بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންގެ ދެކަނބަލުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭގެ މި ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ދެންމެ ދިވެހި ދައުލަތުގެ ޢިއްޒަތް، އާދެ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ދިވެހި ދައުލަތުގެ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

ދެންމެ ފެނުނު ވީޑިއޯ ރިޕޯޓުންވެސް، މިނިސްޓަރ ނަސީމުގެ ޚިދުމަތްތައް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އެމަނިކުފާނަކީ، ރާއްޖޭގެ ފަތުރުވެރިކަން އުފަން ކުރެއްވި އެއް ބާނީ. ދިވެހި ފަތުރުވެރިކަން، މިއަދު މިއޮތް ފެންވަރަށް ކުރިއަރައިގެން ހިނގައިދާނެކަމުގެ އެއްވެސް އަލިމަގެއް އަދި އުންމީދެއް ފެންނަން ނެތް ދުވަސްވަރެއްގައި، އެކަމަށް ޚިޔާލު ކުރައްވައި، ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ، އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ޞިނާޢަތެއްކަން އަމިއްލައަށް ދެކެވަޑައިގެން މަސައްކަތް ފެށްޓެވި ބޭފުޅެއް.

ފަތުރުވެރިކަން ފެށިގެން އައި އެންމެ ދަތި ދުވަސްވަރުވެސް، މި ޞިނާޢަތު ތަރައްޤީކުރެއްވުމަށް އެމަނިކުފާނު ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އެކިފަހަރު މަތިން އެކަމުގެ އަގުވެސް ވަޒަންކުރެވިއްޖެ. ދެންމެ ފެނިގެން އެދިޔަ ވީޑިޔޯއިން ހާމަވިގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ނަސީމުގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް ވަނީ އެރުވިފައި. ފަތުރުވެރިކަމުގެ ރިހި ޔޫބީލް މުނާސަބަތުގައި، 1997 ވަނަ އަހަރު ޝަރަފުގެ ޕްލާކެއް ލިބިވަޑައިގެންނެވި. އަދި މިއަހަރު ފާހަގަކުރި ރަން ޔޫބީލް މުނާސަބަތުގައި، މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ނަސީމަށް ވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑުވެސް ލިބިވަޑައިގެންފައި.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، އެ މަނިކުފާނުގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، އެކިފަހަރު މަތިން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް، 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ޚިދުމަތް ކުރައްވައިފައި. އަދި ސަރުކާރުގެ ވަރަށް ގިނަ އިސް މަގާމުތައް އެ މަނިކުފާނު ވަނީ ފުރުއްވައިފައި. ޚާއްޞަކޮށް، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގަޔާއި، ޚާރިޖީ ދާއިރާގެ ތަފާތު މަގާމުތަކުގައި ކުރެއްވި ޚިދުމަތްތައް އަޅުގަނޑު ފާހަގަކުރަން. އެހެންކަމުން، އެ މަނިކުފާނުގެ މި ދެންނެވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނު.

އެ މަނިކުފާނަކީ އެވަގުތަކު ހުންނެވި ވެރިޔަކު ޙަވާލުކުރެއްވި ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވާ ބޭފުޅެއް. ސަރުކާރުން އޭރު ފެށި ބޮޑެތި ބައެއް މަޝްރޫޢުތައް ހިންގެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް.

އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކުރިންވެސް ފާހަގަކުރެވިގެންދިޔަ ފަދައިން، ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫޢު. އެ މަސައްކަތްވެސް އެންމެ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވީ ނަސީމުގެ ބެއްލެވުމުގެ ދަށުން. އެ ނޫނަސް ނަސީމުގެ ކިތަންމެ ޚިދުމަތެއް މި ޤައުމަށް ލިބިފައިވާކަން، ވީޑިއޯ ރިޕޯޓުން ފެނިގެން ހިނގައްޖެ.

އާދެ، އެ މަނިކުފާނު މިނިސްޓަރ އޮފް ހެލްތު ކަމުގެ މަގާމުގައި ހުންނަވައިގެން، މިހާރު އެ ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް، މިފަދަ ފުރުޞަތެއްގައި ފާހަގަކޮށްނުލާ ދޫކޮށްލެވޭނެ ކަމެއް ނޫން. ޚާޢްޞަކޮށް، ކޯވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރުވެސް، ރެޔާއި ދުވާލު ކުރައްވަމުން ގެންދެވި ބުރަ މަސައްކަތް އަޅުގަނޑަށް ވަނީ ފެނިފައި. އަދި ރިޕޯޓުގައި ފާހަގަކުރެވިފައި ނެތް ނަމަވެސް، ނަސީމަކީ ވަރަށް ވަރުގަދަ ސްޕޯޓްސް ޕާރސަނަލިޓީއެއް. ކުޅިވަރުގެ މައިދާނުގައި ހުނަރުވެރި، ޒުވާން ދައުރުގައި ހުނަރުވެރި ކުޅުންތެރިއެއް. ކުރިކެޓް ކުޅުންތެރިއެއް. ވޮލީ ކުޅުންތެރިއެއް. އަދިވެސް ރާއްޖޭގައި އޭރު ތަޢާރުފުވެގެން އައި ކުޅިވަރުގެ އެތައް އެތައް އެތައް މައިދާނެއްގައި ރަންވަނަތަކެއް ހޯއްދަވައިފައި ހުންނެވި ބޭފުޅެއް. ޚާއްޞަކޮށް، އަޅުގަނޑު ހަނދާންވާގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ވޮލީ ޗެމްޕިއަނަކީވެސް ނަސީމް.

އާދެ، މިރޭގެ މި ޖަލްސާއަކީ، ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދިނުމަށް ހަމަޖެހިފައިވާ ޖަލްސާ. ފަހަކަށްއައިސް، މި އިނާމު ދެމުން އައީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި. އެހެންނަމަވެސް، އެކަން މިރެއަށް ފަސްކޮށްލަން ޖެހުނީ، މި އަހަރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވީ އުތީމުގައި ކަމަށްވެފައި، ޤައުމީ އިނާމު ދިނުމުގެ ބޮޑު ޖަލްސާއެއް އެދުވަހު އިންތިޒާމް ކުރުމަށް ދަތިތަކެއް ކުރިމަތިވެގެން.

މި ޖަލްސާގައި، ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން.

މިރޭ ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލުކުރައްވާ ބޭފުޅުންގެ ތެރޭގައި، ވަރަށް ދިގު މުއްދަތަކަށް، އެއް މަސައްކަތެއްގައި، އެއް ޚިދުމަތެއްގައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. ހަމައެހެންމެ، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައިވެސް ދިވެހި ޤައުމަށް ފައިދާހުރި އެތައް މަސައްކަތްތަކެއް ކުރައްވާ ބޭފުޅުން އެބަ ތިއްބެވި.

އޭގެ ތެރޭގައި ވަރަށް ޒުވާން، ޢިލްމީ، ހުނަރުވެރި އަދި ވަރަށް އީޖާދީ ވިސްނުން ގެންގުޅުއްވާ ބޭފުޅުން އެބަ ތިއްބެވި. އަޅުގަނޑު މިރޭ އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ، އޭގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ މިއަދުވެސް ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ތިއްބެވި ބޭފުޅުން ކަމަށްވާތީ. މިރޭ އެބޭފުޅުން ޙާޞިލްކުރައްވާ އިނާމާއެކު، އެ ބޭފުޅުންގެ ޚިދުމަތުގައި އިތުރު ކުލަތައް ޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިރޭ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ދިވެހިންގެ ޒަމާންވީ މަސައްކަތްތެރިކަމުގައި ދެމިތިއްބެވި ދެ ބޭފުޅަކު ވެސް އެބަ ހިމެނޭ. އެއީ، މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި، ޢުމުރުން 80 އަހަރުން މަތީގެ ރާވެރިއަކާއި، ނަންބަރު ހެދުން ނުވަތަ ދިގު ހެދުން ފެއްސެވުމުގައި ވަރަށް މަޝްހޫރު ފެހުންތެރިއެއް. މި ދެ މަސައްކަތަކީ ވެސް، އަޅުގަނޑުމެންގެ ޤައުމިއްޔަތާ ގުޅިފައިވާ، އަދި އެކަން ކުރާ މީހުން ވަރަށް މަދުވެފައިވާ ހުނަރުވެރި ދެ މަސައްކަތް.

މި އަހަރު ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާ ބެހޭ ކޮމިޓީން ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އަގު އަޅުގަނޑު ވަޒަންކުރަން. ވަރަށް ގިނަ ވަގުތު މިކަމުގައި ހޭދަކުރައްވައި، ބައެއް ރަށްރަށަށް އެބޭފުޅުން ޒިޔާރަތް ކުރައްވައި، އެކި ގޮތްގޮތުން މަޢުލޫމާތު ހޯއްދެވި. އެކަމަށްޓަކައި ކޮމިޓީގެ ހުރިހާ މެންބަރުންނަށް، ޚާއްޞަކޮށް، ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭގެ މި ޖަލްސާއަކީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނޫނަސް، ޤައުމީ ދުވަހާ ގުޅުން ހުރި ޖަލްސާއެއް. އެހެންކަމުން، މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް އަޅުގަނޑުމެންގެ ޤައުމިއްޔަތާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭނެ ކަމެއް. ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަންޖެހެނީ ކޮން ކަމެއްތޯ ބަލަންޖެހޭނެ. ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކަކީ ކޮބައިތޯ ދެނެގަންނަން އެބަޖެހޭ.

މިއަދު އަޅުގަނޑުމެން މި ފަޚުރުވެރިވާ ދިވެހި ޤައުމިއްޔަތުގެ ބުންޔާދަކީ، އިސްތިޢުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި، އުތީމު ތިން ބެއިންނާއި ދެ ޙާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި، ހިތްވަރުގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު. އެ ޖިހާދުގެ އާރަކީ، ވަޒަނުގެ އަހުލުވެރިން އީމާންވެގެން ތިބި އެއްކައުވަންތަކަމުގެ ޢަޤީދާއާއި، މި ފަސްގަނޑާ މެދު އެބައިމީހުންގެ ހިތުގައި އޮތް ލޯބި.

