ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ނިޝާން ދިޔަމިގިލީ ޢިއްޒަތުގެ ވެރިޔާ މައްޗަންގޮޅީ މާންދޫވިލާ ޙަބީބާ ޙުސައިން ޙަބީބް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން، ތަފާތު އެކި ރޮނގުތަކުން ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ދިވެހި އަދަބިއްޔާތަށާއި ދިވެހި ތާރީޚަށް އެ ކަމަނާ ކޮށްދެއްވި ޚިދުމަތްތައް ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޙަބީބާ ޙުސައިން ޙަބީބް އަވަހާރަވުމަކީ، ދިވެހި ޤައުމަށް ލިބުނު ވަރަށްފުން ހިތާމައެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޙަބީބާ ޙުސައިން ޙަބީބް އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

ޙަބީބާ ޙުސައިން ޙަބީބް، ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުޢާވިނާކަމެވެ. އޭގެފަހުން، 2 ނަންބަރު މުދައްރިސާ ކަމާއި، ޚާއްޞަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވާރލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ.

ސަރުކާރުގެ ޚިދްމަތުގައި އެންމެ ގިނަދުވަހު ޙަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ. 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޤައުމީ ކުތުބުޚާނާގައި ޚިދްމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައެވެ.ޤައުމީ ކުތުބުޚާނާގައި ޙަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ. ޙަބީބާ ޙުސައިން ޙަބީބަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ޤަރުނުފޮތް ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މަޢުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ޘަޤާފަތާބެހޭ މަޢުލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

އަލްމަރްޙޫމާ ޙަބީބާ ޙުސައިން ޙަބީބަކީ، ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީޚަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކިޔަވާ ވިދާޅުވީ، ހައިދަރުއާބާދުންނާއި، ސްރީލަންކާއިންނެވެ. ރާއްޖޭގެ ތާރީޚަށް ސަމާލުކަން ދެއްވައި، ތާރީޚުގެ ތެރެއަށް އެ ކަމަނާ ވެދެވަޑައިގެންނެވީ، 1955ން ފެށިގެން އައި އަހަރުތަކުގައި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސާއެއްގެ ވަޒީފާގައި ހުންނެވި ދުވަސްވަރު، ތާރީޚު އުނގަންނަވައިދެއްވަން ފެށްޓެވުމާ ހިސާބުންނެވެ.

ލިޔުންތެރިކަމުގެ މަސައްކަތް، އަލްމަރްޙޫމާ ޙަބީބާ ޙުސައިން ޙަބީބް ފެށްޓެވީ 1954 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް "މުންނާރު" ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު "ވިޔަފާރި މިއަދު"ންނެވެ. މިނޫނަސް އެދުވަސްވަރު ނުކުތް ވަރަށްގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިޢު ކުރައްވާފައިވެއެވެ. "އަދަބީ ޝުޢޫރު" އާއި، "ޖިންސުއްލަޠީފް" އާއި، "ހުވަނދު" އާއި، "މޫންލައިޓް" އާއި،"އަމާޒު" އާއި، "ހިޔަލަ" ފަދަ ނޫސް މަޖައްލާތަކަށް ޙަބީބާ ލިޔުއްވާފައިވެއެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން "ފަތްތޫރަ" މަޖައްލާއަށް ލިޔުއްވަމުން ގެންދެވިއެވެ. ޙަބީބާ ވަނީ ވަރަށްގިނަ ވާހަކަތައް ލިޔުއްވާފައެވެ. އަދި ވަރަށްގިނަ ވާހަކަތައް ތަރުޖަމާވެސް ކުރައްވާފައެވެ.

ބޮޑުތަކުރުފާނު ވާހަކައިން މަޢުލޫމާތު ހޯއްދަވައި "މުޙަންމަދު ތަކުރުފާނު ދަ ގްރޭޓް"ގެ ނަމުގައި އެ ތަކުރުފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސިބަހުން ޙަބީބާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އަދި "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީޚު ފޮތެއް އެކުލަވައިލައްވާފައިވެއެވެ. މީގެއިތުރުން، "އިސްލާމީ ތާރީޚު 1" އާއި، "އިސްލާމީ ތާރީޚު 2" ވަނީ އެކިއެކި ދިރާސާ ކުރެއްވުމަށްފަހު، އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ނިންމަވާފައެވެ. އަދި "ފޯކްލޯ"އާ ބެހޭގޮތުން އެކި މަޒުމޫނުތައް ވަނީ ލިޔުއްވާފައެވެ.

އަލްމަރްޙޫމާ ޙަބީބާ ޙުސައިން ޙަބީބަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. "މިނިވަން 25"ގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޙަބީބާ ޙުސައިން ޙަބީބަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ ޢިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހުއެވެ.