بســم اللّـه الرّحمـن الرّحيــم

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

މިއަދުގެ ޖަލްސާއަށް އަޅުގަނޑު މިއައީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މި މަހުގެ ކުރީކޮޅު އަޅުގަނޑުމެންގެ ރާއްޖެއަށް ދިވެހިންގެ ބަޔަކާ ގުޅިގެން ބޭރުގެ ހަތިޔާރުއެޅި ބަޔަކު ދިން ޢުދުވާނީ ޙަމަލައާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށްޓަކައި.

އާދެ، މިވާހަކަ އަޅުގަނޑުވާނީ މީގެކުރިންވެސް ތިޔަބޭފުޅުންނާ މުޚާޠަބުކޮށް، ކޮންމެވެސްވަރަކަށް ދަންނަވާލާފައި. އެއީ މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، 3 ވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރުމަށްފަހު، ތިޔަ ޢިއްޒަތްތެރި މެންބަރުންނާ މުޚާޠަބުކޮށް އަދި ތިޔަ ޢިއްޒަތްތެރި މެންބަރުން މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކޮށް، އަޅުގަނޑު އެކަމާ ބެހޭގޮތުން ވާނީ ވާހަކަ ދައްކާފައި.

އާދެ، މިއަދު އަޅުގަނޑު މިތަނަށް މިއައީ ކޮންމެހެން އެދުވަހު ކަންތައްތައް ހިނގިގޮތުގެ ތަފްޞީލުތައް ދަންނަވާކަށެއް ނޫން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެދުވަހު ކަންތައްތައް ހިނގައިދިޔަގޮތް އެނގިވަޑައިގަންނަވާނެ. އެހެންކަމުން، އެކަމުގެ ތަފްޞީލުތަކުގެ ތެރެއަށް ދިޔުމުގެ ބަދަލުގައި، އެނުރައްކާތެރި ޙަމަލާއާ ބެހޭގޮތުން ބައެއް އެހެން ވާހަކަ ދަންނަވާލުމަށް އަޅުގަނޑު މިއަދު މިތަނަށް މިއައީ.

އާދެ، އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންނަށް އެދުވަހު އެދިމާވި ޙަމަލާ ނުވަތަ ބައެއް މީހުން ބޭނުންކުރާގޮތުގައި ބަޣާވާތް އެއީ ކޮންކަހަލަ ކަމެއްތޯ؟ އެއީ ބަޣާވާތެއްތޯ؟ ނުވަތަ އެހެންކަހަލަ ކަމެއްތޯ؟ ނުވަތަ އެއީ ސަރުކާރު އިންޤިލާބުކޮށްލަން ބަޔަކު ކުރި މަސައްކަތެއްތޯ؟ އާދެ، މިހެން ތަފާތުގޮތްގޮތަށް އެވާހަކަ ދެކެވެމުންދަނީ. އަޅުގަނޑުމެންގެ ތެރޭގައިވެސް، އެދުވަހު އެ ހިނގި ކަންތައް ސިފަކުރުމަށް ތަފާތު ޢިބާރާތްތައް މިހާރު ބޭނުންކުރަމުން އެބަ ގެންދަމު. އަދި ހަމަ އެދުވަހުއްސުރެން ފެށިގެން ދުނިޔޭގައި، ދުނިޔޭގެ ނޫސްތަކުގައްޔާއި، ދުނިޔޭގެ ރޭޑިޔޯތަކުން ޚަބަރުދޭއިރުވެސް ތަފާތުގޮތްގޮތަށް ކިޔަމުން ގެންދަނީ. އެންމެ ގިނައިން ކިޔަމުން އައިސްފައި އޮތްގޮތަކީ، އެއީ ސަރުކާރު އިންޤިލާބުކޮށްލަން ކުރި މަސައްކަތެކޭ. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، އެހެން ބުނުމަކުން އެދުވަހު އެ މަސައްކަތް ކުރި ބަޔަކު އެކުރި ކަންތަކަށް އެކަށީގެންވާ ނަމެއް ނުދެވެއޭ. އާދެ، އޭގެ އެއް މަޤްޞަދަކަށް ވެދާނެ، ސަރުކާރު އިންޤިލާބުކޮށްލުން. ވެރިކަން ބަދަލުކޮށްލުން. އެހެންނަމަވެސް، މުޅި ކަންތަކަށް ނަޒަރު ހިންގާއިރު އެއީ އެއަށްވުރެ މާފުޅާ ދާއިރާއެއްގައި، އެއަށްވުރެ މާ ބޮޑެތި މަޤްޞަދުތަކެއް، އެކަމުގެ ތެރޭގައި އެކުލެވިގެން، ރޭވިގެން ހިނގައިދިޔަ ކަމެއްކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ އަދި ވަޒަންކުރެވޭނެ.

އާދެ، އިންޤިލާބުކޮށްލަން އުޅޭ ބަޔަކު ދިމާކުރާނީ ސަރުކާރު ހިންގަން ތިބި ބަޔަކާ. އެހެންނަމަވެސް، އެދުވަހު ކަންތައްދިޔައީކީ އެހެނެއްނޫން. އެބައިމީހުން ޙަމަލާދިނީ ހަމައެކަނި ސަރުކާރު ހިންގަން ތިބި ވެރިންނަކަށް ނޫން. އެބައިމީހުން ޙަމަލާދިނީ، ޢާންމުކޮށް ދަންނަވަންޏާ ހަމަ ދިވެހި ރައްޔިތުންނަށް. ރައްޔިތުންގެ ކުދި ބޮޑު އެންމެންނަށް. އެންމެ ފުރަތަމަ އެމީހުން މާލެ އަރައި ސިފައިންގެޔަށް ޙަމަލާދިނުމާއެކު، އެމީހުން ދިޔައީ އިސްލާމީ މަރުކަޒަށް. އެތަނަށްގޮސް އެތާނގައި ފަތިސްނަމާދަށް ގޮސްތިބި އެތައް ބަޔަކު ހައްޔަރުކޮށް، އެމީހުންނާ ބެހޭގޮތުން ވަރަށް އިހާނާތްތެރި ގޮތްތަކަކަށް ޢަމަލުކުރަމުން ގެންދިޔައީ. ފަހަރެއްގައިވެސް ސަރުކާރު އިންޤިލާބުކޮށްލަން އުޅޭ ބަޔަކު މިސްކިތަށް ނަމާދަށް އަރާތިބި ބަޔަކާ ދޭތެރޭގައި އެގޮތަށް ޢަމަލުކުރަންވީ ސަބަބެއް ނެތް. ހަމަ އެއާއެކުގައި، މާލޭގެ މަގުތަކުގައި އެމީހުން ހިނގައި، އެމީހުންނަށް އެފަހަރަކު ޙަމަލާދޭން ފެނުނު ބަޔަކާ ޙަމަލާދެމުން ގެންދިޔައީ. އޭގެތެރޭގައި، ޢާންމުންގެތެރެއިން ވަރަށް ގިނަ މީހުންނާ ޙަމަލާދީ، ޢާންމުންގެތެރެއިން ބައެއް މީހުން ވަނީ މަރުވެފައި. އަނެއްބައި މީހުން ވަނީ އެކިވަރުވަރުގެ ޒަޚަމް ލިބިފައި، ހާނީއްކަވެފައި. އޭގެ ތެރޭގައި ވަރަށް ކުޑަކުދިންވެސް އެބަތިބި. ޒުވާން ކުދިން އެބަތިބި. ނަމާދަށް ދާންދިޔަ އެއްކުއްޖަކު މިހާރުވެސް ވަނީ އިންޑިޔާގެ ހޮސްޕިޓަލެއްގައި. ޢުމުރުން ވަރަށް ޅަކުއްޖެއް. ބައިސްކަލުގައި ދުއްވާފައި ދިޔައީ ނަމާދަށް. އޭނަޔާ ދިމާއަށްވެސް ބަޑިޖަހައިގެން އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި. އަދި މިކަހަލަ ކިތަންމެ ކަމެއް އެދުވަހު ދިމާވި.

އެހެންވީމާ، ފަހަރެއްގައިވެސް އެއީ ހަމައެކަނި ސަރުކާރު ބަދަލުކޮށްލަން ބަޔަކު ކުރި މަސައްކަތެކޭ ބުނެވޭކަށް ނެތް. ހަމަ އެއާއެކުގައި، ސަރުކާރު ބަދަލުކޮށްލަން ބަޔަކު މަސައްކަތްކުރާ ކަމުގައިވަންޏާ، އެބަޔަކު ހިމެނޭނީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިކަމުގައި އުޅެނިކޮށް އެދުވަހުވެސް ފެނުނު ދެ ދިވެހިން އެބަތިބި. އެހެންވީމާ، ދިވެހިންގެ ބަޔަކުވެސް މިކަމުގެތެރޭގައިވާކަން އެނގޭ. އެހެންނަމަވެސް، ގިނައީ ބޭރު މީހުން. އެދުވަހުގެ ޙަމަލާގައި ބައިވެރިވި ބިދޭސީންގެ 68 މީހުން މިހާތަނަށް އަޅުގަނޑުމެންނަށް ވަނީ ހިފިފައި. ހައްޔަރުކުރެވިފައި. ދިވެހިންގެ ތެރެއިން އެދުވަހު އެމީހުންނާއެކީ އުޅުނުކަމަށް ފެނުނު ދެމީހަކުވެސް ވަނީ ހައްޔަރުކުރެވިފައި.

ހަމައެފަދައިން، ބޭރުން މިއައި 68 މީހުން ނުވަތަ އަޅުގަނޑުމެންގެ އަތްދަށުގައި މިހާރު ހައްޔަރުވެފައި ތިބި 68 މީހުން، އެމީހުންނަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ބައެއް. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގައި ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގާ ބައެއް. އެހެންވީމާ، ޝައްކެއްނެތްގޮތުގައި މީގެތެރޭގައި ބޭރުގެ ވަރަށް ވަރުގަދަ ނުފޫޒެއް ހިމެނިފައި އެބަހުރި. އަޅުގަނޑު ނުދަންނަވަން، ބޭރު ދައުލަތެއްގެ ރަސްމީ ނުފޫޒު ހިމެނިފައިވެއެކޭ. އަޅުގަނޑު މި ދަންނަވަނީ ބޭރުގެ ނުފޫޒުތަކެއް މީގައި އެކުލެވިގެންވެއޭ. އެއީ އެކަން ހިންގި ބަޔަކީ ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކަށްވާތީ. އަދި އެދުވަހު އަޅުގަނޑުމެންނަށް އެމީހުން އެ ދިން ޙަމަލާގެ ސަބަބުން މިހިސާބުގަނޑުގެ ސަރަޙައްދީ ހަމަޖެހުމަށްވެސް ވަރަށް ބޮޑު ލޮޅުމެއް އަރައިފި. މިހިސާބުގަނޑަކީ، ޚާއްޞަކޮށް، ރާއްޖޭގެ ސަރަޙައްދަކީ ޒަމާނުއްސުރެ ވަރަށް އަމާން ސަރަޙައްދެއް. ޞުލްޙަވެރި ސަރަޙައްދެއް. އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކުގައި ހަމަނުޖެހުންތައް ހިނގަމުންދިޔަ ކަމުގައިވިޔަސް، ރާއްޖެއަކީ ވަރަށް ކުރިއްސުރެ ހަމަހިމޭން، އޮމާން، ޞުލްޙަވެރި ޤައުމެއް. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުވެސް ހަމަ އެފަދަ ތަނެއް. ޞުލްޙަވެރި ތަނެއް. އެހެންނަމަވެސް، އެދުވަހަށްފަހުގައި މިހާރު ދުނިޔޭގެ އެތަން މިތަނުން އަޅުގަނޑުމެންނާމެދު ނަޒަރު ހިނގަމުން ގެންދަނީ ހަމަނުޖެހުން އުފެދިފައިވާ ތަނެއްގެ ގޮތުގައި.

އެހެންވީމާ، އެދުވަހު ބޭރުބަޔަކު ދިވެހިންގެ ބަޔަކާ ގުޅިގެން ނަމަވެސް، ރާއްޖެއަށް އެ ދިން ޙަމަލާގެ ސަބަބުން އަޅުގަނޑުމެންގެ ސަރަޙައްދުގައި ހަމަނުޖެހުންތަކެއް އުފެދިއްޖެ. އަދި މުސްތަޤްބަލަށްވެސް އެ ހަމަނުޖެހުންތަކުގެ އަސަރު ފޯރާނެކަން ކަށަވަރު. އެހެންވީމާ، ކުރިންވެސް ދެންނެވިފަދައިން، ހަމައެކަނި އެދުވަހު ބަޔަކުމީހުން ސަރުކާރު ބަދަލުކޮށްލަން އުޅުނޭ ބުނުމަކުން، އަޅުގަނޑު ހިތުން އެދުވަހު އެކަންތައް ހިނގައިދިޔަގޮތް ރަނގަޅަށް ސިފައެއްނުކުރެވޭ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެހެން ގޮތަކަށް ދަންނަވަންޏާ، ތިންވަނަ ދައުރަކަށް ރައީސްކަމާ ޙަވާލުވެފައި، ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައިވެސް ދަންނަވާލި ވާހަކައެއް. އެއީ ކީއްވެގެންތޯ، އަޅުގަނޑުމެން ބޭރުގެ ޢަސްކަރީ އެހީއަކަށް އެދެންޖެހުނީ. އާދެ، ބޭރުގެ ޢަސްކަރީ އެހީއަކަށް އެދެންޖެހުނީ، އެދުވަހު ކަންތައްތައް ދިޔަގޮތުން މުޅި ޤައުމުގެ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާތީ. އަދި ކަންދިމާވިގޮތުން، އަޅުގަނޑުމެންނަށް ނުވަތަ ޚާއްޞަކޮށް، އަޅުގަނޑަށް އޮންނަން ޖެހުނީ ވަކިތަނެއްގައި، ބޭރަށްނުކުމެ ކަންތައްތައް ވަމުންދާގޮތް ބަލައިލުމުގެ އެއްވެސް ފުރުޞަތެއް އެދުވަހު ލިބިފައެއް ނެތް. އެހެންވީމާ، މި ޙަމަލާގައި ބައިވެރިވާ މީހުންގެ ޢަދަދާއި، އެމީހުންގެ ފަހަތުގައި ތިބީ ކޮންބައެއްކަމާއި އަދި އެމީހުން ގެންގުޅޭ ހަތިޔާރުގެ ބާވަތާއި ޢަދަދާ، މިއިން އެއްވެސް އެއްޗެއް، އަޅުގަނޑަކަށް އެވަގުތަކު ސާފުވާނެ ގޮތެއް ނެތް. އަޅުގަނޑު އެ ހުރި ތާނގައި ހުރި ކަމުގައިވިޔަސް، ޓެލެފޯނުގެ ޒަރީޢާއިން ސިފައިންގެޔާވެސް ގުޅޭ. އަދި ސަރުކާރުގެ އެހެން އިސް ބޭފުޅުންނާވެސް ގުޅޭ. އެހެންވީމާ، ކޮންމެވެސްވަރަކަށް އަޅުގަނޑަށް މަޢުލޫމާތުތައް ލިބެމުންދިޔަ.

އެހެންނަމަވެސް، ޙަޤީޤަތުގައި ފަހަތުގައި ތިބީ ކޮން ބައެއްކަން، އަދި މާލެއަށް ޙަމަލާ އެ ދިނީ އެމީހުންގެ އެންމެންކަން ނުވަތަ އޭގެ ފަހަތުގައި އަދި އެތައް ބަޔަކު އެބަތިބިކަން، މިއީ އެއްގޮތަކަށްވެސް އޭރު އެނގޭނެ ގޮތެއް އޮތް ކަމެއް ނޫން. ފުރަތަމަ އެ ޙަމަލާދޭން އެރި ބަޔަކު ޙަމަލާދީ، އެމީހުން އެ ކުރި މަސައްކަތް ނާކާމިޔާބުވުމަށްފަހުގައި، އާދެ، މިހާރު އަޅުގަނޑުމެންނަށް އެނގޭގޮތުގައި، އެދުވަހު 9 ޖަހާ އެހާކަންހާއިރު، އެމީހުންނަށް ކާމިޔާބުނުވިކަން އެމީހުން އަމިއްލައަށް ޤަބޫލުކޮށްފި. އޭރުއްސުރެން ފެށިގެން އެމީހުން މަސައްކަތް ކުރަމުން ގެންދިޔައީ ރާއްޖެއިން ފިލައިގެން ދާން. އެކަމަކު އެކަން އަޅުގަނޑުމެންނަށް އެނގޭނެ ގޮތެއް ނެތް. އެމީހުން، ޙަމަލާދިނުން އޭގެ ބާރުމިން ނުވަތަ އޭގެ ވަރުގަދަކަން ކުޑަތަންކޮޅެއް ދަށަށް ޖައްސާލިކަމުގައިވިޔަސް، އެއީ އެމީހުން ހަމަ ފުރުޞަތުގެ ބޭނުންހިފުމަށްޓަކައި މަޑުކޮށްލި މަޑުކޮށްލުމެއް ކަމަށްވެސް ވެދާނެ. އަދި އެހެން ބަޔަކު އަންނަން ހަމަޖެހިފައި އޮތީމާ އެމީހުން މަޑުކޮށްލައިގެން ތިބީ ކަމަށްވެސް ވެދާނެ. ބޭރުގައި އެމީހުންގެ އެހެން ބޯޓެއް ނެތްކަމެއްވެސް ނޭނގެ. އެހެންވީމާ، ޙަޤީޤަތުގައި އެމީހުންގެ ބާރުހުރިވަރެއް، އޭރު އަޅުގަނޑުމެންނަށް ބެލޭނެ ގޮތެއްނެތް.

އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ދަތި މައްސަލައެއް. އެއީ ބޭރުގެ އެހީއަކަށް އެދޭނީތޯ؟ ނުވަތަ އެހީއަށް ނޭދި އިހަށް މަޑުކޮށްލާނީތޯ؟ އެހެންނަމަވެސް، ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން އަދި ޚާއްޞަކޮށް، އެމީހުން ދިމާކުރަނީ ހަމައެކަނި ސަރުކާރާ ކަމަށްނުވާތީ، ޢާންމު ރައްޔިތުންނަށް އެމީހުން ކުރަމުން ގެންދިޔަ އުނދަގޫތަކާއި، ކުރަމުން ގެންދިޔަ އަނިޔާތަކުގެ ވާހަކަ ޢާންމުންގެ ފަރާތުންވެސް އަދި ޓެލެފޯނުގެ ވާސިޠާއިންވެސް އަޅުގަނޑަށް ހަމަ ވަގުތުން ވަގުތަށް ލިބެމުންދިޔަ. އެހެންވީމާ، ފިޔަވަޅެއް ނާޅައި، މާ ލަސްކޮށްފިނަމަ، ފަހުންވާނެގޮތެއް ނޭނގެ އެއްގޮތަކަށްވެސް. އަދި އަޅުގަނޑު އެކަހަލަ ކަމެއްގައި މަޝްވަރާކުރަން ބޭނުންވިކަމުގައިވިޔަސް، ސަރުކާރުގެ އެހެން ބޭފުޅުންނާ މަޝްވަރާކުރާނެ ފުރުޞަތެއްވެސް ނެތް. އެހެންވީމާ، އެދުވަހު ބޭރުގެ އެހީއަކަށް އެދެން އެ ނިންމި ނިންމުމަކީ، ހަމަ އަޅުގަނޑުގެ އަމިއްލަ ނިންމުމެއް. ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން، ޤާނޫނުއަސާސީން އަޅުގަނޑަށް ލިބިދޭ ބާރުގެ ދަށުން ވަގުތުން އަޅުގަނޑަށް ނިންމަންޖެހުނު ނިންމުމެއް. އެވާހަކަ، ކުރީ ދުވަހުގެ ވާހަކައިގައި އަޅުގަނޑު އޮންނާނީ ތިޔަބޭފުޅުންނަށް ހާމަކޮށްދީފައި.

ކޮންމެއަކަސް، ފަހުން ވިސްނާލާއިރުވެސް، އަޅުގަނޑަށް ހީވަނީ ކިތަންމެ ކުއްލި ގޮތެއްގައި އެދުވަހު އެގޮތަށް އަޅުގަނޑު ނިންމަންޖެހުނު ކަމުގައިވިޔަސް، އެ ނިންމުނީ ހަމަ ރަނގަޅު ނިންމުމެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އެއީ އެމީހުން އަމިއްލައަށް އެމީހުންގެ ބޭނުން ޙާޞިލުނުވިކަމަށް އަދި ނިންމި ކަމުގައިވިޔަސް، އެމީހުން ގެނެސްފައި ހުރި ހަތިޔާރުތައް އަޅުގަނޑުމެންނަށް ފަހުން ފެނުނުއިރު، އެއީ ވަރަށް ނުރައްކާތެރި ހަތިޔާރުތަކެއް. އެއިން ވަރަށް ގިނަ ގެއްލުންތައް އެމީހުންނަށް ރާއްޖެއަށް ދެވިދާނެ. އަދި ސަރުކާރު ބަދަލުކޮށްނުލެވުނު ކަމުގައިވިޔަސް، އެމީހުން ފުރައިގެންދިޔަ ދިޔުމުގައި، ޖެއްސުން ކުރުމުގެ ގޮތުން ނުވަތަ އެމީހުންގެ ހިތުގައި އޮތް ޙަސަދަ ފިލުވައިލުމުގެ ގޮތުން، އެމީހުންގެ އަތުގައި އޭރުވެސް ހުރި ބޮންތައް، މާލޭގެ އެކި ދިމަދިމާއަށް އުކާ، ނުވަތަ އެކި މީހުންގެ ގަޔަށް ބަޑިޖަހާ، އެހެންހެދިނަމަ، ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، ވަރަށް ގިނަ ގެއްލުންތަކެއް ރާއްޖެއަށް ލިބުނީސް. އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، އެދުވަހު ބޭރުގެ އެހީއަކަށް އެދުމުން، އަދި ޚާއްޞަކޮށް، އިންޑިޔާއިން މިކަމަށް ބެހެއްޓި ޚާއްޞަ ޢިނާޔަތުގެ ސަބަބުން އެހާ އަވަހަށް އިންޑިޔާގެ ޢަސްކަރީ އެހީ އަޅުގަނޑުމެންނަށް ލިބުނުކަން އެއީ އަޅުގަނޑުމެންގެ ޤައުމަށް އެދުވަހު ލިބުނު ވަރަށް ބޮޑު ސަލާމަތެކޭ.

ކޮންމެއަކަސް އިންޑިޔާ ސިފައިން އަންނަ ވާހަކައިގެ ޚަބަރު ރޭޑިޔޯތަކުން ކިޔުމާއެކު އެދުވަހު ހަވީރު، ކުލީސިފައިންގެ މީހުން ވަރަށް އަވަހަށް މާލެއިން ފައިބައި، ފިލައިގެންދާން ތައްޔާރުވަމުންދިޔައީ. އެހެން ގެންދިޔަކަމުގައިވިޔަސް، ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި، އޭގެތެރެއިން ބައެއް މީހުން އަދި އެރޭވެސް މަޑުކުރަން ތިބީ. އަދިވެސް އިތުރު ކަމެއް އެމީހުންނަށް ކުރެވިދާނެ ކަމުގެ އުންމީދުގައި. އެހެންވީމާ، އިންޑިޔާގެ ޢަސްކަރީ އެހީއަކަށް އެދެވުނުކަން އަޅުގަނޑު ހިތުންވީ ވަރަށް ރަނގަޅު ކަމަކަށް. އޭގެ ސަބަބުން ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ކާމިޔާބު ލިބި، ރާއްޖޭގެ ކަންތައްތައް ހަމަޖެހުމަކަށް އަތުވެއްޖެ. ހަމަ އެއާއެކުގައި، ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުންގެ، މީހުންގެ ފުރާނަތައް ސަލާމަތްކުރެވި، ރާއްޖެއަށް އެދުވަހު ލިބުން އެކަށީގެންވާ އެތައް ގެއްލުންތަކެއް އަޅުގަނޑުމެންނަށް ސަލާމަތްކުރެވުނު.

އާދެ، ޝައްކެއްނެތް، އެދުވަހު އިންޑިޔާއިން އަޅުގަނޑުމެންނަށް ވެދިން އެހީއަކީ ވަރަށް މުހިންމު ދަނޑިވަޅެއްގައި، ވަރަށް ކުއްލިގޮތެއްގައި އިންޑިޔާއިން ދިން އެހީއެއް. އެ އެހީއަކީ ވަރަށް ފުރިހަމަ އެހީއެއް. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް، އިންޑިޔާގެ ސިފައިން ތައްޔާރުވެގެން އައީ ވަރަށް ރަނގަޅަށް. ބޭނުންވާ ހުރިހާ ހަތިޔާރަކާއި، ހުރިހާ ސާމާނަކާއި، ހުރިހާ އެއްޗެއް ހިފައިގެން އެމީހުން އެރޭ އައީ. އެނގިވަޑައިގަންނަވާނެ ފަދައިން، އަދި އޭގެފަހުން އިންޑިޔާގެ ބައެއް މަނަވަރުވެސް، ރާއްޖެއަށް، ރާއްޖެ ޙިމާޔަތްކޮށްދޭން މިހިސާބުގަނޑަށް އައި. މިހާރުވެސް އޭގެ މަނަވަރެއް މާލޭ ބަނދަރުގައި އެބައޮތް. އަދި އެދުވަހު އެ ކުލީސިފައިންގެ މީހުން ފިލައިގެންދިޔައިރު ގެންދިޔަ އަޅުގަނޑުމެންގެ ރަހީނުން ސަލާމަތްކޮށް، އަދި އެ ކުލީސިފައިންގެ މީހުން ހިފައި ހައްޔަރުކުރުމުގައިވެސް، އިންޑިޔާގެ ނޭވީގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީއެއް ލިބުނު. އެދުވަހު އިންޑިޔާގެ މި ޢަސްކަރީ އެހީ ނުލިބުނުނަމަ، އަޅުގަނޑުމެންނަށް އެ ރަހީނުން ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނުއޮތީސް. އަދި ރާއްޖެއަށް ޙަމަލާދިން ކުލީސިފައިންގެ މީހުން އަޅުގަނޑުމެންނަށް އަތުލެވޭނެ އެއްވެސް ގޮތެއްވެސް ނުއޮތީސް.

އާދެ، އެހެންވީމާ، އިންޑިޔާއިން އަޅުގަނޑުމެންނަށް އެހާ ކުއްލިގޮތެއްގައި އެ ވެދިން އެހީއަށް އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް އަޅުގަނޑާއެކު ޝުކުރުވެރިވެވަޑައިގަންނަވާނެ.

އިންޑިޔާއިން އަޅުގަނޑުމެންނަށް އެދުވަހު ވެދިން އެހީ އެއީ ހަމައެކަނި ސަރުކާރު ސަލާމަތްކުރުމަށް ނުވަތަ ވަކި މީހަކު ރައީސްގެ މަޤާމުގައި ބެހެއްޓުމަށް އެމީހުން ވެދިން އެހީއެއް ނޫން. އެހެން ދަންނަވަން މި ޖެހެނީ އެކަހަލަ ވާހަކަތައް، ބޭރު ތަންތާނގައި ނޫސްތަކުގައި ޖަހާތީ. އެހެނެއްނޫން، އިންޑިޔާއަކީ މިސަރަޙައްދުގައި އޮތް އެންމެ ބޮޑު ޤައުމު. އެންމެ ބާރުގަދަ ޤައުމު. ރާއްޖެ ފިޔަވައި މި ސަރަޙައްދުގެ އެހެން ތަންތާނގައި ވަނީ ވަރަށް ބޮޑެތި ހަމަނުޖެހުންތައް އުފެދިފައި. އެހެންވީމާ، ސަރަޙައްދުގެ ސަލާމަތްކަން އޮތީވެސް އަޅުގަނޑުމެންގެ ރާއްޖެ ޞުލްޙަވެރި، އަމާން ތަނެއްގެ ގޮތުގައި އޮވެގެން.

އެހެންވީމާ، އެއީވެސް އަޅުގަނޑު ހިތުން އިންޑިޔާ ސަރުކާރުން ވަރަށް ބޮޑަށް ވިސްނެވި ކަމެއް. މި ސަރަޙައްދުގެ އަމަންއަމާންކަމާއި، ސަލާމަތާއި، ޞުލްޙަވެރިކަން ދެމެހެއްޓޭނީ، ރާއްޖޭގައި ހަމަޖެހޭ ދިމުޤްރާޠީ އުޞޫލުން ޤާއިމުވެފައިވާ ސަރުކާރެއް އޮތީމާކަން އިންޑިޔާ ސަރުކާރަށް ރަނގަޅަށް ޤަބޫލުކުރެވޭތީ. އެހެންވީމާ، އެދުވަހު އިންޑިޔާއިން އެވެދިން އެހީއަކީ އަޅުގަނޑުމެންގެ ރައްޔިތުން ސަލާމަތްކުރުމާއި އަދި ރާއްޖޭގެ ސަރުކާރު ސަލާމަތްކުރުމުގެ އިތުރަށް، ސަރަޙައްދީ ޞުލްޙަވެރިކަމާއި، އަމާންކަން ދެމެހެއްޓުމަށްވެސް އިންޑިޔާ ސަރުކާރުން ދިން ސަމާލުކަމުގެ ހެތްކެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، އެދުވަހު އަޅުގަނޑުމެން އެދުނުފަދައިން، ބޭރުގެ ޢަސްކަރީ އެހީއެއް ނުލިބުނުކަމުގައިވިޔަސް، ފަހަރެއްގައިވެސް ސަރުކާރުން އޮތީ ބޭރުގެ ކުލީސިފައިން އައިސް، އެމީހުން އެ ބޭނުންގޮތަކަށް ކަންތައް ކުރަން ފުރުޞަތު ދޭކަށެއް ނޫން. އޭރުވެސް އަޅުގަނޑުމެން ތައްޔާރުވަމުންދިޔައީ، އަޅުގަނޑުމެން އަމިއްލައަށް އެމީހުންނާ ހަނގުރާމަ ކުރެވޭނެ ގޮތްތަކެއް ހޯދުމަށް. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑާ އަބަދުވެސް ސިފައިންގެޔާ އޮތީ ގުޅިފައި. އަޅުގަނޑު ދޭން ބޭނުންވާ އިރުޝާދުތައް، އަޅުގަނޑުމެންގެ ފަރާތުން ހަނގުރާމަ ކުރަން ތިބި އިސް އޮފިސަރުންނަށް އަބަދުވެސް ދިޔައީ ލިބެމުން. އަދި ހަމަ އެފަދައިން، ޑިފެންސް މިނިސްޓްރީގެ އެހެން ވެރިންނާވެސް އަޅުގަނޑާ ގުޅޭ.

އެހެންވީމާ، އަޅުގަނޑުމެން ތައްޔާރުވަމުންދިޔައީ، އެރޭ އިތުރު ކަންތައްތަކެއް ކުރުމަށް. މިކަންތައްތަކުގައި ޢާންމު ރައްޔިތުންވެސް ވަރަށް ބޮޑަށް ބައިވެރިވާން ތައްޔާރަށް ތިބުމާއެކު، ޢާންމު ރައްޔިތުންގެ އެތައް ބަޔަކުވެސް އެކަމަށް ދިޔައީ ތައްޔާރުވަމުން. އެދުވަހު ސަރުކާރަށް ރައްޔިތުން ވެދެއްވި އެހީއަކީވެސް، ހަމަ ކޮންމެ މުނާސަބަތެއްގައިވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް. ފަހަރެއްގައިވެސް ދިވެހި ރައްޔިތުން އެދުވަހު ތިބީކީ ބޭރުގެ ކުލީސިފައިންނާ އެއްބައިވާ ގޮތަކަށް ނޫން. ތެދުތެދަށް ދަންނަވަންޏާ އެމީހުންނަށް ޙިމާޔަތްދީ، ހިޔާވަހިކަމެއްދީ، އެހީތެރިވާނެ އެއްވެސް މީހަކު އަޅުގަނޑުމެންގެ މާލެއަކުން ނުފެނުނު. މިހެން ދެންނެވިޔަސް، ކުރިން އެމީހުންގެ ކަންތައްތައް އެނގިފައިވާ ބައެއް މީހުން ނުތިބޭނެއެކޭ ނޫން. ފަހަރެއްގައި ތަޙުޤީޤުދާގޮތުން އެކަހަލަ ބަޔަކު ތިބިކަން ނުވަތަ ނެތްކަން ފަހުން އެނގިދާނެ. އެކަމަކު ޢާންމު ރައްޔިތުން ތިބީ އެއްގޮތަކަށްވެސް އެމީހުންނާ ބައިވެރިވާގޮތަކަށް ނޫން. އެއާ ޚިލާފަށް، ޢާންމު ރައްޔިތުން ތިބީ އެމީހުން އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަމުގައިވިޔަސް، އެބަޔަކަށް ވެވުނުވަރަކުން ކުލީސިފައިންނާ ދިމާކޮށް، އެމީހުންނާ ހަނގުރާމަކުރަންވެސް ތައްޔާރަށް. ހަމައެކަނި ބޮޑެތި މީހުންނެއް ނޫން، ކުޑަކުދިންވެސް ތިބީ ތައްޔާރަށް. އެއިން އެއްވެސް މީހަކަށް ފެންފޮދެއްހާ ހިސާބުވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ދިން ކަމެއް އެނގިފައެއް ނެތް.

އާދެ، އެދުވަހު ސަރުކާރަށް އެހީވުމަށް ޢާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ނުކުމެ މަސައްކަތްކޮށްދިން. އެކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރަން. ހަމައެއާއެކުގައި، މިހާރު ޢާންމުންގެ ތެރޭގައި ހިމެނޭ، ކުރީގައި ސިފައިންގެތެރޭގައި އުޅެފައި ތިބި ބައެއް މީހުން، ސިފައިންގެ ތެރެއިން ވަކިވެފައި ތިބި ބައެއް މީހުންވެސް ވަރަށް ޚާއްޞަ ޚިދުމަތްތަކެއް އެދުވަހު ސަރުކާރަށް ކޮށްދިން. އެކަންވެސް އަޅުގަނޑު އުފަލާއެކު އަދި ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން. އާދެ، ޢާންމު ރައްޔިތުން ތިބިގޮތް އަދި ޢާންމުންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތިބިގޮތް މިދަންނަވާލެވުނީ.

އޭގެ އިތުރަށް، އިންޑިޔާ ސިފައިން ހުޅުލެއަށް ފޭބުމާއެކުގައި، އެމީހުން މާލެ އައުމަށްޓަކައި ބޭނުންވާ އުޅަނދުތައް ތައްޔާރުކޮށްދިނުމުގައި، މާލެއާ ކައިރި ރިޒޯޓުތަކުގެ ވެރިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އެރޭ ވަރަށް ގިނަ ޢަދަދަކަށް އިންޑިޔާގެ ސިފައިން އައި. ފުރަތަމަ ޖެއްސި ދެ މަތިންދާ ބޯޓުންވެސް 300 މީހުން އައި. އެ އެންމެން އެއްފަހަރާ މާލެއަށް ގެނައުމަށްޓަކައި، ވަރަށް ގިނަ ޢަދަދަކަށް ލާންޗްފަހަރާއި ދޯނި ތައްޔާރުކުރަންޖެހުނު. އެދުވަހު މާލޭގެ ކަންތައްތައް އޮތްގޮތުން މާލެއިން އެއްޗެތި ފުރުވާލެވޭގޮތެއްނުވި. އެއީ ކުލީސިފައިންގެ މީހުން ބަނދަރުމަތީގައި ތިބީމާ. އެހެންވީމާ، ސަރުކާރުން ގުޅަމުން ގެންދިޔައީ މާލެއާ ކައިރީގައި ހުންނަ ރިޒޯޓުތަކާ. އެ ރިޒޯޓުތަކާ ގުޅައިގެން އެތަންތާނގެ އެހީ ވަރަށް ބޮޑަށް ލިބިފައި އޮތީ. ގާތްގަނޑަކަށް އެތަންތާނގައި ހުރި ހަމަ ހުރިހާ އުޅަނދުތަކެއް އޮތީ، ސަރުކާރުން ބޭނުންވި ވަގުތެއްގައި، ބޭނުންވި ތަނަކަށް ފޮނުވައިދޭ ގޮތަށް. އަދި އެ އިންޑިޔާގެ ބޯޓުފަހަރު ޖެއްސުމާއެކުގައި އެއުޅަނދުތައް، އެ ދޯނިފަހަރު ހުޅުލެއަށް ގެންދަން އެންގުމުން، ވަގުތުން އެމީހުން ގެންގޮސްދިން. އެހެންވީމާ، އެރިޒޯޓުތަކުގެ ވެރިންވެސް މިކަމުގައި ސަރުކާރަށް ވެދެއްވި އެހީއާއި، ލެއްވި އެއްބާރުލެއްވުމަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން.

އާދެ، ދެން އެދުވަހުގެ ކަންތައްތައް ނިމިދިޔަފަހުން، ސަރުކާރުން ހިންގާ ތަޙުޤީޤާ ބެހޭގޮތުން، ސަރުކާރުން ތަޙުޤީޤާ ބެހޭގޮތުން މިހާރު ކަންތައް ކުރަމުންދާގޮތުގެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ކަމަކީ ވަރަށް ބޮޑު ކަމެއް. ފަހަކަށްއައިސް ދިވެހިރާއްޖެއާ ކުރިމަތިނުވާފަދަ ބޮޑު ކަމެއް. އެހެންވީމާ، އެކަން ތަޙުޤީޤުކޮށް، އޭގެ ސިއްރުތައް ހޯދައި، ކުށްވެރިވާ ބަޔަކު ޝަރީޢަތަށް ހުށަހެޅުން އެއީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭން ޖެހިފައިވާ ކަމެއް. އެހެންވީމާ، ކަމުގެ ބޮޑުކަމާއި އަދި ސުވާލު ކުރަންޖެހޭ މީހުންގެ ގިނަކަމާއި، ކުރަންޖެހޭ ތަޙުޤީޤުގެ މަސައްކަތްތައް ގިނަކަމުން، އަޅުގަނޑު ޤަޞްދުކުރީ ތަޙުޤީޤުގެ ކަންތައްވެސް ތަންކޮޅެއް ފުޅާ ދާއިރާއެއްގައި ގެންދަން.

އެހެންވީމާ، ތަޙުޤީޤުގެ ކަންތައް ބައްލަވާ އިސްބޭފުޅުންގެ ކޮމިޓީއެއް ހޮވައި، އެއީ ކެބިނެޓް މިނިސްޓަރުންގެ ކޮމިޓީއެއް ކަމަށް ހަމަޖެއްސިން. އެ ކޮމިޓީގެ ބެއްލެވުމުގެ ދަށުން ތަޙުޤީޤު ކުރައްވާނެ ބޭފުޅުންކޮޅެއް ހޮވައި، ސަރުކާރުގެ އެކަށީގެންވާ މަތީފެންވަރުގެ ބޭފުޅުންކޮޅެއް ހޮވައި، އެބޭފުޅުންވެސް ކުދި ކޮމިޓީތަކަކަށް ލައިގެން، އެ މަސައްކަތް ކުރަމުން ގެންދިޔައީ. މީގެ އިތުރުން، މިޙަމަލާގައި ބައިވެރިވި ގިނަ މީހުންނަކީ ބޭރުމީހުން ކަމަށްވެފައި، އެމީހުންނަކީ ދިވެހިބަސް ނުދަންނަ ތަމަޅައިންގެ ބައެއް ކަމަށްވެފައި، އަޅުގަނޑުމެންގެ ތެރޭގައިވެސް ތަމަޅަ ދަންނަ މީހުން ވަރަށް މަދުވެފައި، ނުވެސްނެތްކަންނޭނގެ، އެހެންވީމާ، ތަޙުޤީޤު ކުރުމަށްޓަކައި ތަމަޅަ ދަންނަ މީހުން އަޅުގަނޑުމެން ބޭނުންވި. މިކަމުގައި ފެށުނީއްސުރެ އިންޑިޔާ ސަރުކާރުގެ އެހީ ލިބެމުން އައިސްފައިވާތީ، ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރުގައި އެދުނީ ތަޙުޤީޤު ކުރުމުގައިވެސް އެމީހުން އެހީވެދޭން.

އެހެންވީމާ، އިންޑިޔާ ސަރުކާރުގެ ފަރާތުން ތަޙުޤީޤުކުރާ ޓީމެއްވެސް ވަނީ ރާއްޖެ ފޮނުއްވާފައި. އެއީ ތަމަޅައާއި އިނގިރޭސި ދަންނަ މީހުން. އެމީހުން ކުލީސިފައިންގެ މީހުންނާ ސުވާލުކޮށް، އެމީހުންގެ ބަޔާންތައް ނަގައި، އެމީހުންދޭ މަޢުލޫމާތު އެއްކޮށް، އެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ. އެމީހުން އެ މަސައްކަތް ކުރަމުން ގެންދިޔަ ކަމުގައިވިޔަސް، އެއީ އެމީހުން އަމިއްލައަށް ކުރާ ކަމެއް ނޫން. ޙަޤީޤަތުގައި ތަޙުޤީޤަކީ ދިވެހި ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ އޮފިސަރުންވެސް އެ ތަޙުޤީޤު ކުރާ ތާނގައި ތިއްބަވާ. އެ ތަޙުޤީޤުގެ ކަންތައްދާގޮތް ބައްލަވާ. އަދި ތަޙުޤީޤާބެހޭ ރިޕޯޓުތައް ދުވަހުން ދުވަހަށް އަޅުގަނޑާ ހަމައަށް ގެނެސްދެއްވާ.

ތަޙުޤީޤު ކުރުމަށް ތަންކޮޅެއް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިތިއްބަންޖެހުނު އަނެއް ސަބަބަކީ، އެކަހަލަ ކަމަކާ ވިދިގެން ސުވާލުކުރަން ވަރަށް ގިނަ ޢަދަދެއްގެ މީހުން ގެންނަންޖެހޭނެތީ. އެގެންނަންޖެހޭ މީހުންގެ ތެރޭގައި، ގިނަ މީހުންނަކީ ކަމާބެހޭ އެއްވެސް މަޢުލޫމާތެއް ނެތް، އަދި ކަމުގައި ބައިވެރިނުވާ މީހުން ކަމުގައިވުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންވީމާ، ގިނަ ޢަދަދަކަށް ދިވެހިންނާއި ބިދޭސީން ގެނެސްފައި ބަންދުގައި ބައިތިއްބުމަކީ، ފަހަރެއްގައިވެސް ސަރުކާރުން އެދޭގޮތެއް ނޫން. އެހެންވީމާ، ގިނަ ބޭފުޅުން ތިއްބަވައިގެން، އެމީހުންނާ ސުވާލުކުރައްވައި، އެމީހުންނަށް އެއްވެސް މަޢުލޫމާތެއް ލިބިފައި އޮތްތޯ ނުވަތަ ނެތްތޯ ބައްލަވައި، އެމީހުންނާ މި މުޢާމަރާޔާ އެއްވެސްކަހަލަ ގުޅުމެއް އޮތްތޯ ނުވަތަ ނެތްތޯ ބައްލަވައި ހެއްދެވީމާ، ވަރަށް އަވަހަށް އެ މައްސަލަތައް ސާފުވެގެން، ގިނަ މީހުން ދޫކޮށްލެވޭގޮތްވާނެ. އެހެންވީމާ، އެކަމަށްވެސް ނަޒަރު ހިންގުމާއެކުގައި، އެ ތަޙުޤީޤު ކުރާ ކޮމިޓީގެ ބޭފުޅުން ތަންކޮޅެއް ގިނަ ޢަދަދަކަށް ހަމަޖެއްސީ. އޭގެ ނަތީޖާއެއްގެ ގޮތުން ސުވާލުކުރަން ގެނެވުނު ވަރަށް ގިނަ މީހުން މިހާރުވަނީ ދޫކޮށްލެވިފައި.

އާދެ، ދެން އަޅުގަނޑު ބަލައިލަން ބޭނުންވަނީ، ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިވެހިންގެ ބަޔަކާ ގުޅިގެން ބޭރުގެ ބަޔަކު އެދިން ނުރައްކާތެރި ޙަމަލާގެ އަސަރުތަކަކީ ކޮބައިތޯ؟ އޭގެ އަސަރު އެއީ ކިހާ ދުވަހެއްވަންދެން ދެމިހުންނާނެ އެއްޗެއްތޯ؟ އާދެ، އެންމެ ފުރަތަމަ ދަންނަވާލަން ޖެހެނީ، ފުރަތަމަ ކަމަކަށް، ދިވެހިންނަށް މި ކަންތައްގަނޑުގެ ސަބަބުން ވަރަށް ބޮޑު ބިރެއް އިޙްސާސް ކުރަން ޖެހިއްޖެއޭ. ވަރަށް ބޮޑު ބިރުވެރިކަމެއް. އާދެ، ރާއްޖެއަކީ ދުވަހަކުވެސް މިކަހަލަ ކަމެއް ދެކިފައިވާ ތަނެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ބަޑީގެ އަޑުވެސްނާހާ މީހުން. ބޮމެއްގެ އަޑުނާހާ މީހުން. އެހެން ތިއްބާ، ކުއްލިއަކަށް އެއްރޭ ފަތިހު ގިނަ މީހުން ނިދާފައި ތިއްބާ، ބަޔަކު މީހުން އައިސް ބަޑިޖަހަން ފެށީމާ، ވަރަށް ގިނަ ޢަދަދަކަށް ބަޑިޖަހަން ފެށީމާ އަދި ބަޑިޖެހުމާ އެކުގައި، ތަފާތު ވައްތަރު ވައްތަރުގެ ރޮކެޓާއި، ބޮމާ އެއްޗެތި އުކާ، އެ އެއްޗެތި ގޮވާއަޑު އިވުނީމާ، ރައްޔިތުންނަށް އިޙްސާސް ކުރަންޖެހޭނެ ބިރުވެރިކަން، އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

އެހެންވީމާ، މިއަދު ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ބިރުވެރިކަމަކީ، މީގެ ކުރިން ދުވަހަކުވެސް ލިބިފައިނުވާފަދަ ބިރުވެރިކަމެއް. އަދި އޭގެ އަސަރުތައް ވަރަށް ގިނަ ދުވަސްވަންދެން ހުންނާނެ. ޚާއްޞަކޮށް، އެދުވަހު އެ ދިމާވި ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކުޑަކުދިންނަށް ލިބިފައިވާ ބިރުވެރިކަމާއި، ނަފްސާނީގޮތުން އެމީހުންނަށް ކޮށްފައިވާ އަސަރު އެއީ ފަހަރެއްގައި ހަމަ އެމީހުންގެ ދިރިއުޅުމުގައި، މުޅި ޙަޔާތުގައިވެސް އެމީހުންނާ އެކުގައި ދެމިހުންނާނެ، ބިރުވެރިކަމަކަށް ނުވަތަ އަސަރުތަކަކަށް ވެދާނެ.

އެހެންވީމާ، ދިވެހިންގެ ތެރެއިން މިކަމުގައި ބައިވެރިވި މީހުން، ރާއްޖޭގެ ނިސްބަތުގައި އެކުރި ކުށުގެ ބޮޑުކަމުގެ ނިހާޔަތެއްވެސް ނެތް. އެއީ އެދުވަހު އެމީހުން އެ ހިންގި ޙަމަލާގެ ސަބަބުން އޭގެ އަސަރު ރާއްޖޭގެ މުސްތަޤްބަލަށް، އަޅުގަނޑުމެންގެ ކުޑަކުދިންނަށް، މުސްތަޤްބަލުގެ ޒުވާނުންނަށް ވަރަށް ބޮޑަށް ކޮށްފައިވާތީ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިހާރުވެސް ޢާންމުންގެ ތެރެއިން ވަރަށް ގިނަ މީހުން އަދިވެސް އުޅެނީ ބިރުން. އިތުރަށް އެއްވެސް ބަޑިއެއްގެ އަޑު ނީވުނުކަމުގައިވިޔަސް، މިހާރުވެސް ހަމަ ވަރަށް ގިނަ މީހުން އަމިއްލައަށް ކަންތައްތައް ކުރަން ނުކެރޭ ހިސާބަށް ހަމަ ބިރުގެންފައި ތިބެނީ. އެއީ އެކަންވާނެވެސް ގޮތް. އެތައް ދުވަހަކުން އެކަން ފިލައިގެންދާނީ. އަދި ހަމަ އެއާއެކުގައި، އަދިވެސް އެހެން ބަޔަކު ކުއްލިއަކަށް ޙަމަލާދޭން އަތުވެދާނެކަމުގެ ބިރުވެސް ވަރަށް ގިނަ މީހުންގެ ހިތްތަކުގައި އޮވޭ.

