بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

އިއްޔެރޭ މާލޭގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއަކީ، ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ. އެ ހާދިސާގައި ފުރާނަ ގެއްލިދިޔަ އެންމެންގެ ހަނދާނުގައި އަޅުގަނޑުމެން މިވަގުތު ހިމޭންވަން. އަޅުގަނޑާ އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން، އެ ޢާއިލާތަކަށް، އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަން. މި ހާދިސާއާ ގުޅޭ ހުރިހާ ކަމެއްގައި، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމަކާއި އިސްކަމެއްދީގެން މިދަނީ ބަލަމުން.

މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން މި އަންނަނީ، އެތައް އަހަރަކުން އުފެދިފައިވާ ތޮއްޖެހުމާއި، މާލޭގެ ދިރިއުޅުމުގެ ދަތިކަމުން. ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް، މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ، ރައްކާތެރި ދިރިއުޅުމަކަށް ނުވާނެ. ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެ. ވަރކްޝޮޕްތަކާއި، ގަރާޖުތަކާއި، ވަޑާންގެތައްވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކުން އެކަހެރި ކުރަންޖެހޭ.

ދިވެހި ލޮބުވެތި ރައްޔިތުން؛

މީގެ 4 އަހަރު ކުރިން، އަޅުގަނޑު ދިވެހި ރައްޔިތުންނަށް އެރުވި ޔަޤީންކަމެއްވާނެ. އެއީ، ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި، އެއްވެސް ރައްޔިތަކު ތަފާތުނުކުރާނެ ކަމުގެ ޔަޤީންކަން. ތަފާތެއްނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަޤީންކަން.

މިއަދު މިއީ އޭގެ 4 އަހަރު ފަސް. އެ ދުވަހު އެވީ ވަޢުދުން ކަސިޔާރުނުވެ، ދިވެހި ރައްޔިތުންނަށް ހަމަހަމަ 4 އަހަރު ކަމުގައި، ފާއިތުވި 4 އަހަރު ވެގެން ހިނގައްޖެ. އެކަން ﷲގެ ހެޔޮ ރަޙްމަތުން އަޅުގަނޑަށް ކުރެވިއްޖެ.

ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން މި ފުރުނީ 54 އަހަރު. މީގެ 4 އަހަރު ފަހަތަށް، އަޅުގަނޑުމެންގެ ހަނދާންތައް ސޮއްސާލުމަށް މިއީ، މުނާސަބު ވަގުތެއް.

އެދުވަހު ޤައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ނުތަނަވަސްކަމާއި ބިރުވެރިކަން. ސަބަބަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތުން. އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ، ވެރިކަމުގެ ހަތުރަކަށް. އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރު އެކަންވީ، ޤާނޫނުއަސާސީ ތަޞައްވުރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވައިލުން. ވެރިކަމުން، ޤާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް، ވެރިކަމުގެ ފަރާތުން ޤާނޫނުގެ ބާރު ލަންބައި، ގުދުކޮށް ވާންކުރުން.

ނަތީޖާއަކަށްވީ، ވެރިކަމުގެ ނިޒާމު ކިލަނބުވެ، ހިނގާ ކަންކަމުގެ ދެ ފަރާތް ފެނުން އެއީ، ނެތް ފުރުޞަތަކަށްވުން. ފަރުދާގެ ފުރަގަހުގައި ހިނގާ ކަމެއް ނިމި، މަންޒަރު ސާފުވާން ފެށިއިރު، އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގައި އޮތީ ވެފައި. އަމާނާތްތެރި ކަމަކީ، އެންމެ ބޮޑު ޚިޔާނާތް ކަމުގައިވެ ނިމިއްޖެ. އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް، ބޭއިންސާފު އޮތީ ޢާންމުވެފައި.

ހެޔޮވެރިކަމުގެ އުންމީދު ގެއްލި، ވެރިކަމުގެ އާރާއި ބާރާއި ޖާހުގެ ނާޖާއިޒު ނިންމުންތައް އެއީ، ޢާންމު، އާދައިގެ ކަމަކަށް ހެދި. މިނިވަންކަމާއި ޙައްޤުތައް ނިގުޅައިގަނެވޭނީ، ކޮންއިރަކު، ކާކުގެ ކަމެއް، ހަމަ އެކަކަށްވެސް އެ ދުވަހަކު ނޭނގެ. ދެން ތިބި އެންމެންނަކީ، ނެތް ބައެއް ކަމުގައި އެދުވަހު އޮތީ ވެފައި.

