اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މާލޭގެ ބޯފެނާއި، ފާޚާނާހޮޅީގެ މަޝްރޫޢު ނިމި، އެމަޝްރޫޢުގެ ޚިދުމަތް ފަށައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެއް. ޝައްކެއްނެތްގޮތުގައި، މިއަދު އެމަޝްރޫޢެއްގެ ނިމުން އަޅުގަނޑުމެން މިފާހަގަކުރާ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެއް. ވަރަށްބޮޑު މަޝްރޫޢެއް. ރާއްޖޭގެ ޞިއްޙީ ތާރީޚުގައި، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ތަރައްޤީއަށްޓަކައި މިވަރުގެ މަޝްރޫޢެއް އަދި ރޭވި ހިންގިފައެއް ނެތް.

އާދެ، މި މަޝްރޫޢު ފެށިފައި ވަނީ 1985 ވަނަ އަހަރު. އެ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު. ނިމުމަކަށް މިއައީ މިއަދު. އާދެ، 1988 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު. މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ނިމިގެން މިދިޔައީ 3 އަހަރު ދުވަހުގެ ބުރަ މަސައްކަތަށްފަހުގައި ކަމުގައިވިޔަސް، ޙަޤީޤަތުގައި މި މަސައްކަތުގެ ފެށުން އޮތީ، އޭގެ މާކުރިއަށް ގޮސްފައި.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް އެނގުނުފަދައިން، މާލޭގެ ބޯފެނާއި، ފާޚާނާ ކުރުމުގެ މައްސަލައަކީ، ވަރަށް ކުރިއްސުރެ މާލެއަށް ދިމާވެފައި އޮތް ވަރަށްބޮޑު މައްސަލައެއް. އެ މައްސަލަ ޙައްލުނުކުރެވި އޮތުމުގެ ސަބަބުން، މާލޭގެ ރައްޔިތުންނަށާއި، ޢާންމުކޮށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށްބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައި. ވަރަށްގިނަ ވައްތަރުވައްތަރުގެ ބަލިތައް، މާލޭގައި ފެތުރި އަދި މާލެއަކީ، ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާތީ، މާލެއަށް އަންނަ ރާއްޖެތެރޭގެ ވަރަށްގިނަ މީހުންވެސް މާލޭގައި ދިރިއުޅެމުން ދިޔުމާއެކު، މާލޭގައި ފެށޭ އެފަދަ ބަލިބައްޔަކީ، ވަރަށް އަވަހަށް ރާއްޖެތެރެއަށްދާ ބަލިތަކެއް ކަމުގައި އޮތީ ވެފައި. އެހެންކަމުން، އެކިވައްތަރުގެ ބޭރަށްހިންގުން، އާދައިގެ ބޭރަށްހިންގުމާއި، ނުރައްކާތެރި ބޭރަށްހިންގުން، އަދި ބޭރަށްހިންގުމުގެ އިތުރަށް، ޓައިފޮއިޑް ކަހަލަ ބަލިބަލި، ހެޕަޓައިޓިސް ކަހަލަ ބަލިބަލި، މިފަދަ ވަރަށްގިނަ ނުރައްކާތެރި ބަލިތައް ރާއްޖެތެރެއަށް ފެތުރިގެން ގޮސްފައިވަނީ މާލެއިން. މާލޭގައި އެބަލިތައް އެގޮތަށް ފެތުރިގެން ގޮސްފައިވަނީ، މާލޭގައި ބޯފެނުގެ ކަންތައް، ޞިއްޙީ އުޞޫލަކުން ހަމަޖެހިފައި ނެތީމާ. ހަމައެއާއެކުގައި، ފާޚާނާ ކުރުމުގެ ކަންތަކާއި، ރައްކާތެރި ގޮތެއްގައި ބޯފެނުގެ އިންތިޒާމު ހަމަޖެހިފައި ނެތުމުގެ ސަބަބުން.

އެހެންވީމާ، މާލޭގެ ބޯފެނުގެ މައްސަލައާއި، މާލޭގެ ފާޚާނާގެ އިންތިޒާމު ހަމަޖެހިފައި ނެތް މައްސަލަ އެއީ ރާއްޖޭގެ ޞިއްޙަތަށް، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތަށް ވަރަށްބޮޑެތި ނުރައްކާތަކެއް މީގެކުރިން ކުރިމަތިވަމުން އައިސްފައިވާ މައްސަލައެއް. އެހެންކަމަށްވާތީ، މިމައްސަލަ ޙައްލަކަށް ގެނެވޭތޯ ރާއްޖޭގެ ތާރީޚުގައި، ތަފާތު ދައުރުތަކުގައި މަސައްކަތް ކުރެވެމުން އައިސްފައިވަނީ.

އާދެ، ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިދިޔަ ޤަރުނުގެ ފަހުކޮޅު ރާއްޖެއަށް ދުރުވި ބޭކަލެއް ކަމުގައިވާ އެޗް.ސީ.ޕީ. ބެލްވެސް، މާލޭގެ ފެނުގެ ވާހަކަ އޭނާގެ ލިޔުންތަކުގައި ވަނީ ވިދާޅުވެފައި. ކޮންމެވެސް ދުވަސްވަރެއްގައި، ކޮންމެވެސް ޒަމާނެއްގައި މާލޭގައި ފެންހޮޅިލެވިގެން، މާލޭގެ ރައްޔިތުންނަށް ހޮޅީގެ ޛަރީޢާއިން ފެން ލިބޭނެ އިންތިޒާމެއް ހަމަޖެހެންވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް އޭރު ވަނީ ލިޔުއްވާފައި.

އަދި އޭގެފަހުން ދިވެހި ސަރުކާރުން ތަފާތު ދައުރުތަކުގައި އެމަސައްކަތް ވަނީ ކުރައްވާފައި. އެންމެފަހުން 1970ގެ އަހަރުތަކުގެ ތެރޭގައި، މިމައްސަލަ ވަރަށްބޮޑު މައްސަލައަކަށް ވެގެންދިޔަ. އެއީ މާލޭގެ އުތުރުފަރާތުގެ ފަޅުތެރެއަށް ބައެއް އަމިއްލަ މީސްމީހުންނާއި، ސަރުކާރުގެ އޮފީސްތަކުން ލާފައިވާ ފާޚާނާހޮޅިތަކުގެ ސަބަބުން ނުސާފު ފެނާއި ނަޖިސް، ފަޅުތެރެއަށް ދިޔުމާއެކުގައި، އެމައްސަލަ ބޮޑުވެގެން، ސަރުކާރުން އޭރު ޤަޞްދުކުރެއްވީ، ބޭރުގެ ބައެއް ފަރާތްތަކުގެ އެހީގައި، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީގައި، އަދި އޭގެފަހުން ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި، މެރިންޑްރައިވްގައި ފާޚާނާހޮޅިއެއް ލެއްވުމަށް. އެ ހޮޅި ލުމަށްފަހުގައި، ސަރުކާރުން އޭރު ވިސްނަވަމުން ގެންދެވީ، މުޅި މާލޭގައި މިފަދަ އިންތިޒާމެއް ޤާއިމުކުރުމުގެ މައްޗަށް. އެހެންނަމަވެސް، އޭރު ކަންތައްތައް ދިމާވެފައި އޮތްގޮތުން، އެންމެބޮޑަށް ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އޭރު ހުރިގޮތުން އޮތީ އެކަން ނުކުރެވި. އާދެ، އޭރަކީ ރާއްޖޭގައި ޓޫރިޒަމް އަދި މަސްވެރިކަން މިހާބޮޑަށް ތަރައްޤީވެފައިވާ ޒަމާނެއް ނޫން. އޭރު ސަރުކާރަށް ލިބެމުންދިޔަ އާމްދަނީއަކީ، މިހާރު ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަރަށް ކުޑަކުޑަ އެއްޗެއް. އަދި އޭރު ދިވެހި ސަރުކާރާއި ބޭރު ޤައުމުތަކުގެ ސަރުކާރުތަކާ ދެމެދު އޮތް ގުޅުމަކީވެސް މިހާރު މިއޮތް ފެންވަރަށް އޮތް ގުޅުންތަކެއް ނޫން. އެކަންތައްތައް އެހެން އޮތުމާއެކު، ސަރުކާރުން އޭރު ކިތަންމެވަރަކަށް މަސައްކަތް ކުރެއްވި ކަމުގައިވިޔަސް، މިފަދަ ބޮޑު މަޝްރޫޢަކަށް ބޭނުންވާވަރަށް ފައިސާ ލިބިވަޑައިނުގަތުމުގެ ސަބަބުން އެމަޝްރޫޢުގެ މަސައްކަތް އޮތީ ނުކުރެވި.

އެހެން އެކަން އޮއްވައި، އޭގެފަހުން އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް، ﷲގެ ވާގިފުޅާއެކު ތަރައްޤީވަމުން ދިޔުމުގެ ސަބަބުން، ރާއްޖޭގެ ސަރުކާރުގެ ތަނަވަސްކަންވެސް ދިޔައީ އިތުރުވަމުން. ހަމައެއާއެކުގައި، ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާ ދޭތެރޭގައި އޮތް ގުޅުމަށްވެސް އައީ ވަރަށްބޮޑެތި ހެޔޮ ބަދަލުތަކެއް. ހެޔޮ ތަރައްޤީތަކެއް އަންނަމުންދިޔައީ. އެކަންތައްތަކުގެ ސަބަބުން اللهُ سُبْحَانَهُ وَتَعَالَى އިރާދަކުރެއްވި ގޮތުގެމަތިން، 1980 ވަނަ އަހަރު، ހުޅަނގު ޖަރުމަނު ސަރުކާރާއި ދިވެހި ސަރުކާރާ ދޭތެރޭގައި އެއްބަސްވެވުމަކަށް އާދެވިއްޖެ. އެއީ މި މަޝްރޫޢަށް ބޭނުންވާ ފައިސާގެ އެއްބައި، ހުޅަނގު ޖަރުމަނު ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދެއްވާގޮތަށް ހަމަޖެއްސުމުގެ ގޮތުން.

އާދެ، އެއަށްފަހު ހުޅަނގު ޖަރުމަނު ސަރުކާރުން އެދެއްވާ އެހީއިންވެސް މަޝްރޫޢުގެ ހުރިހާ ކަމެއް ނުނިންމޭނެތީ، ސަރުކާރުން، ރާއްޖެއާ އެކުވެރިކަމުގެ ގުޅުން ބަހައްޓަވާ އެކި ސަރުކާރުތަކާ އައީ ވާހަކަ ދައްކަމުން. އެގޮތުން، ސަޢޫދީ ސަރުކާރުގެ އެހީ ވަރަށްމަތީ ދަރަޖައަކަށް މިމަޝްރޫޢަށް ވަނީ ލިބިފައި. އަޅުގަނޑު ހަނދާންވާގޮތުގައި، 1981 ވަނަ އަހަރު ހުޅުލޭ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް މާލެ ވަޑައިގެންނެވި ސަޢޫދީ ފަންޑުގެ އިސްވެރިންނާ ސީދާ އަޅުގަނޑު ވާހަކަ ދެއްކިން. އެއީ އޭރު މި މަޝްރޫޢަށް ވަނީ ހުޅަނގު ޖަރުމަނު ސަރުކާރުގެ އެހީ ލިބޭގޮތަށް ހަމަޖެހިފައި. އެހެންނަމަވެސް، އެ އެހީއިން އަދި މަޝްރޫޢު ނިންމާލެވޭވަރު ނުވާތީ، އެހެން ގޮތްގޮތުން ފައިސާ ހޯދޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔަ ގެންދިޔުމުގެތެރޭގައި، އަޅުގަނޑަށް ލިބުނު ފުރުޞަތުގައި، ހުޅުލޭ އެއަރޕޯޓް ހުޅުވުމާ ވިދިގެން ނުވަތަ އެދުވަހުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ސަޢޫދީ ފަންޑުން ވަޑައިގެންނެވި ބޭފުޅުންނާ ހަމަ އެއަރޕޯޓް ތެރޭގައި ސީދާ އަޅުގަނޑު ބައްދަލުކޮށް، އަޅުގަނޑު ދަންނަވާލިން، މާލޭގެ ބޯފެނާއި، ފާޚާނާހޮޅިލުމުގެ މަޝްރޫޢަކީ، ސަރުކާރުން ވަރަށް އިސްކަންދޭން ޖެހިފައިވާ މަޝްރޫޢެކޭ. އެ މަޝްރޫޢަށް ބޭރުގެ އެއްފަރާތަކުން ވަނީ ދީލަތި އެހީ ލިބޭގޮތަށް ހަމަޖެހިފައޭ. އެހެންނަމަވެސް، އެފައިސާއިން އަދި މަޝްރޫޢު ކުރިއަށް ގެންދެވޭގޮތް ނުވާތީ، އަޅުގަނޑު ވަރަށްބޮޑަށް އެދެމޭ، ސަޢޫދީ ފަންޑުން، މިކަމުގައި އެހީތެރިވެވަޑައިގެން ދެއްވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވުން. އޭގެ ނަތީޖާއެއްގެ ގޮތުން، މާލަސްތަކެއްނުވެ ސަޢޫދީ ފަންޑުން އެގޮތަށް ހަމަޖައްސަވައި ދެއްވައިފި. ހަމައެއާއެކުގައި، ޔޫރަޕްގެ އިޤްތިޞާދީ ޖަމާޢަތުގެ ފަރާތުންވެސް އާދެ، އީ.އީ.ސީ.ގެ ފަރާތުންވެސް މިމަޝްރޫޢަށް އެހީ ލިބޭގޮތަށް ހަމަޖެހި، މިމަޝްރޫޢު ހިންގަން ފެށުނީ، ކުރިންވެސް ދެންނެވި ފަދައިން، 1985 ވަނަ އަހަރު.

އެހެންވީމާ، މިކަމަކީ ވަރަށްބޮޑު މަސައްކަތެއް. ވަރަށްގިނަ ދުވަހުން، ވަރަށްގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުން ލިބިގެން ދިވެހި ސަރުކާރަށް ނިންމުނު ކަމެއް ކަމަކީ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް ދިވެހި ސަރުކާރުގެ ނަމުގައި އަދި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރުމަކީ މިއަދު އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އާދެ، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި މިހާރު އޮތް ލުއިފޮތުން، އެކި ފަރާތްފަރާތުން މި މަޝްރޫޢަށް ވެދެއްވި އެހީތަކުގެ ތަފްޞީލް ނުވަތަ ޢަދަދު އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެވާހަކަ ދެންނެވުމުގެ ބޭނުމެއް ނެތް.

ކޮންމެއަކަސް، ހުޅަނގު ޖަރުމަނު ސަރުކާރުގެ ފަރާތުންނާއި، ސަޢޫދީ ފަންޑުގެ ފަރާތުންނާއި، ޔޫރަޕްގެ އިޤްތިޞާދީ ޖަމާޢަތުގެ ފަރާތުން މި މަޝްރޫޢަށް ވަނީ ވަރަށް އެކަށީގެންވާ ގޮތަކަށް، ވަރަށް ދީލަތި އެހީތަކެއް ލިބިފައި. ދިވެހި ސަރުކާރުންވެސް މިމަޝްރޫޢަށް ވަރަށްބޮޑު ޢަދަދަކަށް ފައިސާ ޚަރަދުކުރަންޖެހުނު. އަދި މި މަޝްރޫޢު ނިމުމަކަށް އަންނަނިކޮށް، އިތުރު ދެ ޤައުމެއްގެ އެހީވެސް ލިބޭގޮތަށް ހަމަޖެހި، މިހާރު އެތަނުން އެއް ޤައުމުގެ އެހީވަނީ ލިބި، އެލިބުނު ބައި މިމަޝްރޫޢުގެ ތެރެއަށް ވަދެ ނިމިފައި. އާދެ، އެއީ ޑެންމާކް ސަރުކާރު. ޑެނީޑާގެ އެހީގައި މިހާރު މި މަޝްރޫޢުގެ ތެރެއަށް ވަދެފައިވަނީ ލޮނުފެނުން މީރުފެން އުފެއްދުން. އެއީ ލޮނު، ލޮނުފެން، ބޯންކަމުދާކަހަލަ މީރުފެނަށް ބަދަލުކުރުމުގެ މެޝިނެއް ލިބުން. އެ މެޝިން މިހާރުވަނީ ބަހައްޓައި ނިމިފައި. ދުވާލަކު 200 ކޮޑިމީޓަރުގެ ފެން، ބޯންކަމުދާކަހަލަ ރަނގަޅު މީރުފެން، އެ މެޝިންގެ ޛަރީޢާއިން އަޅުގަނޑުމެންނަށް ލިބޭގޮތަށް މިހާރުވަނީ ހަމަޖެހި، އެ މަސައްކަތްވެސް ފެށިފައި. އެހެންވީމާ، ފުރަތަމަ މި މަޝްރޫޢު ފެށުނުއިރު، ހަމަޖެހިފައިނުވާ އެހީ، ބައެއް ފަރާތްތަކުގެ އެހީވެސް މިހާރު މި މަޝްރޫޢަށް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން.

ހަމައެއާއެކު މިއަދު، އާދެ، 1988 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު، މި މަޝްރޫޢާ ގުޅޭ އެއްބަސްވުމެއްގައި، ދިވެހި ސަރުކާރާއި، ބޭރުގެ ސަރުކާރަކާ ދެމެދު ސޮއިކުރާގޮތަށް ވަނީ ހަމަޖެހިފައި. މިއަދުގެ ކޮންމެވެސް ވަގުތެއްގައި، ޕެރިހުގައި، ދިވެހި ސަރުކާރާއި ފަރަންސޭސި ސަރުކާރާ ދޭތެރޭގައި ކުރެވޭ އެގްރިމެންޓެއްގެ ދަށުން އިތުރު ޑީސަލިނޭޝަން ޕްލާންޓެއް، އާދެ، ލޮނު، ފެނަށް ހަދާކަހަލަ މެޝިނެއް ސަރުކާރަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައި. އެހެންވީމާ، މިފުރުޞަތުގައި ޑެންމާކް ސަރުކާރަށާއި، ފަރަންސޭސި ސަރުކާރަށްވެސް ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން.

މި މަޝްރޫޢު ނިމިގެން މިދިޔައީ، ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީގައި. ދިވެހި ސަރުކާރުން މިކަމުގައި އުޅުއްވި ފަރާތްތަކުގެ ވާހަކަ އަޅުގަނޑު މިވަގުތު ދަންނަވައިނުލި ކަމުގައިވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެފަރާތްތައް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

އާދެ، އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ، ﷲގެ ވާގިފުޅާއެކު، މިއަދު އަޅުގަނޑުމެންނަށްވަނީ މިމަޝްރޫޢު ކާމިޔާބުކުރެވިފައޭ. އެހެންވީމާ، ދެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށް ވާނީ މި މަޝްރޫޢުގެ ދަށުން ލިބޭ ޚިދުމަތް ރަނގަޅަށް ބަލަހައްޓައި، އެ ޚިދުމަތް ދެމެހެއްޓުން ކަމުގައި ދަންނަވާލަން.