އެހެންވީމާ، ޙަޤީޤަތެއް ނެތް ވަރަށް ގިނަ ޚަބަރުތައްވެސް އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދޭ. "ރާއްޖެއާ ދިމާއަށް ބަޔަކު އަންނަނީއޭ"، އެހެން މީހަކު ބުނެލައިފިއްޔާ، ވަރަށް އަވަހަށް ރާސްލާފައި އެ ޚަބަރު ފެތުރިގެންދޭ. އެހެންވާންޖެހެނީވެސް އަޅުގަނޑުމެންގެ ހިތުގައި އޮންނަ ބިރުގެ ސަބަބުން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ބިރުން ތިބެގެން ކަމެއް ކުރެވޭކަށް ނޯންނާނެއޭ. އަޅުގަނޑުމެންގެ ހިތްތަކުން އެ ބިރުފިލުވައިލަމާތޯއޭ. މުސްތަޤްބަލުގައިވެސް ނުރައްކަލެއް ނާންނާނެއެކޭ ނޫން. އެހެންނަމަވެސް، އެ ނުރައްކާ އަތުވެދާނެތީ ބިރުގަނެފައި ތިބެގެން އަޅުގަނޑުމެންނަށް އެ ނުރައްކަލާ ކުރިމައްޗެއްވެސްނުލެވޭނެ. މުސްތަޤްބަލުގައި ދިމާވާ ނުރައްކާތަކާ ކުރިމަތިލެވޭނީވެސް، ހިތްބިރުފިލުވައިލާފައި، ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެން. އަޅުގަނޑުމެންގެ ރާއްޖެ ދިފާޢުކުރަން، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރަން، ހުރިހާ އެންމެންވެސް ތައްޔާރަށް ތިބެގެން. ކޮންމެފަދަ ޤުރުބާނީއެއް ވާންޖެހުނަސް، އެއްވެސް ޖެހިލުމެއްނެތި އެޤުރުބާނީއެއްވުމަށް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ތައްޔާރަށް ހުރެގެން، މުސްތަޤްބަލުގައި އެފަދަ ނުރައްކަލެއް އަތުވެއްޖިއްޔާ އެކަމުން އަޅުގަނޑުމެންގެ ރާއްޖެއާއި، ރާއްޖޭގެ އަމަންއަމާންކަމާއި، ޞުލްޙަވެރިކަމާއި، ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން މިއަދު ކަންތައް ކުރަންވީ ގޮތަކީ.

އަޅުގަނޑުގެ އިލްތިމާސަކީ އަދި އެދުމަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު މީގެފަހުން މިކަމާ ބިރުނުގަތުން. އެއްވެސްކަހަލަ ބިރެއް ހިތުގައި އޮތަނުދިނުން. ކޮންމެ މީހަކުވެސް އެމީހެއްގެ ޢަޒުމް ވަރުގަދަކޮށްގެން، މުސްތަޤްބަލުގައި ދިމާވާ މިކަހަލަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެގެން ހުރުން.

އާދެ، މިފަހަރު އަޅުގަނޑުމެންނަށް މިކަންތައްތައް ދިމާވިގޮތުން، ރާއްޖޭގެ ވަރަށް ގިނަ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން މިހާރު އިތުރަށް ވިސްނަން އެބަޖެހޭ. ކުރިން ވިސްނަމުން އައިގޮތް މުޅިން ބަލަދުކޮށްލަންވެސްޖެހޭ ކަންތައްތައް އެބަހުރި. އާދެ، އަޅުގަނޑުމެންގެ ސަލާމަތާބެހޭ ކަންތައްތައް، އެންމެ ފުރަތަމަ އަޅުގަނޑުމެން ވަރުގަދަކުރަން ޖެހެނީ. އެއީ ކުރިން މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ނޫން އަޅުގަނޑުމެން ތިބީކީ. ސަރުކާރު އެކަންޏެއްނޫން. ރާއްޖޭގެ އެކަކުވެސް މިކަހަލަ ކަމެއް ވެދާނެކަމުގެ އިންތިޒާރެއްގައެއް ނޫން ހުރީކީ. ހީއެއްވެސް ނުކުރޭ، ދުވަހެއްގައިވެސް މިކަހަލަ ކަމެއް ވެދާނެ ކަމަކަށް.

އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއްނެތްގޮތުގައި، ޚަރަދު ނުކުރުމުގެ ބޭނުމުގައި އަޅުގަނޑުމެންގެ ސަލާމަތާބެހޭ ކަންތައްތައްވެސް އޮތީ ރާއްޖެއަށް ފުދޭ މިންވަރަކަށް. އޭގެ އިތުރަކުން އަޅުގަނޑުމެން އެކަންތައްތައް ވަރުގަދަކުރާކަށް އިތުރު ޚަރަދުތަކެއް ކޮށްފައެއް ނެތް. އެހެންނަމަވެސް، މިހާރު މިވީގޮތުން އަޅުގަނޑުމެންނަށް ޖެހޭ، އަޅުގަނޑުމެންގެ ރާއްޖޭގެ ސަލާމަތާބެހޭ ކަންތައްތައް ވެވުނުވަރަކުން ވަރުގަދަކުރަން. އަޅުގަނޑުމެންގެ ރާއްޖޭގެ ދިފާޢާބެހޭ ކަންތައްތައް ވެވުނުވަރަކުން ވަރުގަދަކުރަން. އެގޮތަށް އަޅުގަނޑުމެން މުސްތަޤްބަލުގައި، މިހާރުން ފެށިގެން މަސައްކަތްކުރާއިރު، އެއީ ވަރަށް ގިނަ ޚަރަދުތަކެއްވެސް ކުރަންޖެހޭނެ ކަމެއް.

އާދެ، މިހާތަނަށް އަޅުގަނޑުމެން އެއްގޮތަކަށްވެސް ޚިޔާލެއްނުކުރަމު، ރާއްޖޭގެ ސަލާމަތާއި، ރާއްޖޭގެ ދިފާޢު ވަރުގަދަކުރަން މާބޮޑު ޚަރަދުތަކެއް ކުރަންޖެހޭނެ ކަމަކަށްވެސް. އަޅުގަނޑުމެންގެ ހިތުގައެއް ނެތް. އެހެންވީމާ، ސަރުކާރުގެ ބަޖެޓް ހަދާއިރުވެސް އަދި ޚަރަދުކުރަމުން ގެންދާއިރުވެސް، ބޮޑު ބައި ޚަރަދުކުރަމުން މިގެންދަނީ ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމުގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށާއި، އިޖުތިމާޢީ ޚިދުމަތްތައް ދިނުމަށާއި، ތަރައްޤީގެ ކަންތައްތަކަށް. އެކަމަކު މީގެފަހުން އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، އެކަށީގެންވާ ޢަދަދަކަށް އަޅުގަނޑުމެން ފައިސާ ބަހައްޓަން އެބަޖެހޭ، އަޅުގަނޑުމެންގެ ސަލާމަތާބެހޭ ކަންތައްތައް ކުރިއެރުވުމަށާއި، ރާއްޖޭގެ ދިފާޢާބެހޭ ކަންތައްތައް ވަރުގަދަކުރުމަށް. އެއީ ވަރަށް ދެރަކޮށް ދިމާވާ ކަމެއް. އެކަމަކު ދުނިޔޭގެ އެހެން ތަންތާނގައިވެސް މިކަހަލަ ކަންތައްވީމާ، އެހެން ހަދަން މަޖުބޫރުވޭ. އަޅުގަނޑުމެންނަށްވެސް އެގޮތަށް މަޖުބޫރުވާނެ.