މީގެ 4 އަހަރު ކުރިން، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ، ކުޑަގޮޅީގައި ނުވަތަ އެ ގޮޅީގެ އަނގަމަތީގައި. ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ބަންދުކުރި. ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގެ ދޮރުތައް ތަޅުލި. ދިގުލީ އެތައް ދުވަހެއް ވަންދެން، މަޖިލީހުގެ ޢިމާރާތް ބަންދުކޮށްފައި ބެހެއްޓި. އެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަކީ، މުލައްދަނޑީގެ ބާރުން ނެރެ، ފާރުމަތިން އުކާލެވޭ، ބޭކާރު މުދަލެއްގެ ސިފަ ޖެއްސި. ޢަދުލް އިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ މަރުޙަލާގައި، ހިޔާވަހިކަމެއް އެ ދުވަހަކު ނެތް. ރައްޔިތުންނަށް ގޮތްހުސްވުމަކީ، އޮތް ހަމައެކަނި ގޮތް ކަމުގައިވެ ނިމުނު.

ރާއްޖެ އޮތީ ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުންކެނޑި، އެކަހެރިވެ ވަކިވެފައި. ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިންތިޚާބު ކުރެވި، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކުރެވި، އެކަހެރި ކުރެވިފައި. ރަށްތައް އެކަހެރިކޮށް، ރައްޔިތުންގެ މަތިން ހަނދާންނައްތާލި. މިއީ، ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވައިގެން ލިބިގަތް، އާ ޤާނޫނުއަސާސީ، އޭގެ އާރޯތާނާ ކަމުގައި ވަނިކޮށް، މި ރާއްޖެ ވައްޓާލެވިދާނެ ހާލަތެއް ކަމަށް ހިތަށް ގެންނަންވެސް ދަތިވި. ހިތަށްނާރާ، ހިތްދަތި މި ދެންނެވި ހިތި ތަޖުރިބާ، އެ ދުވަހު ކުރަންޖެހުނު. ތަކުރާރުކޮށް އަދި އެއްފަހަރު އެ މަންޒަރު ހިތަށް ގެންނަވާ. އެ ދުވަހު ރާއްޖޭގެ ރައްޔިތުން ބޭނުންވީ، އެހެން އެއްވެސް ކަމެއް ނޫން. އެ އަނދަވަޅާއި ދަންތުރައިން މިންޖުވާން. އެ ބިރުވެރިކަމާއި އަނިޔާ، މުޅި ރާއްޖެއިން ނެތި ފިލައިދާން. އަމާންކަމާއި ސުލްހަމަސަލަސް ކަމާއި ހަމަޖެހުން ރާއްޖެއަށް ހޯދަން.

މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ކަމަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަވުމަށް. އެ ދުވަހު ރައްޔިތުން ބޭނުންވީ، ދެފުށް ފެންނަ، ޖަވާބުދާރީކުރުވަނިވި، ޤާނޫނުއަސާސީގެ ތަރަހައިގެ މައްޗަށް، ދައުލަތް ބިނާވުމަށް. އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީނުވެ، މިނިވަންކަމާއެކު ހެލިފެލިވެ، ދިރިއުޅުން އާރާސްތު ކުރެވޭނެ މާޙައުލެއް. ރާއްޖޭގެ ރައްޔިތުން ބޭނުންވީ، ތިމާގެ ސިޔާސީ މަގާމާއި، ރިޔާސީ ޓިކެޓަކީ، ވެރިކަމަށް އާދެވުމުގެ ކުރިންނާއި، އޭގެ ފަހުންވެސް، ފައިސާ ޖަމާކުރާ ވަސީލަތަކަށް، ނުވަތަ ދެންތިބި މީހުންނަށް ބިރުދައްކާ ލަޓިބުރިއަކަށް ނުހެދުން.

މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވީ، ޚިޔާލުތަފާތުވުންތަކާއެކު ކުރިއަށް ގޮސް، ޤައުމާއި ރައްޔިތުން އިސްކުރާނެ ވެރިކަމެއް އުފެއްދުމަށް. ރާއްޖޭގެ ރައްޔިތުން ބޭނުންވީ އެ ދުވަހަށްފަހު، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް، ސަރުކާރުން ހުރަސްނޭޅުން. މި ފާއިތުވި 4 އަހަރުވެސް އަޅުގަނޑު މަސައްކަތްކުރީ، ރާއްޖޭގެ ރައްޔިތުން އެ ދުވަހު އަޅުގަނޑާ މަތިކުރެއްވި، ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރުމަށް. ފުރަތަމަ ކަމަކަށް، ތަފާތު ނުކޮށް ހަމަހަމަކަމާއެކު، އެންމެންނާއެކު ކުރިއަށްދިޔުން. ސިޔާސީ ޒުވާބާއި، ހަސަދައާއި ޖަދަލާއި، ނަފްރަތުން މުޖުތަމަޢު ސަލާމަތް ކުރުން.

ލޮބުވެތި ދިވެހި ރައްޔިތުން؛

މީގެ 4 އަހަރު ކުރިން އަޅުގަނޑު ހަވާލުވި މަސްއޫލިއްޔަތު ބިނާވަނީ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށް. މިހާތަނަށް ރާއްޖެ ހިނގަމުން އައީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަފާތު ވައްޓަފާޅިއެއްގައި. އެކަމަށް ޒަމާނާ ގުޅޭ، ކޮންމެހެން ބޭނުން ބަދަލުތައް ގެނައުމަކީ، އަޅުގަނޑުވީ ވަޢުދެއް.

އޭގެ ފެށުމަކީ، މިހާރު އެކަށައެޅި، އިދާރީގޮތުން ރާއްޖެ ހިނގަމުންމިދާ ލާމަރުކަޒީ ބޮޑު ބަދަލު. ބޭނުމަކީ، އެއްތަނެއްގައި ހިފެހެއްޓި ގަނޑުވެފައިވާ ބާރުތައް، އޭގެ ޒާތުން ދިރި، މުޅި ރާއްޖެއަށް ފަތުރާލުން. ޚިދުމަތްތަކާއި ވަސީލަތްތައް، އަތޮޅުތައް ފަހަނަޅައި، ރަށްރަށުގެ 4 ތޮށިން އެތެރެވާނެ ބޮޑު ބަދަލު، މި 4 އަހަރުން ގެނެވިއްޖެ. އާމްދަނީއާއި ވަޒީފާތައް، ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، މި 4 އަހަރުން ހޯދިއްޖެ. ޖީބަށް ލުއި، ބާރުދުވެލީގައި ރަށްތައް އަމުނާ، ގަތާ، ރައްޔިތުން ބަދަހިކުރާނެ ދަތުރުފަތުރުގެ ނިޒާމު ތަޢާރުފް ކުރެވިއްޖެ. ތިމާވެށްޓާ ރަށްޓެހި، ވިއަވަތި ޖަޒީރާ ރާއްޖެއަކަށް ހިޖުރަ ކުރެވޭނެ މަގު ހޯދިއްޖެ. ފަޚުރުވެރި ޢާއިލާއެއް ބިނާކުރެވޭނެ އަސާސީ ބަދަލުތައް ގެނެވޭނެ މަގު ކޮށައި އަލިކުރެވިއްޖެ. ދިވެހި ދައުލަތުގެ ހިންގުން، ހެޔޮ ވެރިކަމުގެ މިޞްރާބަށް ބަދަލުކުރެވިއްޖެ.

އަޅުގަނޑު މި ދެންނެވި މަގަށް ރުޖޫޢަވުމަށް، ފާއިތުވި 4 އަހަރު ކުރެވުނު ވަކި ކަންތައްތަކެއް އެބަވޭ. ފުރަތަމަ ކަމަކަށް، ދައުލަތް ހިންގުމުގެ އަސާސްތައް، ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެ. ޑިމޮކްރެޓިކް ވެށްޓެއްގައި، އެ ބާރެއްގެ ދައުރު އަދާކުރާނެ ޖާގަ، މި 4 އަހަރުން މިވަނީ ހޯދާފައި. މިނިވަން ޖުޑިޝަރީއެއްގެ ޒަރީޢާއިން، ޢަދުލުއިންޞާފަށް ގެއްލިފައި އޮތް އިތުބާރު، އިޢާދަ ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ބަދަލުކޮށްފިން. މިނިވަން ސުޕްރީމް ކޯޓެއްގެ ދައުރު، ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު، މި 4 އަހަރުން ފަހިކޮށްދިނިން.

