ރާއްޖޭގެ ރަށްރަށުން ގެއްލިގެން ދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤްތިޞާދު އަލުން އިޢާދަކުރުމުގެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" މިނަމުގައި މިރޭ، ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ރަށްތަކުގެ ޚާއްޞަކޮށް ބޮޑުތިލަދުއްމަތީގެ ރަށްރަށުގައި އިހު އޮތް ފުދުންތެރިކަމާއި، ތަނަވަސްކަމާއި، އުފެއްދުންތެރިކަމާއި، އިޤްތިޞާދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން، އެ ޒަމާނުގައި ސީދާ އަތޮޅުތަކުން ރާއްޖެއިން ބޭރަށް ކުރަމުން އައި ވިޔަފާރި ދަތުރުތަކާއި، އެ ދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އޮތް ގޮތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އައި ބަދަލާއެކު އަތޮޅުތަކާއި ރަށްތަކުގެ އިޤްތިޞާދަށް ލިބިގެން ދިޔަ ނިކަމެތިކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެއްލިދިޔަ އެ ތަނަވަސްކަމާއި، ފުދުންތެރި އަމިއްލަ އިޤްތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާއި، އަތޮޅަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި، އެ ބަދަލު ފެށިގެން އަންނަނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށާއި، ބޮޑު ތިލަދުންމައްޗަށް ގެނެވިފައިވާ މި ބަދަލުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރް.ޓީ.އެލްގެ އުޅަނދު ފަހަރުން، ހުވަދުއަތޮޅާއި، ފުވައްމުލައް ސިޓީއާއި، އައްޑޫސިޓީގެ ރަށްތައް ގުޅާލެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑު ތިލަދުންމައްޗަށް ގެނެވެމުންދާ ބޮޑު ބަދަލުގެ ތެރެއިން، ހަނިމާދޫ އެއަރޕޯޓަށް ގެނެވޭ ތަރައްޤީ އާއި އެކު ތިލަދުންމަތީގެ އިޤްތިޞާދަށް އަންނާނެ ބަދަލުތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ، 2.1 ބިލިއަންރުފިޔާ ހަމަޖެހި، އެ މަސައްކަތުގެ ކޮންޓްރެކްޓްގައި މިހާރު ސޮއިކުރެވިފައިވާ ކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓުގެ ރަންވޭ 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއްގެ ގޮތުގައި ތަރައްޤީކުރެވި، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެއް ޢިމާރާތް ކުރެވޭނެ ކަމަށާއި، އެއާއެކު ތިލަދުންމަތީގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު، 8000 ޓޫރިސްޓް އެނދު ޤާއިމްކުރުމުގެ އަމާޒުވެސް އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނާ، ޒިޔާރަތްކުރައްވާ ކޮންމެ މީހަކަށްވެސް ދަތުރުފަތުރުގެ ޔަޤީންކަން މިއަދު އޮންނާނެ ކަމަށެވެ. އަދި، އާރް.ޓީ.އެލްގެ ސަބަބުން މުދަލާއި ޚިދުމަތާއި، ވިޔަފާރިއާއި، ސިއްޙަތާއި، ތަޢުލީމާއި، ކުލުނާއި ލޯބިން، މިޒޯނުގެ 41 ރަށް އެއްކޮށް ބަދަހިކޮށް ބަނދެ ދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ މެދުގައި އޮތް ދުރުކަމާއި، ހުސްކަމާއި ފޫހިކަން، މަޑުމަޑުން ނައްތައިލާނެ ވަޞީލަތަކީ، ދެއިރު ދެދަޅައަށް ލަފާ ފުރައިގެންދާ، އާރް.ޓީ.އެލް ފެރީ ކަމުގައި ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދިއްދޫ ރައްޔިތުންގެ ފަރާތުން، ޙާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ހަނދާނީފިލާ އެރުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، ޢަބްދުﷲ ވަޙީދެވެ.
އާރް.ޓީ.އެލްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީ ގޮތުން މިރޭ އިފްތިތާޙްކޮށްދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގައި، މިއަދު ހަވީރު، ހއ. އުތީމުން ހއ. ދިއްދޫއަށް ދަތުރުފުޅު ކުރައްވާފައެވެ.
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ފަށާފައެވެ. މި ޒޯންގައި ބޭނުންކުރާ އާރް.ޓީ.އެލް ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮތް އިރު، މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރާނެއެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެއެވެ.