމަތުގެ ޚަރަދަށް 8.8 މިލިޔަން ރުފިޔާ. މި ޚަރަދު، އޭގެ ކުރީ އަހަރަށްވުރެ ވަރަށްބޮޑުތަން ވަނީ މަތިވެފައި. ކުރީ އަހަރު މި ދެބަޔަށް ޚަރަދުވެފައި ވަނީ 13.8 މިލިޔަން ރުފިޔާ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި މިހާރު ކުރެވެމުންމިދާ ބޮޑެތި މަސައްކަތްތައް މަޑުޖައްސާލުމަކީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު ހިތުން އަޅުގަނޑުމެން ހިތްހަމަޖެހޭނެ ކަމެއް ނޫން. އެހެންކަމުން، ސަރުކާރަށް ލިބޭ އާމްދަނީއަށްވުރެ، ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް އޮންނަނީ ބޮޑުވެފައި. އެނގިވަޑައިގަންނަވާނޭ ފަދައިން، 1985 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި، އެ އަހަރު ލިބޭނޭކަމަށް ލަފާކުރި އާމްދަނީއަށްވުރެ އިތުރަށް 46.5 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އޭރުއޮތީ ލަފާކުރެވިފައި. އެހެން ނަމަވެސް، ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، އެ ޢަދަދު 20.8 މިލިޔަން ރުފިޔާއަށް ކުޑަކުރެވުނުކަން އަޅުގަނޑު ފާހަގަކޮށްލަން.

ހަމައެފަދައިން، ވިޔަފާރި ބޭންކްތަކުން ހަމަޖެހޭ އުޞޫލެއްނެތި، ލޯނު ދޫކުރަމުން ގެންދިޔުމުން، ފައިސާގެ ނިޒާމަށް ބުރޫއަރައި، އިޤްތިޞާދީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެތީ، ވިޔަފާރި ބޭންކުން ލޯނު ދޫކުރުމާބެހޭ އުޞޫލެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން 1985 ވަނަ އަހަރުގެ ތެރޭގައި ހަމަޖައްސަވާފައިވޭ. މި އުޞޫލުގެ ދަށުން ބޭންކްތަކުން ދޫކުރަމުންދިޔަ ލޯނު، ވާދައެއްގެ ގޮތުގައި ދޫކުރުމަށް ހުއްޓުމެއް ގެނެވުނު. އަދި އެކި ބައިތަކަށް ލޯނު ދޫކުރުމުގައި، ތަރައްޤީގެ ބައިތަކަށް އިސްކަންދޭނޭ ގޮތެއްގެ އިރުޝާދު ދެވުނު. މިކަމުގެ ސަބަބުން ވަރަށް އެދެވޭ ބަދަލެއް އިޤްތިޞާދަށް އަންނަކަން މިވަގުތު އަޅުގަނޑު ފާހަގަކުރަން.

ސަރުކާރުގެ ފަރާތުން ރާއްޖެ ތަރައްޤީ ކުރުމަށް، ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާއިރު، ވިޔަފާރީގެ ބޮޑެތި މަސައްކަތްތައް ފަށާ ދިވެހިންނާމެދު އެއްޗެއް ދަންނަވާލުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ޓޫރިޒަމްގެ ދާއިރާގައި ކުރިއަށްދާ އަމިއްލަ ފަރާތްތައް، ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިކަމުގެ ތެރޭގައި، މިހާރުވަނީ އެއިރޭޓެޑް ވޯޓަރ ފެކްޓަރީއެއް އުފެދިފައި. ދެ ފަރާތަކުން މި މަސައްކަތް ކާމިޔާބާއެކު ކުރިއަށްގެންދޭ. ހަމައެހެންމެ، އެސްލޯން ހޮޅި ހެދުމުގެ މަސައްކަތެއް ފަށައިގެން ކުރިއަށް ހިނގަމުން އެބަދޭ.

މި އަހަރު ފެށުނު ބޮޑެތި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ޓޫރިޒަމަށް ބޭނުންވާ ކުކުޅާއި ކުކުޅުބިސް އުފެއްދުމަށްޓަކައި، އަމިއްލަ ފަރާތެއްގެ ވަރަށްބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާކަން ފާހަގަކޮށްލަންޖެހޭ.

މަސްވެރިކަމުގެ ދާއިރާގައިވެސް މަހާއި މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތަފާތު ގޮތްގޮތަށް ތައްޔާރުކުރާ ދިވެހިން ކުރާ މަސައްކަތާއި، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުން މަސް ބޭނުމަށްޓަކައި، ދިވެހިންގެ އަމިއްލަ ބަޔަކު، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފަށައިގެން ހިންގަމުން ގެންދާ މަސައްކަތްތައްވެސް ފާހަގަކޮށްލަން.

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ އެއްބަޔަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ފައިދާވާނޭ ރޮނގުތަކުގައި ބިދޭސީން އިންވެސްޓް ކުރުމަށްވެސް ތަންދިނުން. މިފަދައިން ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ފަރާތްތަކުން ހުށަހަޅާ މަސައްކަތްތަކަށް ބަލައި، ރާއްޖޭގައި ބޭރުގެ ފަރާތްތަކުން ހިންގުމަށް އެކަށީގެންވާ މަސައްކަތްތަކަށް ސަރުކާރުން ގެންދަނީ ހުއްދަދެމުން.