ދެން އަޅުގަނޑުމެން ކުރަންޖެހޭ އަނެއްކަމަކީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން. މީގެކުރިން މިކަހަލަ ކަމެއް ދިމާވެފައި ނެތުމާއެކު، އެދުވަހު ދިމާވި އެއްކަމަކީ ރައްޔިތުންނަށް މިވަނީ ކީއްކަންވެސް ނޭނގުން. އަދި ބަޑިހިފައިގެން ބަޔަކުތިއްބަސް އެއީ ކޮން ބައެއްކަންވެސް ނޭނގި، ކީއްކުރަންކަން އުޅެނީވެސް ހިތަކަށްވެސް ނުގެނެވޭ. އަދި އެމީހުން ބަޑިޖަހަމުންދިޔައިރު ކުޅިބަލަން ތިބެވެނީވެސް، އޭގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް ނުވިސްނޭތީ، ނޭނގޭތީ، ހޭލުންތެރިކަން ކުޑަކަމުން. އަޅުގަނޑުމެންގެ ރާއްޖޭގައި މީގެކުރިން މިކަހަލަ ހަނގުރާމައެއް ކުރެވިފައި ނެތީމާ، ވާނީވެސް އެހެން. އެކަމަކު ދެން އަޅުގަނޑުމެން ވިސްނަންވީ، އެހެން ތިބެވޭކަށް ނެތްކަން. އަޅުގަނޑުމެންގެ ޢާންމުންގެ އެންމެންގެ ހޭލުންތެރިކަންވެސް އިތުރުކުރަންވީ. މިކަހަލަ ކަމެއް ދިމާވެއްޖިއްޔާ އަޅަންޖެހޭނެ ފިޔަވަޅުތަކަކީ ކޮބައިކަން އެންމެންވެސް ކުރިއްސުރެ ދެނެގެން ތިބެންވީ. ދަސްކޮށްގެން ތިބެންވީ. ރައްޔިތުންގެ އަމިއްލަ ސަލާމަތަށާއި، ޤައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަންވެސްވީ ދަސްކުރަން. އެހެންވީމާ، އަޅުގަނޑުމެންގެ ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން، މިދެންނެވީ ހަމައެކަނި މާލޭގެ މީހުންގެ ވާހަކައެއް ނޫން. މުޅި ރާއްޖޭގެ ޢާންމުންގެ ހޭލުންތެރިކަން މިކަހަލަ ކަންކަމަށް ވަރަށް ބޮޑަށް މިހާރުވަނީ އިތުރުކުރަން ބޭނުންވެފައި.

އާދެ، ރާއްޖޭގެ ސަލާމަތާބެހޭ ކަންތައްތައް ކުރިއަރުވައި އަދި ރާއްޖޭގެ ދިފާޢު ވަރުގަދަކުރުމޭ، އަޅުގަނޑު ދެންނެވި ދެންނެވުމުގައިވެސް ހިމެނެނީ ހަމައެކަނި މާލޭގެ ކަންތައްތަކެއް ނޫން. މުޅި ރާއްޖޭގެ ކަންތައްތައް. ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަރަށް ބޮޑު ސަރަޙައްދެއްގައި އެ ޖަޒީރާތައް ހިމެނިފައިވާ ޤައުމެއް. އެހެންވީމާ، މިފަދަ ނުރައްކަލެއް ދިމާވާނީ ކޮންމެ ފަހަރަކު މާލެއަކާ ކަމެއް ނޭނގެ. ފަހަރެއްގައި ބަޔަކު، ކުރީ ޒަމާނުގައިހެން، ކުރީގައި މަލަބާރީންގެ އުނދަގޫތައް، ކަނޑުފޭރޭ މީހުންގެ އުނދަގޫތައް، ރާއްޖޭގެ ތާރީޚުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ފަދައިން، މުސްތަޤްބަލުގައިވެސް ރާއްޖޭގެ އެހެން ދިމަދިމާއާވެސް މީހުން ފަހަރެއްގައި ދިމާކޮށްފާނެ. އަޅުގަނޑު މިވާހަކަ މި ދަންނަވަނީ، ފަހަރެއްގައިވެސް ރާއްޖެތެރޭގެ ރައްޔިތުން އެކަމާ ފިކުރުބޮޑުވާ ގޮތަކަށް ނޫން. މި ދެންނެވީ، އެކަމާ ވިސްނަވައި، އެކަމަށް ބިރުގަންނަންޖެހޭ ގޮތަކަށެއް ނޫން.

އަޅުގަނޑު މި ދަންނަވަނީ ހަމައެކަނި އަޅުގަނޑުމެންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަޅުގަނޑުމެން ވިސްނަންޖެހޭނެއޭ، މުޅި ރާއްޖޭގެ ދިފާޢު ވަރުގަދަކުރުމަށް. މިހާރު އަޅުގަނޑުމެންގެ ސިފައިން މިތިބެނީ މާލޭގައި އެކަނި. މާތްﷲގެ ރަޙްމަތްފުޅުން، އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން ބައިބައިވާނެ ކަންތައްތަކެއް ނެތުމާއެކު އަދި އެންމެންނަކީ މުސްލިމުން ކަމަށްވީތީ، ރާއްޖެތެރޭގައި އެއްވެސްއިރެއްގައި މިކަހަލަ ބޮޑު ފިތުނައެއް ހިނގާފައެއް ނެތް. އެހެންވީމާ، ރާއްޖެތެރޭގައި ސިފައިން ބައިތިއްބާކަށްވެސް ޖެހިފައެއް ނެތް. އެކަމަކު މުސްތަޤްބަލުގައި އަޅުގަނޑަށް ހީވަނީ އެކަމަށްވެސް ބަދަލެއް އަންނަން ޖެހޭނެހެން. މިޒަމާނުގައި ޓެރަރިސްޓް ޙަރަކާތްތަކާ ދިމާކުރެވޭނީ ނުވަތަ އެ ޙަރަކާތްތަކުން ދިފާޢުވެވޭނީ ހަތިޔާރުގެ ބޭނުންކޮށްގެން. ހުސްއަތާ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމާ، މުސްތަޤްބަލުގައި ރާއްޖެތެރޭގައިވެސް އަޅުގަނޑުމެންގެ ސިފައިންގެ ބަޔަކު ތިބެންޖެހިދާނެ. އެމީހުންގެ އަތުގައި ހަތިޔާރުވެސް ހުންނަންޖެހޭނެ. މިކަހަލަ ކަންކަމަށް އަޅުގަނޑުމެން ވިސްނައި، މުޅި ރާއްޖޭގެ ސަލާމަތާއި، މުޅި ރާއްޖޭގެ ދިފާޢާ ބެހޭގޮތުން ވިސްނައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ.

އާދެ، މި ވާހަކަތައް ދަންނަވާލުމުގެ ބޭނުމުގައި، އަޅުގަނޑު މިއަދު މިތަނަށް މިއައީ. މިތަނަށް އައިސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާ ބައްދަލުކޮށް، މިވާހަކަ މިދަންނަވާލީ.

އާދެ، އަޅުގަނޑުގެ އެދުމަކީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މަޖިލީހެއް ކަމަށްވާތީ، ރާއްޖޭގެ ސަލާމަތާއި، ރައްޔިތުންގެ ސަލާމަތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން އިތުރަށް ވިސްނާވަޑައިގަންނަވަމުން ގެންދެވުން. މުސްތަޤްބަލުގައި ސަރުކާރުން އެކަންކަމަށް ކުރާ ޚަރަދާއި، އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް، އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނާވަޑައިގަތުން އޮތުން. ރައްޔިތުންގެ މަޖިލީހަކީ، ޤައުމަށާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި، ވަރަށް މުހިންމު މަތިވެރި މަސްއޫލިއްޔަތުތަކެއް އަދާކުރައްވަންޖެހޭނެ މަޖިލީހެއްކަން، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވުމާއެކުގައި، މި ހުރިހާ ކަންތައްތަކާ ދޭތެރޭގައި، އަދި ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ލަފައަކާއި މަޝްވަރާއެއްވެސް ސަރުކާރަށް ދެއްވުމަކީ އަޅުގަނޑު ހަމަ އެދޭ ކަމެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ރާއްޖެއަށް އަމާންކަމާއި، ޞުލްޙަވެރިކަން މިންވަރުކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި، އެކަލާނގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖޭގެ ރައްޔިތުންގެ ފައިތިލަ ސާބިތުކޮށްގެން ތިބެގެން، ޤައުމާއި ރައްޔިތުންނަށް ފައިދާހުރިގޮތުގައި ކަންތައްތައް ކުރުމުގެ ތައުފީޤު ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންނަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.