بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާން، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޢާއިޝަތު މުޙައްމަދު ޞާލިޙް، ދައުލަތުގެ ވަޒީރުން، މަޖީދިއްޔާ ސްކޫލްގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

"މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ" މަޖީދިއްޔަ ނޫރުން މުޅި އުންމަތް ރޯޝަން ކޮށްފި. މީގެ 95 އަހަރު ކުރިން ދިއްލި މި އަލިގަދަ ދަންމަރުގެ ނޫރު މުޅި ރާއްޖެއަށް އަލިކޮށްފި. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ހަމައެކަނި މަޖީދިއްޔާގެ އަހަރީ ދުވަހެއް ނޫން. މި ފާހަގަކުރަނީ، މަޖީދިއްޔަ ނޫރުން އެ ކުރި އަލިކަމުގެ ތެރޭގައި، ދިވެހިން ހޯދި ތަރައްޤީއާއި ދިވެހި އުންމަތަށް ލިބުނު ކާމިޔާބީގެ ހަނދާންތައް.

މަޖީދިއްޔާ ސްކޫލްގެ ޙަރަކާތެއްގައި ބައިވެރިވެވޭ ކޮންމެ ފަހަރަކު، ވަރަށް އުފާވެރި އިޙްސާސްތަކެއް އަޅުގަނޑަށް ކުރެވޭ. އަޅުގަނޑަށް ހަމަ ޔަޤީން، މިތާ ތިއްބެވި ގިނަ ބޭފުޅުންނަށްވެސް އެ އުފާވެރިކަން އިޙްސާސް ކުރެއްވޭނެ. ޙަޔާތުގެ އެ ދުވަސްތަކަށް އެނބުރި ބަލައިލާއިރު، ހަނދާން ނައްތައިލަން ދަތި އެތައް ކަމެއް މިރޭ ޚިޔާލަށް އަންނާނެ. އަޅުގަނޑަށް މިރޭ ފެންނަ އެއްކަމަކީ އެންމެ އެކޮޅުން އެ ހުރި ފޮޓޯ. އެ ފޮޓޯ ނެގީ އަޅުގަނޑު ހަނދާންވާ ގޮތުން އަޅުގަނޑުމެން ސްކޫލުން ނިމުނު ދުވަހު. އޭގެ އަސްލު ފޮޓޯއާއި އެ ތާރީޚު ޖަހާފައި އޮތް ފޮޓޯ އަޅުގަނޑުގެ އަތުގައި އެބައޮތް. އިރާދަކުރެއްވިއްޔާ، އެ ފޮޓޯ އަޅުގަނޑު ސްކޫލާ ޙަވާލުކުރާނަން.

ކޮންމެ މީހެއްގެވެސް މަދަރުސީ ދައުރަކީ، އެމީހެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި މަރުޙަލާ. ތިމާގެ މުސްތަޤްބަލުގެ މިސްރާބު ކަނޑައެޅިގެން ދަނީ، މަދަރުސީ ދައުރުގައި. ގިނަ ރަޙްމަތްތެރިންނާއި އެކުވެރިން ލިބިގެން ދަނީ މަދަރުސީ ދައުރުގައި. އަޅުގަނޑުގެ ޙަޔާތުގައިވެސް މި ދެންނެވި ކަންތައްތައް ހާސިލުވީ، މި މަދަރުސާއިން ތަޢުލީމު ހާސިލުކުރަމުން
ދިޔަ ދުވަސްވަރު.

އޭރުގެ އެ ދުވަސްތައް މިހާރުވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. ސްކޫލްގެ އިސް ވެރިންނާއި ޓީޗަރުންނަކީ، މިއަދުވެސް އަޅުގަނޑު ވަރަށް ބޮޑަށް އިޙްތިރާމުކުރާ ބައެއް. އަޅުގަނޑުގެ ކުރިމަތިން މިހާރުވެސް އެބަތިއްބެވި އޭގެ ބައެއް ބޭފުޅުން. ހެޑްމާސްޓަރު އިބްރާހީމް އިސްމާޢީލް، ކްލާސްޓީޗަރ ޑޮކްޓަރ ޙަސަން ޙަމީދު، އެހެންގޮސް ޢުމަރުބެ، އަދިވެސް ވަރަށް ގިނަ ބޭފުޅުން މިތަނުން އެބަ ފާހަގަކުރަން. ސުނިލް، އެހެންގޮސް މިތިބީ ޒަކަރިއްޔާ މަންޞޫރު. އެހެންގޮސް އަޅުގަނޑުމެންނާ އެކީގައި، ދެން އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، ޙަމްދޫންމެން އުޅުއްވި. ޗަބީ އެހެންގޮސް ދެންނެވިދާނެ މިހެން ކިތަންމެ ނަމެއްވެސް. އޭރުގެ ނަންތައް ޝައުޤީ. މިއަދުވެސް އަޅުގަނޑުގެ އެކުވެރިންގެ ގޮތުގައި، އޭރު ކުލާހުގައި އެކުގައި އުޅުނު ވަރަށް ގިނަ ދަރިވަރުން އެބަތިބި، އެންމެ ގާތް ރަޙްމަތްތެރިންގެ ގޮތުގައި.

މީހުންނަށް އިޙްތިރާމް ކުރުމާއި، އެހެން މީހުންނާ އެކުގައި އުޅެން ދަސްކުރުމާއި، ދިރިއުޅުމުގައި ބޭނުންވާ މިފަދަ ހުރިހާ ކަމެއް އަޅުގަނޑަށް ލިބުނީ، މި ހިޔާވަހިކަމުގެ ދަށުން ކަމުގައި އަޅުގަނޑަށް ދަންނަވަން ކެރިދާނެ. ސްކޫލް ޕްރިފެކްޓެއްގެ ގޮތުގައި ކުރަންޖެހުނު ކަންތައްތަކާއި، ސިކަންދަރީ ހައުސްގެ ކެޕްޓަންކަމާއި، ސްކޫލްގެ ގޭމްސް ކެޕްޓަންކަމުގެ މަގާމުގައި ހުރެ އަދާކުރަންޖެހުނު ދައުރަކީ، އަޅުގަނޑުގެ ދިރިއުޅުމުގެ ޢަމަލީ މައިދާނަށް މަގު ކޮށައިދިން ކަންތައްތައް.

އެހެންކަމުން، މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މި އުފާވެރި އަދި ތާރީޚީ މުނާސަބަތުގައި، އެންމެ ފުރަތަމަވެސް އަޅުގަނޑު ޝުކުރު ދަންނަވާނީ، މި މަދަރުސާގެ ބިންގާ އަޅުއްވައިދެއްވި، ދިވެހި ދަރިންނަށް ތަޢުލީމު ދެއްވަން ފެށްޓެވި، އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނަށް. އެއަށް ފަހު މިދިޔަ ދިގު ތާރީޚުގައި މި ސްކޫލް ހިންގެވި ނާޒިރުންނަށާއި، ޕްރިންސިޕަލުންނަށާއި، ހެޑްމާސްޓަރުންނަށާއި، ޓީޗަރުންނަށާއި، ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

އަދި މި އުފާވެރި މުނާސަބަތުގައި، މިހާރު މި ސްކޫލް ހިންގުމާ ޙަވާލުވެ ތިއްބެވި ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށާއި، ޓީޗަރުންގެ އިތުރުން، އެންމެހައި ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، އެންމެ އިހުއްސުރެވެސް ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރި ބައެއް. އޭރު އޮތް ގޮތަކީ، އެދުރުބެއިންނާއި އެދުރު ދައިތައިންގެ ގާތަށް ގޮސް، އެ ކިޔަވައިދޭ އެއްޗެއް، ފިލާ، ވޮށުފިލާގައި ލިޔެ ދަސްކުރުން. އޭރުގެ މަންހަޖަކީ، އެކުއްޖަކަށް ކިޔަވައިދޭ އެދުރުންނަށް އެނގި ހުރި ދީނީ ޢިލްމާއި ހިސާބު ޢިލްމު. އޭރު އެކަންވެސް އޮތީ އެކި ރަށްރަށުގައި އެކި މިންވަރަށް، އަދި އެކި ފެންވަރަށް.

އެ ޞަފުޙާ އެއްލުމުން ދެން ފެންނަނީ، މީގެ 354 އަހަރު ކުރިން، މީލާދީން 1668 ވަނަ އަހަރު، މާލޭ ހުކުރު މިސްކިތު ދެކުނު ފަރާތުގައި، އިސްކަންދަރު މަހާރަދުން ބިނާކުރެއްވި ދޮރޯށި. އެ ދޮރޯށީގެ ދާލައިގައި ފިޤްހު ޢިލްމާއި ހިސާބު ޢިލްމު ކިޔަވައިދެއްވަން ފެށްޓެވި. އާދެ، އެ މަސައްކަތާއެކު، ރާއްޖޭގެ ފުރަތަމަ މަދަރުސާ ރަސްމީ ގޮތުން ހުޅުވުނީ.

