ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ކުރެންދޫ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީއަކީ ކޮބައިކަމާއި، ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި ތިބި ނިކަމެތިންނަށް އެހީތެރިވެދެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެ، މި ރޮނގުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކޮށްދެއްވިއެވެ.

ސަރުކާރުން ތަޢްލީމަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މަދަރުސާއެއްގެ މައިގަނޑު ބޭނުމަކީ، ރަނގަޅަށް ކިޔަވައިދިނުން ކަމަށާއި، މަދަރުސާއިން ކުރާ މައިގަނޑު ޚަރަދަކަށް ވާންޖެހޭނީ ކިޔަވައިދިނުމަށް ކުރާ ޚަރަދާއި ޓީޗަރުންނަށް ކުރާ ޚަރަދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން، މަދަރުސާއެއް ހިންގުމުގައި އެ މަދަރުސާއެއްގެ ސްކޫލް ބޯޑު ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށާއި، އެ ބޯޑުގެ މަޝްވަރާގެ މަތިން މަދަރުސާ ހިންގުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން އެ މަދަރުސާއަކަށް ކޮށްދެއްވެން ހުރި ކަންތައްތައް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔުމުގައި، ކުރެންދޫ ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ކުރެންދޫ ރައްޔިތުންގެ އެއްބާރުލެއްވުމާއި ބައިވެރިވުން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށާއި ޚިލާފަށް ވަރަށް ޖޯޝާއެކު، ވަރަށް ކުލަގަދަ ގޮތެއްގައި މި ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި ފެނިގެން ހިނގައްޖެ ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން މިހާރު މި ހިންގަވާ އުސޫލުން ހިންގަވާއިރު، ދިމާވާ ކިތަންމެ ދަތިތަކެއް އެބަހުރި ކަމަށާއި، އެދަތިތަކުން އަރައިގަތުމުގައި ޢަމަލު ކުރަންވީ ގޮތާ ގުޅޭގޮތުން، ކިތަންމެ ގޮތަކަށް މަޝްވަރާއާއި ލަފާ ލިބިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަބަދުވެސް ދެކެވަޑައިގަންނަވާ ހުވަފެނަކީ، ރާއްޖޭގައި ފުރިހަމަ އަދި ވާދަވެރި ސިޔާސީ ހަރަކާތް ހިންގަވައިގެން ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފައިދާކުރާނެ ގޮތެއްގެ މަތިން ހިނގާ ވެރިކަމެއް ހިންގެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ކުރެންދޫ އެންވަޔަރަންމަންޓް އެޑިޔުކޭޝަން އެންޑް ސްޕޯޓްސް އެސޯސިއޭޝަންގެ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ.