بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އިންޑިޔާ ސަރުކާރުގެ އެހީގައި މާލޭގައި ޢިމާރާތްކުރެވޭ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބިންގާ އަޅައިދިނުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. "އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް"ގެ ޕްރޮޖެކްޓަކީ އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދުގައިވާ އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުން ދެމިހުންނަނިވި ގޮތެއްގައި ދައްކައިދޭނޭ ޢިމާރާތެއް ކަމުގައި އަޅުގަނޑު ޔަޤީންކުރަން.

އާދެ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައިވާ ގުޅުމަކީ ވަރަށް ތާރީޚީ ގުޅުމެއް. ތެދުތެދަށް ދަންނަވަންޏާ، އަޅުގަނޑުމެންގެ ތާރީޚު ފެށިފައިވަނީ އިންޑިޔާއާ ހަމައިންނޭ ދެންނެވުމަކީވެސް ދޮގަކަށްނުވާނެ. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެފުރަތަމަ އައި މީހުންނަކީ، އިންޑިޔާ ދަރިކޮޅުގެ ބައެއްކަމާއި އަދި އެމީހުން ވަޒަންވެރިވީ މީގެ ދެހާސް ފަސްސަތޭކަ އަހަރު ކުރިން ނުވަތަ ތިންހާސް އަހަރު ކުރިންކަމާ މިކަންކަމަކީ، ތާރީޚް ފޮތްފޮތުން އަޅުގަނޑުމެންނަށް ފިލަންހުރި ޙަޤީޤަތްތަކެއް. އެހެންކަމަށްވާއިރު، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުމަކީ ވަރަށް ކުރީގެ، އާދެ، އަޅުގަނޑުމެންގެ ތާރީޚުގެ ފެށުނު ހިސާބުން ފެށިގެން އުފެދިގެން މިހާތަނަށް ތަރައްޤީވަމުން އަންނަ ގުޅުމެއްކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ ކަމެއް.

އާދެ، މިއަދުގެ މި އިޙްތިފާލަށްޓަކައި ރާއްޖެއަށް ވަޑައިގެންނެވި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ޝްރީ އައި.ކޭ ގުޖްރާލަށް، ސަރުކާރުގެ ނަމުގައްޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރުޙަބާ ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އޭނާގެ މިދަތުރުފުޅުގެ މާނަ ވަރަށްވެސް ފުން. އާދެ، އޭނާ، އޭނާގެ މިހާރުގެ މަޤާމާ ޙަވާލުވެވަޑައިގަތީ ވަރަށްފަހުން. އެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އިންޑިޔާއިން ބޭރަށް އެންމެ ފުރަތަމަ ކުރައްވާ ރަސްމީ ދަތުރުފުޅު އެ ކުރައްވަނީ ދިވެހިރާއްޖެއަށް. އާދެ، އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް ފާހަގަކުރާ ކަމެއް. އޭނާ އިއްޔެ ވިދާޅުވިގޮތުގައި، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެޤައުމަކާ ދޭތެރޭގައި އޮންނަ ގުޅުން އިންޑިޔާއިން އެންމެބޮޑަށް ބަދަހިކުރުމަށް މަސައްކަތްކުރާ އަދި ޚާއްޞަ އަހަންމިއްޔަތެއްދޭ ޤައުމަކީ ދިވެހިރާއްޖެ. އޭނާ ވިދާޅުވިގޮތުގައި، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަނީ ވަރަށް އޮމާން، ވަރަށް އެކުވެރި، ވަރަށް ރަޙްމަތްތެރި ގުޅުމެއް. ކަންތައްތައް ދިމާވެފައިވާ ގޮތުން އިންޑިޔާއާއި މި ސަރަޙައްދުގެ ބައެއް އެހެން ޤައުމުތަކާ ދޭތެރޭގައި މިހާ އޮމާން ރީތި ހަރުދަނާ ގުޅުމެއް އުފެދިފައެއް ނެތް. އެކަން ފާހަގަކުރެއްވުމުގެ ގޮތުން، އަދި އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އަހަންމިއްޔަތުގެ ބޮޑުކަމުން އިންޑިޔާ ސަރުކާރުން ޤަޞްދުކުރެއްވީ އިންޑިޔާގެ އާ ޚާރިޖީ ވަޒީރު، އޭނާގެ މަޤާމުގެ ޙައިޘިއްޔަތުން އިންޑިޔާއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ރާއްޖެއަށް ކުރައްވާގޮތަށް ހަމަޖެއްސެވުމަށް. އާދެ އެކަން އެއީ އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރާ ކަމެއް. އަދި އަޅުގަނޑު ހިތުން ދިވެހި ރައްޔިތުންވެސް ހަމަ އެހާމެ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާނެ ކަމެއް. މި މަޝްރޫޢަކީ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވިފަދައިން، އިންޑިޔާއާއި ދިވހިރާއްޖެއާ ދެމެދުގައިވާ ރަޙްމަތްތެރިކަމާއި އަވަށްޓެރިކަމުގެ ހެޔޮ ގުޅުން ދައްކައިދޭ ވަރަށްބޮޑު މަޝްރޫޢެއް. އިންޑިޔާ ސަރުކާރުން ރާއްޖެއަށް މިހާތަނަށް ވެދީފައިވާ އެންމެބޮޑު އެހީ ތަމްސީލުކޮށްދެނީ މި މަޝްރޫޢު.

މި މަޝްރޫޢުގެ ފެށުން ގޮސްފައިވަނީ 1986 ވަނަ އަހަރުގެ ކުރީކޮޅަށް. އާދެ، އެ އަހަރުގެ ކުރީކޮޅު އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، އޭރުގެ އިންޑިޔާގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި މާލެއަށް ވަޑައިގެންނެވި. އެ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރާ އަޅުގަނޑާ ދޭތެރޭގައި ކުރެވުނު މަޝްވަރާތަކުގައި، މި މަޝްރޫޢުގެ ވާހަކަ ފުރަތަމަ ދެކެވުނީ. އޭރު އޭނާ އެއްސެވީ، ރާއްޖެއަށް މިހާރު އެންމެބޮޑަށް ބޭނުންވެފައިވާ ކަމަކީ ކޮބައިހޭ. އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކޮށްދޭން، ދިވެހި ސަރުކާރުން އެންމެބޮޑަށް އެދޭ ކަމަކީ ކޮބައިހޭ. އޭރު އަޅުގަނޑުމެންގެ ޞިއްޙީ ކަންތައްތައް ހުރިގޮތުން، ރާއްޖޭގައި އެކަށީގެންވާ ރަނގަޅު ހޮސްޕިޓަލެއް ނެތުމުން، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އޮތީ ސަރުކާރަށް ވަރަށްބޮޑަށް އިޙްސާސް ކުރެވޭ ގޮތެއްގައި.

އެހެންވީމާ، އެއްވެސް ޖެހިލުމެއްނެތި އަޅުގަނޑަށް ދަންނަވަންޖެހުނީ، ދިވެހި ސަރުކާރުން މިވަގުތު އިންޑިޔާ ސަރުކާރުން ކޮށްދެއްވުމަށް އެންމެބޮޑަށް އެދޭ ކަމަކީ، ރާއްޖޭގައި ރަނގަޅު ފެންވަރެއްގައި، ބައިނަލްއަޤްވާމީ ފެންވަރެއްގައި ހިނގާ ހޮސްޕިޓަލެއް ޢިމާރާތްކޮށްދެއްވުމޭ. އެކަމަށް އޭނާ ވަރަށް ބޮޑު ތަރުޙީބެއް ދެއްވި. އަދި ކަންދިމާވި ގޮތުން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، މިހާރުގެ ބޮޑުވަޒީރު މިސްޓަރ ވީ.ޕީ. ސިންހްވެސް ހިމެނިވަޑައިގަންނަވާ. މިވާހަކަތައް ދެކެވުނީ އެއްފަރާތުން އަޅުގަނޑާ ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލާ ދެމީހުން ތިބެގެން. އަނެއްފަރާތުން ތިއްބެވީ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މިސްޓަރ ރަޖީވް ގާނދީއާއި، އޭރުގެ ފިނޭންސް މިނިސްޓަރ މިސްޓަރ ވީ.ޕީ. ސިންހްއާ ދެ ބޭފުޅުން. އެހެންވީމާ، މި މަޝްރޫޢުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނު ހިސާބުން ފެށިގެން މިހާތަނާ ޖެހެންދެން އެ ދެބޭފުޅުންގެ އިޚްލާޞްތެރި މަސައްކަތްޕުޅު މި މަޝްރޫޢުގައި ވަނީ ހިމެނިފައި. އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އިންޑިޔާގެ ސަރުކާރު ބަދަލުވެފައިވި ކަމުގައިވިޔަސް، މިކަމުގައި އެންމެ ފުރަތަމައިއްސުރެ އުޅުއްވި އެއްބޭފުޅަކީ މިހާރުގެ އާ ބޮޑުވަޒީރު ކަމަށްވީކަމީ ޝައްކެއްނެތްގޮތުގައި، މި މަޝްރޫޢު ކުރިއަށް ދިޔުމަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާނެކަން ކަށަވަރު.