ބޭރުގެ އިންވެސްޓަރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ތުލުސްދޫގައި ތައްޔާރީހެދުން އުފައްދައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުން ހިމެނޭ. ޓޫރިސްޓުންނަށް ދެވޭ ޚިދުމަތް އިތުރުކުރުމުގެ ގޮތުންނާއި، ޞިއްޙީ ފަރުވާއަށް، އަވަހަށް އެއްރަށުން އަނެއް ރަށަށް ގެންދިޔުމަށްޓަކައި ކަނޑަށް ތިރިކުރާ މަތިންދާބޯޓު ދުއްވުމާއި، ބާރަށްދުވާ، ކަނޑުގައި ދުއްވާ ބޯޓުގެ ބޭނުންކުރުން ހިމެނޭ. ބައެއް ފަޅުރަށްރަށް ޓޫރިސްޓް ޚިދުމަތް ނޫން އެހެން ކަންކަމަށް ތަރައްޤީ ކުރުމާއި، ބޭރުން މުދާ ގެނެސް، ސީދާ ރީއެކްސްޕޯޓް ކުރުން ހިމެނޭ.

މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތްކުރާ ފަދައިން، ޓޫރިޒަމުން ލިބޭ އާމްދަނީވެސް ގިނަކުރުމާ ދޭތެރޭގައި، ސަރުކާރުން އަބަދުވެސް ގެންދަނީ ޚިޔާލުކުރަމުން. އެހެންކަމުން، މިހާރު ރޭވިފައިވާ ގޮތުގެ މަތިން، އަރިއަތޮޅުގެ ބައެއް ރަށްރަށް ތަރައްޤީ ކުރުމަށް މި އަންނަ އަހަރު ފަށައިގަނެވޭނެ.

މި ހިނގާ އަހަރުގެ ތެރޭގައި، ބޭރުގެ އެހީ ލިބިފައިވާލެއް ރަނގަޅު. އ.ދ.ގެ ޖަމާޢަތްތަކުން އެކިއެކި ޕްރޮޖެކްޓަށް ލިބޭ އެހީގެ އިތުރަށް، ޖަޕާނު ސަރުކާރުން ޓެލެކޮމިއުނިކޭޝަނަށް ވެދޭ އެހީ، އެ ދާއިރާއަށް ލިބެމުންދޭ. ޓެލެކޮމިއުނިކޭޝަންގެ ޢިމާރާތް، މި އެހީގެ ދަށުން މިހާރު އެދަނީ ނިމެމުން. އަދި ޓެލެފޯން އެކްސްޗޭންޖާއި، އެކަމަށް ބޭނުންވާ ސާމާނު، ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ލިބޭގޮތަށް ވަނީ ހަމަޖެހިފައި.

އިސްލާމިކް ބްރޯޑްކާސްޓިންގ ސްޓޭޝަނެއް ހެދުމަށްޓަކައި ސަޢޫދީ ސަރުކާރުން އެހީ ލިބިފައިވޭ. އަދި އެހެން އަހަރު އަހަރެކޭ އެއްފަދައިން، ބައެއް ޤައުމުތަކުން ތަކެތީގެ އެހީ ލިބެމުންދިޔަ. މީގެތެރޭގައި، އޮސްޓްރޭލިޔާ، އިނގިރޭސިވިލާތް، ރިޕަބްލިކް އޮފް ކޮރެއާ ހިމެނޭ.

ރާއްޖޭގެ ތަރައްޤީއާ ގުޅޭގޮތުން ރާއްޖޭގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާވެސް ދަނީ ފުޅާވަމުން. އަޅުގަނޑުމެންނަށް ބޭރުފައިސާ ލިބެންހުރީ ވަރަށްހަނި ދާއިރާތަކަކުން ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ގެންނަންޖެހެނީ ބޭރުން. ވީމާ، ބައިނަލްއަޤްވާމީ ވިޔަފާރިއަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ވަރަށްބޮޑު ބަޔަކަށް އޮންނަނީ ވެފައި. ޤައުމެއްގެ އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އެ ޤައުމެއްގެ ފުދުންތެރިކަން މަތިކުރުމަކީ ބޭނުންކަމެއް. ފުދުންތެރިކަން މަތިކޮށް ދެމެހެއްޓޭނީ، ޤައުމުގައި އުފައްދާ ތަކެތިން ފުދުންތެރިކަން ފުރިހަމަކޮށްގެން. ނުވަތަ އެ ޤައުމެއްގައި އެންމެ ރަނގަޅު ފެންވަރަކަށް އުފެއްދޭ ތަކެތި ނުވަތަ ޚިދުމަތް، އެހެން ޤައުމުތަކަށް ވިއްކައިގެން ލިބޭ އެއްޗެއް އިތުރުކޮށްގެން.

މިގޮތުން ބަލާއިރު، ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރެވޭނެ މާގިނަ ރޮނގުތަކެއް އަދި ފެނިފައެއް ނެތް. ސަބަބަކީ، އަޅުގަނޑުމެންނަށް ޤުދުރަތީ މުއްސަނދި ކަމުގެ ތަފާތު ގިނަ ވަސީލަތްތަކެއް ލިބިފައިނުވާކަން. އެހެންވީމާ، އަޅުގަނޑުމެންނަށް އެންމެބޮޑު ފައިދާއެއް ލިބެމުންދާ މަސްވެރިކަމާއި، ޓޫރިޒަމާއި، ބޯޓު ދުއްވުމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭ. ވިޔަފާރީގެ އެކައުންޓްގައި، ނުވަތަ މުދާ އެތެރެކޮށް، މުދާ ބޭރަށް ފޮނުވުމުގެ އެކައުންޓްގައި، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް ހުރިގޮތުން، ރާއްޖޭގެ ބެލަންސް އޮފް ޕޭމަންޓްސް ދައްކަނީ ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުކޮށް.

މިހިސާބުން އަޅުގަނޑުމެންގެ ތިން އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ މަޝްރޫޢާމެދު އެއްޗެއް ދަންނަވާލަން ޤަޞްދުކުރަން.

މިވޭތުވެދިޔަ 1985 ވަނަ އަހަރަކީ، އެ މަޝްރޫޢުގެ ފުރަތަމަ އަހަރު. ވީމާ، މަޝްރޫޢުގައި ކަނޑައެޅިފައިވާ މަޤްޞަދުތައް ޙާޞިލް ކުރުމަށާއި، ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތައް ހިންގަމުން ގެންދިޔުމުގައި، މި ދެންނެވި ޤައުމީ މަޝްރޫޢުގައި އިސްކަންދެވިފައިވާ ނުކުތާތަކަށް ސަމާލުކަން ދޭންޖެހޭ.

ތިން އަހަރުގެ ޤައުމީ މަޝްރޫޢުގެ މުހިންމު މަޤްޞަދުތައް ކަމުގައި ކަނޑައެޅިފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، މާލެއާއި ރާއްޖެތެރެ ތަރައްޤީވެފައިވާ ފެންވަރުގެ ތަފާތު ކުޑަކުރުމާއި، ރާއްޖޭގެ އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ ގޮތްތައް އިތުރުކުރުން. މިގޮތުން، އަހަންމިއްޔަތު ދެވޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ޚާއްޞަކޮށް، ބޭރުފައިސާ ލިބޭ މަސައްކަތްތައް އިތުރުކުރުމާއި، ކުޑަކުދިން މަރުވާ ޢަދަދާއި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ޢަދަދު، ﷲގެ ވާގިފުޅާއެކު މަދުކުރުމާއި، ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ގޮތްތައް އިތުރުކުރުމާއި، ރައްޔިތުންގެ ތަޢުލީމީ ފެންވަރު މަތިކުރުމާއި، ރާއްޖެތެރޭގެ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގައި، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތައް ހަމަޔަކަށް ގެނައުމަށް މަސައްކަތް ކުރުން ހިމެނޭ.

މި މަޝްރޫޢުގެ ފުރަތަމަ އަހަރު ކަމުގައިވާ 1985 ވަނަ އަހަރަށް ބަލާއިރު، ޢާންމު ގޮތެއްގައި، ހިތްހަމަޖެހޭވަރަށް މަސައްކަތް ކުރިއަށް ގޮސްފައިވޭ.

1985 ގައި ހިންގުނު ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، މަސްވެރިކަން ތަރައްޤީ ކުރުމަށް ނަގާފައިވާ ދެ ލޯނު ކަމުގައިވާ، ކުވައިތު ފަންޑް ލޯނާއި، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ލޯނުގެ ދަށުން ރާއްޖެތެރޭގައި ތެޔޮ ތާނގީތައް ހެދުމާއި، މަސްދޯނިފަހަރު ބަނުމާއި، މަސްކިރާ ބޯޓުފަހަރު ބަނުން ހިމެނޭ. މާލޭގެ ބޯފެނާއި ފާޚާނާގެ މަޝްރޫޢުވެސް ފެށުނީ 1985 ވަނަ އަހަރުގެ ތެރޭގައި.

ނިމިގެންމިދާ 1986 ވަނަ އަހަރަކީ، ކުރީގައި ފެށިފައި ހުރި ބައެއް ބޮޑެތި މަޝްރޫޢުތައް ނިމުމަކާ ހަމަޔަށް ގެނެވުނު އަހަރެއް. އެހެންކަމުން، ބަޖެޓާމެދު ބަޔާނެއް ދޭއިރު، މިފަދަ މަޝްރޫޢުތަކާމެދު އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދެކެން.

އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ ފަށައިގަނެވުނު އެންމެބޮޑު މަޝްރޫޢަކީ، މާލޭގެ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު. މި މަޝްރޫޢު މިހާރުވަނީ ނިމިފައި ކަމަށް ވުމާއެކު، ދެން ބޭނުންވަނީ އެތަނުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފޭނެ ގޮތެއް ރޭވުން.

1987 ވަނަ އަހަރަކީ، ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯދައިދިނުމުގެ ބައިނަލްއަޤްވާމީ އަހަރު ކަމަށްވުމާއެކު، އެ އަހަރުގެ ތެރޭގައި، މާލޭގައި ހައުސިންގ ސްކީމްގެ މަޝްރޫޢެއް ފެށްޓުމުގެ އުންމީދު ވަރަށްބޮޑު.

މާލޭގައި ވިޔަފާރި ބަނދަރެއް ހެދުމަކީ، ވަރަށް ކުރިއްސުރެ ޚިޔާލު ކުރެވިފައިވާ ކަމެއް. ރާއްޖެއަށް އަންނަ މުދާ އުފުލާ ބޯޓުފަހަރު ގިނަވުމާއި، ބާލަންޖެހޭ މުދާ ގިނަވުމުގެ ސަބަބުން މާލޭ ބަނދަރުގައި ހުންނަ ބޯޓުފަހަރުން މުދާ ބޭލުމަކީ އުނދަގޫ، ވަގުތު ގެއްލޭ، އަދި ޚަރަދުބޮޑު ކަމަކަށް އޮތީ ވެފައި. މި މަޝްރޫޢަކީ އެއިން ލިބޭ އެއްޗަކުން، އެތަން ހަދަން ހޯދި ލޯނު ދެއްކޭނޭ މަޝްރޫޢެއް ކަމަށްވެފައި، އަދި ވަރަށް އަވަހަށް ނިންމަން ބޭނުންވާ ކަމަކަށްވާތީ، މި ޕްރޮޖެކްޓަށް ޚަރަދުކުރީ ވިޔަފާރި ލޯނެއް ނަގައިގެން. މާލޭ ވިޔަފާރި ބަނދަރުގެ ފުރަތަމަ މަރްޙަލާ ވަނީ މުޅިން ނިމި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުޅުވިފައި.

1982 ވަނަ އަހަރު ޣާޒީ ބިލްޑިންގ ޢިމާރާތް ކުރެވި، ވަރަށްގިނަ އޮފީސް ވަނީ އެތަނަށް ގެނެވިފައި. ނަމަވެސް، އޮފީސް ހިންގުމަށް އިތުރު ތަން ބޭނުންވާތީ، ހުރަވީ ބިލްޑިންގ ޢިމާރާތްކޮށް، ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކެއް މިހާރުވަނީ އެ ޢިމާރާތަށް މި އަހަރު ބަދަލުކުރެވިފައި.

މިފަދަ ޢިމާރާތްތައް ސަރުކާރުން ހެދުމުގެ ބޭނުމަކީ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރުކުރުން ކަމުގައި ހުރަވީ ޢިމާރާތް ހުޅުވުނު ދުވަހު އަޅުގަނޑު ބުނިން. ސަރުކާރުގެ އޮފީސްތަކެއް އެއްތަނެއްގައި ހުރެގެން ލިބޭ ފަސޭހައެއްގެ އިތުރަށް، އޮފީސްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރުކޮށް، އަވަސްކޮށްދިނުމަކީ، މިފަދަ ތަންތަން ހެދުމުގެ އެންމެބޮޑު މަޤްޞަދު.

ފެލިވަރުގައި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާ ބޮޑުކުރުން، އެ ހިމެނޭނީ، އަޅުގަނޑު ދެކޭގޮތުގައި އަދި މިހާތަނަށް އެންމެކުރު މުއްދަތެއްގެ ތެރޭގައި ނިންމުނު، ރާއްޖެއަށް އިޤްތިޞާދީ ގޮތުން އެންމެ ފައިދާހުރި ޕްރޮޖެކްޓް ކަމުގައި. މި ކާރުޚާނާ ބޮޑުކޮށް ރަނގަޅު ކުރުމަށް 2.66 މިލިޔަން އެމެރިކާ ޑޮލަރާއި، 8 މިލިޔަން ރުފިޔާ ޚަރަދުކުރެވުނު. މި ކާރުޚާނާ ހުޅުވުމުން، އެއިން ލިބޭ ތަޖުރިބާގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ މަސްވެރިކަން ކުރިއަށް ރޭވުމުގައި އެހީވެދޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

މި މަހުގެ 10 ވަނަ ދުވަހު ހުޅުވުނު ހައްދުންމަތީ ކައްދޫ ވައިގެ ބަނދަރަކީ، އެއްގޮތަށްވުރެ ގިނަގޮތުން ވިސްނާއިރު، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ރާއްޖެތެރޭގެ ދަތުރުފަތުރުގެ ދަތިކަން މިއަދު ކުރިއަށްވުރެ މާބޮޑަށް އިޙްސާސް ކުރެވެމުންދިޔަ ކަމުގައިވިޔަސް، މި މައްސަލައަކީ ރާއްޖޭގައި މީހުން އުޅެން ފެށީއްސުރެ ކުރިމަތިވެފައިވާ މައްސަލައެއްކަން ޔަޤީންކުރެވޭ. މިއަދު ސަރުކާރުން ރާއްޖެތެރެ ތަރައްޤީ ކުރަން ހިންގާ އެކިއެކި މަޝްރޫޢުތަކުގައި އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކީ، ދަތުރުފަތުރުގެ ދަތިކަން. އެހެންވުމާއެކު، މި ހުޅުވުނު ކައްދޫ ވައިގެ ބަނދަރުގެ ސަބަބުން ރާއްޖެތެރޭގެ ތަރައްޤީއަށް ވަރަށްބޮޑު ފައިދާތަކެއް ކުރާނެ ކަމަށް ފެނޭ.

1986 ގައި ރާއްޖޭގެ އިޤްތިޞާދިއްޔަތު ދައްކާގޮތް:

ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަށްދާ މިންވަރު އެންމެ ބޮޑަށް ދައްކަނީ، ކުރިންވެސް ދެންނެވި ފަދައިން، މަސްވެރިކަން ކުރިއަށްދާ ނިސްބަތުންނާއި، ޓޫރިޒަމް ކުރިއަށްދާ ނިސްބަތުން. ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު، މި ހިނގާ އަހަރު މަސްވެރިކަން މާބޮޑުތަން އިތުރުވާނެ ކަމަކަށް ނުފެނޭ. ހަމައެފަދައިން، ޓޫރިޒަމްގެ ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، ކުރީ އަހަރުގެ ފުރަތަމަ 10 މަސްދުވަހަށްވުރެ ތަންކޮޅެއް މަދު. ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިދިޔަ މޭ މަހުން ފެށިގެން ޝްރީލަންކާ މަގުން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެގެންދިޔައީ، ކޮޅުނބު އެއަރޕޯޓުގައި ދިވެހިރާއްޖެއަށް ފުރުމަށް ތައްޔާރުވެފައި އޮތް އެއަރލަންކާގެ މަތިންދާބޯޓެއް ގޮއްވާލައިގެން، އެތައް ބަޔަކު މަރުވި ޙާދިޘާއަކަށްފަހުގައި.

ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާ ބެހޭގޮތުން ދަންނަވަންޖެހެނީ، ޢާންމުންގެ ޟަރޫރީ ބޭނުންތަކަށް ސަރުކާރުން އެތެރެކުރާ އެއްޗެތީގެ އަގުތައް، ކުރީ އަހަރެކޭވެސް އެއްފަދައިން، މި އަހަރުވެސް ވަނީ މައްޗަށްދިޔަނުދީ ހިފެހެއްޓިފައޭ. އަދި ތެޔޮފަދަ ބައެއް ތަކެތީގެ އަގު ދަށަށްވެސް ޖެހިފައިވެއޭ. އަގުތައް ބަލާ މިންގަނޑުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަތަރު އަހަރު ބާޒާރުގެ އަގުތައް މައްޗަށް ޖެހިފައިވަނީ، އަހަރަކު ސަތޭކައަކުން 4. މިއީ އަވަށްޓެރި ޤައުމުތަކުގައި ތަކެތީގެ އަގު މައްޗަށްދާ ނިސްބަތަށް ބަލާއިރު، ވަރަށްކުޑަ ޢަދަދެއް.

ބައިނަލްއަޤްވާމީ ވިޔަފާރީގެ ބާކީ، އާދެ، ބެލަންސް އޮފް ޕޭމަންޓްސް އަށް ބަލާއިރު ދައްކަނީ، ކޮންމެވެސްވަރަކަށް ހިތްހަމަޖެހޭފަދަ ނަތީޖާއެއް. ކުރީ އަހަރާ އަޅާބަލާއިރު، 1985ގެ މި ދެންނެވި ބޭރުގެ ވިޔަފާރީގެ ބައިގެ ސާފު ނަތީޖާ ދައްކަނީ، ހުރިހާ ގޮތަކުން ރާއްޖެއަށް ވަން ބޭރު ފައިސާ، ރާއްޖެއިން ބޭރުވި ފައިސާއަށްވުރެ ހިސާބަކަށް އިތުރުވެއްޖެ ކަމުގައި. މިއީ، ކުރީގެ ދެތިން އަހަރަށް ބަލާއިރު، އިޤްތިޞާދު ރަނގަޅުވަމުންދާ ކަމުގެ ހެތްކެއް.

އަޅުގަނޑުމެން ސީދާ އިމްޕޯޓް ކުރާ އެއްޗަކާއި، އެކްސްޕޯޓް ކުރާ އެއްޗަކަށް ބަލާއިރު، 1985 ގައި އަޅުގަނޑުމެންނަށް އެކްސްޕޯޓް ކުރެވުނު ވަރަށްވުރެ އިމްޕޯޓް ކުރެވުނުވަރު 32.5 މިލިޔަން ޑޮލަރު އިތުރުވެފައިވޭ. އެއީ، ވިޔަފާރީގެ ބާކީ. މި ބާކީ މި ހިނގާ އަހަރު 31 މިލިޔަން ޑޮލަރަށް ކުޑަވޭ. މިބައި ހަމަޖައްސައިދެނީ އެކިއެކި ޚިދުމަތުން އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އާދެ، ޓޫރިޒަމުންނާއި، އެހެން ޚިދުމަތުން ލިބޭ އެއްޗަކުންނާއި، ބޭރުގެ އެހީއާއި، އެކިގޮތްގޮތުން ލިބޭ ފައިސާއިން. މި ބައިތައް ލުމުން ދައްކަނީ ކަރަންޓް އެކައުންޓްގެ ބާކީ. މި ބާކީ 1985 ގައި ދައްކަނީ 4.5 މިލިޔަން ޑޮލަރު ޑެފިސިޓް ކަމުގައި. އެއީ ކުރީ އަހަރުގެ ޑެފިސިޓް 16.5 މިލިޔަން ޑޮލަރާ އަޅާބަލާއިރު ވަރަށްބޮޑު ކުރިއެރުމެއް.

ރާއްޖެއަށް ބޭރުފައިސާއިން ލިބޭ ލޯނު ވައްދައި، ސާފު ބާކީއަށް ބަލާއިރު، 1985 ގައި ދައްކަނީ 0.4 މިލިޔަން ޑޮލަރުގެ ސަރޕްލަސްއެއް. މި ހިނގާ އަހަރަށް ދައްކަނީ، މިއަށްވުރެވެސް ރަނގަޅުވާނޭ ކަމަށް. އާދެ، 8.2 މިލިޔަން ޑޮލަރުގެ ބާކީއެއް އޮންނާނޭ ކަމަށް.

ނިމެމުންމިދާ 1986 ވަނަ އަހަރު ސަރުކާރަށް ލިބޭ އާމްދަނީ އަންދާޒާ ކުރާއިރު، ހުސްވި އަހަރަށްވުރެ މައްޗަށް ޖެހޭ. އެއީ 1985 ގައި 198.8 މިލިޔަން ރުފިޔާއިން، 1986 ގައި 261.3 މިލިޔަން ރުފިޔާއަށް. އެއީ ކުރީ އަހަރުގެ ނިސްބަތުން ސަތޭކައަކުން 31 ބޮޑު ޢަދަދެއް. 1986 ވަނަ އަހަރުގެ ޖުމްލަ ޚަރަދު 284.9 މިލިޔަން ރުފިޔާވަރު ވާނޭ ކަމަށް ލަފާކުރެވޭ. އެއީ، މިދިޔަ އަހަރަށްވުރެ ސަތޭކައަކުން 30 ގިނަ ޢަދަދެއް.

ޢިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މި އަހަރު އަދި މި ދެންނެވެނީ ލަފާކުރާ ޢަދަދުތަކެއް. ޚަރަދުތައް ބިނާކޮށްފައިވަނީ، މިދިޔަ ޖުލައިގެ ނިޔަލަށް ހިނގި ޚަރަދުތަކާ ނިސްބަތްވާ ގޮތުގެ މަތިން. އެހެންކަމުން، ޙަޤީޤީ އާމްދަނީއާއި، ޚަރަދުގެ ހިސާބު ސާފުވާއިރު، މި ދެންނެވި ޢަދަދުތަކާ ތަފާތުވުން އެކަށީގެންވޭ.

ކުރީ އަހަރުތަކެކޭ އެއްފަދައިން، 1987 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓަކީ، މި ހިނގާ އަހަރުގެ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް. މަޖިލީހަށް ހުށަހަޅާފައިވާ "1987 އަށް ލަފާކުރި ބަޖެޓް ޚަރަދު" ގައި ދައްކާގޮތުން، އެ އަހަރު ހިނގާނޭ ކަމަށް ލަފާކުރާ ޢާންމު ބަޖެޓުގެ އަންދާޒާ ޚަރަދުގެ ޖުމްލައަކީ 279,998,824 ރުފިޔާ. އެއީ މި ހިނގާ 1986 ވަނަ އަހަރަށް ފާސްކުރި ޢާންމު ބަޖެޓަށްވުރެ ސަތޭކައަކުން 18.01 ގިނަ ޢަދަދެއް. 1987 ވަނަ އަހަރަށް ލަފާކޮށްފައިވާ ޢާންމު ބަޖެޓުގެ އިތުރަށް، އެކިއެކި ޕްރޮޖެކްޓްތަކަށް ލޯނުގެ ގޮތުގައި ލިބިގެން 76.8 މިލިޔަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބިގެން 85.6 މިލިޔަން ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށް ލަފާކުރެވޭ. އެހެންކަމާއެކު، ޢާންމު ބަޖެޓުގެ ޚަރަދަށް އަންދާޒާކޮށްފައިވާ ޢަދަދުން އަހަރު ނިމޭއިރު ޚަރަދު ކުޑަކުރެވޭނެ ކަމަށް ލަފާކުރާ 36.4 މިލިޔަން ރުފިޔާ އުނިކުރުމުން، 1987 ވަނަ އަހަރަށް ލަފާކުރާ މުޅިބަޖެޓުގެ ޖުމްލައަކީ 406.07 މިލިޔަން ރުފިޔާ. މިއީ، 1986 ވަނަ އަހަރަށް ލަފާކުރި މުޅި ބަޖެޓަށްވުރެ ސަތޭކައަކުން 25.5 ގިނަ ޢަދަދެއް.

1987 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގައިވެސް، ކުރީ އަހަރުތަކެކޭ އެއްގޮތުގެ މަތިން، ވަރަށް ބޮޑަށް ޚަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރެވިފައިވޭ. އެއީ އެކި އޮފީސް އޮފީހުގެ ބަޖެޓް އަންދާޒާ، ވަކިވަކިން ބަލައިގެން ޚަރަދު އުނިކުރެވެން ހުރި ތަންތަނުން އުނިކޮށްގެން. އަދި ބައެއް މަސައްކަތް މުޅިން ފަސްކޮށް، ނުވަތަ އެކި އަހަރުތަކަށް ބަހާލައިގެން.

ޢިއްޒަތްތެރި މެމްބަރުންގެ އަތްޕުޅަށް ލިބިވަޑައިގެންފައިވާ ހިސާބުތަކުން، އިތުރު ތަފްޞީލު އެނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެ ތަފްޞީލުތައް އެރުވިފައި ވަނީ، ކުރީ އަހަރުތަކެކޭވެސް އެއްގޮތުގެ މަތިން، ތައްޔާރުކުރެވިފައިވާ ބަޖެޓް މަޢުލޫމާތު ހިސާބުތަކުން. ބަޖެޓާ ބެހޭގޮތުން މެމްބަރުން އޮޅުންފިލުއްވަވަން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އޮޅުންފިލުއްވަވައިދެއްވާނެ. އަދި މެމްބަރުން ކުރައްވާ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވާނެ.

1987 ވަނަ އަހަރަށް ލަފާކުރެވުނު ބަޖެޓް، އިޖުތިމާޢީ އަދި އިޤްތިޞާދީ ބައިތަކަށް ބަހާލީމާ، އެންމެބޮޑު ޚަރަދެއް ދާނެ ކަމަށް ދައްކަނީ އިޤްތިޞާދީ ތަރައްޤީއަށް. އެއީ 133.7 މިލިޔަން ރުފިޔާ. މުޅި ބަޖެޓުގެ ސަތޭކައަކުން 33. އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދުގެ ޖުމްލައަކީ 127.3 މިލިޔަން ރުފިޔާ. އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 31.

1987 ވަނަ އަހަރަށް ލަފާކުރި ބަޖެޓް ޚަރަދުތަކުގެ ތެރޭގައި، ބޭރުގެ އެހީގެ ލޯނު ލިބިގެން ޚަރަދުކުރެވޭ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން އެހީ ލިބިގެން ހިންގާ މަސްވެރިކަމުގެ ޕްރޮޖެކްޓާއި، ކުވައިތު ފަންޑުގެ ފަރާތުން އެހީ ލިބިގެން ހިންގާ މަސްވެރިކަމުގެ ޕްރޮޖެކްޓާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން އެހީ ލިބިގެން ހިންގާ ޕްރޮޖެކްޓްތަކާއި، އެއަރޕޯޓް ޕްރޮޖެކްޓާއި އަދި ބޯފެނާއި ފާޚާނާއާބެހޭ ޕްރޮޖެކްޓް ހިމެނޭ.

