بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އާސިޔަތު ރިޟްވީނާ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް، އީ.ޔޫ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިސްޓަރ ލާރސް ބްރެޑަލް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު މި ފަށާ "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" އަކީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަހާސިންތާއެއް. މި މަހާސިންތާ މިފަހަރު އަމާޒުކޮށްފައިވަނީ ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާޙަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށްކަމަށްވުމީ، މި މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް.

އޭގެ އިތުރުން، ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ކުންފުނިތަކުގެ ކަންކަން ރާވައި ހިންގުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަތިން ބައްޓަންކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަކީވެސް، މި މަހާސިންތާގެ ބޭނުންތެރިކަން ބޮޑުވެގެންދާ ކަމެއް. އަދި މި މަހާސިންތާގައި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ކަމާ ގުޅުންހުރި ދައުލަތުގެ އެހެން އިދާރާތައް ބައިވެރިވާކަމީ، މި މަހާސިންތާއާ މެދު ކުރެވޭ އުންމީދު އިތުރުވެގެންދާ ކަމެއް.

އާދެ، ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ޙައްލުކުރަން ދަތި، ބޮޑު މައްސަލައެއް. ބޮޑު ބައްޔެއް. އެހެންނަމަވެސް، މި ބައްޔަށްވެސް ފަރުވާއެއް އޮތް ކަމަށްވޭ. އެއީ، ޓްރާންސްޕޭރެންސީ، ހާމަކުރުން. ދެ ފުށް ފެންނަގޮތަށް ކަންތައްތައް ކުރުން. ކޮރަޕްޝަން ނައްތައިލުމަށްޓަކައި އެންމެ ފުރަތަމަ ދެނެގަންނަން ޖެހެނީ، އެކަން ކުރާ ސަބަބު. އަދި ކޮރަޕްޝަންގެ ޢަމަލުތައް ރާވައި ހިންގާ ގޮތާއި، ދައުލަތުގެ ނިޒާމުގެ ތެރޭގައި އެކަން ހަރުލާފައި އޮތް ގޮތާއި، ހަރުލާފައި އޮތް މިންވަރު.

ދުނިޔޭގެ ދިރާސާތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެކި ޤައުމުތަކުގައި، ދޭދޭ ވިޔަފާރިތަކުގެ ތެރޭގައިވެސް ކޮރަޕްޝަން އެބަ ހިނގާ. ދައުލަތުގެ ހިންގުމުގެ ތެރޭގައި އޮތް ތިން ބާރު، އެޑްމިނިސްޓްރޭޓިވް ބްރާންޗާއި، ޖުޑީޝަރީއާއި، ލެޖިސްލޭޗަރ ތެރޭގައި ކޮރަޕްޝަން އެބަ ހިނގާ. ސަރުކާރުގެ މުއައްސަސާތަކާ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ޝަރުޢީ ދާއިރާއާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަން އެބަހިނގާ. ޞިއްޙީ ދާއިރާއާއި ކުޅިވަރު ދާއިރާގެ ތެރޭގައިވެސް އެކަން އޮތީ އެހެން.

މި ނުރައްކާތެރި މައްސަލައިން މިންޖުވުމަށްޓަކައި، ކުރަންޖެހޭ ކަމަކީ ސަރުކާރާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީތަކާ، އެކުގައި އެއްތަނެއްގައި ތިބެ މަސައްކަތް ކުރުން. އެހެންވެ، މި މަހާސިންތާގެ މުހިންމުކަން އަޅުގަނޑަށް މުހިންމުވަނީ. މިތަނުގައި އަޅުގަނޑު ހިތުން މިކަމާ ގުޅޭ ހުރިހާ ބޭފުޅުން އެއްވެ އެބަ ތިއްބެވި.

ކޮންފަރެންސަކުން ނުވަތަ މަހާސިންތާއަކުން، ނުވަތަ ބޭއްވޭ ބައްދަލުވުމަކުން ހޯދޭ ނަތީޖާއެއް އޮންނަންވާނެ. ދައުލަތަށް ނުވަތަ ޤައުމަކަށް، ނޫނީ ރައްޔިތަކަށް އެންމެ ބޮޑު ރަނގަޅެއް ލިބޭނެ އެއް ކޮންފަރެންސަކަށް މި ކޮންފަރެންސް ވެގެންދާނެ.

ދައުރެއް ބަދަލުވެ، އެ އެއްކޮށް ފުރޮޅުނަސް، އެ އަންނަ ކުއްލި ބަދަލާއެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އިޞްލާޙުވެގެނެއް ނުދޭ. ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި، ވެފައި އޮންނަ ޒަމާންވީ އާދަ، ހަމަ އެވަގުތު ބަދަލެއްވެސް ނުވޭ. އަދި ވަކިން ޚާއްޞަކޮށް، ކަމެއް މާގިނަ ދުވަހު ދެމި، އާދައަކަށްވުމުން، ނުރަނގަޅު އޮންނަނީ، ރަނގަޅެއްގެ ގޮތުގައި ބެލެވިފައި. ގޯސް އޮންނަނީ، އެއް ގޯސްވެފައި.

