މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވަނީ މިހާދިސާއާ ގުޅިގެން އެފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަޙުޤީޤު ކުރެއްވުމަށާއި މި ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި، ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންނާއި މިހާދިސާއާ ގުޅިގެން ހާލުގައިޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ. އަދި މީގެ އިތުރުން ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށްގެންދެވުމަށާއި މާލޭގައި ހުރި ވޯކްޝޮޕް ގަރާޖުފަދަ ތަންތަން އަވަސްގޮތެއްގައި އެހެންތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ބައެއްގެ ފުރާނަ ގެއްލިފައިވެއެވެ. މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.