އާދެ، މި މަޝްރޫޢުގެ ދަށުން ވަރަށް އަގުބޮޑު ތަކެތި، ސާމާނު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. ވަރަށް ގިނަ ޢަދަދަކަށް، މާލޭގެ މަގުތަކުގައި ހޮޅިތައް ވަނީ ވަޅުލެވިފައި. އާދެ، ހަމައެކަނި ފާޚާނާހޮޅީގެ ދިގުމިނާމެދު ތިޔަބޭފުޅުން ވިސްނާވަޑައިގަތަސް، އެކަން އެނގިވަޑައިގަންނަވާނެ. މާލޭގެ ދިގުމިނަކީ، އަޅުގަނޑުމެން ކިޔަނީ އެއް މޭލޭ. އެއް މޭލުވެސް ހަމަނުވާކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ. ހަމައެކަނި މާލޭގެ މަގުތަކުގައި މިހާރު ވަޅުލެވިފައިވާ ފާޚާނާހޮޅިތަކުގެ ދިގުމިނަށް ވިސްނަވައިލެއްވިޔަސް، ތިޔަބޭފުޅުންނަށް އެއީ ޙައިރާންވާފަދަ ޢަދަދެއް ކަމުގައި ފެނިވަޑައިގަންނަވާނެ. އާދެ، ގާތްގަނޑަކަށް 32 މޭލުގެ ހޮޅި މިހާރު މާލޭގައި ވަޅުލެވިފައިވޭ. މާލޭގެ ދިގުމިނުގައި އެންމެ މޭލެއްވެސް ނެތް. އެހެންނަމަވެސް، މިއީ މާލޭގެ މަގުމަގުގައި މިހާރު ވަޅުލެވިފައި ހުރި ހަމައެކަނި ފާޚާނާހޮޅިތަކުގެ ދިގުމިން. މިދެންނެވީ އަދި ފެންހޮޅި ނުލާ. މިތަނުން ލިބޭ ފެން މާލޭގެ ތަފާތު 30 ހިސާބަކަށް ދާގޮތަށް އޮތީ ހަމަޖެހިފައި. އެކަމަށް ބޭނުންވާ ހޮޅިތަކުގެ ދިގުމިންނުލައި، ހަމައެކަނި ފާޚާނާހޮޅީގެ ގޮތުގައި މިހާރު މާލޭގެ ބިމުގެ އަޑީގައި 32 މޭލުގެ ހޮޅިވަނީ ވަޅުލެވިފައި. އަދި ދެންމެ އެވިދާޅުވި ގޮތުގެ މަތިން، 30 ތަނަކުން ފެން ލިބޭގޮތަށް ހަމަޖެހި، އެ 30 ތާނގައި އިސްކުރުބަރިތަކެއް ވަނީ ހެދިފައި. ތަފާތު ބޮޑުމިންތަކުގެ ތާނގީތައް ވަނީ ހެދިފައި. ކަނޑުގެ ލޮނުފެން، މީރުފެނަށް ބަދަލުކުރާ އެއް މެޝިން މިހާރުވަނީ ބެހެއްޓިފައި. އޭގެ އިތުރު ދެ މެޝިން ލިބޭގޮތަށް ވަނީ ހަމަޖެހިފައި. އަދި ފެން ޓެސްޓްކޮށް، ތަޙްލީލު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ވަނީ ލިބިފައި. މިދެންނެވި ތަކެއްޗާއި އަދި މިނޫންވެސް ވަރަށްގިނަ އަގުބޮޑު ތަކެތި މިމަޝްރޫޢުގައި ހިމެނޭ. އެތަކެތި ބެލެހެއްޓުމަކީ ކޮންބައެއްގެ ވާޖިބެއްތޯ؟ ޝައްކެއްނެތް، އެއީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް.

މި މަޝްރޫޢުގެ ދަށުން ހެދިފައިވާ ފެން ނަގާ ތާނގީތައް، ވާރޭފެން ނަގާ ތާނގީތައް، ގޭގޭގައި މިހާރު ހަދައިދެވިފައިވާ ތާނގީތައް، އެ ތާނގީތައް ބެލެހެއްޓުމަކީ ޝައްކެއްނެތްގޮތުގައި، އެގޭގޭގެ އަހުލުވެރިންގެ މަސްއޫލިއްޔަތެއް، ވާޖިބެއް. ދެންމެ މުޙަންމަދު އިބްރާހީމް އެވިދާޅުވިފަދައިން، އެއްއަހަރު ދުވަހުގެ ތެރޭގައި، އެތާނގީތަކަށް ލިބޭ ގެއްލުން ސަރުކާރުން މަރާމާތުކޮށް ހަދައިދޭނެ. އެހެންނަމަވެސް، އެ ލިބޭ ގެއްލުންވެސް ވާންޖެހޭނީ، އޭގެ ޒާތުގައި ލިބޭ ގެއްލުމަކަށް. މިދެންނެވީ ފަރުވާކުޑަކުރުމުގެ ގޮތުން ނުވަތަ ބެލެހެއްޓުން ނެތުމުގެ ސަބަބުން ލިބޭ ގެއްލުންތައް އެއީ އަޅުގަނޑު ހިތުން ސަރުކާރުން ފޫބައްދައިދެވޭނެ އެއްޗެއް ނޫން. އަދި މިދެންނެވި އަހަރު ދުވަހުގެ ފަހުން އެތާނގީތައް ބެލެހެއްޓުންވެސް ވާނީ އެ ގޭގޭގެ އަހުލުވެރިންގެ ކަމަކަށް. އާދެ، އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށް، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކަށް އެކަންވާންޖެހޭނެ.

ހަމައެއާއެކުގައި، އެހެން ތާނގީތައް ބެލެހެއްޓުމާއި، ފާޚާނާހޮޅިތައް ބެލެހެއްޓުމާއި، ފެންހޮޅިތައް ބެލެހެއްޓުމާއި އަދި ފެން އިސްކުރުތައް ބެލެހެއްޓުން، އެވެސް ވާންޖެހޭނެ އަޅުގަނޑުމެންގެ ވާޖިބަކަށް. ރައްޔިތުންގެ ވާޖިބަކަށް ވާންޖެހޭނެ. އަފްރާދުންގެ ވާޖިބަކަށްވެސް ވާންޖެހޭނެ. ޖަމާޢަތުގެ ވާޖިބަކަށްވެސް ވާންޖެހޭނެ. އާދެ، އަޅުގަނޑު އެހެން މިދަންނަވާލީ، ތަންކޮޅެއް ކުރިން، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވިތާ ވަރަށް ކުރީކޮޅުގައި، މާލޭގެ އެއް ހިސާބެއްގެ ބަޔަކަށް، އާދެ، މާފަންނުކޮޅުގެ މީހުންނަށް، މާފަންނުކޮޅުގެ ވަކި ހިސާބެއްގެ ގޭގޭގައި ދިރިއުޅޭ މީހުންނަށް ބޯފެން ލިބުން ދަތިވެފައިވާ މައްސަލައިގައި، ސަރުކާރުން އޭރު ޤަޞްދުކުރީ އިސްކުރުބަރިތަކެއް އެހިސާބުގަނޑުގައި ބަހައްޓަން. އެ އިސްކުރުބަރިތައް ބެހެއްޓީމާ ވީގޮތަކީ ކޮބައިތޯ؟ ވަރަށް އަވަހަށް އެ އިސްކުރުތައް ހަލާކުވެގެން ހިނގައްޖެ. ކުޑަކުދިން ނުވަތަ ބޮޑެތި މީހުން ނަމަވެސް، ޤަޞްދުގައި އިސްކުރުތައް ހަލާކުކޮށް ނައްޓައި، އެހެން ހަދަމުން ގެންދިޔަ. އެކަންތައް ބެލެހެއްޓުންވީ ވަރަށްބޮޑު ކަމަކަށް. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށް އަޅުގަނޑުމެން ކުރާ ކަންތައް، އަޅުގަނޑުމެންގެ އަމިއްލަ އަތުން ހަލާކުކޮށް ހަދާ ކަމުގައިވަންޏާ ޝައްކެއްނެތް، ކިތަންމެ ބޮޑު މަޝްރޫޢެއް ސަރުކާރުން ރޭވިޔަސް އަދި ހިންގިޔަސް، ބޭރުގެ ފަރާތްތަކަކުން ކިތަންމެ ދީލަތި އެހީތަކެއް ލިބިގެން އެކަންތައް އެގޮތަށް ކުރިކަމުގައިވިޔަސް، އޭގެ ނަތީޖާއެއް ނުފެންނާނެ. އެހެންވީމާ، މިކަމަކީ މި މަޝްރޫޢު ބެލެހެއްޓުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. ހަމައެފަދައިން، މުޅި ޖަމާޢަތުގެ ބޮލުގައިވެސް އެޅިފައިވާ މަސްއޫލިއްޔަތެއް.

އެހެން މިދެންނެވީ، އަޅުގަނޑުމެންނަށް ފެނިދާނެ، މީހަކު ނޭދެވޭ ޢަމަލެއް ކުރާތަން. އިސްކުރެއް ނައްޓާލާތަން ނުވަތަ ތަނެއް ހަލާކުކުރާތަން. އެހެން ފެނުނީމާ، އެކަމާ އަޅައިނުލާ ހުރުމަކީ އެކުށުގައި ބައިވެރިވުން. އެއީ އަޅުގަނޑު އެކަން ދެކޭގޮތަކީ. އެމީހަކު ޖެހޭނެ އެކަން ހުއްޓުވަން. އެއީ ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން އެމީހެއްގެ ވާޖިބު. އެމުދަލަކީ ރައްޔިތުންގެ މުދާ. އެއްވެސް މީހަކު އެމުދަލަށް ގެއްލުންދޭ ކަމަށްވަންޏާ، ކޮންމެ ރައްޔިތަކު އެކަންތައް ހުއްޓުވަންޖެހޭނެ. އަދި ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭނެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި ކަންތައް ހުންނަނީކީ އެހެންނެއްނޫން. ބަޔަކު ނުވަތަ މީހަކު ކިތަންމެ ބޮޑު ގޯސްކަމެއް ކުރިކަމުގައިވިޔަސް، މަގުމަތީގައި ޢާންމު ތަންތާނގައި، އެހެން މީހުންނަށް ފެންނަ ތާނގައި، ކިތަންމެވަރަކަށް ގޯސްކަމެއް ކުރިކަމުގައިވިޔަސް، އެކަމަކާ ގިނަމީހުން އަޅައެއްނުލާ. އެއީ ތިމާޔާބެހޭ ކަމެއްކަމުގައެއް އެއްވެސް މީހަކު ނުދެކޭ. އެމީހަކު ދާތަނަކަށް ދަނީ. އަންގަންވީ ފަރާތަކަށް ނާންގާ. އެކަން އެހެން އޮތުމުގެ ސަބަބުން އެކަހަލަ ކަންތައްތައް ފެތުރި، ވަރަށްބޮޑެތި ގެއްލުންތައް އަޅުގަނޑުމެންނަށް ލިބެމުންދަނީ.

