بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ ހިތްވަރު ގަދަ ފަޚުރުވެރި ޒުވާނުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހި ޒުވާނުންގެ ވިންދުން މި ޤައުމަށް ދިރުން ލިބުން މިހާރު އިތުރުވެއްޖެއޭ. ޤައުމަށް ޚިދުމަތް ކުރުމުގައި ދިވެހި ޒުވާނުންގެ ދައުރު އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުން. މިދިޔަ ހުކުރު ވިލޭރޭ ބޭއްވި ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި އިނާމު ޙާޞިލުކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ވަރަށް ޒުވާން ބޭފުޅުން ތިއްބެވި.

މިރޭ ޒުވާނުންގެ އިނާމު ޙާޞިލުކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް، ވަރަށް މުހިންމު ދާއިރާތަކުން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާ ޒުވާނުން އެބަތިއްބެވި. ދަރުމައަށް މަސައްކަތް ކުރައްވާ ޒުވާނުން އެބަތިއްބެވި. ގްރެފިކް ޑިޒައިނަރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޒުވާނުން އަދި ކުޅިވަރުގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރައްވާ ޒުވާނުން އެބަތިއްބެވި.

ތިޔައިން ކޮންމެ ބޭފުޅަކުވެސް ކުރައްވަމުން ތިޔަ ގެންދަވަނީ، ޤައުމަށް ވަރަށް ބޭނުންތެރި، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ތިޔަ ޒުވާނުން ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން.

ޒުވާނުންގެ ޤައުމީ އިނާމު ޙާޞިލުކުރެވެނީ، އެ ބޭފުޅެއްގެ ދާއިރާއިން ވަރަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވުމުން. އެހެންވީމާ، ތިޔައިން ކޮންމެ ޒުވާނަކީވެސް، ދިވެހި އެންމެހައި ޒުވާނުންނަށް، އަދި މުޅި ޤައުމަށް ހުރި ނަމޫނާއެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު އެދެނީ، ތިޔައިން ކޮންމެ ޒުވާނަކުވެސް، ތަފާތު ރޮނގުތަކުން ކުރިޔަށް ދިއުމަށް ދިވެހި ޒުވާނުންނަށް މަގުފަހިކޮށްދެއްވައި އެހީތެރިވެދެއްވުން.

ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ޒުވާނުންގެ ބައިވެރިވުމާއެކު ޤައުމު ތަރައްޤީކުރުން. ޤައުމު ކުރިއަރުވަން އެދޭ ނަމަ، އެންމެ ފުރަތަމަ ކުރިއަރުވަން ޖެހެނީ ތިމާގެ އަމިއްލަ ނަފްސު. އެއީ އަޅާ ހެދުމަކުން، ނުވަތަ ދިރިއުޅޭ ވައްޓަފާޅިއަކުން ޙާޞިލުވާ ކަމެއް ނޫން. އެކަން ޙާޞިލުވަނީ، ތިމާއަށް މާތް ﷲ ދެއްވި ވިސްނުމާއި ތިމާގެ ހަށިގަނޑު ތަރައްޤީކޮށްގެން. ތަޢުލީމާއި ހަށިގަނޑުގެ ތަރުބިއްޔަތު ޒުވާނުންނަށް މުހިންމު ވަނީ އެ ސަބަބަށްޓަކައި.