އެ ލޯބި ނެތް ނަމަ، މިއަދު ޒިކުރާ އައުކުރާނެ ބޮޑު ތަކުރުފާނެއް ނުއުފެދުނީސް. ޤައުމީ ދުވަހެއް ވެސް ތާރީޚުގައި ނުލިޔެވުނީސް. އަޅުގަނޑުމެން މިއަދު ވިސްނަންވީ ދިވެހި ޤައުމިއްޔަތާ ދެކޮޅަށް ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށް. އެ ޙަމަލާތަކުގެ ހަތިޔާރަކީ ކަނޑިބަޑިއާއި ސިލޭހައެއް ނޫން. އަމާޒުކުރަނީ އަޅުގަނޑުމެންގެ ޖިސްމަކަށް ނުވަތަ ފުރާނައަކަށް ވެސް ނޫން. އެ ޙަމަލާތައް އަމާޒުކުރަނީ އަޅުގަނޑުމެންގެ ވިސްނުމަށާއި ފިކުރަށް.

އާދެ، ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ. އެ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ޤައުމީ ލޯބި. ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ޙުއްބުލް ވަޠަން.

ޤައުމު ދެކެ ތިމާ ލޯބިވާންވީ، އެ ޤައުމުން ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެކަންޏެއް ނޫން. ޤައުމު ދެކެ ލޯބިވާންވީ، އެ ބިމަކަށް ތިމާ އުފަންވީތީ، އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ، އަދި އެ ވަޒަނެއްގައި ތިމާގެ ވަންހައާއި ނަސްލު ދެމިއޮތަތީ.

ޤައުމިއްޔަތު ދިރުވުމަކީ، އެ ޤައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުން. އެ ޤައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ޤަބޫލުކުރުން. ޤައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުން. އެބައެއްގެ އެއްމެދު ޤަބޫލުކުރުންތަކާއި ހަމަތަކަށް އިޙްތިރާމްކުރުން. އެބަޔަކާ ލާމެހިފައިވާ ޠަބީޢީ ހުރިހާ ކަންކަމާ މެދު އަގަލާއި ކުލުނު އުފެއްދުން.

މި ހަމައިން ޤައުމަކާ މެދު ދެކެން ފަށައިފި ނަމަ، އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ޤައުމިއްޔަތަށް ވުރެ އަގުމާތް ޖައުހަރެއް ނޯންނާނެ. ޤައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން. އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އެހެން ޤައުމުތަކާ އެކުގައި ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމަކީވެސް ޤައުމިއްޔަތު ދިފާޢުކުރުމަށްޓަކައި ހަމަ އެހާމެ ބޭނުންތެރި ކަމެއް.

އަޅުގަނޑުމެންގެ މެދުގައި ޤައުމީވަންތަކަމާއި ޤައުމިއްޔަތުގެ ރޫޙު ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް. އަޅުގަނޑުމެން އެންމެން މިއަދު އުޅެމުން މިއަންނަނީ ފުރިހަމަ މިނިވަންކަމާއި ޙައްޤުތައް ވެސް ލިބިގެން. ހުޅުވައިލެވިފައިވާ ޑިމޮކްރެޓިކް ޖައްވެއްގައި. ޑިމޮކްރެސީއެއް ދެމެހެއްޓުމުގައިވެސް އެންމެ މުހިންމު ކަމަކީ، ޤަނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން. އެއްބަސްވެވިފައި ހުރި ހަމަތަކާއި އުޞޫލުތަކާއި ކަންކަމަށް އެންމެން ތަބާވުން.

ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުންނަނީ އެންމެހައި ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް. މުޖްތަމަޢުގެ ހަމަޖެހުމަށް. މުޅި ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް. ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަށް. މުޖްތަމަޢުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ވެސް ޙައްލުކުރުމަށް. ކޮންމެ ނިޔަތެއްގައި ވިޔަސް، ޤާނޫނީ އިމުން ނެއްޓިގެން ކުރާ އެއްވެސް ކަމަކުން މުޖްތަމަޢުގެ މަޞްލަޙަތެއް ނުހިފެހެއްޓޭނެ.

އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތައި، މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހަކަށް ވުން. އޭރުން އަޅުގަނޑުމެންނަކީ ފަޚުރުވެރި ޤައުމިއްޔަތެއްގެ މަތީގައި ސާބިތުވެ ތިބި ބަޔަކަށް ވެގެންދާނެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޤައުމިއްޔަތުގެ ކިއްލާ އޭގެ އެންމެ ފުރިހަމަ ހައިބަތުގައި، އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލުތަކަށް ވާރުތަވުން. އަދި ދިވެހި ޤައުމިއްޔަތުގެ ރުކުންތައް ނެގެހެއްޓުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވުން. ދިވެހިންނާއި ދިވެހިރާއްޖޭގައި އުޅޭހައި ބަޔަކަށް ހަމަޖެހުމާއި އުފާވެރިކަން މިންވަރުކުރައްވައި، ފާގަތިކަމާއި ތަނަވަސްކަން ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.