بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

އާދެ، ގޮއިދޫ ބޮޑުގަހުގެ ހިޔަލުގައި ހުރެގެން، މިތަނަށް މި ޖެހޭ ނަލަ ވައިރޯޅީގެ ފިނިކަންވެސް އިޙްސާސް ކުރަމުން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީ، ވަރަށްވެސް އުފާވެރި ފުރުޞަތެއް.

އާދެ، މިއަދު އަޅުގަނޑު ގޮއިދުއަށް މިއައި ބޭނުން، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ތިޔަބޭފުޅުންނަށް ވިދާޅުވެދެއްވައިފި. މީގެކުރިން އެއްފަހަރު ގޮއިދުއަށް ޒިޔާރަތް ކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެއީ އަޅުގަނޑު ހަނދާންވާގޮތުގައި، 1979 ވަނަ އަހަރު. އެ އަހަރު ކަންދިމާވި ގޮތުން މި ރަށަށް ފޭބުމާއެކު، ރަށުގެ ޝުހުރަތުވެސް އޮންނަ ގޮތުގެމަތިންކަންނޭނގެ، އެފަހަރު ދިމާވިގޮތަކީ، މޫސުން ނުބައިވެ، ވަރަށްބޮޑަށް ވިއްސާރަވެގެން އަޅުގަނޑަށް ނުފުރި، މި ރަށުގައި ބަންދުވެފައި ހުންނަން ޖެހުނީ. އެހެންނަމަވެސް، އެ ފުރުޞަތު އަޅުގަނޑު ދުށީ އަޅުގަނޑަށް ލިބުނު އުފާވެރި ފުރުޞަތެއް ކަމުގައި. އެއީ އަޅުގަނޑު ރާއްޖެތެރެއަށް މި ކުރާ ދަތުރުތަކުގައި، ޒިޔާރަތް ކުރަންޖެހޭ ރަށްތައް ގިނަވެފައި، ދަތުރުކުރަން އޮންނަ މުއްދަތު ކުރުކަމުން، ގިނަފަހަރަށް ޖެހެނީ ކޮންމެ ރަށަކަށްވެސް ގޮސްފައި، ގަޑިއެއްހާއިރު ނުވަތަ ގިނަވެގެން ދެގަޑިއެއްހާއިރު، ރަށެއްގައި ހޭދަކޮށްލާފައި، އެ ރަށަކުން ފުރައިގެން އަނެއް ރަށަކަށް ދާން. މިއާ ޚިލާފަށް، އެއްވެސް ރަށަކަށް އައިސް ހުއްޓައި، މި ދެންނެވި ފަދަ ޤުދްރަތީ ކަމެއް ދިމާވެގެން އެރަށުން ނުފުރޭގޮތް ދިމާވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، އެއީ އެ ރަށުގައި ހޭދަކުރަން ލިބޭ ފުރުޞަތު އިތުރުވެގެންދާނެ ކަމެއް. އެގޮތުން، ކުރީފަހަރު ގޮއިދޫގައި އަޅުގަނޑު ގާތްގަނޑަކަށް ސައުވީހަކަށް ގަޑިއިރު ހުރިން. އެރޭ އަޅުގަނޑު ނިދީވެސް މި ރަށުގައި. އެހެންވީމާ، މި ރަށުގެ ހަނދާންތައް އެއީ އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ހަނދާންތަކެއް ނޫން.

