بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމްގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރެއަކީ އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކަން ނިންމައިގެން އައި ރެއެއް ނޫން. މީގެ ދެ ޙަފްލާއެއްގައި ވަރަށްގިނަ ވަގުތު މިކަމާ ބެހޭގޮތުން އަޅުގަނޑަށް ވާހަކަ ދެކެވިއްޖެ. އެހެން ނަމަވެސް، މި ޙަފްލާގެ ބޭނުމަކީ ފަތުރުވެރިކަން ކުރިއެރުވުމުގައި އަޅުގަނޑުމެން މި ހޭދަކުރި 50 އަހަރުގެ ތެރޭގައި، އެކި ރޮނގުރޮނގުން މި ޞިނާޢަތުގައި މަސައްކަތް ކުރެއްވި ބޭފުޅުން ފާހަގަކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުން ކަމަށްވާތީ، ކޮންމެވެސް އެއްޗެއް އަޅުގަނޑު އަނެއްކާވެސް ދަންނަވާލާނަން.

އާދެ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނީ މިއަދު. އެ އުފާވެރި މުނާސަބަތާ ގުޅިގެން، ދިވެހި ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުވެރިކަމާއެކު، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް ވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ، މި އުފާވެރި ޙަފްލާ ބޭއްވިގެން މިދަނީ، މި އިވެންޓް ތަޢާރަފް ކުރަމުން ވިދާޅުވިފަދައިން، ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިޒޯޓުގައި. ވިހަމަނާފުށީގައި "ކުރުނބާ ވިލެޖް"ގެ ނަމުގައި ރިޒޯޓެއް ހުޅުވި، މިއަދު ކުރުނބާ މޯލްޑިވްސްއަށް ބަދަލުވެފައި އޮތް ނަމަވެސް، މިއީ އަޅުގަނޑުމެން އެ ފަޚުރުވެރިވާ ރަށް. އެކަމަށްޓަކައި މި ބައްދަލުވުމަށް އިތުރު ފުރިހަމަކަމެއް ލިބިގެން އެބަދޭ.

އާދެ، މިރޭ މި ކުރިއަށް ދަނީ ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރަސްމީކޮށް ބާއްވާ އެންމެފަހު އިވެންޓް، އަދި އެންމެ ކުލަގަދަ ޙަފްލާ. ރާއްޖޭގައި ފަތުރުވެރިކަން އުފަން ކުރެއްވުމުގައި، އަދި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިގެން، މިރޭ ދިވެހި ފަތުރުވެރިކަމުގެ ރަން އެވޯޑް ޙާޞިލް ކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.

ފަތުރުވެރިކަމުގެ ޞިނާޢަތުގައި މިދިޔަ 50 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރެއްވުމަށް، ޓޫރިޒަމް މިނިސްޓްރީން ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަވައިފި. ނަމަވެސް، މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުންތަކެއްގެ އަގު ވަޒަންކުރާއިރު، ފަހަރެއްގައި ބޭފުޅެއްގެ ނަން އުނިވެފައި އޮތުމަކީ އެކަށީގެންވާ ކަމެއް. އެ ހުރިހާ ބޭފުޅުން ވެސް ހިމެނޭގޮތަށް، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

މި ޖަޒީރާތަކުގައި ފަތުރުވެރިކަން އުފަންކުރެއްވި ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން ދައްކައިފިން. ދިވެހިންގެ ދޫދޫމަތިންވެސް އެ ވާހަކަތައް ތަކުރާރުވާނެ. ސަބަބަކީ، އިޤްތިޞާދީ ގޮތުން މިއަދު މި ރާއްޖެ ފޯރާފައި މިވާ އައްސޭރިއަށް، މި ޤައުމާއިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެ ދުވަހު ކެރިވަޑައިގެން އެ ގޮންޖެހުންތަކާ ކުރިމަތިލެއްވީމަ.

ތަކުރާރުކޮށް އެ ވާހަކަ ދެކެވުނަސް، މިރޭވެސް އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، އެ ބޭފުޅުންގެ އެ މަސައްކަތަށް ޝުކުރު ދެންނެވުން. ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި މުޙައްމަދު ޢުމަރު މަނިކު އަދި ޗަމްޕާ ޙުސައިން ޢަފީފް. އަދި އެ ތިން ބޭފުޅުންނަށް އެހީތެރިވެދެއްވި އިޓަލީ ވިލާތުގެ ޖޯޖް ކޯބިން އަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވަން.

ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް އައިއިރު، ތަފާތު ދައުރުތައް ފެނިފައި އެބަހުރި. އެންމެ ފުރަތަމަ މި ޞިނާޢަތް ރާއްޖޭގައި އުފަންކުރުވި ޕައިނިއަރުން، މި މަސައްކަތް ފެށްޓެވި ގޮތް. އަދި އެކަމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް. އަދި ވަކި ހިސާބަކުން ސީދާ އެ ބޭފުޅުންނަށް ޕާރސަނަލީ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހުރަސްތައް.

