بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެމް.އޭ.ސީ.އެލް.ގެ ޗެއަރމަން އޮނަރަބްލް މުޙައްމަދު ޢުމަރު މަނިކު، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހަރ އެކްސެލެންސީ ވަން ލީޝިން، ދައުލަތުގެ ވަޒީރުން، އެމް.އޭ.ސީ.އެލް.ގެ މެނޭޖިންގ ޑައިރެކްޓަރ މަޙްޖޫބު ޝުޖާޢު، އެއަރލައިން ޕާރޓްނަރުން، އެއަރޕޯޓުގައި ޚިދުމަތް ދެއްވުމަށް މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، އެމް.އޭ.ސީ.އެލް.ގެ ހީވާގި މުވައްޒަފުން، ބޯޑު މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މި އެއަރޕޯޓާ ގުޅޭގޮތުންނާއި، އަދި މިއަދު މި ފެށިގެންދާ ރަންވޭގެ މަސައްކަތްތައް ފެށިގެން އައިގޮތާމެދު، ބޯޑުގެ ޗެއަރމަން އޮނަރަބްލް މުޙައްމަދު ޢުމަރު މަނިކު ތިޔަބޭފުޅުންނާ އެ ވާހަކަފުޅު ވަރަށް ތަފްޞީލުކޮށް، ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި. ކޮންގޮތަކަށް ފެށިގެން އައި މަސައްކަތެއް ކަމާއި، އަދި ކޮންކަހަލަ މާސްޓަރ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއްކަން. އަދި މި ޕްރޮޖެކްޓްގައި މިހާރު ކުރިއަށްދާ ކަންތައްތަކާ ގުޅޭގޮތުންވެސް އެ މަނިކުފާނު، ވަރަށް ސާފުކޮށް ތިޔަބޭފުޅުންނަށް އެ ވާހަކަ ވިދާޅުވެދެއްވައިފި.

އާދެ، އަޅުގަނޑަށްވެސް ގަބޫލުކުރެވެނީ، ދިވެހިރާއްޖޭގެ ތާރީޚަށް ބަލައިފި ކަމަށްވަންޏާ، އެންމެ ޖޯޝުގައި، އެންމެ ފޯރީގައި، ޤައުމީ ރޫޙެއްގައި، ކުރި މަސައްކަތަކަށް ވެގެންމިދަނީ، ކުރީގައިވެސް މި އެއަރޕޯޓް، ހުޅުލޭ އެއަރޕޯޓުގެ ގޮތުގައި މި އެއަރޕޯޓުގެ މަސައްކަތްތައް ކަމަށް. އާދެ، އެއްވެސް ޝައްކެއްނެތް، އެދުވަހުވެސް އެ މަސައްކަތް އެގޮތަށް ފޯރީގައި ކުރެވިގެންދިޔައީ ސަބަބެއް އޮވެގެން. އެނގިވަޑައިގަންނަވާނެ، މި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މިވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށްޓަށް. މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮތީ، ގާތްގަނޑަކަށް މުޅިންހެން ދަތުރުފަތުރުގެ މައްޗަށާއި، ޓުއަރިޒަމްގެ މައްޗަށޭ ދެންނެވިޔަސް، އެއީކީ ދޮގަކަށްނުވާނެ.

އެހެންވީމާ، މިއަދުވެސް އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ، މިކަމަކީ މިއީ ކިހާ މުހިންމު ކަމެއްކަން. އިޤްތިޞާދުގެ މައްޗަށްކަން ބިނާވެފައި މިއޮތީ. އާދެ، އެއަރޕޯޓް ވެގެންމިދަނީ ދިވެހިރާއްޖޭގައި ހުރި ދައުލަތުގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗަރުގެ ގޮތުގައި. އާދެ، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، އާ ރަންވޭއެއްގެ ފެށުމުގެ މަސައްކަތްތައް. މިކަން ފެށުމާއެކު ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ.

