السَّلَامُ عَلَيْكُمْ.

ކުރީ ދުވަހު އަޅުގަނޑު އެއްޗެއް ދެންނެވޭތޯ ބެލީ، ދުނިޔޭގައި ނޫސްވެރިކަން ފެށިގެން އައިގޮތާ ދޭތެރޭގައި. އަދި ނޫސްވެރިކަމުގެ ދާއިރާ ފުޅާވެގެންދިޔަގޮތާ ދޭތެރޭގައި. އެންމެ ފުރަތަމަ ނޫސްވެރިކަން ބެލިފައި އޮތީ އެއީ ހަމައެކަނި ނޫސް މަޖައްލާތަކުގައި ޚަބަރު ޝާއިޢުކުރުމާއި، އެކި ކަންކަމާބެހޭ ޚިޔާލު ޝާއިޢުކުރުން ކަމުގައި. އޭގެފަހުން ރޭޑިޔޯ، އެ ނޫސްވެރިކަމުގެ ދުނިޔެއަށް ވަދެއްޖެ. ރޭޑިޔޯގެ ފަހުން ޓެލެވިޜަންވެސް ނޫސްވެރިކަމުގެ ދުނިޔެއަށް ވަނީ ވަދެފައި. ހަމަ އެއާއެކުގައި، މިދެންނެވި މާނައިގައި ނޫސްވެރިކަން އަދާކުރަމުންދާ ދައުރު ފުޅާވެގެންދިޔަގޮތާއި، އޭގެ ބާރުގަދަވެގެންދިޔަ ގޮތުގެ ވާހަކަވެސް އަޅުގަނޑު ވާނީ ދަންނަވާލާފައި.

ނޫސްވެރިކަމަކީ، ތަނުގެ ޢާންމު ރައްޔިތުންގެ ޚިޔާލު ވަކިގޮތަކަށް ލެންބުމުގައި، ވަކި މިޞްރާބަކަށް ގެންދިޔުމުގައި ބޭނުންކުރެވޭ ވަސީލަތަކަށް ވެއްޖެކަމުގެ ވާހަކަވެސް ދެންނެވިން. އަދި ނޫސްވެރިކަމުގެ ކަންތައްތަކަކީ، ތަނުގެ ސިޔާސީ ނިޒާމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކެއް ކަމުގައިވެސް ދެންނެވިން. އެހެންވީމާ، އެކި ޤައުމުތަކުގައި ނޫސްވެރިކަމަށް ލިބިފައިވާ މިނިވަންކަން ތަފާތުކަމުގައިވެސް ދެންނެވިން.

ހަމައެއާއެކުގައި، ނޫސްވެރިކަމުގެ ބާރުގަދަވެގެންދިޔުމުން، އޭގެ ބޭނުންކުރެވޭ ގޮތަކުން ދުނިޔޭގައި ކަންތައްތައް ހިނގާގޮތަށް ބަދަލުގެނުވިދާނެކަމުގެ މިސާލުތައްވެސް އަޅުގަނޑު ދަންނަވާލިން. ސްޕެއިނާއި އެމެރިކާއާ ދޭތެރޭގައި ކުރެވުނު ހަނގުރާމައާއި އަދި ފަހުން ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި، "ނާޒީ" ޕްރޮޕެގެންޑާ އަދާކުރި ބަޔާ، މިވާހަކަތައްވެސް ކޮންމެވެސްވަރަކަށް ދަންނަވާލިން.

އާދެ، އަޅުގަނޑު މިއަދު ޤަޞްދުކުރަނީ، ބައިނަލްއަޤްވާމީ ދާއިރާގައި ނޫސްވެރިކަން މިހާރު ކުޅެމުންދާ ބަޔާ ދޭތެރޭގައި އެއްޗެއް ދަންނަވާލުމަށް. އާދެ، ނޫސްވެރިކަމޭ އަޅުގަނޑު މިދަންނަވަނީ، ހަމައެކަނި ދުނިޔޭގައި ނެރޭ ބޮޑެތި ނޫސް މަޖައްލާތަކުގެ ވާހަކައެއް ނޫން. އޭގެއިތުރުން، ޚަބަރުފަތުރާ ޢާންމު ބޮޑެތި ވަސީލަތްތަކުގެ ވާހަކަ. އާދެ، އެއީ ރޭޑިޔޯ ސްޓޭޝަންތައް ކަމުގައިވިޔަސް، ނުވަތަ ދުނިޔޭގެ އެތަން މިތަނަށް ޚަބަރު ފޮނުވައިދޭ ބޮޑެތި ނިއުސް އޭޖެންސީތައް ކަމުގައިވިޔަސް، މިހުރިހާ އެއްޗެއް އެކުލެވިގެންވާ ގޮތުން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބީ.ބީ.ސީ. ނުވަތަ ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެއީ އިނގިރޭސިވިލާތުގައި ހިނގަމުންދާ ތަނެއް. ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ބީ.ބީ.ސީ. ޚަބަރުތައް އަޑުއަހާ މީހުން އުޅޭ. ހަމައެފަދައިން، ވޮއިސް އޮފް އެމެރިކާ. އެއީވެސް ވަރަށްގިނަ ބަޔަކު އަޑުއަހާ ރޭޑިޔޯ ސްޓޭޝަނެއް. އަދި އެނޫންވެސް މުހިންމު ބޮޑެތި ރޭޑިޔޯ ސްޓޭޝަންތައް ދުނިޔޭގައި ހުރޭ. އެތަންތަނުން ދުވާލަކު އެތައްފަހަރަކު ޚަބަރު ފޮނުވާ. އަދި ޚަބަރާބެހޭ އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް އެތަންތަނުން ހިންގާ.

އެނގިވަޑައިގަންނަވާނެ ފަދައިން، ބީ.ބީ.ސީ.އިން ދުވާލަކު ގާތްގަނޑަކަށް ފަނަރަފަހަރު، ސަތާރަފަހަރު، ހަމަ ޚަބަރު ފޮނުވާ. އޭގެއިތުރުން، އަދި އޮވޭ ޚަބަރާބެހޭ ތަފާތު ޕްރޮގްރާމްތައް. މިސާލަކަށް، "ރޭޑިޔޯ ނިއުސްވީކް" ނުވަތަ "ނިއުސް ޑެސްކް،" "ޓުވެންޓީ ފޯރ އަވަރޒް." މިކަހަލަ ކިތަންމެ ޕްރޮގްރާމެއްގައި، އަޞްލު އެ ދުވަހެއްގެ މުހިންމު ޚަބަރުތައް ކުރުގޮތަކަށް ބުނެފައި، އެއާ ދޭތެރޭގައި އިތުރު މަޢުލޫމާތު ދިނުން އޮވޭ. ބައެއް މީހުން ގެނެސްގެން، އެމީހުންނާ ސުވާލުކޮށްގެން ނުވަތަ ދުނިޔޭގެ އެތަންމިތާނގައި ތިބޭ އެމީހުންގެ ކަރެސްޕޮންޑެންޓުން ނުވަތަ ޚަބަރު ފޮނުވައިދޭ މުރާސިލުންނާ ޓެލެފޯނުން ވާހަކަ ދައްކައިގެން، އެމީހުން ބުނާ އެއްޗެއް ގެނެސްދީ، މިހެން އެބަ ހަދާ. އަދި އަޅުގަނޑުމެންގެ މި ސަރަޙައްދުގައިވެސް އެކަހަލަ ބައެއް ރޭޑިޔޯ ސްޓޭޝަންތައް ހުރޭ. ތިޔަބޭފުޅުން އައްސަވާނެ "ފީބާ." އޭގެ ޚަބަރުތަކުގެ ވާހަކަވެސް ވަރަށް ގިނައިން ނޫސްތަކުގައިވެސް އަދި އަޅުގަނޑުމެންގެ ޚަބަރުތަކުގައިވެސް ހުރޭ. ހަމައެއާއެކުގައި، ޚަބަރު ފޮނުވައިދޭ ދުނިޔޭގެ ބޮޑެތި ނިއުސް އޭޖެންސީތައް، މިސާލަކަށް، "ރޮއިޓަރޒް ނިއުސް އޭޖެންސީ،" "އެސޯސިއޭޓެޑް ޕްރެސް،" "ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް،" "އޯޑޯންސް ފްރޯންސް." އަދި ޚަބަރު ފޮނުވައިދޭ އެނޫންވެސް ބޮޑެތި ނިއުސް އެޖެންސީތައް ދުނިޔޭގައި އެބަހުރި. އެތަންތަނުން ފޮނުވައިދޭ ޚަބަރުތައް ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ލިބޭ. ލިބުނީމާ އެ ޚަބަރުތައް ބޭނުންކުރޭ އެތަންތާނގެ ނޫސްތަކުގައި. އެހެންވީމާ، އަޅުގަނޑު އެއްޗެއް ދަންނަވާލަން މިއުޅެނީ، މި ދެންނެވި ބޮޑެތި ވަސީލަތްތައް، މިހާރު ދުނިޔޭގައި ކަންތައްކުރާގޮތާ ދޭތެރޭގައި.

އާދެ، އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ، އެކަހަލަ ބޮޑެތި ރޭޑިޔޯ ސްޓޭޝަންތަކުންނާއި އަދި ދުނިޔޭގެ ޤައުމުތަކަށް ޚަބަރު ފޮނުވައިދޭ ބޮޑެތި ނިއުސް އޭޖެންސީތަކުން ގެންގުޅޭނީ ވަރަށް ހަމަޖެހޭ ރަނގަޅު އުޞޫލުތަކެއް ކަމުގައި. އެހެން އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ. އެހެންނަމަވެސް، ޙަޤީޤަތަކީ އެއީއެއް ނޫން. ދުނިޔެއަކީ ދުނިޔެ. އިންސާނުންނަކީ އިންސާނުން. އެހެންވީމާ، އިންސާނުން ބޭނުންވާގޮތަށް، އެބަޔަކު ބޭނުންވާގޮތަށް ކަންތައްތައް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އެމީހުން ކުރާނެ. ބޭރުފުށުން ކިތަންމެ އިންޞާފުވެރި، ކިތަންމެ ރަނގަޅު އަދި ކިތަންމެ ޙަޤީޤަތާ އެއްގޮތަށް، އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ބައެއް ކަމުގައި އެމީހުން ވަކާލާތުކުރިޔަސް، ނުވަތަ އަޅުގަނޑުމެންގެ ހިތަށް ވަދެފައި އޮތަސް، ޙަޤީޤަތުގައި އެކަންތައްތައް ގުޅިފައި ހުންނަނީ އެމީހުންގެ އަމިއްލަ އެދުންތަކާ. މިދެންނެވީ ބޮޑެތި ޤައުމުތަކުގެ އެދުންތަކާ.

އެހެންވީމާ، ބޭރުފުށުން އަޅުގަނޑުމެންނަށް އިވޭ ޚަބަރު އެއީ ފަހަރެއްގައިވެސް ހަމަ މުޅިން ސަތޭކައިންސަތޭކަ ތެދު ޚަބަރު ކަމުގައި އަޅުގަނޑުމެން ބަލައިގެން ފަރުޖެއްސޭކަށް ނޯންނާނެ. އެއީ އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ މުހިންމު ނުކުތާއަކީ. މިސާލަކަށް، އަޅުގަނޑު ދަންނަވާލާނީ ބީ.ބީ.ސީ. އެއީ އެންމެންވެސް އަހާ ނަމަކަށްވާތީ، އަދި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކުވެސް ބީ.ބީ.ސީ ޚަބަރުއަހާތީ. ބީ.ބީ.ސީ.އަކީ އިނގިރޭސިވިލާތުގެ ތަނެއް. ސަތޭކައިންސަތޭކަ އިނގިރޭސި ސަރުކާރުގެ ތަނެއް. އެއީ އެތަން ހިންގުމުގައި ކޮންމެވެސްވަރެއްގެ މިނިވަންކަން އެމީހުން ދީފައި އޮތް ތަނެއް ކަމުގައިވިޔަސް، އެތަން ހިނގަނީ އިނގިރޭސި ސަރުކާރުގެ ބަޖެޓުން. އަހަރަކު އެތައް ސަތޭކަ މިލިއަން ޕައުންޑެއް ބީ.ބީ.ސީ. އަށް ޚަރަދުވޭ. އެހެންވީމާ، ތިޔަބޭފުޅުން ވިސްނަވާ، އިނގިރޭސި ސަރުކާރުގެ ސަތޭކައިންސަތޭކަ ތަނެއް، އަދި އިނގިރޭސި ސަރުކާރުގެ ބަޖެޓުން ހިނގާ ތަނެއް އެއީ. އެމީހުންގެ ބޭނުމަކަށްވާނެތޯ، ފަހަރެއްގައިވެސް އިނގިރޭސިވިލާތަށް، މީހުންގެ ހިތުގައި ނޭދެވޭ ޝުޢޫރުތަކެއް އުފެދޭކަހަލަ ޚަބަރުތަކާއި އަދި އެނޫންވެސް ޚިޔާލުތައް ފޮނުވުން.

އިނގިރޭސީންނަކީ، ޒަމާނުއްސުރެ ދުނިޔޭގެ ވަރަށްގިނަ ތަންތާނގައި ވެރިކަން ކޮށްފައިވާ ބައެއް. އަދި މިހާރުވެސް އިނގިރޭސިވިލާތުގެ ނުފޫޒު، ދުނިޔޭގެ އެތަން މިތާނގައި ވަރަށް ބޮޑަށް އެބައޮތް. އެމީހުންގެ ޢަސްކަރީ ބާރެއް ނެތް ކަމުގައިވިޔަސް، ކުރީ ޒަމާނެކޭ އެއްގޮތަށް މިހާރު އެމީހުން ދުނިޔޭގެ އެތަންމިތަން ހިފައިގެން ނެތް ކަމުގައިވިޔަސް، ސިފައިންގެ ބާރުގެ ދަށުގައި އެތަންތަން ނެތް ކަމުގައިވިޔަސް، އެމީހުންގެ ނުފޫޒަކީ މިއަދުވެސް ދުނިޔޭގައި އޮތް އެއްޗެއް. ފަހަރެއްގައިވެސް އެމީހުން ބޭނުމެއްނުވާނެ، އިނގިރޭސިވިލާތް ބަދުނާމުވާގޮތަށް ނުވަތަ އިނގިރޭސީންގެ ނަން ހުތުރުވާގޮތަށް ނުވަތަ އިނގިރޭސީންގެ މަޞްލަޙަތާ ދެކޮޅަށް ޚަބަރުފަތުރައި ނުވަތަ މީހުންގެ ހިތްތަކުގައި އެފަދަ ޝުޢޫރުތައް އުފެދޭފަދަ ޕްރޮގްރާމްތައް ފޮނުވާކަށް. އެއީ ނުވާނެ އެމީހުންގެ މަޤްޞަދަކަށް.

