ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާ ބަޙްރައިންގެ ގުޅުން ބަދަހިކުރުމާގުޅޭ 4 އެއްބަސްވުމެއް މިއަދު ބަދަލުކުރައްވައިފިއެވެ. މި އެއްބަސްވުންތައް ބަދަލު ކުރެއްވުމަށް، ބަޙްރައިންގެ އަލް ޤުޟައިބިއްޔާ ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" އަކީ، ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެޤައުމުގެ މެދުގައި ޚިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

މީގެ އިތުރުން ބަދަލު ކުރެވުނު އަނެއް އެއްބަސްވުމަކީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އޮން ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮރމޭޝަން އެންޑް ޑޮކިއުމެންޓޭޝަން" އެވެ. މިއީ ބަޙްރައިންގެ މުޙައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކެޑަމީ ފޯރ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މިއަދު ބަދަލު ކުރެވުނު ތިންވަނަ އެއްބަސްވުމަކީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް" އެވެ. މިއީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

މީގެ އިތުރުން މިއަދު ވަނީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކްލައިމެޓް ޗޭންޖް"، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްވެސް ބަދަލު ކުރައްވާފައެވެ.

މިއަދު ބަދަލު ކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފެވެ. އެހެން އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއް ވެސް އިޢުލާނު ކުރައްވާފައެވެ. ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑާޓާތަކުގެ ސިޔާދަތީ ބާރު، ރާއްޖެއަށް ދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާ ވަނީ ޤުޟައިބިއްޔާ ގަނޑުވަރުގައި ބައްދަލުކުރައްވާފައެވެ.