بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ދައުލަތުގެ ވަޒީރުން، ހޮސްޕިޓަލްތަކުގެ އިސްވެރިން، އެސް.ޓީ.އޯ.ގެ އިސްވެރިންނާއި އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، މި ޕްރޮގްރާމްގެ ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ރަނގަޅު ފެށުމެކޭ. އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ދާއިރާއަކީ، މީހުން ބިނާކުރުމުގެ ދާއިރާ. މީހުން ބިނާކުރުމުގެ ވާހަކަދައްކަނީ، ވަރަށްބޮޑު ބޭނުމެއް އޭގައި އޮވެގެން. އަޅުގަނޑުމެން ޞިއްޙީ ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ޚާއްޞަކޮށް، ވޭތުވެދިޔަ ދުވަސްތަކުގައި، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އަތޮޅުތަކުގެ ޞިއްޙީ ކަންތައްތައް ރަނގަޅުވެގެންދާ މަންޒަރު.

އާދެ، ސަރުކާރުން ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ ރަށުން، އަތޮޅުން، ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި. ހަމައެއާއެކު، އަޅުގަނޑުމެންނަށް އެބަ ފެނޭ، މުޅި ރާއްޖޭގައި ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު، ޞިއްޙީ ދާއިރާ ވަރަށްބޮޑަށް ކުރިއަރައިގެންދާ މަންޒަރު. ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތްތައް ދެވެން އޮތް ހަމައެކަނި ގޮތަކީ، މީހުން ބިނާކުރުން.

އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ވަރަށް ކައިރި މުސްތަޤްބަލެއްގައިވެސް ވަނީ ޞިއްޙީ ޚިދުމަތްތެރިން، އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައި ނެތުމުގެ އެ ދަތިކަން އަޅުގަނޑުމެން އިޙްސާސްކޮށްފައި. އާދެ، ކޯވިޑް-19ގެ ދުވަސްވަރުގައި. އަޅުގަނޑު މި ވާހަކަ ދަންނަވާކަށް ނުޖެހޭނެ. އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް މި ފެންނަނީ މުޅިންވެސް ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން. ޚިދުމަތްތެރިން. ތިޔަބޭފުޅުންނަށް މާރަނގަޅަށް އެނގިވަޑައިގަންނަވާނެ، އެ ކަންތައްތަކުގައި އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތައް.

އާދެ، ކޮންމެވެސް ހިސާބަކުން ޤައުމެއްގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވާންޖެހޭނެ. ދާއިރާތަކުގެ ޚިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެންގެ ޒުވާނުން ތައްޔާރުކުރެވެންޖެހޭނެ. ޙަޤީޤަތުގައި މިކަމަކީ މިއީ، ވަރަށް ކުރިން ފަށާފައި އޮންނަންޖެހޭ ކަމެއް. ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކާ އެކީ، އެ ދާއިރާއަށް ބޭނުންވާ މީހުން، ޚާއްޞަކޮށް ޓެކްނިކަލް ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތަކީ މާ ލަސްވެއްޖެ ކަމެއް.

