ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމު ކުރައްވައި، ވިޔަފާރި ތަރައްޤީ ކުރެއްވުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ ދަތުރުފަތުރުގެ ސަބަބުން ވިޔަފާރި ކުރިއަރާކަން އެއީ، އިންސާނީ ތަޖުރިބާއިން ދައްކާފައިވާ ޙަޤީޤަތެއް ކަމުގައި ވިދާޅުވެ، މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދަތުރުފަތުރުގެ ނިޒާމު މިހާރު ޤާއިމު ކުރައްވާފައިވާ ތ. އަތޮޅާއި، ލ. އަތޮޅުގެ ތަޖުރިބާ، ދިއްދޫ ރައްޔިތުންނާއެކު ޙިއްޞާ ކުރެއްވިއެވެ. އެ ތަޖުރިބާ ރަނގަޅު ކަމަށާއި، އެދެއަތޮޅުގެ ރައްޔިތުންގެ ތެރެއިން 10 އިންސައްތަ މީހުން ކޮންމެ ދުވަހަކު ދަތުރުކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހއ. އަތޮޅުގެ ރަށްރަށްވެސް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އަވަހަށް ފެށްޓެވުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، ރަށްރަށަށް އަރައި ފޭބުމާއި، މުދާ ބޭލުމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެންމެ މުހިންމު ކަމެއް ދޭންޖެހެނީ، ރައްޔިތުންގެ ވިސްނުން ތަރައްޤީކޮށް، ތައްލީމީ ޙާލަތާއި، މަދަރުސާގެ ފެންވަރު ރަނގަޅު ކުރުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރަނގަޅު، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް ދިއްދޫ ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ދިއްދޫ ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އޮމާންކަމާއި އަމާންކަމާއެކު ފުރިހަމަ ޑިމޮކްރަސީއަކަށް ވެރިކަން ބަދަލުވެގެން ދިޔަ ޤައުމެއް ރާއްޖެ ނޫނީ މި ދުނިޔޭގައި ނޯންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.