ނަމަވެސް ކިޔަވައިދިނުމުގެ ދާއިރާ ވަރަށް ހަނި. އަދި ކިޔަވައިދޭ ކުދިންގެ ޢަދަދު ވެސް ވަރަށް މަދު. އޭގެ 259 އަހަރު ފަހުން، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި، ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ އިސްނެންގެވުމާއެކު، 1927 ވަނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހު، މަދަރުސަތުއް ޞަލާޙިއްޔާ ވުޖޫދަށް އައުމަކީ މުޅި ދިވެހިންގެ ނަސީބު.

އާދެ، އެއީ މަޖީދިއްޔާ ސްކޫލްގެ ފެށުން. މުޅި ދިވެހި އުންމަތަށް ތަޢުލީމުގެ އަލިކަން ފެތުރިގެންދާން ފެށީ މި މަދަރުސާ އުފަންވި ހިސާބުން. އެ ދުވަހުން ފެށިގެން، ޢިލްމު އުނގެނުމަށްޓަކައި މަޖީދިއްޔާއަށް ވަންނަ ކުދިންގެ އަދަދު އައީ އަހަރުން އަހަރަށް އިތުރުވަމުން.

މިއަދާ ހަމައަށް ރާއްޖޭގެ ތަޢުލީމީ ޙަޔާތް އައިއިރު، ވަރަށް ތަފާތު މަރުޙަލާތައް ދިވެހިން ކަޑައްތު ކޮށްފި. ހުކުރު މިސްކިތު ދާލައިގައިވެސް، އަދި މި ސްކޫލްގައިވެސް، ދައުލަތުގެ ފަރާތުން ކުދިންނަށް ކިޔަވައިދޭން ފެށިއިރު، އެ ފުރުޞަތު އޮތީ ހަމައެކަނި ފިރިހެން ކުދިންނަށް. އަދި ބައެއް ރަށްރަށުގައި ސްކޫލްތައް ބިނާކޮށް ކިޔަވައިދޭން ފެށިއިރުވެސް، އަންހެން ކުދިންނަށް އެ ފުރުޞަތެއް ނެތް. އެހެންނަމަވެސް، މި ސްކޫލަށް 95 އަހަރު ފުރޭއިރު، ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ޕްރިންސިޕަލް ކަމުގައި ހުންނެވިކަމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް.

އާދެ، ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، ތާރީޚަށް ބަލާއިރު ކިޔަވައިދިނުމަކީ، ނުވަތަ ބޭރު ބަސްބަސް އުނގެނި ދަސްކުރުމަކީ، ކުށެއްގެ ގޮތުގައި ބެލެވުނު ދުވަސްވަރެއް ވެސް ދިޔަ. ވަކި ފަންތިއެއްގެ ބޭފުޅުން ނޫނީ އުނގެނުން އޮތީ މަނާ ކުރެވިފައި. ބޭރު ބަސްބަހުން ލިޔެ ޗާޕްކޮށްފައި ހުންނަ ނޫސް މަޖައްލާ ފަދަ ތަކެތި ގެންގުޅުމާއި ކިޔުން ވެސް އޮތީ، ވަކި ފަންތިއެއްގެ ބަޔަކަށް ނޫނީ މަނާކޮށްފައި. މި ދައްކަނީ މާ ކުރީގެ ވާހަކަތަކެއްވެސް ނޫން. މިއީ މީގެ ގާތްގަނޑަކަށް 80 ވަރަކަށް އަހަރު ކުރީގެ ރާއްޖޭގެ ތަޢުލީމީ ޙަޔާތް އޮތް ގޮތް.

ނަމަވެސް މިއަދު އަޅުގަނޑުމެން މިތިބީ މުޅިން ތަފާތު ވިސްނުމެއްގައި. ޢިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ޙައްޤެއް. ކޮންމެ ކުއްޖަކަށް ވެސް، ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމު ދިނުމަކީ، އެ ކުދިންގެ މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީ ވާޖިބުކޮށްފައި އޮތް ކަމެއް.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރިގެންދާއިރު، މި މުއައްސަސާއަކީ ހަމައެކަނި މަދަރުސާއެއް ނޫން. މިއީ ދިވެހިންގެ ފަޚުރާއި ޝަރަފުގެ ރަމްޒެއް. ތަރައްޤީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކައިދިން ހައިބަވެތި ބިނާއެއް. ދިވެހި ތަޢުލީމީ ތާރީޚުގެ ރަން ޞަފްޙާއެއް. ދިވެހިންގެ ޢުމްރާނީ ފަންނުވެރިކަމުގެ އަގުހުރި ތަރިކައެއް.

