بسـم اللّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ! މިއުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންކަމަށް 23 އަހަރު ފުރޭ ދުވަހު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. އަޅުގަނޑުގެ މި ތަހުނިޔާއާއި ހެޔޮއެދުންތަކުގައި ރާއްޖޭގެ އެންމެހާ އަފްރާދުން، ރާއްޖޭގެ ފިރިހެނުން، އަންހެނުން، ކުޑަކުދިން، މުސްކުޅިން، ޒުވާނުން، ރާއްޖޭގެ މިނިވަންކަމަށް ފަޚުރުވެރިވާ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ އެންމެހާ މުވާޠިނުން ޝާމިލުކުރަން.

ހަމައެޔާއެކީގައި، މިއަދު އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން، އަޅުގަނޑުމެންގެ މިއުފަލުގައި ބައިވެރިވެވަޑައިގެންދެއްވުމަށްޓަކައި، ރާއްޖެއަށް ދަތުރުކުރައްވައި ރާއްޖެއަށް ވަޑައިގެން، އަޅުގަނޑުމެންގެ މި އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންދެއްވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. އެބޭފުޅުން އެތައް ބުރަތަކެއް އުފުއްލަވައި ދަތުރުކުރައްވައި ރާއްޖެއަށް ވަޑައިގެން، އަޅުގަނޑުމެންނާ އެކުގައި މިއުފާވެރި ވަގުތުތައް ހޭދަކުރެއްވުމުން ދޭހަވަނީ، އެބޭފުޅުންގެ ޤައުމުތަކާ އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި އޮތް އެކުވެރި ކަމުގެ ގުޅުން. އަދި އެބޭފުޅުންގެ ޤައުމުތަކުން ރާއްޖެއާ ދޭތެރޭގައި ބަހައްޓާ އެކުވެރިކަމާއި ރަޙްމަތްތެރިކަމާއި އޯގާވެރިކަން. މިހުރިހާ ކަމަކަށްޓަކައި، އެޤައުމުތަކުގެ އެންމެ އިސްވެރިންނަށާއި، ސަރުކާރުތަކަށާއި އަދި ރައްޔިތުންނަށް ޝުކުރު ދެންނެވުމަކީވެސް މިއަދު އަޅުގަނޑު އަދާކުރަންޖެހޭ ވަރަށްވެސް އުފާވެރި އަދި އެހާމެ މުހިންމު ވާޖިބެއް.

މިމުނާސަބަތުގައި ރާއްޖެއަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ދެތިން ބޭފުޅެއްގެ ނަންފުޅު މިޖަލްސާގައި ދަންނަވާލުމަކީ، އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއް ނޫން ކަމަށް އަޅުގަނޑު ދެކެން.

އާދެ! އޭގެތެރެއިން އެއްބޭފުޅަކީ، މޮރޮކޯގެ ޞިއްޙަތާބެހޭ ވަޒީރު މަރަލީ ޠައްޔިބް ބިން ޝައިޚް. އެމަނިކުފާނު ވަޑައިގެން އެއިންނެވީ، މޮރޮކޯގެ ރަސްގެފާނު ޙަސަން (II ވަނަ)، އެރަސްގެފާނުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން، އަޅުގަނޑުމެންގެ 23 ވަނަ މިނިވަންދުވަސް ފާހަގަކުރާ މުނާސަބަތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި. އަނެއް ބޭފުޅަކީ، ސައިޕްރަސްގެ ޚާރިޖީ ވަޒީރު މިސްޓަރ ޖޯޖް އައިކޯވޫ. އެމަނިކުފާނު މާލެއަށް ވަޑައިގެން އަޅުގަނޑުމެންނާ އެކުގައި ދެތިން ދުވަސް ހޭދަކުރެއްވުމަށްފަހު، އެމަނިކުފާނުގެ މަސައްކަތްޕުޅު ހުރިގޮތުން، ރޭ ވަނީ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންފައި. އެހެން ނަމަވެސް، އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިކަން އަޅުގަނޑުމެން ފާހަގަކުރަނީ ޝުކުރުވެރިކަމާއެކު. އަދި އެމަނިކުފާނަށާއި އެމަނިކުފާނުގެ ޤައުމަށް ހެޔޮއެދުންތައް ފާޅުކުރަމުން. އަނެއް ބޭފުޅަކީ، ސޭޝެލްސްގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް މިސްޓަރ ރާލްފުއާދަމް. އޭނާ ވަޑައިގެން އިންނެވީވެސް މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި. އެހެންކަމާއެކު، އެމަނިކުފާނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް.

އާދެ! މިދެންނެވި ތިން ޤައުމާއި ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުމަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ ގުޅުމެއް. އެންމެ ފުރަތަމަ މޮރޮކޯ. މޮރޮކޯއަކީ، ނުވަތަ ކުރިން އަޅުގަނޑުމެން ކިޔަމުން އައިގޮތުގައި، އަދި މިހާރުވެސް ޢަރަބި ދުނިޔޭގައި ކިޔަމުން އަންނަ ގޮތުގައި، މަޣްރިބްކަރައަކީ އެޤައުމާ ދޭތެރޭގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ޤައުމެއް. އާދެ! އަޅުގަނޑުމެންގެ ރާއްޖެއަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު އައުމަށް، اللّـه سبحـانـه وتعـالى މެދުވެރިކުރައްވާފައި ވަނީ، މަޣްރިބު ކަރައިގެ ބޭކަލެއް. މައުލާނާ އަލްޙާފިޡް އަބުލްބަރަކާތު ޔޫސުފް އަލްބަރްބަރީ. ހަމައެފަދައިން، ރާއްޖެ، ދުނިޔޭގެ ތާރީޚަށް ތަޢާރުފުކޮށްދެއްވުމުގައި، މަޣްރިބްކަރައިގެ މަޝްހޫރު ސައްޔާޙު އިބްނި ބަޠޫތާ ކުރައްވާފައިވާ މަސައްކަތްތައް އެއީވެސް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ދަންނަ މަސައްކަތްތަކެއް. މިސަބަބުތަކަށްޓަކައި، އަދި މިނޫންވެސް ކިތަންމެ ސަބަބަކަށްޓަކައި، މަޣްރިބްކަރައިން ވަޑައިގެން އިންނެވި ޢިއްޒަތްތެރިޔާއަށް މަރްޙަބާ ދެންނެވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް އެކަމަށްޓަކައި އުފާކުރައްވާނެ ކަމެއް.

އާދެ! ދެން އޮތް ޤައުމަކީ ސައިޕްރަސް. ސައިޕްރަސްއާއި ދިވެހިރާއްޖެއާ ދޭތެރޭގައި ޖުޣުރާފީ ގޮތުން މާބޮޑު ގުޅުމެއް ނެތް ކަމުގައިވިޔަސް، އާދެ! އަޅުގަނޑުމެންގެ ރާއްޖެއަކީ އޭޝިޔާގެ ޤައުމެއް. ސައިޕްރަސް އޮންނަނީ މެދުތެރޭ ކަނޑުގައި، އަޅުގަނޑުމެންނާ ވަރަށް ދުރުގައި. އެހެން ނަމަވެސް، ދިވެހިރާއްޖެއާއި އެޤައުމާ ދޭތެރޭގައި ވަރަށްގިނަ ގުޅުންތަކެއް އެބަހުރި. އަޅުގަނޑުމެންނަކީ ޖަޒީރާ ޤައުމެއް. ސައިޕްރަސްއަކީވެސް ޖަޒީރާ ޤައުމެއް. އަޅުގަނޑުމެން ދެ ޤައުމަކީ ކޮމަންވެލްތުގެ ދެ މެންބަރުން. ހަމައެފަދައިން، ވަކިފަރާތަކަށް ނުޖެހުމުގެ ޙަރަކާތުގެވެސް ދެ މެންބަރުން. އަޅުގަނޑުމެންގެ ރައްޔިތުން އުންމީދުކުރާ ކިތަންމެ ކަމެއް ސައިޕްރަސްގެ ރައްޔިތުންވެސް އުންމީދުކުރޭ. މިގޮތުން، އަޅުގަނޑުމެންނާ ސައިޕްރަސްއާ ދޭތެރޭގައި އޮތް ގުޅުމަކީވެސް ފާހަގަކޮށްލެވޭފަދަ ގުޅުމެއް.