އަޅުގަނޑު މި ރަށަށް އައުމުގެ މުނާސަބަތުގައި، ރަށުގެ ވެރިންނާއި ރަށުގެ ރައްޔިތުން އަޅުގަނޑުގެ ޒިޔާރަތަށްޓަކައި އެފަހަރުވެސް ވަރަށް ފުރިހަމަކޮށް ރަށް ތައްޔާރު ކުރައްވާފައިވާކަން އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. މިއަދުވެސް އެފަދަ ބުރަ މަސައްކަތްތަކެއް، މި ރަށުގެ ރައްޔިތުން ކުރައްވާފައިވާކަން އަޅުގަނޑަށް ފެންނަން އެބަހުރި. މި ރަށަކީ ކުޑަ ރަށެއް ނޫން. އަދި ފައިބައިގެން އޮފީހާ ހަމަޔަށް ހިނގާފައި އަންނަން އޮންނަ މަގުވެސް އެއީ ވަރަށް ދިގު މަގެއް. އެހެންނަމަވެސް، އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދޮންވެލި ލައްވާ، ދެފަރާތުގައި ދިދަ ޖައްސަވާ، އަދި މަރްޙަބާގެ ޢިބާރާތްތައް މިއަދުވެސް ބަހައްޓަވާފައި އެބަހުރި. މިކަންކަމުން އަޅުގަނޑަށް ދޭހަވަނީ ގޮއިދޫގެ ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން. އެހެންކަމާއެކު، އެގޮތުގެމަތިން މި ކަންތައްތައް އަޅުގަނޑު ގަބޫލުކޮށް، ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، މި އަތޮޅުގެ އަތޮޅުވެރިޔާއަށް ޝުކުރު ދަންނަވަން.

އެ ކަންތައްތައް ފާހަގަކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމާއެކު، އަޅުގަނޑަށް ދަންނަވާލަންޖެހެނީ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުން އެފަދަ ބުރަ ތަކުލީފްތަކެއް އުފެއްލެވުމަކީ، އަޅުގަނޑު އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނޭ. މިހާރު ތިޔަ ކުރައްވާފައިވަނީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ގިނަ ވަގުތު އެކަމުގައި ހޭދަވެފައި އޮންނާނެކަން ޔަޤީން. އޭގެ ބަދަލުގައި ރަށުގެ ރައްޔިތުންނަށް ފައިދާ ހުންނާނެ ކަހަލަ ކަމެއް، އޭގެ ފައިދާ ގިނަ ދުވަހު ދެމިހުންނާނެފަދަ ކަމެއް، މިސާލަކަށް، ރަށުގައި ފާލަމެއް ހެއްދެވުން ކަހަލަ ކަންތައްތައް، މިކަހަލަ ދަތުރުތަކުގެ މުނާސަބަތުގައި ކުރެއްވިޔަސް، އަޅުގަނޑު ދެކެނީ އެއީ އެންމެ ރަނގަޅު ކަމެއް ކަމުގައި. ސަބަބަކީ އެ ދަތުރުތަކުގެ ކަންތައް ނިމިގެންދިޔަޔަސް، އެ ކުރައްވާ ކަމެއްގެ ފައިދާ ރަށުގެ ރައްޔިތުންނަށް ދިގު މުއްދަތަކަށް ލިބޭނޭގޮތަށް އޮންނާނެތީ. އެހެންވީމާ، މީގެފަހުން މި ދެންނެވި ނުކުތާއަށް މި ރަށުގެ ރައްޔިތުންނާއި ވެރިން ވަރަށްބޮޑަށް ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ، މިއަދު އަޅުގަނޑު މި ރަށަށް މިއައީ މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް. އެއީ އޭގެ އެއް މަޤްޞަދު. އަނެއް މަޤްޞަދަކީ، މި ރަށުގައި ބޭރު ބަޔަކު ކުރާ މަސައްކަތްތަކެއް ބަލައިލުން. އެފަދަ މަސައްކަތްތައް އެއީ މިހާރު ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މަސައްކަތްތަކެއްކަން އަޅުގަނޑު ހިތުން މި ރަށުގެ ރައްޔިތުންނަށްވެސް ގަބޫލުކުރެއްވޭނެ. ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް ރާއްޖެއަށް ލިބޭ އާމްދަނީވެސް ވަރަށްކުޑަ. އެއީ، އަޅުގަނޑުމެންނަށް އެކަށީގެންވާ އާމްދަނީއެއް ލިބެން އޮންނަނީ ހަމައެކަނި ދެކަމަކުން ކަމަށްވާތީ. އެއްކަމަކީ، ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން އައިސްފައިވާ މަސްވެރިކަން. އެއީ ޙަޤީޤަތުގައިވެސް ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރު. އެންމެ ވަރުގަދަ ލޭނާރު. ދެން އަޅުގަނޑުމެން ކުރާ އަނެއް މަސައްކަތަކަށް މިހާރު ވެފައި އޮންނަނީ ޓޫރިޒަމްގެ މަސައްކަތް. ރާއްޖޭގެ ރީތިކަން ދެކެލައި، ރާއްޖޭގައި އުފާވެރި ދުވަސްކޮޅެއް ހޭދަކޮށްލުމަށްޓަކައި ބޭރު ޤައުމުތަކުގެ މީހުން ރާއްޖެއަށް އަންނަ އައުން. އެފަދަ މީހުން ރާއްޖެއަށް ޒިޔާރަތްކުރާތީ، އެމީހުންނަށް ވަކި ރަށް ރަށެއް ތައްޔާރުކޮށް، އެމީހުންނަށް ތިބެވޭނެ ގޮތްތައް ހަމަޖައްސައިދިނުން އެއީ ޓޫރިޒަމްގެ މަސައްކަތަކީ. އެއީވެސް، ސަރުކާރަށް އަދި މުޅި ޤައުމަށް ވަރަށްބޮޑު ފައިދާ މިހާރު ލިބެމުންދާ ކަމެއް. މިއީ އަޅުގަނޑު ހިތުން މިހާރު ރާއްޖޭގައި ހިނގަމުންދާ މަސައްކަތްތަކުގެ ތެރެއިން އިޤްތިޞާދީ ގޮތުން ރާއްޖެއަށް އެންމެ ފައިދާކުރާ ދެ މަސައްކަތަކީ.

އެހެންނަމަވެސް، ޤައުމެއްގެ އިޤްތިޞާދު ބިނާވެފައި އޮންނަންޖެހޭނީ، ހަމައެކަނި އެއްކަމެއް ނުވަތަ ދެކަމެއްގެ މައްޗަކަށް ނޫން. ވީހާގިނަ ކަންތައްތަކެއްގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވުމަކީ، އެތަނެއްގެ ކުރިއެރުމަށް ލިބޭ ވަރަށްބޮޑު ފަހިކަމެއް. އަޅުގަނޑުމެންނަށް މިހާރު އިޙްސާސް ކުރަންޖެހޭ އެންމެބޮޑު ދަތިކަމަކީ، މި ދެންނެވި ގޮތަށް ރާއްޖޭގައި އިޤްތިޞާދީ ތަރައްޤީއާ ހަމައަށް ދެވޭނެ މަގުތައް މަދުކަން. ޚާއްޞަގޮތެއްގައި، ބޭރު ފައިސާ ރާއްޖެއަށް ލިބޭނެގޮތްތައް މަދުކަން. އެކަން އޮތީ އެހެންކަމަށްވުމާއެކު، ތަފާތު ގިނަ ބާވަތް ބާވަތުގެ މަސައްކަތްތައް އަލުން އަޅުގަނޑުމެން ފަށާ، އަދި އެ މަސައްކަތްތަކުން އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށް އަދި މުޅި ޤައުމުގެ ތަރައްޤީއަށް އިތުރު ފައިދާތަކެއް ލިބޭނެ ގޮތްތައް ވަނީ މިއަދު އަޅުގަނޑުމެން ހޯދަން ޖެހިފައި. އެގޮތުން، ބޭރުގެ ފަރާތްތަކުން ރާއްޖެއައިސް، އެމީހުންގެ ފައިސާ ޚަރަދުކޮށްގެން ހިންގާ މަސައްކަތްތަކަށް ސަރުކާރުން ތަރުޙީބު ދެނީ. އެއީ އެފަދަ މަސައްކަތްތައް ކުރުމުގައި، ދެފަރާތަށްވެސް ފައިދާ އޮތީމާ. ބޭރުމީހުން އައިސް، އެ މީހުންގެ ފައިސާ ޚަރަދުކޮށްގެން އެ މަސައްކަތް ކުރަނީ، އޭގައި އެމީހުންނަށްވެސް ފައިދާއެއް އޮތީމާ. އެހެންނޫންނަމަ، އެމީހުން އެފަދަ ޚަރަދެއްނުކުރީސް. އަދި ރާއްޖެފަދަ ތަނަކަށް އައިސް އެމީހުންގެ ވަގުތުތައް ހޭދަކޮށެއް ނެހެދީސް. ސަރުކާރުން އެފަދަ ކަންތައްތަކަށް ތަރުޙީބު ދެނީ ޤައުމަށް އޭގެ ސަބަބުން ފައިދާއެއް ކުރާތީ. އެންމެ ފުރަތަމަ، އެފަދަ މަސައްކަތްތަކުގައި އެމީހުން ގެންގުޅެންޖެހޭ ދިވެހިންނަށް އެކަށީގެންވާ މުސާރައެއް އެމީހުން ދޭ.

