بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުން ކަމަށްވާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް މުޙައްމަދު މާހިރު ޢީސާއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، މި ދުވަހާ ބެހޭގޮތުން ވަރަށް ޢިބްރަތްތެރި، ވަރަށް ބޭނުންތެރި ވާހަކަތަކެއް ވަރަށް ފުރިހަމައަށް ދައްކަވައިފި. އެކަމަށްޓަކައި އަޅުގަނޑުގެ ވާހަކަ ފެށުމުގެ ކުރިން، އެ ދެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފަނޑިޔާރުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެން މިރޭ ފާހަގަކުރަމުން މި އަންނަނީ، ދިވެހިން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގަތް މަތިވެރި ޒިކުރާ. ދިވެހި ދައުލަތުގެ ފަރާތުން، އަޅުގަނޑު ތަކުރާރުކޮށްލާނަން، ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް އިސްލާމްދީން ބަލައިގަނެ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައަޅައި ނިންމި ނިންމުމަށް މާދަމާ 896 އަހަރު ފުރޭނެ. ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ޢީސާ އެ އުފަންކުރުވި ސުވާލަށް އަޅުގަނޑު ހިތުން މިއިން ކޮންމެވެސް ޖަވާބެއް ލިބޭނެ. ދައުލަތުން އިސްލާމްދީން ބަލައިގަތް ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ.

އެއީ ހިޖްރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަސް. މި ފަޚުރުވެރި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މި މަތިވެރި ނިޢުމަތް ދިވެހިންނަށް މިންވަރު ކުރެއްވުމުގައި، މާތް ﷲ މެދުވެރިކުރެއްވި ހުރިހާ ބޭފުޅުންނަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ޢީސާ އެ ވިދާޅުވި ފަދައިން، މި ރާއްޖޭގައި ފުރަތަމަ އިސްލާމްވީ ކޮން ރަށެއްގެ، ކޮންބައެއްތޯ. ކޮން އަތޮޅެއްގެ ބައެއްތޯ. ކޮން ސިޓީއެއްގެ ބައެއްތޯ، ކާކުގެ ފަރާތުންތޯ އަޅުގަނޑުމެންނަށް މި ހިދާޔަތް، ނޫނީވިއްޔާ އަޅުގަނޑުމެން އިސްލާމްދީނަށް ބަދަލުވުމަށް ވިސްނުން މިއައީ؟ މި ސުވާލު އޮންނާނެ އަބަދުވެސް. އެ ސުވާލުތަކުގެ ތެރެއަށް އަޅުގަނޑު އަދި އެއް ސުވާލު ދޫކޮށްލާނަން، ދިރާސާ ކުރައްވާ ބޭފުޅުންނަށް.

މި ރާއްޖެއަކީ ވަކިވަކި ޖަޒީރާތަކެއްގެ ގޮތުގައި އޮތް ޤައުމެއް. ރާއްޖެއަށް މީހުން ވަރަށް ކުރިއްސުރެ ފަށައިގެން އަންނަން ފަށައިފި. ޔަމަނުން އާދޭ. ސޯމާލިޔާއިން އާދޭ. ޓެންޒޭނިއާއިން އައިސްފައި އެބަހުރި. މިހާރުގެ ޕާކިސްތާނުން އައި. އިންޑިއާއިން، ސްރީލަންކާއިން. އިރުމައްޗަށް ޖެހޭއިރު އަސޭކަރައިން. މިހާރުގެ އަޗޭއިން. މެލޭޝިޔާއިން މީހުން އައިސްފައި އެބަހުރި. ހުރިހާ ދީނެއްގެ މީހުން، އަޅުގަނޑު ހިތުން ރާއްޖެއަށް އައިސް، މިތަނުގައި ވަޒަންވެރިވެފައި ވާނީ. ސުވާލަކީ މި ރާއްޖޭގައި އޭރުއްސުރެ ފަށައިގެން އޮތީ އެއް ދީނެއްތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފެށުނީއްސުރެ، މި ރާއްޖޭގައި އިސްލާމުން އުޅުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު މި ދިރާސާ ދޫކޮށްލާނީ، ތާރީޚީ ޢިލްމުވެރިންނަށް. ދިރާސާ ކުރައްވާ ބޭފުޅުންނަށް. ފުރަތަމަ އިސްލާމްވީ، ކޮން ރަށެއްގެ ކޮންބައެއްތޯ ބަލާއިރުގައި، އަޅުގަނޑު މި ދެންނެވިހެން އެކި ޤައުމުތަކުން އެކި މީހުން އައިސް އުޅުނުއިރުގައި، ރާއްޖޭގައި ފެށުނީއްސުރެ، މީހުން އުޅެން ފެށީއްސުރެ، އިސްލާމްދީން ދުނިޔެއަށް އުފަންވީއްސުރެ ރާއްޖޭގައި މީހުން އުޅުމަކީ އެކަށީގެންވާ ކަމެއް.

ކޮންމެއަކަސް، މި ޖަޒީރާތަކުގެ އަހުލުވެރިން އިސްލާމްދީން ގަބޫލުކުރުމާއެކު، ދިވެހިރާއްޖެއަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އައި. މިއަދު މި ދެކޭ ދިވެހިރާއްޖެއާއި، މި ރާއްޖޭގެ އަހުލުވެރިންނަށް ވަންތަކަމެއް ނުވަތަ ވަކި އައިޑެންޓިޓީއެއް ލިބި، ތާރީޚުގެ ފަތްފުށްތަކުގައި ބަޔާންކުރެވެން ފެށީ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރުމަށްފަހުގައި.

ފެންނަން ހުރި އާސާރީ ހެކިތަކަށް ބަލާއިރު، ސަލާމްލެއްވި ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 500 އަހަރު ކުރިންވެސް، މި ޖަޒީރާތަކުގައި މީހުން ވަޒަންވެރިވެ އުޅުނު. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޝިރުކުގެ ތަފާތު ދީންތަކާއި މަޒްހަބުތައް ވެސް އޮތް. އެހެން ނަމަވެސް، އެއީ މާ ސާފުކޮށް ފެންނަން އޮތް ތާރީޚެއް ނޫން.

ދިވެހިރާއްޖޭގައި ލިޔެފައިވާ ތާރީޚުގެ އަލިފުބާ ފެށެނީ، ރާއްޖެ އިސްލާމްވުމާ ހަމައިން. އެއީ މީލާދީން 1195 ވަނަ އަހަރާއި 1196 ވަނަ އަހަރާ ދެމެދު ލިޔެފައި އޮތް އިސްދޫ ލޯމާފާނާއި ގަމު ލޯމާފާނު. އަދި 1196 ވަނަ އަހަރާއި 1197 ވަނަ އަހަރާ ދެމެދު ލިޔެފައިވާ ދަނބިދޫ ލޯމާފާނާއި، މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ހައްދުންމަތީ ލޯމާފާނު.

އެއީ، ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚުގެ ފެށުން. އޭގެ ފަހުން މިއަދާ ހަމައަށްވެސް އަޅުގަނޑުމެން ސާބިތުވެ މިތިބީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި. އާދެ، މާތް ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާގައި. އެ މުހިންމު ބަދަލާއެކު، ދިވެހިންގެ މެދުގައި ޞުލްޙަވެރިކަމާއި އަމާންކަން ފެތުރުނު. އެއްބައިވަންތަކަމާއި އެކުވެރިކަމުން، އެންމެހައި ދިވެހިން ލާމެހި، އެއްބަޔަކަށް ވެގެންދިޔަ.

ސިޔާސީ ގޮތުންނާއި އިސްތިޢުމާރީ ގޮތުން، މި ސަރަޙައްދުގައި އުފެދުނު ކޮންމެ ކޮޅިގަނޑެއްގެ އަސަރު މި ރާއްޖެއަށް ވެސް ފޯރި. އެކަމުގެ ދަތިތައް، އެކި ދުވަސްވަރު އެކި މިންވަރަށް ދިވެހިންވެސް ތަޙައްމަލުކުރަން ޖެހުނު. ނަމަވެސް، އެއިން ކޮންމެ ކޮޅިގަނޑަކުން ދިވެހިން ސަލާމަތްކޮށްދިނީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަން.

ދިވެހިންގެ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދިން އެންމެ ވަރުގަދަ އައްޑަނައަކީ، ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަން. ދީނީގޮތުން ތަފާތު މަޒްހަބުތަކާއި ތަފާތު ގަބޫލުކުރުންތައް ނެތުމަކީ، ދިވެހިންނަށް މާތް ﷲ ދެއްވި އެންމެ އަގުބޮޑު ނިޢުމަތް. މިއަދުވެސް އަޅުގަނޑުމެން މިތިބީ އެ ޢަޤީދާގައި. އެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގައި.

މިއަދުވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށް. އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުން. މިއަދު ވެސް، އިއްޔެ ވެސް އަދި މާދަމާ ވެސް އަޅުގަނޑު އެންމެ އިސްކަން ދޭނީ މި ދެ ކަންތަކަށް.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާއިރު، އެ މަތިވެރި ދީން އަޅުގަނޑުމެންނަށް ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ. އިސްލާމްދީނަކީ ވަރަށް ފުރިހަމަ އަދި ވަރަށް ޝާމިލް ނިޒާމެއް. އެ ދީން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅަނީ ދެ މޫނުގެ ވެރި ބަޔަކަށް ނުވުމަށް.

އިސްލާމްދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީން. އެ ސިފަތައް މުޖުތަމަޢުގައި ދެމެހެއްޓުމަށްޓަކައި، މުސްލިމުންގެ ކިބައިގައި ހަރުލައްވަންޖެހޭ އެންމެ މުހިންމު ސިފަޔަކީ ތެދުބުނުން. ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުން. ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ނުފެތުރުން. ޙަޤީޤަތް އެނގި ތިބެ، މަޞްލަޙަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުން.

އަޅުގަނޑުމެން މިހާރު އުޅެމުން މިދަނީ ވަރަށް ބޮޑަށް ހުޅުވިފައިވާ ދުނިޔެއެއްގައި. މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ އަޑުތައް ގުގުމާލާފައިވާ މުޖުތަމަޢެއްގައި. އެހެން ނަމަވެސް، ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދިފައި ހުރި ސަރަޙައްދީ އިމުގެ އެތައް މައްސަލައެއް ޙައްލުނުކުރެވި އެބަހުރި. ބޮޑެތި ބާރުތަކުގެ މެދުގައި ވެސް އެފަދަ ކޯޅުންތައް އެބަ ހިނގާ.

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ނުހޯދި އޮންނަތާ ވެސް ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރުވެސް، އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަޝްވަރާތަކެއް ކުރި. ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިމުގެ ސަރަޙައްދު، ފުށުއަރާ ސަރަޙައްދާ ދޭތެރޭގައި ގޮތެއް ހޯދުމަށްޓަކައި އިނގިރޭސިވިލާތާ އެކީގައި، 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައި އެބައޮތް. އޭރު އިނގިރޭސި ސަރުކާރާ އެކުގައި އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު، ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް.

އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށްފައިވޭ. މި ދައްކަނީ ހަމަ ޗާގޯސްގެ ވާހަކަ. އަދި އޭރު އެއްބަސްވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، މޮރިޝަސްއާއި ދިވެހިރާއްޖެއާ ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ޙައްލުކުރުމަށް.

މި މައްސަލައިގައި އަޅުގަނޑުމެން މިހާރުވެސް ދަމަހައްޓަމުން މި އަންނަނީ، މިކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތު.

ކުރިންވެސް ދެންނެވި ފަދައިން، ހަމަ މި މައްސަލައިގައި، މި ޗާގޯސް މައްސަލައިގައި، އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައި މިހިރީ. އެއްބަޔަކު އިނގިރޭސިވިލާތާ އެކީގައި. އަނެއްބަޔަކު މޮރިޝަސްއާ އެކީ. ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ޙައްލުކުރުމަށް. އަޅުގަނޑުމެން މި މައްސަލައިގައި މަސައްކަތް ކުރަމުން މި އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި. ވަކި ސަރުކާރަކާ އެކީގައެއް ނޫން މި ވާހަކަ ދައްކަނީ. މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، އަޅުގަނޑުމެން މި އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ކުރަމުން.

ނަމަވެސް މިކަމުގައިވެސް، ވަކި މީހެއްގެ އަމިއްލަ ބޭނުމަކަށް، ނޫނީވިއްޔާ ވަކި ބައެއްގެ އަމިއްލަ ބޭނުމަކު ނުވަތަ ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ، ވަރަށް ދެރަ މައްސަލައެއް. އެފަދަ ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ، އެއަށްވުރެ މާބޮޑަށް ހިތާމަހުރި ކަމެއް.

މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް، މި ސަރުކާރަކުން މިހާތަނަށްވެސް ނިންމާފައެއް ނޯންނާނެ. އަދި ދެންވެސް، އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނަން.

ދިވެހިރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބައޮތް. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ޤައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާނަމަ ޢަމަލުކުރާނެ ގޮތް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތް.

މާތް ﷲގެ އިރާދަފުޅާއި، ދިވެހި ރައްޔިތުންގެ ހެޔޮދުޢާއިން މިކަމުގައިވެސް އަޅުގަނޑުމެންނަށް ކާމިޔާބާއި ނަޞްރު ލިބިގެންދާނެ. ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަން ދިފާޢުކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރައްވާށި. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވައި، ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. އާމީން

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.