بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، ދައުލަތުގެ ވަޒީރުން، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ވަޙީދު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެމް.ޓީ.ސީ.ސީ.ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމް، ދިއްދޫ ކައުންސިލްގެ ރައީސް އަދި މެންބަރުން، ވަޑައިގެން ތިއްބެވި ބޮޑުތިލަދުންމަތީ ކައުންސިލްތަކުގެ ރައީސުން، ދިއްދޫގެ ލޮބުވެތި ރައްޔިތުން އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުގެ ވާހަކަ ފެށުމުގެ ކުރިން، ދިއްދުއަށް މިއަދު ހަވީރު އަޅުގަނޑުމެން އައުމުން، ދިއްދޫގެ ލޮބުވެތި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑާއި އަޅުގަނޑާ އެކުގައި މި ރަށަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ފަށްފަށުން ޝުކުރު އަދާކުރަން.

މިއީ ބޮޑު އުތުރާއި، މުޅި ބޮޑު ތިލަދުންމައްޗަށް ތާރީޚުގައިވެސް އަންނަ އެންމެ ބޮޑު ބަދަލު. މިއަދު މިއީ ހަމައެކަނި "ތިލަދުންމައްޗާއި މިލަ-މަޑުލު އުތުރުގެ ދުވަސް." އެހެން ނަމަވެސް، މިއީ މުޅި ރާއްޖެއަށް އެކީ އެއް ހަމަޔަކުން ތަންފީޒު ކުރެވޭނެ ވަކި ޚާއްޞަ ތަޞައްވުރެއް.

އާރު.ޓީ.އެލް.ގެ އުޅަނދެއްގެ ނަލަ ދުވެލީގައި، އަޅުގަނޑު ދިއްދުއަށް މިއަދު މިއައީ މި ސަރަޙައްދަށް، ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލު ގެނުވާ ޒޯން 1ގެ އާރު.ޓީ.އެލް. ފެރީ ނިޒާމް ރަސްމީކޮށް އިފްތިތާޙު ކުރުމުގައި ބައިވެރިވުމަށް. މިއީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ޝަރަފެއް.

މި ފެންނަނީ މި އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު އަރިއަތޮޅު އުކުޅަހުގައި އަޅުގަނޑު ހާމަކުރި ބަސްތަކުގެ ޢަމަލީ ތަރުޖަމާ. އުކުޅަހުގެ އެ ދުވަހާއި ދިއްދޫގެ މި ދުވަހާ ދެމެދު އަދިކިރިޔާ މިވީ 4 މަސްދުވަސް. އެ ދުވަހު އަޅުގަނޑު ދެންނެވިން، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަކާއި އަމާޒު ގޮސް ނިމޭ ވަކި ޚާއްޞަ ދިމާއެއް އޮންނަ ވާހަކަ. މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށްޓަކައި ދާންޖެހޭ މަގަކާއި، ވާންޖެހޭ ކަންތައްތަކެއް ހުރި ވާހަކަ. ބޮޑުތިލަދުންމައްޗަށް އަދި ރާއްޖޭގެ އުތުރަށް މިހާރު ޖެހެން މި ފެށީ މި ދެންނެވި ބޮޑު ބަދަލުގެ ހެޔޮ ރޯޅި.

އަޅުގަނޑު ދެންނެވިން، މިއީ އޮތްދިގަށް ސަރާސަރު މަގުން ހިނގާ، ވިއަވަތި ރާއްޖެ ކަމުގައި ވާންޖެހޭ ވާހަކަ. އެ ރާއްޖޭގައި ކުޑައެއް ބޮޑެއް، އުތުރެއް ދެކުނެއް އަދި މެދުރާއްޖެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ވާހަކަ. މި ސަރަޙައްދުގެ 41 ރަށް އަމުނާ، ގަތާ، ބަދަހިކުރަމުންދާ އާރު.ޓީ.އެލް.ގެ ރޫޓްތަކުން އެ ފެންނަނީ މި ދެންނެވި ހަމަހަމަކަން. އެ ދުވަހުވެސް އަދި މިއަދުވެސް އަޅުގަނޑު ދަންނަވަން އޮތީ ހަމަ އެ ވާހަކަ. އެއީ މީސްކޮޅު މަދުވެ، ވަސީލަތްތައް އުނިވެ، ދުރުގައި އެކަހެރިވެ އޮތް ގާމަތީ ފެންލޮނު ރަށެއް އެ ރާއްޖޭގައި ނޯންނާނެ ވާހަކަ.