ލޮބުވެތި ދިވެހި ރައްޔިތުން؛

އޯގާތެރިކަމާއެކު، ހަމަ މަގުން ދައުލަތެއް ހިނގާނެ ހުރިހާ ހަމަތައް، އެންމެ 4 އަހަރުން ފުރިހަމަވެ ނިމޭނެ ކަމަށް ބަލައިގެން ނުވާނެ. އެނގި، ހާމަވެ ސާފުވި އެންމެ ބޮޑު ޙަޤީޤަތަކީ، އިންސާފުގެ މަގަށް ރާއްޖެ ރުޖޫޢަ ކުރެވޭނެ ކަމުގެ އުންމީދު، މި 4 އަހަރުން އިންތިހާއަށް ބޮޑުވެފައިވާކަން.

މީގެ 4 އަހަރު ކުރިން، ރައްޔިތުން އެންމެ ބޮޑަށް އެދި ތިބީ، ދައުލަތް ހިންގުމުގައި ހާމަކަން ބޮޑުވުމަށް. އޭގެ މައިގަނޑު ސަބަބަކީ، އޭގެ ކުރިން ދައުލަތުގެ ތެރޭގައި އޮތް ކިލަނބުކަމުގެ ބޮޑުކަން. އޭގެ 4 އަހަރު ފަހުން މިއަދުގެ ޙަޤީޤަތް ތަފާތު. ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެތައް މަގެއް އަދި ވަސީލަތްތަކެއް މިހާރު އެވަނީ ފަހިކޮށްފައި. މާލީ ހިސާބުތަކާއި، ރައްޔިތުންނާ ގުޅުންހުރި ނިންމުންތަކާއި، ވެނިމުނު ކަންކަމާއި، އިތުރަށް ކުރާންހުރި ކަންކަމުގެ، ހުޅުވިފައިވާ ތަފްޞީލުތަކަށް މިއަދު ވާޞިލުވެވޭނެ.

އޭރު ޤައުމު އޮތް ކިލަނބު ކަމުގެ ބޮޑުކަމާހުރެވެސް އަޅުގަނޑުމެން ވަޢުދުވީ، ހާމަކަން ބޮޑުކުރުމަށް. ސަރުކާރު މިއޮތީ އެ ފުރުޞަތު ހުޅުވައިލައިގެން. ހާމަކުރެވޭ މަޢުލޫމާތުގެ ދެފޮޅުވަތް ދޭތެރެއާއި، ފިލި ކޯޅިން މާނަ ނެގުމަކީ، ސަރުކާރަށް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއްކަން އެނގިތިބެވެސް، މިހާރުގެ ރޫޙަކީ ހަމަ، ހާމަކުރުން.

4 އަހަރު ކުރިން، ރައްޔިތުންގެ އޮތް އަނެއް ކަންބޮޑުވުމަކީ، އޭނާގެ ސިޔާސީ ފިކުރާއި، ވިސްނުން ނިސްބަތްވާ ގޮތުގެ ސަބަބުން، އޭނާއާމެދު ޢަމަލުކުރާ ގޮތާއި، ކުރާ ތަފާތުގެ ބޮޑުކަން. ނަމަވެސް، މިއަދު މުޅި ރާއްޖެއިން ފެންނަ ޙަޤީޤަތަކީ، އެ ތަފާތުކުރުން މާޒީވެއްޖެކަން. ކުޑައެއް ބޮޑެއް، ސިޔާސީ ކުލައެއް ތަފާތުނުކޮށް، ހަމަހަމަކަމާއެކު ރަށްތަކަށާއި ރައްޔިތުންނަށް މިއަދު ޚިދުމަތް ލިބޭނެ. އަމާން ވެށްޓެއް ޤާއިމުވެ، ހަމަޖެހިލައިގެން ދިރިއުޅުމާމެދު ވިސްނާނެ މާޙައުލެއް މިއަދު އެބައޮތް. އޭގެ ކުރިއާ އަޅައިބަލާނަމަ، މިހާރު އެތައް ގުނައަކުން ރާއްޖެ އަމާން ކުރެވިއްޖެ. ޒަމާންތަކަކަށްފަހު ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެވޭކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ.

އިޖުތިމާޢީ ހަމަހަމަކަމަށްޓަކައި، މި 4 އަހަރު ސަރުކާރުން ހިންގަމުންދާ އަސާސީ ޚިދުމަތުގެ ބޮޑު މަޝްރޫޢުތަކެއް އެބަވޭ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ފުޅާ މަޝްރޫޢު، މި 4 އަހަރު މިދަނީ ހިންގަމުން. ރަށްރަށުގެ ލަފާ ފުރުމުގެ ދަތިކަމަށް، ދެމެހެއްޓެނިވި ޙައްލު ހޯދައިދިނުމުގެ މަޝްރޫޢު ދަނީ ހިނގަމުން. ބޭނުންވާ ޢުމްރާނީ ވަސީލަތްތަކާއި ޚިދުމަތްތައް ދިރާސާކޮށް، ފަރުމާކޮށް ހިންގަމުން މި ގެންދަނީ، ވަކި ޚާއްޞަ މަޤްޞަދުތަކަކަށްޓަކައި. އެއީ، އެއްވެސް ރަށެއް އިހުމާލުވެ އެކަހެރި ނުވާނެ، ތަނަވަސް އުފާވެރި ޖަޒީރާ ދިރިއުޅުމެއް، މި ޖުމްހޫރިއްޔާގެ ހުރިހާ ރަށަކަށް ލިއްބައިދިނުމަށް. ވަށާޖެހޭ ތަރުތީބަކުން، ބަހާލެވިފައިވާ ޚާއްޞަ ސަރަޙައްދުތަކަކުން، މުޅިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތް ބޭނުންވޭ. ރަނގަޅު ތަޢުލީމާއި، ވަޒީފާއާއި، އާމްދަނީގެ މަގުތައް ހުޅުވެންޖެހޭ.

ދިވެހި ލޮބުވެތި ރައްޔިތުން؛

މީގެ 4 އަހަރު ކުރިން ރާއްޖޭގެ ޒުވާނުން މެދުއުޑުގައި ފިޔަޖެހުމަށް ކުރި އުންމީދު އޮތީ، ހަމައެކަނި އިވުނު އަޑެއްގެ ގޮތުގައި. ދިވެހިރާއްޖެއަށް މި ގެނެވުނު ބަދަލު ގެނައުމުގައި، ޒުވާނުންގެ ޙިއްޞާ ނުހަނު ބޮޑު. އެ ޒުވާނުން އޭރު ތިބި މާޔޫސްކަމުގެ ތެރެއިން، އެމީހުންގެ މުސްތަޤްބަލް ގެއްލިދާނެކަމުގެ ބިރު، ޚުދު އެ ޒުވާނުންނަށް އޭރު އޮތް. ތަޢުލީމާއި ތަމްރީނާއެކު ހެދިބޮޑުވާ، އުފެއްދުންތެރި ޖީލެއްގެ ބޭނުން، ދިވެހި ޖުމްހޫރިއްޔާއަށް ނުހަނު މުހިންމު. ހަރުދަނާ ރަނގަޅު ޒުވާނަކަށްވުމަށް އޮތް ތަކުލީފް، އޭރު އިންތިހާއަށް ބޮޑު. މީގެ 4 އަހަރު ކުރިން އޮތް ރާއްޖޭގެ ހާލަތު ބަދަލުކުރަން، ދިވެހި ޒުވާނުންވެސް ނުކުތީ، އެމީހުންގެ ހާލަތުވެސް ބަދަލުކުރުމަށް.

އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއެކު، ޒުވާނުންގެ އުންމީދުތަކުގައި އެ ދަނީ ކުލަ ޖެހެމުން. ހުނަރު ޕްރޮގްރާމާއި، ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދިވެހި ޖުމްހޫރިއްޔާގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް. މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15,547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވިއްޖެ. ވަޒީފާގެ މާޙައުލަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ހިންގާ ހުނަރާއި ތަމްރީނު ޕްރޮގްރާމްތަކުން އެކަނިވެސް، 5,000 އަށްވުރެ ގިނަ ފުރުޞަތު ހޯދައިދެވިއްޖެ. މިހާރު މިއޮތް ފުރުޞަތުތައް، މީގެކުރިން ޒުވާނުންނަށް ފަހިވިނަމަ، މިއަދުގެ ނަތީޖާ މާރަނގަޅުވީސް. ގޮތްހުސްވެ، މާޔޫސްވެ، މަގުގެއްލި، މަގުތަކަށް ގިނަވާ ޒުވާނުން، މިހާރާ އެއްވަރަށް އޭރުވެސް މަދުކުރެވުނީސް.

ލޮބުވެތި ދިވެހި ރައްޔިތުން؛

ޤައުމެއްގެ ސިޔާސީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ގެއްލިދާ އެންމެ ބޮޑު ސަބަބަކީ، އިޤްތިޞާދީ ނުތަނަވަސްކަން ކުރިމަތިވުން. ޤައުމެއް ފުދުންތެރިވެ، އިޤްތިޞާދީ ހަކަތަ ދައުރުކޮށްދޭ މައިނާރަކީ، އެ ޤައުމެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް. ރާއްޖޭގެ ވިޔަފާރިތަކުގެ 95 އިންސައްތަ ހިއްސާކުރަނީ، މި ދެންނެވި ވިޔަފާރިތައް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާޙައުލެއް، މި ފާއިތުވި 4 އަހަރުން ޤާއިމުކޮށްދެވިއްޖެ. މި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ވަރަށް ބޮޑަށް މިހާރު ކުޑަކުރެވިއްޖެ. މި ނިޒާމު ޑިޖިޓައިޒް ކުރެވިއްޖެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި މީގެކުރިން އޮތް ކޮޅުންނުލާ ކިއު، މިހާރު ހަމައަކަށް އަޅުވައި، ތަރުތީބުކޮށްފިން. އެސް.އެމް.އީ. ބޭންކުގެ ޒަރީޢާއިން މި 4 އަހަރު އުފެދުނު ވިޔަފާރިތައް، އިޤްތިޞާދު ހިންގުމުގަޔާއި، ވަޒީފާ އުފެއްދުމުގައި މުހިންމު ދައުރެއް އެބަ އަދާކުރޭ.

ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ، އެއީ ޤާނޫނަކުން ކަށަވަރުކޮށްދޭ ޙައްޤެއްގެ ގޮތުގައި ކަނޑައެޅިއްޖެ. އެ ޤާނޫނުގެ ލާބަ، މަސައްކަތްތެރިންނަށް މިހާރު އެދަނީ ލިބެމުން. އަދި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލުގެ އަސަރު ލިބެމުން އެބަދޭ. އިރާދަކުރެވިއްޔާ، އަންނަ އަހަރު މި ހެޔޮ ބަދަލު ގެނެވޭނީ ޞިއްޙީ ދާއިރާއަށް. މަސައްކަތްތެރިން، މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، "އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް"، އަޅުގަނޑު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން. މިއީ، މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވާ ހުރިހާ ފަރުދުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޤާނޫނު.

ލޮބުވެތި ދިވެހި ރައްޔިތުން؛

މި 4 އަހަރުން 2 އަހަރަކީ، ޒަމާންތަކުންވެސް ފެންނާން ނެތް ޢާލަމީ ވަބާއަކުން، ދުނިޔެ ބަނަކުރި ދެ އަހަރު. ސަރުކާރަށް އެންމެ އަގުބޮޑު އެއްޗަކީ ރައްޔިތުންގެ ފުރާނަ. އެ ދަނޑިވަޅު އަޅުގަނޑުމެން އެންމެ އިސްކަމެއް ދިނީ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް. ބަލިވެ، އެނދުމަތިވާ މީހުންގެ ފަރުވާ ފުރިހަމަކުރުމަށް. ވެކްސިންގެ ރައްކާތެރިކަން މުޅި ރާއްޖެއަށް ލިބިދިނުމަށް. މި ދެންނެވި ބަނަކަމުގެ ތެރޭގައި، އަޅުގަނޑުގެ ޢަޒުމަކަށްވީ، ދައުލަތުގެ އެންމެ މުވައްޒަފެއްގެ ވަޒީފާއަށްވެސް އަދި ލިބޭ އާމްދަނީއަށްވެސް އުނިކަމެއް އަޔަނުދިނުން.

ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު، ބަރޯސާ ވަނީ ފަތުރުވެރިކަމަށް. އެހެންނަމަވެސް، ބޯޑަރު ބަންދުކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވި. އާމްދަނީ ހުއްޓި، ރަށްތައް ތަޅުލައި، ފުރަމާލެ ފުރަބަންދަށް ލާންޖެހުނު. އެންމެންނާ ކުރިމަތިވި ކުއްލި އުދާހާއި ނުތަނަވަސްކަން އިންތިހާ. އެ ހާލަތުގައިވެސް، ސަރުކާރުން ބެލީ ވިޔަފާރިތައް ހީނަރުވެ، ވަޒީފާތައް ގެއްލި، އާމްދަނީ އުނިވި އެންމެންނަށް ސަރުކާރުން އެހީތެރިވެދިނުމަށް. ދިމާވި މި ދެންނެވި ނާދިރު ހާލަތުގެ ނާޒުކުކަން ކިތަންމެހާވެސް ބޮޑު. އެހެންނަމަވެސް، ކަރަންޓާއި ފެން ބިލް ނުދެއްކިގެން ޚިދުމަތުން މަޙްރޫމްވި، އެއްވެސް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެކަން، އެ ދުވަހު އަޅުގަނޑު ކަށަވަރު ކުރިން. އިންތިޚާބުކޮށްފައި އޮންނަ ސަރުކާރެއްގެ ޙަޤީޤީ ޒިންމާއަކީ، މިފަދަ ދަނޑިވަޅުތަކުގައި، އެ ބޮޑު ބުރަ ވަކިވަކި ފަރުދުންގެ ބޮލުގައި ނާޅުވައި ސަރުކާރުން އުފުލުން. އެ ދުވަހު ސަރުކާރުން އެ ޒިންމާ ފުރިހަމައަށް އަދާކުރިން.

ކޯވިޑް-19 ވެގެންދިޔައީ، އިޤްތިޞާދީ ފުންވަޅަކަށް ޤައުމުތައް ސޮއްސާލި ސަބަބަކަށް. ސަރުކާރާއި ރައްޔިތުންގެ މަސައްކަތުން، ރާއްޖެ މިވަނީ އޭގެ އެންމެ ފުންތަނުން އަރައިގަނެވިފައި. ކޯވިޑް-19 ގެ ރިހޭ ފައިމައްޗަށް ވެއްޓުނު ފޮޔަކީ، ރަޝިއާ ޔޫކްރޭން ހަނގުރާމަ. އަޅުގަނޑުމެން އެރޭން ޖެހިފައި މިވަނީ، ބަލިމަޑުކަމުގެ ފުން ވަޅުގަނޑުން، ހަނގުރާމައިގެ އަޑިގަނޑަށް.

މިއީ، މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް. ރާއްޖެއަށްވެސް އޭގެ އަސަރު އެބަކުރޭ. ނަމަވެސް، ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔައަޅާ، ތޫނުކުރި ބަހުރުވަ. ރާއްޖެ ބަނގުރޫޓްވެ، އިޤްތިޞާދު އިނދަޖެހި، ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު، އަބަދާއި އަބަދު ރައްޔިތުންނަށް ދައްކާ. ނަމަވެސް، ސަރުކާރު މިއޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލައި. އެފަދަ ކޮންމެ ހާލަތަކުން އަރައިގަތުމަށް، އެ ހިނދަކަށް ބޭނުންވި ފިޔަވަޅެއް މިދަނީ އަޅަމުން. މިހާތަނަށް ކުރިމަތިވި މިފަދަ ކޮންމެ ކަމަކުން އިރާދަކުރެއްވީތީ އަރައިގަނެވިއްޖެ. އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފަހި ސިގްނަލް، ރާއްޖޭގެ އިޤްތިޞާދީ މީޓަރުން ދައްކަމުން އެބަދޭ.

ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ވާނީ އިސްކަންދީފައި. މިކަންކަން ކުރާނީ، ރައްޔިތުންނަށާއި އިޤްޠިޞާދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތަށް. ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން، ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވާނީ ހުށަހަޅާފައި. ދައުލަތަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި. ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒަރވަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ. މި ގެންނަ ބަދަލަކީ، ރަނގަޅު ބަދަލެއްކަން، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ، އެމް.އެމް.އޭ.ގެ މާލީ ބޭފުޅުންނަށް.

ވާޞިލުވެވިފައިވާ ހުރިހާ ކާމިޔާބީއެއްގެ އެންމެ ވަރުގަދަ ސިއްރަކީ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިއޮތް ހަމަޖެހުން. އެންމެން އެކުގައި އެއް އަމާޒަށް ވާޞިލުވުމަށް މަސައްކަތްކޮށްފިނަމަ، ހުރަސްތައް ގިރާކުރެވި، ކުރިއެރުންތައް ހާސިލުކުރެވި، މާ އުފާވެރި ފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ޔަޤީންކަން އެބައޮތް.