އެކިއެކި ޕްރޮޖެކްޓް ނިމުމަށްފަހު، އެކަންކަން ހިންގާ ބެލެހެއްޓުމަކީ ވަރަށްބޮޑު ޚަރަދެއް ހިނގާ ކަމެއް. ހަމައެއާއެކު، އިޤްތިޞާދީ ކުރިއެރުމުގެ މިންވަރުވެސް ދެމެހެއްޓޭތޯ ބެލުމަކީ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. އެހެންކަމުން، މިފަހަރުވެސް ހުށަހެޅިފައިވަނީ، ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުކޮށް ދައްކާ ބަޖެޓެއް. މިހާރު ދައްކާގޮތުން، 1987 ވަނަ އަހަރު ލިބޭ އެއްޗަކަށްވުރެ، އެ އަހަރު 38.9 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުވާނެ. ނަމަވެސް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުންނާއި، ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލްކޮށް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން، މި ދެންނެވި ޢަދަދު ކުޑަވެގެންދާނެ ކަމަށް ފެނޭ. އެހެންވީމާ، އަހަރު ނިމޭއިރު ލަފާކުރެވެނީ ޑެފިސިޓް، ގާތްގަނޑަކަށް 36 މިލިޔަނަށް ތިރިކުރެވޭނެ ކަމަށް.

ބޭރުގެ އިޤްތިޞާދީ ދާއިރާތަކުގެ ނަޒަރުގައި، ސަރުކާރުގެ ބަޖެޓް ހަމަޖައްސަމުން ގެންގޮސްފައިވަނީ، ހަމައެކަނި އިޤްތިޞާދީ ތަނަވަސްކަމުން ލިބުނު އެއްޗެއްގެ މައްޗަށް ބިނާކޮށްގެނެއް ނޫން. ސަރުކާރުން އަޅާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް އެކަށީގެންވާ ބަދަލުވެސް ގެނެސްގެން. މިގޮތުން، 1985 ގައި ރާއްޖޭގެ އިޤްތިޞާދަށް އައި ބަދަލަކީ، ކުރިން ހީކުރެވިފައި އޮތް ވަރަށްވުރެ ރަނގަޅު ބަދަލެއް ކަމުގައި އެފަރާތްތަކުން ދެކޭ ކަމަށް އަޅުގަނޑު މި ދަންނަވަނީ ހިތްހަމަޖެހުމާއެކު.

1987 ވަނަ އަހަރަކީ، ފެންނަގޮތުގައި، މި ހިނގާ އަހަރަށްވުރެ ރަނގަޅުވާނެ އަހަރެއް ކަމަށް ލަފާކުރެވޭ. މަސްވެރިންނަށް ތެޔޮ ލިބޭނޭގޮތް ބޮޑަށް ތަނަވަސްވެ، މަސްވެރިކަން އިތުރުވާނެ އަހަރެއް ކަމަށް އުންމީދު ކުރެވޭ. މަސް އެއްކުރުމާއި، ފިނިކުރުމާއި، އަދި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް، ކުރިއަށްވުރެ ފުރިހަމައަށް ހިނގާނޭ އަހަރެއް ކަމަށް ފެނޭ. ޓޫރިޒަމްވެސް މި ހިނގާ އަހަރަށްވުރެ ރަނގަޅުވާނެ ކަމަށް ދައްކާ.

އަޅުގަނޑުމެންނަށް މިވަގުތު އެންމެބޮޑު މައްސަލައަކަށް ވެފައިވަނީ، ބޭރުފައިސާ ލިބުމުގެ ދަތިކަން. ބޭރުފައިސާ އަޅުގަނޑުމެންނަށް ނުލިބޭނަމަ، އެކަމާމެދު ދެން އަޅަން ބޭނުންވާ ފިޔަވަޅުތަކެއް އަޅުގަނޑުމެން އަޅަންޖެހޭނެ. އާދެ، ބޭރުފައިސާ ލިބޭނޭގޮތް އިތުރުކޮށްގެން، ނުވަތަ ބޭރުފައިސާއަށް ބޭނުންވާ މިންވަރު ކުޑަކޮށްގެން. ނޫންނަމަ ލިބޭ ބޭރުފައިސާ، އެންމެ ރަނގަޅު އުޞޫލަކަށް ހަމަޖައްސައިގެން.

ބޭރުފައިސާއަށް އަޅުގަނޑުމެން ބޭނުންވާ މިންވަރު ކުޑަކުރުމަށްޓަކައި އެޅޭނެ ފިޔަވަޅަކާމެދު އަޅުގަނޑުމެން ވިސްނަންޖެހޭނެ. އަޅުގަނޑުމެން ބޭރުން ގެންނަންޖެހޭ އެއްޗެއް، އަޅުގަނޑުމެންގެ ރާއްޖޭގައި އުފައްދަން ދަސްކުރަންވެއްޖެ. ނުވަތަ އެފަދަ އެހެން އެއްޗެއް އުފައްދައިގެން، އިމްޕޯޓް ކުރަންޖެހޭ އެއްޗެއްގެ ބަދަލުގައި، އޭގެ ބޭނުންހިފަން ދަސްކުރަންވެއްޖެ.