ބުއްދިއާއި ވިސްނުން ތަރައްޤީކޮށްދެނީ ތަޢުލީމުން. މީގެ ހަތަރު އަހަރު ކުރިން، ރައްޔިތުންނަށް ޚިދުމަތް ކުރުމާ އަޅުގަނޑުމެން ޙަވާލުވުމަށް ފަހު، އެންމެ ފުޅާ ދާއިރާއެއްގައި ސަރުކާރުން ހުޅުވައިލަދިނީ ތަޢުލީމުގެ ފުރުޞަތު. ބޭނުމަކީ، ޒުވާނުންގެ ބުއްދިއާއި ވިސްނުން ތަރައްޤީކޮށްދިނުން. ޒަމާނީ ޢިލްމުގެ އަލީގައި ޓެކްނޮލޮޖީގެ ރާސްތާގައި ޤައުމައިގެން ކުރިއަށް މިސްރާބު ހިފާނެ ޒުވާން ޖީލެއް ބިނާކުރުން.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން، މި ޖަލްސާގައި އެ ހުށަހެޅުއްވި ދިރާސާގައިވެސް، ޒުވާނުންނާ ބެހޭގޮތުން ޙައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައްތައް ފާހަގަކުރައްވައިފި. އަޅުގަނޑު ހިތުން އެބޭފުޅުން އެ ދިރާސާ އެ ހެއްދެވީ ވަރަށް މުނާސަބު ދުވަސްވަރެއްގައި. އަޅުގަނޑުމެންނަށްވެސް އެކަން ފާހަގަކުރެވި، އެ ކަންކަން ޙައްލުކުރުމުގެ މަސައްކަތް ސަރުކާރުން މިއަންނަނީ ކުރަމުން.

އެ ދިރާސާގައި ފާހަގަކުރި އެއްކަމަކީ، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް މަދުކަން. އަނެއް ކަމަކީ، މުޅި ދައުލަތުގެ ނިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން، ހަމައެކަނި އޮފީސް މޭޒު ދޮށުގައި ތިބެގެން އަދާކުރާ ކަހަލަ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވެފައި ތިބުން.

ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް މަދުވާ އެތައް ސަބަބެއް އެބަހުރި. އެއް ސަބަބަކީ، ރަށްރަށަށް ބޭނުންވާ ޙަޤީޤީ ތަރައްޤީ ގެނެވިފައި ނެތްކަން. އެންމެ ޒަރޫރީ ޚިދުމަތްތައްވެސް ރަށްރަށުގައި ގާއިމުވެފައި ނެތުން. އަނެއް ސަބަބަކީ، އެކަހެރިކޮށް ހުރި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ގާއިމުވެފައި ނެތުން.

ވަޒީފާތައް އުފެދިގެން އަންނަނީ ވިޔަފާރިތަކާއި ޞިނާޢަތްތަކުން. އެކަމަށްޓަކައި މުހިންމު އަސާސީ ތިން ޚިދުމަތެއް ކޮންމެހެން އެބަ ބޭނުންވޭ. އެއް ކަމަކީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް. އަނެއް ކަމަކީ، ދަތުރުފަތުރުގެ އިތުބާރު ހުރި ނިޒާމެއް. ތިން ވަނަ ކަމެއްގެ ގޮތުގައި ގުނަންޖެހެނީ، މުވާޞަލާތީ ނިޒާމެއް. މިޒަމާނަށް ބަލާއިރު އެއީ އިންޓަރނެޓްގެ ޚިދުމަތް.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް މިހާރު އެއޮތީ ފެށިފައި. މިހާރު ތަރައްޤީކުރަމުން އަންނަ އާރް.ޓީ.އެލް. ފެރީގެ ނިޒާމާއި ބަހުގެ ނިޒާމުންވެސް، ރަށްރަށުގައި އެތައް ސަތޭކަ ވަޒީފާއެއް އުފެދިގެންދާނެ. މިހާތަނަށް އާރް.ޓީ.އެލް. ފެރީގެ ނިޒާމުން ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްތައް މިއޮތީ ގުޅިފައި. އެ ތިން އަތޮޅުގެ ފެރީގެ ޚިދުމަތާއި، މާލެއާއި އަދި އައްޑުއާއި ފުވައްމުލަކާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތްތަކުންވެސް، 300 އަށް ވުރެ ގިނަ ވަޒީފާ މިހާތަނަށް އުފެދިއްޖެ.