އެހެންވީމާ، އަޅުގަނޑު މިއަދު މިދަންނަވަނީ، އަޅުގަނޑުމެން 11 މިލިއަން ޑޮލަރު ޚަރަދުކޮށްގެން މިހެދި މަޝްރޫޢުން ލިބޭ ޚިދުމަތް ދަމަހައްޓަންވާނީ އަޅުގަނޑުމެންނޭ. އެޚިދުމަތްތައް ބަލަހައްޓަންވާނީވެސް އަޅުގަނޑުމެންނޭ. އަޅުގަނޑުމެންގެ ކޮންމެ ފަރުދެކޭ. އެއްގޮތަކަށްވެސް އެއީކީ ވަކި ހެލްތު މިނިސްޓްރީން ބަލަހައްޓަވަންވީ ކަމެއްނޫން. މާލޭ ވޯޓަރ ސަޕްލައި އޮތޯރިޓީގެ ފަރާތުން ބަލަހައްޓަވަންވީ ކަމެއްވެސް ނޫން. އެކަމާ ބެހިވަޑައިގަންނަވަނީ ހަމައެކަނި ޢަބްދުﷲ ޖަމީލާއި، މުޙަންމަދު އިބްރާހީމެއް ނޫން. އެކަމާ ބެހެނީ އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ކޮންމެ މުޙަންމަދަކާއި، ކޮންމެ ޙުސައިނަކާއި، ކޮންމެ އައްޔެއް. ކޮންމެ އިންސާނެއް. ކޮންމެ ޒާހިރަކާއި، ކޮންމެ ރަޝީދަކާއި، ކޮންމެ ނަޢީމެއް. އަދި ކޮންމެ ފާޠިމަތަކާއި، ކޮންމެ އާމިނަތަކާއި، ކޮންމެ ޚަދީޖާއެއް. އަޅުގަނޑުމެންގެ ކޮންމެ މީހަކު އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކޮށްގެން ނޫނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ހެވެއް، އޭގެ ރަނގަޅެއް، އޭގެ ނަތީޖާއެއް އަޅުގަނޑުމެންނަށް ދުވަހަކުވެސް ނުފެންނާނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، މިމަޝްރޫޢު އެކަންޏެއް ނޫން، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ ފައިދާއަށް، މިކުރާ ކޮންމެ މަސައްކަތެއް ދަމަހައްޓައި ބެލެހެއްޓުމަކީ، އަޅުގަނޑުމެންގެ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމުގައި ޤަބޫލުކުރުން. ޤަބޫލުކޮށްގެން އެކަން ފަރުވާތެރިކަމާއެކު ކުރަމުން ގެންދިއުން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މި މަޝްރޫޢަކީ ހަމައެކަނި މާލެއަށް އޭގެ ފައިދާ ކުރާނެ މަޝްރޫޢެއް ނޫން. މާލޭގެ ނަމުން މަޝްރޫޢަށް ނަން ދެވިފައިވިޔަސް، މި މަޝްރޫޢު މިގޮތަށް ރޭވި، ރަނގަޅު ގޮތެއްގައި އޭގެ ޚިދުމަތް ލިބެމުންދާ ކަމުގައިވަންޏާ، އޭގެ ފައިދާ އެއީ މުޅި ރާއްޖެއަށް ކުރާނެ ފައިދާއެއް. މުޅި ރާއްޖޭގެ ތަރައްޤީއަށް ކުރާނެ ފައިދާއެއް.

އާދެ، މާލޭގެ އާބާދީ، 1985 ވަނަ އަހަރު މާލޭގައި ތިބިކަމަށް ހިސާބުތަކުން ދައްކަނީ، ސާޅީސް ހަތްހާސް މީހުން. މިއަދު އެމް.ޕީ.ޑީ.އިން ލަފާކުރައްވާ ގޮތުގައި، މާލޭގައި ދިރިއުޅެމުން އެބަގެންދޭ، ފަންސާސް ހަތަރުހާސް މީހުން. އެއްދުވަހުން އަނެއް ދުވަހަށް މާލޭގެ ރައްޔިތުންގެ ޢަދަދު ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު ދަނީ ވަރަށް ބޮޑުތަން އިތުރުވަމުން. އެއީ ހަމައެކަނި ޤުދްރަތީގޮތުން އިތުރުވާ އިތުރުވުމެއް ނޫން. އޭގެއިތުރަށް، ރާއްޖެތެރޭގެ މީހުން އެކި ބޭނުންތަކަށް މާލެއަށް އައިސް، މާލެއަށް ފައިބައި، މާލޭގައި ދިރިއުޅެމުންދާތީ، އިތުރުވަމުންދާ ބައެއް، މީގެތެރޭގައި ހިމެނޭ.

އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، މާލޭގައި މިހާރު ފަންސާސް ހަތަރުހާސް މީހުން ދިރިއުޅޭ ކަމަށްވަންޏާ، އޭގެ މާނައަކީ، ރާއްޖޭގެ ރައްޔިތުންގެ 100 އަކުން 27. އާދެ، ރާއްޖޭގެ ރައްޔިތުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ޢަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެމުން ގެންދަނީ މާލޭގައޭ. އެހެންވީމާ، މި މަޝްރޫޢުގެ ސީދާ ފައިދާ، ދިވެހި ރައްޔިތުންގެ 100 އަކުން 27 އަށް ލިބޭނެ. އޭގެއިތުރަށް، ނުސީދާ ފައިދާ، އާދެ، އެއީ ކުރިންވެސް ދެންނެވިފަދައިން، މާލޭގައި ފެތުރޭ ބަލިތައް ރާއްޖެތެރެއަށް ދިޔުމުން އެދިމާވާ މައްސަލަތައް ޙައްލުވުމުން، މުޅި ރާއްޖޭގެ ރައްޔިތުންނަށް، މުޅި ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތަށް، ރާއްޖޭގެ ތަރައްޤީއަށް ލިބޭ ފައިދާ މުޅި ރާއްޖެއަށް ދާނީ ހާމަވެގެން.

އާދެ، ދެން އަޅުގަނޑުމެން ބަލައިލަންވީ ނުކުތާއަކީ، މި މަޝްރޫޢުގެ އެންމެބޮޑު ބަޔަކީ ފެން. ފެނަކީ ކޮން އެއްޗެއްތޯ؟ ޝައްކެތްނެތް، ފެނަކީ اللهُ سُبْحَانَهُ وَتَعَالَى، އިންސާނުންނަށް ދެއްވާފައިވާ ވަރަށްބޮޑު ނިޢުމަތެއް. އެ ނިޢުމަތުގެ އަގު، ގިނަ މީހުންނަށް އޮންނަނީ ވަޒަންނުކުރެވި. ފެނަކީ ހުރިހާ ދިރުމެއްގެ ފެށުން. ހުރިހާ ދިރުމެއް ދެމެހެއްޓުމުގެ ބާރު. އާދެ، ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވިއިރު ވިދާޅުވި، ފެނާނުލައި އިންސާނީ މަދަނިއްޔަތަކަށް ނޯވެވޭނެއޭ. އިންސާނުންގެ ޘަޤާފީ ކަންތައްތައް ކުރިއަކަށް ނުގެންދެވޭނެއޭ. އިންސާނުންނަށް ދުނިޔޭގައި ހަމަޖެހޭ ދިރިއުޅުމެއް ޤާއިމެއް ނުކުރެވޭނެއޭ ފެނާނުލާ. ހުރިހާ ކަމެއްގެވެސް ފެށުމަކީ ފެނޭ، އޭނާ ވިދާޅުވި. އާދެ، އެ ޙަޤީޤަތް އެއީ މިއަދު އަޅުގަނޑުމެންނަށް އެނގުނު އެއްޗެއް ނޫން. އެއީ މީގެ 15 ޤަރުނު ކުރިން، ކީރިތި ޤުރްއާނުގައި اللهُ سُبْحَانَهُ وَتَعَالَى ކަނޑައަޅުއްވައި އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައިވާ އެއްޗެއް އެއީ. "وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ." الأنبياء ސޫރަތުގެ ٣٠ ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ "ތިމަންރަސްކަލާނގެ ފެނުން، ދިރޭ ހުރިހާ އެއްޗެއް ލެއްވީމޭ. ދިރުންހުރި ހުރިހާ އެއްޗެއް ތިމަންރަސްކަލާނގެ ލައްވާފައިވަނީ ފެނުންނޭ. ފަހެ އެބައިމީހުން ތިމަންރަސްކަލާނގެއަކަށް އީމާނެއްނުވޭހޭ." އެހެންވީމާ، އެނގެނީ ކޮން އެއްޗެއްތޯ؟ އެނގެނީ ފެނުގެ ނިޢުމަތް ޤަބޫލުކޮށް، ފެނަކީ ހުރިހާ ދިރުމެއްގެ އަޞްލުކަން ޤަބޫލުކުރުން އެއީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް. އެއީ އެނގޭ އެއްޗަކީ. އީމާންނުވާ މީހުން، ފެނުގެ ނިޢުމަތަށް ކުފުރުވާނީ. ފެނަކީ ކޮން އެއްޗެއްކަން ނުދަންނަ ބަޔަކީ، އީމާންނުވާ މީހުންނާ އެއްވަރޭ اللهُ سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި އަންގަވަނީ.

ފެނުގެ ވާހަކަ "ފެން" އެ ލަފްޡު ޢަރަބިބަހުން، ކީރިތި ޤުރްއާނުގައި 63 ފަހަރު ވާރިދުވެފައިވޭ. ﷲގެ އެންމެބޮޑު އެއް ނިޢުމަތް ކަމުގައި ފެން ލައްވައި، އެ ފެނުގެ ވާހަކަ ކީރިތި ޤުރްއާނުގައި ތަފާތު ގޮތްގޮތަށް، 63 ފަހަރު ތަކުރާރުކުރައްވާފައި އެބައޮތް. އެއް އާޔަތެއްގައި ﷲ ވަޙީކުރައްވާ، "وَٱللَّهُ خَلَقَ كُلَّ دَآبَّةٍۢ مِّن مَّآءٍۢ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍۢ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ." އާދެ، النُّور ސޫރަތުގެ ٤٥ ވަނަ އާޔަތް. ﷲ ވަޙީކުރައްވަނީ، "ދިރިހުރި ހުރިހާ އެއްޗެއް ﷲ ހައްދަވާފައި ވަނީ ފެނުންނޭ. އެތަކެތީގެ ތެރޭގައި، ބަނޑުމަތީގައި ފިރުކެމުންދާ ތަކެތިވެއޭ. އަދި އެތަކެތީގެ ތެރޭގައި، ދެފައިމައްޗަށް ތެދުވެ، ހިނގައިބިނގައިވާ ތަކެތިވެއޭ. އަދި އެތަކެތީގެ ތެރޭގައި، ހަތަރެސްފައި ޖަހައިގެން އުޅޭ ތަކެތިވެއޭ. ﷲ އިރާދަކުރެއްވި ކޮންމެ އެއްޗެއް އެކަލާނގެ އުފައްދަވައޭ. ހަމަކަށަވަރުން ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއޭ." އެހެންވީމާ، ދިރުންހުރި ކޮންމެ އެއްޗެއްގެ ފެށުމަކީ، އަޞްލަކީ ފެންކަން އެބަ އެނގޭ.