އާދެ، މީގެ ކިތަންމެ ހެތްކެއްވެސް އެބަހުރި. ކަންދިމާވިގޮތުން ދަންނަވަންޖެހެނީ، މިތާ ތިއްބެވި ބޭފުޅުންގެ ތެރެއިން، ބީ.ބީ.ސީ. އެންމެ ގިނަ ދުވަސް ވަންދެން އެހި މީހަކީ އަޅުގަނޑު ކަމުގައި ވެދާނެއޭ. އެހެން މިދަންނަވަނީ ވަރަށް ކުރިއްސުރެ އަޅުގަނޑު ބީ.ބީ.ސީ. ޚަބަރު އަޑުއަހާތީ.
1950 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ބީ.ބީ.ސީ. ޚަބަރުތައް އަހަމުން ގެންދާތާ މިހާރު ގާތްގަނޑަކަށް 38 އަހަރު ވަރުވެދާނެ. އާދެ، އެކަން އެގޮތަށް ދިމާވީވެސް އަޅުގަނޑަށް ކަންތައް ދިމާވިގޮތުން. އަޅުގަނޑު ވަރަށް ކުޑައިރު ސަރުކާރުން ފޮނުއްވީ. ފުރަތަމަ ދިޔައީ ކޮޅުނބަށް. އެއީ މިޞްރަށް ތަޢުލީމު ޙާޞިލްކުރަން ފޮނުއްވި ކުދިބައެއްގެ ތެރޭގައި އަޅުގަނޑަށް ދެވުނީ. އަޅުގަނޑު ކޮޅުނބަށް ދިޔަތަނާ 1948 ވަނަ އަހަރު ހިނގި ފަލަސްޠީނުގެ ހަނގުރާމަ ފެށުނީ. އެހެންވީމާ، އަޅުގަނޑަށް މިޞްރަށް ނުދެވިފައި ކޮޅުނބުގައި ދެ އަހަރު ދުވަސް ވަންދެން ހުންނަންޖެހުނު. އޭރު އަޅުގަނޑަށް އިނގިރޭސިބަސް ކުޑަކޮށްވެސް ނޭނގެ. މާލޭގައި ކުޑަކޮށް ކިޔަވަންއުޅުނިން. އެހެން ނަމަވެސް، މާބޮޑު އެއްޗަކަށް އެ ނުވޭ. އެހެންނަމަވެސް، އަޅުގަނޑަށް މިޞްރަށް ނުދެވުނު ސަބަބަކީ ފަލަސްޠީނުގެ ހަނގުރާމަ ކަމަށްވާތީ، އެ ހުރި ހުރުމުގެ ތެރޭގައި، އެ ހަނގުރާމައާ ބެހޭ ޚަބަރުތަކުގެ މުހިންމުކަމުން، އެ އޮޅުންފިލުވަން އަޅުގަނޑު ވަރަށް މަސައްކަތް ކުރިން. އޭރު ސޯސަންވިލާގައި ތިއްބެވި އިނގިރޭސިބަސް ދެނެވަޑައިގަންނަވާ ބޭފުޅުންގެ އަރިހު ދަންނަވައިގެން، ނޫސްތަކުގައި ހުންނަ ޚަބަރުތައް އޮޅުންފިލުވޭތޯ ބެލިން. ދެން އަޅުގަނޑުވެސް ހިސާބަކަށް އިނގިރޭސިބަސް ދަސްކުރެވޭތޯ ބެލިން. އެހެންހުއްޓާ 1950 ވަނަ އަހަރު އަޅުގަނޑަށް މިޞްރަށް ދެވޭގޮތްވީ. ވަރަށް ކުޑައިރު، އަޅުގަނޑުގެ ޢުމުރުން އޭރު ގާތްގަނޑަކަށް 13 ވަރަކަށް އަހަރު. އެދުވަސްވަރު އަދި ޢަރަބިބަސް އަޅުގަނޑަށް މާނޭނގޭ. ކުޑަކޮށް އިނގިރޭސިބަސް އެނގެން ފަށައިފި. އެހެންނަމަވެސް، ޢަރަބިބަހުން އެއްވެސް އެއްޗެއް ނޭނގެ. އެހެންވީމާ، ދުނިޔޭގެ ޚަބަރުތަކާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ކުރިއްސުރެ އެއުފެދެމުން އައި ޝައުޤުވެރިކަން، އެގޮތަށް އޮތުމުގެ ސަބަބުން ދެން އަޅުގަނޑަށް ޖެހުނީ އިނގިރޭސިބަހުން ޚަބަރު ހޯދޭނެގޮތެއް ހޯދަން.

އެހެންވީމާ، ބީ.ބީ.ސީ. ޚަބަރު އަހަން ފެށުނީ 1950 ވަނަ އަހަރުން ފެށިގެން. އެއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ތިޔައިގެ އެއްވެސް ބޭފުޅަކު އެދުވަސްވަރު ހަނދުމަފުޅެއް ނުހުންނާނެ. ތިޔަބޭފުޅުން އެއަށްވުރެ މާ ޒުވާން. 1950 ވަނަ އަހަރަކީ ކޮރެޔާ ހަނގުރާމަ ކުރެވުނު އަހަރު. ކުރިން ކޮރެޔާ އޮތީ އެއް ޤައުމެއްގެ ގޮތުގައި. އެގޮތަށް އޮވެފައި މިހާރު ދެ ކޮރެޔާއަކަށް ބަދަލުވެގެންދިޔައީ. އެއީ އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާ. ދެ ކޮރެޔާއަށް ބަދަލުވެގެންދިޔައީ 1950 ވަނަ އަހަރުގެ ތެރޭގައި ކުރެވުނު ހަނގުރާމައެއްގެ ސަބަބުން. އެހަނގުރާމަ ހިނގައި ނިމުނީ 1955 ވަނަ އަހަރު. އަޅުގަނޑު މި ދަންނަވަނީ އޭރުއްސުރެ ފެށިގެން އަޅުގަނޑު ޤަވާޢިދުކޮށް ހަމަ ބީ.ބީ.ސީ. އަހަމުން ގެންދަމޭ. އެހެންވީމާ، އެމީހުންގެ ކަންތައް ހުންނަގޮތްވެސް ކޮންމެވެސްވަރަކަށް އަޅުގަނޑަށް މިހާރު ވިސްނޭނެ.

އާދެ، ބައެއް މިސާލު ދަންނަވަންޏާ، 1956 ވަނަ އަހަރު މެދުއިރުމަތީގައި ހަނގުރާމައެއް ކުރެވުނު. އެ ހަނގުރާމައިގެ އެއްކޮޅުގައި ތިބީ އިނގިރޭސީންނާއި، ފަރަންސޭސީންނާއި، އިޒްރޭލު މީހުންނާ. އެ ހަނގުރާމައިގެ އަނެއްކޮޅުގައި އޮތީ މިޞްރު. އެ ހަނގުރާމަ ކުރެވުނީ އޭރުގައި އޮތް މިޞްރު ސަރުކާރުން ސްވޭސް ކެނެލް ނޭޝަނަލައިޒް ކުރެއްވީމާ. އެހެންވީމާ، އެކަމުން ހުޅަނގު ޔޫރަޕަށް ލިބޭނެކަމަށް އެމީހުންނަށް ހީކުރެވުނު ގެއްލުމަކުން ސަލާމަތްވުމަށް، ހުޅަނގުގެ މަޞްލަޙަތުތައް ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައި ކުރެވުނު ހަނގުރާމައެއް. މަޤްޞަދަކީ ދެވަނަފަހަރަށް ސްވޭސް ކެނެލް ހިފައި، ސްވޭސް ކެނެލްގައި އިނގިރޭސި ސިފައިން ބައިތިއްބުން. އެއީ 1869 ވަނަ އަހަރު ސްވޭސް ކެނެލް ހުޅުވުނުއިރުން ފެށިގެން އިނގިރޭސި ސިފައިން ސްވޭސް ކެނެލްގައި ތިބި، އެމީހުންގެ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި. އެހެންވީމާ، ސްވޭސް ކެނެލް އަނބުރާ އިނގިރޭސި ސަރުކާރުގެ އަތްދަށަށް ގެނައުމަށްޓަކައި ކުރެވުނު ހަނގުރާމައެއް އެ ހަނގުރާމައަކީ.

އެ ހަނގުރާމަ ފެށިގެން އައިއިރު، ބީ.ބީ.ސީ. އިން ޚަބަރުދެމުން ގެންދިޔައީ ހަމަ އާދައިގެ ގޮތަކަށް. އަޅުގަނޑު އަމިއްލައަށް ހަމަ އެހިން. ޚަބަރުދެމުން ގެންގޮސްފައި، ކުއްލިއަކަށް ޕްރޮގްރާމް މެދުކަނޑާލާފައި، ބީ.ބީ.ސީ. އިން ބޭރު ދުނިޔެއަށް ޚަބަރު ފޮނުވާ ޕްރޮގްރާމުން މިޞްރުގައި ތިބި އިނގިރޭސީންނަށް މިއަންގަނީ، "މިޞްރުގައި ތިބި ހުރިހާ އިނގިރޭސި ރައްޔިތުން އެއަރޕޯޓުތަކާއި އަދިވެސް އެނޫންވެސް އެކަހަލަ މަރުކަޒުތަކުން ދުރަށްދާށޭ. އެއީ ވަރަށް އަވަހަށް އިނގިރޭސި މަތިންދާބޯޓުތައް އައިސް އެތަނަށް ބޮމްއަޅާނެއޭ." އެގޮތަށް ބީ.ބީ.ސީ. އިން އިޢުލާނުކޮށްފައި، އިނގިރޭސި ރައްޔިތުންނަށް ފުރުޞަތެއް މިދިނީ، އެއަރޕޯޓުތަކުން ދުރަށްޖެހިލަން. އޭގެފަހުން ހަމަ ހިނދުކޮޅެއްނުވެ އިނގިރޭސި މަތިންދާބޯޓުތައް އައިސް މިޞްރަށް ބޮމްއަޅަން ފެށި. އަޅުގަނޑުގެ ވާހަކައަކީ، ބީ.ބީ.ސީ.އަކީ އެއްވެސް ފަރާތަކަށްނުޖެހޭ، މިނިވަން މުސްތަޤިއްލު ނޫސްފަތުރާ ވަސީލަތަކަށްވާނަމަ، މި ހަނގުރާމައިގައި އެއްފަރާތަކަށްޖެހި، އިނގިރޭސި ރައްޔިތުން ރައްކާތެރިކޮށްދޭން އެނައުންސްމަންޓެއް ފޮނުވަންޖެހުނީ ކީއްވެތޯއޭ؟ އިނގިރޭސިވިލާތުގެ އެންގުންތައް، މިޞްރުގައި ތިބި އިނގިރޭސީންނަށް އަންގާ ފަރާތަކީ ބީ.ބީ.ސީ. އެހެންވީމާ، އެގޮތުންވެސް އެނގިއްޖެ، ބީ.ބީ.ސީ.އަކީ ވަކިފަރާތަކަށް ނުޖެހިއޮތް ޚަބަރުފަތުރާ ވަސީލަތެއް ނޫންކަން. އަނެއްކާ ހަނގުރާމައިގެ އެއްކޮޅުގައި އޮތް ތަނެއްކަން އޭރުން ޔަޤީންވެގެންދިޔައީ.

އަދި އޭގެ މާފަހުގެ މިސާލެއް ދަންނަވާފާނަން. 1986 ވަނަ އަހަރު އޮތް ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ އެންމެ އިސްވެރިންގެ ޖަލްސާ. އެ ޖަލްސާ އޮތީ ޙަރާރޭގައި. އެޖަލްސާގައި އަޅުގަނޑުވެސް ބައިވެރިވިން. އެޖަލްސާއަށް ލީބިޔާގެ ލީޑަރ ކާނަލް މަޢްމަރުލް ޤައްޛާފީ ވަޑައިގެންނެވި. އޭނާ ޖަލްސާގައި ދެއްވި ތަޤްރީރަކީ ވަރަށް މުހިންމު ތަޤްރީރެއް. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ދުނިޔޭގެ ކަންތައްތައް ހިނގަމުންދާގޮތާއި، އެމެރިކާ މީހުންނާއި ރޫސީން ދުނިޔޭގެ ތަންތަން، އެމީހުންގެ ނުފޫޒުގެ ދަށަށް ގެނައުމަށް މަސައްކަތްކުރާގޮތާއި އަދި އެމީހުންނާ ބައިވެރިވާ، ވަކިފަރާތަކަށް ނުޖެހުމުގެ ޙަރަކާތުގައި ހިމެނޭ ބައެއް ޤައުމުތައް، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރާ ކަމަށް އޭނާއަށް ޔަޤީންވެވަޑައިގަންނަވާތީ، އެވާހަކަ ވަރަށް ޞަރީޙަކޮށް ދެއްކެވި. ވަރަށްގިނައިރު ވަންދެން ވާހަކަފުޅު ދެއްކެވި. އެވާހަކަފުޅުގެ ބާވަތުން އެތަނަށް ގޮސް ތިބި ވަރަށްގިނަ ވަފްދުތަކުގެ މީހުން ނުރުހުންވެސްވި. ނުރުހުންފާޅުކުރި. އެއީ އެމީހުންގެ ޤައުމުތަކަށް ނިސްބަތްވާ ގޮތަށް ވަރަށް ސާފުކޮށް ވާހަކަފުޅު ދެއްކެވީތީ.

އެދުވަހުގެ ޖަލްސާއަށްފަހުގައި، އަޅުގަނޑު ހުންނަ ގެޔަށް އައިސް، އާދައިގެ މަތިން ބީ.ބީ.ސީ. ޚަބަރު އަހާލިން. ބީ.ބީ.ސީ.އިން ބުނީ، އެދުވަހުގެ ޖަލްސާ ހިނގަމުންދަނިކޮށް، ޤައްޛާފީ ތެދުވެވަޑައިގެން، ވަކިފަރާތަކަށް ނުޖެހުމުގެ ޙަރަކާތުގެ ބޮޑެތި ޤައުމުތަކަށާއި، އެ ޤައުމުތަކުގެ ވެރިންނަށް ވަރަށް ވަރުގަދަ ޙަމަލާއެއް ދެއްވިއޭ. އެ ޙަމަލާ ދެއްވަން ފެށުމުން، ކުއްލިއަކަށް ޖަލްސާގެ ރައީސް، ޖަލްސާ މެދުކަނޑުއްވާލައްވާފައި، އެ ޖަލްސާއަކީ ސިއްރު ޖަލްސާއެއް ކަމުގައި ހަމަޖެއްސެވިއޭ. މިއީ މުޅިން ޚިޔާލީ ވާހަކައެއް. އެއްގޮތަކަށްވެސް ކަން ހިނގި ގޮތެއްނޫން. އަޅުގަނޑު އެތާ އިނިން. އަދި އަޅުގަނޑު ފިޔަވައި ދިވެހި ވަފްދުގެ އެހެން ބޭފުޅުންވެސް އެތާ ތިއްބެވި. ޖަލްސާގެ ރައީސް، އެއްގޮތަކަށްވެސް ޤައްޛާފީގެ ވާހަކަފުޅު މެދުކަނޑުއްވައެއްނުލައްވާ. އަދި އެއީ ސިއްރު ޖަލްސާއަކަށް ހެއްދެވިކަމަކަށް އިޢުލާނެއްވެސް ނުކުރައްވާ. ޙަޤީޤަތުގައި އެޖަލްސާތައް އެއީ ފެށުނީއްސުރެ ނިމެންދެން ސިއްރު ޖަލްސާތަކެއް. ފެށޭ ތާނގައި ހަމައެކަނި ނޫސްވެރިންނަށް ފޮޓޯނަގައި ކަންތައް ކޮށްލަން ވަގުތުކޮޅެއް ދޭނެ. އޭގެފަހުން ހުރިހާ ބޭބޭފުޅުންގެ ވާހަކަފުޅުތައް އަޅުގަނޑުމެން އަހަމުންގެންދަނީ، ނުވަތަ އެބޭފުޅުން ތަޤްރީރު ދެއްވަމުން ގެންދަވަނީ ކްލޯޒް ސެޝަނެއްގައި. ސިއްރު ޖަލްސާއެއްގައި. ފަހުން ނުކުންނަ ބަޔާނުން ޖަލްސާގެ ޤަރާރުތައް އެނގޭނީ. އެހެންވީމާ، ބީ.ބީ.ސީ. އިން ހަމަ ކަނޑައެޅިގެން ޚިޔާލީ ވާހަކައެއް، އެ ދުވަހުގެ ރޭޑިޔޯއިން އެ ޚަބަރުގައި ފޮނުވީ. އަޅުގަނޑު އަޑުއެހިން އެ ވާހަކަ.

