ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނެވުނު އިޞްލާޙާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީޚުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ތަޙްޤީޤު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ތަޙްޤީޤުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިޢާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިޚްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

އަދި މި ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން، ތަޙްޤީޤު ކޮމިޓީން ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިޝަނުން ފޮނުވަންވާނެކަމަށާއި، ތަޙްޤީޤު ކޮމިޓީގެ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުޞަތު ދިނުމަށްފަހުގައިކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި ޤާނޫނަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.