މި ރޮނގުން އަޅުގަނޑުމެން ކުރިއްސުރެ ކުރަމުން އައިސްފައިވާ ދަނޑުވެރިކަމުގެ މަސައްކަތް، ޒަމާނާ އެކަށީގެންވާ ގޮތެއްގައި ކުރެވިއްޖެނަމަ، އަޅުގަނޑުމެންނަށް ބޭރުފައިސާ ސަލާމަތް ކުރެވޭނޭ އިތުރު މަގެއް ފެނިގެންދާނެ. އަޅުގަނޑުމެންނަށް މިއަދު ބޭނުމީ، ގިނަބަޔަކު ދަނޑުވެރިކަމާއި، އަދި ދަނޑުވެރިކަމާ ގުޅިފައިވާ މަސައްކަތްތަކުގައި މަޝްޣޫލުވުން. ކައްދޫ ވައިގެ ބަނދަރު ހުޅުވުނު ދުވަހު މިކަމަށް އަޅުގަނޑު އިލްތިމާސް ކުރިން. އާދެ، ސަރުކާރުގެ ފަރާތުން މިފަދަ ކަންކަމުގައި އެހީވެދޭނެ ކަމަށް އަޅުގަނޑު ބުނިން. މިފަދަ ކަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށް މަގުދައްކައި، އެކަށީގެންވާ ފަރާތްތަކަށް، ހަމަޖެހިފައިވާ ވަކި ޤަވާޢިދަކުން ލޯނު ދޫކޮށް އެހީވެދެވިދާނެ ކަމަށް އަޅުގަނޑު އިޝާރާތް ކުރިން.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިފުޅުމައްޗަށް ހުށަހެޅިފައިވާ ބަޖެޓަކީ، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވިފަހުން ހުށަހަޅާ 9 ވަނަ ބަޖެޓް. ވޭތުވެދިޔަ 8 އަހަރަށް ވިސްނަވައިލައްވައިފިނަމަ، މި ބަޖެޓަކީ މީގެ 8 އަހަރު ކުރިން، އާދެ، 1979 ވަނަ އަހަރު ހުށަހެޅި ބަޖެޓަށްވުރެ ގާތްގަނޑަކަށް 10 ގުނަ އިތުރުވެފައިވާ ބަޖެޓެއް. ސަރުކާރުގެ ޚަރަދުތައްވެސް އަދި ސަރުކާރަށް ލިބިފައިވާ އާމްދަނީވެސް 10 ގުނަ، ކުރިންވެސް ދެންނެވި ފަދައިން އިތުރުވެފައިވޭ. އެއިން ހާމަވެގެންދަނީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް، ކުރިއަށް ގެންދެވިފައިވާ މިންވަރު. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވަމުންދާ މިންވަރު.

އާދެ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، އެދެވޭ ހަރުދަނާ ގޮތެއްގައި ލިބެމުންދާނެ މަގުތައް ތަނަވަސްކޮށްދިނުމަށް. މި މަސައްކަތުގައި އެންމެބޮޑު އަހަންމިއްޔަތެއް އަޅުގަނޑުމެން ދެމުން ގެންދަނީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް އެދެވޭގޮތެއްގައި ކުރެވޭނީ، އެކަމެއްގެ މަޢުލޫމާތު ލިބިގެންކަން އަޅުގަނޑުމެންނަށް އެނގެންވާނެ.

ވީމާ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑުގެ ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ ދަރީންނަށް ޢިލްމުގެ ނޫރު ހޯދައިދިނުން ކަމުގައި އޮތީ ކަނޑައެޅިފައި. އަޅުގަނޑުމެންގެ އިޖުތިމާޢީ ކަންތައްތައް ރަނގަޅު ކުރުމަށްވެސް، އަދި އިޤްތިޞާދީ ކަންތައްތައް ކުރިއަށް ގެންދިޔުމަށްވެސް، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ، ކަންތައްތައް ދަސްކޮށް ތަމްރީނު ލިބިފައިވާ މީހުން. އެފަދަ މީހުން ބިނާކޮށް، އެފަދަ މީހުންގެ އިޚްލާޞްތެރި ޚިދުމަތް ލިބިގެން ނޫނީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އުންމީދުކުރާ މަރްޙަލާތަކަކަށް ނުދެވޭނެކަން ކަށަވަރު.

މިއަދުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރީން، ބަޖެޓް ތައްޔާރުކުރުމުގައި އަޅުގަނޑަށް އެހީތެރިވެވަޑައިގެން ދެއްވި ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަންޖެހޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓް ތައްޔާރުކުރަނީ، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން، އެތައް ހިސާބުތަކެއް ހޯދައިގެން. މި މަސައްކަތް ކުރުމުގައި އެންމެބޮޑު ބައެއް އަދާކުރައްވަނީ، ޑިޕާޓްމަންޓް އޮފް ފިނޭންސުން. އެކަމަށްޓަކައި އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީއަށާއި، އޭނާގެ ދަށުން އެތާނގައި މަސައްކަތް ކުރައްވާ ވެރިންނަށާއި، އެހެނިހެން މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އޭގެއިތުރަށް، ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ފަރާތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިސާއާއި ބަޖެޓާބެހޭ ބައިގެ މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް މިކަމުގައި ވަރަށްގިނަ އެހީތައް ލިބިފައިވޭ. އެހެންކަމުން، އެފަރާތްތަކަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކު، ބަޖެޓާބެހޭ ބަޔާން ތައްޔާރުކުރުމުގައި، ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި، އޭގެ މިންވަރުތައް ހޯދުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި އަދި އޭގެ މަޢުލޫމާތު އަޅުގަނޑަށް ހޯއްދަވައިދެއްވި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ ވެރިންނާއި މުވައްޒަފުންވެސް މި ޝުކުރުގައި އަޅުގަނޑު ޝާމިލްކުރަން.

އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ރާއްޖޭގެ އިޤްތިޞާދިއްޔަތު އެކަށީގެންވާ އަވަސް ބާރުމިނެއްގައި ކުރިއަށް ގެންދެވޭތޯ. މިކަމުގައި އަޅުގަނޑު ބޭނުންވަނީ ﷲގެ ހެޔޮ ތައުފީޤު. އޭގެފަހުން، ތިޔަބޭފުޅުންގެ އިޚްލާޞްތެރި ތާއީދާއި، ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން. މިހާރުވެސް އެކަންކަން އަޅުގަނޑަށް ލިބިގެންދާ ފަދައިން، ކުރިއަށް އޮތް ތާނގައިވެސް ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

والسّلام عليكم ورحمـة اللّـه وبركاته.