އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށްފަހު އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރުމަށް ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެ ބޭފުޅުން ވަނީ މިކަމަކީ މިއީ ރައްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރައި ގޮސްފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި ސިފާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ސަފީރާއި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދެބޭފުޅުން ވަނީ މަތީ ތަޢުލީމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންނާއި، ކަނޑުމަތީގެ ސަލާމަތާއި، ބޯޑަރުތައް ހުރަސްކޮށް ހިނގާ ކުށްކުށާއި ގުޅޭގޮތުން، އަދި ތިމާވެއްޓާއި ގުޅޭގޮތުންނާއި، ކަނޑުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.