ހަމައެފަދައިން، މި މަޝްރޫޢުގައި ހިމެނޭ ފެނުގެ އިންތިޒާމު ހަމަޖެހި، އޭގެ ޚިދުމަތް ދޫކުރުމުގެ އިޙްތިފާލުގައި، ޤާރީ ދެންމެ ކިޔަވައިދެއްވި އާޔަތުގައިވެސް ފެނުގެ ވާހަކަ، ވަރަށް ބަލާޣާތްތެރި ގޮތެއްގައި އައިސްފައިވޭ. "وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ طَهُورًۭا. لِّنُحْـِۧىَ بِهِۦ بَلْدَةًۭ مَّيْتًۭا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًۭا وَأَنَاسِىَّ كَثِيرًۭا." الفرقان ސޫރަތުގެ ٤٨ ވަނަ އާޔަތާއި، ٤٩ ވަނަ އާޔަތް. ﷲ ވަޙީކުރައްވަނީ، "ﷲގެ ރަޙްމަތް ކަމުގައިވާ ވާރޭގެ ކުރިން، ވައި، ހެޔޮ ޚަބަރެއްގެ ގޮތުގައި ތިޔަބައިމީހުންގެ ގާތަށް ފޮނުއްވަނީވެސް އެކަލާނގެއޭ. އަދި ތިމަންރަސްކަލާނގެ އުޑުން ޠާހިރުކުރަނިވި ފެން ވެއްސެވީމޭ. އެއީ މަރުވެފައިވާ ބިންގަނޑެއް އެ ފެނުގެ ސަބަބުން ދިރުއްވުމަށްޓަކައޭ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން ޖަނަވާރުތަކާއި، ގިނަ ޢަދަދެއްގެ އިންސާނުން އެ ފެން ބުއިމަށްޓަކައޭ." އެހެންވީމާ، މި ހުރިހާ އާޔަތްތަކަކުން، ފެނަކީ ކިހާބޮޑު ނިޢުމަތެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ.

ދެން އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ، ފެނަކީ އެވަރުގެ ބޮޑު ނިޢުމަތަކަށްވާއިރު، އެއާދޭތެރޭގައި އަޅުގަނޑުމެން ކަންތައް ކުރަންވީ ކިހިނެއްތޯ؟ ފެނަކީ ދުވަހަކުވެސް ހުސްވެގެން ނުދާނެ އެއްޗެއްތޯ. އަބަދުވެސް ﷲ އަޅުގަނޑުމެންނަށް ދެއްވާނެ އެއްޗެއްތޯ؟ އެކަމާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ކުޑަ ބަދަލެއް މިހާރު ގެންނަން އެބަޖެހޭ. އެއީ މިހާރު ގެންނަންޖެހޭ ބަދަލެއް ނޫން. ޙަޤީޤަތުގައި، ކަމުގެ އަޞްލު އޮންނަ ގޮތް އަޅުގަނޑުމެންނަށް ނޭނގޭތީ، ކުށްގޮތަކަށް އަޅުގަނޑުމެންނަށް ކުރިއްސުރެ ޤަބޫލުކުރެވިފައި އޮންނަނީ. އެ ކުށްގޮތް މިއަދު ވެއްޖެ އަޅުގަނޑުމެން އިސްލާޙު ކުރަން.

ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ނިމުމެއްވާ އެއްޗެއް. ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ކޮންމެވެސް ދުވަހަކުން ހުސްވާނެ އެއްޗެއް. ފަނާވެގެންދާނެ އެއްޗެއް. ﷲ ވަޙީކުރައްވަނީ، "مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍۢ ۗ ." "ކަލޭމެންގެ ގާތުގައިވާ ކޮންމެ އެއްޗަކީ ފަނާވެ ހުސްވެގެންދާނެ އެއްޗެކޭ. ﷲގެ ޙަޟްރަތުގައިވާ އެއްޗަކީ ދުވަހަކުވެސް ފަނާވެގެން ހުސްވެގެންދާނެ އެއްޗެއް ނޫނޭ." އެހެންވީމާ، ދުނިޔޭގައި ލައްވާފައިވާ ހުރިހާ އެއްޗެއް ލައްވާފައިވަނީ އިންސާނުންނަށްކަން ކީރިތި ޤުރްއާނުން އެނގޭ. ބިން ލައްވާފައިވަނީ އިންސާނުންނަށްޓަކައި. ބިމުގައިވާ ކޮންމެ އެއްޗެއް ލައްވާފައިވަނީ އިންސާނުންނަށްޓަކައި. ބިމުގައިވާ ފަރުބަދަތަކާއި، ކޯރުތަކާއި، ގަސްގަހާގެއްސާއި، ކަނޑުތަކާއި، ކަނޑުގައި ލައްވާފައިވާ މަސްމަހާމެއްސާއި އަދި އެހެނިހެން ތަކެތި، ދުނިޔޭގެ ވަށައިގެންވާ ތަކެތި، އިރު، ހަނދު، ތަރިތައް، ވައި، ފެން، އެކި މަޢުދަންތައް، މިހެންގޮސް ދުނިޔޭގައިވާ ހުރިހާ އެއްޗެއް ﷲ ލައްވާފައިވަނީ އިންސާނުންނަށްޓަކައި. އިންސާނުން އޭގެ ބޭނުންކުރުމަށް. އެހެން އަންގަވާފައި އެބައޮތް. އެހެންވީމާ، އެ ބޭނުންކުރަންޖެހޭނީ އެއަށް ރައްކާތެރިވެ ތިބެގެން.

އާދެ، މިޒަމާނުގައި ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވޭ އަޑެއް، ޤުދުރަތީ ވަސީލަތްތަކަށް ރައްކާތެރިވުން. އެތަކެތި ބޭކާރުނުކޮށް ހިފެހެއްޓުން. "ކޮންޒަރވޭޝަން" އެލަފްޡު އެއީ އަޅުގަނޑުމެންނަށް މިހާރު ވަރަށްގިނައިން އިވެމުން އަންނަ ލަފްޡެއް. އެހެންނަމަވެސް، އެލަފްޡަކީ މިހާރު އަޅުގަނޑުމެން ނުވަތަ އިންސާނުން އީޖާދުކުރި އެއްޗެއް ނޫނޭ އެއީ. އެއީވެސް މިދެންނެވި 14 ޤަރުނު ނުވަތަ 15 ޤަރުނުގެ ކުރިން އައިސްފައި އޮތް އެއްޗެކޭ. އަޅުގަނޑުމެންނަށް އެކަން އޮތީ ނޭނގި. އަޅުގަނޑުމެންނަކަށް ނޭނގެ، އިސްލާމްދީނުގައި އެހެން އަންގަވާފައި އޮތް ކަމެއް. މިއަދު ބޭރު ދުނިޔޭގައި، އ.ދ. މަޖިލިސްގައި ނުވަތަ ދުނިޔޭގެ ތިމާވެށްޓާބެހޭ މަޖިލިސްގައި، ނުވަތަ އެހެން ތަންތާނގައި ކޮންޒަރވޭޝަންގެ ވާހަކަ، ތިމާވެށި ރައްކާތެރިކުރުމުގެ ވާހަކަ ދައްކާތީ، އަޅުގަނޑުމެންނަށް ހީވެގެން މިއުޅެނީ އެއީ މިޒަމާނުގެ މީހުންނަށް އައިސްގެން އުޅޭ ޚިޔާލެކޭ. އެހެނެއްނޫން އެކަން އޮތީކީ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ތާރީޚު ނޭނގޭތީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދީނުގައި އޮތީ ކީކޭކަން ނޭނގޭތީ، އަޅުގަނޑުމެންނަށް އެގޮތަށް ހީކުރެވިފައި ތިބެވެނީ. ޖާހިލުކަންމަތީގައި ތިބެވެނީ. ޣާފިލުވެފައި ތިބެވެނީ. އެހެންނަމަވެސް، އެކަންތައްތައް، އެހުރިހާ ކަމެއް އެއޮތީ ދީނުގައި ކަނޑައަޅުއްވާފައި. އަންގަވާފައި. ﷲ ވަޙީކުރައްވަނީ، "وَكُلُّ شَىْءٍ عِندَهُۥ بِمِقْدَار. عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ." "ކޮންމެ އެއްޗެއް، އެކަލާނގެ ޙަޟްރަތުގައިވަނީ ވަކި މިންވަރަކަށޭ. އެކަލާނގެ ޙަޟްރަތުން ކޮންމެ އެއްޗެއް އިންސާނުންނަށް އިރާދަކުރައްވައިދެއްވަނީ ވަކި މިންވަރަކަށޭ. އެކަލާނގެއީ ޣައިބުގައިވާ ތަކެއްޗާއި، ފެންނަންހުރި ތަކެތި އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއޭ. އެންމެ ބޮޑުވެގެންވާ، އެންމެ މަތިވެރިވެވޮޑިގެންވާ ރަސްކަލާނގެއޭ."

އެހެންވީމާ، ކޮންމެ އެއްޗެއްވެސް އެއީ ވަކިމިންވަރަކަށް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެއްޗެއް. އެހެންވީމާ، އެ ބޭނުންކުރަންޖެހޭނީ އެއަށް ރައްކާތެރިވެގެން. އޭގެ ބޭނުން ގިނަ ދުވަހަކަށް ދެމެހެއްޓޭގޮތަކަށް. ކަނޑައެޅިގެން ފެނާ ބެހޭގޮތުންވެސް އެބައޮތް އިނގޭތޯ. "وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَسْكَنَّـٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَـٰدِرُونَ." ﷲ ވަޙީކުރައްވަނީ، "ތިމަންރަސްކަލާނގެ އުޑުން ފެން ވެއްސެވީ ވަކި މިންވަރަކަށޭ. އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމޭ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އެ ފެން ތިޔަބައިމީހުންގެ އަތުނުޖެހޭ ހިސާބަކަށް ދުރަށް ގެންދަވަންވެސް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއޭ." ވިސްނަވާ! ފެންވެސް އަޅުގަނޑުމެންނަށް ދެއްވާފައިވަނީ ވަކި މިންވަރަކަށް. އެ ފެން ނެތިގެންދިޔުމަކީ ﷲގެ ކުޅަދުންވަންތަކަމުގެ ތެރޭގައި ހިމެނޭ ކަމެއް. ކަނޑައެޅިގެން ޞަރީޙަ ޢިބާރާތުން ޤުރްއާނުގައި އެހެން އަންގަވާފައި އެއޮތީ.

