ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އަތޮޅުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާއި އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންމާ ގުޅޭ ގޮތުން ކައުންސިލް މެންބަރުންނާއި ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅުގޭގައެވެ.

މިބައްދަލުކުރެއްވުމުގައި ހއ. އަތޮޅު ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި ވަނީ، ހއ. އަތޮޅުގެ ރަށްރަށުގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާ ކަމަށާއި، އަދި، ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް ހިނގަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އަދި، ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އިތުރަށް ހަލުވި ކުރަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

ހއ. އަތޮޅު ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި، ކަންކަމުގެ ތެރޭގައި، ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގެ ތެރޭގައި ފަޅުރަށްރަށާއި، ފަރުތައް ނެތް ރަށްރަށަށް އާމްދަނީ ހޯދުމުގެ ދަތިތަކާއި، ހއ. އިހަވަންދޫ ބަނދަރުގައި ހުރި މައްސަލަތައް ޙައްލު ކުރުމާއި، ހއ. އަތޮޅު ހޮސްޕިޓަލުގައި ދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާ ކުރުމަށާއި، އަދި ޚިދުމަތްތައް މެދުކެނޑޭ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ދިއްދޫގައި މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް ތިބި މުވައްޒަފުން މަދުވުމަކީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިކަމެއްކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ތިލަދުންމައްޗަށް އެމަނިކުފާނު ކުރެއްވި މިދަތުރުފުޅުގައި، އަތޮޅުގެ ރަށްރަށުން ދެންނެވި ހޫނު މަރުޙަބާއަށާއި ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރޭ އިފްތިތާޙް ކުރެވިގެންދިޔަ އާރް.ޓީ.އެލް. ގެ ޚިދުމަތަކީ، އަތޮޅުގެ ތަރައްޤީއަށް ވަރަށް މުހިއްމު ޚިދުމަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި ކައުންސިލްތަކުގެ އިހްތިޞާޞްއާ ގުޅޭ މައްސަލަތައް، އެންމެ ފަހުން ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވެސް ފާހަގަކުރެވި އެކަމާމެދު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި، އެކަމާގުޅޭ މަސައްކަތްތައް މިހާރު ކުރެވެމުންދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް މެދު ކެނޑުނަ ނުދިނުމަށާއި، ޞިއްޙީ ޚިދުމަތްތައް ވެސް އިތުރަށް ތަރައްޤީ ކުރުމަށް ޙާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ.

މިސަރުކާރުން، ހއ. އަތޮޅުގައި 199 މަޝްރޫޢެއް ކުރިޔަށްގެންދާއިރު، އޭގެ ތެރެއިން، 73 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. މީގެ އިތުރުންވެސް ހއ. އަތޮޅުގެ ތަރައްޤީއަށް ހިންގޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ބީލަން މަރުޙަލާގައާއި، ޕްލޭނިންގ މަރުޙަލާގައި މިހާރު ދަނީ ހިނގަމުންނެވެ.