ކޮރަޕްޝަނާއި ފަސާދައާއި، ނާޖާއިޒު ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމުވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި، އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ޤައުމަކަށް ނޯންނާނެ. ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ ޖާއިޒު ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް އެ ޤައުމަކަށް ނޯންނާނެ. އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން. އާދެ، މި މަހާސިންތާއިން ފުރޭނިގެން އަންނަ ޚިޔާލުތަކާއި، ހުށަހެޅުންތަކަށް ސަރުކާރުން މަރްޙަބާ ކިޔާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

މި ސަރުކާރަށް ހަތަރު އަހަރު ފުރިގެންދާއިރު، އަޅުގަނޑު ދަންނަވާނީ ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެންނަށް ކޮންމެވެސް މަސައްކަތްތަކެއް ކުރެވިއްޖެއޭ. އެހެންނަމަވެސް، ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ. އަޅުގަނޑުމެންނަށް ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރުގައި، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް 12 ފެބުރުވަރީ 2019 ގައި އަޅުގަނޑުމެން ވާނީ ވެބް ޕޯޓަލްއެއް ޤާއިމުކޮށްފައި. މި ޕޯޓަލްގެ ބޭނުމަކީ، ދައުލަތުގެ މުއައްސަސާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ބޭނުންވާ މީހުންނަށް، އެއީ ކާކުކަން ނޭނގޭގޮތަށް، އެފަދަ މައްސަލަތައް ރިޕޯޓް ކުރުމުގެ ފުރުޞަތު އެންމެންނަށް ދިނުން.

މި ޕޯޓަލް ޤާއިމުކުރި ފަހުން، ޕޯޓަލް މެދުވެރިކޮށް، މިހާތަނަށް، 311 މައްސަލައެއް އޭ.ސީ.ސީ. އަށް ހުށަހަޅާފައި އެބައޮތް. އޭގެ ތެރޭގައި، ރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލަތައް، ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތައް، ބިން ކުއްޔަށް ދިނުމާ ގުޅޭ މައްސަލަތައް، ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް، މުސާރައާއި ޢިނާޔަތްތަކާ ގުޅޭ މައްސަލަތަކާއި، އެނޫން މައްސަލަތައްވެސް ހިމެނޭ. ދެންމެ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިސް ބޭފުޅަކު އެ ވިދާޅުވި ހުރިހާ ކަމެއް މީގެ ތެރޭގައި އެބަހުރި.

އޭގެ ތެރެއިން 146 މައްސަލައަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅުންއޮތް މައްސަލަތައް. ޙަޤީޤަތުގައިވެސް މިއިން ދޭހަކޮށްދެނީ ކޮންމެވެސް ކަމެއް، ކޮންމެވެސް ހިސާބެއްގައި ހިނގާކަން. އަޅުގަނޑު މި ދެންނެވީ އެންމެން މީގެ ތެރޭގައި، މި ފަސާދައިގެ ތެރޭގައި ހިމެނިފައި ތިބި ވާހަކައެއް ނޫން.

އޭގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތާއި، އެފަދަ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ބަޔާންކުރާ ޤާނޫނެއް، އާދެ، ވިސްލްބްލޯ ކުރާ މީހުން ރައްކާތެރިކުރުމާ ގުޅޭ ޤާނޫނު، 2019 އޮކްޓޫބަރު 17 ގައި އަޅުގަނޑު ވާނީ ތަޞްދީޤުކޮށްފައި.

ދެން އަޅުގަނޑުމެން ކުރި ކަމަކީ، ރިޝްވަތާއި، ނުޙައްޤުން މުއްސަނދިކަން ހޯދައި ލިބިގަތުމުގައި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމަކީ، ޖިނާއީ ކުށެއްކަމަށް ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅުން. އުނދަގޫ ކަމެއް އެވެސް ކުރަން. އެކަމާ އިދިކޮޅު ހެދި މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބި. އެހެންނަމަވެސް އިރާދަކުރެއްވީތީ، މިހާރު އެ ސްޓޭޖް އެއޮތީ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިފައި. އެ އިޞްލާޙުތައް ހިމަނައިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުވެސް މިހާރު އެއޮތީ އިޞްލާޙުކޮށްފައި.

މި މަސައްކަތުގެ އެންމެ މުހިންމު އަނެއް ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުން. ކޮރަޕްޝަންގެ މައްސަލަތައް ބަލައި، އެފަދަ މައްސަލަތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަޅުގަނޑު މި ދެންނެވި އެއްވެސް ކަމަކަށް އަދި ކުރާ ތަޙުޤީޤަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާޙައުލެއް އަޅުގަނޑުމެން ވާނީ ތިޔަބޭފުޅުންނަށް ފޯރުކޮށްދީފައި.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މި ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުން ބަލައިގަންނަމުން އަންނަކަން އަޅުގަނޑަށް ފާހަގަކުރެވޭ. ސަރުކާރުގެ ހާމަކަން ބޮޑުކޮށް، ރައްޔިތުން ބާރުވެރި ކުރުވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވައިލެވިފައިވާ، އޯޕަން ގަވަރންމަންޓް ޕާޓްނަރޝިޕް (އޯ.ޖީ.ޕީ) ގައި ބައިވެރިވުމަށް ރާއްޖެ މިހާރު އޮތީ ޝަރުޠު ހަމަވެފައި.