އެހެންވީމާ، އަޅުގަނޑުމެން ހީކުރާގޮތަކަށްނޫން ކަންތައް އޮތީކީ. އަޅުގަނޑުމެން ހީކުރަނީ އަބަދު ވާރޭވެހޭނޭ. ބިމުއަޑީގައި އަބަދު ފެން ހުންނާނޭ. އެދައްކަނީ ކޮން ވާހަކައެއްހޭ. ފެނަކީ އަބަދު ހުންނާނެ އެއްޗެކޭ. ރާއްޖޭގައި މީހުން އުޅޭތާ ދެހާސް އަހަރު ވެއްޖެއޭ. ދުވަހަކުވެސް ފެނަކަށް ޖެހިފައެއް ނެތޭ. ދެން ކީއްވެހޭ، މުސްތަޤްބަލުގައިވެސް ފެނަށްޖެހެންވީ. އެކަހަލަ ދޯދިޔާ ޚިޔާލުތަކެއްގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ތިބެވެނީ. އެކަމަކު އެއީ ޙަޤީޤަތެއް ނޫންކަން އަޅުގަނޑުމެންގެ ދީނުންވެސް އެބަ އެނގޭ. ޤުރްއާނުން އެބަ އެނގޭ. އަދި މިހާރު އަޅުގަނޑުމެންގެ ހިތި ތަޖުރިބާއިން އަޅުގަނޑުމެންނަށް އެބަ އިޙްސާސް ކުރެވޭ. މާލޭގެ ފެނަށް މިހާރު ވެފައި މިވަނީ ކިހިނެއްތޯ؟ ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާލޭގެ ފެން އެއް ދުވަހުން އަނެއް ދުވަހަށް ލޮނުވަމުން އަންނަނީ. ނުބައިވަމުން އަންނަނީ. މިހާރު އާދައިގެ ގޭގޭގެ ވަޅުވަޅުން އެއްގޮތަކަށްވެސް ފެންބޯން ކެރޭވަރެއްނުވޭ. އަދި އެހެން ބޭނުންތަކަށްވެސް ފެން ބޭނުންކުރެވޭވަރަށްވުރެ ފެންވަނީ މާބޮޑަށް ގޯސްވެފައި. ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ މާލެއަށް މީހުން ގިނަވެ، އަޅުގަނޑުމެންނަށް މި ލިބޭ ވާރޭފެނަށްވުރެ، ފެން ބޭނުންކުރެވޭ ޢަދަދު ގިނަވީ. ރަހަ ތަފާތަކަސް، ވާރޭފެން ބިމުއަޑީގައި ހަރުލައިގެން، އެ ފެން އަޅުގަނޑުމެން މިނަގަނީ ފެންބޯން. އާދެ، ރަހަ ތަފާތުވަނީ އެތަކެއް ސަބަބުތަކެއް ހުރެގެން. އެއީ ބިމުގައި ހުންނަ އެކިއެކި އެއްޗެތި ފެނާ އެކުވީމާ، އޭގެ ރަހަޔަށް އަންނަ ބަދަލެއް އެއީ. އެހެންނަމަވެސް، ވާރޭފެން އަޅުގަނޑުމެން ވަޅުން ނަގައިގެން މިބޮނީ. ނުވަތަ ބޮމުން ގެންދިޔައީ. އެފެން މިހާރު އެދަނީ ހުސްވަމުން. އެންމެ ދިހަހާސް މީހުން، ބާރަހާސް މީހުން ނުވަތަ އެއަށްވުރެ މަދު ޢަދަދަކަށް މާލޭގައި މީހުން ދިރިއުޅެމުން ގެންދިޔައިރު، އެމައްސަލަ އެގޮތަށް އިޙްސާސްވަމުން ނުދިޔަ ކަމަށްވިޔަސް، މިހާރު އޭގެ ހަތަރުގުނަ ނުވަތަ ފަސްގުނަ މާލޭގައި ދިރިއުޅެމުންދާއިރު ވާނެގޮތް، ތިޔަބޭފުޅުންގެ ހިތްޕުޅުތަކަށް ގެންނަވާ.

އެވްރެޖްކޮށް މާލެއަށް ވެހެނީ އަހަރަކު 70 އިންޗީގެ ވާރޭ. ނުވަތަ 80 އިންޗީގެ ވާރޭ. ބައެއްފަހަރަށް 100 އިންޗިއަށް އަރާފާނެ. ބައެއް އަހަރު އަހަރު. އަނެއްބައިފަހަރު 60 އިންޗިއަށް ތިރިވެގެން ހިނގައިދާނެ. އެހެންވީމާ، އެވެސް ވަކި މިންވަރަކަށް އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް. ބޭނުންކުރަންޖެހޭނީ އެކަމަށް ވިސްނައިގެން. ފެނުގެ ކޮންމެ ތިއްކަކީ އަގުހުރި އެއްޗެއް. ފެނުގެ ކޮންމެ ތިއްކަކީ އަޅުގަނޑުމެން އެއަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ އެއްޗެއް. ފެނުގެ މައްސަލަ މިހާރު ނުކުމެގެން މިއުޅެނީކީ ހަމައެކަނި މިރާއްޖެއަކު ނޫން. ރަނގަޅަށް ވިސްނަވައިފިއްޔާ އެނގިވަޑައިގަންނަވާނެ، އިންސާނީ ތާރީޚު ފެށިގެން އައިއްސުރެ، އެންމެ ކުރީ ޒަމާނުއްސުރެ، ފެނަކީ ދިރިއުޅުމާ ވަރަށްބޮޑަށް ގުޅިފައިވާ، އިންސާނީ ޙަޟާރަތާއި، ކުރިއެރުމާއި، ތަރައްޤީއާ ވަރަށްބޮޑަށް ގުޅިފައިވާ އެއްޗެއްކަން.

އާދެ، އެންމެ ކުރީ ޒަމާނުގައި ނުވަތަ އޭގެފަހުންވެސް، ގިނަ ޤައުމުތަކުގެ ސަރުކާރުން ކުރަން އޮންނަ އެންމެބޮޑު މަސައްކަތަކީ ކޮބައިތޯ؟ ގިނަ ޤައުމުތަކުގެ ސަރުކާރުން އެންމެބޮޑަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތްތަކެއް ކަމުގައި ހިމެނިފައި އޮތީ އެކިއެކި ކޯރުތަކުން ލިބޭ ފެން ރައްކާތެރިކުރުމާއި އަދި އެ ފެން ރައްކާތެރިކުރުމަށްޓަކައި އެކިއެކި ސައްދު ބިނާކުރުމާއި، ފެން ރައްކާތެރިކުރުމާއި، ދަނޑުގޮވާން ކުރުމަށް ފެން ލިބޭނެ ގޮތްތައް ހަދައިދީ، ކޯރު ކަނޑައި، މިކަންތައްތައް ކުރުން. އެއީ އެޒަމާނުގައި ކޮންމެ ސަރުކާރެއްގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތު. މިއަދާ ޖެހެންދެންވެސް ވަރަށްގިނަ ތަންތާނގައި އެކަން އޮތީ އެހެން.

ސިންގަޕޫރަކީ އަޅުގަނޑުމެން އެންމެން ދާ ތަނެއް. ދަންނަ ތަނެއް. އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށް ކުރިއަރާފައިވާ ޤައުމެއް. ތެދެއްވެސްމެ. އެކަމަކު އެތަނަކީ އެތަނަށް އެކަށީގެންވާ ފެން ލިބޭ ތަނެއް ނޫން. އެމީހުން ފެން ހޯދަނީ، އެމީހުންގެ އަވަށްޓެރި ޤައުމެއް ކަމުގައިވާ މެލޭޝިޔާއިން. އެހެންވީމާ، މެލޭޝިޔާއާއި ސިންގަޕޫރާ ދޭތެރޭގައި ވަރަށް ދިގު މުއްދަތަކަށް އޮންނަ އެގްރީމެންޓެއް، އެއްބަސްވުމެއް މިހާރު އޮވޭ. ސަތޭކަ އަހަރަށް އޮންނަ އެގްރީމެންޓެއް. ދާދިފަހުންވެސް ސިންގަޕޫރުގެ ބޮޑުވަޒީރު މެލޭޝިޔާއަށް ވަޑައިގެން، މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވައި، ކުރިއަށް އޮތް ތާނގައި، ސިންގަޕޫރުގެ މީހުންނަށް، އަދި ސިންގަޕޫރުގެ އެކިއެކި ކާރުޚާނާތަކަށާއި، އެކިއެކި ބޭނުންތަކަށް ބޭނުންވާ ޢަދަދަށް ފެން ލިބޭނެ އިންތިޒާމު، ކުރިއަށް އޮތް ސަތޭކަ އަހަރަށް އޮތީ ހަމަޖައްސަވާފައި. އެހާބޮޑު ކަމެއް ފެނުގެ ކަންތަކަކީ.