ތުރާކުނުގައި ހުރި މީހާ، ތުރާލެއްނެތި ސީދާ ރާސްތާގައި އިހަވަންދޫ، ކުޅުދުއްފުށި އަދި ފުނަދޫ މެދުވެރިކޮށް މިހާރު އުނދަގުލަކާ ނުލައި މާއުނގޫދުއަށް ވާސިލުވެވޭނެ. މިއީ، މީގެކުރިން އޮތް އަދި ލިބިދާނެ ކަމަށް ހީވެސްނުކުރާ ބޮޑު ފަސޭހައެއް. ބޮޑުތިލަދުންމަތި ނުވަތަ ރާއްޖޭގެ އުތުރޭ ބުނެ ފުއްދައިލެވޭވަރަށްވުރެ ހުރިހާ ގޮތަކުންވެސް މި ސަރަޙައްދު މުހިންމު. މިއީ، ދުނިޔޭގެ ދެބައިދަނޑިއާ އެއް މިޞްރާބުގައިވާ އެންމެ އުތުރުގެ ސަރަޙައްދު. ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ރަސް އަނގޮޅިއަށް، މަލަދީގެން އޮތް ޖަޒީރާ ރަށްތައް. ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ، މި ދެންނެވި ރަސް އަނގޮޅި އޮތީ، ދަށްބިތުގެ ގޮތުގައި ނަން ކިޔޭ ކެލާ، ބާރަށް، ފިއްލަދޫ އަދި މި ދިއްދޫގެ އިރުން އިހަވަންދިއްޕޮޅުގެ އުތުރުން. އިހުޒަމާނުގައި ބަޔާޅީސް ރިޔަލުގެ ބޮޑެތި ނާޒޯނގުފަހަރު، މި ޒަމާނުގައި މާސިންގާ ބަލްކް ކެރިއަރުތަކާއި އަދި ކަނޑު ހިފައިގެންދާ އެއަރ ކްރާފްޓް ކެރިއަރުތަކާއި، މަނަވަރުތަކާއި، އާގުބޯޓުފަހަރުގެ ދަތުރުތައް. މި ސަރަޙައްދުގެ އަނގަމަތީގައި ތާއަބަދު ހިނގަނީ މާސިންގާ މާކަނޑުގެ ހަލަބޮލި ބާޒާރު. އޭރުވެސް، މިހާރުވެސް އެތަން ހަމަލޮލުން ދެކެނީ ފުށޮޅަން މަހަށް ނުކުމެ، އުތުރަށް މިޞްރާބުޖަހާ މަސްވެރިން.