އެހެންވީމާ، އެގޮތުންވެސް ދިވެހި ބައެއްގެ ދިރިއުޅުން ތަނަވަސްވުމަށް މަގުފަހިވެގެންދޭ. އަދި ކުރިން ދެންނެވި ގޮތުގެ މަތިން، އެބަޔަކު އެ އުފައްދާ އެއްޗަކީ، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރެވޭފަދަ އެއްޗަކަށްވާ ކަމަށްވަންޏާ، އެ އެއްޗަކުން ލިބޭ ބޭރު ފައިސާ، އެއީވެސް ދިވެހި ޤައުމަށް ވަންނަ އެއްޗެއް. މި ހުރިހާ ފައިދާތަކެއް އެގޮތަށް ހުރީމާ ސަރުކާރުން މިފަދަ ކަންތައްތަކަށް ތަރުޙީބުދީ، އެ ކަންތައްތައް ކުރުމުގެ ހުއްދަ ދެނީ. މިއީ އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރަން ޖެހިފައި އޮތް ޙަޤީޤަތެއް.

އެހެންވީމާ، މި ރަށުގައި އެ ކުރާ މަސައްކަތަށްވެސް ރައްޔިތުންގެ ތަރުޙީބު ލިބުން އެއީ ވަރަށް ބޭނުންކަމެއް. އާދެ، އަޅުގަނޑުވެސް އެއްބަސް، ރައްޔިތުން ކުރާ އެންމެ މުހިންމު މަސައްކަތަކީ، މަސްވެރިކަން. މަސްވެރިކަން ރަނގަޅު ކަމުގައިވަނީނަމަ، އެއްވެސް މީހަކު މަސްވެރިކަން ދޫކޮށްލާފައި އެހެން ކަމަކަށް ނުދާނެ. އެއީ އެކަން އޮންނަންވެސް ވީގޮތް. އެއާ ޚިލާފަށް، މަސްވެރިކަން ނެތް ވަގުތެއްގައި ނުވަތަ މަސްވެރިކަމުގައި ނޫޅެވޭ މީހުންނަށް ކޮންމެވެސް އެހެން މަސައްކަތެއް ކުރުމުގެ ފުރުޞަތު ލިބިފައި، އެ ފުރުޞަތު ނަގާލުމަކީ ވަރަށްދެރަ ކަމެއް. އެފަދަ ފުރުޞަތެއް ހޯދުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އެހެންވީމާ، އެގޮތުން މި ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިންވެސް، މި ދެންނެވި ގޮތުގެމަތިން އެފަދަ މަސައްކަތްތަކުގައި ބައިވެރިވެވޭގޮތަށް ތިބި މީހުން ބައިވެރިވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. އެއީ ކުރިންވެސް ދެންނެވި ފަދައިން، އެކަމުން އެ މީހުންނަށްވެސް މުސާރައެއް ލިބި، އެމީހުންގެ ތަނަވަސްކަން އިތުރުވާނެތީ. އަދި އެންމެފަހުގައި، އެ އުފައްދާ އެއްޗެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން، އެއަށް ލިބޭ ބޭރު ފައިސާ އެއީވެސް ވަރަށް މުހިންމު އެއްޗަކަށްވާނެތީ.

އާދެ، އެއީ އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވި އެއް ވާހަކައަކީ. އަނެއް ވާހަކައަކީ، އަޅުގަނޑު މީގެކުރިންވެސް ރާއްޖެތެރޭގެ ރަށްރަށަށް ކުރަމުންދިޔަ ދަތުރުތަކުގައި، ކޮންމެ ރަށެއްގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރުވެސް ވަރަށް ބޮޑަށް ބާރުއެޅޭތޯ ބަލާ ވާހަކައެއް. އެއީ ރައްޔިތުންގެ އެކުވެރިކަން. އޭގެއިތުރުން، އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ، އެއް ޤައުމެއްގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ އެއް ނަސްލަކުން އައިސްފައި ވުމުގެ ނިޢުމަތްވެސް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ބައެއް. މި ހުރިހާ ކަންތައްތައް މިހެން ހުރުމާއެކު، ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް އެކުވެރި ބައެއް ކަމުގައި ވާނެ ހުރިހާ ސަބަބުތަކެއްވެސް ވަނީ މެދުވެރިވެފައި. ކޮންމެ ރަށެއްގެ ރައްޔިތުންވެސް މި ނުކުތާއަށް ވިސްނަވަންޖެހޭނެ. އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ ހަމައެކަނި ގޮއިދޫ ރައްޔިތުންނާ މުޚާޠަބުކޮށެއް ނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުންނާވެސް މުޚާޠަބުކޮށް. އެހެން މި ދަންނަވަނީ، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމަކީ ހަމައެކަނި ވަކި ރަށެއްގައި އަޅުގަނޑުމެން ޤާއިމްކުރަންވެފައިވާ ކަމެއް ނޫން. ހަރުދަނާކުރަން ވެފައިވާ ކަމެއް ނޫން. އެއީ މުޅި ރާއްޖޭގައިވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ހިފަހައްޓަންޖެހޭ އުޞޫލެއް.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، ގޮއިދޫ ރައްޔިތުންވެސް މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނާވަޑައިގެން، ގޮއިދޫގެ ރައްޔިތުންނަކީ ހުރިހާ ކަމެއްގައިވެސް އެއްބަސްކިޔާ، އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވޭތޯ އެންމެން އެކުވެރިކަމާއެކު މަސައްކަތް ކުރުން. ވެރިންނާއި ރައްޔިތުން ގުޅިގެން ރަށުގެ ކަންތައްތައް އިޞްލާޙްކޮށް، އަދި ރަށުގެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމުގެ މަގުތައް ފެނޭތޯ ބަލަމުން ގެންދިޔުން. އޭގެކުރިން މާތްވެގެންވާ އިސްލާމްދީނުގެ ރުކުންތަކަށް ރައްކާތެރިވެ، ދީނުގައި އަންގަވާފައިވާ ހުރިހާ ކަމެއް، އަންގަވާފައިވާ ގޮތުގެ މަތިން ކުރެވޭތޯ ބަލަމުން ގެންދިޔުން. ހަމައެއާއެކު، ދީނުގައި ނަހީކުރައްވައި މަނާކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވެގެން ތިބެވޭތޯ ބެލުން.

މި ދެންނެވި އުޞޫލުގެ މަތިން، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައިގެން ދިރިއުޅުން ތަރައްޤީ ކުރުމަށް ކުރައްވާ ކޮންމެ މަސައްކަތެއްގައި، ޝައްކެއްނެތްގޮތުގައި، اللّـه سبحـانـه وتعـالى ބަރަކާތް ލައްވާނެ. އަދި އެގޮތަށް މަސައްކަތްކުރާ ބައެއްގެ ރޯދި އިތުރުކުރައްވާނެ.

އާދެ، އަޅުގަނޑު މާދިގު ވާހަކައެއް ދައްކާކަށްނެތިން. އެހެން ނަމަވެސް، އަޅުގަނޑު މިމަގާމުން ދުރަށްޖެހިލުމުގެ ކުރީގައި، މި ރަށުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. މިއަދު މި ރަށަށް އައުމުގެ މުނާސަބަތުގައި އަޅުގަނޑަށް ވިދާޅުވި މަރުޙަބާގެ އިޚްލާޞްތެރިކަމަށްޓަކައި މި ރަށުގެ ވެރިންނަށްވެސް ޝުކުރު ދަންނަވަން.

والسّــلام عليكم ورحمـة اللّـه وبركاته.