بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ މި އަހަރުގެ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ މުދައްރިސުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ދެއްވާ ހުރިހާ ބޭފުޅުންނަށާއި، މުދައްރިސުން ބިނާކުރެއްވުމުގެ ޒިންމާ އަދާކުރައްވާ އެންމެހައި ބޭފުޅުންނަށްވެސް، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ދުނިޔޭގެ ފެންވަރުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް، އ.ދ.ގެ ތަޢުލީމާއި ސައެންސާއި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "ތަޢުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" މިއެވެ. ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވަމުން ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ. އެ ހަލުވި ބަދަލުތަކާ އެކު، ހުރިހާ ރޮނގަކުންނާއި ހުރިހާ ދާއިރާއަކުން ވެސް ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށެވެ. ތަޢުލީމީ ދާއިރާގެ އަމާޒަކަށް ހަދަންވީ، ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއް ހަމައެއްގައި ޤައުމު ތަރައްޤީކޮށް ކުރިއެރުވޭ ވަރުގެ ތަޢުލީމީ ދަރިންތަކެއް އުފެއްދުމެވެ.

އިންސާނީ މުޖްތަމަޢަށް އަންނަ ކޮންމެ ރަނގަޅު ބަދަލަކާއި ނުރަނގަޅު ކޮންމެ ބަދަލެއް ވެސް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަނީ، އެ މުޖްތަމަޢެއްގެ ތަޢުލީމީ ދާއިރާއާއެވެ. މުޖްތަމަޢު އިޞްލާޙްކޮށް ރަނގަޅުކުރުމަށް އެދޭ ކޮންމެ ބަޔަކުވެސް، އެ މަސައްކަތް ފަށަނީ ތަޢުލީމީ ދާއިރާއިންނެވެ. ސްކޫލް މަދަރުސާތަކާއި ކޮލެޖް ޔުނިވަރސިޓީތަކަކީ، ދަރިން ތަރުބިއްޔަތުކޮށް ޢިލްމީ އަލިކަމުގެ ތެރެއަށް ދަރިން ނެރެދޭ މުއައްސަސާތައް ކަމަށްވާތީއެވެ. ހަމަ އެފަދައިން އެ މުޖްތަމަޢަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އެންމެ މުހިންމު ދައުރު އަދާކުރަނީ ވެސް އެ މުއައްސަސާތަކުން ކަމަށްވާތީއެވެ.

ޤައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށާއި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ފެންވަރު ރަނގަޅު ޓީޗަރުންނާއި މުދައްރިސުން އުފެއްދުމެވެ. މިއަދުގެ ތަޢުލީމީ ވައްޓަފާޅިއަކީ، ހަމައެކަނި ފިލާވަޅު ނަގައިދިނުމާއި ފިލާވަޅު ދަސްކުރުމެއް ނޫނެވެ. މިއަދުގެ ތަޢުލީމީ މަންހަޖުގެ އަމާޒަކީ، ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރުތަކާއި ޤާބިލުކަން ފާހަގަކޮށް އެ ހުނަރުތަކާއި އެ ޤާބިލުކަން އެކުދިންގެ ކިބައިގައި އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކޮށްދިނުމެވެ. އެކަމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް، މުދައްރިސުންނާއި ޓީޗަރުން އަހުލުވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ޓީޗަރުންގެ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ކިޔަވައިދިނުމަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުން ނޫން ކަމެވެ. ކޮންމެ ޓީޗަރަކުމެ އެ އަދާކުރައްވަނީ، އަޅުގަނޑުމެންނަށް އެކަމުގެ އަގު ވަޒަންކުރެވޭ ވަރަށްވުރެ، މާ މާތް އަދި އެހާމެ މަތިވެރި ޤައުމީ ވާޖިބެކެވެ. އަމިއްލަ އުފަލާއި ޢާއިލާގެ އެތައް ކަމެއް ދޫކުރައްވައި، ރެޔާއި ދުވާލުގެ އެތައް ވަގުތެއް ހޭދަކުރައްވަމުން އެ ގެންދަވަނީ، ޤައުމުގެ ކުރިމަގަށް ބޭނުންވާ ހެޔޮލަފާ ދަރިން ތަރުބިއްޔަތު ކުރެއްވުމުގައެވެ. އެކަމަށްޓަކައި، ރާއްޖޭގައި ކިޔަވައިދެއްވާ ހުރިހާ ލޮބުވެތި ޓީޗަރުންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ އެންމެހައި ޓީޗަރުންނާއި މުދައްރިސުންނަށް ތާއަބަދުގެ ތަނަވަސްކަމާއި ފާގަތިކަން، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުމެވެ. ޤައުމު ބިނާކުރުމަށް ބޭނުންވާ ހެޔޮ ލަފާ ތަޢުލީމީ ދަރިން އުފެއްދުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ކުރައްވާ މަސައްކަތުގައި، އެކަލާނގެ ބަރަކާތް ލައްވައި، ތަޢުލީމީ ދާއިރާއަށް ކާމިޔާބާއި ކުރިއެރުން މިންވަރުކުރައްވާށިއެވެ! އާމީން!