އާދެ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ކުރިންވެސް ދެންނެވިފަދައިން، ވަރަށް ތާރީޚީ ގުޅުމެއް. އަދި ދެ ޤައުމުގެ ދޭތެރޭގައި ޑިޕްލޮމެޓިކް ގުޅުން އުފެދުނުފަހުން، މިގުޅުން އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން. އަޅުގަނޑު ނުދެންނެވިޔސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ދާއިރާތަކުގައި މިހާރު ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި ވަރަށް މަތީ ފެންވަރަކަށް އެއްބާރުލުން އެބައޮވޭ. އޭގެތެރެއިން އެއް ދާއިރާއަކީ، ޞިއްޙީ ދާއިރާ. ޞިއްޙީ ދާއިރާގައި އިންޑިޔާގެ ފަރާތުން ފޮނުއްވާ އެކިއެކި އެހީގެ ޕްރޮގްރާމްގެ ދަށުން ފޮނުއްވާ ޑަކްޓަރުންނާއި، ސްޓާފް ނަރުހުންފަދަ ބޭފުޅުން ހިމެނޭ. ހަމައެފަދައިން، ރާއްޖެއިން ބޭސްވެރިކަން ދަސްކުރުމަށް، ޑަކްޓަރީކަން ދަސްކުރުމަށް އިންޑިޔާއަށްދާ ވަރަށް ގިނަ ކުދިންނަށް އިންޑިޔާ ސަރުކާރުގެ ފަރާތުން ސްކޮލަރޝިޕް ދެއްވާފައިވޭ.

މިގޮތުން، ތަޢުލީމީ ދާއިރާގައިވެސް ވަރަށްގިނަ އެހީތަކެއް އިންޑިޔާއިން އަޅުގަނޑުމެންނަށް ދަނީ ލިބެމުން. އިންޑިޔާގެ ޓީޗަރުން މިތާނގައި ތިބޭ. އަދި އެކިއެކި ކަންތައްތައް ދަސްކުރަން، ތަމްރީނު ހޯދަންދާ ވަރަށް ގިނަ ޢަދަދެއްގެ ރާއްޖޭގެ ކުދިން އިންޑިޔާގައި އެބަތިބި. 1985ން ފެށިގެން މިހާތަނާ ޖެހެންދެން، އިންޑިޔާއިން ތަމްރީނު ޙާޞިލުކުރި ކުދިންގެ ޢަދަދަކީ ނުވަތަ މީހުންގެ ޢަދަދަކީ 186އޭ ދަންނަވާލުމުން، ތިޔަބޭފުޅުންނަށް އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ލިބެމުންދާ އެހީގެ ބޮޑުކަން އިޙްސާސް ކުރެއްވޭނެ. އަދި މިހާރުވެސް އިންޑިޔާގައި ރާއްޖޭގެ 65 ކުދިން ނުވަތަ މީހުން އެކިއެކި ރޮނގުރޮނގުގައި ތަޢުލީމު ޙާޞިލް ކުރަމުން އެބަގެންދޭ. އާދެ، ކުރިން ދެންނެވި 186ގެ އިތުރަށް މިހާރު 65 ކުދިން އިންޑިޔާގައި ތަޢުލީމު ޙާޞިލް ކުރަމުން ގެންދަނީ. މިކަމުންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތަކުގެ މިންވަރު.

އާދެ، ތަޢުލީމާއި ޞިއްޙަތުގެ ދާއިރާގެ އިތުރަށް، ވަރަށްގިނަ ދާއިރާތަކުގައި އިންޑިޔާގެ އެހީ ލިބެމުންދޭ. އޭގެތެރޭގައި ހިމެނޭ އެއް ދާއިރާއެއް، ޘަޤާފީ ކަންތައްތައް ދިރުވުމުގެ ދާއިރާ. ތާރީޚީ ކަންތައްތައް ދިރުވުމުގެ ދާއިރާ. އަޅުގަނޑުމެންގެ ހުކުރު މިސްކިތަށް ބޭނުންވި، ޚާއްޞަކޮށް، އެތާނގެ ފަންނީ ކަންތައްތަކަށް ބޭނުންވި އިޞްލާޙްތަކެއް ގެނެވިފައިވަނީ، އިންޑިޔާ ސަރުކާރުގެ އެހީގައި، އެތާނގެ މާހިރުން މާލެ އައިސްގެން. އަދި ސިވިލްއޭވިއޭޝަންގެ ދާއިރާގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ފުރަތަމަ ހެދުމުގައިވެސް ބައިވެރިވެފައިވަނީ އިންޑިޔާގެ ކުންފުންޏެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި މިހާރަކަށްއައިސް އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، ރާއްޖޭގެ އަމަންއަމާންކަން ހިފެހެއްޓުމުގެ ދާއިރާގައިވެސް، އިންޑިޔާގެ ފަރާތުން ލިބެމުން އައިސްފައިވާ އަދި މިހާރު ލިބެމުންދާ އެހީއަކީ ވަރަށްބޮޑު އެހީއެއް.