ރަސްކަން ޖުމްހޫރިއްޔަތަށް ބަދަލުވުމުގެ މޯޅިއަށް ރާއްޖެ ދެމެން ފެށުމުން އައި ބަދަލު ބޮޑު. އޭގެކުރިން މިއީ ގޮސް އައިސްވުމުގައި އެހެން ތަނަކާ ނުބައްސައި ބޭރަށް ދަތުރުކުރި ދިވެހިން. ރާއްޖޭގެ އެހެން ސަރަޙައްދުތައް ފަދައިން، އަމިއްލަ އުޅަނދުފަހަރުގައި ދަތުރުކުރި ކުޅަދާނަ ނިޔަމިކަމާއި، ހުޝިޔާރު މާލިމީން އުފެދުނު ޔުނިވަރސިޓީއެއްފަދަ އެއް ސަރަޙައްދަކީ މިއީ. މިއީ މަސްރޯނު ބޮއްޔާއި، ކުފްރާއާއި، ދެންވެސް ހުރި އަމިއްލަ އުފެއްދުންތަކާއިގެން ރާއްޖެއިން ބޭރަށް ފެތުރިގަތް ދިވެހި ކާބަފައިންގެ ވަޒަން. ރާއްޖެއަށް ބޭނުންވި ލާޒިމް ހުރިހާ ބާވަތެއް، އޭރު އެތެރެކުރީ މި ރަށްތައް ވަށާ މިހިރަ ކަނޑުއޮޅިތައް ހުރަސްކޮށް. ބޭރުން އެތެރެކުރުމަށްފަހު، އެއް ރަށުން އަނެއް ރަށަށް އެތަކެތި ފޯރުކޮށްދިނީ އަތޮޅުތަކުން. ނަމަވެސް، ރަސްކަމާއި ޖުމްހޫރިއްޔަތުގެ ފައްތަރުގައި އެކަން މަނާވީ. އޭރު ބޭރަށް ދަތުރުކުރި ބޮޑެތި އުޅަނދުފަހަރު ފީވެ އަޅިޔަށްވަމުންދިޔަ. ފަށަނާއި، މައްޔަލާއި، މަޑޫތަކަށް ވީގޮތް، ހަމަ ލޮލުން ދުށް މީހުން އަޅުގަނޑު ހިތުން މި ދިއްދޫގައި އަދިވެސް ތިބޭނެ.

ކުޅުދުއްފުށްޓާއި، ކެލާ، ބާރަށާއި، އިހަވަންދޫ، ހޯރަފުށްޓާ، ދެންވެސް އެއޮތް ބޮޑެތި ރަށްތައް އެކަމަށް ހެކިވާނެ. މިއީ، މަސައްކަތްތެރި ކަމާއި އުފެއްދުންތެރި ކަމާއި، ވިޔަފާރިއާއި އިޤްތިޞާދު ފިސާރި ބާރަށް އެނބުރުނު ނާރެހެއް. އިސާހިތަކު އެކަން މަނާވުމަކީ މުޅިން އެހެން ކަމެއް. ގެއްލިދިޔަ އެ ތަނަވަސްކަމާއި، ފުދުންތެރި އަމިއްލަ އިޤްތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާއި އަތޮޅުތަކަށް އަންނަންޖެހޭނެ. އެ ބޮޑު ބަދަލު ފެށެނީ އާރު.ޓީ.އެލް.ގެ ވިއުގައިން. މިއަދު ބޮޑުތިލަދުންމައްޗަށް ގެނެވިފައި މިވާ މި ބޮޑު ބަދަލުން. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރު.ޓީ.އެލް.ގެ އުޅަނދުފަހަރު، މުޅި ހުވަދޫ އެކުގައި އަމުނާ، ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު، އާރު.ޓީ.އެލް އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެ.

ބޮޑުތިލަދުންމަތީގެ މި ބޮޑު ބަދަލާ އެއްގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ރަށެއް ގުޅައިލުމަށް ބޭނުންވާ މިފަދަ ޒަމާނީ އިތުރު 65 އުޅަނދު ބަނުމުގެ ކޮންޓްރެކްޓް ހަވާލުކުރެވި، އެ މަސައްކަތް ހިނގަމުން އެބަދޭ. ރަށްތައް ގިނަޔަސް، އުޅަނދުތަކުގެ ޢަދަދު މައްޗަސް، މިކަމުގައި ފަސްޖެހި ލަސްކުރެވޭކަށް ނެތް. ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މި ބޮޑު ބަދަލު، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް ރާއްޖެއަށް އަންނާނެތޯ؟ ރައްޔިތުން ފުދުންތެރިވެވޭނީ ހެލިފެލިވެ ފުރާ ދުއްވިގެން. ގޮސް އައިސް ވެވިގެން. އާރު.ޓީ.އެލް.ގެ ޖީބަށް ލުއި، އަރާމު ބާރު ދުވެއްޔަކީ، އިޤްތިޞާދީ ޙަރަކާތް އެތައް ގުނައެއް އިތުރުވާނެ ކަމެއް.

