ކޯޕަންހޭގަނަށް ދިޔަ ދިވެހި ޒުވާނުންގެ ވަފްދާ މިއަދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައްފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭނީ ޒުވާނުން އެކަމުގައި ހަރަކާތްތެރިވެގެން ކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކަކީ ދުނިޔޭގެ، ވަކިން ޚާއްޞަކޮށް ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމާ ގުޅުން ހުރިކަމެއް ކަމަށް ވުމާއެކު، މިކަން ދުނިޔެއަށް ހާމަކޮށްދިނުމުގައި، ދިވެހި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވައި، އެކަމަށް ހޭނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ބާރުއެޅުމަށް ކޯޕަންހޭގަނަށް އައިސްތިބި އެކި ޤައުމުތަކުގެ ޒުވާނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢްލޫމާތު، މި ބައްދަލުކުރެއްވުމުގައި ޒުވާނުންގެ ވަފްދުގެ މެންބަރުން ރައީސް އަރިހުގައި ދެންނެވިއެވެ. އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ކޯޕަންހޭގަންގައި ޙަރަކާތްތެރިވުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާކަންވެސް ދިވެހި ޒުވާނުންގެ ވަފްދުން ހާމަކުރިއެވެ. އަދި ކޯޕަންހޭގަންގައި ހިންގަމުންގެންދާ ޙަރަކާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު އެރުވިއެވެ.