ލޮބުވެތި ދިވެހި ރައްޔިތުން؛

އަތޮޅުތަކާއި ރަށްތަކުގެ ހަމަޖެހުން ގުޅިފައިވަނީ، މާލޭގެ ހަމަޖެހުމަށް. މާލޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ތޮއްޖެހުން. ބޯހިޔާވަހިކަން ނެތި، އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށް ވާންޖެހުން. ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޫންމަހު ހުޅުވައިލި ފުރުޞަތުގައި ޖުމްލަ 35,861 އެޕްލިކޭޝަން ވަނީ ލިބިފައި. އެ އެޕްލިކޭޝަންތައް މިހާރު ދަނީ ޕްރޮސެސްކޮށް، ޝަރުޠު ހަމަވާ ފަރާތްތައް ދެނެގަންނަމުން.

ދިވެހި ލޮބުވެތި ރައްޔިތުން؛

ޖުމްހޫރީ ދުވަހުގެ މި ޝަރަފްވެރި ޙަފްލާއިން އެކިއެކި ޝަރަފާއި، މެޑެއްޔާއި، ޚާއްޞަ އިނާމު ހާސިލުކުރެއްވި ބޭފުޅުންނަކީ، މި ޖަލްސާގެ ޙަޤީޤީ ޝަރަފުވެރިން. ކީރިތި ޤުރްއާން ހިތުދަސް ކުރައްވައިގެން، ޚާއްޞަ މެޑެލް ލިބިވަޑައިގަތް ބޭފުޅުންނަށް ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރަން. ޖުމްހޫރީ ދުވަހު އެބޭފުޅުން އެ އުފުއްލަވައިދެއްވީ ދިވެހި، އިސްލާމީ ޝަޚްޞިއްޔަތުގެ އިސް. އަދި ވަކިން ޚާއްޞަކޮށް، ޢުމުރުން އެންމެ 8 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފަކީ މި އަހަރުގެ ޖުމްހޫރީ ދުވަހު ޤައުމަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ. ބ. ހިތާދޫ، ޑޭޒީމާގެއިން އެ ދެއްކީ ޙަޤީޤަތުގައިވެސް އިންސާނެއްގެ ހިތާއި ދުލުން ކުރެވޭނެ އެންމެ މަތިވެރި މަސައްކަތް. އަމަންގެ މައިންބަފައިންނާއި، ޢާއިލާއާއި، މުދައްރިސުންނާއި، މުޅި ހިތާދޫ ވަނީ މި ޝަރަފުގެ ފަހަތުގައި. އެ ހުރިހާ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން އެ ބޭފުޅުންގެ ހިތްތައް ޒީނަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން. ސާބަސް ރައްދުކުރަން.

ތަޢުލީމީ އެންމެ އުސްކުރިބޯށި ހިފުމުގެ ތަފާތު ހަރުފަތްތަކުން، ދުނިޔޭގެ ފެންވަރުގައި ރާއްޖެ ފަޚުރުވެރިކޮށްދިން ގިނަ ބޭފުޅުންތަކެއް، މިރޭ އަޅުގަނޑުމެންނަށް ފެނިގެންދާނެ. ތަފާތު ފަންނާއި، ހުނަރާއި، މަސައްކަތްތެރިކަމާއި އުފެއްދުންތެރި އާ އީޖާދުތަކުގެ އާ ޖީލެއް ރާއްޖެއަށް ލިބިއްޖެ. އެއީ، ދިވެހި ޖުމްހޫރިއްޔަތުގެ ސާފު ފައިދާގެ ގޮތުގައި މި ޤައުމު އުފަންކުރި، މި ޖީލުގެ ދަރިން. އެ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން.

މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކަށް ބޭފުޅުން ހޮއްވެވި ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވީ ވަރަށް ކަވި، އިންސާފުވެރި މަސައްކަތެއް. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ ވަގުތު މި މަސައްކަތަށް ހުސްކުރެއްވި. އަދި އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ގެ ތަނަވަސް ރަޙްމަތާއި މަދަދުން، ރާއްޖެ ބާއްޖަވެރި ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި، ފާގަތި، ވިޔަވަތި ޙަޔާތެއް މިންވަރު ކުރެއްވުން. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.