މި އަގުހުރި ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަދުތިބީންގެ ޤައުމީ ވާޖިބެއް. އެއީ، "މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ" މި ޢިލްމީ ދަންމަރުން ފަތުރައިދޭ އުޖާލާ ދޯދިތަކަށް އަޅުގަނޑުމެން އަމާނާތްތެރިވުން. އެ އަމާނާތް އަދާކުރުމަކީ މި މަދަރުސާގެ ހަމަތަކާއި އަގުތައް ދަމަހައްޓައި ނެގެހެއްޓުން.

ޒަމާން ފަހަނައަޅައި ގޮސް، މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބާއި، މި މަޖީދިއްޔާ އުފަންވިއިރު، ދިވެހިން ތިބި ހިސާބާ މެދު ފިކުރު ހިންގަވައިލައްވާ. އެ ފިކުރު ސިކުނޑީގައި ހިނގައިގަންނައިރު، މި މަޖިދިއްޔާ އަޅުގަނޑުމެން ދިވެހިންނަށް ކުރާ އިލްތިމާސްތަކެއްގެ އަޑު އެބައިވޭ. އެއީ މި މަދަރުސާ އުފަންވުމާއެކު، ދިވެހި މުޖުތަމަޢަށް އަންނަން ފެށި ހެޔޮ ބަދަލުތައް، އެ ގޮތުގައި ދެމެހެއްޓުމުގެ މަތިވެރި އިލްތިމާސް.

މި މަދަރުސާ ދިވެހި ޤައުމަށް ކުޅަ ޚިދުމަތްތައް، ދުލުން ބަޔާންކޮށް ކޮޅުންނުލާނެ. މިއަދު މި ޤައުމު ހާސިލުކޮށްފައިވާ ކޮންމެ ކުރިއެރުމަކާއި، ކޮންމެ ކާމިޔާބެއްގެ އެންމެ ބޮޑު ޙިއްޞާއަކީ، އަޅުގަނޑު ދެކޭގޮތުގައި މި މަޖީދިއްޔާ. މިހެން މިދެންނެވީ، މި ސްކޫލް ހުޅުވުމަށް ފަހު، ރާއްޖޭގެ ޤައުމީ ޙަޔާތުގައި އައި ކޮންމެ ދުވަހަކީ، މަޖީދިއްޔާއިން ދަރިވަރުވި ޒުވާނުންގެ ޚިދުމަތްތައް މި ރާއްޖެއަށް ލިބުނު ދުވަހަކަށް ވާތީ.

މިއީ، އެތަނަކަށްޓަކައި ދިވެހި އެތައް ދަރިންނެއް ފަޚުރުވެރިވާ ވަރަށް މަތިވެރި މުއައްސަސާއެއް. މުޅި ޤައުމު ފަޚުރުވެރިވާ ތަނެއް. މި ސްކޫލުން ތަޢުލީމް ހާސިލުކޮށްގެން، މި ޤައުމަށް ޚިދުމަތްކުރުމުގައި ގުނައި އަދަދު ނުކުރެވޭހާ ގިނަ މީހުން އެބަތިބި. އެތައް ފަންނެއްގެ އެތައް ހުނަރެއްގެ އެތައް ހާސް ބަޔަކު މި މަޖީދިއްޔާއިން އުފަންކުރުވައިފި، އުފައްދައިފި.

ކުރު ގޮތަކަށް ދަންނަވާނަމަ، ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާކުން މީހުން ބިނާކޮށްދީފި. މި މަދަރުސާ އިން ތަޢުލީމް ހާސިލުކުރި އެތައް ދަރިންނެއް، ޤައުމުގެ އެންމެ ކުރީ ސަފުގައި ޚިދުމަތް ކޮށްފި. އަދި މިހާރުވެސް ޚިދުމަތް ކުރަމުން އެބަގެންދޭ.

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ކޮންމެ ރައީސަކީ، މި މަދަރުސާއިން އުފެއްދި ދަރިއެއް. މިއަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސް މަޤާމުތަކުގައި މި މަދަރުސާގެ ދަރިވަރުން އެބަތިއްބެވި. އުއްތަމަ ފަނޑިޔާރު އެބަ އިންނެވި. ނަން ކިޔަންވެއްޖިއްޔާ އަޅުގަނޑު ހިތުން ވަރަށް ދިގުވާނެ އެ ލިސްޓު. ސަރުކާރުގެ ކޮންމެ އިދާރާއެއްގައިވެސް މި މަދަރުސާގެ ދަރިވަރުން ތިބޭނެކަން އަޅުގަނޑަށް ހަމަ ޔަޤީން.

