ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ވެރިންނާއި، މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އެތަނަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވޯރލްޑް ޓްރެވަލް އެވޯޑްގައި، ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑާއި، ވޯރލްޑް ލީޑިންގް ޓުއަރިސްޓް ބޯޑް އެވޯޑް ރާއްޖެއަށް ލިބިފައިވާތީ އެކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައި، އެމްއެމްޕީއާރްސީ ގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވިއެވެ. ވޯރލްޑް ލީޑިންޑް ޓްއަރިސްޓް ބޯޑު އެވޯޑް ރައްޖެއަށް ލިބުނު މިއީ ފުރަތަމަ އަހަރެވެ. އަދި، ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ވަނީ މި އަހަރާއެކު ވިދިވިދިގެން 3 އަހަރު ހޯދާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑްގެ ދަތި ދުވަސްވަރު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި، ފާތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރުކަން ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އެމްއެމްޕީއާރްސީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެންގުޅޭ 'ޓޭލްސް އޮފް މޯލްޑިވްސް' ފޮތްތަކުގެ ކޮޕީއަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން 2021 ވަނަ އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.