ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރ. އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އ.ތ.މ. ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ކުރިމަތިވާ ބައެއް ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލު އިދާރާގެ އިމާރާތާއި ސްކޫލާއި އިންޖީނުގޭގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާކަމާއި ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށުގެ މުޖުތަމަޢުގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތައް ވެސް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އިނގުރައިދުއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ޙާލަތު ގާތުން ބައްލަވައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް އެރަށެއްގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވަން ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ މިހާރު އެކި މަރުހަލާގައި ކުރިޔަށްދާ މަޝްރޫޢުތައްކަން ފާހަގަކުރައްވައި އެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ އެ ކޮމެޓީން ރަށުގެ އަންހެނުންނަށް އަމާޒުކޮށް ޕްރޮގްރާމްތައް ހިންގުމަށް ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދެވޭނެ ތަނެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގުރައިދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވައި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިނގުރައިދޫ ސްކޫލުގެ އަހަރީ ސްކައުޓް ކޭމްޕް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ކޭމްޕުގައި ބައިވެރިވާ ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
ކައުންސިލާއި އ.ތ.މ ކޮމެޓީއާ މުއައްސަސާތަކާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލް އިދާރާ ބައްލަވާލައްވާފައެވެ.