ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ހިންނަވަރު ބިން ހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައިފިއެވެ. މިކަމަށްޓަކައި ހިންނަވަރު ހުޅަނގު ފަރާތުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ފެށިގެން ދިޔައީ، ބިލްބޯޑުގައިވާ ފަރުދާ ރައީސުލްޖުމްހޫރިއްޔާ ކަޝްފުކޮށްދެއްވުމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދުނިޔެއަށް، މޫސުމަށް މިއަދު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވަމުން، މި އަންނަމުންދާ ބަދަލުތަކަކީ، އެކި ޤައުމުތަކުން ޖައްވަށް އެކި ބާވަތްބާވަތުގެ ވިހަގޭސް މެދުނުކެނޑި ފޮނުވަމުންދާތީ އޭގެ ސަބަބުން އަންނަ ބަދަލުތައް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންނަން އޮތް ޖީލުތަކަށް ރާއްޖެ ރައްދުކޮށްދިނުމަށްޓަކައި ސަލާމަތްވެވޭނެ ބައެއް ބިން އުފެއްދުމަކީ، މިއަދު މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި މަޝްރޫޢުގެ ދަށުން އަދި އިތުރު ބިން އުފެއްދޭނެ ކަމަށާއި، ހިންނަވަރު ބިން އެއީ، އަންނަން އޮތް ޖީލުތަކުގައި އަގުބޮޑު ބިމަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހިންނަވަރުގެ ހިއްކޭ ބިން، އެއީ، ދެމެހެއްޓެނިވި މަސައްކަތަކަށްވާނީ ހިއްކުމުގެ އަގު، ބިން ވިއްކައިގެން ހޯދުނީމާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ، ކުރިއަށް އޮތްތާނގައި ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ބޮޑުކުރެވޭ ބިން ހެޔޮ ގޮތުގައި ބޭނުންކުރުމާއި، ބިން ބޭނުން ކުރެވޭނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ބިން ހިއްކުމަކީ އަދި ވާޓަރު ހެދުމަކީ، ވަރަށް އަގުބޮޑު މަސައްކަތެއް ކަމަށާއި، އެހެންވީމާ، މިކަން ކުރާއިރު ބޭކާރު ނުވާ ގޮތަށާއި އިސްރާފު ނުވާ ގޮތަށް ކަންކަން ރޭވުމަކީވެސް ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.