އާދެ، އަޅުގަނޑުމެން ހަނދާނެއްނުނެތޭ، 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ކަންތައްތައް. އެދުވަހު ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ބޭރު ޤައުމަކުން އެންމެބޮޑު، އެންމެ ފުރިހަމަ އެހީއެއް ވެދެއްވީ އިންޑިޔާ ސަރުކާރުން. އެއިންވެސް ދައްކައިދޭ އެއްޗަކީ އިންޑިޔާއަކީ ރާއްޖެއަށް ހެޔޮއެދޭ، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ހޯދައިދޭން ބޭނުންވާ، ރާއްޖޭގައި ހަމަޖެހުމާއި، އަމަންއަމާންކަން ޤާއިމުވެފައި އޮތުމަށް ބޭނުންވާ، އަދި އެކަންކަމަށް މަސައްކަތްކުރާ ޤައުމެއްކަން. އާދެ، މިހުރިހާ ކަންތައްތައް މިހެން ހުރުމާއެކު، މިފަދަ މުހިންމު އާ މަޝްރޫޢެއްގެ ފެށުން ރަމްޒުކޮށްދެނީ، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ޒަމާންތަކެއް ވަންދެން، ވަރަށް ގިނަ ދުވަސްވަންދެން ހެޔޮގޮތުގައި ދެމިއޮންނާނެ ގުޅުމެއް ކަމުގައި.

އާދެ، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވަމުން ދަނީ ވަރަށް ހަލުވިކަމާއެކުގައި. އެ ގުޅުމަކީ ހަމައެކަނި ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމެކޭ ދެންނެވޭކަށް ނެތް. އޭގެ ބޭރުން ދެކުނު އޭޝިޔާގެ އެއްބާރުލުމުގެ ޖަމްޢިއްޔާ، އާދެ، ސާރކްގެ ދާއިރާގައިވެސް އިންޑިޔާއާއި ރާއްޖެއާ ދޭތެރޭގައި އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް. އަޅުގަނޑުމެންގެ ދެމެދުގައި އެއްވެސް ކަހަލަ މައްސަލައެއް ނެތް. ސާރކްގެ ހުރިހާ ކަމެއްގައިވެސް ދެ ޤައުމު ދެކެނީ އެއް ނަޒަރަކުން. މީގެ އިތުރުން، ކޮމަންވެލްތުގެ މެންބަރުންގެ ތެރޭގައިވެސް ރާއްޖެއާއި އިންޑިޔާ ހިމެނޭ. އަދި ޔޫ.އެން.ގެ ދާއިރާގައި ވަރަށް ގިނަ ކަންތައްތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން ވަރަށްބޮޑު. އެހެންވީމާ، މިހުރިހާ ގޮތަކުން ވިސްނާއިރު، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުމަކީ ވަރަށްވެސް ހަރުދަނާ، ވަރަށްވެސް އަވަހަށް ތަރައްޤީވަމުން އަންނަ ހެޔޮ ގުޅުމެއް.

އާދެ، އިއްޔެ އަޅުގަނޑާ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ޝްރީ ގުޖްރާލްއާ ދެމީހުން ދެއްކި ވާހަކައިގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނުގޮތުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ އެކުވެރިކަމާއި އަވަށްޓެރިކަމުގެ ހެޔޮ ގުޅުމަކީ އެހެން ދޭދޭ ޤައުމުތަކަށް މިސާލެއް ކަމުގައި، ނަމޫނާއެއް ކަމުގައި ފުދޭ ގުޅުމެއް. އެއްވެސްކަހަލަ ސިޔާސީ ނުވަތަ އެހެން އެއްވެސް މައްސަލައެއްނެތި، ވަރަށް އޮމާންކަމާއެކުގައި ކުރިއަރަމުން ތަރައްޤީވަމުންދާ ގުޅުމެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ.