ދެން އޮތީ ސޭޝެލްސް. އާދެ! ސޭޝެލްސްއާއި ރާއްޖެއާ ދޭތެރޭގައި އޮތީ، ވަރަށް ތާރީޚީ ގުޅުމެކޭވެސް ދެންނެވިދާނެ. މަޢީޝީ ގޮތުން ގުޅިފައިވާ ގުޅުމެކޭވެސް ދެންނެވިދާނެ. އަޅުގަނޑުމެން ދެ ޤައުމަކީ އިންޑިޔާ ކަނޑުގައި އޮންނަ ދެ ޤައުމު. އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ އިންޑިޔާ ކަނޑުން ލިބޭ އެއްޗެއްގެ މައްޗަށް. އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރަމުން މިގެންދަނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ މަސްވެރިކަން ކޮށްގެން. ހަމައެޔާއެކުގައި، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އެކަށީގެންވާ ޚިދްމަތްތަކެއް ދީގެން. ނުވަތަ ދެވޭތޯ ބަލައިގެން. އަޅުގަނޑުމެންގެ އެންމެ މުހިންމު ދެ މަސައްކަތަކީ މަސްވެރިކަމާއި ސިޔާޙަތު. ނުވަތަ ޓޫރިޒަމް. އެ ދެ މަސައްކަތަކީ ސޭޝެލްސްގެ ރައްޔިތުންވެސް އެންމެބޮޑަށް ކުރާ ދެ މަސައްކަތް. އެހެންކަމުން، އެއް ކަނޑެއްގެ އެއްބަނޑުއެއްބަފާކަން ލިބިފައިވާ ދެ ޤައުމުގެ ގޮތުން އަދި ދިރިއުޅުމަށްޓަކައި އެއް މަސައްކަތްތަކެއް ކުރާ ދެ ޤައުމުގެ ގޮތުން، އަޅުގަނޑުމެންނަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ޤައުމު. މިހުރިހާ ކަމަކަށްޓަކައި، އެޤައުމުން ވަޑައިގެންނެވި ޚާއްޞަ މަންދޫބަށްވެސް އަޅުގަނޑުމެން ދަންނަވަންޖެހޭ ޝުކުރު ވަރަށްވެސް ފުން.

އާދެ! އަޅުގަނޑުމެން މިއަދު ރާއްޖޭގެ މިނިވަންކަން ފާހަގަކުރަމުންދާއިރު، ދުނިޔޭގެ މަސްރަޙުގައި ހިނގާ އެކިއެކި ކަންތައްތަކާ ދޭތެރޭގައި ބަލައިލުމަކީވެސް ނެތްކަމެއް ނޫން. އެއީ ދުނިޔެއަކީ މިއަދު ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. ދުނިޔޭގެ އެކިއެކި ދުރުމިންތައް މިއަދުވަނީ ވަރަށް ބޮޑަށް ކައިރިވެފައި. ދުނިޔޭގެ އެއް ތަނެއްގައި ހިނގާ ކަންތައްތަކުގެ އަސަރު، ދުނިޔޭގެ އެހެން ހުރިހާ ތަނަކަށްވެސް ދަނީ ފޯރަމުން. އެހެންކަމާއެކު، އަޅުގަނޑުމެންގެ ރާއްޖެއަކީ މިއަދު ދުނިޔެއާ ވަކިން، ދުނިޔޭގައި ކަންތައްތައް ހިނގާގޮތާ ނުބެހި އޮވެވޭ ތަނަކަށް ނުވޭ. އަދި އޮވެވޭނެ ތަނަކަވަސްނުވޭ. އެހެންކަމާއެކު، ބޭރު ޤައުމުތަކުގައި، ބޭރު ތަންތާނގައި ހިނގާ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ. އެކަންކަމާ ދޭތެރޭގައި ޚިޔާލު ކުރަންޖެހޭ. އެހެންވީމާ، އަޅުގަނޑު މިއަދުގެ މިވާހަކަކޮޅުގެ ތެރޭގައި، އޭގެ ބައެއް ކަންތައްތަކަށް އިޝާރާތްކޮށްލަން ޤަޞްދުކުރަން.

އެންމެ ފުރަތަމަ އަޅުގަނޑު އެއްޗެއް ދަންނަވާލަން ޤަޞްދުކުރަނީ، ގަލްފު ހަނގުރާމައާ ބެހޭގޮތުން. އާދެ! ދިވެހިރާއްޖެއާއި އީރާނާއި އަދި ޢިރާޤާ ދޭތެރޭގައި އޮންނަ ގުޅުމަކީ އުޚުއްވަތްތެރި ކަމުގެ ގުޅުމެއް. އެއް ޢަޤީދާއެއްގެ ގުޅުން. ރަޙްމަތްތެރިކަމުގެ ގުޅުން. ޒަމާނުއްސުރެ މިއެކުވެރިކަމާއި ރަޙްމަތްތެރިކަމާއި ޢަޤީދާގެ ގުޅުން އަޅުގަނޑުމެންގެ ޤައުމާއި އެ ދެ ޤައުމާ ދޭތެރޭގައި އޮންނާތީ، އެ ދެ ޤައުމުގެ ދެމެދުގައި ކުރެވެމުންދާ ހަނގުރާމަ އެއީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އޭގެ އަސަރު ފޯރާ ހަނގުރާމައަކަށް އޮތީ ވެފައި. ހަމައެކަނި އަޅުގަނޑުމެންގެ ޝުޢޫރުތަކަށް ހިތި އަސަރުތަކެއް ގެނެސްދޭ ހަނގުރާމައެއް ނޫން އެއީކީ. އޭގެއިތުރުން، އަޅުގަނޑުމެންގެ އިޤްތިޞާދީ ބައެއް ކަންތައްތަކަށް، އެހަނގުރާމައިގެ ސަބަބުންވަނީ ސީދާ އަސަރު ފޯރާފައި. އޭގެ ތަފްޞީލުތައް އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެކަންތައްތައް އެނގިވަޑައިގަންނަވާނެ. އެކަން އެހެން އޮތުމާ އެކުގައި، އެންމެފަހުން މިދާކަށްދުވަހު އީރާނުގެ ފަރާތުން، އ.ދ. މަޖިލީހުގެ 598 ނަންބަރު ޤަރާރު ޤަބޫލުކުރިކަން، އެޤައުމުން އިޢުލާނު ކުރިކަން އެއީ، އަޅުގަނޑު، ދިވެހިރާއްޖޭގެ ނަމުގައި ވަރަށް ބޮޑަށް މަރްޙަބާ ކިޔާ ކަމެއް.

ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. މީގެކުރިން ޢިރާޤު ހަނގުރާމަ ހުއްޓާލުމަށް އެތައްފަހަރެއްގެ މަތިން ވަނީ ގޮވާލާފައި. އަޅުގަނޑުމެން ދިވެހި ސަރުކާރުގެ ފަރާތުން އެގޮވާލުންތަކަށްވެސް ވަނީ ވަރަށް ހޫނު މަރްޙަބާއެއް ކިޔާފައި. ހަމައެއާއެކުގައި އަޅުގަނޑުމެންގެ ރާއްޖެއަކީ، ކިތަންމެ ކުޑަކުޑަ ޤައުމެއް ކަމުގައިވިޔަސް، މިއަދު ބައިނަލްއަޤްވާމީ ދާއިރާގައި ކޮންމެވެސްވަރަކަށް ޙަރަކާތްތެރިވަމުން އަންނަ ޤައުމެއް، އަޅުގަނޑުމެންގެ ރާއްޖެއަކީ. އެހެންކަމުން، ދުނިޔޭގެ އެކިއެކި ދާއިރާތަކުގައި މިދިޔަ އަށްއަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އައިސްފައިވަނީ، ޤަލްފް ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ. އ.ދ. މަޖިލިސްގެ ދާއިރާގައި، ވަކިފަރާތަކަށް ނުޖެހުމުގެ ޙަރަކާތުގެ ދާއިރާގައި، އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ދާއިރާގައި. އަދި އޭގެއިތުރުން، ދިވެހި ސަރުކާރުން ސީދާ އެތަންތާނގެ ޒަޢީމުންނާ ގުޅައިގެން، ވަރަށްގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި.

އެހެންކަމާއެކު، އަދި ޚާއްޞަކޮށް، މިއަހަރު ކުވައިތުގައި ބޭއްވުނު އިސްލާމީ ޤައުމުތަކުގެ ވެރިންގެ ކުޑަ ޖަލްސާގައި ކަންތައްތައްދިޔަގޮތާއި އަދި ދިވެހިރާއްޖެއަކީ އިސްލާމީ ކޮންފަރެންސްގެ ނައިބު ރައީސެއްގެ މަގާމު މިއަދު އަދާކުރަން ޖެހިފައިވާ ޤައުމަކަށްވުމާއި، މިކަންކަމުގެ ސަބަބުން ރާއްޖެއިން މިހަނގުރާމަ ހުއްޓުވުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންފަދަ ކުޑަ ޤައުމެއް ފަޚުރުވެރިވުން ޙައްޤު މަސައްކަތްތަކެއް. މިކަންތައްތައް މިހެން ހުރުމާއެކު، މިއަދު އެހަނގުރާމަ ނިމުމަކަށް އަންނަކަމުގެ އަލިކަމެއް ފެނިގެންދާކަމީ، ޝައްކެއްނެތްގޮތުގައި ދިވެހި ރައްޔިތުން، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް.

އަޅުގަނޑުގެ އުންމީދަކީ، އީރާނުން މި އިޢުލާނުކުރި އިޢުލާނު ކުރުމާ ވިދިގެން، މިހާރު އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން އެގެންދަވާ މަސައްކަތްތައް އެއީ، ކާމިޔާބު މަސައްކަތްތަކެއް ކަމުގައިވުން. މާލަސްތަކެއްނުވެ މުސްލިމުންގެ މެދުގައި އާދެ! އިސްލާމީ ދެ ޤައުމެއްގެ ދެމެދުގައި، އަށްއަހަރު ދުވަސް ވަންދެން ކުރެވެމުން މިއަންނަ ބޭނުމެއް ނެތް ހަނގުރާމަ، ވަރަށް އަވަހަށް ހުއްޓުމަކަށް އަތުވެދާނެ ކަމަށް، އަޅުގަނޑުމެން އުންމީދު ކުރަން. ﷲގެ ޙަޟްރަތަށް، އަޅުގަނޑުމެން ދުޢާކުރަނީ އެހަނގުރާމަ ހުއްޓުމަކަށް އައިސް، އެސަރަޙައްދުގައި ޞުލްޙަވެރިކަމާއި އަމަންއަމާންކަން ޤާއިމުވުން އަވަސްވުމަށް.

އާދެ! ދެން އަޅުގަނޑު އެއްޗެއް ދަންނަވާލާނީ، އަފްޣާނިސްތާނާ ދޭތެރޭގައި. އަފްޣާނިސްތާނުގައިވެސް ކަންތައްތައް މިހާރަކަށްއައިސް ހިނގަމުންދަނީ، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުން އުފާކުރާނެ ގޮތަކަށް. އަފްޣާނިސްތާނުން ބޭރުގެ ސިފައިން ފައިބަމުން މިހާރު އެބަދޭ. އެމީހުން ފޭބުމާ އެކުގައި، އެޤައުމަށް މިނިވަންކަން ލިބި، އެޤައުމުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ މުސްތަޤްބަލް އިޚްތިޔާރު ކުރުމުގެ ޙައްޤު ލިބޭނެކަމާމެދަކު ޝައްކެއްނެތް. ހަމައެޔާއެކުގައި، ދުނިޔޭގެ އެހެން ތަންތާނގައިވެސް މިނިވަންކަމަށް މަސައްކަތްކުރާ މީހުންނަށް، އިތުރު ކާމިޔާބީ ލިބެމުންދާ ދުވަސްވަރެއް މިއީ. މިސާލަކަށް ދަންނަވަންޏާ، ނެމީބިޔާއަށް މިނިވަންކަން ހޯދުމަށް، އެތާނގެ ރައްޔިތުން ކުރާ މަސައްކަތަށް، އިތުރު މަގެއް ފެނިގެން ހިނގައްޖެ. އާދެ! މިދާކަށްދުވަހު ކަމާބެހޭ ޤައުމުތަކުގެ ވެރިން، ނުވަތަ ޤައުމުތަކުގެ ސަރުކާރުގެ މަންދޫބުން ބައްދަލުވެ، އެއްބަސްވި އެއްބަސްވުމަކީ، ޝައްކެއްނެތްގޮތުގައި، ނެމީބިޔާއަށް މިނިވަންކަން ލިބުމަށް ވަރަށްބޮޑު އެހީއެއް ވެދޭނެ އެއްބަސްވުމެއް.

ހަމައެއާއެކުގައި، އެންގޯލާގެ މައްސަލަވެސް ޙައްލުވެގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. ރާއްޖޭގެ ކައިރީގައިވާ ޤައުމުތަކަށް ބަލައިލާއިރުވެސް، އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ޤައުމު ކަމުގައިވާ ސްރީލަންކާގެ ކަންތައް ކަށް ބަލައިލިޔަސް، އެތާނގައިވެސް މިހާރުދަނީ ޞުލްޙައިގެ މަސައްކަތްތަކެއް ކުރެވެމުން. އެތާނގައި ޞުލްޙަ ޤާއިމުކުރުމަށް، އެތާނގެ ސަރުކާރާއި އިންޑިޔާގެ ސަރުކާރާ ގުޅިގެން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެމަސައްކަތްތައް ކާމިޔާބުވާނެކަމުގެ އުންމީދު ވަރަށްވެސް ބޮޑު. އަދި އެނޫން ތަންތާނގައިވެސް ޞުލްޙަވެރިކަމަށް ދަނީ މަގުފަހިވަމުން.

އާދެ! މި ވާހަކަކޮޅު ދެއްކުމުގައި، ފަލަސްޠީނުގެ މައްސަލައާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލަންޖެހޭ. އެއީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ މިނިވަންކަން ލިބުނުކަމަށްޓަކައި އުފާފާޅުކޮށް، އެކަމުގެ އިޙްތިފާލުތައް ބާއްވަމުން ގެންދާއިރު، މިއަދުވެސް މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންގެންދާ މީސްތަކުންގެ ވާހަކަ. ނުވަތަ އެމީހުން އެ ކުރާ ޖިހާދު، އަޅުގަނޑުމެންވާނެ ހަނދާންކުރަން. ފަހަރެއްގައިވެސް އެޖިހާދަކީ، އަޅުގަނޑުމެން ހަނދާންނެތިކޮށްލައިގެން ވާނެ ޖިހާދެއް ނޫން. ޚާއްޞަކޮށް، ފަލަސްޠީނުގެ މައްސަލައިގައި، މިއަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގަމުން އެބަދޭ. ތިޔަ ހުރިހާ ބޭފުޅުންވެސް ދެނެވަޑައިގެންވާނެ ފަދައިން، ފަލަސްޠީނުގެ ރައްޔިތުންގެ ހޭލުންތެރިކަމުގެ ޙަރަކާތަކީ، މިހާރު އެއަށް 7 މަސްދުވަސް ފުރިހަމަވެ، 8 ވަނަ މަހަށް ހިނގަމުންދާ ޙަރަކާތެއް. އެޙަރަކާތުގެ ސަބަބުން، އެމީހުންގެ މައްސަލައަށް އަވަސް ޙައްލެއް އަތުވެދާނެ ކަމުގެ އުންމީދު މިހާރު ފެންނަން ފަށައިފި. އެހެން އަޅުގަނޑު މިދެންނެވީ، ކުރިން ދުނިޔޭގެ މީހުން ހީކޮށްގެން ތިބި ގޮތާ ޚިލާފަށް، އިސްރާއީލަކީވެސް ބަލިކޮށްލެވިދާނެ ޤައުމެއް ކަމަށް މިހާރު ވަރަށްގިނަ މީހުންނަށް ޔަޤީންކުރެވޭ. ފަލަސްޠީނުގެ ރައްޔިތުން އެއްވެސްކަހަލަ ހަތިޔާރެއްނެތި، އެމީހުން އެކުރަމުންގެންދިޔަ ޖިހާދު އާދެ! ބޭރު ތަންތާނގައި ކިޔާގޮތުގައިވިއްޔާ ގާ އުކުމުގެ ޖިހާދު، ހިލައިގެ ބޭނުންކޮށްގެން، ކުދިކުދި ގާ ބޭނުންކޮށްގެން، އެމީހުން އެކުރަމުން ގެންދާ ޖިހާދަކީ، މީހަކު ހީވެސްނުކުރާފަދަ ކާމިޔާބީތަކެއް މިހާތަނަށް ޙާޞިލްކޮށްފައިވާ ޖިހާދެއް. އިސްރާއީލަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ހަނގުރާމަ ކުރުމުގެ ޤާބިލިއްޔަތު ވަރަށް މަތީ ދަރަޖައަކަށް ހޯދާފައިވާ ޤައުމެއް. އެންމެ މިޒަމާނުގެ ހަތިޔާރު ހޯދާފައިވާ ޤައުމެއް. އެންމެ މިޒަމާނުގެ ތަމްރީނުތައް، އެމީހުންގެ ލަޝްކަރުތަކަށް ދީފައިވާ ޤައުމެއް. އެކަން އޮތީ އެހެން ކަމުގައިވިޔަސް، މިއަދު ދުނިޔެއަށް ހާމަވެގެންދަނީ އިސްރާއީލަކީވެސް ބަލިނުކުރެވޭނެ ޤައުމެއް ނޫން ކަމުގައި. ބަޔަކު މީހުން ވަރުގަދަ ޢަޒުމާ އެކުގައި ޖިހާދުކޮށްފިނަމަ، އެމީހުން އެކުރާ ޖިހާދު ކާމިޔާބުވާނެ ކަމުގެ ކުލަވަރު މިހާރު ފެންނަން ފަށައިފި.

މީގެއިތުރުން ޔޫރަޕްގައި، އަދި އެމެރިކާގައި ފަލަސްޠީނު މީހުންނަށް ލިބެމުންދާ ތާއީދު މިއަދު އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމުގެ އުފާފާޅުކޮށް، އެކަމަށް އަޅުގަނޑުމެން ފަޚުރުވެރިވާހިނދު، ފަލަސްޠީނު މީހުންގެ މިނިވަންކަން ހޯދުމަށް، އެޤައުމުގެ ހިތްވަރުގަދަ ރައްޔިތުން ކުރަމުންގެންދާ ޖިހާދަށް ދިވެހިރާއްޖެ ތާއީދުކުރާކަން، އަދިވެސް އެއްފަހަރު، މި މުނާސަބަތުގައިވެސް ހާމަކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! ދުނިޔޭގެ މައްސަލަތަކަށް ބަލައިލާއިރު ފެންނަ ކަންތައްތަކުން އެނގެނީ، ޞުލްޙައާ ދިމާއަށް އެކަންތައްތައް މަގުދައްކަމުންދާކަން. ޤައުމުތަކުގެ މެދުގައިވެސް އަދި ޤައުމުތަކުގެ އެތެރޭގައިވެސް ޞުލްޙަވެރިކަން ހޯދުމަށް މީހުން މަސައްކަތް ކުރަމުން ގެންދާކަން. ކޮންމެ ޤައުމެއްވެސް، އެޤައުމެއް އަމިއްލައަށް ޞުލްޙައިގެ މަގުގައި ކުރިއަށް ހިނގަމުންދާން މަސައްކަތް ކުރާކަން. އާދެ! އެކަން އެހެންވާންޖެހުނީ ކީއްވެތޯ؟ އަޅުގަނޑަށް ޔަޤީންކުރެވޭގޮތުގައި، އެކަން އެހެންވާންޖެހެނީ ޞުލްޙަވެރި ދުނިޔެއެއް ޤާއިމުކޮށްގެން ނޫނީ އިންސާނީ ނައުޢު ސަލާމަތް ނުކުރެވޭނެ ކަމަށް މީހުންނަށް ޤަބޫލުކުރެވޭތީ. ޞުލްޙަވެރި މުޖުތަމަޢެއް، އެމުޖުތަމަޢުގައި އަމަންއަމާންކަމާއި، ރައްކާތެރިކަމާއި ސަލާމަތް ޤާއިމުވެފައިވާ މުޖުތަމަޢެއްގައި ނޫނީ، އެޤައުމެއްގެ ކަންތައްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ނުވާނެކަން އިންސާނުންނަށް ގަބޫލުކުރެވޭތީ. ޞުލްޙަވެރި މާޙައުލެއްނެތި މިނިވަންކަން ރައްކާތެރި ނުކުރެވޭނެ ކަމަށް މީހުންނަށް ގަބޫލުކުރެވޭތީ.

ރާއްޖޭގެ މިނިވަންކަން، އަޅުގަނޑުމެން އެކަމަށްޓަކައި އުފާކޮށް، މިނިވަންކަމުގެ ޝިޢާރުތައް އުފުލާ ދުވަހެއްގައި މިކަންތައްތައް ހަނދާންކޮށްލުމަކީ ކޮންމެހެންވެސް ބޭނުންކަމެއް. ރާއްޖޭގައި މިހާރު އޮތް އަމްނުއަމާންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން، އެގޮތުގައި ދެމެހެއްޓުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި އެޅެންއޮތް އެންމެ ވަރުގަދަ ފިޔަވަޅު. އެއީ، އަޅުގަނޑުމެން ދުވަހަކުވެސް ހަނދާންނެތިކޮށްލައިގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ނަޞީބުވެރި ރާއްޖެއެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މީހުން ތަބަޢަވަނީ އެއްދީނަކަށް. އަޅުގަނޑުމެންގެ ރާއްޖޭގެ މީހުން ވާހަކަ ދައްކާ އުޅެނީ އެއްބަހަކުން. އަޅުގަނޑުމެން އައިސް މިތިބީ އެއްނަސްލަކުން. މިހުރިހާ ކަންތަކަކުން އެނގެނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އެޤައުމެއްގައި ފުރިހަމައަށް ޤާއިމުވާންޖެހޭނެ ރާއްޖެއެއްކަން.

އާދެ! މިކަންތައްތައް މިހެން އޮތުމުން، ފަހަރެއްގައި އަޅުގަނޑުމެންގެ ހިތަށްއަރާފާނެ، އަޅުގަނޑުމެންގެ ރާއްޖޭގައި އެކުވެރިކަމާއި އެއްބާރުލުން ޤާއިމުކުރެވޭނޭ ސަބަބުތަކެއް ޒަމާނުއްސުރެ ޤާއިމުވެފައިވާތީ، އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާކަށް ނުޖެހޭނެ ކަމަށް. އެހެން ނަމަވެސް، އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮށްގެންވާނެ ޚިޔާލެއް ނޫން. ކިތަންމެ އެކުވެރި ބައެއްގެ ތެރޭގައިވެސް ގިނަ ގޮތްގޮތުން ކިތަންމެ އެކުވެރިވާންޖެހޭނެ އަދި އެބައެއްގެ މެދުގައި އެއްބާރުލުން ކިތަންމެ ވަރުގަދައަކަށް އޮންނަންޖެހޭނެ ބައެއްގެ ތެރޭގައިވެސް އެކަމަށް އަޅުގަނޑުމެން ހޭލުންތެރިކަމެއް ނުބަހައްޓާ ކަމުގައިވަނީނަމަ، ތަފާތު ބައިބައިވުންތައް އުފެދުމަކީ، އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ޣާފިލުވެގެން ނުވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަޅުގަނޑުމެންގެ މި އެކުވެރި، މި މުސްލިމް އެއްބަހަކުން ވާހަކަ ދައްކާ ރައްޔިތުންގެ މެދުގައިވެސް ބައިބައިވުން އުފެދޭނެ ކަންތައްތައް ފަހަރެއްގައި ދިމާވެދާނެކަން އެއީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމެއް. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، އެއީ އަޅުގަނޑުމެންގެ އިޖުތިމާޢީ ހަށިގަނޑަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެއް. އަދި އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅޭނެ ވަރަށްބޮޑު ހުރަހެއް. އަދި އެހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް އޭގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ކަށަވަރު.

އެހެންވީމާ، އަޅުގަނޑު މިއަދުގެ ވާހަކައިގައި އެއްޗެއް ދަންނަވާލަން ޤަޞްދުކުރަނީ، އަޅުގަނޑުމެންގެ މެދުގައި މިހާރު އުފެދެމުންދާ ބައެއް ކުދިކުދި މައްސަލަތަކާ ދޭތެރޭގައި. އާދެ! އެމައްސަލަތަކަކީ މިހާރު ތަންކޮޅެއް ކުދިކުދި މައްސަލަތަކެއް ކަމުގައިވިޔަސް، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން އަޅާނުލައި ތިބެއްޖެނަމަ، މުސްތަޤްބަލުގައި އެއީ ވަރަށް ބޮޑެތި މައްސަލަތަކަކަށް ވެގެން ހިނގައިދާނެ. މިހާރު އަޅުގަނޑުމެންނަށް އެމައްސަލަތައް ޙައްލުކުރެވިދާނެ. އެހެން ނަމަވެސް، ޙައްލުނުކޮށް ދޫކޮށްލައިފިނަމަ، އެމައްސަލަތަކަކީ މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ޙައްލުކުރެވޭވަރަށްވުރެ މާބޮޑެތި، މާދަތި މައްސަލަތަކަކަށް ވެގެން ހިނގައިދާނެ.

އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުންވާ މައްސަލައަކީ، އަޅުގަނޑުމެންގެ މެދުގައި ޒާތީ ހަމަނުޖެހުން އިތުރުވަމުންދާ މައްސަލަ. އާދެ! އަޅުގަނޑުމެންގެ ތެރެއިން މިހާރު ގިނަ އަފްރާދުންނަކީ، ދިރިއުޅުމަށްޓަކައި އެކިއެކި ބޮޑެތި މަސައްކަތްތައް ކުރަމުންގެންދާ މީހުން. އެމީހުންގެ ކުރިމަތީގައި ދިރިއުޅުންދަނީ ތަނަވަސްވަމުން. ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައިވެސް ދިރިއުޅުންދަނީ ތަނަވަސްވަމުން. އެކަން އެހެން ހިނގަމުންދާއިރު، އަޅުގަނޑުމެންގެ ދޭދޭ އަފްރާދުންގެ މެދުގައި، މާބޮޑު ސަބަބެއްނެތި އުފެދެމުންދާ ހަމަނުޖެހުންތައް އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮވެގެންވާނެ ހަމަނުޖެހުންތަކެއް ނޫން. ސަބަބެއް ނެތް ހަމަނުޖެހުންތަކެއް ކަމަށް އަޅުގަނޑު އެކަން ދެކެނީ. މިސާލެއް ދަންނަވަންޏާ، އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ޒުވާނުންނަކީ، މިހާރު އެކަށީގެންވާ ތަޢުލީމެއް ހޯދާފައިވާ ބަޔެއް. އޭގެ ތެރެއިން ބައެއް މީހުންނަކީ ރާއްޖެއިން ބޭރަށް ގޮސް، މަތީ ފެންވަރަކަށް ތަޢުލީމު ހޯދައިގެން، ތަޢުލީމު ޙާޞިލުކޮށްގެން ރާއްޖެއަށް އައިސް ތިބި މީހުން. އެއިން ކޮންމެ މީހަކީ، އަޅުގަނޑު ދެކޭގޮތުގައި، ވަރަށް ޤާބިލް، ވަރަށްމޮޅު މީހެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި، އެއިން ކޮންމެ މީހަކީ، އަޅުގަނޑަށް ދެންނެވޭނީ، ހަމަ އަގުހުރި ޖަވާހިރެކޭ. އެހެންނަމަވެސް، އެޒުވާނުން ނުވަތަ މިދެންނެވި ފަދަ ތަޢުލީމާއި ތަޖުރިބާ ޙާޞިލުކޮށްގެން ރާއްޖެއަށް އައިސްތިބި ޤާބިލް މީހުންގެ މެދުގައިވެސް މިދެންނެވި ކަހަލަ ޒާތީ ހަމަނުޖެހުންތައް އެބަހުރި. އެއް އޮފީހެއްގައި މަސައްކަތްކުރާ މީހުންގެ ތެރޭގައިވެސް އެކަހަލަ ހަމަނުޖެހުންތައް އެބަހުރި. ޚިޔާލުގެ ތަފާތު އޮތް ކަމުގައިވިޔަސް، ޚިޔާލުގެ ތަފާތަކީ ފަހަރެއްގައިވެސް މިދެންނެވި ކަހަލަ ހަމަނުޖެހުމަކަށް ތަންދޭންވީ ކަމެއް ނޫން. ޚިޔާލަކީ ތަފާތުވާނެ އެއްޗެއް. އިންސާނުންނަކީ އިންސާނުން ކަމަށްވީތީ، އެންމެންނަކަށް ހުރިހާ ކަމެއްގައި ފެންނާނީ އެއްގޮތެއް ނޫން. އެކި މީހުންނަށް ފެންނާނީ އެކިގޮތް. އެއީ، އަޅުގަނޑުމެންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އަދި އަޅުގަނޑުމެން މަރުޙަބާ ކިޔަންވެސްޖެހޭ ޙަޤީޤަތެއް. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ޚިޔާލު އޮންނާނެ. އެހެންނަމަވެސް، އެމީހެއްގެ އަމިއްލަ ޚިޔާލު ދިފާޢުކުރާއިރު، ފަހަރެއްގައިވެސް އޮވެގެން ނުވާނެ، އެޚިޔާލު އެދިފާޢުކުރަނީ ތިމާގެ އަމިއްލަ ބޭނުމެއް ފުއްދުމަށް ކަމަކަށް. އަޅުގަނޑުމެންގެ ހުރިހާ ވަގުތާއި، ހުރިހާ ވިސްނުމަކާއި، ހުރިހާ ޚިޔާލެއް ހޭދަކުރަންޖެހޭނީ، ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް. ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރުމުގައި، އެމަސައްކަތްތަކަކީ ސަރުކާރުގެ ދާއިރާގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައިވިޔަސް ނުވަތަ އަމިއްލަ ދާއިރާތަކުގައި ކުރެވޭ މަސައްކަތްތައް ކަމުގައިވިޔަސް ތަފާތެއްނެތް. އެއާ ޚިލާފަށް، ހަމައެކަނި ކުރިއަށް ދިޔުމުގެ މަގުގައި، އެހެން މީހަކު ކުރިއަށް ދިޔުމަކީ ތިމާއަށް އެޅޭ ހުރަހެއް ކަމުގައި ތިމާއަށް ފެންނަ ކަމުގައިވަނީނަމަ، ނުވަތަ އެހެން މީހުންނަށްވުރެ ކޮންމެ ގޮތަކުންވެސް ތިމާ ކުރިއަށްދާން އެދޭ ކަމުގައިވަނީނަމަ، އެނުކުންނަ ޒާތީ މައްސަލަތައް އެއީ، އަޅުގަނޑުމެންގެ ވިސްނުމާއި ވަގުތާއި އަޅުގަނޑުމެންގެ ޤާބިލިއްޔަތު، ބޭނުމެއްނެތް ގޮތުގައި ހޭދަވެގެންދާނެ ކަންތައްތަކެއް.

ޤައުމުގެ އުފެއްދުންތެރިކަން، ޤައުމަށް ފައިދާހުރި ކަންތައްތަކުގައި، އަޅުގަނޑުމެންގެ ވަގުތު ހޭދަވުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ވަގުތު މިހޭދަކުރެވެނީ އަޅުގަނޑުމެންގެ ދޭދޭ ފަރުދުންގެ ދޭތެރޭގައި މިހުންނަ ކުދިކުދި ހަނގުރާމަތައް ކުރުމުގައި. އެއް އޮފީހެއްގެ ތެރޭގައި އެކަންތައް އެބަ ހިނގާ. އެއް ދާއިރާއެއްގެ ތެރޭގައި އެބަ ހިނގާ. އަމިއްލަ ދާއިރާތަކުގެ ތެރޭގައި. ޓޫރިޒަމް ދާއިރާގައި. ވިޔަފާރިވެރިންގެ ދާއިރާގައި. ހަމައެފަދައިން، ރާއްޖޭގެ ރަށްތަކުގައިވެސް. ރާއްޖޭގެ ރަށްތަކަކީ ވަރަށް ކުދިކުދި ރަށްތަކެއް. ވަރަށް ކުދިކުދި މުޖުތަމަޢުތަކެއް ނުވަތަ ޖަމާޢަތްތަކެއް ދިރިއުޅޭ ރަށްތަކެއް އެއީ. ބައެއް ރަށްރަށުގައި ހަމައެކަނި ސަތޭކަވަރަކަށް، ދުއިސައްތަވަރަކަށް މީހުން ދިރިއުޅޭ. އަނެއްބައި ތަންތާނގައި އެއަށްވުރެ ގިނައިން ދިރިއުޅޭ. މިފަދަ ކުދިކުދި ޖަމާޢަތްތަކުގައި، މިދެންނެވި ކަހަލަ ޒާތީ ޖެހުމުގެ މައްސަލަ އުފެދިގެންދާ ކަމުގައިވަންޏާ، ޝައްކެއްނެތްގޮތުގައި، އެޖަމާޢަތަށް ކުރިއަށްދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކަށްވެސް ޙައްޤުތަކެއް ލިބިފައިވާ ފަދައިން، އެޙައްޤުތައް އެއީ އެހެން ހުރިހާ އެންމެންނަށްވެސް ލިބިފައިވާ ޙައްޤުތަކެއްކަން. ފާޅުކުރާ ޚިޔާލަކީ ހަރުދަނާ ޚިޔާލަކަށް ވެއްޖެނަމަ، ޝައްކެއްނެތް، އެޚިޔާލަކީ އެހެން މީހުން ޤަބޫލުކުރާނެ ޚިޔާލެއް. އެހެން ނަމަވެސް، އެޚިޔާލަކީ ތިމާގެ އަމިއްލަ ޚިޔާލަކަށްވީތީ، އެޚިޔާލު ދޫނުކޮށް، އެޚިޔާލު ކުރިއަށް ގެންދިޔުމަށްޓަކައި، މިދެންނެވި ފަދަ ހަނގުރާމަތަކެއް ކުރުމުގެ ބޭނުމެއް ނެތް.

ހަމައެފަދައިން، އަޅުގަނޑުމެން އަހަންވީ، ނުވަތަ ވިސްނަންވީ ޚިޔާލާ ދޭތެރޭގައި. ހުށަހެޅޭ ޚިޔާލާ ދޭތެރޭގައި. އެޚިޔާލު ހުށަހަޅާ މީހަކާ ދޭތެރެއަކު ނޫން. ބައެއް މަޝްވަރާތަކުގައި ވާގޮތަކީ، އަޅުގަނޑުމެންނަށް ބެލެނީ، ޚިޔާލު ހުށަހަޅާ ފަރާތަށް. އެއީ އަޅުގަނޑުމެން ރުހޭ ފަރާތެއް ކަމުގައިވަންޏާ، އަޅުގަނޑުމެންނަށް އޮންނަނީ އެޚިޔާލަށް ތާއީދު ކުރެވިފައި. އެފަރާތަކީ އަޅުގަނޑުމެން ކޮންމެވެސް ސަބަބަކާހުރެ، މިދެންނެވީ ޒާތީ ކަމަކާހުރެނަމަވެސް، އަޅުގަނޑުމެންނަށް މާނުރުހެވޭ ފަރާތެއް ކަމުގައިވަންޏާ، އެޚިޔާލު ކިތަންމެ މޮޅަކަސް، އެޚިޔާލަށް އަޅުގަނޑުމެންނަށް ކުރެވެނީ އިޢްތިރާޒު. އެހެންވީމާ، މިދަންނަވަނީ މިކަހަލަ ކުދިކުދި ކަންތައްތަކަކީ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ވަގުތުތައް ބޭކާރުގޮތުގައި ހޭދަވެގެންދާ ކަންތައްތަކެކޭ. އަނެއްކާ މިކަހަލަ ކަންތައްތަކަށް، އަޅުގަނޑުމެން ނުވިސްނައި އަޅައިނުލާ ތިބޭ ކަމަށްވަންޏާ، މުސްތަޤްބަލުގައި އެއީ ވަރަށް ބޮޑެތި މައްސަލަތަކަށް ވެގެން ހިނގައިދާނެއޭ މިދަންނަވަނީ.