އަޅުގަނޑު އުންމީދު ކުރަނީ، މި ފެށޭ މަސައްކަތާއެކު އިރާދަކުރެއްވިއްޔާ، ހެޔޮ ނަތީޖާތަކެއް މިކަމުން ނުކުމެގެންދާނެ ކަމަށް. އާދެ، އެކި ދާއިރާތަކަށް ބަލައިފި ކަމަށްވަންޏާ، ޞިއްޙީ ދާއިރާއަށްވެސް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ވަރަށް ގިނަ ޢަދަދަކަށް ބޭރުމީހުން މި ދާއިރާގެ މުހިންމު މަގާމުތަކުގައި އަދިވެސް ތިބިތަން. އަޅުގަނޑުމެން މިއަދު ވީ ކަންތައްތައް ދަސްކުރަން. ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފަން. މިކަމުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ޚާއްޞަކޮށް، ރޭޑިއޯގްރަފީ، މި ކޯސް ކުރިއަށް ގެންދިޔުމަށްޓަކައި، ވަރަށް ބުރަ މަސައްކަތްތަކެއް މިކަމުގައި ކުރެއްވިކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑައިރެކްޓަރ އަދި މިކަމާ ގުޅުންހުރި ފަރާތްތަކާއި މިނިސްޓްރީ އޮފް ހެލްތާއި އަދި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާ އެކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން، ހުއްޓާނުލައި މި މަސައްކަތްތައް ކުރިކަން އަޅުގަނޑަށް އެނގޭތީ، ތަންކޮޅެއް ބޮޑަށް އަޅުގަނޑު މިރޭ ހެވިފައި މި ހުންނަނީވެސް. އެ ކުރެވުނު މަސައްކަތް ޚާއްޞަކޮށް، ޢަމްރު އެ ކުރެއްވި މަސައްކަތްތައް، ވޭތުވެދިޔަ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްތެރޭގައި، އަޅުގަނޑަށް ހަމަ އެނގޭތީ، އަޅުގަނޑު ހިތަށްއެރީ، ދިގުދެމިގެން ދިޔަޔަސް ހުއްޓާނުލައި، މިކަން ކާމިޔާބު ކުރުމަށްޓަކައި، މި މަސައްކަތް ކޮށްފިއޭ. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. އެކަމަށްޓަކައި މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މީގެ އިތުރަށްވެސް، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް އެބަ ދެއްވާ، މުހިންމު ދާއިރާތަކަށް މީހުން ބިނާކުރުމަށްޓަކައި. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވަނީ، ތެރަޕިއުޓިކް ދާއިރާއިންވެސް މީހުން ބިނާކުރުމަށްޓަކައި މަސައްކަތްތަކެއް ފަށާފައި. އެއީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމެއް. އެ ދާއިރާއިން ޚިދުމަތްތައް ފުޅާކުރުން. އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވެމުން އެބަ އެބަދޭ. މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ނަމުގައި ޒަމާނީ ވަސީލަތްތަކާއެކު މިވަނީ، މަސައްކަތްތަކެއް ފެށިފައި.

ހަމައެއާއެކު، ރާއްޖޭގެ ދެކުނާއި، އުތުރަށް، އެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެވޭ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި، މި މަސައްކަތްތައް ކުރިއަށް އެބަ ގެންދެވޭ. އެހެންނަމަވެސް، އެކަމުގައިވެސް އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމަކީ، މީހުން ލިބުމުގެ ދަތިކަން. ސްޕީޗް ތެރަޕިސްޓުން، އޮކިއުޕޭޝަން ތެރަޕިސްޓުން ނެތުމުގެ ދަތިކަން. އެހެންވީމާ، މި ދާއިރާތަކަށް ސަމާލުކަން ދެވިގެން، މި ކުރެވޭ މަސައްކަތްތަކުން ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ.

އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ ފެށިގެން، އަބަދުވެސް މި އޮންނަނީ، ކިތަންމެ ކަނޑު ގަދަވިޔަސް، ކިތަންމެ ދަތިގޮތަކަށް އޮތް ނަމަވެސް، ރަށްރަށުން ދަތުރުކޮށްގެން މާލެ އައުން. އެނޫން އެއްވެސް އެހެން ގޮތެއް ނެތް. އެހެންނަމަވެސް، ކުރީގައި އަޅުގަނޑު ދެންނެވިގޮތަށް، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. އަތޮޅުތަކުން ރަށްތަކުގައި ރަނގަޅު ޚިދުމަތްތަކެއް، އެޑްވާންސް ޚިދުމަތްތަކެއް ދެވެމުން އެބަދޭ. ރައްޔިތުންގެ އިތުބާރު ލިބެމުން އެބަދޭ. އަޅުގަނޑު މީގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން އޮތީ މި ސަރުކާރުން، އިރާދަކުރެއްވިއްޔާ އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ކަމަކީ އަދި އަޅުގަނޑުމެންގެ އުންމީދަކީ، ރައްޔިތުންނަށް ހިތްހަމަޖެހޭފަދަ ރަނގަޅު ފެންވަރެއްގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމޭ. އިރާދަކުރެއްވިއްޔާ، އެ ބަދަލު މި ސަރުކާރުން އިތުރަށް ގެނެސްދޭނެއޭ.

އާދެ، ތަރައްޤީގެ މަޝްރޫޢުތަކަށް ބަލައިފި ކަމަށްވަންޏާ، މިއާ ގުޅުވައިގެން ގިނަ ކަންތައްތަކެއް ކުރެވެމުން އެބަދޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ކުރިމަތިވެގެން ދިޔައީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. އަޅުގަނޑުމެންގެ ހިތަކަށް ނުގެންނަން، އެފަދަ ދުވަސްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވާނެ ކަމަކަށް. ކޯވިޑް-19ގައި އެ ދިމާވި އެ ގޮންޖެހުންތަކާއި، އެ ދަތި ކަންތައްތަކާއި، އަދި ރާއްޖެއަށް ފައިސާ ވަންނަ ހަމައެކަނި ދޮރޯށި ކަމަށްވާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަން މުޅިންހެން ހުއްޓާލައި، ފަތުރުވެރިން އައުން އެކީ ހުއްޓި، ރާއްޖޭގެ ހުރިހާ ރިޒޯޓުތަކެއް އެކީ ބަންދުވެގެން ދިޔައިރުވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ކައިރިން ބެއްލެވީ، ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށާއި، ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް. ހަމައެއާއެކު، ތަރައްޤީގެ މަޝްރޫޢުތައް އެއީ މުހިންމު ކަމެއްކަން އެނގިވަޑައިގެން، ހުއްޓުމެއްނެތި އެ މަސައްކަތް ކުރިއަށް ގެންދެވި. ރަނގަޅު ވާހަކަފުޅެއް. ކަންތައްތައް ކުރެވޭނީ، ކަންތައްތައް އިޙްސާސް ކުރެވޭ ބޭފުޅަކަށް. ރައްޔިތުންގެ އަޑު އައްސަވަން ކެރިވަޑައިގަންނަވާ ބޭފުޅުންނަށް ކަންތައްތައް ކުރެއްވޭނެ.

އޭގެތެރޭގައި، ކުލާސްރޫމްތައް ވަރަށް މުހިންމު. ތަޢުލީމީ ދާއިރާއަށް، ސްކޫލްތަކާއި، ކުލާސްރޫމްތަކާއި، ވަސީލަތްތަކާއި، ޓީޗަރުން ވަރަށް މުހިންމު. އެހެންވީމާ، އެފަދަ އިޙްސާސް ކުރެއްވޭ ބޭފުޅެއް، ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެ، ކުލާސްރޫމްތައް އެޅުމަށާއި، އަދި ދަތުރުފަތުރުގެ ކަންތައްތަކަށް. ރާއްޖެއަކީ ކުދި ޖަޒީރާތަކުގެ މައްޗަށް އެކުލެވޭ ރަށެއް. އެއްރަށް އަނެއްރަށާ ވަށައި ގުޅުވައިލެވެން އެބަޖެހޭ. އެހެންވީމާ، އެގޮތުން އެކަންތައްތައް ވިސްނިވަޑައިގަންނަވާ ބޭފުޅެއް، ލޯންޗްތަކާއި އެހެން ވަސީލަތްތަކުގެ ޒަރީޢާއިން ރަށްތައް ގުޅުވައިލައްވާނެ. ހަމަ އެކަން އެނގިވަޑައިގަންނަވާ ބޭފުޅުން، އެއްގަމުގައި މިނީ ބަސްތަކުންވެސް އެއް އަވަށް، އަނެއް އަވަށާ ގުޅުވައިލައްވާނެ. އެއީ އެކަންތައްތައް އިޙްސާސް ކުރެވޭތީ. ރައްޔިތުންގެ އަޑުއެހޭތީ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މި ހުރިހާ ކަމެއްގެ ތެރެއިންވެސް، މި ދެންނެވި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، މަގު ހެދުމާއި، ބަނދަރުތައް ހެދުމާއި، ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް، މިއީ ކުރާނެ ކަންތައްތައް. މި ސަރުކާރުން އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި، މި މަސައްކަތް ކުރިއަށް ގެންދާނެ. އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް، ދިވެހި ރައްޔިތުންނަށް، ހަމަ ލިބުނު ނަސީބެކޭ. އަޅުގަނޑުމެން އެކަމަށްޓަކައި އުފާކުރަންޖެހޭވަރުގެ ކަމެކޭ، މިފަދަ ދަތި، އުނދަގޫ، ގޮތްހުސްވާ ކަހަލަ ދަނޑިވަޅެއްގައި، ރައްޔިތުންގެ ކަންތައްތައް އިޙްސާސް ކުރެއްވޭ ހެޔޮ ވެރިއެއް އަޅުގަނޑުމެންނަށް ލިބިފައި ވުމަކީ. މި ފުރުޞަތުގައި، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް، ޚާއްޞަކޮށް، ހެލްތު ދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކޮށް، ތިޔަ އެންމެހައި ބޭފުޅުންގެ ނަމުގައި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ބޭނުން އެސް.ޓީ.އޯ.އަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ޚާއްޞަކޮށް، އެމް.ޑީ.އާއި، އެމް.ޑީ.ގެ ޓީމު، މިދިޔަ އަހަރުތަކުގައި ޚާއްޞަކޮށް، ކޯވިޑުގެ ދަތި އުނދަގޫ ދުވަސްތަކުގައި، އެ ކުރެއްވި މަސައްކަތް ވަރަށް ގާތުން އަޅުގަނޑަށް ފެނުނު. ޚާއްޞަކޮށް، ބޭސް ފޯރުކޮށްދެއްވުމަށްޓަކައި ކުރެއްވި މަސައްކަތްތަކާއި، ތެލާއި، ގޭހާއި އަދި އެނޫން ބާވަތްތައްވެސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ދަތި އުނދަގޫ ކަންތައްތަކުގެ ތެރެއިން އެ ކުރެއްވި މަސައްކަތްތައް އަޅުގަނޑަށް ވަރަށް ކައިރިން ފެނުނު. އެކަންތައް ހަމަ ފާހަގަކޮށް، ޚާއްޞަކޮށް މެނޭޖިންގ ޑައިރެކްޓަރ ޢަމްރު ރަޝާދަށާއި، އަދި މުޅި އެސް.ޓީ.އޯ.ގެ ޓީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑުމެން ހަމަ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ، ކޯވިޑުގެ ދުވަސްތަކުގައި ރާއްޖޭގެ ހޮސްޕިޓަލްތައް، ސަރުކާރުގެ ހޮސްޕިޓަލްތަކާއި، ޕްރައިވެޓް ހޮސްޕިޓަލްތަކުން އެ ކުރެއްވި މަސައްކަތްތަކާއި، އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިން، ޑޮކްޓަރުންނާއި، ޓެކްނީޝަނުންނާއި، މިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ހަމަ ސެލިއުޓް ނަގަންޖެހޭނެ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މިކުރެވޭ މަސައްކަތްތަކުންވެސް އިތުރު ފަސޭހަތައް އަޅުގަނޑުމެންނަށް ލިބިގެންދިޔުން. އަދި ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، މި ލިބުނު ފުރުޞަތުގެ ބޭނުން ހިފައި، ރަނގަޅު، ޒިންމާދާރު ދަރިޔަކަށް، ޤައުމަށް ޚިދުމަތް ކުރެވޭ، ޢާއިލާއެއް ބެލެހެއްޓޭ، މުޖުތަމަޢުގެ ތެރޭގައި ރަނގަޅަށް ޕްރައުޑް ވެލާފައި، ތިމަންނާ އަމިއްލައަށް ކުރާ މަސައްކަތަކުން ތިމަންނާ ދިރި އެބައުޅެމޭ، އެގޮތަށް ބުނެލެވޭ ކަހަލަ ދަރިއެއްގެ ގޮތުގައި، ޒިންމާދާރު މީހެއްގެ ގޮތުގައި އުޅެ، އެ ފުރުޞަތު ހޯދުމަށް.

މިއަދުގެ ސަރުކާރަކީ، ރައީސުލްޖުމްހޫރިއްޔާއަކީ މި ހުރިހާ ކަމެއް ވިސްނިވަޑައިގަންނަވާ ބޭފުޅެކޭ. މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭނުންވަރަކަށް ހުޅުވާލެވިފައި މިއޮތީ ހަމައެކަނި އެ ބޭނުމުގައޭ. އެހެންވީމާ، ފުރުޞަތު ނަންގަވައި ނުލައްވައި، އެކަމެއްގެ ވަގުތުގައި ތިޔަބޭފުޅުން އެކަންތައް ކުރައްވާށޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލައްވައި އަދި ޤައުމަށް އަމާން އޮމާން ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.