މަޖީދިއްޔާގެ ފަޚުރުވެރި ޔުނީފޯމުގައި މިއަދު ތިބި ހުރިހާ ދަރިވަރުންވެސް ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިންމު ކަމަކީ، މަޖީދިއްޔާއަކީ މި ޤައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނުކަން. އެ ހުންގާނުގައި ހިފައިގެން މިއަދު ތިބީ ތިޔަ ދަރިވަރުން. ޒަމާނީ ތަޢުލީމުގެ ހަލުވި ދުވެލީގައި، އީޖާދީ އުފެއްދުންތަކުގެ އައްސޭރިއަށް މި ޤައުމު ގެންގޮސްދިނުމަކީ، ތިޔަ ދަރިވަރުންގެ ޒިންމާއެއް. އަދި ދިވެހި ކޮންމެ ދަރިވަރެއްގެވެސް ޒިންމާއެއް.

މިއަދު މި މަދަރުސާ ތިޔަ ދަރިވަރުންގެ ފަރާތުން އެދެނީ، މި މަދަރުސާގެ އެންމެ ފުރަތަމަ ޖީލުގެ ދަރިވަރުން ފަދަ ނަމޫނާ ދަރިވަރުންތަކަކަށް ވުމަށް. ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުންވެސް ނަމޫނާ ކުދިންތަކަކަށް ވުމަށް. ސްކޫލެއްގެ ހިޔާވަހިކަމުގައި އުޅޭއިރު، ހާސިލުކުރެވޭނެ އެންމެ ފަޚުރުވެރި މެޑެއްޔަކީ، އަޚުލާޤީ ރިވެތި ސިފަތައް ހަރުލެއްވުން.

ވިޔަފާރިވެރިއަކަށް ނުވަތަ ކުޅިވަރު ކުޅުންތެރިއަކަށް ނުވަތަ ސިޔާސީ މީހަކަށް، އަދި އެ ނޫން ދާއިރާއެއްގެ މީހަކަށް ވުމުގެ ޢަޒުމް ހިތުގައި އޮތަސް، އެންމެ ފުރަތަމަ ހޯދަންވީ ރިވެތި އަޚްލާޤު. އެއީ، ތިމާ ބޭނުން ކޮންމެ އަމާޒަކަށް ތިމާ ގެންގޮސްދޭނެ ބައިވެރިއެއް. އަދި ކޮންމެ ދާއިރާއަކުން ތިމާއަށް އެހީތެރިވެދޭނެ، އެކުވެރިއެއް.

މި މަދަރުސާގެ ވެރިންވެސް، އަދި ޓީޗަރުންނާއި ބެލެނިވެރިންވެސް ޢަޒުމަކަށް ހައްދަވަންވީ، ދިވެހި ޤައުމަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ އީޖާދީ ވިސްނުން ހުރި ދިވެހި ދަރިންތަކެއް ބިނާކުރުމަށް. ޤައުމުގައި ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމުގެ ވިސްނުމާއި އިސްނެގުން ހުރި ޒުވާނުންތަކެއް އުފެއްދުމަށް.

އަޅުގަނޑުމެން އެންމެންގެ ވެސް އުންމީދަކީ، މި ފަޚުރުވެރި ތަޢުލީމީ މުއައްސަސާއިން ދަރިވަރުވާ ޒުވާނުންގެ އަގުހުރި ޚިދުމަތްތައް ތާއަބަދު ދިވެހި ޤައުމަށް ލިބެމުން ދިއުން. ދިވެހިންގެ ހިތްތަކަށް ޢިލްމީ ނޫރުން އަލިކަން ދެއްވައި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ކުރިއަށް ދިއުމުގެ ހެޔޮ ނަސީބު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. އާމީން

         މަޖީދީ މަޖީދީ ފަޚުވެރި ހިޔާ
             މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ،
                  ފުރާށޭ ދަރިން ހިތް ޢުލޫމުން މިތާ،
                      ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި،
                          މި މަތިވެރި ޢިލްމީ ޢިމާރާތްތަކަށް،
                             އެދޭނީ ޙަޔާތާ އުޖާލާ ކަމަށް.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.