ދެން އޮތީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ވާހަކަ. މީގެކުރިން އެ ބަނދަރު ބައިނަލްއަޤްވާމީ ކުރީ، ނަންބޯޑަކާއެކު، އަންނަ އިތުރު މަތިންދާބޯޓަކުން. ބޯޑުފީވެ، ފުރި ބޯޓު އަނބުރާ ނައުމުން، އެކަން ނިމި، ބައިނަލްއަޤްވާމީކަން ކެނޑޭ. ހަނިމާދޫ އެއަރޕޯޓަށް ދެން ވާނީ، ކުރިން ވީގޮތެއް ނޫން. އެ މަޝްރޫޢަށް ބޭނުންވާ 2.1 ބިލިއަން ރުފިޔާ ހަމަޖެހިއްޖެ. ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތް ހަވާލުކުރެވިއްޖެ. ހަނިމާދޫގައި މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ 2.46 ކިލޯ މީޓަރުގެ ރަންވޭއަކަށް. އެއީ އޭޝިއާގެ އިރުމައްޗާއި، ދެކުނު އިރުމަތީ އޭޝިޔާއިން ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާއި، އިރުމަތީ އެފްރިކާ ބޮޑުތިލަދުންމައްޗާ ގުޅުވައިދޭނީ އެ ރަންވޭއިން.

ރަންވޭއަށް އަންނަ ތަރައްޤީ، ޓަރމިނަލަށް ނުގެނެސް ހަނިމާދޫ އިންޓަރނޭޝަނަލެއް ނުވެވޭނެ. ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލެއް އަލުން އިމާރާތް ކުރުން. ރަންވޭ ދިގުކޮށް، ޓަރމިނަލް އާކޮށް ބޮޑުކުރާނަމަ، އެއާގުޅޭ ކޮންމެހެން ލާޒިމް އަނެއް ބޮޑު ބަދަލު، މި ބޮޑުތިލަދުންމައްޗަށް އަންނަންޖެހޭނެ. މި ސަރަޙައްދުގައި ރިޒޯޓް، ހޮޓާ، ގެސްޓްހައުސްގެ ގޮތުގައި އަށްހާސް ޓޫރިސްޓް އެނދު ޤާއިމުކުރުމުގެ އަމާޒު އަޅުގަނޑުމެންގެ އެބައޮތް.

މި މަހުގެ 25 ވަނަ ދުވަހު ކޮންޓްރެކްޓް ކޮށް، އެވޯޑް ކުރެވިފައި މިވަނީ، މާލެ ސަރަޙައްދުން ބޭރުގައި ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މި ޕްރޮޖެކްޓް މި ހިންގަނީ ޖަޒީރާވަންތަ ވިއަވަތި ދިރިއުޅުން މި ސަރަޙައްދުގެ 41 ރަށަށް ލިބިދިނުމަށް. ހަނިމާދޫ ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލު ވަދެގެން އަންނަ މައި ދޮރާށްޓަށް. މިފަހަރު އެންމެފަހު ކަމެއްގެ ގޮތުގައި ނޫނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަންބޯޑު އަޅުގަނޑުމެން ހަރެއްނުކުރާނަން.