އެ ބޭފުޅުން މި މަސައްކަތް ރާއްޖޭގައި ފެށްޓެވުމާއެކު، ފެނިގެން ދިޔައީ ކޮންމެވެސް ކަމެއް ކުރިމަތިކުރުވައިގެން، މި ދެންނެވި ތިން ބޭފުޅުން، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އެމަސައްކަތާ ދުރަށް ޖެހިލަން ޖެހުނު މަންޒަރު. ނަމަވެސް އެ ބޭފުޅުންގެ ޢަޒުމަކަށް ބަދަލެއް ނާދެ. ޢާއިލާގެ އެހެން ބޭފުޅުންނާއި ރައްޓެހިން މެދުވެރިކޮށް، އެ މަސައްކަތް ފުރިހަމަ ކުރައްވައި ނިންމެވި. ދިވެހި ފަތުރުވެރިކަމުގެ ބިންގަލާ ގުޅިފައިވާ މި ޙަޤީޤަތްތައް ސާފުކޮށް ލިޔެ، ތާރީޚަށްޓަކައި އެބަ ރައްކާކުރަންޖެހޭ. ކަންވީގޮތް ތެދުބަހުން ލިޔެ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން އެބަޖެހޭ.

ރާއްޖޭގެ ފުރަތަމަ ރިޒޯޓާއެކު، މަދުން ނަމަވެސް ސަފާރީ އުޅަނދުފަހަރާއި، ގެސްޓްހައުސްތަކާއި، ޑައިވިންގ ސެންޓަރުތައް މާލެއާ ކައިރި ބައެއް ރަށްރަށުގައި ހުޅުވިގެންދިޔަ. އޭގެ ތެރޭގައި، މި އަތޮޅު ހުރާ، ހިންމަފުށި، ތުލުސްދޫ އަދި ތަންކޮޅެއް ދުރުންނަމަ، ނ. އަތޮޅު ވެލިދޫ ފަދަ ބައެއް ރަށްރަށުގައި މިފަދަ ޞިނާޢަތްތައް ފެށިގެންދިޔަ. މިއަދުވެސް ވެލިދުއާ ފަތުރުވެރިކަމާ ދެމެދު އެ އޮތް ގާތްކަމަކީ، އެ ރަށާއި ދިވެހި ފަތުރުވެރިކަމާ ދެމެދު އޮތް ޒަމާންވީ ގުޅުން ދޭހަކޮށްދޭ ކަމެއް.

ނަމަވެސް، ދެން އަޅުގަނޑުމެންނަށް ފެނުނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުން މުޅިން ހުއްޓުމަކަށް އައި މަންޒަރު. ދުވަސްތަކެއް މެދުކެނޑުމަށްފަހު، ގެސްޓްހައުސްތައް މުޅި ރާއްޖެއަށް ފެތުރިގެންދިޔައީ، 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން، ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބޮޑު ބަދަލާ ގުޅިގެން. މިއަދު އެކަމުގެ ނަފާ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން އެދަނީ ފެންނަމުން.

ދިވެހި ފަތުރުވެރިކަމުގެ ތާރީޚުގައި އައި އަނެއް ބޮޑު ބަދަލު ފެންނަން ފެށީ، 1980ގެ މެދުތެރޭގެ އަހަރުތަކުގައި، މި ޞިނާޢަތާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ މިންނެތް މަސައްކަތުން. އޭގެ ތެރެއިންވެސް ޚާއްޞަކޮށް އޮނަރަބްލް ޤާސިމް އިބްރާހީމް، މި ޞިނާޢަތުގައި އިންވެސްޓް ކުރައްވަން ފެށްޓެވުމުން، މުޅި ޞިނާޢަތަށް އައި ހެޔޮ ބަދަލުތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަމަށްޓަކައި އަޅުގަނޑު އޮނަރަބްލް ޤާސިމް އިބްރާހީމަށްވެސް ޝުކުރު ދަންނަވަން.

ހަމައެއާއެކު، ޒުވާން ޖީލެއް މި ޞިނާޢަތާ އަލަށް ގުޅިވަޑައިގެންނެވި. އެފަދަ ބޭފުޅުންގެ ނަންފުޅުތައް ވަކިވަކިން ދެންނެވުން އަޅުގަނޑަކަށް އެހާ ފަސޭހައެއް ނޫން. އެހެން ނަމަވެސް، ސަން ޓްރެވަލް ޞިޔާމް އަދި ސަން ލޭން ގްރޫޕްފަދަ، މިތަނުން ފެންނަން އެބަ ތިއްބެވި އޭގެ ބައެއް ބޭފުޅުން. އެ ބޭފުޅުން ކުރެއްވި އަގުހުރި، ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އެބޭފުޅުންނަށްވެސް ވަކިވަކިން އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން.

ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ އެންމެ ލަގްޒަރީ ޕްރޮޑަކްޓަކަށް ހެއްދެވުމަށްޓަކައި ސޯނޫ ޝިވްދަސާނީ ފަދަ ބޭރުގެ ބައެއް އިންވެސްޓަރުން ކުރެއްވި މަސައްކަތަކީ ވެސް، މިފަދަ ޙަފްލާއެއްގައި ފާހަގަކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިއަދު ދިވެހިރާއްޖެއަކީ، ލަގްޒަރީ ހޮޓާ ރިޒޯޓްތަކުން ފެށިގެން ހުރިހާ ފަންތިއެއްގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް.

އެކަމަށްޓަކައި، ރިޒޯޓް އޯނަރުންނަށާއި، ރިޒޯޓް އޮޕަރޭޓަރުން އަދި ގެސްޓްހައުސް ހިންގަވާ ބޭފުޅުންނަށާއި، ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި، ޑައިވިންގ ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ދިވެހި ޓްރެވަލް އޭޖެންޓުންނަށާއި، އެއަރލައިންތަކާއި، ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ ފަންނާނުންނާއި، މި ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އާކިޓެކްޓުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އަދި ޚިދުމަތް ދެއްވަން ތިއްބެވި ކަސްޓަމްސް، އިމިގްރޭޝަން، އެއަރޕޯޓުގެ މުވައްޒަފުންގެ ދައުރުވެސް އަޅުގަނޑު މިރޭ ފާހަގަކުރަން. ދިވެހި އެމްބަސީތަކާއި، ހައިކޮމިޝަންތަކާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ލިބެމުންދާކަންވެސް އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަށް، އެމް.އެމް.ޕީ.އާރް.ސީ.ގެ ފަރާތުން ކުރައްވާ މަސައްކަތް ވެސް މިފަދަ މުނާސަބަތެއްގައި ފާހަގަކުރަންޖެހޭނެ. ކޯވިޑްގެ ދަތިކަމުގައި މި ހޭދަކުރި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް އެމް.އެމް.ޕީ.އާރް.ސީ. އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. އެކަމަށްޓަކައި އެ ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި އިންޑަސްޓްރީ ތަރައްޤީކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ ހުރިހާ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ދިވެހި ފަތުރުވެރިކަމުގެ މި 50 އަހަރުގެ ތަޖުރިބާއިން އަޅުގަނޑަށް ފެންނަ އެހެން ކަމެއްގެ ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުން. އެއީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ ޞިނާޢަތްތައް ތަރައްޤީ ކުރުމުގައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަންޖެހޭ ގުޅުން. ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ.

ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެންދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން. ސަރުކާރުގެ ދައުރަކީ ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

ދިވެހި ފަތުރުވެރިކަމުން އަޅުގަނޑުމެންނަށް ލިބިދޭ އަނެއް ފިލާވަޅަކީ، ބަޔަކު ދުވަހަކު ޚިޔާލަށް ވެސް ނުގެންނަ، އަދި އެއްގޮތަކަށް މި ރާއްޖޭގައި ނެތް ކަމެއް ވެސް، އަޅުގަނޑުމެންގެ ތެރޭގައި ތަރައްޤީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެކަން. ބޭނުންވަނީ ނަސީމްގެ އެ ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުން. އެމް.ޔޫ މަނިކުގެ ދެ ގޮތެއް ނުވާ ޢަޒުމާއި، ސާބިތުކަން ހުރި، ދިވެހި ދަރިން. ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި ޢަފީފްގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން.

އެފަދަ ކިތަންމެ ޒުވާނުންނެއް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވެސް ތިބޭނެ. ބޭނުންވަނީ ޙާޞިލްކުރާ ޢިލްމުގެ އަލީގައި، ތިމާގެ ސިކުނޑީގައި އީޖާދީ ވިސްނުން އުފަންކުރުވުން. ކަންކަމާ މެދު ދެކޭގޮތާއި ވިސްނާ ގޮތް ބަދަލުކުރުން.

އެހެންވީމާ، ދިވެހިރާއްޖޭގެ ޒުވާން ޖީލަށް އަޅުގަނޑު މިއަދު ބުނެލަން ބޭނުންވަނީ، ދިވެހިރާއްޖެއަށް އައު ކޮންމެވެސް ޞިނާޢަތެއް، އައު އުފެއްދުމެއް ނުވަތަ އައު އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރައްވާށޭ. މުޅި ޤައުމަށް ބޭނުން ހިފޭފަދަ މުޅިން އައު ކަމަކާ މެދު ވިސްނުން ހިންގަން ފަށާށޭ. އިރާދަކުރެއްވިއްޔާ ކާމިޔާބީގެ މަގު ފެންނާނެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މި މުނާސަބަތު ފާހަގަކުރުމުގައި، ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހީވާގި މުވައްޒަފުންނަށް، މިނިސްޓަރ ޑޮކްޓަރ މަޢުޞޫމް ޝާމިލްވާގޮތަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންނަށާއި ދިވެހި ފަތުރުވެރިކަމަށް ވަރަށް ފާގަތި މުސްތަޤްބަލެއް، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.