އިހަވަންދިއްޕޮޅުން ފެށިގެން އައްޑުއާ ހަމައަށް އާރް.ޓީ.އެލް. ފެރީ އާއި ބަހުގެ ނިޒާމު ފުޅާވެގެން ދާއިރު، ގާތްގަނޑަކަށް، 1000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ. މި ނޫނަސް ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ނިމެމުންދާ ވަރަކަށް ވަޒީފާގެ ފުރުޞަތުތައް ރަށްރަށުގައި އުފެދިގެންދާނެ.

ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް މިހާރު ފަށައިފައިވާ އެއްކަމަކީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ދަށުން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް. މި ޕްރޮގުރާމްގެ ދަށުން، 321 ޒުވާނުން މިހާރު އަންނަނީ ތަފާތު 17 ކުންފުންޏެއްގައި މަސައްކަތްކުރަމުން. މިއީ އެލަވަންސެއް ލިބޭ ގޮތަށް ވަޒީފާގެ ޢަމަލީ ތަޖުރިބާ ހޯދޭ ޕްރޮގުރާމެއް.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަކީވެސް، ޒުވާނުން ބާރުވެރިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އަލަށް ވިޔަފާރި ފެށުމަށާއި، ވިޔަފާރި އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ޒުވާނުންނަށް އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް، މިހާރު އަންނަނީ ލޯނު ދޫކުރަމުން. އެ ޕުރޮގްރާމްގެ ތެރެއިން، މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ޒުވާން ވިޔަފާރިވެރިންނަށާއި، ޒުވާނުންގެ ވިޔަފާރިތަކަށް 414 ލޯނު އެޕްރޫވްކޮށް، 374 ވިޔަފާރިއަކަށް މިހާރު ވާނީ ލޯނު ދޫކޮށްފައި.

ޤައުމީ ޔުނިވަރސިޓީގެ ދިރާސާގައި ފާހަގަކުރި އަނެއް ކަމަކީ، ރަށްރަށުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް މަދުކަން. އެ ފުރުޞަތުވެސް ކުރިއާ އަޅައި ބަލާއިރު، އިތުރަށް ފުޅާވެއްޖެ. ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތަކުގެ ދައުރު އެ އަންނަނީ އަތޮޅުތަކުގައި ފުޅާވަމުން. އަދި އަމިއްލަ ކޮލެޖުތަކުން ހިންގާ ކޯސްތައްވެސް، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އިތުރުވެއްޖެ.

ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ ފުރުޞަތުތައްވެސް ރަށްރަށުގެ ޒުވާނުންނަށް މަދުކަން، އެ ދިރާސާގައި ފާހަގަކޮށްފި. އެއީ ވެސް ޙައްލުކުރަމުން އަންނަ ކަމެއް. ރަށްރަށުގައި ފުޓްބޯޅަ އާއި ފުޓްސަލް ކުޅޭނެ އެތައް ދަނޑެއް، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތަރައްޤީކޮށްފި. އަދި ވޮލީ ކޯޓުތަކާއި ނެޓްބޯޅަ ކޯޓުތައްވެސް ބައެއް ރަށްރަށުގައި ތަރައްޤީކޮށްފި.

ޒުވާނުންގެ މެދުގައި އޮތް ވަރަށް މުހިންމު އަދި އަވަސް ޙައްލެއް ބޭނުންވާ ދެ މައްސަލައެއް، ޤައުމީ ޔުނިވަރސިޓީގެ ދިރާސާގައި ފާހަގަކޮށްފައި އެބަ އޮތް. އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ. އަނެއް މައްސަލައަކީ، ގޭންގު ކުށްތަކާއި ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މައްސަލަ. މި ދެ މައްސަލައަކީވެސް އިޖުތިމާޢީ އެތައް ކަމަކާ ގުޅިފައިވާ، ވަށައިޖެހޭ ޙައްލަކަށް ބޭނުންވާ ދެ މައްސަލަ.

މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައި. ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު މިއަންނަނީ މަސައްކަތްތަކެއް ކުރަމުން. މި ދެ މައްސަލައަށް މަގުފަހިކުރާ އެއް ކަމަކީ، މަތީ ތަޢުލީމުގެ ފުރުޞަތުތައް މަދުވުން. އަނެއް ކަމަކީ ވަޒީފާގެ ފުރުޞަތުތައް މަދުވުން.

ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދިނުމަކީ އެކަމަށް އެޅި އެއް ފިޔަވަޅު. އަނެއް ކަމަކީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށްގެން ފަހިކޮށްދީފައިވާ ވަޒީފާގެ ފުރުޞަތުތައް. މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާވެސް އިރާދަކުރެއްވިއްޔާ މިހާރު އަންނަނީ ފެންނަމުން.

ޒުވާނުންނާ ގުޅިފައިވާ އަނެއް މުހިންމު މައްސަލައަކީ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ. ޒުވާނުންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުވާ، ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައި އެބަހުރި. ވަޒީފާއެއް ނެތުމުގެ ހިތްދަތިކަން، ޢާއިލީ މައްސަލަތަކުން މެދުވެރިވާ ނުތަނަވަސްކަން، އެކަށީގެންވާ އާމްދަނީއެއް ނުލިބުމުގެ ކަންބޮޑުވުން. މިފަދަ ކިތަންމެ މައްސަލައެއް އެބަހުރި. މިކަންކަމަށް ވެސް އެދެވޭ ޙައްލެއް ހޯދުމަށް މިހާރު މިއަންނަނީ މަސައްކަތްތަކެއް ކުރަމުން.

އަޅުގަނޑުމެން ޒުވާނުންގެ ދުވަސް މި ފާހަގަކުރަނީ، ކޮންމެ މީހެއްގެ ވެސް ޙަޔާތުގައި އަންނަ ވަކި އުމުރުފުރާއަކަށް ނިސްބަތްކޮށްގެން. ނަމަވެސް، އަޅުގަނޑު ދެކޭ ގޮތުގައި، ޒުވާންކަމަކީ ޙަޔާތުގައި އަންނަ ވަކި މަރުޙަލާއެއް އެކަންޏެއް ނޫން. އަޅުގަނޑު ޒުވާންކަން މާނަކުރަނީ، އެމީހެއްގެ ޙަޔާތުގައި ލިބޭ ވަރަށް އަގުހުރި ފުރުޞަތެއްގެ ގޮތުގައި.

އެއީ، ވަރުގަދަ ޢަޒުމެއްގެ މަތީގައި ސާބިތުވެ ހުރެ، ތިމާގެ އުންމީދުތައް ޙާޞިލުކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމަށް ލިބޭ ފުރުޞަތެއް. ޒުވާންކަމަކީ، އެމީހެއްގެ ޙަޔާތުގެ ކުރިމަގު ހުޅުދާންކުރުމަށް ލިބޭ އަލިގަދަ ދަންމަރެއް. ކާމިޔާބު ދިރިއުޅުމެއް އާރާސްތުކުރެވޭނީ އެ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ މީހުންނަށް.

އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ސަރުކާރުގެ ފަރާތުން ކޮށައިދޭ މަގުތައް އިޚްތިޔާރުކުރުމަށް ދިވެހި އެންމެހައި ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން. އެންމެ ފުރަތަމަ ކަމަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ފަހިކޮށްދީފައިވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކުގެ ބޭނުން ހިފުން. އަނެއް ކަމަކީ، މިހާރު ހުރި ވަޒީފާތަކުގެ ބޭނުން ކުރަން ފެށުން.

އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، ވަޒީފާއެއް ނެތި ހުރުމުން ލިބޭ ނުތަނަވަސްކަން ދޫކޮށްލަމާ ހިނގާށޭ. ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަމާ ހިނގާށޭ. އެއީ ތިޔަ ޒުވާނުންނަށް ވެސް، އަދި މުޅި މުޖުތަމަޢަށްވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށް ވާނެ.