ރާއްޖެ ތަރައްޤީ ކުރުމަށް ސަރުކާރުން މި ހިންގާ މަޝްރޫޢުތަކަކީ، އެއް ކަންތައް އަނެއްކަމާ ގުޅި ލާމެހިގެން ފުރިހަމަވާ، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކެއް. އަމިއްލަ ޤައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން، މި ރަށްތަކުގެ ހޮޓާތަކާއި، ގެސްޓްހައުސްތަކަށް އައިސް ގޮސްވެވޭނެ. އެކަމަށް ދުވެދުވެ އެހުރި އާރު.ޓީ.އެލް. ފުދޭނެ. ދުވެލި މަޑެއްނުވާނެ. އަދި ޓިކެޓްގެ އަގު ބޮޑެއްވެސް ނުވާނެ. އޭރުން މި އަވީގައި ޖެހިލައި، މި ރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން ބޮޑުތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ.

ސަރުކާރުގެ މި ދެންނެވި ތަޞައްވުރާ އެއްގޮތަށް، ފަހަރަކު ގޮށެއް ބާރުކުރެވި، ހިންމިތަށް ބެދި، ބަދަހިވުމުން އެއީ އަޅުގަނޑު މި ދަންނަވާ އޮތްދިގަށް ސަރާސަރު މަގުން ހިނގާ ވިއަވަތި ރާއްޖެ. އެއީ އަމިއްލަ ރަށުން، ތިމާގެ ފައިތިލައިގެ ބުޑުން ނަފާ ހޯދޭނެ އުފާވެރި ޖަޒީރާ ދިރިއުޅުން.

މިއަދު އަޅުގަނޑުމެން ތަންފީޒު ކުރަމުންމިދާ ސިޔާސަތުގެ ބޮޑު ބަދަލަށް، ބޮޑުތިލަދުންމަތި ފުރޮޅާލަންޖެހޭތާ ކިތަންމެ އަހަރެއް، ހުހަށް ގޮސް ހުލިވެއްޖެ. މިއީ، ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަޙައްދެއް. ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވޭކަމީ އިޤްތިޞާދުގައި އެޅިފައި އޮތް މަރުތަޅެއް. އުތުރުގެ އިޤްތިޞާދީ މައި ދޮރޯށީގެ ގޮތުގައި ހަނިމާދޫ ހުޅުވާލެވުނުނަމަ، މި ސަރަޙައްދުގެ އަށްހާސް ޓޫރިސްޓް އެނދު ބާވާނެތާ މިހާރު ކިތަންމެ ދުވަހެއް. ބޮޑުތިލަދުންމައްޗަށް މި ގެންނަ ބޮޑު ބަދަލު މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދުއަށް ވެފައި އެއޮތް ގޮތް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އެ ބަދަލު އަންނާނީ އަދި ގެންނާނީ މިހާރު ބޮޑުތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލާއެކު. މި ބަދަލަކީ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ އިންޤިލާބެއް ގެނުވާ ބަދަލެއް. ހުރިހާ ރަށެއްގެ ކަރަންޓާއި، މަގާއި، ބަނދަރާއި، ފެނާއި ނަރުދަމާ އަޅުގަނޑު ދެކެނީ ހަމައެކަނި އަސާސީ ޚިދުމަތެއްގެ ގޮތަކު ނޫން. އެ ޚިދުމަތްތައް ފުރިހަމަވުމަކީ ޖަޒީރާ ދިރިއުޅުމަށް އިޤްތިޞާދީ ތަނަވަސްކަމުގެ ދިރުން ގެނުވާނެ އަސާސް.

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ސޭލާ ހުއްޓިފައި އޮތުމަކީ، ބަނދަރެއްގެ ނަމުގައި ކުރެވޭނެ އިސްރާފެއް. އެ ބަނދަރުން ގިނަ މުދާ ބަނދަރުވި ވަރަކަށް ޢާންމު އާމްދަނީއާއި، ކުދި ވަތްގަނޑުތަކާއި، ވިކުރާ ހިނގުން އިތުރުވާނެ. އެ ބަދަލު ނުފެށި، އިޤްތިޞާދީ ދުޅަހެޔޮކަމެއް ނުފެންނާނެ. ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާއެކު، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބޭލޭ މުދާ އިތުރުވެއްޖެ. ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު އިތުރަށް ތަރައްޤީ ކުރެވޭނެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެ މަސައްކަތް އެބަ ހިންގަވާ. ބިން ދަތި ރަށްރަށަށް، ޖުމްލަ 43 ހެކްޓަރުގެ ބިން އިތުރުކުރުމުގެ ތަފާތު މަޝްރޫޢުތައް މި ސަރަޙައްދުގައިވެސް އެބަ ހިނގާ. އަދި ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫ. އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ޙައްލުކޮށްދޭންޖެހޭ. މި ދެންނެވި ދެ މަޝްރޫޢު އިހަވަންދޫގައި އެދަނީ ހިނގަމުން. އަދި އިރާދަކުރެއްވިއްޔާ މި ސަރަޙައްދުން މަސް ގަންނަ މަރުކަޒުގެ މަސައްކަތް، އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ.

ދިއްދޫގައި ހުރެ މި ވާހަކަ ދައްކާއިރު، މި ދިއްދުއަށް އަޅުގަނޑުމެން ގެންނަން ބޭނުންވާ ބަދަލުތަކުގެ ލިސްޓެއް އެބައޮތް. އެ ލިސްޓުގައި މިދަނީ ފާހަގަޖެހެމުން. ޖޫނިއަރ ކޮލެޖުގެ މަސައްކަތް ފެށިއްޖެ. ތަޢުލީމީ މަރުކަޒުގެ 12 ކްލާސްރޫމްގެ މަސައްކަތް އެދަނީ ކުރިއަށް. ބަނދަރު އެދަނީ، ދިއްދޫ ރައްޔިތުން ބޭނުންވިގޮތަށް ބޮޑުކުރެވިގެން. ބަނދަރަށް އިތުރުކުރެވޭ 620 ފޫޓާއެކު، ނިމޭއިރު 1900 ފޫޓު ދިގު ބަނދަރަކަށް ބަދަލުވާނެ. އިތުރު މަގުތައް ހެދުމަށް އާރު.ޑީ.ސީ.އާ ހަވާލުކުރެވިއްޖެ. މަސައްކަތް ފެށުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިފަދައިން، އާ އިންޖީނުގޭގެ މަސައްކަތް ކުރިއަށް އެބަދޭ. 75 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ދިއްދޫގެ ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު، މި ރަށުގެ އަމާންވެށީގެ ޚިދުމަތް އެދަނީ ފޯރުކޮށްދެމުން.

ދެން ފާހަގަނުޖެހި އޮތީ ހަމަ ދެ ކަމެއް. އަޅުގަނޑުމެން ދިއްދުއަށް ފޭބިއިރު ފެންނަން އެހުރި ގިޑިގޭގެ ދެ ތަނބުގައި ލިޔެފައި އޮތީ އެ ވާހަކަ. އެއީ ބިން ހިއްކުމާއި، އާ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި، މި މަސައްކަތް ފެށިގެންދާތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

މިކަމުގެ ތަފްޞީލުތައް ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން. މުޅި މި ސަރަޙައްދުގެ ހުރިހާ ރައްޔިތުންނާއި، ޒިޔާރަތް ކުރައްވާ ކޮންމެ މީހަކަށްވެސް ދަތުރުފަތުރުގެ ޔަޤީންކަން މިއަދު އޮންނާނެ. މި ރަށުގައި ނެތް، އެ ރަށުގައި ހުރި ކިތަންމެ ޚިދުމަތަކާއި ވަސީލަތެއް، މީގެ ކޮންމެ ރަށެއްގައިވެސް ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އާރު.ޓީ.އެލް.ގެ ސަބަބުން މުދަލާއި، ޚިދުމަތާއި، ވިޔަފާރިއާއި، ޞިއްޙަތާއި، ތަޢުލީމާއި، ކުލުނާއި ލޯބި، މި 41 ރަށް އެއްކޮށް ބަދަހިކޮށް ބަނދެދޭނެ.

ރަށްރަށުގެ މެދުގައި ކުރިން އޮތް ދުރުކަމާއި، ހުސްކަމާއި، ފޫހިކަން މަޑުމަޑުން ނައްތާލާނެ ވަސީލަތަކީ، ދެއިރު ދެ ދަޅައަށް ލަފާ ފުރައިގެންދާ، މާ ގަޔާވާ އާރު.ޓީ.އެލް. ކަމުގައިވާނެ.

އާރު.ޓީ.އެލް. ގެނެސްދިން ބޮޑު ބަދަލާއި ފަސޭހަޔާ އެކުއެކީ ލިބުނު މާބޮޑު އެހެން އިތުބާރަކާއި ޔަޤީންކަމެއް އެބަވޭ. އެއީ، އެމް.ޓީ.ސީ.ސީ. އަކީ ރައްޔިތުންގެ ކުންފުންޏަކަށް ވާނެ ކަމާއި، ސީ.އީ.އޯ. އާދަމް ޢާޒިމް އެކަން ކުރައްވާނެކަން. އެ ޓީމުގެ ބުރަ، މިންނެތް، އިޚްލާޞްތެރި މަސައްކަތް ނުވިނަމަ، މިރޭގެ މި ޖަލްސާ ބޭއްވުމަށް އަދި އެތައް ދުވަހެއް ނެގީސް. އެކަމަށްޓަކައި ޢާޒިމަށާއި، އެމް.ޓީ.ސީ.ސީ.ގެ މުޅި ޓީމަށް ހިފެހެއްޓުމެއްނެތި ޝުކުރާއި ސާބަސް އަޅުގަނޑު ދަންނަވަން.

އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖެ ތަޞައްވުރަށް ޢަމަލީ ސިފަ ގެނައުމުގައި ޓީމް އެމް.ޓީ.ސީ.ސީ.އިން ކުރައްވަމުން އެ ގެންދަވަނީ ބުރަ، އެކަމަކު އިތުބާރު ހުރި މަސައްކަތްތަކެއް. ބަނދަރު ހެދުމާއި، ފަޅު ފުންކުރުމާއި، މަގު ހެދުމާއި، ގިރާ ސަރަޙައްދުތައް ޙިމާޔަތް ކުރުން. މިހެންގޮސް ދިގު ލިސްޓެއް އަޅުގަނޑަށް ކިޔިދާނެ، އެމް.ޓީ.ސީ.ސީ. އިން ކުރާ މަސައްކަތްތަކުގެ. އިތުބާރާއެކު މަސައްކަތްކޮށް، ނިންމަމުން އެބަ ގެންދޭ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މީގެ 4 މަސް ކުރިން އުކުޅަހުގައި ދެންނެވި ވާހަކައެއް ހަނދާނަށް ގެންނަމުން. އެއީ އާރު.ޓީ.އެލް.ގެ ސަބަބުން ކޮންމެ ރަށަކީވެސް ތިމާގެ އަމިއްލަ ރަށްކަމުގެ އިޙްސާސް މަޑުމަޑުން ތިޔަބޭފުޅުންނަށް އަންނަން ފަށާނެ ވާހަކަ.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ހުރިހާ ރަށެއްގެ އެއްގަމާއި ކަނޑުގައި ރޯދި ބަރަކާތާއި ރަޙްމަތް ތަނަވަސް ކުރެއްވުން. ދިވެހިންގެ ބުރަ ލުއިކުރައްވައި، ދެ ދުނިޔެ ބާއްޖަވެރި ކުރެއްވުން. ރާއްޖޭގެ ހެވަށް ކުރެވޭ ކޮންމެ ކަމެއްގައި އެކަލާނގެ މަދަދާއި ތައުފީޤު ދެއްވުން. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.