ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022ގެ ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ސާބާގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022 ކުރިޔަށްދަނީ މި ސެޕްޓެންބަރު މަހުގެ 25 – 30 އަށް ސޯސަލްސެންޓަރުގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން މި ސަރަޙައްދުގެ 4 ޓީމަކުން ބައިވެރިވެއެވެ. މިއީ ބައިނަލްއަޤްވާމީ އަންހެން ބާސްކެޓް ބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ސޯސަލްސެންޓަރުގައި ކުޅުނު ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމާ ބައްދަލުކުރީ ނޭޕާލުގެ ޓީމެވެ.
މިރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބުރައީސްގެ އިތުރުން ބައެއް ވަޒީރުންނާއި ކުޅިވަރުގެ ދާއިރާގެ އިސްފަރާތްތަކާއި ދިވެހި ސަޕޯޓަރުން މިރޭ ރާއްޖޭގެ ޤައުމީ އަންހެން ޓީމާއި ނޭޕާލްގެ ޓީމު ބައްދަލުކުރި މެޗް ބަލާލުމަށާއި ދިވެހިޓީމަށް ހިތްވަރުދިނުމުގެ ގޮތުން ސޯސަލްސެންޓަރުގައި ތިއްބެވެ.