އާދެ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ޚާއްޞަކޮށް ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ޗެއަރމަން ވިދާޅުވިގޮތަށް، އެއަރޕޯޓެއްގެ ތެރޭގައި، އާ އެއަރޕޯޓެއް ހަދަމުން ދިޔައިރު، އެހެންނަމަވެސް އަޅުގަނޑުމެންގެ ބިޒްނަސް، އަޅުގަނޑުމެންގެ މަސައްކަތްތައް، އެއަރޕޯޓުން ދޭންޖެހޭ ޚިދުމަތްތައް، ދުވަހުން ދުވަހަށް ފަތުރުވެރިން އިތުރުވެގެން އައި މިންވަރު، އެ ޚިދުމަތްތައް ދިނުމަށްޓަކައި، ބަޔަކު ކުރި މަސައްކަތްތައް. އެއަރޕޯޓުގެ މަސައްކަތުގައި ހިމެނިފައިވާ، ޝާމިލުވެފައިވާ ހުރިހާ ފަރާތްތަކުން، ނަންބަރުތައް އިތުރުވެގެން ދިޔައިރުވެސް، އެ ދޭންޖެހޭ ޚިދުމަތްތައް ބަރާބަރަށް ދެމުންދިޔަކަން އަޅުގަނޑު ހަމަ މީގައި ފާހަގަކޮށް، އެފަރާތްތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، މި ރަންވޭއަށް ރެކޯޑު ޢަދަދަކަށް، ފްލައިޓްތައް ޖައްސަމުން ދިޔަތަން. އަދި އެދުވަސްވަރަކީ އެއީ، ކޯވިޑުގެ ޕެންޑަމިކްގެ ތެރޭގައި، އޭގައި ވަރަށް ގިނަ ރެސްޓްރިކްޝަން ތަކަކާއި، ލިމިޓޭޝަން ތަކަކާއެކު، ރައްކާތެރިކަމުގެ ވަރަށްގިނަ ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށްދިޔަ ދުވަސްތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރެކޯޑު ޢަދަދަކަށް، ދުވާލެއްގެ މައްޗަށް ފްލައިޓްތައް ޖައްސަމުންދިޔަ މަންޒަރު. ރެކޯޑު ޢަދަދަކަށް، ރާއްޖެއަށް ފަތުރުވެރިންވެސް އަންނަމުންދިޔަ މަންޒަރު. މިކަންތައްވެސް ފާހަގަކޮށް، އެ ދަތި އުނދަގުލުގެ ތެރޭގައި، މި މަސައްކަތްތައް ކުރެއްވި އެންމެހައި ފަރާތްތަކަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ހަނދާނަށް ގެންނަން އެބަޖެހޭ، ކޯވިޑުގެ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ކާމިޔާބުކަމާއެކު އެކަންތައް ކުރިއަށް ގެންދެވުނު ސަބަބުވެސް. އަދި އެކަންތައް ގެންދިޔުމުން، އެ ރިސްކް ނަންގަވައިފައި، އެކަންތައް ފެށުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިއަދު މި ފެންނަމުންދާ މަންޒަރުތަކަށް އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ. އާދެ، ކޯވިޑުގެ އެ ދުވަސްވަރުގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ނެންގެވި ޑިޒިޝަނަކީ އެއީ، އަޅުގަނޑު ދަންނަވާނީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ޤައުމެއްގެ އިޤްތިޞާދާމެދު، ޤައުމެއްގެ ކުރިއެރުމާމެދު، ރައްޔިތުންނާމެދު ވިސްނަވައި، ވެރިޔަކު އެ ނެންގެވި އެންމެ ރަނގަޅު ޑިޒިޝަނޭ. އާދެ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެ ވެގެންދިޔައީ ނަމޫނާއަކަށް. ރާއްޖޭގެ ޓޫރިޒަމްގެ ސްޓޯރީ ވެގެންދިޔައީ، މުޅި ދުނިޔޭގެ އެންމެން ބަލައިގަންނަ އެއްޗެއްގެ ގޮތުގައި. އާދެ، އެންމެ ސޭފް ގޮތަކަށް، އެންމެ ސޭފްކޮށް، އެކަންތައް ކުރި ބައެއްގެ ގޮތުގައި ރާއްޖެވެގެން ދިޔައީ. އެހެންވީމާ، އެ ނަސީބާއެކު ﷲ އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ނަންބަރުތައް މިދަނީ ދުވަހެއް ދުވަހަކަށް މައްޗަށް.