މިޞްރުގައި މިހާރު، މިޞްރު މީހުން ދެކޭގޮތުގައި، ނީލަކޯރަކީ މިޞްރަށް ދިރުން ގެނެސްދިން ކޯރު. އެއީ ހަމަ ޙަޤީޤަތެއް. ނީލަކޯރު ނެތްނަމަ، މިޞްރު އެގޮތަކަށް ނުއޮތީސް. ކުރީ ޒަމާނުގައި މިޞްރު ހިމެނިފައި އޮތީ، ކާބޯތަކެތީގެ އެންމެ މަޝްހޫރު ގުދަން ކަމުގައި. އެޒަމާނުގެ ޔޫރަޕަށާއި، އެހިސާބުގަނޑުގެ ޤައުމުތަކަށް ކާބޯތަކެތި އުފައްދައި، އެތަންތަނަށް ފޮނުވައިދެނީ މިޞްރުން. އެހެންވީމާ، އެއީ އެޒަމާނުގައި އޮތް ކާބޯތަކެތީގެ އެންމެބޮޑު ގުދަން. މިޞްރަކީ ޒިރާޢީގޮތުން ކުރިއަރާފައިވާ އަދި އެތަނަށް ފުދޭވަރަށް ތަކެތި އުފައްދާ، އަދި އޭގެއިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކަށް ކާބޯތަކެތި ފޮނުވައިދެވޭ ޤައުމެއްގެ ގޮތުގައި އޮތީ ފެނުގެ ސަބަބުން. މިހާރު ކިހިނެއްތޯ ވެފައިއޮތީ. މިހާރު ފެނުގެ މައްސަލަ ވަރަށްބޮޑުވެއްޖެ. މިޞްރަކަށް ކުރިން ލިބޭވަރަކަށް ފެނެއް ނުލިބޭ. އެއީ މިޞްރަށް ފެން ލިބެނީ ނީލަކޯރުން. ނީލަކޯރުގެ ފެށުން އޮތީ އެހެން ހިސާބުގަނޑެއްގައި. އެފްރިކާ ތެރޭގައި އޮތީ. އެތަނަށް ވެހޭ ވާރެއިން ނީލަކޯރަށް ލިބޭ ފެން މިޞްރަށް އެ އަންނަނީ. ކޮންމެ އަހަރަކު އެއްފަހަރު ޖުލައިމަހު، އޯގަސްޓްމަހު، މިދުވަސްވަރު އަންނާނެ ފްލަޑެއް. ވަރަށްގިނަ ޢަދަދަކަށް ފެން އަންނާނެ އެހިސާބުން. އެ ފެންތައް އެމީހުން ރައްކާކުރަނީ. ރައްކާކޮށްގެން، އޭގެ ބޭނުންކުރަނީ. މިހާރު އެ ފެން އައުން މަދުވެގެން، އެމީހުން ބިރުގަންނަ ހިސާބަށް ހިނގައްޖެ. ކަރަންޓް އުފައްދާ އެކިއެކި ތަންތަނުންވެސް، ކަރަންޓް ނުއުފެއްދޭ ހިސާބަށް ހިނގައިދާނެކަމުގެ ބިރު އެމީހުންނަށް މިހާރު ހީވާން ފަށައިފި.

ތެދުތެދަށް ދަންނަވަންޏާ، ފެނަކީ އެއީ ހަނގުރާމައާއި ޞުލްޙަޔާވެސް ގުޅިފައިވާ އެއްޗެއް. އެތައް ހަނގުރާމަތަކެއް ފެނުގެ ސަބަބުން ފެށި، ނުވަތަ ޞުލްޙައަށް ބާރުއަޅާ އެއްޗަކަށްވެސް ފެން އޮތީ ވެފައި. ވަރަށްފަހުން، މީގެ 30 އަހަރު ކުރިން 1956 ވަނަ އަހަރު، މިޞްރުގައި ހިނގި ހަނގުރާމަ. އާދެ، އެއީ ފަރަންސޭސީންނާއި، އިނގިރޭސީންނާއި، އިޒްރޭލް މީހުން އެކުގައި މިޞްރަށް ދިން ޙަމަލާ. އެ ހަނގުރާމަ ހިނގީވެސް ފެނުގެ ސަބަބުންކަން، އަޅުގަނޑު ހިތުން ވަރަށްމަދު ބަޔަކު ނޫނީ ނުދަންނާނެ. އާދެ، އެ ހަނގުރާމަ ހިނގަން ދިމާވި ސަބަބަކީ، މިޞްރު ސަރުކާރުން، އޭރު ހުންނެވި ޒަޢީމް ޖަމާލް އަބްދުއްނާޞިރު، ސްވޭސް ކެނެލް ނޭޝަނަލައިޒް ކުރެއްވުން. މިޞްރުގެ ތަނަކަށް ހެއްދެވުން. އެހެން ހެއްދެވީމާ އެ ހަނގުރާމަ ފެށުނީ. އިނގިރޭސީން ބޭނުންވީ ސްވޭސް ކެނެލް އެމީހުންގެ އަތްދަށުގައި އަދިވެސް ބާއްވަން. އެހެންވީމާ، މިދެންނެވި ހަނގުރާމައެއް ރާވައި، އެހަނގުރާމަ ކުރީ. އެހެންނަމަވެސް، ކީއްވެގެންތޯ މިޞްރުގެ އޭރުގެ ސަރުކާރުން، ސްވޭސް ކެނެލް، މިޞްރުގެ ތަނެއްގެ ގޮތުގައި ހެއްދެވީ. އެއީ މިޞްރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢު ކުރިއަށް ނުގެންދެވިގެން. އެމަޝްރޫޢަކީ އައްސައްދުލް ޢާލީ ނުވަތަ އުސް ސައްދު ނުވަތަ އިނގިރޭސީން ކިޔާގޮތުގައި ހައިޑޭން. އެއީ މިޞްރު މީހުންގެ ހުރިހާ އުންމީދެއް އޭގެ މައްޗަށް ބިނާވެފައި އޮތް މަޝްރޫޢެއް. އެ މަޝްރޫޢު ކުރިއަށް ގެންދެވިއްޖެނަމަ، މިދެންނެވި ނީލަކޯރުން ލިބޭ ފެންތައް، ވަރަށްގިނަ ޒަމާންތަކެއް ވަންދެން އެމީހުންނަށް ހިފެހެއްޓޭނެ. ވަރަށްބޮޑު ފެންގަނޑެއް އޭގެ ސަބަބުން ހެދޭނެ. އަދި އެމީހުންގެ ޒިރާޢަތަށް ބޭނުންވާ ހުރިހާ ފެނަކާއި، ކަރަންޓް އުފައްދަން ބޭނުންވާ ހުރިހާ ފެނަކާއި، ކާރުޚާނާތަކަށް ބޭނުންވާ ހުރިހާ ފެނެއް އެތަނުން ލިބޭނެ. އެގޮތަށް ކަންކަން ކުރުމަށް އޮތް ބޮޑު މަޝްރޫޢެއް އެއީ. އެއަށް އޮތީ ދުނިޔޭގެ ބޭންކުން، އޭރުވިއްޔާ ދެން ވަރަށްބޮޑު ޢަދަދެއް، 400 މިލިއަން ޑޮލަރު ހަމަޖެހިފައި. މިހާރު ދެން އެހާބޮޑު ޢަދަދެއް ކަމަކަށް މީހުންނަކަށް ހިއެއްނުވާނެ. 400 މިލިއަން ޑޮލަރު ދޭގޮތަށް އޮއްވައި، ކޮންމެވެސް ސަބަބަކާހުރެ، އެމެރިކާ ސަރުކާރުން ދުނިޔޭގެ ބޭންކާ ވާހަކަ ދައްކައިގެން، ދުނިޔޭގެ ބޭންކުން ދޭން އޮތް 400 މިލިއަން ޑޮލަރު، މިދެންނެވި ފެނުގެ މަޝްރޫޢު ހިންގަން، ނުވަތަ އެއަށް ބޭނުންވާ ތަންތަން ހަދަން ދޭން އޮތް އެ އެހީ ކަނޑާލީ. އުސް ސައްދު ހަދަން ބޭނުންވި ފައިސާ ކަނޑާލީ. ކަނޑާލީމާ މިޞްރަށް މަޖުބޫރުވީ، އެހެން ކޮންމެވެސް ގޮތަކުން އެފައިސާ ހޯދަން. ދެން މިޞްރު މީހުން ވިސްނާލިއިރު، އެމީހުންނަށް ފެންނަން އޮތީ ސްވޭސް ކެނެލް. އެއީ ކޮންމެ އަހަރަކު ވަރަށް ގިނަ ޢަދަދަކަށް ބޭރުފައިސާ ލިބޭ ތަނެއް. އެތަން އެމީހުންގެ އަމިއްލަ ތަނަކަށް ހަދައިގެން، އެތަނުން ލިބޭ ފައިސާއިން އެއްކަލަ މަޝްރޫޢު ހިންގަން އެމީހުން ގަޞްދުކުރީ. އޭގެ ސަބަބުން ހަނގުރާމަ ފެށުނީ. އެހެންވީމާ، ޙަޤީޤަތުގައި އެހަނގުރާމައިގެ އަޞްލު ސަބަބަކީ ފެން.

އެހެންވީމާ، އަޅުގަނޑުމެން މިއަދު ވިސްނަންވެއްޖެ، އަޅުގަނޑުމެން ދަންނަންވެއްޖެ. ފެނަކީ ވަރަށް އަގުބޮޑު އެއްޗެއްކަން. ޚާއްޞަކޮށް، ރާއްޖޭގެ މީހުން. އަދި އެއަށްވުރެ ޚާއްޞަކޮށް، މާލޭގެ މީހުން. ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި ވިދާޅުވިހެން، 1974 ވަނަ އަހަރު ބިނިއަން ޕާރޓްނަރޒް މާލެ އައިސް ބެލި ބެލުމުގައި، އެމީހުންނަށް ފެނިފައި އޮތީ ،މާލޭގެ ބިމުގެ އަޑީގައި ގާތްގަނޑަކަށް 6 މިލިއަން ކޮޑިމީޓަރުގެ މީރުފެން ހުރިކަމަށް. މިހާރު ހުރީ ތިން މިލިއަން ކަމަށް އެމީހުން ބުނަނީ. ވަރަށްބޮޑު ބައެއް އުނިވެގެން ހިނގައްޖެ. އަދި ކޮންމެ އަހަރަކު ވަރަށްގިނަ ޢަދަދަކަށް، މިހާރު ކުރިއަށްވުރެ މާގިނައިން ފެން އެބަ ޚަރަދުވަމުންދޭ. ބޭނުންކުރެވެމުންދޭ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، ވަރަށް އަވަހަށް މާލޭގެ ބިމުއަޑީގައިވާ ފެންފޮދު ހުސްވެގެން ހިނގައިދާނެ. އޭގެ ސަބަބުން އަޅުގަނޑުމެން ބޯފެނަށް ނުޖެހުނު ކަމުގައިވިޔަސް، މިދެންނެވީ މިސާލަކަށް، މިކަހަލަ މަޝްރޫޢުތައް ހަދައި ހިންގުމުގެ ސަބަބުން، އަދި މުސްތަޤްބަލުގައިވެސް މިކަމަށް ކުރެވެން އޮތް މަސައްކަތްތަކެއް ކުރެވިއްޖެނަމަ، އަޅުގަނޑުމެން ބޯފެނަށް ނުޖެހި ހިނގައިދާނެ. އެހެންނަމަވެސް، މާލޭގެ ގަސްގަހާގެއްސަށް ވާނެގޮތް، ތިޔަބޭފުޅުން ހިތްޕުޅަށް ގެންނަވާ. މާލޭގެ ތިމާވެށްޓަށް ނައިސް ނުދާނެ ބަދަލު، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ. އެހެންވީމާ، މިހާރު ވެއްޖެ އަޅުގަނޑުމެން ފެން އިސްރާފު ނުކުރުމަށް ބާރުއަޅަން. ފެން ރައްކާތެރި ކުރުމަށް ބާރުއަޅަން.

އަޅުގަނޑު ކުރިން ދެންނެވިން، ސިންގަޕޫރު މީހުން ހަދާގޮތް. ބޭރުންނޭ ފެން ގެންނަނީ. އަޅުގަނޑު ދުށިން، ސިންގަޕޫރުގެ ޓީ.ވީ.އިން ދައްކާ އިޝްތިހާރުތަކެއް. ފެންތިއްކެއް ދައްކާލަނީ. ފެންތިއްކެއް ބޮޑުކޮށް ދައްކާލާފައި ބުނަނީ، މިއީ ވަރަށް އަގުބޮޑު މުދަލެކޭ. މިއަށް ރައްކާތެރިވާށޭ. ކޮންމެ ފެންތިއްކަކީ އަގުބޮޑު މުދަލެކޭ. އަޅުގަނޑުމެންގެ ނިސްބަތުގައި ސިންގަޕޫރަކީ ކުރިއަރާފައިވާ ޤައުމެއް. އެއްވެސް ކަމަކާ މިއަދަކު އެމީހުން ބިރުގަންނަން ޖެހިފައެއް ނެތް. އިޤްތިޞާދީ ގޮތުން އެހާ ކުރިއަރާފައިވޭ. އެހެންނަމަވެސް، އެމީހުން އެހާ ދުރުއްސުރެ އެވިސްނަނީ އެކަންތަކާ. އެހެންވީމާ، އަޅުގަނޑުމެން އެއަށްވުރެ މާބޮޑަށް އެކަންތަކަށް ވިސްނަންވެއްޖެ.

ފެނަކީ ވަރަށް އަގުބޮޑު މުދަލެއްކަން އަޅުގަނޑުމެން ދަންނަންވެއްޖެ. ބޭކާރުގޮތެއްގައި އެއްވެސް ގޮތަކަށް އެ ފެން ޚަރަދުކޮށްގެން ނުވާނެ. އެއީ އަޅުގަނޑުމެން މިހާރު މި ބޭނުންކުރާގޮތަށް، ވަޅުންވެސް ފެން ނަގާފައި، ހަމަ ބޭނުންގޮތަކަށް ދޫކޮށްލަނީ. އިސްކުރުން ފެން ބޭނުންކޮށްފައި، އިސްކުރުވެސް ރަނގަޅަށް ބަންދުނުކޮށް ދޫކޮށްލަނީ. އެކަމަކަށް ފަރުވާތެރިކަމެއް ނުބެހެއްޓޭ. އެގޮތުން ގެއްލޭ ކޮންމެ ތިއްކަކީ، އޭގެ ހިތި، ބަދަލު އަޅުގަނޑުމެންނަށް މުސްތަޤްބަލުގައި ފެނިގެންދާނެ އެއްޗެއް.

އެހެންވީމާ، އެއީ އަޅުގަނޑުގެ މިއަދުގެ ވާހަކައިގެ އެންމެ މުހިންމު ބަޔަކީ. އަޅުގަނޑުމެން ވެއްޖެއޭ، ފެން ރައްކާތެރި ކުރަން ސިޔާސަތެއް ރާވަން. އަދި އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް، ފެން ރައްކާތެރި ކުރުމާ ބެހޭގޮތުން، އެމީހަކު އަޅަންޖެހޭ ފިޔަވަޅުތައް ޖެހޭނެ އަމިއްލައަށް އަޅަން. އެމީހާގެ އަމިއްލަ ރައްކަލަކަށް، އެމީހާގެ އަމިއްލަ ޞިއްޙަތަށް، އެމީހާގެ ޢާއިލާގެ ރައްކަލަކަށް، މުޅި މުޖުތަމަޢުގެ ރައްކަލަކަށް. އެއީކީ ވަކި މީހަކު ބުނީތީ، ސަރުކާރުން އެންގީތީ، ނޫނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ޖަމީލް އިޢުލާނެއް ކުރެއްވީމާ، ނޫނީވިއްޔާ މުޙައްމަދު އިބްރާހީމް ވިދާޅުވާ އެއްޗެއްގެ ސަބަބުން އަޅުގަނޑުމެން ކުރަންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށް، އަމިއްލަ ރައްކަލަށް، އަމިއްލަ ސަލާމަތަށް ކުރަންވީ ކަމެއް.

އާދެ، އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެއްޖެ. އެހެންނަމަވެސް، މިކަމުގެ ބާވަތުން ތަންކޮޅެއް ދިގުކޮށް އެވާހަކަ ދަންނަވާލަން އަޅުގަނޑަށް ޖެހުނީ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މަޝްރޫޢުގައި ހިމެނިވަޑައިގެންނެވި ދިވެހިރާއްޖޭގެ އެކި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން އަޅުގަނޑު ބޭނުންވޭ. ޝައްކެއްނެތް، ވަރަށް ދިގު މުއްދަތެއްގައި، ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައިގެން، މި މަޝްރޫޢު، މިހާ ކާމިޔާބު މަޝްރޫޢަކަށް ހެއްދެވި ބޭފުޅަކީ، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ޖަމީލް. އެހެންވީމާ، އެމަނިކުފާނު އެކުރެއްވި ބުރަ އަދި ހީވާގި މުރާލި މަސައްކަތްޕުޅުތަކަށް އިޚްލާޞްތެރިކަމާއެކު، ސަރުކާރުގެ ނަމުގައްޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން. އަދި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މިމަޝްރޫޢުގެ އެކި ކަންތައްތައް ހިންގެވުމުގައި، ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، އެމް.ޑަބްލިޔޫ.އެސް.އޭ. ހިންގެވުމާ ކުރިން ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް ޢަބްދުލްމަޖީދު މާހިރުގެ ނަންފުޅު މިއަދު އަޅުގަނޑު ހަނދާންކޮށްލަން ބޭނުންވޭ. އޭނާއަކީ މަޝްރޫޢު ފެށުނީއްސުރެން ފެށިގެން ގާތްގަނޑަކަށް ދެއަހަރު ދުވަސް ވަންދެން ސަރުކާރުގެ އެ އޮފީސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނަވައިގެން ވަރަށް ހީވާގިކަމާއެކު މިމަޝްރޫޢުގައި ޚިދުމަތް ކުރެއްވި ބޭފުޅެއް. އެހެންވީމާ، އޭނާއަށްވެސް މިއަދު އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި އެ ޔުނިޓް ހިންގެވުމާ ގާތްގަނޑަކަށް އެއް އަހަރު ދުވަސް ވަންދެން، ޔުނިޓޭ މިދެންނެވީ، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ ހިންގެވުމާ އަހަރެއްހާ ދުވަހު ޙަވާލުވެ ހުންނެވި އަލްފާޟިލް ކަރޯ ޢައްބާސް އިބްރާހީމަށްވެސް މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ކިތަންމެ ކުޑަ ދުވަސްކޮޅަކު އެކަންތައް ހިންގެވުމުގައި ހުންނެވި ކަމުގައިވިޔަސް، އޭނާ އެމަޤާމުގައި ހުންނެވި ދުވަސްކޮޅު، ވަރަށް ހީވާގިކަމާއި، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވިކަން އަޅުގަނޑަށް އޮތީ އެނގިފައި. ހަމައެއާއެކުގައި، މިމަޝްރޫޢު ފެށުނީއްސުރެ ނިމެންދެން އަދި މަޝްރޫޢު ފެށުމުގެ މާކުރިންވެސް މާލޭގެ ބޯފެނާއި، ފާޚާނާގެ ކަންތައްތަކުގައި ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވައިގެން، އެކަމަށް ތަމްރީނު ލިބިވަޑައިގެން، އެކަމަށް މަޢުލޫމާތު ހޯއްދަވައިގެން، ހީވާގިކަމާއެކު އުޅުއްވަމުން ގެންދެވި އަދި މިހާރުވެސް އުޅުއްވަމުން ގެންދަވާ އަދި މި މަޝްރޫޢު ހިންގާ ޔުނިޓުގެ މެނޭޖަރު އަލްފާޟިލް މުޙަންމަދު އިބްރާހީމަށް ދަންނަވަންޖެހެނީ ވަރަށްވެސް ޚާއްޞަ ޝުކުރެއް. އެބޭބޭފުޅުންގެ ބެއްލެވުމުގެ ދަށުން މި މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި އެތާނގެ އެސިސްޓެންޓް މެނޭޖަރ މުޙަންމަދު ޒާހިރު އަދި ސިވިލް އިންޖިނިއަރ މުޙަންމަދު ރަޝީދު އަދި ޙުސައިން އިބްރާހީމްދީދީ އަދި މިނޫންވެސް ހުރިހާ ފަރާތްތަކަށް މިއަދު ވަރަށް އުފަލާއެކު މަރުޙަބާ ދަންނަވައި ތަޢުރީފު ރައްދުކުރަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ދިވެހިރާއްޖެއަށް ފަހިކަމާއި ފާގަތިކަން މިންވަރު ކުރެއްވުން. ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކުރެވެން ހުރި ކަންތައްތައް ކުރުމުގެ ތައުފީޤު ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް އެކަލާނގެ ދެއްވުން. އަދި އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކުގެ އަގު ރަނގަޅަށް ވަޒަންކޮށް، އެ ނިޢުމަތްތައް ދަމަހައްޓައި ހިފެހެއްޓުމުގެ ތައުފީޤުވެސް އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވުން. ވަރަށް ޚާއްޞަ ގޮތެއްގައި، ފެނަކީ ހުރިހާ ދިރުމެއްގެ އަޞްލު ކަމުގައި ލައްވާފައިވާ އެއްޗެއް ކަމަށްވާތީ، ފެނުގެ ބޭނުންކުރާނެ ރަނގަޅުގޮތް އަޅުގަނޑުމެންނަށް އުނގަންނައިދެއްވައި، ރަނގަޅު ގޮތުގައި ފެން ބޭނުންކުރުމަށާއި އަދި ބޭކާރުގޮތުގައި ބޭނުންނުކުރުމަށް އެކަލާނގެ އަޅުގަނޑުމެންނަށް ވާގިވެރިވެވޮޑިގެންވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.