އާދެ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަކީ، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަންޖެހޭ ކުންފުނިތަކެއް. އެ ކުންފުނިތައްވެސް ޒިންމާދާރުކަމާއެކު، ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް. އެހެންކަމުން، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި، ސަރުކާރު ކުންފުނިތަކުގެ ހިންގުން އިޞްލާޙުކުރުމަށް ސިޔާސަތުތަކެއް ކަނޑައެޅިފައި ވާނެ.

ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕްރޮސެސް ހަރުދަނާކޮށް، އެއްގޮތްކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން، ޕްރޮކިއުމަންޓް ގައިޑްލައިނެއް ތަޢާރަފްކޮށްފައި މިހާރު އެބައޮތް. ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީގެ ގައިޑްލައިނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަޅުގަނޑު ދެކޭގޮތުގައި އެ ގައިޑްލައިނަށް ޢަމަލުކުރަން ފެށުމުން، ޕްރޮކިއުމަންޓްގެ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް، ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓް އުސޫލުތައް ބަދަލުވެގެންދާނެ.

މީގެ އިތުރުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑާއި، މިނިސްޓްރީ އޮފް ފިނޭންސާ ގުޅިގެން، ކޯޕަރޭޓް ގަވަރނަންސް ކޯޑެއްވެސް މިހާރު އޮތީ އެކުލަވައިލާފައި. މިއީވެސް ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް.

ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް، ކަމާގުޅޭ މުއައްސަސާތަކުން ކުރަމުން އަންނަކަން އަޅުގަނޑު ފާހަގަކުރަން. އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވައިލެއްވި، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕޮލިސީއަކީ އެގޮތުން ކުރެއްވި މުހިންމު މަސައްކަތެއް.

ކޮރަޕްޝަނާ ދެކޮޅަށް ސިޔާސަތުތައް ކަނޑައަޅަމުން އަންނައިރު، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް އެބަ ގެނެވޭ. މާލިއްޔަތު ޤަވާޢިދުގައިވެސް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ބައިތައް، އޭ.ސީ.ސީ.އާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާ އެއްގޮތަށް، މިހާރުވަނީ ބަދަލުކުރެވިފައި. މިއީވެސް، ދައުލަތުގެ މާލީ ކަންކަން، ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން.

އަނެއްކަމަކީ، ދައުލަތުގެ ޕްރޮކިއުމަންޓްތަކަށް ހުށަހަޅާ ބީލަންތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގައި، އެ ޝަކުވާތައް ބެލުން ހަރުދަނާ ކުރުން. އެކަމަށް ހެޔޮ ބަދަލެއް ގެނެސް، ބީލަންތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ވަކި މުއްދަތެއް ދިނުމަށްފަހު، އެ ޝަކުވާތައް ބެލުމަށްފަހުގައި މެނުވީ، ޕްރޮކިއުމަންޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ނުކުރެވޭނެ ގޮތަށް މިހާރުވަނީ ޤަވާޢިދު އިޞްލާޙުކޮށްފައި.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްވެސް މި އަންނަނީ ފިޔަވަޅުތަކެއް އަޅަމުން. އެގޮތުން، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް، 23 ފެބުރުވަރީ 2020 ގައި ވާނީ އުފައްދާފައި. މި ބޯޑުގެ ޒިންމާއަކީ، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ޕްރޮކިއުމަންޓާ ގުޅޭ ޕޮލިސީތަކާއި އުޞޫލުތައް ހަދައި، ޕްރޮކިއުމަންޓްގެ ކަންތައް މޮނިޓަރކޮށް ބެލެހެއްޓުން.

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތައް އެބަހުރި. ގޮންޖެހުންތައްވެސް މަދެއް ނޫން. އެހެންނަމަވެސް، މިކަމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ކުރިއެރުންތަކެއް ލިބޭކަންވެސް އަޅުގަނޑު ފާހަގަކުރަން.

އޭގެ ތެރެއިން އެއްކަމަކީ، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ޙިމާޔަތް ލިބޭނެކަމުގެ ޔަޤީންކަން އޮންނާތީ، އެފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވުން. މިއިން ދޭހަވަނީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް މިކުރާ މަސައްކަތުގައި، ޢާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުވަމުން އަންނަކަން.

މި މަހާސިންތާގައި ތިޔަ ބޭފުޅުންގެ މަޝްވަރާތައް، ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާއި، ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ކުންފުނިތައް ހިންގުމަށް ހުރި ގޮންޖެހުންތައް، އެ މަޝްވަރާތަކުގެ އަލީގައި ދެނެގަނެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

މި މަހާސިންތާގައި ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތަށް ކުރިއެރުމާއި ކާމިޔާބީއަށް އަޅުގަނޑު އެދެން. ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ޢަމަލުތައް ހުއްޓުވުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ނަޒާޙަތްތެރި ސާފު ދިރިއުޅުމެއް އަޅުގަނޑުމެންނަށް މިންވަރުކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.