އަޅުގަނޑުމެންނަށް އާ ރަންވޭއާއެކު ވަރަށްބޮޑު ފަސޭހައެއް ވެގެން މި އަންނަނީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މި އޮންނަނީ ގާތްގަނޑަކަށް ދެ ބަޔެއް. އެއްބަޔަކީ ސީޕްލޭން. ބޭރުން އަންނަ އިންޓަރނޭޝަނަލް ފްލައިޓްތައް ރަންވޭގައި ޖެއްސުމާއެކު، ދެން އެންމެ އަވަހަށް މި ހިނގާ ކަމަކީ، ޑޮމެސްޓިކް ފްލައިޓްތަކުން، ޚާއްޞަކޮށް ސީޕްލޭން އޮޕަރޭޝަން. ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް، ހިތަށް ގެންނަން އުނދަގޫވާ ޢަދަދެއް، ހައެއްކަ ސަތޭކަ މޫވްމެންޓް. ސީޕްލޭނަށް ބަލައިލިނަމަވެސް، މި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ އެކި ހިސާބުތަކަށް، އެކި ރިޒޯޓުތަކަށް ސީޕްލޭންތައް އެބަ ދަތުރުކުރޭ. އާދެ، މިއަދު މި ހުޅުވޭ އާ ސީޕްލޭން ޓަރމިނަލްގެ ސަބަބުން، އަޅުގަނޑު ގަބޫލުކުރަނީ އެފިޝިއަންސީއާއި، އެފެކްޓިވްނަސް ގެނެސްދީފައި، ފަސޭހަކަމާއެކު ޚިދުމަތްދެވި، އިރާދަކުރެއްވިއްޔާ ފަތުރުވެރިން، އެމީހުންގެ މަންޒިލަށް އަޅުގަނޑުމެންނަށް އަވަހަށް ގެންދެވޭނެއޭ. އަދި ހަމައެއާއެކު، ސަރުކާރުގެ މައި ސިޔާސަތު،  ދެންމެ ޗެއަރމަން އެ ވިދާޅުވިގޮތަށް، ގާތްގަނޑަކަށް ފަނަރަވަރަކަށް އަހަރު ކުރިން، ނޫނީ އެއަށްވުރެވެސް ކުރިން، އެކުލަވައިލެވިފައިވާ މާސްޓަރ ޕްލޭންގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައި ހުރި. ހަމައެކަނި އޮތީކީ ރަންވޭއެއްވެސް ނޫން. ފިއުލް ފާރމެއްގެ ވާހަކަ ވިދާޅުވެއްޖެ. އަދި ކާގޯ ޓާރމިނަލްގެ ވާހަކަ ވިދާޅުވެއްޖެ. ދެން މިކަންތައްތަކުގެ ތެރެއަށް އެންމެބޮޑު ފުރިހަމަކަމެއް ގެނެސްދޭ އެއްކަމަކީ، އަޅުގަނޑުމެންނަށް މި ފެންނަ ޕެސެންޖަރ ޓަރމިނަލް. 

އެހެންވީމާ، މި ހުރިހާ ކަންތައްތަކަކާއެކު، ގުޅިގެން އަންނަ ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓުތައް، ޚާއްޞަކޮށް، މިހާރު ސަރުކާރުން ފަށައިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް އައުމުން، ވަރަށް ވަރުގަދަ ވެގެންދާނެ. އަދި ހަމަ އެއާއެކު، ޑޮމެސްޓިކް އެއަރޕޯޓުތަކެއް އެބައާދޭ. މިއީ އަޅުގަނޑުމެންނަށް ލިބޭނޭ އެންމެ ބޮޑު ކުރިއެރުމަކަށްވާނީ. އަދި އެނގިވަޑައިގަންނަވާނެ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެއް އާރު.ޓީ.އެލް. ފެރީ ނިޒާމު. އެ ނިޒާމުން މިހާރު މިވަނީ ބޮޑުތިލަދުންމަތީގެ 41 ރަށް ގުޅައިލެވިފައި. މި އަންނަ އައުމުގައި، ކުރިއަށް އޮތް އަހަރު އިރާދަކުރެއްވިއްޔާ، މުޅި ރާއްޖެ އެއްކޮށް ގުޅައިލީމާ، އަދި ކިރިޔާ ދަތުރުފަތުރުގެ ނިޒާމް އެފޯޑަބަލް، ފަސޭހަގޮތަކަށް، ބޭނުން މީހަކަށް، ބޭނުން ފެންވަރެއްގެ މީހަކަށް، ބޭނުން ތަނަކުން، ބޭނުން ގަޑިޔަކު، ބޭނުން ރަށަކަށް ދިޔުމުގެ ފުރުޞަތު ހަމަ އެކީ އިރާދަކުރެއްވިއްޔާ ފަހިވެގެންދިޔައީ.

އަޅުގަނޑުމެންނަށް މި ފެންނަނީ މުޅިން ތަފާތު މަންޒަރެއް. އަޅުގަނޑުމެން މިއަދު ދައްކަންވީ އިޤްތިޞާދާ ބެހޭ ވާހަކަ. އަޅުގަނޑުމެން ބަލައިލަންވީ ދުނިޔޭގެ ޤައުމުތަކަށް. އަޅުގަނޑުމެންގެ ކައިރިން ބަލައިފި ކަމަށްވަންޏާ ދުބާއީ، ދޯހާ، ސަޢޫދީ ޢަރަބިއްޔާ، ސިންގަޕޯރ. އަދި ދުރު ޤައުމުތަކަށް ބަލައިލައިފައި، އަޅުގަނޑުމެން މިއަދު ކުރަންވީ މަސައްކަތަކީ، އިޤްތިޞާދު ފުޅާކުރުން. އެއީ، ރައްޔިތުންނަށް ބޭނުންވާނެ ކަމަކީ. ރައްޔިތުންނެއް ބޭނުމެއްނުވޭ ކަންކަމުގައި ސަކަރާތްޖަހާކަށް. ތިމަންނާމެންގެ ޤައުމަށް ވަންނަނީ ކޯއްޗެއްތޯ، ތިމަންނާގެ ޖީބަށް ވަންނަނީ ކޯއްޗެއްތޯ، ކިހާވަރަކަށްތޯ ތިމަންނާމެންނަށް ހިތްހަމަޖެހިގެން، އެހެން މީހުންގެ ފައިމައްޗަށް ނުވެއްޓި، އެހެން މީހުންނަށް ބަރޯސާނުވެ އުޅެވޭނީ. އެއީ ހަމައެކަނި ރައްޔިތުން ބޭނުންވާ ކަމަކީ. މިއަދު އަޅުގަނޑުމެން ކުރަންވީ މަސައްކަތަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ދިވެހިރާއްޖެއަށް ފަތުރުވެރިކަން އިތުރަށް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ އިންޑަސްޓްރީތައް ޑައިވަރސިފައި ކުރުމަށްޓަކައި، ދެން އިތުރަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލައި، އެކަންކަން ކުރުމުގެ މަސައްކަތް.

އަޅުގަނޑު ހަނދާން އެބަހުރި، ޓޫރިޒަމަށް 50 އަހަރު ފުރިގެން މަނިކުފާނު ކުރީ ރޭ ދެއްކެވީ ވަރަށް އަގުހުރި ވާހަކަފުޅުތަކެއް. ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް. އަޅުގަނޑަކަށް ވަގުތެއް ނެތް އެހާދިގުކޮށް ވާހަކަ ދައްކާކަށް. މިއަދު ވަރަށް ދިގުކޮށް ވާހަކަ ދައްކާލާހިތްވާ ދުވަހެއް މިއީ. އެހެންނަމަވެސް، މިއަދުގެ ވަގުތުތައް ހުރިގޮތުން، އަޅުގަނޑު ކުރުކޮށްލަން އެބަޖެހޭ. އެހެންނަމަވެސް، މަނިކުފާނު އެ ދެއްކެވި ވާހަކަތައް، ރައީސުލްޖުމްހޫރިއްޔާ ތިން ރެއެއްގެ މަތިން، ފަތުރުވެރިކަމުގެ ހަވީރު، ނުވަތަ އެ 50 އަހަރު، ގޯލްޑަން ޖުބިލީ ފާހަގަކުރުމަށްޓަކައި އެ ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި، މި ހުރިހާ ތަފްޞީލުތަކެއް ދެއްވި. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެން ދަތުރުކުރާ މިޞްރާބު އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ، ދިވެހި ސަރުކާރާއި މުޅި ދިވެހި ދައުލަތް، މުޅި ދިވެހި ރައްޔިތުން، ޕްރައިވެޓް ސެކްޓަރ، ޚާއްޞަކޮށް، ޕްރައިވެޓް ސެކްޓަރ އެންގޭޖްމަންޓް ވަރަށްބޮޑަށް އޮވެގެން ކަމަށް.

އަޅުގަނޑުމެންގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީވެސް، ޕްރައިވެޓް ސެކްޓަރ އެމްޕަވަރ ކުރުން. ވަރުގަދަ ކުރުން. ސްޓްރެންތްން ކުރުން. ޤައުމަކަށް ކުރިއެރުން ލިބެނީ ޕްރައިވެޓް ފަރާތްތަކުން ކުރެވޭ މަސައްކަތްތަކުން. އޭގެ ނަތީޖާވެސް، އޭގެ މިސާލެއްވެސް މުޅި ދުނިޔެއަށް ދައްކައިދިން ބަޔަކީ ދިވެހީން. އެއީ ޓޫރިޒަމް. ރާއްޖޭގެ ޓޫރިޒަމަށް މިއަދު 50 އަހަރު ވެފައިވާއިރު ޓޫރިޒަމް އޮތް ހިސާބަކީ އެއީ ވަރަށް ރީތި ނަމޫނާއެއް. ބާކީހުރި ކަންތައްތައްވެސް އަޅުގަނޑުމެން އެގޮތަށް ކުރަންވީ. ޕްރައިވެޓް ފަރާތްތަކަށް ފަސޭހަވާނޭގޮތަށް، ލުއިވާނޭގޮތަށް، ކަންތައްތައް ހަމަޖެއްސުމަކީ، އިންތިޒާމުކުރުމަކީ، އެއީ އަޅުގަނޑުމެން އެއަރޕޯޓެއްގެ ތެރެއިންވެސް ކުރަންވާ ކަންތައްތައް.

އެއަރޕޯޓުގެ ރަންވޭއަކާއި، ޓާރމިނަލްއާ، މި ހުރިހާ ކަމެއް އަޅުގަނޑުމެން ހުޅުވައިލާއިރު، މިތަނަށް މި ޖައްސަނީ އެއަރލައިންތައް. އަޅުގަނޑުމެންގެ އަމިއްލަ ބޯޓުތަކެއް ނޫން ކޮންމެހެން މި ޖައްސަނީކީ. އަޅުގަނޑުމެންނެއް ނޫން، އެ މަސައްކަތް ކުރަނީކީވެސް. އެހެންވީމާ، އެފަރާތްތަކަށް ފަސޭހަވާނޭގޮތަށް، އިންޓަރނޭޝަނަލް ފްލައިޓްތަކާއި، ޑޮމެސްޓިކް ފްލައިޓްތަކާއި، ސީޕްލޭނާއި، އެއަރޕޯޓަށް ކައިރިކުރާ ލޯންޗްތަކާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، އެތެރޭގައި މަސައްކަތް ކުރައްވާ ގައިޑުންނާއި، އެއަރލައިން ޕާރޓްނާރސްއާއި، އެއަރލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ފުރިހަމަކަމާއެކު، ހިތްހަމަޖެހިގެން އެންމެ ޒަމާނީ ވަސީލަތްތައް ހުރި އެއަރޕޯޓަކުން އެ ލިބެންޖެހޭ ޚިދުމަތްތައް ދިނުމަށް އެފިޝަންޓް ކަމާއެކު މަސައްކަތްތައް ކުރުމަކީ އެއީ އަޅުގަނޑުމެންގެ މިއަދުގެ ރޫޙަކަށް ވާންޖެހޭނީ. އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންޖެހޭނީ. އެއީ އަޅުގަނޑުމެންނަށް ކުރިއެރުން ލިބެންއޮތް ހަމައެކަނި ގޮތަކީވެސް.

އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. ދެންމެ ޗެއަރމަން ވިދާޅުވެއްޖެ. ސަލާމަތީގޮތުންވެސް އެންމެ ވަރުގަދަ ކަންތައްތަކާއެކު، އެންމެ ޒަމާނީ ކޯޑް އޮފް ރަންވޭއެއް، މުޅި އެއަރޕޯޓްވެސް އެ ސެޓިފައިޑް ވެގެންދާ ފެންވަރަށް އަޅުގަނޑުމެން ތަރައްޤީ ކުރަމުންދާއިރު އަޅުގަނޑުމެން ވިސްނަންޖެހޭނެ، އެފަދަ އެއަރޕޯޓެއް ފުރިހަމަގޮތުގައި ހިންގުމަށްޓަކައި ބޭނުންވާ މީހުން، އަޅުގަނޑުމެންގެ ތެރޭގައި ތިބެންޖެހޭނެ. އަޅުގަނޑުމެންނަށް އެބަ ފެނޭ، ދުނިޔޭގެ ވަރުގަދަ އެއަރޕޯޓްތައް. އެތަންތަނުގައި ވަނީ މީހުން ބިނާކޮށް، މީހުން ތައްޔާރުކޮށްފައި. މިއަދު އަޅުގަނޑުމެން އެންމެބޮޑު އިސްކަމެއް ދޭންޖެހޭނެ އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ މި ކަންތައްތަކަށް ބޭނުންވާ، މި ފެސިލިޓީތައް ރަނގަޅަށް ހޭންޑްލް ކުރަން އެނގޭ، އެންމެ ޒަމާނީ ޓެކްނޯލޮޖީއާއި ވަސީލަތްތައް ބޭނުންކުރަން އެނގޭކަހަލަ މީހުން އަޅުގަނޑުމެން ތައްޔާރުކުރުން. އެއީ މިތަނުގެ ފައުންޑޭޝަނާއެކުވެސް ފެށިފައި އޮންނާނެ މަސައްކަތެއް. އެކަމަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެ. ދިވެހީން ބިނާކުރުމަށްޓަކައި، ދިވެހީން ވަޒީފާތަކަށް ފޮނުވުމަށްޓަކައި، އެ ބާރުވެރިކަން ދިނުމަށްޓަކައި، އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭނެ. އެހެންވީމާ، މިއަދު އަޅުގަނޑު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ، އެމް.އޭ.ސީ.އެލް.ގެ މެނޭޖިންގ ޑައިރެކްޓަރސްއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، މިހާހިސާބަށް އެކިއެކި މަސައްކަތްތައް، ރަންވޭ ވިޔަސް، ފިއުލް ފަރމް ވިޔަސް، އަދި ކާގޯ ޓާރމިނަލް ވިޔަސް، އަދި ވަކިން ޚާއްޞަކޮށް، މިހާރު ކުރިއަށްމިދާ މި މަސައްކަތްތަކުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، ވޭތުވެދިޔަ ހުރިހާ އަހަރުތަކެއްގައި މި މަސައްކަތުގެ މާސްޓަރ ޕްލޭނުން ފެށިގެން، މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ޗެއަރމަން އެމް.ޔޫ. މަނިކަށާއި، އަދި ބޯޑު މެންބަރުންނަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް ދަންނަވަން. އެއަރޕޯޓުގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

I would also like to take this opportunity to extend my heartfelt gratitude to the Ambassador of China Miss Wang Lixin, for your support and corporation. China has always been a very very close friend to us. And we appreciate all the contributions and the assistance provided by the Government of China. Thank you so much, Lixin.

އަޅުގަނޑުގެ މި ވާހަކަކޮޅުގައި، ޑީ.ޔޫ.ސީ.ޖީ.ގެ ނަންވެސް ފާހަގަކޮށް، ޑީ.ޔޫ.ސީ.ޖީ.އިން ކޮށްފައިވާ ހުރިހާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަދި މުޅި އެއަރޕޯޓުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޖުމްލަކޮށް ޝުކުރު ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. މިއަދަކީ މިއީ އަޅުގަނޑަށްވެސް ލިބުނު ވަރަށް އުފާވެރި ބާއްޖަވެރި ދުވަހެއްގޮތަށް ﷲ އިރާދަކުރެއްވީތީ މި ފެންނަނީ. ވަރަށްބޮޑު އުފަލެއް ލިބުނު ދުވަހެއް. މިއީ އެންމެން ބޭނުންކުރާނެ ތަނެއް. އެއަރޕޯޓް ބޭނުންނުކުރާ އެއްވެސް ރައްޔިތެއް ނުހުންނާނެ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ މިއަދު މި ހުޅުވިގެންމިދާ ރަންވޭއަކީ، މި އެއަރޕޯޓަކީ މިއީ، ދިވެހި ރައްޔިތުންގެ ތަނެއް ކަމަށް. މިއީ ހުރިހާ ރައްޔިތުންގެ އެއަރޕޯޓް. ރައްޔިތުންގެ ރަންވޭ. ރައްޔިތުންގެ ޓަރމިނަލް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު އަދިވެސް އެއްފަހަރު ޝުކުރު އަދާކުރަން. އަޅުގަނޑުގެ އުންމީދަކީ ﷲ އިރާދަކުރެއްވިއްޔާ، މިއީ އަނެއްކާވެސް އާ ފެށުމެއް.   50 އަހަރު ގުނާފައި، އިތުރަށް އޮތް 50 އަހަރަކީ ގޯލްޑަން 50 އަހަރުގެ ގޮތުގައި މަސައްކަތްކުރާ އަހަރުތަކަކަށްވުން. އެހެންވީމާ، އެކަމަށް ލިބޭ ބޮޑު ބާރެއްގެ ގޮތުގައި އަޅުގަނޑަށް މި ފެންނަނީ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކޮށް، ޤައުމަށް ހަމަޖެހުން ގެނައުމަށްޓަކައި، އިޤްތިޞާދު ވަރުގަދަ ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލައްވައި، ދިވެހި އެންމެހައި ރައްޔިތުންނަށް، ދިވެހި ޤައުމަށް އުފާފާގަތި ދުވަސްތަކެއް މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.