އާދެ! ކުރިއަށް ދިޔުމުގެ މަގަކީ ވަރަށް ފުޅާ މަގެއް. އެންމެންނަށް އެމަގުގައި ތަނަވަސްކަން އެބައޮތް. އެންމެންނަށްވެސް ޖާގަ އެބައޮތް. އެހެންވީމާ، އެމީހުން ކޮއްޕާ، މަގުން އެއްކިބާކޮށް ނުވަތަ އެމީހުން ތާށިކޮށް ނެހެދި ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ކުރިއަށް ދެވިދާނެ. އެންމެން ކުރިއަށްދިޔުމުގައި އެއްވެސް މައްސަލައެއް ނެތް. ކުރިއަށްދާންވީ ހަމައެކަނި ވަކިމީހަކު ނޫން. ވަކިބަޔެއް ނޫން. ކުރިއަށްދާންވީ އެންމެން. މިދެންނެވިހެން، ކުރިއަށް ދިޔުމުގެ މަގަކީ، އެންމެންނަށް އޭގެ ތަނަވަސްކަމާއި ޖާގަ އަދި ފުރުޞަތު ލިބެން އޮތް މަގެއް.

މިކަމާ ދޭތެރޭގައި އެހެން ރޮނގަކުން ވިސްނާލާއިރު، އެއްވެސް ސަބަބަކާހުރެ ޤައުމުގައި ބައިބައިވުން ނުވަތަ ވަކިވަކިވުން އުފެދިއްޖެނަމަ، އެޤައުމުގެ މިނިވަންކަމަށް އެކަމުން ބުރޫއެރުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމެއް. ބޭރުގެ އެކިއެކި ނުފޫޒުތައް ބަލަބަލައި ތިބޭނީ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހުންނަ އެބާވަތުގެ މައްސަލަތަކާ ދޭތެރޭގައި. އަޅުގަނޑުމެންގެ ތެރެއިން އެކަކު އަނެކަކަށް ގެއްލުމެއް ދިނުމަށްޓަކައި އަތް އުފުލައިލައިފިނަމަ، ބޭރުގެ ފަރާތްތަކުން ތައްޔާރަށް ތިބޭނީ އެއަތަށް ހަތިޔާރެއްލައިދިނުމަށް. ދެން އެފަރާތްތަކުން ބަލަމުން ގެންދާނީ، އަޅުގަނޑުމެން އެކަކު އަނެކަކާ ކުރާ ހަނގުރާމަ. އެހަނގުރާމައިގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުން. އެއީ ބޭރުގެ ބައެއް ފަރާތްތަކަށް ލިބޭ އުފަލަކަށް ނޫނީ ނުވާނެ.

ކުރިން އަޅުގަނޑުމެންގެ ތެރޭގައި މީހުން ވަރަށްމަދު. މިދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވެގެން ހިނގައްޖެ. އަދި ދާދި މިދާކަށްދުވަހު އާދެ! ހަމަ މިމަހުގެ ތެރޭގައި، މިމަހުގެ 10 ވަނަ ދުވަހު އަޅުގަނޑުމެންގެ ރާއްޖޭގައި ދެލައްކަ މީހުން ހަމަވިކަމުގެ މުނާސަބަތު، އަޅުގަނޑުމެން ވަނީ ފާހަގަކޮށްފައި. އެހެންވީމާ، ތަންކޮޅެއް ކުރީގައި މިދެންނެވި ކަހަލަ މައްސަލަތަކަކީ ކުދިކުދި މައްސަލަތަކެއް ކަމުގައިވިޔަސް، މިހާރު އަޅުގަނޑުމެންގެ ޢަދަދު ގިނަވަމުން ދިޔުމާއެކު، މިމައްސަލަތައްވެސް ދާނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން. އެހެންވީމާ، މިކަންތައްތަކާ ދޭތެރޭގައި، ޤައުމުގެ ހުރިހާ އަފްރާދުން، ހުރިހާ ރައްޔިތުން ވިސްނަވައި ޚިޔާލު ކުރެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! އިންސާނުން، އެމީހުންނަށް ކުރިމަތިވާ ކޮންމެ މައްސަލައެއްވެސް ދަނީ ޙައްލުކުރަމުން. އެއީ ހަނގުރާމައާއި ޞުލްޙައިގެ މައްސަލައެއް ކަމުގައިވިޔަސް، އިޤްތިޞާދީ ކުރިއެރުމަށް އެޅޭ ހުރަސްތަކެއް ކަމުގައިވިޔަސް، އިޖުތިމާޢީ އެއްބާރުލުމަށް ދިމާވާ ދަތިތަކެއް ކަމުގައިވިޔަސް، ކޮންމެ ކަމެއްގައިވެސް އިންސާނުން ދަނީ އަބަދުވެސް ޙައްލު ހޯދަމުން. އެމީހުންނާ ކުރިމަތިވާ ދަތިތަކުން ރައްކާތެރިވެ، ނުވަތަ އެދަތިތައް ހުރަސްކޮށް، ކުރިއަށް ދެވޭނެ މަގުތައް އިންސާނުން ގެންދަނީ ހޯދަމުން. އިންސާނުންނަށް އެ ބާރު ލިބިފައިވަނީ ކީއްވެގެންތޯ؟ ޝައްކެއްނެތް، އިންސާނުންނަކީ اللّـه سبحـانـه وتعـالى ހައްދަވައި، އެހެން ޚަލްޤުތަކުންގެ މައްޗަށް މާތްކުރައްވާފައިވާ ބަޔެއް. އިންސާނުން މާތްކުރައްވާފައިވަނީ، ވިސްނުމުގެ ބާރު އިންސާނުންނަށް ދެއްވި ދެއްވުމުން. އިންސާނުންނަށް ލިބިފައިވާ ޛިހްނީ އަދި ރޫޙާނީ ސިފަތަކެއްގެ ސަބަބުން އިންސާނުން އެހެން މަޚްލޫޤުތަކުންނަށްވުރެ މާތް ބަޔަކަށް ވެފައިވަނީ.

އެހެންވީމާ، އެއީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން ޖެހޭނެ ކަމެއް. އިންސާނުން، އިންސާނުންނަށް ވަނީ މިދެންނެވިފަދަ ޛިހްނީ އަދި ރޫޙާނީ ސިފަތައް، އެމީހުންގައި ހުރެގެންކަން. އެއްގޮތަކަށްވެސް މީހުން އިތުރުވުމުގެ ބޭނުމެއް، އޭގެ ޒާތަކު ނެތް. އަޅުގަނޑުމެންގެ ރާއްޖޭގައި ދެލައްކަ ހަމަވުމަކީ، އެކަމަށްޓަކައި އަޅުގަނޑުމެން ފަޚްރުވެރިވުން ޙައްޤުވާ ކަމެއް ނޫން. އަޅުގަނޑުމެން ފަޚްރުވެރިވާން ޖެހޭނީ، އެ ދެލައްކަ މީހުންނަކީ، ޤައުމަށް ފައިދާހުރި، ތެދުވެރި، އިޚްލާޞްތެރި ދެލައްކަ މީހުން ކަމުގައިވަނީނަމަ.

އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ، މީހުން އިތުރުކުރުމަކަށް ނޫން. އަޅުގަނޑުމެންގެ މީހުންނަކީ، މީހުންނަށް ހެދުން. މީހުން، މީހުންނަށްވަނީ މިދެންނެވި ފަދަ ޛިހްނީ އަދި ރޫޙާނީ އަޚްލާޤީ ސިފަތަކެއް އެމީހުންގައި ހުރުމުން. އެހެންވީމާ، އެސިފަތައް އަޅުގަނޑުމެންގެ އަފްރާދުންގައި، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުގައި، އަޅުގަނޑުމެންގެ ކުޑަކުދިންގައި އުފެއްދޭތޯ އަޅުގަނޑުމެން ވާނެ މަސައްކަތް ކުރަން. އެގޮތަށް މަސައްކަތްކުރި މިންވަރަކުން އަޅުގަނޑުމެންގެ ރާއްޖެ، މުސްތަޤްބަލުގައި ކުރިއަށް ދިޔުން އޮތީ. އަދި ރާއްޖޭގެ މިނިވަންކަން އަޅުގަނޑުމެންނަށް ދެމެހެއްޓުމުގެ ޤާބިލިއްޔަތު، އަޅުގަނޑުމެންނަށް ލިބެންއޮތީވެސް އޭރުން.

އާދެ، މިދެންނެވި ޛިހްނީ އަދި އަޚްލާޤީ ސިފަތައް އަޅުގަނޑުމެންނަށް ލިބިގަނެވޭނީ އެދެވޭ ތަޢުލީމެއް ލިބިގެން. ހަރުދަނާ ތަރުބިޔަތެއްގެ ނަޞީބު އަޅުގަނޑުމެންނަށް ލިބިގެން. އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، ޖަމާޢަތުގެ ފައިދާއަށްޓަކައި މަސައްކަތްކުރުމުގެ ރޫޙު ހުންނަ މީހެއް ކަމުގައިވެގެން.

އެހެންވީމާ، އަޅުގަނޑުމެން މިހާރު މަސައްކަތްކުރަންޖެހެނީ، އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި، މިދެންނެވި ރޮނގުރޮނގުން. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައި މިވަނީ ދުނިޔޭގެ ބައެއް އެހެން ޤައުމުތަކާ ޚިލާފަށް. އެހެން ތަންތަނަށް މިނިވަންކަން ލިބިފައި އޮންނަނީ ވަރަށްގިނަ ދުވަސްވަންދެން ހަނގުރާމަކޮށްގެން. އެތައް ބަޔަކު މަރުވެގެން. ވަރަށްގިނަ ޢަދަދަކަށް ލޭ އޮހޮރުވައިގެން، ވަރަށް ދަތި ހާލުގައި ގިނަދުވަސްތަކެއް ވަންދެން ޖިހާދެއް ކޮށްގެން. މާތްﷲ ގެ ތަނަވަސް ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައިވަނީ އެފަދަ ބުރަ މަސައްކަތްތަކެއް ކޮށްގެނެއް ނޫން. ހަނގުރާމަތަކެއް ކޮށްގެނެއް ނޫން. ލޭތަކެއް އޮހޮރުވައިގެނެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަން އެހެން މީހުންނަށް ލިބިފައިވާ މިނިވަންކަމަށްވުރެ، އޭގެ އަގު ކުޑަތޯ؟ ޝައްކެއްވެސްނެތް، އެއްވެސް ހާލެއްގައި ކުޑައެއްނޫން.

މިނިވަންކަން އެއީ އޭގެ ޒާތުގައި ވަރަށް އަގުބޮޑު އެއްޗެއް. އޭގެ އަގު އެނގޭނީ، އެމިނިވަންކަމުން މަޙްރޫމުވެފައިވާ މީހުންނަށް. އަޅުގަނޑުމެން ޖިހާދެއް ނުކޮށް، ލޭތަކެއް އޮހޮރުވައިނުލައި، އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައިވިޔަސް، އެ މިނިވަންކަމަކީ، އެތައް ޖިހާދެއް ކޮށްގެން، އެތައް ހަނގުރާމައެއް ކޮށްގެން، އެތައް ލޭތަކެއް އޮހޮރުވައިގެން މިނިވަންކަން ހޯދި ޤައުމުތަކާ ހަމަ އެއްވަރުގެ މިނިވަންކަމެއް. އަޅުގަނޑުމެންގެ ސިޔާދަތަކީ، އެހެން ޤައުމުތަކާ ހަމަ އެއްވަރުގެ ސިޔާދަތެއް. އެހެންވީމާ، މި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ މިދެންނެވި ރޮނގުން. އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރުކޮށްގެން. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ޒާތީ ހަމަނުޖެހުމަކަށް ތަންނުދީގެން. އަޅުގަނޑުމެންގެ ދަރިންގައި، އަޅުގަނޑުމެންގެ ޒުވާނުންގައި، އަޅުގަނޑުމެންގެ ހުރިހާ އަފުރާދުންގައި، އިންސާނީވަންތަކަމުގެ ސިފަތައް އުފައްދައި، އެސިފަތައް ތަރައްޤީކޮށްގެން.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަށް މިނިވަންކަން ލިބުނުތާ، އާދެ! އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ޤައުމީ ދިދަ ފަޚްރުވެރިކަމާއެކު ވިހުރުވޭތާ 23 އަހަރުވީ ދުވަހު، އެމުނާސަބަތު އަޅުގަނޑުމެން ފާހަގަކޮށް ވާހަކަ ދައްކާއިރު، އަޅުގަނޑު މިއަދު މިހުރި މަޤާމުގެ ގޮތުން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ކުދިބޮޑު އެންމެންނަށް މި އިލްތިމާސް ކުރަނީ، އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑު މިއިޝާރާތްކުރި ރޮނގުން މަސައްކަތް ކުރަމުން ގެންދިޔުމަށް. ފަހަރެއްގައިވެސް އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މިނިވަންބަޔެކޭ ކިޔާފައި އަދި އަޅުގަނޑުމެންނަކީ އެއްދީނެއްގެ އަހުލުވެރި، އެއްބަހަކުން ވާހަކަ ދައްކައި، އެއްނަސްލަކުން އައިސްތިބި ބަޔެކޭ ކިޔާފައި، އަޅުގަނޑުމެންގެ ތެރޭގައި އުފެދެމުންދާ ނުވަތަ އުފެދިދާނެ ބައިބައިވުމަށް ޣާފިލުވެ ނުތިބުމަށް.

اللّـه سبحـانـه وتعـالى ދިވެހިރާއްޖޭގެ މިނިވަންކަން ދަމަހައްޓަވައި، އެ މިނިވަންކަން ތަރައްޤީކޮށް، ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމުގެ ހިޔާވަހިކަމުގައި އަބަދުގެ އަބަދަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތަށް އަޅުގަނޑު ދުޢާކުރަން. އަދި މިނިވަންކަން ރައްކާތެރިކޮށް، މިނިވަންކަން ތަރައްޤީކޮށް، މިނިވަންކަން ދެމެހެއްޓުމުގެ ޤާބިލިއްޔަތު، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ވެރިންނަށް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

والسّـلام عليـكم ورحمـة اللّـه وبـركاتـه.