ބީ.ބީ.ސީ. ނޫނަސް އެހެން ތަންތަނުންވެސް އެހެން ހަދާކަން އެނގޭ. ހަމަ އެޖަލްސާގެ ވާހަކައެއް ދަންނަވާލާނަން. އެޖަލްސާ ނިމިގެން އަޅުގަނޑު ޙަރާރޭއިން ފުރައިގެން މަތިންދާބޯޓުގައި ދަތުރުކޮށްފައިދިޔަ ދިޔުމުގައި އަޅުގަނޑު އަތަށްއެރީ، "ނިއުޔޯރކް ހެރަލްޑް ޓްރިބިޔޫން" ކިޔާ ނޫހެއް. އެއީ މަޝްހޫރު ނޫހެއް. މާލެއަށްވެސް އެ ލިބޭ. އަޅުގަނޑު ހިތުން ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ. ދެން ދުނިޔޭގެ މީހުން ދެކޭގޮތުގައި، ވަރަށް ރަނގަޅަށް ޚަބަރުލިޔާ ނޫހެއް އެ ނޫހަކީ. އެ ނޫހުގައި އޮތް ޚަބަރެއްގައި މި އޮންނަނީ، އަޅުގަނޑަށް މި ދެންނެވުނީ ރަނގަޅަކަށް ނޫން. އެޖަލްސާއެއް ނޫން. މިއީ 1984 ވަނަ އަހަރު މޮރޮކޯގައި އޮތް އިސްލާމީ ޤައުމުތަކުގެ ވެރިންގެ ޖަލްސާގެ ވާހަކަ، ފަހުން މިދަންނަވަނީ. ކުރިން ދެންނެވި ވާހަކަ، ބީ.ބީ.ސީ.ގެ ވާހަކަ، ޤައްޛާފީ ދެއްކެވި ވާހަކަފުޅުގެ ވާހަކަ، އެއީ ހަމަ ރަނގަޅަށް. އެއީ ހަރާރޭގައި އޮތް ޖަލްސާއެއް. އެވާހަކަ އެ ދެންނެވުނީ ރަނގަޅަށް. ފަހުން މިދަންނަވާ ވާހަކައަކީ، 1984 ވަނަ އަހަރު މޮރޮކޯގައި އޮތް އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާގެ ވާހަކަ. އެ ޖަލްސާ ނިންމާފައި އަޅުގަނޑު ދަތުރުކުރި މަގުމަތީގައި، މަތިންދާބޯޓުން އަޅުގަނޑަށް ފެނުނީ، "ނިއުޔޯރކް ހެރަލްޑް ޓްރިބިއޫން." އޭގައި ޖަހާފައި އޮތް ޚަބަރަކީ، އިސްލާމީ ޤައުމުތަކުގެ އެންމެ މަތީ ވެރިންގެ ޖަލްސާގައި އީރާން، ޢިރާޤް ހަނގުރާމައާ ދޭތެރޭގައި ޚިޔާލު ބަދަލުކުރުމަށްފަހު ޖަލްސާއިން ނިންމެވީ، 7 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް އީރާނަށް ފޮނުވުމަށޭ. އެއީ އީރާނުގެ ވަފްދެއް އެ ޖަލްސާއަށް ޙާޟިރުނުވާތީއޭ. އެހެންވީމާ، އެ ކަނޑައެޅުއްވި ވަފްދު އިއްޔެ ތެޙެރާނަށް އަތުވެއްޖެ. އެހެން އަޅުގަނޑު ކީ ނޫހުގައި އޮތީ. އެ ޖަލްސާއިން އީރާނަށް ވަފްދެއް ފޮނުވަން ކަނޑައަޅައިފިއޭ، ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން ވާހަކަ ދައްކަން. އަދި އެ ވަފްދުގެ މެންބަރުން އިއްޔެ ތެޙެރާނަށް ވަޑައިގެންފިއޭ. އެގޮތަށް ޚަބަރު އޮތީ. އެހެންނަމަވެސް، އެއީވެސް ހަމަ މުޅިން ޚިޔާލީ ވާހަކައެއް. އެކަން ވީގޮތަކީ، އެ ޚިޔާލު އެތާނގައި އުޅުނު. މި ދެންނެވީ އީރާނަށް އެ ޖަލްސާގެ ފަރާތުން ވަފްދެއް ފޮނުވުމުގެ ވާހަކަ ދެކެވުނު. އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެ ޚިޔާލަށް ތާއީދު ނުކުރާތީ، އެ ޚިޔާލު މުޅިން ހުއްޓިގެންދިޔައީ. އިތުރަކަށް ކުރިއަކަށް ނުގެންދެވޭ. ހަމައެކަނި އެ ޖަލްސާގައި ވާހަކަ ދެކެވުނު ވާހަކައެއް އެއީ. އެކަމަކު ނޫހުގައި ޖަހާފައި އޮތީ، އެގޮތަށް ޖަލްސާއިން ނިންމި ކަމަށާއި އަދި ނިންމާފައި ވަފްދެއް، އޭގެ އެއްދުވަސް ކުރިން ތެޙެރާނަށް ހިނގައްޖެ ކަމަށް.

ދެން ދުނިޔޭގައި ތިބޭ އެންމެންނަކީ، އަޅުގަނޑަށް އެފަހަރު ނަޞީބު އެ ދިމާކުރިގޮތަށް، އެ ޖަލްސާގައި ތިބެވޭނެ މީހުންނެއް ނޫން. އެހެންވީމާ، އެޚަބަރުކިޔާ ކޮންމެ މީހަކުގެ ހިތަށް ވަންނާނީ އެ ޖަލްސާގެ ފަރާތުން ވަފްދެއް އީރާނަށް ފޮނުވައިފި ކަމަށް. އެ ނޫހަކީ ދުނިޔޭގެ ވަރަށްގިނަ ތަންތާނގައި ލިބެން ހުންނަ އެއްޗެއް. އަދި އެ ނޫހުން ނަގައިގެން ދުނިޔޭގެ އެހެން ނޫސްތަކުގައިވެސް ޚަބަރުޖަހާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، ޚަބަރުފަތުރާ މިކަހަލަ ބޮޑެތި ވަސީލަތްތަކުން އެއްގޮތަކަށްވެސް މިގެންގުޅެނީ ޙަޤީޤަތް ސާފުކޮށްދޭކަހަލަ އުޞޫލުތަކެއް ނޫނޭ.

ދުނިޔޭގެ ބޮޑެތި ކަންތައްތަކަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް ވިސްނޭނެ، އެހެންކަން އެކަން އޮތީ. މިހާރު މި ފިނި ހަނގުރާމައޭ މިކިޔާ ހަނގުރާމަ. އެއީ، އެއްކޮޅުން ހުޅަނގުގެ ޤައުމުތައް. އަނެއްކޮޅުން އިރުމަތީ ޤައުމުތައް. (އިރުމައްޗޭ މިދަންނަވަނީ އެމީހުން ކިޔާގޮތަށް) އެއީ ޙަޤީޤަތުގައި އަޞްލު އިރުމައްޗެއް ނޫން. އެހެންނަމަވެސް، އެއީ ރޫސީވިލާތާއި ސޯޝަލިޒަމް އުޞޫލު ޤަބޫލުކުރާ އިރުމަތީ ޔޫރަޕްގެ ޤައުމުތައް. އެއީ އެމީހުން އެބުނާ އިރުމަތީ ޤައުމުތަކަކީ. ހުޅަނގާއި ހުޅަނގުގެ ކޭމްޕާއި، އިރުމަތީ ކޭމްޕާ، މި ދެ ކޭމްޕާ ދޭތެރޭގައި މި އޮންނަ ފިނި ހަނގުރާމަ. އެއީ ޙަޤީޤަތުގައި ބޮޑު ބަޑިއާއި، މަތިންދާބޯޓާއި، ޓޭންކްތަކާއި، ސަބްމެރީނާއި، ރޮކެޓްތަކާ، މި އެއްޗެތި ބޭނުންކޮށްގެން ކުރާ ހަނގުރާމަ އެއީ ހޫނު ހަނގުރާމަ ކަމަށް އެމީހުން ބަލަނީ. އެނޫންގޮތްގޮތުން، ނޫސްވެރިކަމުގެ ޛަރީޢާއިން ނުވަތަ ވާހަކަދެއްކުމުގެ ގޮތުން މި ދޭ ޙަމަލާތައް އެއީ ފިނި ހަނގުރާމަ. މި ފިނި ހަނގުރާމައިގައި ވަރަށްބޮޑު ބައެއް ކުޅޭ އެއްޗެއް ނޫސްވެރިކަން އެއީ.

ވަރަށްފަހުން ހިނގި ދެ ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އާދެ، އެއީ 1983 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކޮރެޔާގެ މަތިންދާބޯޓެއް، ފްލައިޓް AL007. އެ މަތިންދާބޯޓު އެއީ ހަމަ އާދައިގެ މަދަނީ ސިވިލް މަތިންދާބޯޓެއް. އެމަތިންދާބޯޓު އުދުހުމުގެ ތެރޭގައި ވަނިކޮށް، ރޫސީވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުން އެއަށް ޙަމަލާދީ، ބަޑިޖަހާ ނުވަތަ ރޮކެޓް ފޮނުވައި، ކޮރެޔާގެ އެ މަތިންދާބޯޓު ވައްޓާލީ. އޭގައި ތިބި އެންމެން މަރުވީ. 269 މީހުން މަރުވީ.

ދެން އަނެއް ޙާދިޘާއަކީ، މިދިޔަ ޖުލައި މަހުގެ ތެރޭގައި، ޖުލައި މަހުގެ 3 ވަނަ ދުވަހު އީރާނުގެ މަތިންދާބޯޓެއް، ފްލައިޓް ނަންބަރު 665. އެ މަތިންދާބޯޓު ޤަލްފުގައި އުދުހުމުގެ ތެރޭގައި، އެމެރިކާގެ "ވިންސެންސް" ކިޔާ މަނަވަރަކުން ރޮކެޓް ފޮނުވައިގެން އެ މަތިންދާބޯޓު ވައްޓާލީ. އެވެސް ހަމަ މަދަނީ ސިވިލް މަތިންދާބޯޓެއް. މި ދެ ޙާދިޘާގެ ދޭތެރޭގައި، ވަރަށް އެއްކަހަލަ ކަންތައްތަކެއް އެބަހުރި. އެއީ ކޮރެޔާ މަތިންދާބޯޓަކީވެސް އަދި އީރާނު މަތިންދާބޯޓަކީވެސް މުޅިން ސިވިލް މަދަނީ މަތިންދާބޯޓު ކަމުގައިވާކަން. ސިފައިންގެ އެއްވެސްކަހަލަ ބޭނުމަކަށް އުދުހެމުންދިޔަ މަތިންދާބޯޓެއް ނޫން، އެ ދެ މަތިންދާބޯޓުންކުރެ އެއް މަތިންދާބޯޓަކީވެސް. މުޅިން ތިބީވެސް ހަމަ އާދައިގެ ފަސިންޖަރުން. ސިފައިންގެ އެއްވެސް ބަޔަކު ނެތް. ސިފައިންގެ ހަތިޔާރެއް ނެތް. ހަނގުރާމަމަތީ އެއްވެސްކަހަލަ ޙަރަކާތެއް ހިންގުމަށް އުދުހުނު މަތިންދާބޯޓެއް ނޫން އެއިން އެއްވެސް މަތިންދާބޯޓަކީ. އެހެންވީމާ، އެގޮތުން ދެ މަތިންދާބޯޓުވެސް އެއްގޮތް. އަނެއްކާ މަތިންދާބޯޓުގެ އެންމެން މަރުވީ. ކުރިން ދެންނެވި ކޮރެޔާ މަތިންދާބޯޓުގައި ތިބީ 269 މީހުން. އީރާނުގެ މަތިންދާބޯޓުގައި ތިބީ 290 މީހުން. އެއީވެސް އެއްގޮތްވާ ތަންކޮޅެއް. އެންމެން މަރުވީ. އެއްގޮތްވާ ތިންވަނަ ތަންކޮޅަކީ، މިއިން ކޮންމެ މަތިންދާބޯޓެއްމެ ވައްޓާލީ މިހާރު އެ ކިޔާ ދުނިޔޭގެ އެންމެބޮޑު ދެބާރުންކުރެ އެއްބާރެއްގެ ފަރާތުން. ކޮރެޔާ މަތިންދާބޯޓު ވައްޓާލީ ރޫސީން. އީރާނު މަތިންދާބޯޓު ވައްޓާލީ އެމެރިކާ މީހުން. އެހެންވީމާ، އެގޮތުންވެސް ވަރަށް އެއްގޮތް. އެކަމަކު އެހިސާބުން އެ ހުރިހާ އެއްގޮތްކަން ނިމިގެން އެދިޔައީ.

ދެން ބައްލަވައިލައްވާ، އެ ދެޙާދިޘާގައި ހުރި ތަފާތު. ކޮރެޔާ މަތިންދާބޯޓު އުދުހެމުންދިޔައީ އެވަގުތު ރޫސީވިލާތުގެ ސަރަޙައްދުގެ މަތިން. އެއީ އޮޅުމަކުންކަމުގައިވިޔަސް، ޤަޞްދުގައި ކަމުގައިވިޔަސް ޙަޤީޤަތެއް. އަޞްލު އެ ބޯޓު ދަތުރުކުރަން އޮންނަ މަގަކުން ނޫން ދަތުރުކުރަމުން ގެންދިޔައީކީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ސިވިލް މަތިންދާބޯޓުތައް، އެއް ޤައުމަކުން ފުރައިގެން އަނެއް ޤައުމަކަށްދާއިރު އޮންނާނެ ވަކި މިޞްރާބެއް ދަތުރުކުރަންޖެހޭ. ވަކި ސަރަޙައްދެއްގެ މަތިން ދަތުރުކުރާނީ. އަދި އެމީހުންނަށް ހުއްދަ ލިބިގެން، ކޮންމެ ތަނަކުންވެސް، ކޮންމެ ޤައުމެއްގެވެސް އެފް.އައި.އާރު، އެއީ ފްލައިޓް އިންފޮމޭޝަން ރީޖަން، އޭގެ ދަށުގައި އެ ކޮންޓްރޯލްގައިވާ ތަނަކުން ދަތުރުކުރާނީ. އެއް އެއަރޕޯޓަކުން އަނެއް އެއަރޕޯޓަކާ މަތިންދާބޯޓު ޙަވާލުކުރަމުންދާނީ. އެއްތަނަކާ ގުޅުން ކަނޑާފައި، އަނެއް ތަނަކާ ގުޅުން އުފައްދައިގެން، ދެން އެތަނުން އެ އެއަރޓްރެފިކް ކޮންޓްރޯލުން އިރުޝާދު ދޭ ގޮތެއްގެ މަތިން ދަތުރުކުރަމުން ގެންދާނީ. އެ ދާ މިޞްރާބާއި އުސްމިނާ، ހުރިހާ އެއްޗެއް ކޮންޓްރޯލް ކުރާނީ އެއަރޓްރެފިކް ކޮންޓްރޯލަރުން. އެއީ ޕައިލޮޓް ބޭނުންގޮތަކަށް ދަތުރުކުރެވޭ އެއްޗެއް ނޫން. އެއީ ނުރައްކާތެރި ޙާދިޘާތަކެއް ދިމާވެދާނެތީ. މިސާލަކަށް، އޮނަތިރީސް ހާސް ފޫޓުގެ މަތިން ދަތުރުކުރަމުންދާ މަތިންދާބޯޓެއް، އެއާ އިދިކޮޅު މިޞްރާބަކަށް ހަމަ އެ އުސްމިނުގައި، އޮނަތިރީސް ހާސް ފޫޓުގެ އުސްމިނުގައި އެހެން މަތިންދާބޯޓެއް އަތުވެއްޖިއްޔާ، ދެބޯޓުޖެހި ވަރަށްބޮޑު އެކްސިޑެންޓެއް ވެދާނެ. ނޫނީ ހުއްދަ ނެތް ސަރަޙައްދަކަށް އެރިއްޖިއްޔާ، ނުރައްކާތެރި ކަމެއް ދިމާވެދާނެ. އެއީ ދިފާޢީ ބާރުތައް، އެ މަތިންދާބޯޓަކާ ދިމާކޮށް، މިހެން މިކަހަލަ ކަމެއް ދިމާވެދާނެ. އެހެންވީމާ، ހުރިހާ ސިވިލް މަތިންދާބޯޓެއްވެސް ދަތުރުކުރާނީ، އެއް ޤައުމަކުން އަނެއް ޤައުމަކަށް ދަތުރުކުރާއިރު، ކަނޑައެޅިފައި އޮންނަ ރޫޓަކުން، މަގަކުން. އަދި ބައިނަލްއަޤްވާމީ ގޮތުން ކަނޑައެޅިފައި އޮންނަ އުސްމިނެއްގައި އެކަން ކޮންޓްރޯލް ކުރާނީ. ކުރިއްސުރެ އެމީހުންނަށް ރޫޓުތައް އޮންނާނީ ލިބިފައި. ހުރިހާ ޕައިލޮޓުންނަށް އެނގޭނެ. ދެން ދަތުރުކުރަންވީ އުސްމިނާއި ތަންތަން، އެއަރޓްރެފިކް ކޮންޓްރޯލަރުން އަބަދު އަބަދު ބުނެދޭނެ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، އެއްކަލަ ކޮރެޔާ މަތިންދާބޯޓު އައިސްފައި، ވަކިހިސާބަކުން އައިސްފައި، އެދިޔައީ ނުބައި މިޞްރާބަކުން. އެއަށް ކަނޑައެޅިފައި އޮންނަ ރޫޓު ދޫކޮށްލާފައި، ރޫސީ ސަރަޙައްދުގެ މަތިން މިދަނީ. އަދި ރޫސީ ސަރަޙައްދުގެ މަތިންދިޔައިރު، ދިޔައީ އާދައިގެ ސަރަޙައްދަކުންވެސް ނޫން. އެމީހުންގެ ސިފައިންގެ މަރުކަޒެއްގެ މަތިން މި ދަތުރުކުރަނީ. "ސަކަލިން އައިލެންޑް." "ސަކަލިން" ނަމަކަށް ކިޔާ ޖަޒީރާއެއްގެ މަތިން. އެއީ ރޫސީންގެ ހަނގުރާމައިގެ ވަރަށް ވަރުގަދަ މަރުކަޒެއް. އެހެންވީމާ، ދަންނަވަން މިއުޅެނީ، އެ މަތިންދާބޯޓު ވައްޓާލުމުގެ ޙައްޤު ރޫސީންނަށް އޮންނާނެއޭ. ރޫސީ ސަރަޙައްދުމަތިން މިދަނީ، ރޫސީވިލާތުގެ ޢަސްކަރީ މަރުކަޒެއްގެ މަތިން މިދަނީ، އެމީހުންގެ ހުއްދަނެތި. އެހެންވީމާ، ޤައުމު ދިފާޢު ކުރުމުގެ ސެލްފް ޑިފެންސްގެ ގޮތުން ނަމަވެސް، އެމީހުންނަށް އެމަތިންދާބޯޓަށް ބަޑިޖަހާ ނުވަތަ ޙަމަލަދިނުމުގެ އިޚްތިޔާރު، މިނިވަން ޤައުމެއްގެ ގޮތުން އޮންނާނެ. ދެން އަނެއް މަތިންދާބޯޓު، އީރާނުގެ މަތިންދާބޯޓު. އީރާނުގެ މަތިންދާބޯޓު ދަތުރުކުރަމުންދިޔައީ އެމެރިކާ މައްޗަކުން ނޫން. އެމެރިކާގެ ސަރަޙައްދުގެ މަތިންނެއް ނޫން. އެމީހުން އެ ދަތުރުކުރަން އޮންނަ ސަރަޙައްދު ނުވަތަ އެ ރޫޓް ދޫކޮށްލާފައި އެހެން ރޫޓަކަށް ބަދަލެއްވެސްނުކުރޭ. އެމެރިކާ މީހުން އަމިއްލައަށް އިޢުތިރާފްވާ ގޮތުގައި، ސިވިލް މަތިންދާބޯޓެއް ފުރައިގެން ހަމަ ދާން އޮންނަ މަގުން ދަތުރުކޮށްފައި ދިޔައީ. އަދި އެމެރިކާ މައްޗަކުންވެސް ނޫން. އެހެންނަމަވެސް، އެމެރިކާގެ ބޯޓަކުން ރޮކެޓް ފޮނުވައިގެން އެ މަތިންދާބޯޓު ވައްޓާލީ.

ދެން އަޅުގަނޑުގެ ނުކުތާއަކީ، މި ދެ ޙާދިޘާ ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ޤައުމުތަކަށް ފޮނުވާފައި އޮތީ ކިހިނެއްތޯއޭ؟ ކޮރެޔާގެ މަތިންދާބޯޓުގެ ޙާދިޘާ ހިނގިފަހުން އެތައް މަހެއް ވަންދެން، އަބަދު އަބަދު ކެނޑިނޭޅި ދުނިޔޭގެ ރޭޑިޔޯތަކުން، ބީ.ބީ.ސީ، ވޮއިސް އޮފް އެމެރިކާ އަދި އެނޫންވެސް ތަންތަނުން އަބަދު އެ ވާހަކަ. އެހާ ނޭދެވޭ ނުރަނގަޅު ޢަމަލެއް، ރޫސީން ކޮށްފިކަމުގެ ޚަބަރު ފަތުރަމުން ގެންދިޔައީ. އަދި ދުނިޔޭގެ ނޫސްތަކުގައިވެސް އެވާހަކަ ޖަހަމުންގެންދިޔައީ. އަދި ނިޔުސްވީކް، ޓައިމް ކަހަލަ މެގަޒިންތަކުގައި ޖަހާފައި ހުންނަ އޭގެ ފޮޓޯތަކަކީވެސް މީހުންނަށް އަސަރުކުރުވާކަހަލަ ފޮޓޯތައް އިނގޭތޯ. އެއީ މަރުވި މީހުންގެ ޢާއިލާތަކުން ހިތާމަކުރާ މަންޒަރުތައް، އެމީހުން ވަޅުލަން ގެންދިޔަ މަންޒަރުތައް، މިހެންގޮސް އެ ނޫސް ބަލާ މީހުންގެ ހިތުގައި، ކޮރެޔާ މީހުންނާ ދޭތެރޭގައި ވަރަށްބޮޑު ހަމްދަރުދީއެއް އުފެދޭކަހަލަ މަންޒަރުތައް، އެކަހަލަ ފޮޓޯތައް ޖަހާފައި ހުރީ. ބޭއިޚްތިޔާރުގައިވެސް ހިތަށްއަރާނެ، މި ރޫސީން މިއީ ހާދަ ގޯސް ބައެކޭ. މިހިރިއްޔޭ އެމީހުން ކުރި ކަންތައް. އެގޮތަށް ހުރިހާ ކަމެއް ރޭވިގެން ހިނގަމުން ގޮސްފައި އޮތީ.

ދެން އީރާނު މަތިންދާބޯޓު. އަދި ދަންނަވާލަން ބޭނުން، އެއް ނުކުތާއެއް. އަޅުގަނޑު ހަނދާންނެތުނީ. އެއީ ދެ މަތިންދާބޯޓުގެ ތަފާތު ދަންނަވަމުން ގޮސް ދަންނަވަންޖެހޭނެ ވާހަކައެއް. ކޮރެޔާ މަތިންދާބޯޓުގައި ތިބީ މުސްލިމުންނެއް ނޫނޭ. އީރާނު މަތިންދާބޯޓުގައި ތިބީ، ގިނައީ އީރާނު މީހުންނޭ. އެއީ މުސްލިމުންނޭ. އީރާނު މަތިންދާބޯޓު ވައްޓާލި ޙާދިޘާއާ ބެހޭގޮތުން އެ ދުވަހު ބީ.ބީ.ސީ.އިންވެސް ޚަބަރު ކީ. އަދި އެހެން ތަންތަނުންވެސް ކިޔާނެ. ދެތިން ދުވަހެއް ވަންދެން އެކަންތައް ހިނގިކަމުގެ ވާހަކަ ކިޔާލާނެ. އޭގެފަހުން އެކަން ހަނދާންނެތިގެންދިޔައީ. މިހާރު އޭގެ ވާހަކަ އެކަކުވެސް ނުދައްކާ. އަދި މަސްދުވަސް މިވީ. ނުވަތަ ދޮޅުމަސްދުވަސް މިވީ އިނގޭތޯ. ޖުލައި މަހުގެ 3 ވަނަ ދުވަހު އެ މަތިންދާބޯޓު ވައްޓާލީ. މިއަދު މިއީ އޯގަސްޓް 20. އެއްމަހާއި ސަތާރަ ދުވަސް. އެކަމަކު މިހާރު އީރާނު މަތިންދާބޯޓުގެ ވާހަކަ ދައްކާ އެއްވެސް ނޫހެއް، ޚަބަރުފަތުރާ ވަސީލަތެއް، އެއްވެސް މަޖައްލާއެއް ނެތް. މިހިރީ ޚަބަރުފަތުރާ ވަސީލަތްތަކުގެ ކަންތައް ހުރިގޮތް. އެމީހުން ބޭނުންކަމެއް ވެއްޖިއްޔާ، އެ އިންފްލޭޓް ކޮށްގެން، ބޮޑުކޮށްގެން، މީހުންގެ ޚިޔާލުތައް އެގޮތަށް ލަންބުވަން، މީހުންގެ ޝުޢޫރުތައް، އެމީހުންގެ ބަޔަށް ގެންދަން އެހެރީ ކުރާ މަސައްކަތް. ސީދާ ބުނަނީކީނޫން، ތިމަންނާމެން މި މަސައްކަތް ކުރަނީ މިހެންނެކޭ. އެކަމަކު އެމީހުން އެމަސައްކަތްކުރާ ގޮތުން، އެ އަމާޒު އެ ޙާޞިލްވަނީ. އެލަނޑުދަނޑި އެ ޙާޞިލްވަނީ. އޭގެ އަސަރު މި ދައްކައިދެނީ. މިދެންނެވީ މިސާލަކަށް، އ.ދ. މަޖިލީހުގައި ކަންތައް ހިނގައިދިޔަގޮތަށް ވިސްނާއިރުވެސް ހަމަ އެހެން. އަޅުގަނޑު އަތުގައި އެބައޮތް، އެ ދެ މަތިންދާބޯޓާ ބެހޭގޮތުން އ.ދ. މަޖިލީހުން ނިންމި ނިންމުން.

ސެކިއުރިޓީ ކައުންސިލް ނުވަތަ ސަލާމަތީ މަޖިލީހަށް ކޮރެޔާ މަތިންދާބޯޓު ވައްޓާލި ޙާދިޘާ ހުށަހެޅިގެން، ޤަރާރެއް ފާސްކުރަން ހުށަހެޅުނު. އެތަނުން އެ ޤަރާރު ފާހެއްނުވި. އެއީ ރޫސީން ވީޓޯކޮށްގެން. ބޮޑު އެއްވެސް ބާރެއް ވީޓޯ ކޮށްފިއްޔާ ޤަރާރު ފާހެއްނުވާނެ. އެހެންނަމަވެސް، އެ ޢިބާރާތް ކުރެވިފައި އޮތްއިރު، ޢިބާރާތް ކޮށްފައި މި އޮންނަނީ، "ޑިޕްލޯޑް" އެ ބަސް ޢިބާރާތް ކުރުމުގައި ބޭނުންކޮށްފައި އޮވޭ. ސިޔާސީ ކަންތައްތަކާބެހޭ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް "ޑިޕްލޯޑް" އެނގިވަޑައިގަންނަވާނެ. އަދި ޚަބަރުތައް އައްސަވާ ނުވަތަ ޔޫ.އެން. ދާއިރާގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނަށް އެ ބަސް އެއީ ވަރަށް ވަރުގަދަ ބަހެއްކަން އެނގިވަޑައިގަންނަވާނެ. ކުށްވެރިކުރުން އެއީ. އެހެންވީމާ، އެ ޤަރާރުގައި އެ ބުނަނީ ކޮރެޔާ މަތިންދާބޯޓު ވައްޓާލި ޙާދިޘާ އ.ދ. މަޖިލީހުން ކުށްވެރިކުރެޔޭ. އެހެން އެބުނަނީ. އެކަމަކު އީރާނު މަތިންދާބޯޓު ވައްޓާލި ޙާދިޘާގެ ޤަރާރުގައި، މި އޮންނަނީ "އެކްސްޕްރެސް އިޒް ޑިސްކްރެސް"، ހިތާމަފާޅުކުރީ. ކޮރެޔާ މަތިންދާބޯޓުގައި ތިބި 269 މީހުން މަރުވީ. އަދި އެ މަތިންދާބޯޓަކީ މި ދެންނެވިހެން ރޫސީ ސަރަޙައްދު މަތިން، ރޫސީންގެ ޢަސްކަރީ މަރުކަޒެއްގެ މަތިން ދަތުރުކޮށްފައިދިޔަ ބޯޓެއް. އެބޯޓު ވައްޓާލީމާ، އެކަން އ.ދ. މަޖިލީހުން ކުށްވެރިކުރަނީ. އީރާނު މަތިންދާބޯޓަކީ، ގިނައިން މުސްލިމުން ތިބި މަތިންދާބޯޓެއް. އާދައިގެ ގޮތުގެ މަތިން ހަމަ ދަތުރުކުރަންޖެހޭ ރޫޓުގައި ދަތުރުކޮށްފައިދިޔަ ބޯޓެއް. އެ ވައްޓާލީމާ، އެކަމާމެދު ހިތާމަފާޅުކުރަނީ. މިހިރީ ހުރި ތަފާތު. މިދެންނެވީ ދުނިޔޭގެ ބޮޑެތި ދާއިރާތަކުގައި ހަމަ އެ ތަފާތު މި އަންނަނީ ރިފްލެކްޓް ވެގެން ނުވަތަ އޭގެ އިންޢިކާސް މި އަންނަނީ ނޫސްތަކަށް. ދުނިޔޭގެ ބޮޑެތި ނޫސް، ޚަބަރުފަތުރާ ވަސީލަތްތަކަށް. ރޮއިޓަރޒް ނިއުސް އެޖެންސީ، އެސޯސިއޭޓެޑް ޕްރެސް، ޔުނައިޓެޑް ޕްރެސް، ބީ.ބީ.ސީ، ވޮއިސް އޮފް އެމެރިކާ، މިނޫން ހުރިހާ ތަނަކަށްވެސް މި އަންނަނީ އެގޮތަށް.

އެހެންވީމާ، އަޅުގަނޑުމެން ރާއްޖެ ކަހަލަ ތަނެއްގައި ތިބެގެން، ބީ.ބީ.ސީ. އިން ޚަބަރުއަހާފައި، އަޅުގަނޑުމެން ޚަބަރު ލިޔާއިރު، މިކަންތައްތައް ރަނގަޅަށް ދަންނަވަންވާނެ. އެއީ އެމީހުންވެސް އެ މަސައްކަތް ކުރަނީ ވަކި މަޤްޞަދެއްގައިކަން. ހަމައެކަނި އެއީ ދުނިޔޭގައި ތިބި އެންމެ ތެދުބުނާ، އެންމެ އިންޞާފުވެރި ޚަބަރުފަތުރާ ވަސީލަތް ކަމުގައި އަޅުގަނޑުމެން ޤަބޫލުކޮށްގެން، އަޅުގަނޑުމެންނަކަށް ދެކޮޅުޖެއްސޭކަށެއް ނޯންނާނެ. އަޅުގަނޑު އެހެން ދަންނަވަން މިޖެހެނީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނަށް ހީފުޅުވަނީ ބީ.ބީ.ސީ.އިން ޚަބަރު ކިޔައިފިއްޔާ، އެ ދެން ތެދޭ. އެއާ ދޭތެރޭގައި ނޯންނާނެއޭ އެއްވެސް ވާހަކައެއް. ދެން ތެދުތެދަށް ދަންނަވަންޏާ، އެހެން ރޭޑިޔޯ ސްޓޭޝަންތަކަށްވުރެ، އަޅުގަނޑަށް ފެންނަ ގޮތުގައިވެސް ބީ.ބީ.ސީ ޚަބަރު ރަނގަޅު. އެހެންނަމަވެސް، އެއީވެސް އެމީހުން ބުނާ ހުރިހާ އެއްޗެއް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެވަރުގެ ސަތޭކައިންސަތޭކަ ތަނެއް ނޫން. ކުރިންވެސް ދެންނެވިހެން، އެއީ އިނގިރޭސިވިލާތުގެ ތަނެއް. އިނގިރޭސިވިލާތުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ތަނެއް. ކޮންމެ އެއްޗެއް ކީ ކަމުގައިވިޔަސް، އެމީހުން ދޭތެރެ ދޭތެރެއިން ނެރޭނެ ބޮޑެތި މައްސަލަތައް. ބީ.ބީ.ސީ.އިން މިހެން ހަދަންއުޅެނީ. ސަރުކާރުން މިހެން ހަދަނީ. ދެން އެދޭތެރޭގައި ވަރަށްބޮޑު ޚިލާފެއް އޮތް ކަމަށް ދައްކާ. ސަރުކާރުން ބުނާގޮތަށް ނޫންގޮތަކަށް ބީ.ބީ.ސީ.އިން ޢަމަލުކުރާ ވާހަކަ ދައްކާނެ. އެ ވާހަކަ ބީ.ބީ.ސީ. އިންވެސް ކިޔާނެ. އެއީ ހަމަ މުޅިން އަޅުގަނޑުމެންގެ ލޯތަކުގައި އަޅުވާލާ އަނދުނެއް. ޙަޤީޤަތުގައި ހަމަ އިނގިރޭސި ސިޔާސަތު. ހަމަ ބްރިޓިޝް ފޮރިން ޕޮލިސީ. އިނގިރޭސީންގެ ބޭރުގެ ސިޔާސަތު ބީ.ބީ.ސީ.އިން ދިފާޢުކޮށްދެނީ. ބީ.ބީ.ސީ.އިން ފަތުރަނީ. އެކަން އަޅުގަނޑުމެން ދަނެގެން ތިބެ ބީ.ބީ.ސީ.އިން ކިޔާ ޚަބަރުތައް ނަގައިގެން، އަޅުގަނޑުމެން ތަރުޖަމާކޮށްގެން ޖެއްސަސް، ޙަޤީޤަތް އަޅުގަނޑުމެންނަށް އެނގެނިކޮށް މައްސަލައެއް ނެތް.

އެމީހުން ޚަބަރު ކިޔާއިރު، ގެންގުޅޭ އުކުޅުތަކެއް ހުންނާނެ އިނގޭތޯ. ޙަޤީޤަތުގައި ސީދާ ނުބުނާނެ. މިސާލަކަށް، މި ޢަރަބި އިޒްރޭލް މައްސަލައިގައިވެސް، މި ޢަރަބިން މިއީ ހާދަ ގޯސް ބައެކޭ. އެމީހުން ވަރަށް ގޯސްކޮށޭ ކަންތައް ކުރީ. އެހެނެއް ނުބުނާނެ ސީދާ. އަދި އިޒްރޭލް މީހުން މިއީ ހާދަ ރަނގަޅު ބައެކޭ، ހާދަ ރަނގަޅަށޭ، ހާދަ މޮޅަށޭ ކަންތައް ކުރަނީ. އެހެނެއްވެސް ނުބުނާނެ. ސީދާ ނުބުނެ، އަޅުގަނޑުމެން ހިތަށް އެކަން ވައްދުވައިދޭނީ.

އިޒްރޭލް މީހުން މިސާލަކަށް، މިހާރު ޙަމަލާއެއްދިނީ ދެކުނު ލެބެނާނަށް. ޙަމަލާއެއް ދީގެން މަތިންދާބޯޓުން ގޮސް ބޮމްއަޅައި، އެތައް ބަޔަކު މަރުވެ، ޒަޚަމްވެ، މިހެންވީ. އެޚަބަރު ކިޔާއިރު، އެކަހަލަ ކޮންމެ ޚަބަރެއް ކިޔާއިރު، ބީ.ބީ.ސީ. އިންވެސް އަދި ހުޅަނގުގެ އެކަހަލަ ކޮންމެ ރޭޑިޔޯ ސްޓޭޝަނަކުންވެސް ފުރަތަމަ ކިޔާނީ އިޒްރޭލް މީހުން ބުނިގޮތުގެ ވާހަކަ. އިޒްރޭލް މީހުން މިއަދު އަންގައިފިޔޭ، އެމީހުންގެ މަތިންދާބޯޓުތަކެއް ގޮސް، މިވެނި ތަންތަނަށް ބޮމްއަޅައި ހަދައިފިއޭ. އެއީ އިޒްރޭލަށް ޙަމަލާދޭ ފަލަސްޠީނުގެ މީހުން ތިބި ތަންތަނަށޭ ބޮމްއެޅީ. އެ ސަބަބުވެސް ކިޔާނެ އިނގޭތޯ.

އެހެންވީމާ، އެޚަބަރު ކިޔާއިރު ސީދާ ނުބުނެ، އަޅުގަނޑުމެންނަށް އެ އަންގައިދެނީ، އިޒްރޭލް މީހުން އެކަން ކުރީ، އެހެން ކުރަން ޖެހިފައި އޮވެގެންނޭ. އެމީހުންނަށް ޙަމަލާދޭ މީހުންނަށް އެހެން ހަދަންޖެހޭނެއޭ. ފަލަސްޠީނުގެ ބަޔަކު ތިބެގެން، އެމީހުންގެ ސަރަޙައްދަށް ޙަމަލާދީ، މީހުން މަރާ ހަދާ ބައެއް ތިބި ތަނަކަށޭ މި ބޮމްއެޅީ. އެންމެ ފުރަތަމަވެސް ބީ.ބީ.ސީ.ގެ ޚަބަރުގައި އަންނާނީ އެހެން. ދެން ފުރަތަމަފަހަރަކު ނާންނާނެ، ޢަރަބިންގެ ކޮޅުން ބުނާ ވާހަކައެއް. ފުރަތަމަ ޚަބަރު ފޮނުވާ ފަހަރަކު ނާންނާނެ. ދެފަހަރެއް ފަހުން އަންނާނީ. ހަމައެކަނި ކޮންމެ ޚަބަރު ގަޑިއެއްގައިވެސް ފުރަތަމަ ކިޔާނީ އިޒްރޭލް މީހުން މިހެން ބުންޏޭ، މިހެން ބުންޏޭ. އެކަން އަޅުގަނޑުމެންގެ ހިތްތަކަށް ރަނގަޅަށް ވަދެ، އިޒްރޭލް މީހުން އެކަންކުރީ، އެކަން ކުރަންޖެހޭތީކަން ހިތަށް ޤަބޫލުކުރެވުމަށްފަހުގައި، ދެން އަންނަ ޚަބަރެއްގައި ކިޔާފާނެ، ޢަރަބިން ބުނެއޭ، އެހެނެއް ނޫނޭ އެއީ. އެކަން ހިނގީކީ އެހެނެއް ނޫނޭ. މި ދެންނެވީ އެމީހުން އައިސް ބޮމްއެޅީ ހަމަ ކުޑަކުދިންގެ މަދަރުސާތަކަށާއި، ހަސްފަތާލުތަކަށާއި، ނޫނީ ބޮމްއެޅީ މަދަނީ ތަންތަނަށޭ ބުނާނީ މާފަހުން. މިހެން ބުނާއިރު ކުރިން އޮންނާނީ އެކަންވީ މުޅިން އެހެން ގޮތަކަށް ކަމަށް އަޅުގަނޑުމެންގެ ހިތްތަކަށް ވަދެފައި. އެކަން ނިމިފައި އޮންނާނީ. އެކަހަލަ އުކުޅު އެމީހުން ބޭނުންކުރާނީ. ފުރަތަމަވެސް ކިޔާނީ، އެކަން ހިތަށް ވައްދައިދޭން ބޭނުންވާގޮތަށް. އެގޮތަށް ކިޔާފައި، ދެން ފަހުން ބަޔަކު ޝަކުވާކޮށްފާނެތީ ނުވަތަ ހިތަށްއަރާފާނެތީ، ބީ.ބީ.ސީ.ވެސް މި ޚަބަރު ކިޔަނީ މާ އެއްފަރާތަށް ޖެހިގެންނޭ. އެހެން ހިތަށްއަރާފާނެތީ ދެވަނަފަހަރަށް، ތިންވަނަފަހަރަށް ކިޔާއިރު، އަނެއް ތަންކޮޅުލަނީ.

ދެން ބައެއްފަހަރަށް ޚަބަރުކިޔާއިރު، ފުރިހަމަ ޙަޤީޤަތެއް ނުދޭނެ އިނގޭތޯ. ކޮންމެ ކަމެއް ހިނގާއިރުވެސް، ތަފާތު ކަންތަކެއް ހިނގާފައި ހުންނާނެ. އޭގެ އެއްބައި ކިޔާނީ. ޙަޤީޤަތުގެ ދެބައިކުޅައެއްބައި ކިޔައިދިނުން އެއީ ވަރަށް ނުރައްކާތެރި ކަމެއް. އެއީ އޭރުން ދެން އޮތްބައި އަޅުގަނޑުމެންގެ އަމިއްލަ ހިތަށް ގެންނަން މިޖެހެނީ. އަމިއްލައަށް ވިސްނައިގަންނަންޖެހެނީ އަނެއްބައި. ވިސްނައިގަތީމާ، ގިނަފަހަރު އޮންނާނީ ރަނގަޅަށް ނުވިސްނިފައި. އެހެންވީމާ، ޙަޤީޤަތުގައި ދެބައިކުޅަ އެއްބައި، ހާފް ޓުރުތްސް ކިޔައިދިނުން އެއީ ހަމަ މި ޚަބަރުފަތުރާ ވަސީލަތްތަކުގެ ގޮތެއް. ބޭނުންކުރާ ގޮތެއް.

ދެން މިހާރު މިއީ ޓީ.ވީ.ގެ ޒަމާނަށްވީމާ، ފޮޓޯ ދެއްކުމުގައިވެސް އޮންނާނީ އެހެން އިނގޭތޯ. ވީޑިއޯ، ޚަބަރާ އެކުގައި މި އަންނަ ވީޑިއޯ ދައްކާއިރުވެސް ދައްކާނީ، އޭގެ ސަބަބުން މީހުންގެ ހިތަށް އެ ކުރުވާ އަސަރަށް ބަލާފައި، ކުރާނެ އަސަރަކަށް ބަލާފައި، އެމީހުން ބޭނުންވާގޮތަކަށް ހުންނާނީ. އަޅުގަނޑު ކުރިންވެސް ދެންނެވި، އެއްކަލަ ކޮރެޔާ މަތިންދާބޯޓު ވެއްޓުނު ޙާދިޘާގައި، ކޮރެޔާ މީހުން ހިތާމަކުރާ މަންޒަރު، އެތައް ޒަމާނެއް ވަންދެން ނޫސްތަކުގައި ޖަހަމުންދިޔަ ވާހަކަ ޓީ.ވީ. އިންވެސް އައި. އެގޮތަށް އައިމާ އަޅުގަނޑުމެންގެ ހިތަށް ވަދެފައި އޮންނާނީ ހިތާމަވެރި އަސަރު. އެގޮތަކަށް ނޫން އީރާނު ބޯޓު ވެއްޓިގެންދިޔައިމާ ކަންތައް ކުރީ. އެމީހުންގެ އެއްވެސް ފޮޓޯއެއް ނުޖަހާ. ޖެހިނަމަވެސް، ޖަހާފައި ހުންނާނީ ވަރަށްމަދުން. އެއްގޮތަކަށްވެސް ދެފަރާތް އެއްވަރުވާކަހަލަ ގޮތަކަށް ނޫން ޖަހާފައި ހުންނާނީކީ. އެހެންވީމާ، އީރާނު މަތިންދާބޯޓު ވެއްޓުނީމާ އަޅުގަނޑުމެންގެ ހިތަށް ކުރި އަސަރު މާކުޑަ. ކޮރެޔާ މަތިންދާބޯޓު ވެއްޓުނީމާ މާބޮޑަށް އަޅުގަނޑުމެން ހިތާމަކޮށް، އެކަމާ ދެރަވެގެން އުޅުނިން. އުޅެންޖެހޭނެ، އެހެން ނޫންތޯ؟ އަޅުގަނޑުމެންނަށް ފެންނަން އޮތީ، އަޅުގަނޑުމެންނަށް އެމީހުން ދައްކައިދިނީ އެގޮތްވިއްޔާ.

ދެން މިހާރު އައްސަވާނެ، ސޫދާނުގައި ފެންބޮޑުވެގެން އުޅޭ ވާހަކަ. ސޫދާނަށް ވަރަށްގިނަ ދުވަސް ވަންދެން ވާރޭވެހި، މި ޤަރުނުގައި އަދި ނީލަކޯރުގެ ފެންގަނޑުބޮޑުނުވާ ހިސާބަކަށް މިހާރު ބޮޑުވެގެން ގޮސްފައިވަނީ. އޭގެ ސަބަބުން އެތައް ބައެއްގެ ގެދޮރުނެތި، ސޫދާނުގެ ވަރަށްގިނަ މީހުން ޙާލުގައި ޖެހިފައި ތިބީ. ދެފަހަރެއްގެ މަތިން އަޅުގަނޑު ދުށިން، ޓީ.ވީ މޯލްޑިވްސް އިން ޚަބަރު ފޮނުއްވިއިރު، ސޫދާނަށް، ސޫދާނުގައި ފެންބޮޑުވެގެން، ސޫދާނުގެ ރައްޔިތުން ޙާލުގައި ޖެހުނީމާ، އެފަރާތްތަކަށް އެމީހުން ވެދިން އެހީގެ މަންޒަރު. ދެއްކިއިރު، މުޅިންވެސް ދައްކަނީ އިނގިރޭސި މަތިންދާބޯޓު އައިސް ޖައްސާފައި، އެކިއެކި ބޭސްތަކާއި، ރަޖަޔާއި އަދި އެނޫންވެސް އެމީހުންނަށް ބޭނުންވާ އެއްޗެހިތައް ދޭތަން. ދެރޭ މަތިން އައި އިނގޭތޯ. އެކަމަކު އެންމެ ބޮޑަށް ސޫދާނަށް މިކަމުގައި އެހީވެދިނީ ކޮން ޤައުމެއްކަން އަޅުގަނޑު ދަންނަވައިފިއްޔާ ޙަޤީޤަތަކީ ތިޔަބޭފުޅުން ޢަޖައިބުވާނެ. ހީފުޅުވެސްނުކުރައްވާނެ. މިހާތަނަށް ސޫދާނަށް މިޖެހުނު ކަންތަކުގައި، އެންމެބޮޑު އެހީވެދިނީ ސުޢޫދީ ޢަރަބިއްޔާއިން. އެވާހަކަ އެއްސެވީމުތޯ އެއްވެސް ޚަބަރަކުން. ނާއްސަވާނެ. މެދުނުކެނޑި އެތައް ދުވަހެއް ވަންދެން އެންމެބޮޑަށް އެހީވެދިނީ ސުޢޫދީ ޢަރަބިއްޔާއިން. އަދިވެސް އިނގޭތޯ. އަދިވެސް މެދުނުކެނޑި ހަމަ ބައިވަރު މަތިންދާބޯޓުތައް އެއޮއްދަނީ ސުޢޫދިއްޔާއިން ފުރައިގެން ސޫދާނަށް. ޚަރްޠޫމް އެއަރޕޯޓަށް ތިރިކޮށްފައި، ބޭނުންވާ ބޭހާއި، ކާނާއާއި، އޭތިމީތި އެ ދެނީ. އަދި އޭގެއިތުރުން، މިހާރު ސުޢޫދީ ޢަރަބިއްޔާއިން ދީފި 5 ހެލިކޮޕްޓަރު. އެއީ ސޫދާނަށް ދިމާވެފައި އޮތް އެންމެބޮޑު އެއް މައްސަލައަކީ، އެއަރޕޯޓުގައި ހުންނަ އެއްޗެހިތައް، އެ އެހީއަށް ބޭނުންވާ ތަންތަނަށް ގެންދެވޭނެ ގޮތެއްވެސް ނެތިފައި އޮތުން. މަގުތަކުގައިވެސް ފެންބޮޑުވެފައި އޮތީ. ލޮރީ އެއްޗިއްސެއް ނުދުއްވޭ. ރޭލެއް ނުދުއްވޭ. ދެން ހަދާނީ ކިހިނެއްތޯ؟ އެހެންވީމާ، ސުޢޫދީ ޢަރަބިއްޔާއިން ފޮނުވީ ހެލިކޮޕްޓަރުތަކެއް. އިއްޔެ ފޮނުވައިފި 5 ހެލިކޮޕްޓަރު ޚަރުޠޫމަށް. އޭރުން އެ ހެލިކޮޕްޓަރުތަކުން އެއްކަލަ އެހީގެ އެއްޗެހިތައް، އެ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގެންގޮސްދެވޭނޭގޮތް ހަދައިދިނުމަށްޓަކައި. އެ ވާހަކަ ނާދޭ އެއްވެސް ޚަބަރެއްގައި. އެންމެބޮޑު އެހީ މިހާތަނަށް ވަމުން ގޮސްފައިވަނީ އަދި ވެދީފައިވަނީ ހަމަ އިސްލާމީ ޤައުމަކުން. ސުޢޫދީ ޢަރަބިއްޔާއިން. އެ ޚަބަރެއް ނީވޭ. އަޅުގަނޑުމެންނަށް އިވެނީ، ފެނުނީ، އަޅުގަނޑުމެންގެ ލޮލަށް ފެނުނީ، އިނގިރޭސީން ވެދިން އެހީ. ނުވަތަ ހުޅަނގުގެ ބައެއް ޤައުމުތަކުން ވެދިން އެހީ. އެއީ ޚަބަރު ފޮނުވުމުގައި، އެމީހުން ހަދާ އުކުޅޭ މި ދަންނަވަނީ. މިކަހަލަ އުކުޅު ހަދާލައިގެން އަޅުގަނޑުމެންނަށް އޮންނަނީ، އެހެން ގޮތަކަށް ކަންތައް ވިސްނުވައިދީފައި.

ދެން އަޅުގަނޑުމެންގެ އަމިއްލަ ސަރަޙައްދު ކައިރިއަށް އަންނަންޏާ، ބަންގްލާދޭޝްއާއި އިންޑިޔާގެ ކަންތައް ހިނގާ ގޮތުގެ ވާހަކަ ކިޔާއިރުވެސް، މުޅިން އެއްފަރާތެއްގެ ވާހަކަ އަންނާނީ. އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރު ކެނޑިނޭޅި އަންނާނެ، ބަންގްލަދޭޝްގައި މިއަހަރު ކުރީކޮޅު ސަރުކާރާ ދެކޮޅަށް މީހުން ކުރަމުންގެންދިޔަ މުޒާހަރާތަކުގެ ވާހަކަ. އެމީހުން ތަންތާނގައި ރޯކޮށް، ގާއުކާ، އެކަހަލަ ކަންތައް ކުރި ވާހަކަ، ވަރަށް ގިނައިން ރޭޑިޔޯ ޚަބަރުގައިވެސް އަންނާނެ. އަނެއްކާ ޓީ.ވީ.އިން ހަމަ ކޮންމެ ރެޔަކު އަންނާނެ. ޓީ.ވީ.އިން އަންނަ ޚަބަރުތަކުގައި، ބަންގްލަދޭޝްގެ ކުޑަކުދިންކޮޅެއް ނުކުމެގެން، ވަރަށް ކުޑަކުދިންކޮޅެއް ނުކުމެގެން ގާއުކާ، ތަންތާނގައި ރޯކޮށް ހަދާތަން ފެންނާނެ. ހަމަ ކުޑަކުދިން ފެންނާނީވެސް އިނގޭތޯ. އެކަމަކު އެނގިވަޑައިގަންނަވާނެ، ކުޑަކުދިން އެ ނުކުންނާނީ ކޮންމެވެސް ބަޔަކު ފޮނުވައިގެން ނޫންތޯ؟ އެހެންވީމާ، އެނގޭ އެއީ ބޮޑު ރޭވުމެއްކަން. އެކަމަކު އެޚަބަރު ހަމަ ކޮންމެ ރެޔަކު އަންނާނެ ޓީ.ވީ.އިން. އެހެންވީމާ، އަޅުގަނޑުމެން ހިތަށް ވަންނާނީ ބަންގްލަދޭޝް ސަރުކާރާ ދެކޮޅު މީހުން ހާދަ ގިނައޭ. ހާދަ ގޯސް ސަރުކާރެކޭ މިއީ. އިރުޝާދު މިއީ ހާދަ ނުބައި މީހެކޭ. އެހެން ފުރަތަމަވެސް ހިތަށްވަންނާނީ. މުޅި ޤައުމު އޭނާއާ ދެކޮޅޭ. އެކަމަކު އެއީ ޙަޤީޤަތްތޯ؟ އަޅުގަނޑުމެންނަށް މި ފެންނަނީ ޙަޤީޤަތެއް ނޫން.

ދެން މިދޭތެރެއިން އިންޑިޔާއަށް މިއައި ކޮލެރާގެ ކަންތައް. މިހާރުވެސް އެކަންތަކުގައި އިންޑިޔާ މިއުޅެނީ. ނިއުދިއްލީ ހިސާބުގަނޑުގައި ވަރަށް ބޮޑަށް ކޮލެރާ ފެތުރި، ވަރަށްގިނަ މީހުންނަށް އެ ބަލިޖެހި، އެތައް ބަޔަކު މަރުވެއްޖެ. އެ އަންނަ ވީޑިއޯތައް، ޓީ.ވީ.އިން ދައްކާ ވީޑިއޯތައް ދެކެވަޑައިގަތީމުތޯ؟ އެއިން ދައްކަނީ، ބަލިމީހުން ދައްކާފައި، ދެން ދައްކަނީ ދިއްލީގައި ހުރި ހަޑި ތަންތަން. މީހަކު ހީވެސްނުކުރާހާ ހަޑި މުޑުދާރުކޮށް، ނުސާފުކޮށް ހުރި ތަންތަން، ތަކުރާރުކޮށް އެތައްފަހަރެއްގެ މަތިން މި ދައްކަނީ. އެއީ ބޭނުމެއް އޮވެގެން ނޫންތޯ؟ އެއީ އަޅުގަނޑުމެންގެ ހިތަށް، ދުނިޔޭގެ މީހުންގެ ހިތަށް އެއްޗެއް ވައްދައިދޭން އެއުޅެނީ. ހާދަ ނުބައިކޮށޭ، ގޯސްކޮށޭ އިންޑިޔާގެ ކަންތައްތައް ހުރީ. އެކަމަކު ބޭރު ޤައުމުގެ ތަންތަން ދައްކާއިރު، އެކަހަލަ ތަންތަން ނުދައްކާނެ. ދެން ކޮންމެ ރެޔަކު ދެއްކުމުގެ ބޭނުމެއްވެސް ނެތެއްނޫންތޯ. ކޮންމެވެސް އެއްފަހަރަކު، މިހާ ދެރަކޮށް ކަންތައް ހުރީމާ ކޮލެރާ ފެތުރެނީއޭ ބުނެފައި، އެވަރު ދެން އެންމެ ރަނގަޅު ނޫންތޯ. އެކަން އޮތީ އެހެން ކަމަށްވަންޏާ، އެހެން ބުނަންވެސްޖެހޭނެ. އެހެންނަމަވެސް، ހަމަ ތަކުރާރުކޮށް އެ މަންޒަރު އެ ދައްކަނީ، އެއީ ކޮންމެވެސް ސަބަބެއް އޮވެގެން. ކޮންމެވެސް އެއްޗެއް ހީކުރުވަންވެގެން. ދެން އަޅުގަނޑުމެން ހީކުރަންވީ، ހާދަ ގޯހޭ އެތާ ކަންތައް ހުރިގޮތް. މިހިރިއްޔޭ ޙާލުހުރިގޮތް. އެހެންވީމާ، އެހެންނޭ ވާނީވެސް. އެއީ އިންޑިޔާއަކީ 3 ވަނަ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ކުރިއަރަމުން އަންނަ، މިހިސާބުގަނޑުގައި ވަރަށް ބާރުގަދަ، މީހުން ގިނަ ޤައުމެއް. އަޅުގަނޑުމެންގެ ތެރޭގައި، 3 ވަނަ ދުނިޔޭގެ އެންމެމޮޅު އެއް ޤައުމު އެއީ. އެހެންވީމާ، 3 ވަނަ ދުނިޔޭގެ ޙާލަތު އެއިން އެނގޭ ނޫންތޯ. އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ އެންމެބޮޑު ޤައުމުގެ ކަންތައް ހުރިގޮތް ދައްކާލީމާ، ދެން އެއަށްވުރެ އާދައިގެ ޤައުމުތަކުގެ ކަންތައް ހުންނާނެގޮތް އެވީ އަޅުގަނޑުމެން ހިތަށް ގެންނަން. އެކަހަލަ އެޓިޓިއުޑެއް މިހުންނަނީ، ޚަބަރު ފޮނުވާ މި ވަސީލަތްތަކުގައި. އެކަންތައްތައް އަޅުގަނޑުމެން ރަނގަޅަށް ދަންނަންޖެހޭނެ. އެހެންވާކަން ނޭނގެންޏާ އަޅުގަނޑުމެން ލިޔާ ޚަބަރުތަކުގައިވެސް ހުންނާނީ އެއްކަލަ ބޭރުމީހުން، އެ ޚަބަރުގައި ޖައްސާ ކުލަ. އެ ކުލަވަރު ހުންނާނީ، އަޅުގަނޑުމެން އަމިއްލައަށް ލިޔާ ނޫސްތަކުގައިވެސް. އެމީހުންނަކީ ތެދުތެދަށް ދަންނަވަންޏާ، ހަމަ އިސްލާމްދީނާވެސް ދެކޮޅު މީހުން. އިސްލާމްދީނުގެ ވާހަކަ ކޮންމެހެން ދައްކާކަށް އަޅުގަނޑު ޤަޞްދުކޮށްފައި އޮތީކީ ނޫން. އެހެންނަމަވެސް، އެހިސާބަށް ދިޔައިމާ އެއްޗެއް ދަންނަވާލާނަން. އެއީ އިސްލާމްދީނާ ބެހޭގޮތުންވެސް ބޭރުގެ ނޫސްތަކާއި މަޖައްލާތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކުގައި ގެންގުޅެނީ ވަރަށް ނޭދެވޭ ވާހަކަތަކެއް.

ހުޅަނގުގެ ރައްޔިތުންނަށް، ހުޅަނގުގެ ޤައުމުތަކުގެ މީހުންނަށް އިސްލާމްދީނުގެ ޙަޤީޤަތް އޮންނަނީ މުޅިން އޮޅުވާލާފައި. އެމީހުންނަކަށް، އާދައިގެ މީހުންނަކަށް އިސްލާމްދީނަކީ، ކޮން އެއްޗެއްކަން އެއްގޮތަކަށްވެސް ނޭނގެ. އެމީހުންނަށް އެނގޭނީ ނޫސްތަކުގައި ޖަހާ އެއްޗެއް ނޫންތޯ؟ އަޅުގަނޑު ހަނދާންވަނީ މީގެ ފަނަރަވަރަކަށް އަހަރު ކުރިން އަޅުގަނޑަށް ދިމާވި މައްސަލައެއް. އަޅުގަނޑު މަތިންދާބޯޓެއްގައި ދަތުރުކޮށްފައި ދިޔައީ. ކައިރީގައި އިނީ ބިދޭސީ ކޮންމެވެސް އެހެން ޤައުމެއްގެ މީހެއް. ދެން އޭނާ އަޅުގަނޑާ ވާހަކަ ދައްކާލައި، ކޮން ތަނެއްގެ މީހެއްހޭ އަހާލީމާ، އަޅުގަނޑު ދިވެހިރާއްޖޭގެ މީހެކޭ ބުނެފިން. ދެން ބުނެފި، އެހެންވީމާ ކަލޭތީ އިސްލާމެއްތާއޭ. (ކޮންމެވެސް ގޮތަކުން އޭނާއަށް އެނގިފައި އޮތީކަންނޭނގެ) ދެން އަޅުގަނޑު ބުނެފިން އާނއެކޭ. ބުނީމާ ފުރަތަމަވެސް ކުރި ސުވާލަކީ، "ކަލޭގެ ތިބޭހޭ ހަތަރު އަނބިން." މުސްލިމަކަށްވުމާއި، ހަތަރު އަނބިން ތިބުމާ، މިއީ އެމީހުން ކައިރީގައި އެކައްޗެއް. ދެން އެހީ "އަތްކަނޑާހޭ" މިކަހަލަ، އިސްލާމްދީނަށް އެމީހުންގެ ނަޒަރުގައި ހުތުރުވާކަހަލަ ނުވަތަ މީހުންގެ ހިތުގައި ޤަދަރުކުޑަވާކަހަލަ ވާހަކަތައް ފަތުރާފައި އޮންނަނީ. މުސްލިމެއްވިއްޔާ ހަތަރު އަނބިންވެސް ތިބެންޖެހޭނެ. ނޫނީ މީހަކު ވައްކަން ކޮށްފިއްޔާ އަތްކަނޑާނެ. އެމީހުން ދެކޭގޮތުގައި އެއީ ވަރަށް ނާތަހުޒީބު ކަމެއް. އެކަހަލަ ކަންތައްތައް އިސްލާމުންގެ މެދުގައި ހުންނާނީ.

ދެން ފަހަކަށްއައިސް، މުޅިންވެސް މުސްލިމުންނަކީ ހަރުކަށި ބަޔަކަށްވެފައި އޮންނަނީ. ލޭއޮހޮރުވާ ބަޔަކަށްވެފައި އޮންނަނީ. އެމީހުންގެ މެދުގައި ޞުލްޙަމަސަލަސް ކަމެއް ނޯންނާނެ. ޢަދުލު އިންޞާފެއް ނޯންނާނެ. ހަމައަކުން އެއްވެސް ކަމެއް ނުކުރާނެ. އިސްލާމަކުވިއްޔާ ތަހުޒީބުގޮތަކަށް ކަމެއް ނުކުރާނެ. އެހެންވީމާ، މިހާރު އިސްލާމެކޭ ހުޅަނގުގައި ބުނެފީވިއްޔާ، އެމީހުންގެ ހިތަށް އަންނާނީ ހަމަ ރުޅި އިނގޭތޯ. ވަރަށްގޯސް ބައެކޭ، އެއީ ތިމަންނާމެންނާ ދިމާކޮށްފައި ތިބޭ ބައެކޭ. އެމެރިކާ މީހުން ހޮސްޓެޖުންގެ ގޮތުގައި ހިފަހައްޓާ ބައެކޭ. އެމެރިކާ މީހުން، ފަރަންސޭސީން، އިނގިރޭސީން މަރާ ބައެކޭ. އެހެން އެމީހުންގެ ހިތުގައި އޮންނާނީ.

އަޅުގަނޑު އަތުގައި އެބައޮތް ފޮތެއް އިނގޭތޯ. "ކަވަރިންގ އިސްލާމް" ކިޔާ ފޮތެއް. މިފޮތުގައި ބުނެފައި މި އޮންނަނީ، އިސްލާމްދީނާ ބެހޭގޮތުން ހުޅަނގުގެ ނޫސްތަކުގައި ކަންތައްކުރާ ގޮތުގެ ވާހަކަ. އިސްލާމްދީނުގެ ޙަޤީޤަތްވެސް އަދި މުސްލިމުން ކަންތައްކުރާގޮތްވެސް، ކީއްވެގެންކަން އެހެން ކަންތައް ކުރަނީ އެއްގޮތަކަށްވެސް ބަޔާންނުކޮށް، އެމީހުންނަށް ރައްދުވާގޮތަށް، މީހުންގެ ހިތުގައި މުސްލިމުންނާ ދޭތެރޭގައި ނަފްރަތު އުފެދޭގޮތަށް، ރުޅިވެރިކަން އުފެދޭގޮތަށް، އެމެރިކާގެ ނޫސްތަކުގައި ކަންތައްކުރާ ގޮތުގެ ވާހަކަ. ވަރަށްދިގު ފޮތެއް އިނގޭތޯ. އެހެންވީމާ، އޭގައި ހުރި ހުރިހާ ވާހަކަތަކެއް ނުވެސް ދެންނެވޭނެ.

އެންމެ ވާހަކައެއް އަޅުގަނޑު ދަންނަވާލާނީ. އެއީ ތެލުގެ އަގުބޮޑުވެގެންދިޔަ ދުވަސްވަރު، އެމެރިކާގެ ޓީ.ވީ. ނެޓްވާރކަކުން ފޮނުވި އިޝްތިހާރެއް. ކުޑަކުޑަ އިޝްތިހާރެއް ފޮނުވީ. އެމެރިކާގެ "ކޮންއެޑް" ކިޔާ ކުންފުންޏަކުން. އެއީ ކޮންސޮލިޑޭޓެޑް އެޑިޝަން އޮފް ނިއުޔޯރކް. އެ ކުންފުނިން ފޮނުވި އިޝްތިހާރެއް. ފުރަތަމަ ފެށޭއިރު، އޭގައި މި ދައްކަނީ، ޢަރަބި ޤައުމުތަކުގެ ބައެއް ބޭފުޅުން. ޔަމާނީ އެއީ އޭރު ސަޢޫދީ ޢަރަބިޔާގެ ތެލާބެހޭ ވަޒީރު. އޭނާގެ ފޮޓޯފުޅެއް އައިސްފައި، ދެން ޤައްޛާފީގެ ފޮޓޯފުޅެއް. ދެން ބައެއް ޢަރަބިހެދުން ލާފައި ތިބި ބައެއް މީހުންގެ ފޮޓޯ. އޭގެފަހުން ޚުމައިނީ، ޢަރަފާތު، ޙާފިޡުލްއަސަދު. މި ބޭބޭފުޅުންގެ ފޮޓޯފުޅުތަކެއް އަންނަނީ. ދެން އެއްވެސް ވާހަކައެއް އެބޭފުޅުންނާ ބެހޭގޮތަކުން ނުދައްކާ. އެބޭފުޅުންގެ ނަންފުޅެއްވެސް ނުކިޔާ. އެހެންނަމަވެސް، ކިޔަނީ މިމީހުންނޭ. މިމީހުން މިއީ މިހާރު އެމެރިކާއަށް ދަތިކުރާ މީހުންނޭ. އެމެރިކާއަށް ތެޔޮ ލިބުން މަނާކުރާ، ތެލުގެ އަގުބޮޑުކުރާ މީހުންނޭ ކިޔައިގެން، ވަރަށް ބިރުވެރި އަޑަކުން، މީގައި ބުނެފައި އޮތީވެސް އެހެން. ބިރުވެރި އަޑަކުން ފަހަތުން އަންނަނީ އެ ވާހަކަ. އެމެރިކާއަށް މިހާރު ދިމާވެގެން އުޅޭ ހުރިހާ ދަތިތަކެއް ކުރިމަތިކުރާ ބަޔަކީ މިއޭ ކިޔާފައި، މި އަންނަނީ. އެހެން އައިމާ، އެމެރިކާ މީހުންގެ ހިތުގައި އުފެދެނީ އެކަމާ ދޭތެރޭގައި ވަރަށް ވަރުގަދަ ރުޅިވެރިކަމެއް. މީގައި ޖަހާފައިވެސް އެބައޮތް.

It was enough for these men to appear as they have appeared in news papers and on television for American viewers to feel a combination of anger, resentment and fear.

މިފޮޓޯތައް ފެނުނީމާވެސް އެމީހުންގެ ހިތަށް އަންނަނީ ރުޅިވެރިކަމާއި، ނަފްރަތްތެރިކަމާއި އަދި ބިރުވެރިކަމުގެ ޝުޢޫރުތަކެއް. ފެނުނީމާ ފުރަތަމަވެސް އެމީހުންގެ ހިތުގައި އެ ހުރިހާ ޝުޢޫރެއް އެކުވެފައިވާ ޝުޢޫރުތަކެއް މި އުފެދެނީ. އެމީހުންގެ ކުރިމަތީގައި އިސްލާމުން މި ދައްކަނީ އެގޮތަށް. މިހާރު އެމެރިކާގައި އިސްލާމުންނޭ ބުނެފީވިއްޔާ، ޓީ.ވީ.ގައި ނުވަތަ ނޫސްތަކުގައި ބުނެފީވިއްޔާ، އޭގެ މާނައަކީ އެއްވެސް ހަމައެއް ޤަބޫލުނުކުރާ، ހަރުކަށި، ގޮތްދޫނުކުރާ، މީހުންމަރާ، ދެން ހުރިހާ ނުބައިކަމެއް ކުރާ މީހުން.

އެހެންވީމާ، މިއީ ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުގެ ކަންތައް ހުރިގޮތަކީ. އެކަހަލަ ނޫސްތައް އަޅުގަނޑުމެންނަށް ފެނިގެންދަނީ ނުވަތަ އަޅުގަނޑުމެންގެ ރާއްޖެއަށްވެސް އެކަހަލަ ނޫސްތައް އާދޭ. އަޅުގަނޑުމެންނަށް އޭގެ ޙަޤީޤަތް ނޭނގެންޏާ، ނޫސްތައް ކިޔާފައި، އަޅުގަނޑުމެންގެ އަމިއްލަ ހިތަށްވެސް ވަންނާނީ ވަރަށް ނޭދެވޭ ޝުޢޫރުތަކެއް. އިސްލާމްދީނާ ދޭތެރޭގައިވެސް، މުސްލިމުންނާ ދޭތެރޭގައިވެސް ދުނިޔޭގައި ކަންތައް ހިނގާގޮތްވެސް އަޅުގަނޑުމެންނަށް އޮންނާނީ އޮޅިފައި.

ތިޔަބޭފުޅުންނަކީ، ރާއްޖޭގައި ނޫސްވެރިކަން ތަރައްޤީ ކުރައްވަން ތިއްބެވި ބޭފުޅުން. ރާއްޖޭގެ ނޫސްތަކުގައި ޚަބަރު ޖައްސަވައި، އެކިއެކި ޚިޔާލު ޝާއިޢު ކުރައްވާ ބޭފުޅުން. އެހެންވީމާ، ތިޔަބޭފުޅުންނަށްވެސް މި ޙަޤީޤަތްތައް އޮންނަންޖެހޭނީ ރަނގަޅަށް އޮޅުންފިލާފައި. ކޮންމެ ބަޔަކުވެސް
އެ މަސައްކަތް ކުރަނީ، އެމީހުންގެ އަމިއްލަ މަޞްލަޙަތު ރައްކާތެރިކުރަން. އަނެއްކާ އެމީހުންގެ އަމިއްލަ މަޤްޞަދުތައް ޙާޞިލްކުރަން. އެހެންވީމާ، އެމީހުންގެ މަޅީގައި އަޅުގަނޑުމެން ޖެހިގެނެއްނުވާނެ. އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތު އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. އަޅުގަނޑުމެން މިއީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. އަޅުގަނޑުމެންނަކީ ވަކިފަރާތަކަށް ނުޖެހޭ ޤައުމެއް. މިނިވަން، މުސްތަޤިއްލު ޤައުމެއް. އަޅުގަނޑުމެންގެ އަމިއްލަ އާދަކާދަތަކެއް އެބަހުރި. އަމިއްލަ ބަހެއް އެބައޮތް. އަމިއްލަ ގޮތްތަކެއް އެބަހުރި. އެ ކަންތައްތަކާ ދޭތެރޭގައި، އަޅުގަނޑުމެން ލިޔާ ލިޔުންތަކުގައިވެސް، ފާޅުކުރާ ޚިޔާލުތަކުގައިވެސް އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭނީ. އެއްގޮތަކަށްވެސް އެމީހުން އަޅުގަނޑުމެންނަށް އެ ލައިދޭ ވާހަކަތަކެއް ނޫން ނުވަތަ އަޅުގަނޑުމެންގެ ހިތުގައި އުފައްދައިދޭ ޝުޢޫރުތަކެއް ނޫން، އަޅުގަނޑުމެން ލިޔާ ލިޔުންތަކުގައި ހުންނަންވާނީކީ. އަޅުގަނޑުމެން އެކަން ރަނގަޅަށް ދަންނަންޖެހޭނެ.

ދެން އަދި އެއް ވާހަކަ ދަންނަވާފައި ނިންމާލާނީ. ކުރީ ދުވަހުވެސް އަޅުގަނޑު ދެންނެވިން. ޙަޤީޤަތުގައި އެމެރިކާގެ ނޫސްތައް ހުންނަނީ އެކިއެކި ފަރާތްފަރާތާ ގުޅިފައޭ. ނުވަތަ ޢާންމުކޮށް، ހުޅަނގުގެ ނޫސްތައް ހުންނަނީ އެކިއެކި ފަރާތްފަރާތާ ގުޅިފައޭ. އަދި ބައެއް ފަރާތްތަކުގެ ނުފޫޒު، އޭގެ މައްޗަށް ވަރަށްބޮޑަށް އޮވެއޭ. ޔަހޫދީން އެއީ އެ ނުފޫޒު އޮންނަ ފަރާތެއް. ޔަހޫދީންގެ ނުފޫޒު، ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ މައްޗަށް އޮންނަނީ ވަރަށް ބޮޑަށް ވެރިވެފައި. އެއީ ހަމަ ޙަޤީޤަތެއް. 1897 ވަނަ އަހަރު ސްވިޓްޒަރލޭންޑްގައި ބޭއްވި ޖަލްސާއެއް. ޔަހޫދީންގެ 300 މީހުން، އެއީ ޔަހޫދީ ޖަމުޢިއްޔާތަކުން، ދުނިޔޭގައި އެތަންމިތާނގައި އުފެދިފައިވާ ޔަހޫދީ ޖަމުޢިއްޔާތަކުގެ މެންބަރުން ކުރި ޖަލްސާއެއް، 1897 ވަނަ އަހަރު ސްވިޓްޒަރލޭންޑްގައި. އެ ޖަލްސާއަކީ ސިއްރު ޖަލްސާއެއް. ޖަލްސާކޮށްފައި، އެމީހުން ފާސްކުރީ ޤަރާރުތަކެއް. އެވެސް އޮތީ ސިއްރު ޤަރާރުތަކެއްގެ ގޮތުގައި. އެމީހުން ފާސްކުރި ފާސްކުރުންތައް، ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށް ނޭނގި އޮއްވާ، ވީގޮތަކީ، ފަރަންސޭސި އަންހެނަކަށް، އެ ޔަހޫދީންގެ އެ ޖަލްސާގައި ބައިވެރިވި ކޮންމެވެސް މީހަކާ ގުޅުމެއް ހުރި އަންހެނަކަށް، އޭގެ ބައެއް ޚަބަރުތައް އެނގިގެން، އޭގެ ހަމަ ޙަޤީޤީ ލިޔުންތައް ހިފައިގެން އޭނާ ދިޔައީ ރޫސީވިލާތަށް. އޭނާ ގެންދިޔަ އެ ލިޔުންތައް އެންމެފަހުން އައިސް، ރޫސީ މުއައްރިޚެއްގެ އަތަށް ލިބުނީ. ލިބުނީމާ އޭނާ އެ ބެލިއިރު، އޭގައި ހުރީ ވަރަށް ނުރައްކާތެރި ކަންތައްތަކެއްކަން އޭނާއަށް ވިސްނިގެން، ރޫސީވިލާތުގައި އެ ލިޔުންތައް އޭނާ ޝާއިޢުކުރީ. ރޫސީ ބަހުން ޝާއިޢުކުރީ. އެއަށް އެމީހުން ދީފައި އޮތް ނަމަކީ "ޔަހޫދީ ބުއްދިވެރިންގެ ޕްރޮޓޮކޯލްތައް." ޔަހޫދީ ނުވަތަ ޞަޙުޔޫނީ ބުއްދިވެރިންގެ ޕްރޮޓޮކޯލްތައް. އޭގައި މިއޮންނަނީ، ޔަހޫދީންގެ ބޭނުމަކީ މުޅި ދުނިޔެއަށް ވެރިވުން ކަމުގައި. ޔަހޫދީ ބައިނަލްއަޤްވާމީ ސަރުކާރެއް ފުރަތަމަ އަލްޤުދުސްގައި ޤާއިމުކޮށްފައި، އެންމެފަހުން ގޮސް އިޓަލީވިލާތުގެ ރޯމްގައި، އެ ސަރުކާރު އޮންނަގޮތަކަށް މުޅި ދުނިޔޭގެ ހުރިހާ ކަމެއް އެމީހުންގެ އަތްދަށަށް އަންނަގޮތަށް ރާވާފައި މިއޮތީ. އެ މީހުންގެ، އަޞްލު ޔަހޫދީ ދީނަކީ، މޫސާގެފާނުގެ މައްޗަށް ބާވައިލެއްވި ދީން. އެހެންނަމަވެސް، އެ ދީން އެމީހުން ބަދަލުކޮށްލައި ހެދިތާ ކިތަންމެ ޒަމާނެއް ވެއްޖެ. އެ ދީން ބަދަލުކޮށްލާފައި، އޭގެ އުޞޫލުތައްވެސް ބަދަލުކޮށްލާފައި މިހާރު އޮންނަނީ. މިހާރު އެ މީހުން މި ބަލަނީ އެ މީހުންނަކީ މާތްރަސްކަލާނގެ މި ދުނިޔެ މައްޗަށް ފޮނުއްވި އެންމެ މާތް ޤައުމު ކަމުގައި. "ދަ ޗޯޒަން ޕީޕަލް" އެމީހުން ކިޔާނީވެސް އެހެން. "ދަ ޗޯޒަން ޕީޕަލް" އިޚްތިޔާރު ކުރައްވައި މާތްކުރެއްވި މީހުން. އެހެން އެންމެންނަކީ އެއަށްވުރެ މާދަށް ބައެއް. އެހެންވީމާ، ޔަހޫދީންނަށް ހުރިހާ ވިސްނުންތެރިކަމަކާއި، ބުއްދިވެރިކަމަކާއި، ޢިލްމުވެރިކަމެއް ދެއްވާފައިވަނީ ކަމުގައި. އެހެން އެންމެންނަށް، އެމީހުން ކިޔާނީވެސް ޚާއްޞަ ނަމެއް. ޔަހޫދީންނަށް ވަކި ނަމެއް ކިޔާފައި، އެހެން މީހުންނަށް ކިޔާ ނަމަކީ، އިނގިރޭސީން ކިޔަންޏާ "ޗެންޓައިލްސް" އެމީހުންގެ ފޮތްތަކުގައިވެސް ހުންނާނީ އެހެން. "ޗެންޓައިލްސް." ޢަރަބިބަހުން ކިޔަންޏާ "އުމަމީ" އުމަމީ މީހުންނަކީ އެނޫން އެންމެން.

ދެން އެމީހުން މިބުނަނީ، މާތް ތިމަންނާމެންނަށް ދެއްވާފައި މިވާ ބޮޑު ނިޢުމަތް ފޭރިގަތީ އެއްކަލަ ޗެންޓައިލްސްގެ މީހުންނޭ. އެހެން ޤައުމުތަކުގެ މީހުން ފޭރިގަތިއްޔޭ. އެއީ ބުއްދިވެރިކަމާއި، ވިސްނުންތެރިކަމާއި، ޢިލްމުވެރިކަމާ، މި ހުރިހާ ކަމެއް މިއީ ޔަހޫދީންނަށް މިންވަރު ކުރެއްވި ކަންކަމޭ. އެކަން އެހެން އޮއްވައި، އެހެން މީހުން އެކަންތައް ދަމައިގަތިއްޔޭ. އެހެންވީމާ، އެމީހުންގެ އަޞްލު އިލާހީ ޙައްޤު، އެއީ އެމީހުން ބުނާގޮތް. އެމީހުންނަށް އޮންނާނެ އިލާހީ ޙައްޤެއް. އެމީހުންގެ އިލާހީ ޙައްޤު އަނބުރާ ގެނެސްގަތުމަށްޓަކައި، ހަމަ ކޮންމެ ގޮތަކަށް މަސައްކަތްކުރިޔަސް، އެންމެ ރަނގަޅު. އެމީހުންގެ ދީނުގައި ހުއްދަ. ޔަހޫދީން ނޫން މީހުން މެރުން އެންމެ ރަނގަޅު. ޔަހޫދީ މީހުން ނޫން މީހުންގެ، އެއީ ޗެންޓައިލްސްގެ މީހުންގެ މުދާތައް ކޮންމެ ގޮތަކުން، ފޭރިގަނެވުނު ގޮތަކުން ފޭރިގަތަސް އެންމެ ރަނގަޅު. ކިތަންމެ ބޮޑު ނުބައި ކަމެއް، ޚިޔާނަތްތެރިކަމަކާ އެއްގޮތަށް ޢަމަލުކުރިޔަސް، މިދެންނެވީ، އެކަމެއް ކުރިޔަސް އެންމެ ރަނގަޅު. އެއީ އެމީހުން ޤަބޫލުކުރާ އުޞޫލު. އެ އުޞޫލުގެ މަތިން، އެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިދެންނެވި ޖަލްސާގައި، 1897 ވަނަ އަހަރު ސްވިޓްޒަރލެންޑްގައި އޮތް ޖަލްސާގައި އެމީހުން ނިންމި ނިންމުންތަކެއް.

މީގައި ވަރަށްބޮޑު ބައެއް، މި ޚަބަރުފަތުރާ ވަސީލަތްތަކާ ބެހޭ ބައެއް އޮވޭ އިނގޭތޯ. އެކަންތައްތަކުގެ މައްޗަށް ޔަހޫދީން ވެރިވެގަންނަންޖެހޭނެ ކަމަށް ލިޔެފައި މި އޮންނަނީ. އޭގައި ސުވާލުކޮށްފައި އޮންނަނީ، ނޫސްވެރިކަން ކުޅެނީ ކޮންދައުރެއްހޭ، ކޮންބައެއްހޭ. ދެން ބުނެފައި، މިބުނަނީ މީސްތަކުންގެ ހިތްތަކުގައި، އެކިއެކި ޝުޢޫރުތައް އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެކޭ ނޫސްވެރިކަމަކީ. އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަނުޖެހުމާއި ޚިލާފުތައް އުފެއްދުމަށްވެސް ބޭނުންކުރެވިދާނެ އެއްޗެކޭ ނޫސްވެރިކަމަކީ. އެހެންވީމާ، ތިމަންނާމެންނަށް ޖެހޭނެއޭ ނޫސްވެރިކަން، ބައިނަލްއަޤްވާމީ ނޫސްވެރިކަން އަތުލައިގަންނަން. އެހެންވީމާ، ތިމަންނާމެން މަސައްކަތް ކުރަންޖެހޭނީ ތިމަންނާމެންގެ ސަރުކާރުން، އެއީ ޔަހޫދީ ބައިނަލްއަޤްވާމީ ސަރުކާރުން ވެވުނު އެންމެ ގިނަ ޢަދަދަކަށް، ދުނިޔޭގައި ނުކުންނަ ނޫސް މަޖައްލާތައް ގަންނާށޭ. ދެން އެ ނޫސް މަޖައްލާތައް ތިމަންނާމެން އެކި ބައިބަޔަށް ބަހާލާއިރު، އޭގެތެރޭގައި އެއްބައެއްގައި ތިބެންޖެހޭނެއޭ، ބޭރުފުށުން ތިމަންނާމެންނާ އިދިކޮޅު ޚިޔާލު ފަތުރާ މީހުން، އެމީހުން ނެރޭ ނޫހެއް އޮންނަންޖެހޭނެއޭ. އެވެސް ހަމަ އޮޅުވާލުމެއް. އެ ނޫހުގައި ހުންނާނީ ޔަހޫދީންނާ ދެކޮޅަށް ހުންނަ ވާހަކަތައް. އެހެންނަމަވެސް، މި މީހުން ބުނަނީ އެއީ ވަރަށް ބޭނުންތެރި ކަމެކޭ. އެކަހަލަ ނޫސްތަކެއް ހުންނަންޖެހޭނެއޭ. އޭރުންނޭ މީހުން އިތުބާރުކުރާނީ. ތިމަންނާމެންނާ ދެކޮޅަށް ޚިޔާލުފާޅުކޮށް، މަޒުމޫނާއި ބަޔާންޖަހާ ނޫސްތަކެއް ހުރީމާ، އެއްގޮތަކަށްވެސް ހިތަކަށްނުވަންނާނެއޭ، މިއީ ވަކި ބައެއްގެ އަތްދަށުގައި އޮތް އެއްޗެކޭ. އޭރުން އެމީހުން އެއީ ޙަޤީޤަތުގައިވެސް ޙަޤީޤަތް ބަޔާންކުރާ ނޫސްތަކެއް ކަމުގައި ދެކޭނެއޭ. ދެކިގެން އެގޮތުން ތިމަންނާމެންގެ މަޅީގައި އެމީހުން ޖެއްސުވޭނެއޭ. ހަމަ އެހެން ބުނެފައި އޮންނަނީ.

1956 ވަނަ އަހަރުގެ ތަފާސްހިސާބު، ދެން މީގައި އޮތީ ދީފައި. އޭގައި ބުނެފައި އެބައޮތް. އޭރު ދުނިޔޭގައިވާ ނޫސް މަޖައްލާތަކުގެ ތެރެއިން 899 ނޫހާއި މަޖައްލާ އެއީ މުޅިން ޔަހޫދީން މިލްކުކޮށްފައިވާ ނޫސްތަކެކޭ. މިކަމަކީ ތެދެއްކަން އެނގޭނެ އިނގޭތޯ. މިހާރު ބައެއްކަހަލަ ޚަބަރު ހުންނާނެ ހަމަ އެގޮތަށް. ޔަހޫދީންގެ އޮވޭ ޚަބަރު ހަދައިދޭ ޖަމުޢިއްޔާއެއް. އަޅުގަނޑު މިވާހަކަ ބުނިން، ކޮންމެވެސް ޢާންމު ޖަލްސާއެއްގައި، ކޮންމެވެސް މުނާސަބަތެއްގައި، އިސްލާމީ މަރުކަޒުގައި އޮތް ޖަލްސާއެއްގައި. ޔަހޫދީން ރާވައި ހިންގާ ޙަރަކާތެއް އޮންނާނެ، ޚަބަރު އުފައްދައިދޭ ޖަމާޢަތެއް. ހަމަ ދޮގު ޚަބަރު ހަދައިގެން ނޫސްތަކުގައި އެމީހުން ޖައްސުވާނީ. އެމީހުން އެއީ އަގަށް ކޮށްދޭ ކަމެއް. އެކަމަށް ބޭނުންވާ ބަޔަކު، އެމީހުންނަށް ފައިސާ ދިނީމާ، އެމީހުންނަށް ރަނގަޅުވާގޮތަށް ޚަބަރު ހަދައިދެނީ. ޚަބަރު ހަދާފައި، އެއްކަލަ ރޮއިޓަރޒް ނިއުސް އޭޖެންސީތެރެއިން ލާފައި، ނޫނީވިއްޔާ އެސޯސިއޭޓެޑް ޕްރެސްތެރެއިން ލާފައި ފޮނުވާލީމާ، ދުނިޔޭގެ ނޫސްތަކުގައި، އެތަންމިތާނގައި ޖަހާނެ. ދެން އެއްވެސް މީހަކަށް ނޭނގޭނެ ޙަޤީޤަތެއް. އެއީކީ މިހެން ހިނގާ ކަމެއްކަން އެއްގޮތަކަށްވެސް މީހުންނަކަށް ނޭނގޭނެ. އެކަހަލަ ކަންތައްވެސް ކުރަނީ. އަޅުގަނޑަށް އެނގިފައި އެބައޮތް، މި ތަމަޅައިންގެ މައްސަލައިގައި ޝްރީލަންކާ ނޫހެއްގައި ޖަހާފައި އޮތް، މުޅި ދުނިޔޭގެ ކުރިމަތީގައި ޝްރީލަންކާގެ ޤަދަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތް ދުވަސްވަރެއްގައި، ހަމަ އެ ނިއުސް އޭޖެންސީއާ، އެބަޔަކާ ގުޅައިގެން ޝްރީލަންކާއަށް ރަނގަޅުވާގޮތަށް، ދުނިޔޭގެ އެތަންމިތާނގައި ޚަބަރު ފަތުރައިދީ ހެދިޔޭ. ހަމަ ސިލޯނު ނޫހެއްގައި، އެ ވާހަކަ އެހެން ޖަހާފައި އޮއްވައި އަޅުގަނޑު ދުށިން. މިހާރު ސިލޯނުން އުޅެނީ އެފަރާތާ ގުޅައިގެން އެމީހުން ލައްވައި ޚަބަރު ޖައްސުވާށޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، މިކަހަލަ ބޮޑެތި ނުފޫޒުތަކެއް އެބަހުއްޓޭ، ދުނިޔޭގެ ބޮޑެތި ޚަބަރުފަތުރާ ވަސީލަތްތަކުގެ މައްޗަށް ވެރިވެފައި. ހަމަ އިވޭ ކޮންމެ ޚަބަރަކީ، ސަތޭކައިންސަތޭކަ ތެދު ޚަބަރެއް ކަމުގައި އަޅުގަނޑުމެން ބަލައިގެން ނުވާނެ. އޭގެ ޙަޤީޤަތާ ދޭތެރޭގައި ވާނެއޭ ވިސްނާލަން. އެޚަބަރުގައި ލިޔެފައި ހުންނަގޮތާއި، އޭގެ ރާގާއި، އެ ޚަބަރު އަޅުގަނޑުމެންނަށް އިވުނީމާ ނުވަތަ ޓީ.ވީ.އިންވިއްޔާ އެ ޚަބަރު ފެނުނީމާ، އަޅުގަނޑުމެން ހިތަށްކުރާ އަސަރާ، މިކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. ވިސްނާފައި އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނީ، އެއީ ތެދު ޚަބަރެއްކަން ނުވަތަ ނޫންކަން. ވިސްނާލީމާ އަޅުގަނޑުމެންގެ ހިތަށް ވިސްނޭނެ، ތެދުކަން ނުވަތަ ނޫންކަން.

އެހެންވީމާ، އަޅުގަނޑުމެން ޚަބަރު ލިޔާއިރު، ނުވަތަ ރޭޑިޔޯއިން ޚަބަރު ކިޔާއިރު ނުވަތަ ޓީ.ވީ.އިން ކިޔާއިރު، މިކަންކަމުގެ މައްޗަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. އަނެއްކާ ޚަބަރުކިޔާއިރު، އަޅުގަނޑުމެން ކިޔަންޖެހޭނީވެސް ވީހާބޮޑަކަށް އެ ޙަޤީޤަތާ އެއްގޮތްވާ ގޮތުގެ މަތިން. ބޭރުން ލިބޭ ޚަބަރެއްވެސް އެފަރާތަކަށް ޙަވާލާނުދީ ކިޔާކަށްނުވާނެ. މިހާރު ބީ.ބީ.ސީ.އިން ކީ ޚަބަރެއްވިއްޔާ، އެ ބީ.ބީ.ސީ.އިން ކިޔޭ އޮންނަންވާނެ. މިހާރުވެސް އެހެން ކިޔާ. އެހެން ކިޔާއިރުވެސް ބައެއް ތަންތަންކޮޅު އެބަ ނައްޓާލައިގެންދޭ. އިހަކަށްދުވަހަކު، އިއްޔެއޭ އަޅުގަނޑު ހަނދާންވަނީ. އަޅުގަނޑު އެހި ޚަބަރެއްގައި މިކިޔަނީ، "މިހާރު މި ޕާކިސްތާނުގެ ރައީސް ޟިޔާއުލްޙައްޤު ދަތުރުކުރެއްވި މަތިންދާބޯޓު ވެއްޓުނީ، ބަޔަކު ރާވައިގެން އެއަށްދިން ޙަމަލާއަކުން ކަމަށް، ބީ.ބީ.ސީ.އިންނާއި، ފީބާއިންނާ ޚަބަރު ކިޔައިފިއޭ." އެގޮތަށް މިއައީ ޚަބަރުގައި. އެހެންކީމާ ހީވަނީ ހަމަ ބީ.ބީ.ސީ. ރިޕޯޓަރަށް އެތަން ފެނުނީހެން. ނުވަތަ ފީބާ ރިޕޯޓަރަށް އެތަން ފެނުނީހެން. އޭނާއަށް ހަމަ ރަނގަޅަށް އެނގުނީ. އެކަމަކު ޚަބަރުކީ އެހެނެއްނޫން. އަޅުގަނޑުވެސް ޚަބަރުއަހަން. ބީ.ބީ.ސީ. ޚަބަރުވެސް އެހިން. އެމީހުން ބުނަނީ ޕާކިސްތާން އާރމީ އިންޓެލިޖެންސް ބުނާގޮތުގައި، އެއީ ޕާކިސްތާން އާރމީގެ އިންޓެލިޖެންސް ބައި، އެމީހުންނަށް ފެންނަގޮތުގައި، ލަފާކުރެވޭގޮތުގައި މިކަން ހިންގީ ބަޔަކު ރާވައިގެންނޭ. ސަބޮޓާޖޭ މިކަމުގެ އަޞްލަކީ. އެއީކީ ޙަޤީޤަތުގައި ސީދާ ބީ.ބީ.ސީ. ބުނި އެއްޗެކޭ ބުނެގެން ނުވާނެނޫންތޯ. ބީ.ބީ.ސީ.އިން ޚަބަރުކީގޮތުގައި، ބުނަންޖެހޭނީ، ޕާކިސްތާނުގެ އާރމީ އިންޓެލިޖެންސުން ލަފާކުރަނީ މިހެންނޭ. އަނެއްކާ އެމީހުންވެސް ބޭނުންކުރި، ދެއަރ އިޒް ވައިޑް ސްޕެކިއުލޭޝަން. "ސްޕެކިއުލޭޝަން" އެބަސް ބޭނުންކުރީ. "ސްޕެކިއުލޭޝަން" އެނގިވަޑައިގަންނަވާނެ. އެއީ ލަފާ. އެކަމާ ދޭތެރޭގައި ޚިޔާލުކޮށް، ލަފާކުރަނީ މިހެންނޭ. އަނެއްކާ ބީ.ބީ.ސީ.އިން ސީދާ ޚަބަރުދިން ކަމަށްވިޔަސް، ބީ.ބީ.ސީ.އިންވެސް މިޙަވާލާދެނީ އެހެން ބަޔަކަށް.

އެހެންވީމާ، އަޅުގަނޑުމެންގެ ޚަބަރުތަކުގައިވެސް އެހެން ހުންނަންޖެހޭނީ. ޚަބަރު ލިޔާއިރު، އެޚަބަރު ލިބުނު ފަރާތަކަށް ޙަވާލާނުދިނިއްޔާ، އޭގެ އިތުބާރު މީހުންގެ ކުރިމަތީގައި ކުޑަވާނެ. ރާއްޖޭގެ އަމިއްލަ ޚަބަރު ލިޔާއިރުވެސް، ނޫސްތަކުގައި ޖައްސަވާއިރުވެސް، އެ ޚަބަރު ލިބުނު ފަރާތެއްވާނެ ޖައްސަވަން. އޭރުން ނޫންތޯ، އަމިއްލަ މަސްއޫލިއްޔަތު އަދާކުރެވުނު ކަމަށްވާނީ. ކޮން ފަރާތަކުންކަން ލިބުނީ ޖައްސަވަންވާނެ. އަދި ފަހަރެއްގައި ނަން، އެފަރާތެއްގެ ނަން ވިދާޅުވުމަކީ ހަމަޖެހޭ ކަމެއް ކަމުގައި ނުވަންޏާ، މިސާލަކަށް، އެފަރާތަކުން އެދިފައި އޮވެދާނެ، ތިމަންނާގެ ނަން ނުޖަހާށޭ. ވަކި މީހެއްގެ ނަން ނުޖަހަންޏާ، މިވެނި ކަހަލަ ދާއިރާއެއްގެ، މިވެނި ދާއިރާއަކުން ޚަބަރު ލިބުނޭ، އެހެން ބުނެވިދާނެ. އެހެން ނޫނީވިއްޔާ ހީވާނީ އަމިއްލައަށް ހަދާލައިގެން ޖަހާ ޚަބަރެކޭ.

ދެން އަނެއްކާ އެއްވެސް ކަމެއްގެ ވާހަކަ، މައްސަލައެއްގެ ވާހަކަ، ނޫނީ މީހުންނަށް ކުރިމަތިވެގެން އުޅޭ ދަތިކަމެއްގެ ވާހަކަ ޖައްސަވާ ކަމަށްވަންޏާ، އެ ދެފަރާތެއް ޖައްސަވަންޖެހޭނެ. އެހެންނޫނީ ވާނެގޮތަކީ، އެއްފަރާތަކުން ބުނާ ވާހަކަ ޖަހާއިރު، އެ އަދި ޙަޤީޤަތަކަށްނުވެ ހިނގައިދާނެ. ގިނަފަހަރަށް އެހެންވާނީ. ދަތިކަމެއް އިޙްސާސްވެގެން އުޅޭ މީހާ، އެމީހާއަށް ފެންނަ ކަން އެކަނި ބުނާނީ. މިހެން މިހެންނޭ ކަންހުރީ، ވަރަށްދަތިވެއޭ. އެހެންވީމާ، ދެން އެ ވާހަކަ އެކަނި ޖަހައިފިއްޔާ، އެއްކަލަ އަނެއް ފަރާތުން ކަންތައް ކުރައްވާފައި އޮތްގޮތް ނުވަތަ ރާއްވަވާފައި އޮތްގޮތް އެއޮތީ މުޅިން ނޭނގުމުގެ ތެރޭގައި. އެހެންވީމާވެސް، އެ ކިޔާ މީހާއަށް ފެންނާނީ ޙަޤީޤަތުގެ އެއްފަޅި. އިނގިރޭސި ބަހުން ބުނާގޮތުގައިވިއްޔާ، އެ ފައިސާފޮތީގެ އެއްފަރާތް އެ ފެންނަނީ. ފައިސާފޮތީގެ ދެފަރާތް ފެނުނީމާ ނޫންތޯ، މުޅި އެތި ފެނުނު ކަމަކީ.

އެހެންވީމާ، އެކަހަލަ ޚަބަރެއް ޖައްސަވަންޏާވެސް ނުވަތަ ކިޔަންޏާވެސް އެ ދެފަރާތުން ބުނާ އެއްޗެއް ބުނީމާ، ދެން އެކަން ވެފައި އޮތްގޮތެއް އިޙްސާސްވުން އެއީ އެ ކިޔާ މީހާގެ ކަމެއް. މުޅިން އެއްފަރާތަކަށް ވާގޮތަށް ޖެއްސެވީމާ އަޅުގަނޑު ދަންނަވާހެން ޙަޤީޤަތުގައި އެއްފަޅި ޖެއްސެވިފައި، އަނެއްފަޅި ނުޖެއްސެވެނީ. އެހެންވީމާ، މީހުންނަށް އޭގެ ސަބަބުން އެ ވިސްނޭ އެއްޗެއްވެސް ވަރަށް ބޮޑަށް ތަފާތުވެގެންދަނީ. އެހެންވީމާ، އަޅުގަނޑުމެން ޚަބަރު ލިޔާއިރު، މި ކަންތައްތަކަށް ވިސްނަވާލައްވަންޖެހޭނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ދެކެން.

އެހެންވީމާ، މިއަދު ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެންނަމަވެސް، ކަމުގެ މުހިންމުކަމުން އަދި ތިޔަބޭފުޅުންގެ ކޯހުގެ އެންމެފަހު ދުވަސް އެއީ މިއަދު ކަމަށްވުމާއެކު، ދެން ތަންކޮޅެއް ދިގުވިޔަސް، ކޮންމެހެންވެސް އަޅުގަނޑު ދަންނަވަން ޚިޔާލުކޮށްގެންހުރި ވާހަކަތަކެއްވީމާ، މިއަދު ތިޔަބޭފުޅުންނަށް މިދަންނަވާލީ.

ދެން މިއަދުވެސް ސުވާލެއް ކުރައްވަން އޮތީވިއްޔާ، ކުޑަކުޑައިރުކޮޅަކު ސުވާލުކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް މިދަންނަވާލީ.