އާދެ، ޝައްކެއްނެތް، މި މަޝްރޫޢު ނިމުމަކަށް އައުމުން، އިރާދަކުރެއްވިއްޔާ، 1992 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައިން މި މަޝްރޫޢު ނިމުމަކަށް އައުމުން، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ޚިދުމަތްތަކެއް، މިމަޝްރޫޢުގެ ފަރާތުން ދެވެމުންދާނެ. އާދެ، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ކަންތައްތައް ކުރިއަރުވައި ތަރައްޤީކޮށް އަދި އެމީހުންނަށް ބޭނުންވާ ބޭސްފަރުވާ ލިބިދިނުމުގައި، މިއަދު މި ބިންގާ އެޅުނު ހޮސްޕިޓަލްގެ ފަރާތުން ތަފާތު ގިނަގުނަ ޚިދުމަތްތަކެއް ލިބެމުންދާނޭކަމާމެދަކު ޝައްކެއްނެތް. އާދެ، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައިވާ ހޮސްޕިޓަލްތަކުގެ ޢަދަދު މަދު. މިތަނުން ދެވޭ ފަރުވާއަކީވެސް ބައިނަލްއަޤްވާމީ ގޮތުން މާމަތީ ފެންވަރުގެ ފަރުވާއަކަށްނުވޭ. ވަރަށްގިނަ ކަންތައްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ބަލިމީހުން ދާންޖެހޭނީ ރާއްޖެއިން ބޭރަށް. އެއީ ހުރިހާ ގޮތަކުން ބަލާއިރުވެސް ރާއްޖެއަށް ވަރަށް ޚަރަދު ބޮޑު ކަމެއް. ފައިސާގެ ގޮތުން ބެލިނަމަވެސް، މީހުންގެ ވަގުތުގެ ގޮތުން ބެލިނަމަވެސް، އަދި އެއީ އިޤްތިޞާދީ ގޮތުން ބެލިނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ޚަރަދު ބޮޑު ކަމެއް. އިރާދަކުރެއްވިއްޔާ، މި ހޮސްޕިޓަލް ހަދާ ނިމުމުން، ރާއްޖެއިން ބޭރަށްދާ މީހުންގެ ޢަދަދުވެސް މަދުވެގެން ދާނެ. އެއީ، މި ހޮސްޕިޓަލުގައި ހުންނާނީ ހަމައެކަނި ޢާންމު ބޭސްފަރުވާ ކޮށްދިނުމުގެ ކަންތައްތަކެއް ނޫން. އޭގެ އިތުރަށް، އޮޕަރޭޝަން ކުރުމުގެ ކަންތައްތަކާއި، ކުޑަކުދިންނާބެހޭ ބަޔަކާ އަދި އެކިއެކި ބަލިތައް ތަޙްލީލު ކުރާ ބަޔަކާ، މިހެންގޮސް މިޒަމާނުގެ ހޮސްޕިޓަލެއްގައި ހުންނަން ބޭނުންވާ ހުރިހާ ބައިތަކެއްވެސް މި ހޮސްޕިޓަލްގައި އިރާދަކުރެއްވިއްޔާ ހުންނާނެ. އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، މި ހޮސްޕިޓަލް ޢިމާރާތްކޮށް ނިމުމުން އަދި އެތަން ހުޅުވި، އެތާނގެ ޚިދްމަތް ދިވެހި ރައްޔިތުންނަށް ލިބެން ފެށުމުން އެއީ، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ޚިދްމަތްތަކަކަށް އެކަންތައްތައް ވެގެންދާނެއޭ.

އާދެ، މިއަދުގެ މި އުފާވެރި ޖަލްސާގައި، އަޅުގަނޑު މާދިގުކޮށް ވާހަކަ ދައްކާކަށެއް ޤަޞްދެއްނުކުރަން. އަޅުގަނޑުގެ އެދުމަކީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުން، ކުރިއަރަމުން ދިޔުން. ދެ ޤައުމުގެ ދެމެދުގައި އެއޮންނަ ގުޅުމަކީ މުޅި ސަރަޙައްދުގެ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބާރުއަޅައިދޭ ގުޅުމެއް ކަމުގައިވުން. އަދި ދިވެހި ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އަދަށްވުރެ ތަނަވަސް އަދި ފާގަތި މާދަމައެއް اللهُ سُبْحَانَهُ وَتَعَالَى ދެއްކެވުން. އަޅުގަނޑުމެންގެ ކަންތައްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކޮށް، ރައްޔިތުންނަށް ސަރުކާރުން ދެވޭ ޚިދުމަތްތައް އެއްދުވަހުން އަނެއްދުވަހަށް އޭގެ ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިޔުމުގައި اللهُ سُبْحَانَهُ وَتَعَالَى ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ތައުފީޤު ދެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.