ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އަންހެން އަދި ފިރިހެން އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައި، އެބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ އެންމެ ދުވަސްވީ 10 އިސްރަށްވެހިންގެ ގޭގެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ހެނދުނު ޒިޔާރަތް ކުރެއްވީ ޢުމުރުން އެންމެ ދޮށީ ދެ އިސްރަށްވެހިންގެ ގެއަށެވެ. މިއަދު ހެނދުނު އެކަމަނާ މި ދެގެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ދެ އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ކުރިޔަށްދާގޮތް އޮޅުންފިލުއްވާފައެވެ. އަދި، އެކަމަނާ ވަނީ އެ ބޭފުޅުންގެ ޙާލު ބައްލަވައި، އެބޭފުޅުންނާއެކީ ވަގުތު ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށްޓަކައި ފުވައްމުލައް ސިޓީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

އެގޮތުން އިއްޔެ ހެނދުނު އެކަމަނާ ވަނީ ފުވައްމުލައް ސިޓީގައި ބޭއްވި އިސްރަށްވެހިންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި، އިސްރަށްވެހިންވެސް ހިމެނިގެން އެކުލަވާލައިގެން އިއްޔެ ހަވީރު ބޭއްވި ގްރައުންޑް ގޮލްފް މުބާރާތުގެ ނިމުން ފާހަގަކުރެއްވުމުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންފައިވެއެވެ.