ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މ. މާފުށީގެ، މަރްޔަމް ޝަފީޤު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މަރްޔަމް ޝަފީޤު އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އިސްމާޢީލް ޢައްޒާމް ވަޖީހު މިއަދު އިސްތިއުފާދެއްވާފައި ވާތީއެވެ.

މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ޙާސިލް ކުރައްވާފައެވެ.

މަރްޔަމް ޝަފީޤު މީގެ ކުރިން ވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި އެ އިދާރާގެ އިސް މަޤާމުތަކާއި ޞިއްޙީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.