އެކަމުން މުޖުތަމަޢަށް ކުރާނެ އެންމެ ބޮޑު ފައިދާއަކީ، މިހާރު ހުރި ވަރަށް ގިނަ އިޖުތިމާޢީ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބުން. އެއީ، މުޖުތަމަޢުން ޒުވާނުން އެކަހެރިވުން ހުއްޓުވައިދޭނެ ކަމެއް. އެއީ ކުށުގެ ވެށްޓާ ދުރުކޮށްދޭނެ ކަމެއް. އެންމެ މުހިންމު ކަމަކީ، އަނެކުންގެ މާލީ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވުން.

މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ފާހަގަކުރަންވީ، ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރަމުން އަންނަ ދައުރު. ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިބި ޒުވާނުން މަދެއް ނޫން. އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ މަތީ މަޤާމުތަކުގައިވެސް ވަރަށް ގިނަ ޒުވާނުން އެބަތިބި. ޢާއިލާތައް ބެލެހެއްޓުމުގެ ޒިންމާ ނަގައިގެން މުޖުތަމަޢުގައި ހަރުދަނާ ދައުރެއް އަދާކުރާ ގިނަ ޒުވާނުންތަކެއްވެސް އެބަތިބި.

އަޅުގަނޑު މި މަސައްކަތްކުރާ އޮފީހުގައިވެސް، އާދެ ރައީސް އޮފީހުގައިވެސް، ޒުވާނުން ވަރަށް ގިނަ. ދައުލަތުގެ ފެންވަރުގައި މުހިންމު ނިންމުންތައް ނިންމަންޖެހޭ ވަރަށް ޒިންމާދާރު މަގާމުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން އެ އޮފީހުގައި އެބަތިބި. އެ ޒުވާނުން ކުރަމުން އަންނަނީ، ވަރަށް ޒިންމާދާރު ވަރަށް ބުރަ ޤައުމީ ޚިދުމަތެއް. އެފަދަ ކިތަންމެ ޒުވާނުންނެއް ސަރުކާރުގެ އެހެން އިދާރާތަކުގައި ވެސް އެބަތިބި.

އުފެއްދުންތެރިކަމުގެ ދާއިރާއަށް ބެއްޔަސް، ބޮޑަށް ފާހަގަކުރެވެނީ ޒުވާނުންގެ ޙަރަކާތްތެރިކަން. ޓެކްނޮލޮޖީ އާއި އަ.އި.ޓީ. ދާއިރާވެސް އޮތީ ޒުވާނުންގެ އަތްމަތީގައި. އެ ދެ ދާއިރާގެ ޒުވާން ދިވެހިންތަކެއް ބޭރު ޤައުމުތަކުގައިވެސް މުހިންމު ޒިންމާތަކެއް އެބަ އަދާކުރޭ. މިއިން އެނގެނީ، ދިވެހި ޒުވާނުންނަކީ، ފުރުޞަތުތައް ފަހިވާ ވަރަކަށް، ކުރިއަރައި ދާން ބޭނުންވާ ބައެއްކަން.

އަޅުގަނޑުގެ އުންމީދަކީ، ދިވެހި ޒުވާނުންނަށް ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ޤައުމު ބިނާކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނެ ޒުވާނުންތަކެއް އުފެދިގެން ދިއުން. އަދި މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް އަތުކުރިއޮޅައިލާނެ ދިވެހި ޒުވާނުންތަކެއް އުފެދިގެން ދިއުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ވާޖިބުތަކުގައި ޒިންމާތައް އުފުލާނެ ބަޔަކު ކަމުގައި ދިވެހި ޒުވާނުން ހެދުމަށް މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ދިވެހި ޒުވާނުންނަކީ، ދިވެހި ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި އަދި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދޭ ބަޔަކު ކަމުގައި އެކަލާނގެ ލެއްވުން. ދިވެހި ޒުވާނުންގެ ބައިވެރިވުމާއެކު، ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން މި ޤައުމުގައި ފަތުރުއްވައި، މުޅި ރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.